އާވާރާ
އަސްމާ އަބޫބަކުރު
ފެހިކަން ގަދަ ގަސްތަކުގެ މެދުގައި ހުރި ނިކަގަހުގެ ގޮފިގަނޑުމަތީގައި އަހަރެން ޖައްސައިލީމެވެ. އެ ހިސާބުން އުޑު ނުފެންނަވަރަށް ގަސްވަނީ ހެދިފައެވެ. ތިރިއަށް ބަލައިލުމުން ފެންނަނީ ހިކި މުރަނަވެފައިވާ ފަތްތަކެވެ. އެ ފަތްތަކުގެ ތެރެއިން އަހަރެން ހިނގާ ކޮންމެ ފަހަރަކު ރީތި މިޔުޒިކެއްގެ އަޑުއިވެއެވެ. ގަސްތަކުގެ ބިޔަކަމުންނާއި ހެދިފައިވާ ގޮތުން އުޑުމަތި ވެސް ފެންނަ ވަރެއް ނޫނެވެ. ކަނޑުން އަންނަ ވައިރޯޅިއެއް ވެސް ނުވަންނަ ވަރަށް ބެދިފައިވާ ހަމަ ހިމޭން ހިސާބެކެވެ. މި ހިސާބު ހިތްގައިމު ވާނީ އަހަރެން ކަހަލަ އާވާރާވެފައި ތިބޭ މީހުންނަށެވެ.
ރީތި ދޮންވެލި ތުނޑިތަކާއި، ނޫކުލައިގެ ސާލުގައިވާ މޫދުގެ އަހަންނަކަށް ކަމަކު ނުދެއެވެ. އަހަރެންގެ ފިނިންފެންމަލުގެ ދާނަކީ ހިކި މުރަނަ ފަތްތަކެވެ. ހަޑި މުޑުދާރު ތަންތަނުން ދުވާ ވަހަކީ އަހަރެން ކަހަލަ މީހުންނަށް ސެންޓުގެ މީރު ވަހެވެ. ކީއްވެކަން އެނގޭ ހެއްޔެވެ؟
އަހަރެން ފުރަތަމަ ރައްޓެހިވީ އުމުރުން އެންމެ ވިހި އަހަރުގައި ޒުމްނާއާ އެވެ. ޒުމްނާ އަކީ ރީތި އަންހެންކުއްޖެކެވެ. އެއީ ހަމައެކަނި ބަލާލުމަށެވެ. އޭނާ އަށް އަހަރެން ކަމުނުދިޔައީ އަބަދު މަސައްކަތުގައި ބިޒީ ބޯޑު އަޅުވައިގެން އުޅޭތީއެވެ. އޭނާއަށް ގުޅާލަން ވަގުތުވާއިރު ހުންނާނީ ރޭގަނޑު ނުވައެއް ނޫނީ ދިހައެއް ޖަހާފައެވެ.
"އުމަރަށް ދުވަހަކު ނުވާނެ ވަގުތެއް. މިއަދު ވެސް އަހަރެން ކިތައް ފަހަރު ގުޅައިފިން. މީ އަހަރެން ނިދާ ގަޑި. މި ގަޑީގައި ގުޅާނެ ކަމެއް ނެތް." ޒުމްނާގެ ގުޅުން ކެނޑުނީ އެ ފޯން ކޯލަށްފަހުއެވެ. ޒުމްނާގެ ހިތްހަމަ ނުޖެހުމުން އަސަރުކުރީ އަހަންނަށެވެ. އެއްޗެއް ނުބުނަމެވެ. ވީގޮތް ބަލައިލިއިރު ޒުމްނާ ރޭގަނޑު އެހެން މީހަކާ ގުޅުން ބާއްވައެވެ. އަހަރެންގެ ގަޑިއަކީ ދުވާލެވެ. އެ ހިސާބުން އެ ގުޅުމުގައި ސިއްކަ ޖަހައި ދުވަސްކޮޅަކު އަންހެން ކުއްޖަކާ އަނގައިން ނުބެނެ ވޭތޯ އުޅުނީމެވެ.
އޮފީހުގައި އުޅޭ އަންހެން ކުދީންގެ ތެރެއިން މުނާ އަކީ އެހެންކުދީންނަށް ވުރެ ހިތްހެޔޮ ކުއްޖެކެވެ. އަހަރެން ގިނަވަގުތު މަސައްކަތުގައި އުޅޭތަން ފެނުމުން އެމީހުން ކާން ގެންނަ އެއްޗެހި ގެނެސް ދެއެވެ. އަހަރެން ނޫނެކޭ ބުންޏަސް މުނާ އެ އަޑެއް ނާހައެވެ.
"އުމަރު އުޅޭނީ އެހެން މީހުންނާ ނުޖެހި އެކަނި އުޅޭހިތުން. ބަލަ އެއް އޮފީހެއްގައި އުޅެންވާނީ އެންމެން އެކީގައި މަޖާކޮށް. ނޫންތަ ފައިރޫޒު؟ މުނާއާ އެއްބައިވެ ފައިރޫޒު ވެސް ވަރަށް ދިމާކުރާނެއެވެ.
"ހުއްޓާލަ. ހުއްޓާލާ. އަހަރެން އެކީގައި ނޫޅޭކަށް ނޫން. މަސައްކަތް ހުންނަ ގޮތުން ނުވަނީ." އަހަރެންގެ ވާހަކައެއް މުނާ އަޑެއް ނޭހިއެވެ. މަޑުމަޑުން މުނާ ބުނާގޮތަށް އެމީހުންނާ އެކު ކަންކަމުގައި ބައިވެރިވާން ފަށައިފީމެވެ. ނަތީޖާ އަކަށްވީ މުނާއަށް ހިތްކިޔުމެވެ. އޭގެ ކުރީން މުނާ ހުރީ އަހަރެންގެ އިންތިޒާރުގައެވެ. މިފަހަރު ވަގުތު ނުދޭތީ ޝަކުވާއެއް ނުކުރެއެވެ. އަހަރެން ސެކްޝަންގެ މަސައްކަތް ހުންނަގޮތާ އަހަރެން މަސައްކަތް ކުރުމުގެ ވައްޓަފާޅި މުނާ އަށް އެނގެއެވެ. ރޭގަނޑު ނުވައެއް ޖެހުމުން ކޮންމެ ރެއަކު ވެސް ގަޑިއެއްހާއިރު ދެމީހުން ފޯނުގައި ތިބެމެވެ. އެގޮތުގައި ހައެއްކަ މަސް ފާއިތުވެ ދިޔަ ފަހުން މުނާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އޮފީހުގައި ވެސް އަހަންނަށްދޭ ސަމާލުކަން ކުޑަވެއްޖެއެވެ.
"މުނާގެ އުޅުމަށް ބަދަލުތަކެއް އަންނަހެން ހީވޭ. މަށަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟ އަހަރެން އަހައިލީމެވެ.
"ގޯސްކޮށް ކުރެވުނީއެއް ނޫން. އަހަރެމެން ދެމީހުންނަށް ލިބޭ މުސާރައިން ދިރިއުޅުމެއް ފެށިއަސް ދެކޮޅު ނުޖެހޭނެ. އުމަރަކީ އިތުރު މަސައްކަތެއް ކުރާ މީހެއް ނޫން. އަބަދު އޮފީހުގައި ތި އުޅެނީ." މުނާ ދެއްކި ވާހަކަތަކުން އަހަރެންނަށް ވިސްނުނީ މުނާ ބޭނުންވަނީ މުއްސަނދި ދިރިއުޅުމެއްކަމެވެ. އެވަރަށް ފައިސާ ނުލިބޭ މީހަކު މުނާއަކަށް ކަމަކު ނުދެއެވެ. ފައިރޫޒުގެ ވާހަކަ މާގިނައިން ދައްކާތީ ފައިރޫޒު ކުރާ މަސައްކަތް ވެސް ބަލައިލީމެވެ. ފައިރޫޒަކީ ރަސްމީ ގަޑި ނިމުމާއެކު އޮފީހުން ނިކުންނަ މީހެކެވެ. ގޭގައި ޓީޝާޓް ޕްރިންޓްކޮށް ޕްލާކް ހެދުމުގެ މަސައްކަތް ކުރެއެވެ. އޭގެ އިތުރުން ރޭގަނޑު ޓިއުޝަން ކުލާހަކަށް ގޮސް ކިޔަވައިދެއެވެ. ފައިރޫޒަށް އާމްދަނީގެ ގޮތުގައި ބޮޑު އެއްޗެއް ލިބެއެވެ. މުނާގެ ހިތް އޮތީ ފައިރޫޒު ކަހަލަ ގިނަ ލާރި ލިބޭ މީހުންނަށެވެ. އ ެހިސާބުން އެ ގުޅުން ވެސް ނިމުމަކާ ހަމައަށް އަތުވެއްޖެއެވެ.
ގިނަ ދުވަސް ދުވަހު އަހަރެން އޮފީސް ނިންމައިފައި ގެއަށް ދާ އިރު ހުންނާނީ ރޭގަނޑު ހަތެއް ޖަހައިފައެވެ. ވަރުބަލިކަމާ އެކު ވެސް ފެންވަރައިލައިގެން ނަމާދުކޮށްލަމެވެ. ކައިގެން އޮށޯންނަ ތަނުން އެ އަންނަ ނިންޖަކުން ލޯ ހުޅުވައެއްނުލެވެއެވެ. ބައެއް ރޭރޭ ފޭސްބުކް ވެސް ބަލައިލަމެވެ. ރައްޓެހީންނާ އެކު ބޭރަށް ދަނީ ބަންދު ދުވަސް ދުވަހެވެ. ފޭސްބުކްގައި ނުދަންނަ އެތައް ބަޔަކު ވެސް ތިބެއެވެ. އެއް ރެއަކު ފޭސްބުކުން އަންހެން ކުއްޖަކުކަމުގައި ބެލެވޭ ނަމަކުން "ހައި" ޖަހައިލިއެވެ. އަހަރެން ވެސް ޖަވާބު ދިނީމެވެ. މަޑުމަޑުން ބިންގާ އެޅި އެ ގުޅުން ވަރުގަދަވާން ފަށައިފިއެވެ. ކޮންމެ ދުވަހަކު ދެތިން މެސެޖު ބަދަލުކުރެވޭން ފަށައިފިއެވެ. ޝައްކު މަތީ ހުރެގެން މެސެންޖަރުން ގުޅައިލައިފީމެވެ. ރީތި ހިތްގައިމު އަޑެކެވެ. ކަންފަތަށް އަރާމު ވާ ކަހަލަ މަޑުމައިތިރި އަޑެކެވެ. އެ އަޑުގެ ވެރިޔާއާ ކޮންމެ ދުވަހަކު ދެތިން ފަހަރު ގުޅައިލަމެވެ. އެއް ކަލަ ބިޒީ ބޯޑު އަޅުވައިގެން އުޅުނު އަހަންނަށް ވަގުތު ވެސް ވެއެވެ.
އަހަރެންގެ އުމުރުން ތިރީސް އަހަރު ފާއިތުވެ ހިނގައްޖެއެވެ. މެސެންޖަރުން ގުޅާ އަހަރެންގެ ހިތުގެ ވެރިޔާ ހިލްޔާ ދެކިލާ ހިތްވެއްޖެއެވެ. ހިލްޔާ ވެސް ހުރީ އެހާލުގައިކަމުގައި ބުނެފިއެވެ. ރެސްޓޯރެންޓަކަށް ދާން ގަޑި ކިޔުމަށް ފަހު އަހަރެން ތައްޔާރުވީ ލޯބިވެރިޔާއާ ބައްދަލުކުރާ ފުރަތަމަ ފަހަރަށްވުމުން ރީތި މާބޮނޑިއެއް ގެންދާ ގޮތަށެވެ. ހިލްޔާއަށް ނޭނގި ނަމަވެސް އަހަރެން ކައިވެނީގެ ކާޑު ވެސް ތައްޔާރުކުރީމެވެ. ހަމައެކަނި ހިލްޔާގެ ލަފައަކަށް ބޭއްވީ ތާރީޚު ޖަހާނެ ތަންކޮޅެވެ. ތާރީޚް ދޫކޮށްލީ ހިލްޔާއަށެވެ.
ރެސްޓޯރެންޓުގައި އަހަރެން އިންދައި ހިލްޔާ އަތުވެއްޖެއެވެ. ރޫފަ ރަނގަޅު ހަށިގަނޑެކެވެ. މަސްޖަހައިފައި ހުރި ބޮޑު ދެކޮލެވެ. މޫނުމަތީގެ މަސްޖަހައިފައި ހުރުމުގެ ސަބަބުން ލޯ ދައްކަނީ ވަޅުވަދެފައިވާ ގޮތަކަށެވެ. އަޅައިފައި ހުރި ހެދުމަކީ ހިލްޔާ ގަޔަށް ހެޔޮވަރުކޮށް ފަހާފައި ހުރި ހެދުމެކެވެ. އަހަރެމެން މިރޭ ލައިގެން ތިބޭނެ ކުލަ ބުނެފައި އޮތުމުން އެކަކު އަނެކަކު ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ހިލްޔާ އައިސް މޭޒު ކައިރީ އިށީނުމާއެކު އަހަރެން މާބޮނޑި ދީފީމެވެ. އަދި ކާނެ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ކާޑު ދައްކައިލައިފީމެވެ. ހިލްޔާ މާބޮޑަށް އަހަންނާ ގަޔާވާހެން ހިއެއް ނުވެއެވެ.
"ކީއްވެ އެހާ މަޑުން ތިޔަ އިންނަނީ؟ މެސެންޖަރުން ގުޅާ ކޮންމެ ފަހަރަކު އަނގަތަޅާ ހިލްޔާ މިރޭ ހާދަ މަޑުން ތީނީ." އަހަރެން އެތައް ސުވާލެއްކޮށްގެން ހިލްޔާ ވާހަކަދައްކާން ފަށައިފިއެވެ.
"ޕްރޮފައިލް ފޮޓޯއިން ފެންނަ އުމަރުގެ ފޮޓޯއާ އަސުލު ފެންނައިރު ތަފާތު ކަމުން ބުނާނެ އެއްޗެއް ނޭނގިފަ މި އިންނަނީ." ހިލްޔާ އަސުލް ޕޮއިންޓަށް ދިޔައެވެ. އަހަރެންގެ ކުލަ ހިލްޔާ އަށް ކަމުނުދިޔައީއެވެ.
"ޕްރޮފައިލް ޕިކްޗަރގައިވާ ފޮޓޯއަކީ އެއް ދުވަހަކު އަވީގަ ހުއްޓައި ގޭ ކުއްޖަކު ނަގައިފައި ހުރި ފޮޓޯއެއް"
"އެ ފޮޓޯއަށް ބަލައިފައި އަހަރެން ވާހަކަ ދައްކާން ފެށީ. މިހާރު ފެންނަ އިރު ވަރަށް ތަފާތު." ހިލްޔާ ބުނި އެއްޗެއް އަހަންނަށް ދޭހަވެއްޖެއެވެ.
"މިހާރު އަހަރެން މާ ކަޅުކޮށް ފެންނަނީ ދޯ." ހިލްޔާއަށް ކަމުނުދިޔައީ އަހަރެން ގައިގެ ކުލައެވެ. ރުޅި އައިސްގެން ކައިވެނީގެ ކާޑު ހޫރައިލުމަށް ފަހު، އަހަރެން ރެސްޓޯރެންޓުން ނިކުތީއެވެ. އަންހެނުންގެ ކެހިވެރިކަމުގެ ދެން ނުޖެހޭނަމޭ އެރޭ ހިތަށް އެރިއެވެ. އަހަރެން އެއްވެސް މީހަކަށް އެއްވެސް އެއްޗެއް އޮޅުވައެއްނުލަމެވެ. އަދި އެއްވެސް ކަމެއް ނުފޮރުވަމެވެ. އުމުރެއް، ކުލައެއް، ލިބޭ މުސާރައަށް ދަންދެން ކިޔައިދެމެވެ. އެއީ އެހެން އެއްވެސް މީހަކު ނުކުރާނެ ކަންކަމެވެ. އޮފީހުން ވެސް ކެނޑިގެން އަހަރެން ދިޔައީ ރަށަށެވެ.
އަހަރެން މައިންބަފައިން ކިތަންމެ ވަރަކަށް މީހަކާ އިންނާށޭ ބުންޏަސް މިހާރު އަހަންނަށް އެ އަޑުތަކެއް ނީވެއެވެ. ގޭގައި ގިނައިރު އޮށޯވެ އޮވެ ފޫހިވާން ފެށުމުން ބޭރަށް ގޮސް އަތިރި މަތީގައި ހުންނަ ޖޯލިފަތީގައި ޖައްސައިލަމެވެ. ހިތަށް ސިފަވަނީ ދެ ލޯބިވެރީން އަތުގުޅައިގެން ދޮންވެލީގައި ހުސްފައިގައި ހިނގާ މަންޒަރެވެ. އަހަރެން އަތިރިމަތި ދެކެ ފޫހިވީ އެ ސަބަބާ ހުރެއެވެ. ރަށުން އެންމެ ކަމުދާ ތަނަކަށް އަހަންނަށް ފެނުނީ މި ގަސް ގިނަ ހިސާބެވެ. ކޮންމެ ދުވަހަކު އައިސް ނިކަގަސް މަތީ އޮށޯވެ އޮވެވެނީ މި ތަން ހިތްގައިމު ކަމުންނެވެ. މީހަކު ހިލަމެއް ނުވެ ހަމަހިމޭންކަމުންނެވެ. މިއަދު ވެސް ލޯމަރައިގެން އެތައް އިރަކު އޮވެ ލޯ ހުޅުވާލެވުނު އިރު ތަންކޮޅެއް ދުރުގައި ރަތްހެދުމެއްގައި ރީތި ޕަރީއެއް ފަދަ އަންހެން ކުއްޖަކު ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ބަލައިލުމާ އެކު އެނބުރި ހިނގައިގެންފިއެވެ.
އިރާދަމުގެ ވަގުތެވެ. ހަނދުވަރު މޫސުމުގެ ރެއެކެވެ. އަހަރެންގެ ގަނޑުވަރުކަމުގައި ދެކޭ ގަސްތަކުގެ ތެރެއަށް ދަމާ ބާރަކުން ގެންދާ ކަހަލައެވެ. ގަސްތަކުތެރެ އެހާ އަނދިރިކަމަށް ނުދައްކައެވެ. ނިކަގަސް މަތީ އިށީނުމާއެކު ދުރުން މީހަކު ހިނގާ އަޑުއިވެއެވެ. ފައިގިގުނީގެ މިޔުޒިކް އަޑާއެކުގައެވެ. އަޑު އަންނަ ދިމާއަށް އަހަރެން ބަލައިލީމެވެ. އަންހެން ކުއްޖެއްގެ ފަރި ހިނގުމުގެ އަޑު އަހަންނާ ކައިރިވާހެން ހީވެއެވެ. އެއާއެކު ކުއްލިއަކަށް ފަތްތަކުގެ މުރަނައަޑާ ގިގުނީގެ އަޑު މަޑުވާން ފަށައިފިއެވެ.
"އެ ދިޔައީ" އަހަރެން ހިތާހިތުން ކިޔައިލެވުނެވެ. ކުއްލިއަކަށް އެ އަންހެން ކުއްޖާ ދެކޭ ހިތްވާން ފަށައިފިއެވެ. އެރޭ އަހަރެން އެތައް އިރަކު އެތަނުގައި އިން ނަމަވެސް އެ ޕަރީއެއް ނުފެނުނެވެ. ގެއަށް ދާހިތް ނުވިއަސް އަހަރެން ގެއަށް ދިޔައީ މަންމަ ހިތްހަމަ ނުޖެހިދާނެތީއެވެ. ނިދާން އޮށޯވެ ނިދޭތޯ އުޅެއުޅެ އެއް ގޮތަކަށް ލޮލަށް ނިންޖެއް ނައެވެ. ގަޑީން މެންދަމު ތިނެއް ޖަހަނިކޮށް އަހަރެން ތެދުވެ ބޭރަށް ނިކުމެ ޖޯލީގައި އޮށޯތީ ހަނދުވަރުގެ ރީތި އަލިކަން ފެންނާން ހުރުމުންނެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ނަލަ ހެދިލައިގެން އަވަށްޓެރިގޭގެ ނަރީމާ އަހަރެންގޭގެ ދޮރުމަތިން ފެނުމުންނެވެ.
"ނަރީމާ. މި ދަންވަރު ކޮންތާކަށް ތިޔަ ދަނީ."
"އުމަރަށް ވެސް ވީގޮތަށް އަހަރެންގެ ލޮލަށް ވެސް ނިދިނައިސްގެން ބޭރަށް ނިކުމެލީ. ބަޔަކު އެހެރަ މަގުން ދުވެފައި ދާތީ ބަލައިލާން މިދަނީ." ނަރީމާއަށް އަހަރެންގެ ލޮލަށް ނިދިނާންނަކަން އެނގުނީ ކިހިނެއްބާވައެވެ؟
"ދަންވަރު ތަންތަނަށް ދާނެކަމެއް ނެތް. އާދޭ މިތާ އިށީނދެ ވާހަކަ ދައްކައިލާން." އަހަރެން އެހެން ބުނުމުން ވަރަށް ހިނިއައިސް ހުރެ ނަރީމާ ދިޔައީ މާދަމާ ނިކަގަސް ކައިރިން ބައްދަލުކުރާން އެދިފައެވެ.
އޭގެ ފަހުން އަހަރެމެންގެ ލޯބި ފެށުނީ ވަލުތެރެއިންނެވެ. އަހަންނަށް އެއީ ނަރީމާ ސިފައިގައި ހުރި އިންސިއެއް ނޫންކަން އެނގެއެވެ. އެކަމަކު އިންސާނުންނަށް ވުރެ މާ ވަފާތެރިއެވެ. ގިނަ ރޭރޭ އަހަރެން ނިދަނީ ނަރީމާގެ އުނގުގައި ބޯއަޅައިގެން ހިކިފަތްތަކުގެ މަތީގައެވެ. އެއީ އަހަރެމެންގެ މަލުގެ ދާނެވެ. އަހަރެން މީ އާވާރާ އެކޭ، މޮޔައެކޭ ރަށުގެ އެންމެން ކިޔައެވެ. އެ ކަމަކާ އަހަރެން ކަންބޮޑެއް ނުވަމެވެ. ރޫހާނީ ލޯބިވެރިޔާ ހާދަ ވަފާތެރިއެވެ. އެންމެ ފަހުން ނަރީމާ ބުނި ގޮތަށް އަހަރެމެން ކައިވެނި ކުރީއެވެ. ކައިވެންޏަށް ތިން އަހަރު ވީއިރު ދެ ކުދީން ވެސް ވަނީ ލިބިފައެވެ. (ނިމުނީ)