Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (6)

05 Aug 2024 | 17:19
ހިތް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 ޖުލައި 29ގައި ޝާއިޢޫކުރި ބަޔާ ގުޅޭ)

މާފުކުރާ ހިތް

 މާފު އައިސްފައިވަނީ ޢަރަބިބަހުގެ "عفو" މި އަޞްލުންނެވެ. މާނައަކީ 'ފުހެލުން'އެވެ. އޭގެތެރޭގައި ފާފަކުރާމީހާގެ ފާފަ ފުހުން ވެއެވެ. އެއްޗެއް ފުހުމުން އޭގެ އަސަރު ފިލައިގެން ދާނެއެވެ. އަލްޚަލީލު ވިދާޅުވާ ގޮތުގައި  ޢަފޫ ކުރުމަކީ އަދަބު ދޭންޖެހޭ މީހާއަށް މާފުދީ ދޫކޮށްލުމެވެ.

ކީރިތި ޤުރްއާނުގައި ތިރީހަކަށް ފަހަރު عفو އާއި މި ކަލިމައިގެ އޮފި ލަފުޒުތައް އައިސްފައި ވެއެވެ. މިއިން އިސްލާމްދީނުގައި މާފުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަން އެނގެއެވެ. އެއީ އަޚްލާޤު ރިވެތިކުރުމަށް ބޭނުންވާ މުހިއްމު ސިފައެއް ކަން އެނގެއެވެ.

ޢަފުއްވު އަކީ ﷲގެ މާތް ޞިފަފުޅުތަކުގެ ތެރެއިން މުހިއްމު ސިފަފުޅެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ اللَّهَ كَانَ عَفُوًّا غَفُورًا [1] - ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައި ވެއެވެ.))

ނަބިއްޔާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. (( مَا أَحَدٌ أَصْبَرُ عَلَى أَذًى سَمِعَهُ مِنَ اللَّهِ، يَدَّعُونَ لَهُ الْوَلَدَ، ثُمَّ يُعَافِيهِمْ وَيَرْزُقُهُمْ - [2].ﷲއަށްވުރެ ކެތްތެރިކަންބޮޑު އެއްވެސް ފަރާތެއް  ނުވެއެވެ. އެބައިމީހުން އެކަލާނގެއަށް ދަރިކަލަކު ނިސްބަތްކޮށް އެކަލާނގެއަށް ގޯނާ ކުރެތެވެ.އެހެނަސް އެކަލާނގެ އެބައިމީހުންނަށް ދުޅަހެޔޮކަން ދެއްވާ  ރިޒްޤުދެއްވަތެވެ.))

عز وجل އަކީ އެކަލާނގެ ދީލަތިވަންތަކަމުން އެކަލާނގެއަށް ގޯނާކުރާމީހުންގެ ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( لِيُكَفِّرَ اللَّهُ عَنْهُمْ أَسْوَأَ الَّذِي عَمِلُوا وَيَجْزِيَهُمْ أَجْرَهُمْ بِأَحْسَنِ الَّذِي كَانُوا يَعْمَلُونَ [3] - އެއުރެން ކޮށްފައިވާ ނުބައި عملތައް، اللَّه، އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެކަލާނގެ އެއުރެންނަށް ޖަޒާދެއްވުމަށްޓަކައެވެ. ))

އެއަށްފަހު ﷲ Y އެކަލާނގެ އަޅުންނަށް މި މަތިވެރި ސިފައިން ގަހަނާވުމަށް އެންގެވިއެވެ. އޭގެ ސަބަބުން ހިތަށް ފިނިކަން ލިބި  ހިތްތައް ފަތަޙަކުރެވޭނެތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((  وَأَنْ تَعْفُوا أَقْرَبُ لِلتَّقْوَى[4] - تقوى ވެރިކަމާ އެންމެ ގާތް ގޮތަކީ، ތިޔަބައިމީހުން عفو ކުރުމެވެ. )) އެހެން ބަސްފުޅެއްގައި ވެއެވެ. (( فَاعْفُوا وَاصْفَحُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ [5] - ފަހެ، (އެއުރެންނާމެދު ގައި ކަން ކުރަންވީ ގޮތް ބަޔާންކުރައްވައި) اللَّه ގެ أمر ފުޅު ފޮނުއްވައިފުމަށް ދާންދެން (އެއުރެންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ! ))

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ތައުރާތުގައި އެކަލާނގެ ރަސޫލާ ސިފަކުރައްވައިފައިވާ ގޮތުގައި އެކަލޭގެފާނަކީ ބާޒާރުމަތީގައި އަޑުގަދަކުރައްވާ ބޭކަލެއްނޫނެވެ.އެކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި ޚުލުޤުފުޅު ނުބައި ބޭކަލެއްނޫނެވެ. އަދި އެކަލޭގެފާނު ނުބައި ގޮތުން ނުބައި ކަންތައް ދުރަކަށް ވެސް ނުލައްވަތެވެ. އެހެނަސް އެކަލޭގެފާނަކީ މާފުކުރައްވާ ޢަފޫކުރައްވާ  ބޭކަލެކެވެ.ޢަފޫކުރެއްވުމުގައި ވެސް އެކަލޭގެފާނަކީ ކޯފާމަޑު ޙިލްމުވެރި ބޭކަލެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެއްދުވަހަކު މީހަކު ރަސޫލާގެ އަރިހަށް އައިސް އޭނާގެ އަތުން ރަސޫލާ ނަންގަވައިފައިވާ ދަރަނި އަދާކުރެއްވުމަށް ވަރަށް ހަރުކަށި ގޮތަކަށް ދެންނެވިއެވެ. ކީރިތި ރަސޫލާގެ ބައެއް ޞަޙާބީން މި މީހާ ހިފަހައްޓަވަން އުޅުއްވުމުން އޭނާ ދޫކޮށްލައްވަން ރަސޫލާ އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ޙައްޤުވެރިޔާއަށް ބަސްބުނުމުގެ ބާރު ލިބިގެންވެއެވެ. އެއަށްފަހު ރަސޫލާގެ ނަޢަމުސޫފިތައް ބަލަހައްޓަވާ ޞަޙާބީއަށް އޭނާގެ އަތުން ނެންގެވި ފަދަ ޖަމަލެއް ދެއްވުމަށް ވިދާޅުވިއެވެ. އެހިނދު އެފަދަ ޖަމަލެއް ނެތްކަމަށް ދެންނެވުނެވެ. އެކަލޭގެފާނުގެ ކޮށިކޮޅުގައި ތިބީ އެއަށްވުރެ ރޫފަ ހެޔޮ ޢުމުރުން ދޮށީ އެއްޗެހިކަމަށް ދެންނެވުމުން ޙަދީސް ކުރެއްވިއެވެ. އެއަށްވުރެ ރަނގަޅު ޖަމަލެއް އޭނާއަށް ދޭށެވެ. އެއަށްފަހު ޙަދީސްކުރެއްވިއެވެ. ((  فإنَّ مِن خَيْرِكُمْ أحْسَنَكُمْ قَضاءً[6] – ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ އެންމެ ހެޔޮކޮށް ދަރަނި އަދާކުރާމީހާއެވެ. ))

މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނުންގެ އަރިހުން ރިވާވެގެންވާގޮތުގައި ރަސޫލާއަށް ހުށައެޅޭ ކޮންމެ މަސްއަލައެއްގައި ޢަފޫކުރެވެން އޮތް މަސްއަލައެއްތޯ ބައްލަވައި ޢަފޫކުރެވެން އޮތް ކަމެއްނަމަ ޢަފޫކުރައްވަތެވެ. ޤިޞާޞުގެ މަސްއަލައެއް ހުށައެޅިއްޖެނަމަ މާފުދިނުމަށް އަމުރުކުރައްވަތެވެ.

މާތް ﷲ ރަޙްމަތްލެއްވި ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ އަރިހަށް މީހަކު އައިސް އޭނާއަށް އަނިޔާކުރާ މީހެއްގެ ޝަކްވާ ހުށައެޅިއެވެ. އެހިނދު ޢުމަރު ބިން ޢަބްދިލްޢަޒީޒު ވިދާޅުވިއެވެ. އޭނާގެ ކިބައިން ތިބާ ޤިޞާޞް ހިފައިފައިވާ ޙާލުގައި ޤިޔާމަތްދުވަހުން ﷲއާ ބައްދަލުކުރުމަށްވުރެ އޭނާކޮށްފައިވާ އަނިޔާތަކާއެކު ﷲއާ ބައްދަލުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ. "

ކުދިކުދި ކަންތައްތަކުގައި ތިބާ ގޮތްދޫނުކޮށް އެހެންމީހުންނަށް މާފުނުކުރާ މީހުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟  މީހުންނަށް މާފުނުދީ އަނިޔާވެރިކަމުގެ ފައިލްތައް ހިފައިގެން ކޯޓަށް މަސްއަލަ ގެންގޮސް އެހެން މީހުންގެ މުދާތައް ފޭރިގަންނަން އުޅޭ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވެފައިވާ އެއްބަސްވުން ނެތް އެއްޗަކަށް ހަދައި އެހެން މީހުންގެ ޙިއްޞާއަށް އަރައިގަންނައިރު އެއީ އަނިޔާވެރިކަން ނޫންހެއްޔެވެ؟ ކީރިތި ރަސޫލާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((تَعَافَوُا الْحُدُودَ فِيمَا بَيْنَكُمْ، فَمَا بَلَغَنِي مِنْ حَدٍّ فَقَدْ وَجَبَ [7]ތިޔަބައިމީހުންގެ މެދުގައި ޙައްދުތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް މާފުކުރާށެވެ! ފަހެ އެ ޙައްދުތަކުގެ ތެރެއިން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެވިއްޖެ ޙައްދަކަށް ނިޔާ އިއްވެވުން ވާޖިބުވެގެން ވެއެވެ. ))

އަމިއްލަ ނަފްސަށް އިންޞާފުވެރިވުން ފަހެ ކޮބައިހެއްޔެވެ؟ އަޚުންނާއި ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރަޙްމަތްރީންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވަތްތެރިކަން ފަތުރަމުން ދުވާ ޝައިޠާނާއަށް އެޅޭ ހުރަހަހަކީ ކޮބައިހެއްޔެވެ؟ މާތް ﷲ ރުއްސުންލެއްވި ޢައްމާރު ބިން ޔާސިރު ވިދާޅުވިއެވެ. ((ثَلاَثٌ مَنْ جَمَعَهُنَّ فَقَدْ جَمَعَ الإِيمَانَ: الإِنْصَافُ مِنْ نَفْسِكَ، وَبَذْلُ السَّلاَمِ لِلْعَالَمِ، وَالإِنْفَاقُ مِنَ الإِقْتَارِ[8] - މީހެއްގެ ކިބައިގައި ތިން ސިފައެއް ހުރެއްޖެނަމަ ހަމަކަށަވަރުން އޭނާގެ ކިބައިގައި އީމާންކަން ޖަމާވެއްޖެއެވެ.އެއީ ތިބާގެ އަމިއްލަ ނަފްސުގެ ކިބައިން އިންޞާފުހިފުމާއި އެންމެންގެ މެދުގައި ސަލާން ފެތުރުމާއި  އަތްމަތިދަތިކަމާއެކުގައި ވެސް ހޭދަކުރުމެވެ. ))  އަލްމަންނާވީ ވިދާޅުވާ ގޮތުގައި ތިބާގެ ނަފްސުން އިންސާފުހިފުމުގެ މާނައަކީ ﷲ ގެ ޙައްޤުތައް އަދާކުރުމާއި ޚަލްޤުތަކުންގެ ޙައްޤުތައް އަދާކުރުމާއި މީސްތަކުންނާ ރިވެތިގޮތުގައި މުޢާމަލާތުކުރުމާއި އެމީހުންނަށާއި އެމީހުންގެ މައްޗަށް ޢަދްލުވެރިކަމާއެކު ނިޔާ އިއްވުމެވެ.

މާފުކުރުމުގެ ފައިދާތައް:

މާފުކުރުމުގެ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި

1- މާފުކުރާ  މީހާ ދެކެ ﷲ ލޯބިވެވޮޑިގަތުން : މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ. " ލައިލަތުލް ޤަދްރި ވިލޭރޭ ތިމަންކަމަނާ ކުރައްވާނީ ކޮން ދުޢާއެއްތޯއެވެ؟ އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަމަނާ (( اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي[9] -މާނައީ : ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަފޫކުރައްވާ ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ  ރަސްކަލާނގެއެވެ. ފަހެ މި އަޅާއަށް ޢަފޫކުރައްވާނދޭވެ! )) އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. " އޭ އާދަމުގެދަރިޔާއޭވެ! ހަމަކަށަވަރުން ތިބާޔާ ﷲއާ ދެމެދުގައި ފާފަތަކެއް ވެއެވެ. އެކަލާނގެ ފިޔަވާ އެހެން ފަރާތަކަށް އެ ކަންކަން ނޭނގެތެވެ. ތިބާ އަށް ﷲ އެ ފާފަ ފުއްސަވާ ދެއްވުމަށް ތިބާ ލޯބިކުރެތެވެ. ﷲ ތިބާއަށް އެ ފާފަތައް ފުއްސަވާ ދެއްވުމަށް ތިބާ ލޯބިކުރާނަމަ ތިބާ އެކަލާނގެ އަޅުންނަށް މާފުކުރާށެވެ!މި ތާނގައި ތިބާ މާފުކުރީތީ އެތާނގައި އެކަލާނގެ މާފުކުރައްވާނެތެވެ. މިތާނގައި ތިބާ ބަދަލުހިފީތީ އެތާނގައި އެކަލާނގެ ތިބާގެ ކިބައިން ބަދަލު ހިއްޕަވާނެތެވެ."

2- މާފުކުރުމަކީ ފާފަތައް ފުއްސަވާދެއްވާނެ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلْيَعْفُوا وَلْيَصْفَحُوا أَلَا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ[10]  -  އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.))

3- ޢަޒްމު ވަރުގަދަވުން . މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَمَنْ صَبَرَ وَغَفَرَ إِنَّ ذَلِكَ لَمِنْ عَزْمِ الْأُمُورِ[11]  - އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفو ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަން ވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.))

4- ކެތްތެރިވުމަށް އާދަކޮށްދިނުން . ޙުނައިން ހަނގުރާމައިގެ ޣަނީމާތައް މާތްﷲ އެންގެވިގޮތަށް ކައު ރަސޫލާ ބެއްސެވުމުން މީހަކު ބުންޏެވެ. ތިޔަ ބެހުމުގައި ޢަދްލުވެރިކަމެއް ނެތެވެ. ތިޔައީ ﷲ ގެ ވަޖްހުފުޅު އަދައިގެން ބެހި ބެހުމެއްނޫނެވެ. މި ޚަބަރު ރަސޫލާއަށް އެރުވުމުން ޙަދީސްކުރެއްވިއެވެ. ((فَمَنْ يَعْدِلُ إِذَا لَمْ يَعْدِلِ اللَّهُ وَرَسُولُهُ  رَحِمَ اللَّهُ مُوسَى، قَدْ أُوذِىَ بِأَكْثَرَ مِنْ هَذَا فَصَبَرَ [12]-ﷲއާއި އެކަލާނގެ ރަސޫލާ ޢަދްލަށް ކަންތައްތައް ނުކުރައްވާނަމަ ދެން ޢަދްލަށް ކަންތައްތައް ކުރާނީ ފަހެ ކާކުހެއްޔެވެ؟ ﷲ މޫސާގެފާނަށް ރަޙްމަތްލައްވާށިއެވެ. މިއަށްވުރެ މާ ބޮޑަށް އެކަލޭގެފާނަށް ގޯނާކުރެވުނެވެ. ފަހެ އެކަލޭގެފާނު އެކަމަށް ކެތްތެރިވެވަޑައިގަތެވެ.))

5- މާފުކުރާ މީހާގެ ޢިއްޒަތް މާތް ﷲ މަތިވެރިކުރެއްވުން. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((  ولا يعفو عبدٌ عن مظلمةٍ إلّا زاده اللهُ بها عزًّا يومَ القيامةِ  [13] - މީހަކަށް ދެވުނު އަނިޔާއަކަށް މާފުކުރިމީހާ ޤިޔާމަތްދުވަހުން ﷲ އޭނާގެ ޢިއްޒަތް އިތުރުނުކުރައްވާ ދޫކޮށްނުލައްވާނެތެވެ.)) މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނަށް ދެންނެވުނެވެ. އެންމެ ޢިއްޒަތްތެރި މީހަކީ ކާކުތޯއެވެ؟ ވިދާޅުވިއެވެ. (( އެއީ ބަދަލުހިފުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ ޙާލުގައި މާފުކުރާ މީހާއެވެ. ފަހެ ތިޔަބައިމީހުން މާފުކުރާށެވެ! އޭރުން ﷲ ތިޔަބައިމީހުން ޢިއްޒަތްތެރި ކުރައްވާނެއެވެ. ))

6- ނަފުސު ކޮންޓްރޯލްކުރަން ދަސްކޮށްދިނުން. އެއްދުވަހަކު މީހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. (( އަޅުގަނޑުގެ ނޯކަރުމީހާ އަޅުގަނޑަށް ގޯނާކޮށް އަނިޔާކުރެތެވެ. ފަހެ އަޅުގަނޑު އޭނާގެ ގައިގައި ޖަހާ އަދަބު ދޭންވީތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ކޮންމެ ދުވަހަކު ހަތްދިހަފަހަރު ތިބާ އޭނާއަށް މާފު ކުރާށެވެ!))[14]  މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. "  ތިބާއަށް ތިބާގެ ދުޝްމަނުގެ މައްޗަށް ގަދަވެގަނެވިއްޖެނަމަ ﷲއަށް ޝުކްރުދެންނެވުމުގެ ގޮތުން އޭނާއަށް މާފުކުރާށެވެ! ))

7- އުޞޫލުގެ މަތީގައި ދެމިހުރުމަށް ދަސްކޮށްދިނުން.

މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނު އެކަލޭގެފާނުގެ ޚާދިމު  ކުއްޖާއަށް ވިދާޅުވިއެވެ. "އަހުގެ ކާއެއްޗެހިތައް ކައިރިއަށް ކަންބަޅި ގެންދިޔައީ ކީއްވެގެންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. "އެއީ ކަލޭގެފާނު ކޯފާކޮށްލެވޭތޯއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ރުޅި އިސްކޮށް ސަވާބު ހޯދާނަމެވެ. ﷲ ތަޢާލާގެ ވަޖްހުފުޅަށް ޓަކައި  ތިބާ މިނިވަންކޮށްފީމެވެ."

_____________________________________

މަރުޖިޢުތައް:

[1]  - النساء: 43

[2]  -  أخرجه البخاري (٧٣٧٨)، ومسلم (٢٨٠٤)

[3]  - الزمر: 35

[4]  - البقرة: 237

[5]  - البقرة: 109

[6]  - أخرجه البخاري (٢٦٠٦)، ومسلم (١٦٠١) 

[7]  - أخرجه الطبراني، المعجم الأوسط (٦/٢١٠)  و أبو داود (٤٣٧٦)، والنسائي (٤٨٨٦)

[8]  - عمدة القاري (١/٣١٢ • إسناده صحيح

[9]  - أخرجه الترمذي (٣٥١٣)، وابن ماجه (٣٨٥٠) والنسائي في ((السنن الكبرى)) (٧٧١٢)، وأحمد (٢٥٤٩٥) 

[10]  - النور: 22

[11]  = الشورى: 43.

[12]  - أخرجه البخاري (٦١٦٣)، ومسلم (١٠٦٤).

[13]  - أخرجه أحمد (١٦٧٤)، والبزار (١٠٣٢)، وأبو يعلى (٨٤٩)

[14]   - أخرجه أبو يعلى في ((المسند)) (١٠/١٣٣)، والبيهقي في ((الكبرى)) (٨/١٠)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް