Advertisement

ފެންބޮޑުވުމުގެ މި ހާލަތު ކުރިމަތިވާނެކަމަށް ކަމާ ބެހޭ އިދާރާތަކުން ކުރީން ވަނީ އިންޒާރުދެއްވައިފައި.

13 Aug 2024 | 16:00
މާލޭ އަމީނީ މަގު (ފޮޓޯ: ފަރަގު މީޑިއާ)

އަބާ މުޙަންމަދު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މާލޭގެ މަގުތަކުގައި މިއަދު ފެންބޮޑުވި އިރު، މިއީ މީގެ ކުރީން މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ކާރިސާއާ ބެހޭ ޤައުމީ އިދާރާއިން ކުރީން އިންޒާރުދެއްވައި ރައްޔިތުންގެ ސަމާލުކަމަށް ގެންނަވައިފައިވާ ކަމެކެވެ.

މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހައި ހިސާބަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެކަމަށާއި އަދި ވިލާގނޑުގައި 45-50 މޭލުގެ ބާރު މިނުގައި ވައިއިޖެހުން އެކަށީގެންވާކަމަށް، މި ދިޔަ ހަފުތާގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިޢުލާނުކޮށް ރައްކާތެރި ފިޔަވަޅުތައް އަޅާން އިލްތިމާސްކުރުމުން އެ ކަމަށް ސަމާލުކަން ދިނީ މަދު ބަޔެކެވެ. އަދި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާން ކާރިސާތަކާ ބެހޭ އިދާރާއިން އިލްތިމާސްކުރުމުން ވެސް އެންމެން އެ ކަމަށް ސަމާލުކަމެއް ނުދިނެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކުން އެ ގޮތަށް އިލްތިމާސްކުރީ ޒަމާނީ ވަސީލަތްތަކާއި ފައްނިއްޔާތުގެ އެހީގައި އެ ކަން ލަފާކުރައްވައިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ، މި ހަފުތާގެ އާދީއްތަ ދުވަހުއްސުރެ ދިޔައީ އެކި ސަރަހައްދުތަކަށް ބާރަށް ވައިޖެހި ބޯކޮށް ވާރޭ ވެހެމުންނެވެ. އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް މާލެއަށް ވަރަށް ވިއްސާރައެވެ. ގިނަ ވަގުތު ވާރޭ ވެހުނެވެ. ރޭއްސުރެ މާލެއަށް މޫސުން ވަރަށް ގޯހެވެ. ނަމަވެސް ބޯކޮށް ވާރޭވެހޭން ފެށީ މިއަދު މެންދުރު 12 ޖަހާން ކައިރިވެފައި ވަނިކޮށެވެ. އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހޭން ފެށިތާ މާ ގިނައިރުތަކެއް ނުވެ (ވިއްސަކަށް މިނިޓުގެ ތެރޭގައި) މުޅި މާލޭގައި ކަހަލަ ގޮތަކަށް ފެންބޮޑުވިއެވެ. މަޖާޒީ ގޮތުން ދަންނަވާ ނަމަ، މުޅި މާލެ ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. 12:00އިން ފެށިގެން 3:30އާ ހަމައަށް މާލެއަށް 84 މިލިމީޓާރުގެ ވާރޭ ވެހުނެވެ. (މިއީ މީގެ ކުރީގެ ރެކޯޑުތަކަށް ވުރެ ދެގުނަ އިތުރު މިންވަރެކެވެ.) އޭގެ ފަހުން ދޭތެރެ ދޭތެރެއިން ވާރޭ ތުނި ކޮށްލިޔަސް އިރުއިރުކޮޅާ ވާރޭ ބޯކޮށްލައެވެ. ވާރޭ ހުއްޓައެއްނުލައެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ވަރަށް ވައިގަދަވާނެކަމަށާއި، ބޮޑު ބަޔަކަށް ވިއްސާރަކޮށް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ކަމާ ބެހޭ އިދާރާތަކުން ލަފާކުރައްވައެވެ.

މާލޭ އަމީނީ މަގު ޓީވީއެމްގެ ދެކުނު މިއަދު 16:00 (ފޮޓޯ: ފަރަގު މީޑީއާ)<br>

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން މަގުތަކުގައި ބުޅަލުގެ ނަޖިސް ފެތުރި ޞިއްޙީ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތަތީ، މި ކަމަށް ރައްޔިތުން ސަމާލުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.މާލޭގެ މަގުތަކުގެ އެކި ހިސާބުތަކުގައި ބުޅަލުގެ ނަޖިސް ގިނަ ޢަދަދަކަށް ހުންނަކަން ފާހަގަކުރެވެއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެފައި ވާތީ ހިނގައިބިނގައިވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް ދަތިވާ ވަރަށް މަގުތަކުގައި ފެން ހެދިފައިވާތީ، ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހައި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ނިމުމުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ކަހަލަ ހާދިސާތަކުގައި އާންމު ދިރިއުޅުމަށާއި ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި ކުރާން ޖެހޭ މުހިންމު މަސައްކަތްތައް، އެންމެންގެ އެއްބާރުލުމާ އެކު ކުރެވިއްޖެ ނަމަ ނަތީޖާ ނެރެވޭނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ނިމުމުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވުމަކީ، ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ.

"މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް [ޓަކައި] ފަށާ މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން"ކަމަށާއި  "އެ މަޝްރޫއު ނިމިގެން ދާ އިރު، މާލޭގައި ޒަމާނުއްސުރެ [ހައްލުނުވެ] ބޮޑުވެފައިވާ، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ"ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.

އިއްޔެގެ ރެކޯޑްތަކަށް ބަލާއިރު، އިއްޔެ ހެނދުނު 8:00ން މިއަދު ހެނދުނު 8:00އަށް، (24 ގަޑިއިރުގެ ތެރޭގައި) އެންމެ ބޯކޮށް ވާރޭވެހުމުގެ ރެކޯޑް އޮތީ ހއ. ކެލައަށެވެ. އެންމެ ވައިގަދަވި ސަރަހައްދެއްކަމަށް ރެކޯޑުކުރެވިފައިވަނީ ފ. އަތޮޅަށެވެ.

2024ވަނަ އަހަރު ޖޫން، ޖުލައި މި ދެ މަހާއި އޮގަސްޓު ސެޕްޓެންބަރު މި ދެ މަހު ވެސް ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ ގިނައިން ވާރޭވެހޭނޭކަމަށް ލަފާކުރައްވައި މި ދިޔަ މޭ މަހު ހަވަނަ ދުވަހު ވަނީ ނޫސްބަޔާނެއް ވެސް ނެރުއްވައިފައެވެ. އެހެންނަމަވެސް މި ދުވަސްވަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި ދުވަސްވަރު ވާރޭވެހޭ މިންވަރު ދަށްވާނެކަމަށް ވެސް އެ ނޫސްބަޔާނުގައި ފާހަގަކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް މި ދުވަސްވަރު ފިނހޫނުމިން އެންމެ މައްޗަށްދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ މަތިވާނެކަމަށް ވެސް ނިމުތުކުރައްވައިފައިވެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފައިވާ ގޮތުގައި މުޅި މި ހަފުތާގައި ވެސް ރާއްޖެއަށް ވިއްސާރަކުރާނެއެވެ. މާދަމާ އެހައި ގިނައިން ވާރޭނުވެހުނަސް ވަރަށް ވައި ބާރުވާނޭކަމަށް ވެސް ނިމުތުކުރައްވައިފައިވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް