ދިވެހި ޢިލްމުވެރިއެއްގެ ޚިދުމަތުގެ ކުޑަ މިންވަރެއް
އަބާ މުޙަންމަދު
ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވައިތޯއެވެ! އެއީ އާދަޔާ ޚިލާފު މޮޅު ޢިލްމުވެރިއެކެވެ. އެއީ އަގުހުރި ދިވެހި ދަރިއެކެވެ. ޑރ. ޢަބްދުލްޣަފޫރެވެ.
އާދޭހެވެ! ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެކެވެ. ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައްޔާއި ތަޢުލީމީ ތަފާތު މުއައްސަސާތަކުގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. ކުރީން ވެސް ދެންނެވި ފަދައިން އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.
ޑރ. ޢަބްދުލްޣަފޫރު މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. ނަމަވެސް އޭނާގެ ލިޔުންތެރިކަން މިހާރު ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ.
މީހުން ޚާއްޞަކޮށް ދިވެހީން ހޭލުންތެރިކުރުމަށް ޓަކައި ޚާއްޞަ އާ މަސައްކަތްޕުޅެއް މިހާރު ފައްޓަވައިފިއެވެ. އެއީ "ކީރިތި ޤުރުއާން ފަހުމުކޮށް ދެނެގަތުމަށް މަގެއް" މި މަޢުޟޫޢަށް އޮންލައިނުކޮށް ހިންގަވާ ޚާއްޞަ ކިލާހެކެވެ. މި ކިލާހުގައި ދެއްވާ ދަރުސް މި ފަހަރު ބިނާކުރައްވަނީ ކީރިތި ޤުރުއާނުގެ މައްޗަށެވެ.
އަޅުގަނޑުމެން ގިނަ މީހުން ޤުރުއާނަށް ލޯބިކުރެއެވެ. އިޙުތިރާމްކުރެއެވެ. ޤުރުއާން ކިޔަވައެވެ. ކިޔަވައިދެއެވެ. އެއީ ސަވާބު ލިބެނިވި އަޅުކަމެއްކަމަށް ގަބޫލު ވެސް ކުރެއެވެ. ނަމަވެސް އެއީ މުޅި ދިރިއުޅުމުގެ މަންހަޖުކަން ދަންނަނީ، އެއީ އަޅުގަނޑުމެން ޢަމަލުކުރާން އޮތް މެނުއަލްކަން ހަނދާންހުންނަނީ މަދު މީހެކެވެ. އެހެންކަމުން ޑރ. ޢަބްދުލް ޣަފޫރުގެ މި ޢިލްމީ ދަރުސްގައި މި ބައިތަކަށް މީހުން ހޭލުންތެރިކުރުން ހިމެނޭކަމަށް އަޅުގަނޑަށް އެނގިފައި ވެއެވެ.
މާލޭ ގަޑިން ހަވީރު 4:30 އެހާ ކަންހާ އިރު އޮންނަ މި ދަރުސްގައި އެކި ދުވަސްމަތީން މި ފަހަރު އަލިއަޅުވައިލައްވާނެ މަޢުޟޫޢުތައްކަމަށް އަޅުގަނޑަށް އެނގިފައިވަނީ؛ ހަގީގަތުގައި ކީރިތި ޤުރުއާނަކީ ކޮބައިކަމާއި، ދުނިޔޭގައި އުފެދުނުނު އެންމެ މުހިންމު އެންމެ ކުރިއަރައި ދިޔަ ޙަޟާރަތުގެ އަސާސަކީ ކީރިތި ޤުރުއާންކަމާއި، އަދުގެ މުސްލިމުންގެ ޙާލަތާއި، މުސްލިމުންގެ އަތްމަތީގައި މިއަދު ވެސް ކީރިތި ޤުރުއާން އޮތް އިރު، އެ ޙާލަތަށް ބަދަލު ނައިސް މި އޮތީ ކީއްވެގެންކަމާއި، ކީރިތި ޤުރުއާނުގެ ތަޢުލީމާތުގެ ތެރެއިން ފަރުދީ ބަޔާއި މުޖުތަމަޢީ ބަޔަކީ ކޮބައިކަމާއި، ކީރިތި ޤުރުއާން ބާވައިލެއްވުނު ދުނިޔެއާއި އެ ދުވަސްވަރުގެ ދީނީ ޙާލަތާއި ޢަރަބި ކަރައާއި ޢަރަބީންގެ ތަފުޞީލުތަކުގެ މައްޗަށެވެ. އަދި ކީރިތި ރަސޫލާގެ ރިސާލަތާއި އޭގެ ތެރެއިން މައްކީ މަރުޙަލާގެ ރިސާލަތުގެ އަމާޒަކީ ކޮބައިކަމާއި މަދަނީ ބައިގެ އަމާޒަކީ ކޮބައިކަމާއި، އެ ކަލޭގެ ފާނުގެ ސީރަތާއި މި ބާވަތުގެ މައުލޫޢުތަކަށް ވަރަށް ތަފުޞީލު ގޮތެއްގައި އަޅުއަޅުއްވައިލައްވާނެކަމަށް އެނގިފައިވެއެވެ.
ފަރަގު މީޑިއާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކިލާހުގެ ފުރަތަމަ ދަރުސް އިއްޔެ ފެށިއްޖެއެވެ. ނަމަވެސް މި ކިލާހުގައި ބައިވެރިވާން ސީދާ ހަދާން ޖެހޭ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. މާފުކުރެއްވުން އެދެމެވެ. އަޅުގަނޑު ވެސް މި މަސައްކަތްކުރަނީ މި ކުލާހުގައި މިއަދު ބައިވެރިވެވޭތޯއެވެ.
ކޮންމެއަކަސް އަޅުގަނޑު މިއަދު މި ފާހަގަކޮށްލާން ބޭނުންވީ، ރާއްޖޭން ބޭރުގައި ދިރިއުޅުއްވަމުން ވެސް ދިވެހި މުޖުތަމަޢަށް އާދަޔާ ޚިލާފު ޚިދުމަތްތަކެއް ކުރައްވާ ދިވެހި ދަރީން އުޅޭކަމާއި އޭގެތެރެއިން ވެސް ޑރ. ޢަބްދުލްޣަފޫރަކީ ދިވެހީން ފަޚުރުވެރިވާ ފަދަ ޢިލްމީ ޚިދުމަތްތެރިއެއްކަމެވެ.
މާތް ﷲ އެ މާތް ޢިލްމުވެރިޔާގެ ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ! އަދި އެނާއަށް ފުރިހަމަ ޞިއްޙަތާއި ދިގު ޢުމުރުފުޅެއް ދެއްވާށިއެވެ! އަދި އޭނާގެ މި މަތިވެރި ޢިލްމީ ޚިދުމަތުގެ ސަބަބުން ދިވެހީންނަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް އެންމެހައި މުސްލިމުންނަށް ފައިދާތަކެއް ލިބުމުގެ މަގު ފަހިކުރައްވާށިއެވެ! އާމީން!