Advertisement

މިތުރުކަން: އުފައްދާން ފަސޭހަ، ދަމަހައްޓާން އުނދަގޫ ކަމެއް؟ ކީއްވެ؟

06 Aug 2024 | 06:06
މިތުރުކަން ދަމަހައްޓާން އެކުގައި ކެއުމެއްގައި ބައިވެރިވެވިދާނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެކުވެރިކަމާއި ރަޙުމަތްތެރިކަމަކީ އެއް މާނައެއްގައި ބޭނުންކޮށް އުޅޭ ދެ ލަފުޒެވެ. ރަޙުމަތްތެރިޔާގެ މާނައިގައި ވެސް "އެކުވެރިޔާ" ބޭނުންކޮށް އުޅެއެވެ. ބަސްފޮތުގައި ވެސް ހަމަ މި ދެ ލަފުޒުގެ މާނަ ބަޔާންކޮށްފައިވަނީ ވަރަށް ގުޅުވައިގެންނެވެ. އެހެންނަމަވެސް ކޮންމެ ދެ ލަފުޒެއްގައި ވެސް މާނަ، އެއް ގޮތޭ ހީވިޔަސް ކުޑަ ނަމަވެސް ތަފާތެއް ހުންނާނެއެވެ. ހުރެއެވެ.

މިއީ ބަސްވާރުން ދެކެވަޑައިގަންނަވާ ގޮތް ވެސް މެއެވެ. މި ގޮތުން ބަލާ އިރު، އެކުވެރިކަމަކީ އެކުވެގެން ނުވަތަ އެކުގައި އުޅޭ އުޅުމެވެ. ރަޙުމަތްތެރިކަމަކީ އެކަކު އަނެކެއްގެ އުފަލާއި ހިތާމައިގައި ބައިވެރިވެ ކަނކަމުގައި އެހީތެރިވެ އުޅޭ ކަމެކެވެ. އެހެންވީމާ އެކުވެރިކަމަށް ވުރެ، ރަޙުމަތްތެރިކަމުގެ ދަރަޖަ ކުޑަ ތަންކޮޅެއް އިތުރެވެ. ނަމަވެސް ރަޙުމަތްތެރިޔާއަކީ ހަމަ އެކުވެރިޔާމެއެވެ.

މިތުރުކަމަކީ ވެސް ހަމަ މި ފަދަ މާނައެއްގައި ބޭނުންކޮށް އުޅޭ ލަފުޒެކެވެ. މިތުރަކީ އެކުވެރިޔާއެވެ. ރަޙުމަތްތެރިޔާއެވެ. ނަމަވެސް "ލޯބިވެރިޔާ"ގެ މާނައިގައި ވެސް "މިތުރު" ބޭނުންކޮށް އުޅެއެވެ. (ދިވެހިބަސްފޮތް 2006). ކުރީން ވެސް ދަންނަވައިލި ފަދައިން އެއް މާނައެއް ދޭހަވާ ދެ ލަފުޒުކަމަށް އަޅުގަނޑުމެން ދެކޭ ލަފުޒުތަކަކީ ވެސް ދެ ލަފުޒެއްކަމަށް ވާ ނަމަ، މާނައިގައި ހުންނަ ކުދިކުދި ތަފާތުތައް ހުންނާނެތީއެވެ.

ކޮންމެވެސް ސަބަބަކާ ހުރެ، ދެކެފަރިތަވެ އެކުވެރިކަން އުފެދުމަކީ ދާދި ފަސޭހަކަމެކެވެ. ތާކުން ބައްދަލުވެގެން، ނުވަތަ އެކުގައި މަސައްކަތްކުރާން ޖެހުމުން ނުވަތަ ކުއްލިޔަކަށް ދިމާވާ ގޮތަކުން ތަޢާރުފުވެ، އަދި ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ، ދާދި އަވަހަށް ދެކެފަރިތަކަން އުފެދިދެއެވެ. އަދި އެ ދެކެފަރިތަކަން ރައްޓެހިކަމަށް ބަދަލުވެ ރަޙުމަތްތެރިކަމުގެ ގުޅުމަކަށް ބަދަލުވުމަކީ ދާދި ފަސޭހަ ކަމެކެވެ. އާދޭހެވެ! އެކުވެރިވުމަކީ ނުވަތަ ރަޙުމަތްތެރިކަން އުފެދުމަކީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް..... އުނދަގޫ ކަމަކީ އެ ރަޙުމަތްތެރިކަން ދެމެހެއްޓުމެވެ. "މިތުރުކަން ދެމި އޮތުމެވެ." ތަފާތު ސަބަބުތަކާހުރެއެވެ.

ރަޙުމަތްތެރިކަން ދެމި އޮންނަނީ ދެ މީހުންގެ ދެމެދުގައި ގުޅުން އޮވެގެންނެވެ. އެއީ ޖިސްމާނީ ގޮތުން ޒިޔާރަތްކޮށް ނުވަތަ ބައްދަލުވެ އުޅެގެންނެވެ. މި ޒަމާނުގައި މި ކަން އެންމެ ފަސޭހައިން  ކޮށްލެވެނީ ފޯނުގެ ޒަރީޢާއިންކަމަށް ވެސް ވެދާނެއެވެ. ނުވަތަ ފޭސްބުކުން ނުވަތަ ވައިބަރުން ވަޓުސްއެޕުން، ޓެލެގްރާމުންކަމަށް ވެސް ވެދާނެ އެވެ. މި ފަދަ އެއްވެސް ވަސީލަތަކުން ގުޅުން ނުދެމެހެއްޓިއްޖެ ނަމަ، ރަޙުމަތްތެރިކަން ހީނަރުވާން ފަށައިދެއެވެ.

ގިނަ ފަހަރަށް ޙާލު ބަލައިލުމަށް ޓަކައި ނުގުޅެނީ އަނެކާ އަވަދިނެތިކޮށް އުޅޭނެކަމަށް ހީކޮށެވެ. އަދި ކަމެއް ނެތި ހަމަ ޙާލުބަލައިލުމަށް ޓަކައި ގުޅުމަކީ އަނެކާއަށް އުނދަގޫވެދާނެ ކަމެއްކަމަށް ހީވާތީއެވެ. އެއީ ހަމަ ވަގުތު ބޭކާރުކުރުންކަމަށް ހީކުރެވޭތީއެވެ. މި ފަދަ ހީތައް ކޮންމެ މީހަކު ވެސް ކުރުމުގެ ސަބަބުން ގުޅުންތައް ހީނަރުވާން ފަށައެވެ. ގުޅުމުގެ ދޭތެރެ ދުރުވެއެވެ. ގުޅުމަށް ބުރޫއަރައެވެ.

މި ގޮތަށް ނުގުޅި ނުވަތަ ޚަބަރު ބަލައިނުލައި، ގިނަ ދުވަސްތަކެއްވުމަށް ފަހު، ދެން އަންނަނީ އެހެން މަރުޙަލާއެކެވެ. ދެ މިތުރުންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކަކު ގުޅާނެކަމަށް އިންތިޒާރުކުރެވެނީއެވެ. އެއަށް ފަހު، ދެ މީހުން ކުރެ، ކޮންމެ މީހަކު ވެސް ހިތަށް އަރަނީ ތިމަންނަ ވަކި، ކުރީން ގުޅާންވީ ކީއްކުރާންހެއްޔެވެ؟ އޭނާ ގުޅިއްޔާ ވާނީ ކީއްހެއްޔެވެ؟

މިހާ ހިސާބަށް ދިޔުމުން ދެ މީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ލޯބި ފޫހިކަމާއި ނަފުރަތަށް ބަދަލުވާން ފަށައިފާނެއެވެ. ބަދަހި ގުޅުން ހީނަރުވާން ފަށައިފާނެއެވެ. އެންމެ ފަހުން އެކަކު އަނެކަކުގެ ހަނދާންކުރުން ކުޑަވެދާނެއެވެ. އަދި ހަނދާން ބަލިކަށިވެދާނެއެވެ. އަދި މުޅީން ހަނދާން ނެތިގެން ހިނގައިދާނެއެވެ. އަދި ބައެއް ފަހަރަށް ރަޙުމަތްތެރިޔާއަކީ މުޖުތަމަޢުގައި އެހާ މަޝްހޫރު މީހެއް ނޫން ނަމަ، ރަޙުމަތްތެރިޔާގެ ނަން ވެސް ހަނދާންނެތި ރަޙުމަތްތެރީންގެ ލިސްޓުން އޭނާގެ ނަން މުޅީން ފޮހެވިގެން ވެސް ހިނގައިދާނެއެވެ. އެއީ މުޖުތަމަޢުގައި މަޝްހޫރު މީހެއް ނަމަ، އެ މީހަކު "ފޮނިކަމުން" ނުވަތަ "ބޮޑާކަމުން" ނުގުޅަނީކަމުގެ ކުށް ހީއެއް ކުރެވިދާނެއެވެ. މިއީ އެއްވެސް މީހަކު ޙަޤީޤަތުގައި ބޭނުންވާނޭ ގޮތެއް ނޫނެވެ.

ވީމާ، ރަޙުމަތްތެރީންނާ ގުޅުން ބަދަހިކުރަމާތޯއެވެ! ފޯނުންނެވެ. މުހިންމު ކަމެއް ނެތި، ހަމަ އެކަނި ޙާލުބަލައިލާން ގުޅައިލުމަކީ ޙަޤީޤަތުގައި އެކުވެރިޔަކަށް އުނދަގޫވާނެ ކަމެއްކަމަށް ދެކިގެން ނުވާނެއެވެ. އެއީ ޙަޤީޤަތުގައި ވެސް ރަޙުމަތްތެރިޔާ އުފާކުރާނޭ ކަމެއްކަން ކަށަވަރެވެ. ފަހަރެއްގައި މި ޒަމާނުގައި ކަމާ ކަންފަށައި ރަޙުމަތްތެރީންނަށް ޒިޔާރަތްކުރުމަށް ވަގުތު ނުލިބިދާނެއެވެ. ނަމަވެސް އަތު ފޯނުން ގުޅައިލައި ހާލުބަލައިލެވިދާނެއެވެ. ނުވަތަ ފޭސްބުކުން ވާހަކަދައްކައިލެވިދާނެއެވެ. ނުވަތަ ވައިބަރުން ނުވަތަ ވަޓުސްއެޕުން އަނގަތަޅައިލެވިދާނެ އެވެ. 

މިފަދަ ކޮންމެވެސް ގޮތަކުން އެކުވެރިކަމަށް ހީނަރުކަން އަޔަނުދީ ހިފެހެއްޓިދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް އުފެދިފައި އޮންނަ އެކުވެރިކަމެއް ކެނޑިގެން ދިޔުމަކީ ދެ ފަރާތަށް ވެސް ލިބޭނޭ ގެއްލުމެއްކަން ކަށަވަރެވެ. ވީމާ މިފަދަ ހީނަރުކަމެއް އަޅުގަނޑުމެންގެ އެކުވެރިކަމަށް އަޔަނުދީ ވޭތޯ މަސައްކަތްކުރަމާތޯއެވެ! އެހެނީ "އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ."

Advertisement

ކޮމެންޓް