Advertisement

ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ (2)

11 Aug 2024 | 14:44
1978ގައި އުފެދުނު އާ ސަރުކާރާއި އެ ސަރުކާރުގެ ވެރިޔާއަށް ތާއީދު ހޯދުމުގެ ގޮތުން، ކުރީގެ ވެރިޔާގެ ކުށްތައް ހާމަކޮށް އާންމުކުރުމުގެ ގޮތުން މާލޭގެ މައި ހަތަރު އަނގޮޅިއެއްގައި ބެހެއްޓުނު ބޯޑެއް. މި ކަމުގެ އެންމެ ހެއްވާ އަދި ހައިރާންކުރުވަނިވި ކަމަކީ، 1978 ގައި އަލަށް އުފެދުނު ސަރުކާރަށް ދިހަވަރަކަށް އަހަރުވި ތަނާހެން، އޭގެ ކުރީގެ ސަރުކާރުގެ ވެރިޔާ އަނެއްކާ ވެސް ބަތަލަކަށް ހަދާލެވެން ފެށިކަމެވެ. ސަބަބަކީ ހެއްޔެވެ؟ އޭނާ ބަތަލަކަށް ވުން ނުވަތަ ނުވުމެއް ނޫނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ހުރިހައި ކަމެއްހެން، އަލަށް އުފެދުނު ސަރުކާރުން ވެސް ކުރާން ފެށުމެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

(ކުރީގެ ބައިގެ ބާކީ)

ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ މަސްރަހަށް ބަލައިލާ އިރު މި ދެންނެވި ކަހަލަ ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި 'އިއްތިހާދުތައް' ފެނެއެވެ. މި ކަން ކައިރި މާޒީއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2008ގައެވެ. 2008ގެ އިންތިޚާބުގައި އެއް ކޮޅުން ވާދަކުރެއްވީ ރައީސް މައުމޫނެވެ. އަނެއް ކޮޅުގައި ތަފާތު ސިޔާސީ ލީޑަރުން ތިއްބެވިއެވެ. މިއިން އެއްވެސް ލީޑަރަކީ ގައުމުގެ ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލައްވައި، އާންމުންގެ ކުރިމައްޗަށް އެ ކަން ހުށަހަޅާލި ލީޑަރުންނެއް ނޫނެވެ.

2008އާ ހަމައަށް އައިއިރު، ރާއްޖެ އޮތީ ވަރަށް ވެސް ނިކަމެތި ހާލަތެއް ގައެވެ. ވޭތުވެ ދިޔަ ތިރީސް އަހަރުގެ ތެރޭގައި، ހަރުދަނާ ސިޔާސަތުތަކާއި އުސޫލުތަކެއް ނެތި، ޚަރަދުތައް ކުރުމުގެ ސަބަބުން، ތަން އޮތީ ދަރަނިވެރިވެފައެވެ. މި ކަމުގެ ހައްލެއްގެ ގޮތުން، ފައިސާ ހޯދުމަށް ޓަކައި، ތަނުގެ ހަރުމުދާކަމުގައި ހިމެނޭ 'ބިންތައް'، ރަށްތަކާއި ފަޅުތައް، ދިގު މުއްދަތަށް ވިއްކުން ނޫން ގޮތެއް ސަރުކާރުގެ އިސް ވެރީންނަށް ނުފެނުނެވެ. މި ފައިސާ ހޯދުމުގެ މައިގަނޑު މަގުސަދަކަށް ވެފައި އޮތީ، ފަހަރެއްގައި ވެސް، ރައްޔިތުންގެ މަސްލަހަތެއް ނޫނެވެ. ވެރިކަމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ތަރަފުގެ ދިރިއުޅުން ދެމެހެއްޓުމެވެ.

ރާއްޖެ ދަރިނިވެރިވުމުގެ އިތުރަށް، އިޖުތިމާއީ އެތައް ބަލިތަކެއް ވެސް އޮތީ ފެތުރިފައެވެ. ސަރުކާރުގެ އިދާރާތަކުގައި ރިޝްވަތާއި ފަސާދަ އޮތީ އަށަގެންފައެވެ. ތަނުގެ ޝަރުއީ ނިޒާމު އޮތީ ހަލާކުވެފައެވެ. ގާޒީންނަށް ރިޝްވަތު ދީގެން މައްސަލައްތައް ނިންމުމުގެ ފަސާދައެވެ. ގާތް ތިމާގެ މީހުން ކުށްކުރުމުން ކުށްވެރިނުވުމުގެ ފަސާދައެވެ. އަދި، މަސްތުވާތަކެތީގެ ވަބާ ވެސް އޮތީ އާންމުވެފައެވެ. ގާތްތިމާގެކަމާއި ރައްޓެހިކަމުގެ ތަރާދުން ކިރައި ސަރުކާރުގެ އިސް ވަޒީފާތައް ބަހައިލުމުގެ ސަގާފަތް ވެސް އޮތީ އާންމު ވެފައެވެ. ދައުލަތުގެ ބައިތުލްމާލު އޮތީ 'ގާނޫނީ ސިފަލިބިގެން' ވެރިޔާ ބޭނުންފުޅުވާ ގޮތަށް، އެއާ މެދު ކަންތައް ކުރެވޭ ގޮތަކަށް ހަމަ ޖެހިފައެވެ. 'ގަނޑުވަރުގެ' ޚަރަދުތަކު ތެރޭގައި ރައީސް ބޭނުންފުޅު ކޮންމެ ކަމެއް ވެސް ހިމަނައިލެވޭ ގޮތަށެވެ. އަދި، ހަމަ މި ފަދަ ގޮތެއްގައި، ދައުލަތުގެ މުދަލާއި ފައިސާއާ ކުޅެވޭ ގޮތަށް، ވެރިޔާގެ އާއިލީ ބައެއް ވެރީންނަށް ވެސް ކަންތައްތައް އޮތީ ހަމަޖެހިފައެވެ.

މި ފަދަ ހާލަތެއްގައި ރާއްޖެ އޮތުމުން، 2008ގައި، އިދިކޮޅު ހުރިހައި ޕާޓީތަކުގެ އެދުމަކަށް ވެފައި އޮތީ، އޭރު އޮތް ސަރުކާރު، ރައީސް މައުމޫނުގެ އިސްތިބްދާދީ ވެރިކަން، ނިމުމަކަށް ގެނައުމެވެ. މި ކަމުގެ ޒާތަށް ބަލައިލާ އިރު، މިއީ ހަމަ އެންމެ ރަނގަޅު ކަމެކޭ ބުނެވިދާނެއެވެ. އިތުރު އެއްވެސް ހެވެއް އެ ވެރިކަމުން ދެން، ލިބޭން ނެތް ވެރިކަމަކީ އެ ކަމަށް ނިމުން ގެނައުން ހަމަ އެންމެ ރަނގަޅު ކަމަކަށް ވާތީއެވެ. އަދި ގުދުރަތީ ސުންނަތުގެ، ނުވަތަ ގުދުރަތުގެ ގާނޫނުގެ ވެސް، ނިޔާއަކީ މިއެވެ.

ނަމަވެސް، މި ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ކުރިން އިޝާރަތްކޮށްލި ފަދައިން، ގައުމު ބިނާކުމުގެ ފިކުރެއް، އިދިކޮޅު ޕާޓީތަކަކުން ހުށަހަޅައެއްނުލައެވެ. ގައުމަށް ކުރިމަތިވެފައ އޮތް މައްސަލަތައް ހައްލުކޮށް، އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެ، ގައުމާއިގެން ކުރިއަށްދާނޭ ސިޔާސަތުތަކެއް އެ ޕާޓީތަކަކުން ހުށަހަޅާއެއްނުލައެވެ. އެންމެންގެ ވެސް ހަމައެކަނި އަމާޒަކަށް ވެފައި އޮތީ ވެރިކަން ބަދަލުކުރުމެވެ. މި އަމާޒަކީ ހަމަ އެކަނި ޕާޓީތަކުގެ އަމާޒެއް ވެސް ނޫނެވެ. 2008ގައި ވަރަށް ގިނަ މުވާތިނުންގެ ވެސް އެދުމަކަށް ވެފައި އޮތީ ހަމަ މިއެދުމެވެ. 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމެވެ. ދެން، އެއަށް ފަހު، ގައުމާއިގެން ކުރިއަށްދާނީ ކިހިނެއްތޯއާއި ގައުމަށް ކުރިމަތިވެފައި އޮތް މައްސަލަތައް ހައްލުކޮށް، އަލުން ގައުމު ބިނާކުރުމުގެ މަސައްކަތް ކުރާނީ ކިހިނެއްކަމީ، އޭގެ މައްޗަށް ވިސްނައި ފިކުރުކުރާން ޖެހުނު ކަމަކަށް ނުވިއެވެ.

ދެން، ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް އިއްތިހާދުވެވެނު އިއްތިހާދުން، 2008ގައި އިންތިޚާބު ކާމިޔާބުކުރުމެވެ. ނަމަވެސް، އެއަށް ފަހު، އިއްތިހާދު ރޫޅޭން ދިމާވިއެވެ. ކުރީން ނަންގަނެވި ދިޔަ އިސްޕޭނުގެ 1936ގެ އިންތިޚާބު، އިސްޕޭނުގެ އޭރުގެ ވާތުފިޔައިގެ އިއްތިހާދުން ކާމިޔާބު ކުރުމަށް ފަހު، އެ އިއްތިހާދު ބައިބައިވި ފަދައިންނެވެ. އެކި ޕާޓީތަކުގެ މައްޗަށް އުފެދިފައި އޮތް ތަފާތު ކުލަތަކުގެ އިއްތިހާދު އެއް ކުލައަކަށް ބަދަލުވެގެންދިޔަ ތަން ފެނުނެވެ. ޖޯޖު އޯވެލްގެ އެނިމަލް ފާމު، (ޖަނަވާރުންގެ ދަނޑު) މި ފޮތުގައި، ދަނޑުން އިންސާނާ ބޭރުކުރެވި، އޫރުގެ ވެރިކަމެއް ގާއިމުކުރެވި، މާގިނަ ދުވަހެއް ނުވެ، އޫރަށް، އިންސާނީ ސޫރަ ލިބިގެން ދިޔަ ވެސް ފަދައިންނެވެ. އާދެ، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ އުސޫލުގެ މަތިން އިންތިޚާބު ބޭއްވި، ވެރިކަމާ ހަމައަށް ބަޔަކަށް އާދެވުމުން، ޑިމޮކުރަސީގެ އުސޫލުގެ މަތިން އެމީހުން ހަނދާންނެތުނެވެ. ދެން، ހަމަ ކުރީގެ ތިރީސް އަހަރުގައްޔާއި އަދި، އޭގެ ކުރިން ވެސް ރާއްޖޭގައި އަށަގެންފައި އޮތް، އިސްތިބްދާދީ ސިޔާސީ ސަގާފަތަށް ކާމިޔާބު ލިބުނެވެ. ސަރުކާރުގެ ހުރިހައި ވަޒީރުންނަށް އިސްތިއުފާދޭން އަންގައި، ވެރިޔާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭ ގޮތް ހަދަން މަސައްކަތްކުރެވެން ފެށުނެވެ. އާދެ، ކުރީގެ އިސްތިބްދާދީ ވެރިކަމުގެ ބަދަލުގައި އާ އިސްތިބްދާދީ ވެރިކަމެއް ގާއިމު ކުރެވުނީއެވެ.

ދެން ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ވެރިކަމާއި ސިޔާސީ ސަގާފަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ވެރިކަމުގައި ހުންނެވި ބޭފުޅާއަށް ހީފުޅުވެވަޑައި ގަތީ ހުރިހައި ކަމެއްގެ މޮޅު ގޮތް އެނގިވަޑައި ގަންނަވާނީ ހަމަ އެކަނި އޭނާއަށް ކަމެވެ. އޭނާއަށް ތާއީދުކުރައްވާ މީހުންގެ ނަޒަރުގައި ‘އޭނާ ކަންތައް ކުރައްވާނީ ރަނގަޅަށެވެ.’ އާދެ، ކުރިން ވެސް އޮތް އިސްތިބްދާދީ ވެރިވެރިކަމުގައި ކަންތައް އޮތް ގޮތެވެ. އެހެންވެ، އޭނާ ބޭނުންފުޅުވެވަޑައިގަތް ގޮތަކަށް ކަންތައްތައް ކުރައްވަމުން ގެންދެވިއެވެ. ގަވާއިދުތަކާއި ގާނޫނުތަކަށް ވެސް ބެއްލެވުމެއްނެތިއެވެ. އިސް ވަޒީފާތައް ދެވެމުން ދިޔައީ ހަމަ ކުރިއެކޭ ވެސް އެއްފަދައިން ގާތް ތިމާގެ މީހުންނަށް ނޫނީ ރައްޓެހިންނަށް އިސްކަން ދެވިގެންނެވެ. އެ މީހުންގެ ކިބައިގައި އެމީހުންނާ ހަވާލުކުރެވޭ ވަޒީފާތައް އަދާކުރުމުގެ ގާބިލުކަމެއް ނެތް ކަމުގައި ވިޔަސް ވެހެވެ. ގޯތި ގެދޮރު ދިނުމުގައި ވެސް ސިޔާސީ ވަކި ޕާޓީގެ މެމްބަރުންނަށް އިސްކަން ދެވޭނޭކަން އިއުލާނުކުރެވުނެވެ.

އާންމުންގެ ސިޔާސީ ސަގާފަތް ވެސް އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށެވެ. ވެރި މީހާއަށް ތާއީދުކުރުމާއި ނުކުރުން ބިނާވެފައި އޮތީ، ބުއްދީގެ މީޒާނުން ވެރި މީހާގެ އަމަލުތައް ކިރައި، ރަނގަޅު ނުރަނގަޅު ކަނޑައަޅާލައިގެންނެއް ނޫނެވެ. ތިމާއަށް ލިބޭ ޒާތީ ފައިދާއެއްގެ މައްޗަށް ބިނާކޮށެވެ. މީގެ އިތުރަށް، ތަނުގެ ދުވަސްވީ އާދަކާދަކާދަތަކާއި އާންމު މީހުންގެ ރައުޔަށް ވެސް ބެލުމެއް ނެތި، ކަންތައްތައް ކުރެވެން ފެށުމުން، 2008ގައި އިންތިޚާބުވި ސަރުކާރު ވެއްޓި، ނިމިގެން ދިޔައީ އެންމެ އެދެވޭ ގޮތެއްގައެއް ނޫނެވެ. އެއްބަޔަކު ދުށް ގޮތުގައި، ޣައިރު ގާނޫނީ ސިފައެއްގައެވެ. އާދެ، އިންގިލާބަކުންނެވެ. އަނެއް ބަޔަކު ދުށް ގޮތުގައި، ވެރިކަންކުރުމާއި މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރު ނެތުމާއި ތަނުގެ އާދަކާދައާއި އަގުތަކަށް އިހުތިރާމުކުރުމެއް ނެތި، އަދި، ތަނުގެ ޚާއްސުންނާއި އަދި އާންމުންގެ އެތައް ބަޔަކު އެކަމާ ނުރުހުނު ބައެއް ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ވެރިޔާއަށް އިސްތިއުފާދޭން މަޖުބޫރުވީއެވެ. މިކަމުގައި ހައްގު ގޮތަކީ ކޮބައިކަން ބެލުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ. މި ލިޔުމުގެ މަގުސަދަކީ، ނަފުރަތާއި ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ބިނާވާ ގުޅުމަކީ ދެމި އޮންނާނޭ ގުޅުމެއް ނޫންކަން ފާހަގަކުރުމެވެ. އަދި މިފަދަ ގުޅުމެއްގެ މައްޗަށް ގައުމު ބިނާ ކުރުމަކީ ނުވާނޭ ކަމެއް ކަން ވެސް ބަޔާންކުރުމެވެ. މިކަން، 2008ގައި ގާއިމުވެގެން ދިޔަ އިއްތިހާދީ ވެރިކަން ދާދި އަވަހަށް ރޫޅި، 2012ގައި އެވެރިކަން ވެއްޓި ދިޔުމުން، ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ.

ދެން، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް ހަމަ މިކަން ފެނުނެވެ. މި އިންތިޚާބުގައި ވެސް އިއްތިހާދެއް އުފެދުނެވެ. މިފަހަރުގެ އިއްތިހާދުގެ މަގުސަދަކަށްވީ 2012ގައި ވެއްޓުނު ވެރިކަން އިއާދަވެދިޔަ ނުދިނުމެވެ. އެގޮތް މިގޮތް ހަދައިންގެން، މި މަގުސަދު މި އިއްތިހާދަށް ވެސް ހާސިލުކުރެވުނެވެ. ނަތީޖާއަކީ ހެއްޔެވެ؟ ދާދި އަވަހަށް އިއްތިހާދު ރޫޅިގެން ދިޔުމެވެ. މިއިއްތިހާދު ކާމިޔާބު ހޯދައި ދިނުމުގައި މުހިއްމު ރޯލުތަކެއް އަދާކުރި މީސްމީހުން އިއްތިހާދުން ވަކިވެ، އެ އިއްތިހާދާ އިދިކޮޅުވެސް ވުމެވެ. މިހެން ވުމުގެ ސަބަބަކީތޯއެވެ؟ އެއްކޮޅުން އިއްތިހާދުގެ ބޭނުމަކަށް އޮތީ ގައުމުގެ މަސްލަހަތު އިސްކުރުމެއް ނޫނެވެ. މައިގަނޑު މަގުސަދަކަށް އޮތީ ވަކި މީހަކު ވެރިކަމަށް އަޔަ ނުދިނުމެވެ. ދެން، ތިމާ ބޭނުންވާ މީހަކު ވެރިކަމަށް އައުމުން، ތިމާ ބޭނުންވާ ގޮތަކަށް، ސަރުކާރުގެ އިސް ވަޒީފާތަށް ހަމަޖެހިގެން ދިޔުމެވެ. އިއްތިހާދު ކާމިޔާބުކޮށް ދިނުމުގައި މަސައްކަތްކުރި ބައެއް އިސްވެރީން، އިއްތިހާދު ކާމިޔާބުވުމުން ބޭނުންވީ، އެމީހުންގެ ދަރިދަރިންނަށް، ނުވަތަ ގާތް މީސް މީހުންނަށް ސަރުކާރުގެ ވުޒާރާތައް ހަވާލުކޮށް އިސް ވަޒީފާތައް ދިނުމެވެ. އަދި، ކުރިއަށް އޮތްތާގައި، އެ ދަރިދަރިންގެ ތެރެއިން މީހަކު ވެރިކަމަށް އަންނާނޭ މަގު ވެސް ފަހިވާ ގޮތް ހެދުމެވެ. ދެން، އެންމެ އެދެވޭ ގޮތަށް މިކަންކަން ނުވުމުން އިއްތިހާދު ރޫޅި، އިއްތިހާދުގެ ބައިވެރީން 2013ގައި ގާއިމުކުރެވުނު ވެރިކަމާ ދެކޮޅުވީއެވެ. އަދި، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، އެ ވެރިކަން ވެސް ވައްޓާލުމުގެ މަސައްކަތް ފެށުނީއެވެ. ބޭރުގެ ބާރުތައް ތަނުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވައްދައި، ރިޝްވަތު ދީގެން ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި އަދި، ކޯޓުތަކުގެ ގާޒީންވެސް ގަނެގެން ވެސް މެއެވެ. މިއީ ތިމާގެ ދީންވެރިކަން ނޫނީ ތިމާގެ އާންމު އަޚުލާގީ މިންތައް މަނާކުރާކަމެއް ކަމުގައި ނުވިއެވެ.

ދެން އައީ 2018ގެ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވެސް، ފެނިގެން ދިޔައީ ހަމަ ނަފުރަތުގެ މައްޗަށް ބިނާވި އިއްތިހާދެކެވެ. މަގުސަދަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ކުރީގެ އާދަކާދައިގެ ވެސް މަތިން، އޭރު އޮތް ސަރުކާރު ވައްޓާލުމެވެ. މިކަން ކުރުމަށް އެހީވެދިން ސަބަބުތަކެއް ވެސް ހުއްޓެވެ. ސަރުކާރުގައި ފަސާދައިގެ ހަރަކާތްތައް ކުރިއަށް ވުރެވެސް ބޮޑަށް އަށަގަނެ، ފާޅުގައި މިކަން ކުރުމެވެ. މީސްމީހުންގެ ‘ވަފާތެރިކަން’ ގަނެވިއްކުމުގެ ވިޔަފާރި އާންމުވެ، އެއީ ތިމާގެ ޒަމީރު މަނާކުރާކަމަށް ނުވުމެވެ. އަދުލު އިންސާފުގެ ނިޒާމު، ގޯހުން ގޯހަށް ގޮސް، ހަލާކުވެ ދިޔުމެވެ. ގާތް ތިމާގެ މީހުންގެ ކުށަކީ ކުށަކަށް ނުވުމެވެ. މިސާލަކަށް ޕެންޝަން ފަންޑާ ބެހޭ އޮފީހުގެ އިސް މުވައްޒަފަކު ލައްކައިން ރުފިޔާ ނަގައި، ޚިޔާނަތްތެރިވުމަކީ ކުށްވެރިވާ ކަމަކަށް ނުވިއެވެ. އަދި މިނޫންވެސް، ޚިޔާނާތުގެ ބޮޑެތި ބޮޑެތި މައްސަލަތަކެވެ. މީގެ އިތުރަށް، ވޯޓަކީ މުޅިންހެން ގަނެ ވިއްކޭ އެއްޗަކަށް ވުމެވެ. މިފަދަ އެތައް ސަބަބުތަކެއް ހުރުމާއެކު، 2018ގައި، އޭރު އޮތް ސަރުކާރާއި އިދިކޮޅު އިއްތިހާދެއް އުފައްދައި، ރިޔާސީ އިންތިޚާބު މެދުވެރިކޮށް، އެ ސަރުކާރު ނިމުމަކަށް ގެނަވުނެވެ.

މިކާމިޔާބު ބިނާވީ އިދި ކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގާބިލުކަމުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި އިދާރީ ތަޖުރިބާއަކާއި ގައުމުގެ އިގުތިސާދު ކުރިއަށް ގެންދާނޭ ގޮތަކީ ކޮބައިކަން އޭނާއަށް އެނގިފައި އޮތުން ދެނެގަނެގެންނެއް ނޫނެވެ. މިއިން އެއްވެސް ކަމަކީ އެކަންކަމުގެ މައްޗަށް ބަލަން ބޭނުންވި ކަމަކަށް ނުވިއެވެ. ހުރިހައި ވެސް ބޭނުމަކީ ސަރުކާރު ބަދަލުކޮށްލުމެވެ. އެހެންވެ، އިދި ކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ‘ހިމާރެއް’ ކުރިމަތި ލިޔަސް، އެ ހިމާރު އިންތިޚާބު ކާމިޔާބު ކުރީހެވެ. މިއިބާރާތަކީ ބައެއް މީހުން ފާޅުގައި ބޭނުން ކުރި އިބާރާތެކެވެ. ސަބަބަކީތޯއެވެ؟ އިއްތިހާދުގެ ހަމަައެކަނި އަމާޒަކަށް ވެފައި އޮތީ، އަދި، ގިނަ މުވާތިނުންގެ ވެސް އަމާޒަކަށް ވެފައި އޮތީ، އޭރު އޮތް ސަރުކާރު ބަދަލުކޮށްލުމެވެ. އެހެންވެ، އިދި، ކޮޅު ކެންޑިޑޭޓަކީ ހިމާރެއްތޯ ނޫނީ ގަމާރެއްތޯ ބެލުން މުހިއްމުކަމަކަށް ނުވީއެވެ! އަދި، ދެން އަންނަ ސަރުކާރު ކަންތައް ކުރާނީ ކިހިނެއްކަމާ މެދު ވެސް ބަލަން ބޭނުންނުވީއެވެ. އާދެ، ނަފުރަތުގެ ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ގާއިމުވާ އިއްތިހާދުގެ ނަތީޖާއެވެ! އެކަމުގެ ދުރުވިސްނުން ފޯރާ އެންމެ ދުރުމިނަކީ ސަރުކާރު ވައްޓާލުމެވެ! ގައުމު ބިނާ ކުރުމެއް ނޫނެވެ.

އާޚިރު ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ މިކަމުގެ ދެރަ، ރައްޔިތުން އުފުލަން ޖެހުމެވެ. ކަންތައްތައް ހަމަ ކުރިންވެސް އޮތް ގޮތުގައި އެއްވެސް ހެޔޮ ބަދަލެއް ނައިސް އޮތުމެވެ. ފަސާދައިގެ ސަގާފަތް ބަދަލު ނުވެ، އެކަމަށް އިތުރަށް ދިރުން ލިބިގެން ދިޔުމެވެ. އެއް ބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށްކޮށް ތިބުމެވެ. ކުނިވެފައި އޮތް ކިސަޑު ފެންގަނޑެއްގެ ތެރެއަށް މުޅި ގައުމު، މަޑުމަޑުން ގެނބިގެން ދިޔުމެވެ. ކަންކަން ނުކުރެވުމުން، އެކަމުގެ ހަގީގީ ސަބަބުތަކަކީ ކޮބައިކަން ހޯދައި، ކަންކަން ހައްލުކުރާން އުޅުމުގެ ބަދަލުގައި ކުރިން ވެސް ކަން އޮތީ މިހެންނޭ، އެހެންނޭ ކިޔައި، ބަހަނާތައް ދައްކަ ދައްކައި ތިބުމެވެ. ކުރީގެ އުނިކަމަކީ މިހާރުގެ އުނިކަން ފޫބައްދައި އެކަމަށް ފުރިހަމަކަން ގެނެސްދޭ ކަމެއް ކަމަށް ވުމެވެ. މިވެނި މީހެއްގެ ފަސާދައާއި ގުޅޭ މައްސަލައެއް ނުވަތަ ދޯހަޅި ކަމެއް، ފާހަގަކުރެވިއްޖެ ނަމަ، ހަމަ އެފަދަ ސިފަތައް، ކުރިން ތިބި މީހުންގެ ކިބައިގައި ވެސް ހުރިކަން ބުނުމެވެ. އަދި، ކަންތައް އޮތީ ކަންތައް އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތަށްކަމަށާއި އަދި ކަންތައްތައް ކުރެވެމުންދަނީ ވެސް އެންމެ ރަނގަޅަށްކަން ބުނެދޭން ދައްކަން އޮތް މޮޅު ހުއްޖަތަކީ، ކުރީގައި ވެސް އޮތީ ފަސާދައާއި ވައްކަމާއި ހިތުހުރި ގޮތަކަށް ކަންތައް ކުރުންކަން ބުނުމެވެ. އެހެންވުމުން، މިހާރު ވެސް ހަމަ އެ ގޮތަށް ކަންތައް ކުރެވެން ޖެހޭނޭ ކަމަށް، ބައެއް ފަހަރު ސީދާ ގޮތެއްގައި، އަނެއް ބައިފަހަރު ނުސީދާ ގޮތެއްގައި ބުނުމެވެ.

ދެން މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މިކަމުގެ ހައްލު އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. އެންމެ ފުރަތަމަ، ރައްޔިތުން ހޭލުންތެރިވާންވީއެވެ. ރައްޔިތުންނަކީ އެމީހުން ތާއީދުކުރާ މީހުންނަކީ ކުދިކުދި ކަލާނގެތަކަކަށް ހަދާ ބަޔަކަށް ނުވާންވީއެވެ. އަދި، ވެރީންގެ ފާރަވެރީންކަމުގައި ރައްޔިތުންވާންވީއެވެ. ވެރީންނަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ދިފާއުކުރާން ތިބޭ ބައެއްކަމުގައި ހެދުމަށް ރައްޔިތުން މަސައްކަތްކުރާންވީއެވެ. މިކަން ކުރެވޭނީ، އެންމެ ފުރަތަމައިން ވޯޓުވިއްކުން ހުއްޓާލައި، ވެރީންނަށާއި ރައްޔިތުން ތަމްސީލުކުރުމަށް ގާބިލު މީހުން ހޮވައިގެންނެވެ. އަދި، އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ހިސާބުން، ގައުމުގެ ޖަމާއީ ހަޔާތުގައި ބައިވެރިވުން ނިންމާނުލައި، ވެރީންގެ އަމަލުތަކަށް ބެލުމުގައި ރައްޔިތުން ފާރަވެރިވެ ތިބެގެންނެވެ. އަދި، އެ އަމަލުތަކުގެ މައްޗަށް ބުރަވެ ހުރެ، އެމީހުންގެ އަގު ވަޒަންކޮށް، އެމީހުން މަސްއޫލުވެރި ކުރުވަން ދަސްކޮށްގެންނެވެ. ވެރިކަމުގެ އިސް ސަފުގައި ހިމެނުމުން، އެމީހުން ދައްކާ ކޮންމެ ވާހަކައަކީ، އޭގެ މައްޗަށް ބުއްދީގެ ނަޒަރުން ނުބަލައި، ކަމުދާ ރަނގަޅު ވާހަކަތައް ކަމުގައި ކަނޑަނާޅަންވީއެވެ. މިފަދަ ހޭލުންތެރި ރައްޔިތެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިއްޖެ ނަމަ، ނަފުރަތާއި ފަނާވަނިވި ފިކުރުގެ މައްޗަށް ބުރަވެ ތިބެ، ވަކި ބަޔަކު ނުވަތަ ވަކި މީހަކު ވެރިކަމަށް ނުގެނައުމައްޓަކާ، އަޅުގަނޑުމެންގެ އިގުތިސާދު، އެބަޔެއްގެ އަތްމަތީ އެއް ފަހަރު، ހަލާކުވެ ދިޔަ ބައެއްގެ އަތް މައްޗަށް، ދެވަނަ ފަހަރަށް، އެމީހުންގެ އަތް މަތީގައި ގައުމުގެ އިގުތިސާދު އަނެއްކާވެސް ހަލާކުވެ ދިޔުމަށް ޓަކައި އެމީހުންނާ ވެރިކަން ހަވާލެއް ނުކުރާނެއެވެ. އަދި، ހަމަ ކޮންމެ މީހަކު ވެސް، ވެރިކަމަށް އައުމުން، ހަގީގަތަކަށް ބެލުމެއް ނެތި، އޭނާއަށް ތައުރީފުކޮށް ޚުޝާމަދުގެ ބަސްތަކެއް ނީއްވާނެއެވެ.

ނަމަވެސް، ހިތާމައަކީ އަދިވެސް، ހަމަ ކުރީގައި އޮތް ސިޔާސީ ސަގާފަތާ އެއްގޮތަށް ކަންތައް ކުރެވެމުންދާ ތަން ފެންނާތީއެވެ. ދާދި ފަހުން ލިޔެވި ޝާއިއުކުރެވުނު ލިޔުމެއްގައި، މިހާރުގެ ރައީސަކީ ދިވެހި ބަރުލަމާނީ ހަޔާތުގެ މިހާރުގެ އެންމެ އުސް ތަނބުކަމުގައި ފާހަގަކުރެވިފައި ލިޔެވުނެވެ! އެއްވެސް، ޝައްކެއް ނެތް ގޮތުގައި، ލިޔުންތެރިޔާ މިހެން ލިޔުނީ، އެހެން ލިޔަން، މަޖުބޫރުކުރެވިގެންނެއް ނޫނެވެ. ކުރިން އިޝާރަތް ކޮށްލި، އަޅުގަނޑުމެންގެ ތެރޭގައި އޮތް، ބަތަލުންގެ ސަގާފަތުގެ ސަބަބުންނެވެ. އެހެން ނޫން ނަމަ، އަދުގެ ރައީސަށް އެފަދަ މަތިވެރި ލަގަބެއް ދިނުން ހައްގުވާ ރަނގަޅު ސަބަބެއް، ހެއްކާއެކު ލިޔުންތެރިޔާ ބަޔާން ކުރީހެވެ. އެ ލަގަބު، ރައީސަށް އެރުވުމުގެ ހަމަ އެކަނި ސަބަބަކަށް ލިޔުންތެރިޔާ ފާހަގަކުރަނީ ދިގު މުއްދަތެއްގައި މަޖުލިހުގައި މެންބަރަކަށް އިންނެވުމެވެ. އެތަނަށް މެންބަރަކަށް ހޮވި ވަޑައިގަތީ ކިހިނެއްކަމާއި އެތަނުގައި އިންނަވައިގެން، ގައުމަށް ފައިދާކުރާނޭ ގޮތެއްގައި ކުރެއްވީ ކޮންކަމެއްކަން، ލިޔުންތެރިޔާއަކަށް ފާހަގައެއް ނުކޮށްދެވެއެވެ. ގިނަ ދުވަހު، ތަނެއްގައި، ކަމެއް ނުކޮށް ވިޔަސް، ދެމިހުރުމަކީ، މަތިވެރިކަމަކަށްވާ ނަމަ، މަޖުލިހުގެ ފާރުތަކާއި ކޮންކުރީޓު ތަނބުތަކަކީ ވެސް އެފަދަ މަތިވެރި ލަގަބުތައް ހައްގުވާ ތަކެއްޗަށް ވީހެވެ! މިވާހަކަ ނަންގަނެލުމުގެ ބޭނުނަކީ، ގައުމުގެ ކަންކަން އިސްލާހުވާނީ، މިފަދަ ބަތަލުން ނޫފައްދައި، ކަންކަމާ ދޭތެރޭ، އިންސާފުވެރި ކަމާއެކު، ފާޑުކިޔުމުގެ ނަޒަރުން ބަލަން ދަސްކުރެވިގެންނޭ ބުނުމެވެ. އަދި، މިގޮތަށް މަސައްކަތްކުރެވި، އަޅުގަނޑުމެންގެ ސިޔާސީ ސަގާފަތް ބަދަލުކުރެވިގެނޭ ވެސް ބުނުމެވެ.

ހަމަ އެހެންމެ، އާންމު ރައްޔިތުންގެ ވިސްނުން ވެސް ބަދަލުކޮށް، ބިނާކުރަނިވި ފިކުރުގެ މައްޗަށް އެކުލެވޭ ސިޔާސީ ސަގާފަތެއް ވެސް އުފެއްދިގެން ފާހަގަކުރުމެވެ. އެހެން ވުމުން، އަޅުގަނޑުމެންގެ ސިޔާސީ ގުޅުންތައް ބިނާވެފައި އޮންނާނީ ނަފުރަތާއި ފަނާކުރުވަނިވި ގުޅުމުގެ މައްޗަކަށް ނޫނެވެ. އަޅާލުމާއި ބިނާކުރުވަނިވި ފިކުރުގެ މައްޗަށެވެ. ކަންކަމާ ދޭތެރޭ ވިސްނާފިކުރުކޮށް، ކަންކަން ކުރިއަށް ގެންދިޔުމަށް ޓަކައި އެކުލަވާލެވޭ ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ނަޒަރު ހިންގައި، އެކަމުގެ ރަނގަޅު ނުރަނގަޅުގެ މައްޗަށް ބެލިގެންނެވެ. އަދި، ފޯރުންތެރިކަން ތަންދޭ މިންވަރަކުން، އެ ސިޔާސަތުތަކަށް އަމަލީ ސިފަގެނެވޭނީ ކިހިނެއްތޯ ވެސް ބެލިގެންނެވެ. އިސްކަންދޭންވީ ކަންކަން ފާހަގަކޮށް އެކަންކަމަށް އިސްކަން ދެވިފައިވޭތޯ ވެސް ބެލިގެންނެވެ. ދެއްކުންތެރިކަމާއި އިސްރާފުގެ މަގުން އެއްކިބާވެތިބިތޯ ވެސް ބެލިގެންނެވެ. އަމިއްލަ ނުރަނގަޅު ގޮތްތައް ރަނގަޅުކުރުމަށް ޓަކައި މާޒީގެ ވާހަކަތައް ދެއްކުން ހުއްޓާލައިގެންނެވެ. މާޒީގެ ވާހަކަ ދައްކަން ޖެހޭނީ މާޒީގެ ކުށްތަކުން އިބުރަތް ލިބިގަނެ، އެކުށްތަކަށް އަރައި ނުގަނެ، އެކުށްތަކާ ދުރުހެލިވުމުގެ މަގުސަދުގައެވެ. މާޒީގެ ނުރަނގަޅު ގޮތްތައް އިސްލާހުކުރުމުގެ ބޭނުމުގައެވެ. އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ކަންކަން އިސްލާހުކުރެވޭނީ އަމިއްލައަށްކަން ދެކި، އަމިއްލަ މީހުންގެ މައްޗަށް ބަރާސޯވެ ތިބެގެންކަން ވެސް ބުނެދީގެންނެވެ.

ކުރިއަށް މިއޮތީ މިކަންކަމާ މެދު، ފުންކޮށް ވިސްނައި، ރަނގަޅު ގޮތެއް ޚިޔާރު ކުރުމުގެ ފުރުސަތެއް މެދުވެރި ކުރުވާނޭ ދުވަސް ވަރެކެވެ. އެހެންވެ، ނަފުރަތުގެ ސަގާފަތް ދޫކޮށްލައި، އެންމެންގެ ފައިދާއާއި މަސްލަހަތު އިސްކޮށްގެން، ގައުމު ބިނާކުރުމުގެ އެކަށޭނަކަން ލިބިގެންވީ ބަޔަކާ ގައުމު ހިންގުމުގެ ލަގަން ހަވާލުކުރާނޭ ފުރުސަތެއް ލިބޭނޭ ދުވަސް ވަރެކެވެ. އެ ފުރުސަތު ހެޔޮ ގޮތުގައި ބޭނުންކޮށް، ޒިންމާދާރު ގޮތެއްގައި ކަންކަން ކުރުމުގެ ތައުފީގު އެންމެނަށް ވެސް މިންވަރުކުރައްވާށިއެވެ! (ނިމުނީ)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް