Advertisement

ފަހި ވިސްނުމާއި އިދި ވިސްނުމުގެ ފަރަގު

24 Oct 2023 | 10:19
.

މުޙަންމަދު ނަސީރު ޢަލީ، ގއ. މާމެންދޫ

ކަންކަމާމެދު ވިސްނައި ފިކުރު ހިންގުމުގައި ތަފާތު މީހުން ގެންގުޅެނީ ތަފާތު ގޮތްތަކެވެ. ތަފާތު އެޕްރޯޗްތަކެކެވެ. އެ ގޮތްތައް ބޭނުން ކޮށްގެން ނެރޭ ނަތީޖާއަކީ، އެ މައްޗަށް އޭނާ ވިސްނައި ފިކުރު ހިންގި ގޮތް، ނުވަތަ އެޕްރޯޗްގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެ މީހަކު ބޭނުން ކުރީ ފަހި ވިސްނުމެއް، ނުވަތަ ޕޮޒިޓިވް އެޕްރޯޗެއް ކަމުގައި ވާނަމަ، ނަތީޖާ ގިނަ ފަހަރަށް އަންނަނީ ފަހިކޮށެވެ. އޭނާ ބޭނުން ކުރީ އިދި ގޮތްތަކެއް ނުވަތަ ނެގެޓިވް އެޕްރޯޗެއް ކަމުގައި ވާނަމަ، ނަތީޖާ ގިނަ ފަހަރަށް އަންނަނީ އިދި ކޮށެވެ.

ބައެއް މީހުން ބުނެއުޅެއެވެ. ގިނަ ކަންކަން ޙާޞިލު ވަނީ، ވިޔާނުދާކޮށް އުޅޭ މީހުންނަށެވެ. މުއްސަނދި ވަނީ، ނާޖާއިޒު ގޮތްގޮތުން މުދަލާއި ފައިސާ ހޯދާ މީހުންނެވެ. ރަނގަޅު، އަބުރުވެރި ދިރިއުޅުމެއް އުޅޭ މީހުން ތިބެނީ އެ ތިބި ވަރެއްގައި ހިފެހެއްޓިފައެވެ. ނުވަތަ ތަންކޮޅެއް ދަތި ހާލެއްގަ އެވެ. މުޖުތަމަޢުގައި ނަގާކިޔާ ގިނަ މީހުންނަކީ ހަރުކަށި ނުލަފާ މީހުންނެވެ. ނުފޫޒު ގަދައީ ވެސް އެ މީހުންގެއެވެ.

މި ޚިޔާލު ގެންގުޅޭ މީހުން، އެ ބަސްތައް ތެދުކަމުގެ އެތައް ހެކިތަކަކާއި ދަލީލުތަކެއް ދައްކައެވެ. އެ ކަންކަން އެ ގޮތަށް ދެއްކެން ހުރުމާ ވެސް އެކު، އެއާ އިދިކޮޅަށް ވާހަކަދައްކާން ބޭނުންވާ މީހުންނަށް ޖަވާބު ދޭން ދަތިވާ ވަރު، ނުވަތަ ޖަވާބު ނުދެވޭވަރު ކޮށްލައެވެ. ނަތީޖާއަކަށް ވަނީ، ދިރިއުޅުން ބާއްޖަވެރި ކުރެވޭނީ، ބާޠިލު މަގުތަކުން ގޮސްގެންކަމަށާއި، ޙައްޤު ގޮތުގައި ދެމި ތިބުމަކީ ބޭކާރު ކަމެއްކަމުގައި ދެކޭ މީހުން ގިނަވުމެވެ.

ޙަޤީޤަތުގައި މިއީ ވަރަށް ބޮޑު މައްސަލަ އެކެވެ. ސަބަބަކީ، މި ކަން މި ވާ ގޮތް ރަނގަޅަށް އޮޅުންފިލުވައިނުދެވޭހައި ހިނދެއްގައި، އެ ވާހަކަ ދެއްކި މީހާއާއި އަޑުއެހި މީހުން ތިބޭނީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިކަމަށް ވުމެވެ. މުޖުތަމަޢުތަކާއި އަފުރާދުންގެ މެދުގައި ޙައްޤާއި ބާޠިލުގެ ދައުރު އޮޅި، ހަމައަކީ ނަހަމަޔަށްވެ، އިންޞާފަކީ ބޭއިންޞާފު ކަމުގައި، ގަބޫލުކުރެވި އެއީ މުޖުތަމަޢުގެ އާދަތަކެއްކަމުގައި ވުމެވެ.

ފަހި ވިސްނުމާއި އިދި ވިސްނުމުގެ ޙަޤީޤީ ބޭނުން ވިސްނޭން ފަށާ ހިސާބަކީ މިއެވެ. ބާޠިލު މަގުތަކުން ގޮސް، ގިނަ އަރުތަތަކެއް ޙާޞިލުކޮށް އަރާމުގައި ދިރިއުޅޭ މީހުންގެ އެހާރާއި، މިހާރާއި، ކުރިމަގު އޮތްނެތް ގޮތް، ފަހި ވިސްނުމުގެ ބޭނުން ކޮށްގެން، ކިރައި، މިނައި، ވަޒަން ކޮށްލުމަށްފަހު ދޭހަވާ އެއްޗެއް ރަނގަޅަށް ބުނެދެވިއްޖެ ނަމަ، ވަރަށް ގިނަ މީހުންނަށް، މި ދެންނެވި އޮޅުންތަކުން ބޭރަށް ނިކުމެވޭނެއެވެ.

ބާޠިލު ގޮތުގައި، ދިރިއުޅުން ބިނާކުރާމީހާގެ ފަހަތުން، ވޭންދެނިވި ޣަޛާބާއި ބިރުވެރިކަން އަންނާނޭ ކަމާއި، ހަމަ މަރުވުމާއެކު އޭނާ ޖެހޭނީ އެ ވޭންތަކާ އެކުގައި އުޅެން ކަމާއި، ދުނިޔޭގެ ވަގުތީ ހަޔާތް ބާއްޖަވެރިކަމުގައި އޭނާ ދުށް ނަމަވެސް، ދާއިމީ ޙަޔާތެއް ވޭތުކުރާ އާޚިރަތުގެ ގޮވަތީގައި އޭނާ ވާނީ އަބާއްޖަވެރިއަކަށްކަން، ބަޔާންކޮށްދިނުމަކީ، ފަހިވިސްނުމުގެ އަހުލުވެރިއަކަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ހަމަ އެފަދައިން، މުދާވެރިކަމާއި ތަނަވަސްކަން ދުނިޔެމަތީގައި ހިތަކަށް ލިބިފައި ނެތަސް، އަބުރުވެރިކަމާއި، ތެދުވެރިކަމާއި، ޒުހުދުވެރިކަމާއެކު ދިރިއުޅުމެއް ވޭތުކުރަމުންދާ މީހާއަށް، މުއްސަނދިކަމާއި، ނުޙައްޤު ނުފޫޒުގެ ބާރު ﷲ ނުދެއްވީ، އެ މުއްސަނދި މީހާއަށް އާޚިރަތުގައި ކަނޑައެޅިފައިވާ ފަދަ ޢަޛާބާއި ބިރުވެރިކަމުން ﷲ އޭނާ ސަލާމަތްކުރައްވާފައިވާތީކަން، ބަޔާންކޮށްދޭކަށް ވެސް ދައްޗެއް ނުވާނެއެވެ.

މިސާލެއްގެ ގޮތުން ދަންނަވައިލާނަމެވެ. ކޮންމެ މުސްލިމަކު ރެއާއި ދުވާލު ސަތާރަ ފަހަރު ތަކުރާރުކޮށް ކިޔަވާން ޖެހޭ ސޫރަތުލްފާތިޙާގައި ހިމެނިގެން، ކޮންމެ މުސްލިމަކު ކުރާ އެންމެ މުހިންމު އެއް ދުޢާއަކީ، ތެދުމަގު ދެއްކެވުން އެދި ކުރާ ދުޢާއެވެ. އެ މަގަކީ ﷲ އެ ބަޔަކަށް ނިޢުމަށް ލެއްވި މީހުންގެ މަގު ކަމަށާއި، ކޯފާލެއްވި މީހުންނާއި މަގުފުރައްދަވައި ގެއްލެނިކުރެއްވި މީހުންނަށް ދެއްކެވި މަގު ނޫންކަން ވެސް ބަޔާންކޮށް އެބަ ދަންނަވަމުއެވެ. އެހެންކަމުން، ތިމާގެ ތަނަވަސްކަމާއި ނުފޫޒެއް ނެތްކަމަށް ހީވެ ހިތާމަވެރިކަން އިހްސާސް ކުރެވޭ މީހާއަށް އޮތް ފަހި ވިސްނުމުގެ ފަރުވާއަކީ، ތިމާ ނުލިބިގެން ހިތާމަކުރާ ކަންތައްތައް ﷲ ތިމާއަށް ދެއްވައިފި ނަމަ، އޭގެ ސަބަބުން ތިމާ މަގުފުރެދޭނެކަން ﷲ ދެނެވޮޑިގެން ވާތީ، އެ ކަމުން ސަލާމަތް ކުރެއްވުމަށް ޓަކައި، އެ ކަންކަމަށް ވާޞިލު ވެވޭން ހުރި މަގުތައް، ތިމާއަށް ﷲ ބަންދު ކުރައްވައިފައި ވަނީކަމާއި، އެއީ ތިމާގެ އަމިއްލަ ނަފުސަށް ކުރާ ހެޔޮ ދުޢާ އިޖާބަކުރައްވާކަން ދަލީލުކޮށްދޭ ކަމެއްކަން ގަބޫލުކޮށް، އެ ކަމަށް ޓަކައި އުފާކޮށް ﷲއަށް ޙަމްދުކުރާން ދަސްކުރުމެވެ.

އެޑިޓަރުގެ ނޯޓް
ގއ. މާމެންދޫ މުޙަންމަދު ނަޞީރަކީ ހިންގުމުގެ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ލިޔުންތެރިއެކެވެ. މުޖުތަމަޢަށް އަންނަ ބަދަލުތަކާމެދު ފިކުރުފުޅުކުރައްވައި މުޖުތަމަޢުގެ އިޞްލާހަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އިޖުތިމާޢީ މައްސަލަތަކަށް ލިޔުއްވާ މުޙަންމަދު ނަޞީރަކީ ދިވެހިބަހުގެ ހަމަތަކަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް
ޣާލީ
👍🏼
26 Oct 2023