Advertisement

ފަރަގު އެކެޑަމީ ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ. ވަރަށް ބޮޑު ފަރަގެއް ފެނުނެވެ.

07 Aug 2024 | 08:00
ފަރަގު އެކެޑަމީއަށް ވަންނަ ދޮރު

އަބާ މުޙަންމަދު

ފަރަގު މީޑިއާއަށް އެނގިފައިވާ ގޮތުގައި ރޭ 8:30ގައި ފަރަގު އެކެޑަމީގެ ނަމުގައި ޚާއްޞަ އެކެޑަމީއެއް ވުޖޫދަށް އަތުވެއްޖެއެވެ. މި އެކެޑަމީއަކީ ދަރިވަރުންނާއި މުޖުތަމަޢުގެ އެހެން އަފުރާދުންގެ ކިބައިގައި ހުންނަ ހުނަރު އިތުރުކޮށްދިނުމަށާއި (އަޕް-ސްކިލް) އަލުން ހުނަރުވެރި (ރީ-ސްކިލް) ކޮށްދިނުމަށް ޓަކައި ފުޅާ ދާއިރާއެއްގައި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ނިޔަތުގައި އުފެއްދި އެކެޑަމީއެވެ. މި އެކެޑަމީއިން ބަހާއި އަދަބާއި ފަންނާއި ތަފާތު ހުނަރުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާނެކަމަށް ފަރަގު އެކެޑަމީގެ މެނެޖިންގ ޑިރެކްޓަރ އަޙުމަދު ޝުއާޒު ވިދާޅުވިއެވެ.

ފަރަގު އެކެޑަމީ އިފްތިތާޙުކުރުމަށް ޓަކައި ބޭއްވި އިޙުތިފާލު، އެހެން މި ފަދަ ތަންތަން އިފުތިތާޙުކުރުމަށް ޓަކައި ބާއްވާ އިޙުތިފާލުތަކާވަރަށް ތަފާތެވެ. އާދަކާދައިގެ މަތީން ދޮރުގައި ދަމައިގައިވާ ފީތާފަށް ކެނޑުން އޮތްމެއެވެ. ނަމަވެސް މި ކަން ކޮށްދެއްވީ އެއް ބޭފުޅެއްގެ ބަދަލުގައި ޚާއްޞަ ދަޢުވަތު އެރުވިގެން ވަޑައިގެން ތިއްބެވި ޚާއްޞަ ތިން މެހުމާނުންނެވެ. އެއީ ދިވެހި ދައުލަތުގެ ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވައިފައިވާ އަދި މިހާރު ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމެޓީގެ މުޤައްރިރު އޮނަރަބްލް އަލްފާޟިލް ޙަމްދޫން ޢަބްދުﷲ ޙަމީދާއި، މުދައްރިސުން ބިނާކުރެއްވުމަށް ޓަކައި ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި ޚިދުމަތްކުރައްވައިފައިވާ، އިނގިރޭސި ބަހުގެ ކޮންސަލްޓެންޓް އަދި މިހާރު ވެސް ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމެޓީގެ ނާއިބާ މުޤައްރިރު އަލްފާޟިލާ މަރްޔަމް ތައުފީޤާ ޢަބްދުއްރަޙުމާނާއި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރާން އެހެން މީހުންނަށް އުނގަންނަވައިދެއްވާން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، އަދި މިހާރު ކޮންޕިޔުޓަރުގައި މިބޭނުންކުރާ 'ފަރުމާ' ފޮންޓުގެ ފަރުމާވެރިޔާ އަދި ސަރުކާރުގެ އިދާރީ މަސައްކަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ މުޞްޠަފާ މުޙަންމަދެވެ. މީގެ އިތުރަށް ޕާކިސްތާނުގެ ތިން ބޭފުޅަކު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތްކަން ފާހަގަކުރެވުނެވެ.

ފަރަގު އެކެޑަމީގެ ފުރަތަމަ މާސްޓަރ ކިލާހުގެ ތެރެއިން...<br>

ދެން ފެނުނުނު މަންޒަރު ވަރަށް ފަރަގެވެ. ދެން ފެނުނީ ދިވެހިބަހުގެ ގަވާއިދުގެ އެންމެ ފަހުގެ އަދާހަމައިގެ މައްޗަށް ބަހުގެ މާހިރަކު ނަންގަވައިދެއްވި މާސްޓަރ ކިލާހެކެވެ. މި ކިލާހުގައި މުދައްރިބު މަޢުލޫމާތު ދެއްވީ ދިވެހިބަހުގެ އެކެޑަމީއިން އެންމެ ފަހުން އަދާހަމަކުރައްވައި ޝާއިޢުކުރައްވައިފައިވާ ދެ އުޞޫލު ނުވަތަ ދެ ހަމަ އޮޅުންފިލުވައިދެއްވުމަށް ޓަކައެވެ. އެއީ ދިވެހިބަސް ލިޔެކިޔުމުގައި ލަފުޒު ދުރުކުރާންވީ އުޞޫލާއި ތާނައިގައި ހުންނަ ނުކުތާޖެހި އަކުރުތައް ލިޔުމުގައި ބޭނުންކުރާނެ ގޮތެވެ. ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ މި ކިލާސް ނިންމައިލުމަށް ފަހު، ބައިވެރީން ކުރި ހުރިހައި ސުވާލަކަށް ޖަވާބުދެއްވުން ވެސް އޮތެވެ.

ރޭގެ ރަސްމިއްޔާތުގެ ޚާއްޞަ މެހުމާނުން: ވާތުން ކަނާތަށް (1) ތައުފީޤާ (2) ޙަމަދޫން (3) މުޞްޠަފާ<br>

އޮންލައިންކޮށް ގޫގުލް ފޯމެއް ފުރައިގެން ކުޑަ ފީއެއް ދައްކައިގެން ބައިވެރިވެވޭ ގޮތަށް އޮތް މި މާސްޓަރ ކުލާހުގައި 19 ބޭފުޅަކު ބައިވެރިވެވަޑައިގަތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ ތަފާތު ޢުމުރުފުރާގެ އަންހެނުންނާއި ފިރިހެނުންނެވެ.

ފަރަގު އެކެޑަމީގެ އިފުތިތާޙީ މާސްޓަރ ކިލާހުގައި މަޢުލޫމާތުދެއްވި ދިވެހިބަހުގެ ގަވާއިދުގެ މާހިރެއްކަމުގައިވާ އަދި ދިވެހިބަހުގެ ގަވާއިދުގެ ކޮންސަލްޓެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީގައި ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވައިފައިވާ އަދި މިހާރު ވެސް ދިވެހިބަހުގެ ބަސްކޮމެޓީގެ މެންބަރު އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. އޭނާއަކީ ފަރަގު މީޑިއާގެ ޗީފު އެގްޒެކަޓިވް އޮފިސަރު (ސީއީއޯ) ވެސް މެއެވެ.

ފަރަގު އެކެޑަމީއިން ބޭއްވި ފުރަތަމަ މާސްޓަރ ކިލާހުގައި ބައިވެރިވެވަޑައިގަތް ބައެއް ބޭފުޅުންނާ ސުވާލުކޮށްލުމުން މާސްޓަރ ކިލާހުން ވަރަށް ގިނަ މަޢުލޫމާތު ލިބުނުކަމަށާއި އިތުރު ކިތަންމެ ކަމެއް އޮޅުން ފިލިކަމަށާއި އަދިވެސް އިތުރަށް އޮޅުންފިލުވާން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވެއެވެ. ސަރުކާރުގެ އިސް ބައެއް އޮފީސްތަކުގެ މުވައްޒަފުން ވެސް ރޭގެ މާސްޓަރ ކިލާހުގައި ބައިވެރިވެވަޑައިގަތްކަމަށް ފަރަގު މީޑިއާއަށް މަޢުލޫމާތު ލިބިފައިވެއެވެ.

____________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ގިނަ ނޫސްތަކަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް