Advertisement

ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ (1)

08 Aug 2024 | 15:44
އިސްޕޭނުގެ 1936ގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރުގެ މަންޒަރެއް.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ބައެއް ލިޔުންތެރީން ފާހަގަކުރައްވާ ގޮތުގައި، ގައުމެއްގެ ތަރައްގީގެ ހަޔާތުގައި ތަފާތު އެކި މަރުޙަލާތައް ކަޑައްތުކުރާން ޖެހެއެވެ. ބަތަލުންގެ ދައުރުގެ މަރުހަލާއެވެ. މި މަރުހަލާގައި ގައުމުގައި ކުރެވޭ ހުރިހައި ރަނގަޅުކަމަކާއި ލިބޭ ހުރިހައި ކާމިޔާބީތަކެއް ނިސްބަތްކުރެވެނީ އެ ވަގުތު ގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ، ގައުމުގައި ހިންގައި ހުރިހައި ނުރަނގަޅު ކަމަކާއި ގައުމަށް ލިބޭ ނާކާމިޔާބީއެއް ވެސް އެވަގުތު ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވެއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލައިލި ކަމުގައި ވިޔަސް، ރާއްޖޭގެ ތަރައްގީގެ ހަޔާތުގައި ވެސް މި މަރުހަލާ ކަޑައްތުކުރަމުން ދާތަން ފެނެއެވެ. ރައީސް މުހައްމަދު އަމީނުގެ ދައުރުގައްޔާއި ރައީސް ނާސިރުގެ ދައުރުގައެވެ. އަދި ރައީސް މައުމޫނުގެ ދައުރުގައި ވެސް މެއެވެ. އަދި މިހާރު ވެސް މި މަންޒަރު ފެނެއެވެ. މިސާލަކަށް ވެރިކަމަށް މިހާރު އަންނަން އޮންނަނީ، މައިގަނޑު ގޮތެއްގައި، ޕާޓީއެއް މެދުވެރިކޮށް ކަމަށް ވެފައި، ވޭތިވެ ދިޔަ ފަނަވަރަކަށް އަހަރު، ވެރިކަން ކުރަނީ ޕާޓީއެއްގެ ނަމުގައިކަމަށް ވިޔަސް، ކަންކަން ގޯސްވެގެން ދިޔުމުން، ނުވަތަ ކަންކަން ގޯސްވެގެންދާކަމަށް ބެލެވުމުން، އެ ގޮތަށް ދެކޭ މީހުން ގޯސްކުރަނީ ޕާޓީއެއް ނޫނެވެ. ޕާޓީގެ ސިޔާސަތުގެ ދޯހަޅި ވާހަކައެއް ނޫނެވެ. ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ފަދަ ސިޔާސަތުތަކެއް ކަނޑައަޅައިލައި ހިންގައިލާން ޕާޓީ ނުކުޅެދިފައިވާ ވާހަކައެއް ނޫނެވެ. އެ ހުރިހައި ކަމެއް ވެސް އެޅެނީ ވެރިޔާ އިސްތަށިފުޅުގައި އެކަންޏެވެ. އާދޭހެވެ! މިހާރު ވެސް ހަމަ ފެންނަނީ ބަތަލުންގެ ދައުރެވެ. ހުރިހައި ރަނގަޅަކާއި ގޯހެއް ވެސް ވެރިޔާގެ ބޮލުގައި އަޅުވައިލެވޭ މަންޒަރެވެ.

ކޮންމެއަކަސް، ވަކީން ޚާއްސަކޮށް، މާޒީއަށް ބަލައިލާ އިރު، ބަތަލުންގެ ވެރިކަމުގެ ދައުރުތަކުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނަމަ، އެ ކަމުގެ ރީތި ނަން ލިބެނީ ވެރިޔާއަށެވެ. އަދި، ވެރިކަމުގައި ވެރިޔާ ހުންނަވާހައި ދުވަހަކު، އެއްވެސް ކަހަލަ ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލުމެއް ނެތި، ވެރިޔާއަށް ތައުރީފުގެ ބަސްތައް އިއްވައި، ޚުޝާމަދުގެ ގުލްދަޝްތާތައް އޭނާގެ ކަރުފުޅަށް އުކެއެވެ. ހަމަ އެހެންމެ، ގައުމާ ކުރިމަތިވެފައި އޮންނަ ހުރިހައި ނުރަނގަޅު ކަމެއް، ވެރިޔާ ވެރިކަމުން ވަކިވެ ވަޑައިގަތުމުން،  އޭނާގެ އިސްތަށިފުޅުގައި އަޅުވައި، އޭނާއަށް، ހަޑިހުތުރު ބަސްތައް ރައްދުކުރެވެއެވެ. ކުރިއެކޭ އެއްފަދައިން، އެއްވެސް ކަހަލަ، ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލެވިގެންނެއް ނޫނެވެ. އާދޭހެވެ! ތަރައްގީގެ ބަތަލުންގެ މަރުހަލާގައި، ވެރިޔާ ވެރިކަމުގައި ހުންނަވާ އިރު، ގައުމުތަކުގެ މުވާތިނުން ދަންނަ ގައުމީ ޚިދުމަތަކަށް ވެފައި އޮންނަނީ، ދިވެހި ލިޔުންތެރިޔަކު އިބާރާތްކުރައްވައިފައިވާ ފަދައިން، ވެރިޔާއަށް 'ލީޑަރު ތަސްބީހަ ކިޔައި' އޭނާއަށް ތައުރީފުގެ ބަސްތައް އިއްވުމެވެ. އަދި އޭނާގެ ވެރިކަން ނެތި ދިޔުމުން، އޭނައާ ދިމާއަށް ހަޑިހުތުރު އެއްޗެހި ކިޔައި 'މަހާނަމައްޗަށް މަޑިޔަށް ޖެހުމެވެ.'

މި ކަން މިހެން ދިމާވާން ޖެހޭ ސަބަބަކީ ކޮބައިކަމުގެ މައްޗަށް، ތަފުސީލީ ގޮތެއްގައި ބަލައިލުމަކީ، މި ލިޔުމުގެ މަގުސަދެއް ނޫނެވެ. ނަމަވެސް، މި ކަމާ ބެހޭ ގޮތުން ކުޑަ އެއްޗެއް ލިޔެލައިފައި ފުއްދައިލާނަމެވެ.

މި ކަމުގެ ސަބަބު ގުޅެނީ، މައިގަނޑު ގޮތެއްގައި، ވެރިކަމުގެ ނިޒާމަކީ ވަރުގަދަ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމަކަށްވެފައި އޮތުމާއެވެ. އެއްވެސް ސިފައެއްގައި، މިނިވަންކަމާ އެކު، ގައުމީ މައްސަލަތަކާ މެދު، ފާޑުކިޔުމުގެ ނަޒަރަކުން ބަލައި، އެއްޗެއް ބުނުން މަނާކުރެވިފައި އޮތުމާއެވެ. މި ކަމުގެ ސަބަބުން، ގައުމިއްޔަތެއް ހުރި، ގައުމުދެކެ ލޯބިވާ ހޭލުންތެރި، މުވާތިނުންތަކެއް އުފެދިފައި ނެތުމުން ވެސް މެއެވެ. މިހެންވެ، ވެރިޔާއަކީ، ހުރިހައި ގޮތަކުން ވެސް، ގައުމުގައި އެ ވަގުތު ހުންނެވި އެންމެ 'މޮޅު'، އެންމެ 'ހިކުމަތްތެރި' ހުރިހައި ކަމެއް ވެސް 'އެންމެ މޮޅަށް އެނގިވަޑައިގަންނަވާ' ބޭފުޅާ ކަމުގައި ބެލެވެނީއެވެ. އަދި، މި ކަން، ވަރަށް ގިނަ ފަހަރު، ޚުދް ވެރިޔާއަށް ވެސް ގަބޫލުފުޅު ކުރެއްވެނީއެވެ.

މި މަންޒަރު، ޚާއްސަ ގޮތެއްގައި، ރައީސް އަމީން ދީދީގެ ދައުރުގައްޔާއި، އަދި ފަހުން، ރައީސް މައުމޫނުގެ ދައުރުގައި ވެސް ފެނިފައި ވެއެވެ. މިސާލެއް ލިޔެލާނަމެވެ. 1978ގައި ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތްތާ މާ ގިނަދުވަހެއް ނުވެ، މަޖީދިއްޔާ އިސްކޫލު ހޯލުގައި އޮތް ޖަލްސާއެއްގައި މަރުހޫމު ޝިހާބު ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫނަށް ތައުރީފުކުރައްވައި، ރައީސް މައުމޫނަކީ އެވަގުތު ރާއްޖޭގައި ހުންނެވި 'އެންމެ ބޮޑު އިލްމުވެރިޔާ'ކަމުގައި ވިދާޅުވިއެވެ. ދެން ޖެހިގެން އައި ދުވަހު، ހަވީރު ދުވަހު ނޫހުގެ މައި ސުރުޚީއަކަށް އޮތީ ރައީސް މައުމޫނަކީ ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާކަމުގެ ވާހަކައެވެ. އަދި، އާންމު މުވާތިނުން، ހިތުގެ އަޑިން، މި ކަން ގަބޫލު ވެސް ކުރިއެވެ. ނަތީޖާއަކަށްވީ، ވިދިގެން ދެން އައި ތިރީހަކަށް އަހަރު، މި ކަން އޮތީ، ގަލުގައި ކަނޑައިނަގައި ލިޔެވިފައި އޮތް ފަދަ، ބަދަލުވެގެން ނުދާނޭ ހަގީގަތެއްގެ ގޮތެއްގައެވެ! 1978ގެ ކުރީގައި ވެސް ރައީސް މައުމޫނު ރާއްޖޭގައި އުޅުއްވިއެވެ. ނަމަވެސް، ރައީސްކަމަށް އިންތީޚާބު ކުރެވުމުގެ ކުރިން، އެ ފަދަ ލަގަބެއް އެ މަނިކުފާނަކަށް އެރުވިފައި ނުވެއެވެ!!

ތަރައްގީގެ މަގުގައި، ގައުމުތައް ކަޑައްތުކުރާ މަރުހަލާތަކުގެ ތެރޭގައި، ބަތަލުންގެ ދައުރާ ގުޅިފައި އޮންނަ އެހެން ދައުރެއް ވެސް އޮވެއެވެ. ނަފުރަތުގެ މައްޗަށް ބިނާވާ ގުޅުންތަކާއި އިއްތިހާދުތައް އުފައްދާ ދައުރެވެ. ޚާއްސަ ގޮތެއްގައި، އިހުގައި އޮތް މުސްކުޅި ނިޒާމަކުން، އާ ނިޒާމަކާ ދިމާއަށް ގައުމުގެ ސިޔާސީ ނައު ދަތުރުކުރަމުންދާ އިރުއެވެ. މި ލިޔުމުގައި އަލިއަޅުވައިލާން ގަސްތުކުރަނީ މި ކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ، މީގެ މިސާލެއް، ދުނިޔޭގެ ތާރީޚުން ލިޔެލާނަމެވެ. މި ފަދަ ވަރަށް ރަނގަޅު މިސާލެއް، 1930ގެ އަހަރުތަކުގެ ތެރޭގައި އިސްޕޭނުން ފެނިފައި ވެއެވެ.

1931ގައި، އިސްޕޭނުގައި އޮތް ރަސްކަން، ނިމުމަކަށް އައެވެ. ދެން، ވާތުފިޔައިގެ ސިޔާސަތުގެ ލީޑަރެއްކަމުގައި ހިމެނިވެވަޑައިގެންނެވި ޑރ. މެނުއަލް އަޒާންޏާގެ ޒައާމަތުގެ ދަށުގައި ޖުމްހޫރީ ސަރުކާރެއް ގާއިމުކުރެވުނެވެ. ވާތުފިޔައިގެ ސިޔާސަތޭ މިތާ މިނަންގަނެވެނީ އިހުގެ އާދަކާދަތަކާއި ދުރައްޖެހި، ގައުމީ މުއްސަނދިކަން، އާންމުންގެ މެދުގައި އަދުލުވެރި ގޮތެއްގައި ބެހުމުގެ ފިކުރުގެ ސިޔާސަތަށެވެ. މި ކަން ކުރާނީ ކިހިނެތް ކަމާ މެދު، ވާތުފިޔައިގެ ސިޔާސަތުގެ މީހުންގެ މެދުގައިވެސް ޚިޔާލު ތަފާތެވެ. ވާތުފިޔައިގެ އެއްކޮޅުގެ އަރިމަތީގައި ތިބީ ކޮމިޔުނިސްޓު ފިކުރުގެ މީހުންނެވެ. ހުރިހައި މުދަލަކީ ދައުލަތުގެ އެއްޗެއް ކަމަށް ބަލައި، އުފެއްދުންތެރިކަމުގެ ލަގަން، ސީދާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ ފިކުރުގެ މީހުންނެވެ. ވާތުފިޔައިގެ އަނެއްކޮޅުގެ އަރިމަތީގައި ތިބީ، ކޮމިޔުނިސްޓު ފިކުރުގެ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރާން ބޭނުންނުވި ކަމުގައި ވިޔަސް، ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި، އެންމެންގެ މެދުގައި ބެހި، އެ ކަން އެންމެނަށް ހިއްސާކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ ފިކުރުގެ މީހުންނެވެ. ޑރ. އަޒާންޏާ ހިމެނިވަޑައިގަތީ ވާތު ފިޔައިގެ ސިޔާސީ ފިކުރުގެ ދެކޮޅުގެ މެދުގައި ހުންނެވި ޒައީމަކަށެވެ.

ޑރ. އަޒާންޏާގެ ވެރިކަމުގައި ހިންގައިލެވުނު އިސްލާހީ ޕުރޮގުރާމުގެ ސަބަބުން ވާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންގެ ކިބައިންނާއި އަދި ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންގެ ކިބައިންވެސް ޑރ. އަޒާންޏާއާ ދެކޮޅުވެރިކަން ކުރިމަތިވިއެވެ. ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންނޭ ބުނެ އިޝާރަތްކުރެވެނީ ގައުމުގައި ކުރިން ވެސް ކަންކަން އޮތް ގޮތަށް ކަންކަން ބާއްވައި އިހުގެ ގޮތް ދަމަހައްޓާން ބޭނުންވި މީހުންނަށެވެ. މިސާލަކަށް މަދު އާއިލާތަކެއްގެ މިލްކުވެރިކަމުގެ ދަށުގައި ދަނޑުވެރި ބިންތައް ހަމަޖެހިފައި އޮންނަ އޮތުން ބަދަލުކުރާން ބޭނުން ނުވާ މީހުންނެވެ. މި ކަން އިތުރަށް ސާފުވެ ދިޔުމަށް ޓަކައި، ރާއްޖޭގެ ރިސޯޓުތައް، މަދު ބައެއްގެ އަތްމަތީ އޮންނަ އޮތުން ބަޔަކު ބަދަލުކޮށްލާން އުޅެފި ނަމަ، މިހާރު ވެސް އެރިސޯޓުތައް، އެ އޮންނަ ގޮތުގައި އޮތުމުން ފައިދާތައް ލިބޭ މީހުންގެ ރައްދު ފިއުލު (ރިއެކްޝަން) ހިތަށް ގެންނާށެވެ. މީގެ އިތުރަށް، ކަނީސާގެ (ޗާޗުގެ) ބާރުގެ ދަށުގައި އޮތް ތައުލީމުގެ ކަންތައް ހިންގުމާއި ކައިވެނިކޮށްދިނުމުގެ ބާރު ވެސް ކަނީސާ އަތުން ނިގުޅައިގަތުން، ޑރ. އަޒާންޏާގެ އިސްލާހީ ޕުރޮގްރާމު ތެރޭގައި ހިމެނުނެވެ. މި ސަބަބުތަކައްޓަކައި ކަނާތު ފިޔައިގެ ސިޔާސީ ފިކުރުގެ މީހުން، ޑރ. އަޒާންޏާއާ ދެކޮޅުވެރިވިއެވެ. މީގެ އިތުރަށް، ވާތުފިޔައިގެ ފިކުރުގެ އަރިމަތީގައި ތިބި، ވާތުފިޔައިގެ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ވެސް ޑރ. އަޒާންޏާއާ ދެކޮޅުވެރިވިއެވެ. އެ މީހުންގެ ނަޒަރުގައި، ޑރ. މެނުއަލް އަޒާންޏާގެ އިސްލާހީ ޕުރޮގުރާމު، އެ މީހުން ބޭނުންވާހައި ގާތަށް ވެސް ނުގެންދެވެއެވެ.

ސިޔާސީ ފިކުރުގެ ދެފިޔައިގެ މީހުންވެސް ޑރ. އަޒާންޏާއާ ދެކޮޅު ހެދުމުގެ ނަތީޖާއަކަށްވީ 1933ގައި އިސްޕޭނުގައި އޮތް ރިޔާސީ އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް ބަލިވެ، އަޒާންޏާގެ ސަރުކާރު ވެއްޓުމެވެ. އަދި އޭގެ ބަދަލުގައި ކަނާތު ފިޔައިގެ ސަރުކާރެއް ވެރިކަމަށް އައުމެވެ. ދެން، އަލަށް ގާއިމުވި ސަރުކާރުގެ ފަރާތުން، ޑރ. އަޒާންޏާ ގެންނެވި އިސްލާހުތައް އުވައިލައި، ކުރިން ވެސް އޮތް ގޮތަށް ކަންތައްތައް ބަދަލުކޮށްލިއެވެ.

1933ގެ އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް ބަލިވީ، އެ މީހުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުމާއި ބައިބައިވުމުގެ ސަބަބުންކަން ފާހަގަކޮށް، މި ޕާޓީތައް ނިންމީ ދެން އޮންނަ އިންތިޚާބެއްގައި އެންމެ އެކުވެ، އިއްތިހާދެއް އުފެއްދުމަށެވެ. ކަނާތު ފިޔައިގެ ޕާޓީ ބަލިކޮށް، އެމީހުން ވެރިކަމުން ދުރުކުރުމަށެވެ. ދެން، 1936ގައި އޮތް އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް އެކުވެ، އިއްތިހާދެއް އުފެއްދިއެވެ. އަދި، މިއިއްތިހާދު، 1936ގެ އާންމު އިންތިޚާބު ކާމިޔާބުކުރިއެވެ. ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އިއްތިހާދުގައި ހިމެނުނު ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، އިސްޕޭނަށް، ސިޔާސީ ހަމަޖެހުން ގެނެވޭނޭ ގޮތެއް ނުހެދުނެވެ. ނަތީޖާއަކަށްވީ، ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ ބައެއް އަސްކަރީން، ސަރުކާރާ ދެކޮޅަށް ނުކުމެ ބަޣާވާތްކުރުމެވެ. އަދި، މަދަނީ ހަނގުރާމައެއްގެ ތެރެއަށް، މުޅި ގައުމު ވެއްޓިގެން ދިޔުމެވެ.

މި ހިސާބުން، ކުޑަކޮށް މަޑުޖައްސައިލައި، ވިސްނައިލުމުގެ ނަޒަރެއް ހިންގައިލާން ޖެހެއެވެ. ވާތުފިޔައިގެ އިއްތިހާދުން 1936ގައި އިންތިޚާބު ކާމިޔާބުކުރުމަށް ފަހު، ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން ނުގެނެވުނީ ކީއްވެގެން ކަމާ މެދު ފިކުރުކޮށްލުމަށް ޓަކައެވެ. މި ކަން މިހެން ދިމާވީ، ވާތު ފިޔައިގެ ޕާޓީތަކުގެ ސިޔާސަތުތައް ތަފާތުވުމެވެ. އޭގެ ތެރޭގައި، ކުރިން ބުނިހެން، ކޮމިޔުނިސްޓު ފިކުރުގެ މީހުން ހިމެނެއެވެ. އަދި، މި ފިކުރުގެ އެކި ދަރަޖަތަކުގެ މީހުން ހިމެނެއެވެ. ކޮމިޔުނިސްޓު ހަރުކަށި ފިކުރާއި، އޭގެ މެދުމިނުގެ ފިކުރުގެ މީހުންނެވެ. އަދި، ދައުލަތަކާއި ވަކި ޒައީމެއް އޮތުން ބޭނުން ނުވާ، އެނާކިސްޓު ފިކުރުގެ މީހުން ވެސް މި ބައިގައި ހިމެނެއެވެ. މި ފިކުރުގެ ވެސް، ތަފާތު ދަރަޖަތަކުގެ ޕާޓީތައް ހިމެނުނެވެ. ތެލާއި ފެނާއި އެކުނުވާނޭ ފަދައިން، އިއްތިހާދުވެ، އެކުނުވާނޭ މި ޕާޓީތަކުގެ މެދުގައި އިއްތިހާދެއް އުފެދޭން ދިމާވީ ހަމަ އެންމެ ސަބަބެކެވެ. ކަނާތުފިޔައިގެ ވެރިކަމެއް އޮތުން ހުއްޓުވުމެވެ. އާދޭހެވެ! ވާތުފިޔައިގެ މި ޕާޓީތައް އެއްވެ، އިއްތިހާދުވުން ބިނާވީ ނަފުރަތުގެ މައްޗަށެވެ. ކަނާތު ފިޔައިގެ ސިޔާސީ ފިކުރަށް އެ މީހުން ކުރި ނަފުރަތެވެ. އެހެންވެ، ވާތުފިޔައިގެ މީހުންނަށް ކާމިޔާބު ލިބުމުން، އެ މީހުންގެ މެދުގައި އޮތް ގުޅުން ނެތި ދިޔައެވެ. އެމީހުން އެއްކުރުވައި ބަނދެލި ވާ ފަށް، ކަނާތުފިޔައިގެ މީހުންނަށް ކުރި ނަފުރަތު، ނެތި ދިޔުމުންނެވެ. ދެން، އިއްތިހާދުގައި އެކުލެވުނު ވާތު ފިޔައިގެ ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، ގައުމާއިގެން ކުރިއަށް ދާނޭ ގޮތެއް ހޯދުމުގެ މަސައްކަތް ނުކުރެވުނީއެވެ. މުހިންމު ކަމަކަށްވީ ކޮންމެ ބަޔެއް ވެސް އެ ބަޔެއްގެ ގޮތް ހިންގައިލާން މަސައްކަތްކުރުމެވެ. ގައުމުގެ މަސްލަހަތު އިސްކޮށްގެން، އާންމު ރައްޔިތުންގެ ލާބައާއި ފައިދާއަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރުމެއް ނޫނެވެ.

މި ކަމުގެ ސަބަބުން، އިސްޕޭނަށް ސިޔާސީ ހަމަޖެހުން ނުލިބި، ސިޔާސަތުގެ ތެރެއަށް އަސްކަރީ ބާރުތައް ވަންނާން ދިމާވީއެވެ. އަދި، 1936ގައި މަދަނީ ހަނގުރާމައެއް އިސްޕޭނުގައި ފެށުނީއެވެ. 1939އާ ހަމައަށް، މި ހަނގުރާމަ ދެމިގެންދިޔައެވެ. ހަނގުރާމަ ނިމުނީ ކަނާތުފިޔައިގެ ގައުމިއްޔަތުގެ މީހުންނަށް ކާމިޔާބު ލިބިގެންނެވެ. ދެން، މިބައި މީހުންގެ ލީޑަރު، ޖެނެރަލް ފުރެންސިސްކޯ ފުރެންކޯގެ އިސްތިބްދާދީ ވެރިކަން ގާއިމުވިއެވެ. 1975ގައި، ޖެނެރަލް ފުރެންކޯ އަވަހާރަވުމަށް ދާންދެން މި ވެރިކަން ދެމިއޮތެވެ. ވެރިކަމުގެ ނިޒާމުއޮތީ އިސްތިބްދާދީ ސިފައެއްގައެވެ. އިދިކޮޅު ސިޔާސީ ވެރީން މަރައި ނުވަތަ ހައްޔަރުކޮށް ނެތިކޮށްލެވުނެވެ. ނަމަވެސް، ނަވާރަ ސަތޭކަ ފަންސާހުގެ ފަހުގެ އަހަރުތަކުގައި ސިޔާސީ ވެރީންގެ ބަދަލުގައި، އިލްމީ ގާބިލު މީހުންތަކެއް، އެކިއެކި ވުޒާރާތަކަށް އިސްކުރުމުގެ ނަތީޖާއަކަށްވީ ޖެނެރަލް ފުރެންކޯގެ އިސްތިބްދާދީ ވެރިކަމުގެ ދަށުގައި، އިގުތިސާދީ މުއުޖިޒާތެއްގެ ނަންދެވޭ އިގުތިސާދީ ކުރިއެރުމެއް އިސްޕޭނު ހޯދުމެވެ. ގައުމުން ފަގީރުކަން ނައްތައިލައި، ސިނާއީ ގޮތުން ގައުމު ކުރިއަރައި، ދުނިޔޭގެ ކުރިއަރައިފައިވާ އިގުތިސާދުތަކުގެ ތެރޭގައި އިސްޕޭނުގެ އިގުތިސާދު، ހިމެނޭން މެދުވެރިވުމުގެ މަގުފަހިވެގެން ދިޔުމެވެ.

ކޮންމެއަކަސް، މި ތަނުގައި ފާހަގަކޮށްލާން ބޭނުންވަނީ ޖެނެރަލް ފުރެންކޯގެ ވެރިކަމުގެ ވާހަކައެއް ނޫނެވެ. މިތާނގައި ފާހަގަކޮށްލާން ބޭނުންވަނީ، 1936ގައި އިސްޕޭނުގައި، ކަނާތުފިޔައިގެ މީހުންނާ ދެކޮޅަށް އުފެދުނު، ވާތުފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވުނު އިއްތިހާދު ރޫޅުނު ސަބަބެވެ. މި އިއްތިހާދަކީ، ނަފުރަތުގެ މައްޗަށް ބިނާކުރެވުނު އިއްތިހާދަކަށް ވުމުންނެވެ.

މި ކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގައުމު ބިނާކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި އިއްތިހާދުވާން ޖެހެނީ ބިނާކުރުވަނި ފިކުރެއްގެ މައްޗަށެވެ. އެހެނީ، ނަފުތަރުގެ މައްޗަށް ނޫނީ ފަނާކުރުވަނިވި ފިކުރެއްގެ މައްޗަށް ބިނާވާ އިއްތިހާދުތައް ދާދި އަވަހަށް ރޫޅިގެންދާނެތީއެވެ. ނަފުރަތުގެ އިއްތިހާދު އަމާޒުކުރާ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެ، އެ ނަފުރަތު މެދުވެރިކޮށް ނެތިކޮށްލަން ބޭނުންވާ ބަޔަކު ނެތިކޮށްލެވުމުންނެވެ. 1936ގެ އިސްޕޭނުގެ އިންތިޚާބު، ވާތުފިޔައިގެ އިއްތިހާދަށް ކާމިޔާބުކުރެވުމުން އެމީހުންގެ މަގުސަދު ހާސިލުވިއެވެ. ކަނާތު ފިޔައިގެ މީހުން ބަލިކޮށް އެމީހުން ވެރިކަމުން ދުރުކުރެވުނެވެ. އާދޭހެވެ! އެމީހުން 'ފަނާކޮށްލެވުނެވެ.' ނަމަވެސް، ދެން، އިއްތިހާދުގެ މެދުގައި ޚިޔާލުތަފާތުވެ، ގައުމާއިގެ ކުރިއަށް ނުދެވި އިއްތިހާދު ރޫޅޭން ދިމާވީއެވެ. އަދި، މަދަނީ ހަނގުރާމައެއް ފެށޭން ވެސް ދިމާވީއެވެ. އެހެންވެ، ސިޔާސީ އިއްތިހާދުތައް ބިނާވާން ޖެހޭނީ ބިނާކުރުވަނިވި ފިކުރެއްގެ މައްޗަށެވެ. ގައުމުކުރިއަށް ގެންދާނީ ކިހިނެއްކަމާ މެދު ބަހުސްކޮށް އެ ކަމާ ގުޅޭ ގޮތުން އެކުލަވާލެވޭ ބިނާކުރުވަނިވި ސިޔާސަތުތަކާ މެދު އެއްބަސްވުމަކާ ހަމައަށް އާދެވިގެންނެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް