Advertisement

ސިހުރު ހެދުމާއި ސިހުރު އުނގެނުމާއި އެއިން ރައްކާތެރިވުން (4)

05 Aug 2024 | 16:46
ސިހުރުވެރީންނަށް އެހީވަނީ ޝައިޠާނާއެވެ.

އައްޝައިޚު އަޙުމަދު ފަހުމީ ދީދީ

(ނުނިމި އޮތް ބައި)

ސިހުރުވެރިން ދެނެގަންނާނީ ކިހިނެއް؟

ހ- ބަލިމީހާ އާއި އޭނާގެ މަންމަގެ ނަން އޮޅުން ފިލުވުން (ބައްޕަގެ ނަން ނޭހުން)

ސަބަބަކީ، ޖިންނި ޝައިޠާނުން ޝަރުޢީ ކާވަންޏަކުން ނަސަބު ޘާބިތުވާ ގޮތަށް ނަން އޮންނަން ބޭނުންނުވާނީ ކަމަށް ބެލެވެއެވެ. އެހެންވެ އެއްވެސް ފަންޑިތަ ފޮތެއްގައި ބައްޕަގެ ނަން ލިޔަން ބުނެފައެއް ނޯވެއެވެ. މުޅިން ވެސް ހުންނަނީ މަންމަގެ ނަން ލިޔާށެވެ. އެހެނީ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަންގަވާފައިވަނީ ދަރިން އެމީހުންގެ ބައްޕައަށް ނިސްބަތްކޮށް ނަން ދިނުމަށެވެ. (ادْعُوهُمْ لآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ) 5: الأحزاب

ށ- ފަންޑިތައިން އަސަރުކުރުވާން ބޭނުންވާ މީހެއްގެ އަޘަރެއް (ފޭރާމެއް، އިސްތައްޓެއް، ބޭނުންކުރާފުނަލެއް) ހޯދުން

ނ- ބައެއް ފަހަރު، ވަކި ސިފަތަކެއް ހުރި ޖަނަވާރެއް ހޯދަން ބުނެފާނެއެވެ. މިޘާލަކަށް ރަތް ހާލެއް މިއީ ޝައިޠާނާއާ ކުއްތަންވުމަށް ކަތިލާން ހޯދާ އެއްޗެކެވެ. މި ޖަނަވާރު ކަތިލާ އިރު ބިސްމިއެއް ނުކިޔާނެއެވެ. ބައެއް ފަހަރު ފަންޑިތަ ހެދުމުގައި މީގެ ލޭ ބޭނުންކުރެއެވެ. އެއްޗެއް ކަތިލާއިރު ބިސްމި ކިޔަން ޖެހޭނެއެވެ. އަދި ހެޔޮ ކޮންމެ ކަމެއް ފަށާއިރު ވެސް ބިސްމި ކިޔުން މުހިއްމެވެ.

قال رسول الله صلى الله عليه وسلم: "كُلُّ أمر ذي بال لا يُبدأ فيه بِبِسْمِ اللهِ الرَّحـْمَنِ الرَّحِيمِ فَهُوَ أَقْطَعُ"

رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ކޮންމެ ވާހަކައެއް އަދި މުހިއްމު ކޮންމެ ކަމެއް ވެސް ފަށާއިރު، ބިސްމި ނުކިޔައިފި ނަމަ އެކަމެއް ވާހުށީ އުނިކަމަކަށެވެ. މިއީ ޙަސަން ލިޣައިރިހީ ދަރަޖައިގެ ޙަދީޘެކެވެ. އޭގެ މައްޗަށް ޢަމަލުކުރެވޭ ޙަދީޘެކެވެ. މައުޟޫޢުގެ ބައެއް އެހެން ޙަދީސްތަކުގައި ބިސްމީގެ ބަދަލުގައި الله އަށް ޙަމްދުކުރުމުގެ ވާހަކަ ވެސް އައިސްފައި ވެއެވެ. 

ރ- ތަލްސިމުތައް ބޭނުންކުރުން: ޠަލްސިމަކީ، އޭގެ ޙަޤީޤަތް ދެނެގަންނަން އުނދަގޫ ގޮތަކަށް ކުރަހާފައި ހުންނަ ކުރެހުންތަކަކާއި، އަކުރުތަކަކާއި، ތަރިތަކުގެ ނަމާއި، ޢަދަދުތަކެއްގެ މައްޗަށް ބިނާވެފައި ހުންނަ އެއްޗެކެވެ. ތިރީގައި އެވަނީ އޭގެ މިސާލެކެވެ.

ކުރަހައިފައި ހުރި ތަލްސިމުގެ މިސާލެއް<br>

ބ- ސިހުރުވެރިޔާ އަޑުހަރުކޮށް ކިޔަވަން ފަށާނީ ކީރިތި ޤުރުއަނުގެ އާޔަތްތަކެކެވެ. ދެން ކިޔަވާ އެއްޗެއް އެހެން މީހަކަށް އޮޅުމަކުން ނުފިލާނެއެވެ. އޭގެތެރޭގައި، ހިމެނެނީ ޝިރުކުގެ ބަސްތަކާއި، ޝައިޠާނުންގެ ނަންތަކެވެ. ކައިރީގަ އިންނަ މީހާއަށް ހީވާނީ ޤުރުއާން ކިޔަވަނީ ހެންނެވެ. އޭގެ ބޭނުމަކީ އޮޅުވައިލުމެވެ.

ޅ- ބަލިމީހާއަށް އޭނާގެ ހަށިގަނޑުގައި އަޅަން ތަވީދެއް ނުވަތަ ފޮތިފަށެއް ނުވަތަ ބަޑިއެއް ދީފާނެއެވެ. ފަންޑިތަވެރިޔާ އެ ހުޅުވައިގެން ބެލުން މަނާކުރާނެއެވެ.

ކ- ބައެއް ފަހަރު، ބަލިމީހާ އިރުގެ އަލި ނުވަންނަ އަނދިރި ތަނެއްގައި، ވަކި މުއްދަތަކަށް މީސްތަކުންނާ ވަކިވެ އެކަހެރިވާން އެދޭނެއެވެ. ސިހުރުވެރިޔާއަށް ނޫނީ އެ މުއްދަތުގައި އެތަނަކަށް ނުވަދެވޭނެއެވެ.

އ- ވަކި މުއްދަތަކަށް ފެން ބޭނުން ނުކުރާން އަންގައިފާނެއެވެ. މިކަމުގައި 40 ދުވަސް ވެސް ހޭދަވެދާނެއެވެ. މީގެ ބޭނުމަކީ ބަލިމިހާ ދެޙަދަޘުން ތާހިރުވިޔަނުދީ ބެހެއްޓުމެވެ.

ވ- ކޮންމެވެސް އެއްޗެއް ތަނެއްގައި ވަޅުލާން، ނުވަތަ ކަނޑު ފައްތާން ނުވަތަ ގަހެއްގައި އެލުވާން ނުވަތަ ފެންދެމޭ ކޯރަކަށް އެއްލައިލާން ނުވަތަ އުނދުނު ފުއްޑަނު ފަދަ ހޫނުއަރާ ތަނެއްގައި ވަޅުލާން ބުނެފާނެއެވެ.

މ- ބައެއްފަހަރު ބަލިމީހާ ނުބުނަނީސް އޭނާއަށް ވާ އުނދަގޫ ކިޔައިދެއެވެ. އެއީ ޝައިޠާނާގެ އެހީގައި ކަމަށް ބެލެވެއެވެ.

ފ- ބައެއްފަހަރު ކަރުދާސްތަކެއް އަންދައި އެއިން ދުންއަޅަން ބުނެފާނެއެވެ.

ދ- ބައެއްފަހަރު މަޖިލީހުގައި ފެންނަން ނެތް ބަޔަކާ ވާހަކަ ދައްކައި އެހީއަށް އެދިފާނެއެވެ.

ތ. ބައެއްފަހަރު ފާޙިޝު ޢަމަލަކަށް އަރައިގަންނެގެން ނޫނީ ސަލާމަތްވާން ނެތްކަމަށް ބުނެ، އެފަދަ ޢަމަލު ކުރުމަށް މަޖުބޫރު ކުރުވައެވެ.

ލ. ބައެއްފަހަރު ކުކުމާއި، މާވަހަރާއި، ކަސްތޫރި ފަދަ ނުހަނު އަގުބޮޑު ތަކެތި ގަންނަން ބުނެފާނެއެވެ.

ސިހުރު ޖެހޭ ސަބަބުތައް:

o  ﷲ ހަނދުމަކުރުމާ ދުރަށް ދިއުން

{وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ} [الزخرف:٣٦]

މާނައީ: "رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަން ރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ."

{وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ} [طه:١٢٤]

މާނައީ: "އަދި ތިމަން ރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ."

o ފާފަތަކަށް އަރައިގަތުން

o ސިހުރުހާހޫރައަށް ބަރޯސާވުން

o ދުޢާކުރުމުގެ ބަދަލުގައި، ސިހުރުވެރިންގެ ގާތަށް ދިއުން

o މީގެ އިތުރުން މީހުން އިމްތިޙާނުކުރެއްވުމަށް ޓަކައި ﷲ ތަޢާލާ މުޞީބާތްތައް ޖައްސަވައެވެ. އޭގެތެރޭގައި މީހަކު ހަދާ ސިހުރެއް ވެސް ހިމެނިދާނެއެވެ. ޙަސަދައާއި އެސްފިންނާ ވެސް ހިމެނިދަނެއެވެ. ކީރިތި ރަސޫލާ z އަށް ވެސް ސިހުރު ޖެހިވަޑައިގަތެވެ.

ސިހުރު ހެދުމުގެ ނުރައްކާ:

ސިހުރުހާހޫރައިގެ އެންމެ ބޮޑު ނުރައްކަލަކީ، ﷲ ތަޢާލާ އެ މީހަކު އެކަލާނގެ ރަހުމަތުން ދުރުކުރެއްވުމެވެ.

عَن أَبِي هُرَيرَةَ رَضِيَ الله عَنْهُ قَالَ اللَّهُ تَبَارَكَ وتَعَالَى: "أَنَا أغْنَى الشُّرَكاءِ عَنِ الشِّرْكِ، مَن عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ." مسلم

މާނައީ: "ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން، އަލްއިމާމު މުސްލިމު ރިވާކުރެއްވި (ޤުދްސީ) ޙަދީޘެއްގައި ވެއެވެ. "ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: "ޝަރީކުކުރުމަކަށް ތިމަން ރަސްކަލާނގެ އެއްގޮތަކަށް ވެސް ބޭނުންވެވޮޑިގެންނެއް ނުވެއެވެ. މީހަކު ޢަމަލެއް ކުރިއިރު، ތިމަން ރަސްކަލާނގެއާ އެހެން ފަރާތަކާ ބައިވެރިކޮށްފިނަމަ، އެ ޢަމަލު ކުޅަ މީހާއާ އޭނާ ޝަރީކުކުރި ފަރާތާ ޙަވާލުކުރައްވައި ދޫކޮށްލައްވާހުށީމެވެ."

މީގެ މާނަ އަކީ، އޭނާ އެ ކުރި ޢަމަލަކުން އެއްވެސް ޘަވާބެއް، ދަރުމައެއް، ﷲ ތަޢާލާ އޭނާއަކަށް ނުދެއްވާހުއްޓެވެ. އެއާ ޚިލާފަށް އޭނާ އެކަމުން ތައުބާ ނުވެ ހުއްޓައި މަރުވެއްޖެނަމަ އެކަމުގެ ފާފަ ނުވެސް ފުއްސަވާހުއްޓެވެ.

ދެވަނަ ކަމަކީ، އޭނާ ހަދާ ސިހުރުގެ ސަބަބުން މީހުންނަށް ލިބޭ ގެއްލުމުގެ މަސްއޫލިއްޔަތު ޤިޔާމަތްދުވަހުން އޭނާ އުފުލާން ޖެހުމެވެ.

އެންމެ ދެރަކަމަކީ، އޭނާގެ ޢަމަލުތައް ބޭކާރުވެގެން ދިއުމެވެ.

ސިހުރު ދަސްކޮށްދިނުމާއި ދަސްކުރުމުގެ ޙުކުމް:

މުސްލިމް ޢިލްމުވެރިން އިއްތިފާޤުވެލައްވަ ގޮތުގައި ސިހުރު އުނގެނުމާއި، އުގަންނަދިނުމާއި ސިހުރު ހެދުމަކީ، ޙަރާމް ކަމެކެވެ. ابن قُدامه އާއި النَّووي ވިދާޅުވާ ގޮތުގައި މިއީ އިޖްމާޢު އޮތް މައްސަލައެކެވެ.

ނަމަވެސް ސިހުރުހަދާ މީހާ ކާފިރުވުމާ މެދު ކޮންމެވެސް ވަރެއްގެ އިޚްތިލާފެއް ވެއެވެ. ޖުމްހޫރު ޢިލްމުވެރިން އިއްތިފާޤުވެލައްވާ ގޮތުގައި ސިހުރު ހަދާ މީހާ ކާފިރުވާނެއެވެ. އެއީ އިމާމު މާލިކު، އަބޫޙަނީފާ އަދި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންނާއި އެ ނޫން ބައެއް ޢިލްމުވެރިންނެވެ.

އިމާމު ޝާފިޢީ އިތުރު ތަފްޞީލެއް ދެއްވައެވެ. އެއީ ސާޙިރުގެ ޢަމަލުގައި ކާފިރުވާ ފަދަ ކަމެއް ހިމެނޭ ނަމަ އޭނާ ކާފިރުވާނެއެވެ.

އަލްޤިރާފީ މިޘާލުތަކެއް ޖައްސަވާފައި ވެއެވެ. އެއީ:-

ކުފްރުގެ ލަފްޒެއް ކުފްރުގެ ޢަޤީދާއެއް ކުފްރުގެ ޢަމަލެއް ހިމެނުމެވެ. އެހެންވެއްޖެ ނަމަ ޝައްކެއް ނެތް ގޮތުގައި ސިހުރު ހެދުމަކީ ކުފްރު ކަމުގައި ބެލެވޭނެއެވެ.

ޖުމްހޫރު ޢިލްމުވެރިންގެ ދަލީލު:

﴿وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيْاطِينَ كَفَرُواْ يُعَلِّمُونَ النَّاسَ السِّحْرَ﴾ [البقرة:102].

މާނައީ: "ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ."

ސިހުރުހަދާމީހާގެ ޢުޤޫބާތް

ޝަރީޢަތާއި ބުއްދީގެ ހަމަތަކަށް ބެލިޔަސް، ޢުޤޫބާތް ދޭން ޖެހޭނީ ކުރި ކުށުގެ ނިސްބަތުންނެވެ. ސިހުރަކީ އިންސަނާގެ ހަށިގަނޑަށް ދޭ އަނިޔާ ހިމެނޭ ކަމެކެވެ. އެހެންވީމައި އެއީ ޖިނާޔަތެކެވެ. ފުރާންސާއި، ޖާމަނީ އާއި އިޓަލީ ގައި ސިހުރުވެރިންނަށް ދޭ ޢުޤޫބާތަކީ މެރުމެވެ.

بـَجَالَةُ بْنُ عَبْدَة ވިދާޅުވެފައި ވެއެވެ. ސިހުރުހަދާ ފިރިހެނުންނާއި އަންހެނުން ޤަތުލު ކުރުމަށް އަންގަވައި عمر بن الـخطاب رضي الله عنه ސިޓީފުޅެއް ފޮނުއްވެވި އެބެ. އެ ސިޓީފުޅާ ގުޅިގެން އަހުރެމެން 3 ސިހުރުވެރިން ޤަތުލުކުރީމެވެ. އަދި ޙަފްޞަތުގެފާނުގެ އަރިހުން އައިސްފައިވާ ގޮތުގައި އެކަމަނާގެ ޖާރިޔާއެއް އެކަމަނާ އަށް ސިހުރު ހެދީތީ ޤަތްލުކުރާން އަމުރުކުރެއްވިއެވެ.

އެހެންވެ، އިމާމު އަބޫޙަނީފާ އާއި މާލިކާއި އަހުމަދު އަދި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، ތައުބާވުމަށް ފުރުޞަތެއް ނުދީ، ސިހުރުވެރިޔާ ޤަތުލުކުރުން ވާޖިބު ކަމަށެވެ. އަދި އަލްޤުރުޠުބީ މި ބަހަށް ބާރުދެއްވައެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި، އަޞްޙާބުބޭކަލުން ކުރެ، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، އިބްނު ޢުމަރާއި، ޙަފްޞަތުގެފާނާއި، އަބޫމޫސަލްއަޝްޢަރީ އާއި، އަދި ތާބިޢީން ކުރެ 7 ބޭފުޅަކު ވެސް މި ގޮތަށް ވިދާޅުވާ ކަމަށް އަލްޤުރުޠުބީ ވިދާޅުވެއެވެ.

ޝާފިޢީ މަޛްހަބުގައި ސިހުރުވެރިންގެ ތިން ޙާލަތެއް ވެއެވެ. އެއީ ކުފްރުގެ ސަބަބުން ޤަތްލުކުރާން ޖެހޭ ޙާލަތަކާއި، ޤިޞާޞު ހިފުމުގެ ގޮތުން ޤަތްލުކުރާން ޖެހޭ ޙާލަތަކާއި، ޤަތުލު ނުކުރެވޭ ޙާލަތެކެވެ. އެ ޙާލަތުގައި ކުރާނީ ތަޢުޒީރެވެ. ކުފުރުގެ ސަބަބުން ޤާތުލުކުރާން ޖެހޭ ޙާލަތަކީ، އޭނާ ހެދި ސިހުރުގައި، ކުފުރު ހިމެނޭ ޙާލަތެވެ. ޤިޞާޞުގެ ގޮތުން ޤަތުލުކުރާން ޖެހޭ ޙާލަތަކީ، އޭނާ ހެދި ސިހުރުން މީހަކު މަރުވެއްޖެ ނަމައެވެ. އެނޫން ޙާލަތެއްގައި ކުރާނީ ތަޢުޒީރެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އައްޝައިޚު އަޙުމަދު ފަހުމީ ދީދީއަކީ ޢަރަބިބަހާއި އުރުދޫބަހާއި އިނގިރޭސިބަހާއި ދިވެހިބަހަށް ވެސް މޮޅުފުޅު ދީނީ ޢިލްުމުވެރިއެކެވެ. އެތައް ފޮތެއް ލިޔުއްވައި ޝާއިޢުކުރައްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. މުޞައްނިފެކެވެ. މަޑުމައިތިރިކަމާ އެކު ވަޢުޡުދެއްވާ ކުޅަދާނަ ވާޢިޡެކެވެ.

Advertisement

ކޮމެންޓް