Advertisement

ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ކުރެވިދާނެ ބައެއް ކަންކަން

23 Oct 2023 | 10:17
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތިރީގައި އެ ވަނީ ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން، ފަލަސްތީނުގެ މީހުންނަށް ހެޔޮ އެދޭ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ބައެއް ކަންކަން ކަމުގައި، މަޝްހޫރު ދާއީއެއް ކަމުގައިވާ ޑރ. ޒާކިރު ނައިކު، ވިދާޅުވެފައިވާ ވާހަކަ ކޮޅަކުން ނެގިފައިވާ ވާހަކަ ކޮޅެކެވެ. ތިރީގައި އެ ވާހަކަ ކޮޅު ހުށަހެޅިފައި އެވަނީ ޑރ. ޒާކިރު ނައިކު އެ ވާހަކަކޮޅު ހުށަހެޅުއްވި ތަރުތީބަކުން ނޫނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މި ހުށަހަޅައިލަނީ އޭނާ ފާހަގަކުރެއްވި މައްސަލައާ ބެހޭ މައުލޫމާތު ފެތުރުމުގެ ނުކުތާއެވެ. އެ ނުކުތާއާ ބެހޭ މައުލޫމާތުކޮޅެކެވެ.

ފަލަސްތީނުގެ ބިން ޔަހޫދީން ފޭރެމުން އައި ގޮތް ފެންނަ ޗާޓު<br>

އެއްވެސް، މައްސަލައަކީ އެ މައްސަލަ ރަނގަޅަށް އެނގިގެން ނޫނީ އެ ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭނޭ މައްސަލައެއް ނޫނެވެ. އެހެންވެ، ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ކަމެއް ކުރާން ގަސްތުކުރާ ނަމަ، އެންމެ ފުރަތަމަ ކުރަާން ޖެހޭ ކަމަކީ އެ މައްސަލަ ރަނގަޅަށް ދެނެގަތުމެވެ. އެ މައްސަލަ ފެށޭން ދިމާވީ ކޮން އިރަކު ކިހިނެއްކަމާއި، އެ މައްސަލަ ކުރިއަށް ދިޔައީ ކިހިނެއްކަމާއި އަދި މިހާރު އެ މައްސަލަ އޮތީ ކިހިނެއްކަމެވެ.

މަތީގައި ދެންނެވުނު ތިންބައި ކުރު ގޮތަކަށް ލިޔެލާނަމެވެ. މައްސަލަ ފެށުނު ތާރީޚުކަމުގައި 1897 ބެލެވިދާނެއެވެ. އެއީ ޒައިނުސްޓުންގެ ބަޔަކު، މި ޒަމާނުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ ތިއޮޑޯ ހެރްޓްޒިލްގެ ޒައާމަތުގެ ދަށުގައި، ސުވިޓްޒަރލަންޑުގެ ބޭސިލްގައި ބައްދަލުވުމެއް ބޭއްވި އަހަރެވެ. އެ ބައްދަލުވުމުގައި ނިންމި އެންމެ މުހިންމު ނިންމުމަކީ ޔަހޫދީގެ އަމިއްލަ ދައުލަތެއް ބިނާކުރުމުގެ ނިންމުމެވެ. އެ ދައުލަތުގެ މަކާނަކަށް ފަލަސްތީނުގެ ބިން ހަމަޖެހުމެވެ.

އިތުރަށް ކުރިއަށް ދިޔުމުގެ ކުރީން، ޒައިނިސްޓުންނާއި ޔަހޫދީންގެ މާނައާ މެދު އެއްޗެއް ދަންނަވާން ޖެހެއެވެ. ޒައިނިސްޓުންނަކީ ފަލަސްތީނުގައި ޔަހޫދީންނަށް ދައުލަތެއް ބިނާކުރުމުގެ އަގީދާގެ މީހުންނެވެ. ޔަހޫދީންނޭ ބުނުމުން ދެ މާނަ އެކުލެވިގެން ވެއެވެ. އެއް މާނައަކީ ދީނީ މާނައެކެވެ. ޔަހޫދީ ދީން ގަބޫލުކުރާ މީހުންނެވެ. އަނެއް މާނައަކީ ނަސްލީ މާނައެކެވެ. ޔަހޫދީ ދަރިކޮޅުގެ މީހުންނެވެ. ޒައިނުސްޓުންގެ ހުރިހާ އެންމެންނަކީ ޔަހޫދީ ދީން ގަބޫލުކުރާ މީހުންނެއް ނޫނެވެ. އެ މީހުންނަކީ ނަސްލީ ގޮތުން ޔަހޫދީންނެވެ. އޭގެ ތެރޭގައި ދީން ކީއްކުރަންހެއްޔެވެ؟ އިލާހަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ ލާއިލާހިއްޔަތުގެ މީހުން ވެސް ހިމެނެއެވެ. ހަމަ އެހެންމެ، ހުރިހާ ޔަހޫދީންނަކީ، ދީނީ ނޫނީ އެ ނޫން ޔަހޫދީން ކަމުގައި ވިޔަސް، ޒައިނުސްޓުންނެއް ނޫނެވެ. ހަމަ އެހެންމެ، ދީނީ ޔަހޫދީންގެ ތެރޭގައި ޒައިނުސްޓުންނާއި އަދި ޚުދް އަދުގެ އިޒުރޭލާ ވެސް ދެކޮޅު މީހުން ހިމެނެއެވެ.

ދެން، 1897ގައި ބޭސިލްގައި ނިންމި ނިންމުން ހަގީގަތަކަށް ހަދައިލުމުގެ މަސައްކަތް ފެށުނެވެ. ހެރެޓްޒެލް ދުށް ގޮތުގައި އެ އަހަރުން ފެށިގެން ދެން އޮތް ފަންސާސް އަހަރު ދުވަހުގެ ތެރޭގައި މި ކަން ހަގީގަތަކަށް ހަދައިލެވޭނެއެވެ! މި މަގުސަދު ހާސިލު ކުރުމަށް ޓަކައި ޒައިނުސްޓުންނަށް އެހީވެދިނީ އިނގިރޭސީންނެވެ. 1917ގައި ބެލްފޯރުގެ ގަރާރުގެ ނަމުން، ނަންދެވިފައިވާ ގަރާރެއް އިނގިރޭސީން ފާސްކުރިއެވެ. ބެލްފޯރަކީ އޭރުގެ އިނގިރޭސި ޚާރިޖީ ވަޒީރެވެ. އާދޭހެވެ! ޖޯގް ލޯއިޑްގެ ބޮޑުވަޒީރު ކަމުގައި އެކުލަވައިލެވުނު ސަރުކާރުގެ ޚާރިޖީ ވަޒީރެވެ.

ބެލްފޯރުގެ ގަރާރަކީ ހަމަ އެހެން ހުރެފައި ނެރެވުނު ގަރާރެއް ނޫނެވެ. އެ ގަރާރު ކިޔައިލުމުން، އެ ވާހަކަ - ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް އުފައްދާ ވާހަކަ - ކުރިއްސުރެން ވެސް ދެކެވެމުން ދިޔަކަން އެނގޭނެއެވެ. އެ ގަރާރުގައި، އެ ކަމަށް ތާއީދުކުރާ ވާހަކަ ލިޔެފައި ވެއެވެ. މާނައަކީ ކުރީން ވެސް އެ ވާހަކަތައް ދެކެވެމުންދާކަމާއި އަދި އެ ތާރީޚުގައި ރަސްމީ ސިފައެއްގައި އިނގިރޭސިން އެކަމަށް ތާއިދުކުރާކަމާއި އެކަމަށް އެހީވާނެކަން ބަޔާން ކުރެވިފައި ވެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅޭ ވާހަކަތަކެއް، މިސުރުގައި އެދުވަސް ވަރު، ހުރި އިނގިރޭސީ ހައިކޮމިޝަނާއި މައްކާގެ ޝަރީފު ހުސައިންއާ ދެމެދު 1915 އިން ފެށިގެން 1916އާ ހަމައަށް ސިޓީގެ ޒަރިއްޔާއިން ވާހަކަ ދެކެވުނެވެ. މި ވާހަކަތަކަށް މެކްމޯހަން ހުސައިން ކޮރެސްޕޮންޑެންސޭ ކިޔެއެވެ. މި ސިޓީތަކުގައި މައިގަނޑު ދެ ނުކުތާއެއް ވެއެވެ. ފުރަތަމަ ނުކުތާއަކީ އުސްމާނީ ދައުލަތާ އިދިކޮޅަށް، އިނގިރޭސިންނާ އެއްކޮޅަށް، ފުރަތަމަ ބޮޑު ހަނގުރާމައިގައި އަރަބިން ބައިވެރިވުމެވެ. ދެވަނަ ނުކުތާއަކީ އޭގެ އިނާމެއްގެ ގޮތުން އަރަބި ރަސްކަމެއް، އަރަބިންގެ ބިންތަކުގައި ގާއިމުކުރުމަށް އިނގިރޭސިން އެހީވެދޭނެ ވާހަކައެވެ.

ނަމަވެސް، ފަހުން އެނގި ސާފުވެގެން ދިޔަ ގޮތުގައި، މި ވައުދުވީ އެންކޮޅަކަށެވެ. އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް އަރަބި ބިންތައް އަތުލައި، ވަކިން ޚާއްސަ ގޮތެއްގައި ފަލަސްތީނު އަތުލައި، ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ގާއިމު ކުރުމުގެ މަގުސަދު ހާސިލުކުރުމުގެ ގޮތުން އެޅުނު ފުރަތަމަ ފިޔަވަޅެވެ.

ދެން، ފުރަތަމަ ބޮޑު ހަނގުރާމަ 1919ގައި ނިމި، އުސްމާނީން ބަލިވެ، އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް މެދުއިރުމަތީގެ ރަށްތައް ލީގް އޮފް ނޭޝަންސްއާ ހަވާލުކުރެވުނެވެ. އަދި، އެ ރަށްތައް އިނގިރޭސިންނާއި ފަރަންސޭސީންގެ މެދުގައި ބަހާލެވުނެވެ. މި އިީ ސައިކްސް-ޕީކޯގެ ސިއްރު އެއްބަސްވުމާ އެއްގޮތުގެ މަތިން ކުރެވުނު ކަމެކެވެ.

މި ގޮތުން ބަހައިލީ ހަމައެކަނި އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް މެދުއިރުމަތީގެ ބިންތަކެއް ނޫނެވެ. ބޮޑު ހަނގުރާމައިގައި ބަލިވި ގައުމުތަކުގެ ދަށުގައި ހުރި އެހެން ތަންތަން ވެސް މެއެވެ. މި ގޮތުން ބަހައިލެވުނު ތަންތަނަށް 'މޭންޑޭޓު'ގެ ނަމުންދީ ތިން ދަރަޖައަކަށް ބަހައިލިއެވެ. ވަރަށް އަވަހަށް މިނިވަންކަން ދެވިދާނެ 'އޭ' ދަރަޖައާއި ކުޑަ ދުވަސްކޮޅަކަށް ފަހު މިނިވަންކަން ދެވިދާނޭ ބީ ދަރަޖައާއި ދުވަސްތަކަކަށް ފަހުން ނޫނީ މިނިވަންކަން ލިބުން އެކަށީގެން ނުވާ ސީ ދަރަޖައެވެ. މި ގޮތުން ނަންދެވުނީ، ހަގީގަތުގައި ވެސް އެއީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ބޭއްވުމަށް ހަމަޖެހުނު ތަންތަނަ ކަމުގައި ވިޔަސް، އެ ތަންތަނަކީ އިސްތިއުމާރީ ބާރުގައި އޮތް ތަންަތަނޭ ނުކިޔާން ވެގެންނެވެ. އެ ދުވަސް ވަރު، އެ ތަންތަން ވަގުތުން މިނިވަންކުރާން އެމެރިކާއިން އެދުނު ކަމުގައި ވިޔަސް ފަރަންސޭސީންނާއި އިނގިރޭސިން އެމެރިކާ އެދޭ ގޮތަށް ކަންތައް ކުރާން ބޭނުން ނުވީމައި 'ދެމެދު'ގެ ގޮތެއް ހަމަޖައްސަން ވެގެން މޭންޑޭޓުއޭ ކިޔުނީއެވެ.

ކޮންމެއަކަސް އުސްމާނީ ޚިލާފަތު ދަށުގައި އޮތް މެދުއިރުމަތީގެ ބިންތައް ހިމެނުނީ މޭންޑޭޓު އޭ ގެ ދަށުގައެވެ. އެ ބިންތަކުގެ ތެރެއިން، ސީރިޔާއާއި ލުބްނާނު ހަވާލުކުރެވުނީ ފަރަންސޭސިވިލާތާއެވެ. އިރާގާއި ފަލަސްތީނު ހަވާލުކުރެވުނީ އިނގިރޭސި ވިލާތާއެވެ.

އިނގިރޭސި ވިލާތުން މި ގޮތަށް ކަންތައް ކުރުމުގެ ސަބަބު އޮތެވެ. އިނގިރޭސިން އިރާގާ ހަވާލުވީ އިރާގުން ތެޔޮ ފެނިފައި އޮތުމުން އެ ތެލުގެ ބާރު އިނގިރޭސިންގެ އަތް ދަށުގައި ބޭއްވުމަށެވެ. ފަލަސްތީނާ އިނގިރޭސީން ހަވާލުވީ މައިގަނޑު ގޮތެއްގައި ބެލްފޯރގެ ވައުދު ތަންފީޒުކުރުމަށެވެ. އާދޭހެވެ! ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް ގާއިމުކުރުމުގެ މަގު ފަހިކޮށް އެ ކަން ހަގީގަތަކަށް ހަދައިލުމަށް ޓަކައެވެ. މީގެ އިތުރަށް، ސުއޭޒު ކެނަލް ވެސް އިނގިރޭސީންގެ އަތް ދަށުގައި ބޭއްވުމަށް އަސްކަރީ ގޮތުން އެހީ ފޯރުކޮށްދޭން ޖެހިއްޖެ ނަމަ އެ ކަން ވެސް ކުރެވޭނެތީއެވެ.

މި މަގާމުގައި ހަނދާންކޮށްލަން ޖެހޭ ދެ ނުކުތާއެއް އެބަ އޮތެވެ. ފުރަތަމަ ނުކުތާއަކީ ފަލަސްތީނުގެ ބިމަކީ އިނގިރޭސީންގެ މިލްކެއް ނޫންކަމެވެ. ނަމަވެސް، އެ ބިން އެ މީހުން ބޭނުން ބަޔަކަށް ދޭން އެ މީހުން ނިންމީއެވެ. އާދޭހެވެ! އިންސާނީ އަޚުލާގީ ގާނޫނާ މުޅިން ޚިލާފު ސިފައެއްގައެވެ. ދެވަނަ ނުކުތާއަކީ ފަލަސްތީނަކީ ހަނަފަސް، މީހުން ނެތް ހުސް ތަނެއް ނޫން ކަމެވެ. އެ ތަނުގައި އެވޭލާ ޒަމާނުއްސުރެން ބަޔަކު އުޅެއެވެ. ފަލަސްތީނުގެ މީހުންނެވެ. އެވޭލާ ޒަމާނޭ މި ބުނީ މޫސާގެފާނުގެ ވެސް ކުރީގެ ދުވަސްތަކުން ފެށިގެންނެވެ. ދެން، އިސްލާމީ ފުތޫހާތުތަކަށް ފަހު، އަރަބި މުސްލިމުންގެ ބާރުގެ ދަށަށް ފަލަސްތީނު އައުމުން، އެ ތަނަށް އަރަބީން ވެސް ހިޖުރަކުރިއެވެ. އަދި، ތަނުގެ މީހުން އިސްލާންވެ، ތަނުގެ ބަހަކަށް އަރަބި ބަސް ވިއެވެ. އިމާމު ޝާފިއީ ފަދަ އިސްލާމީ އިލްމުވެރިންނަކީ ފަލަސްތީނުގެ ބޭކަލުންނެވެ. އިމާމު ޝާފިއީ އުފަންވެވަޑައިގަތީ މިހާރު ހަނގުރާމަ ހިނގަމުންދާ ޣައްޒާގައެވެ.  ޔަހޫދީންނަށް ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރާން އިނގިރޭސީން ނިންމި އިރު، ފަލަސްތީނުގެ ބޮޑު ޣައުލަބިއްޔަތެއްގެ (ސައްތައިން ނުވަދިހައަށް ވުރެ މަތީގެ އަޣުލަބިއްޔަތެއްގެ) ގޮތުގައި ތިބީ އަރަބީންނެވެ. އަދި، ހަމަ އެހެންމެ، ފަލަސްތީނުގެ ބިމުގެ ސައްތައިން ނުވަދިހަ ފަހަކަށް ވުރެ ބޮޑު ބައެއް އޮތީ މި ދެންނެވި އަރަބިންގެ މިލްކެއްގެ ގޮތުގައެވެ. މިހެން ކަން އޮއްވައި، އިނގިރޭސިންނަށް ފަލަސްތީނު ނުވަތަ ފަލަސްތީނުން ބައެއް އެހެން ބަޔަކަށް ދިނުމުގެ ހައްގު ލިބިގެންވޭތޯއެވެ؟

ފަލަސްތީނުގެ މިޒަމާނުގެ ތާރީޚުގެ ދެން އޮތް ބައި ފެށެނީ އިނގިރޭސިންގެ އިދާރީ ބާރުގެ ދަށަށް ފަލަސްތީނު ގެނެވުނު ހިސާބުންނެވެ. އެއީ 1920 ވަނަ އަހަރެވެ. އެހިސާބުން ފެށިގެން ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ ދޮރު ހުޅުވައިލިއެވެ. ދެން، ޔަހޫދީންގެ ޖަމާއަތްތައް ޔޫރަޕުން ފަލަސްތީނަށް ހިޖުރަކުރާން ފެށުނެވެ. މި ތަނުގައި އަނެއްކާ ވެސް ނުކުތާއެއް ފާހަގަކޮށްލާން ޖެހެއެވެ. އިނގިރޭސިން ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރުމުގެ ދޮރު ހުޅުވައިލީ ކޮންމެހެން ޔަހޫދީންނަށް ހެޔޮ އެދިގެންނެއް ނޫނެވެ. ޔޫރަޕުން ޔަހޫދީން ހުސްކޮށް، އެ މީހުންގެ ބާރު ޔޫރަޕުން ކަނޑުވައިލުމުގެ އެދުމުގައޭ ދެންނެވިދާނެއެވެ. މި ތަނުގައި މި ނުކުތާގެ ތަފުސީލަށް ދިޔުމުގެ ޖާގައެއް ނެތެވެ. އަދި، މިއީ އެ ވާހަކަ ދެއްކުމާ މުނާސިބު މަގާމެއް ވެސް ނޫނެވެ.

މިހިސާބުން ފެށިގެން ފަލަސްތީނުގެ އަރަބީން ވެސް ހޭވެރިވެ، އެ މީހުންގެ ބިން އެ މީހުންނަށް ގެއްލިގެން ހިނގައިދާނެ ހެން ހީވެ، އެ ކަމާ ދެކޮޅަށް މަސައްކަތްތައް ފެށުނެވެ. 1920ގެ އަހަރުތަކުގައްޔާއި އަދި 1930ގެ އަހަރުތަކުގައި ފަލަސްތީނުގެ އަރަބީންނާއި ޔަހޫދީންނާ ދެމެދު އެތަކެއް ހަމަނުޖެހުންތަކާއި ތަޅައިފޮޅުންތަކެއް ހިނގިއެވެ. އެންމެ ފަހުން، 1930ގެ ފަހުގެ އަހަރުތަކުގައި އިނގިރޭސީންގެ ފަހުގެ 'ހުދު ކަރުދާހެއް' ނެރެވި، ފަލަސްތީނުގައި އަރަބިން އެދޭ ގޮތަށް ކަންތައްކުރާން ނިންމުނެވެ. ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށި، މި ކަރުދާހުގައި އޮތް ގޮތަކަށް އަމަލެއް ނުކުރެއެވެ. ދެން، 1945 ދެވަނަ ބޮޑު ހަނގުރާމަ ނިމި، އިނގިރޭސިން ނިންމީ ފަލަސްތީނުގެ މައްސަލައިން 'އަތް ދޮވެލުމަށެވެ'. އެ މީހުން ބޭނުންވާ ގޮތަށް ކަންތައް ވެސް ކުރެވިފައި އޮތުމުން ވެސް މެއެވެ. ޔަހޫދިންނަށް ދައުލަތެއް ގާއިމު ކުރެވޭ ހިސާބަށް ކަންތައް ފަލަސްތީނުގައި ގޮސްފައި އޮތީމައެވެ. އަނެއް ކޮޅުން ދެވަނަ ބޮޑުހަނގުރާމަ ނިމުނު އިރު، އިނގިރޭސިން އިސްކަންދޭން މަޖުބޫރުވި ދާޚިލީ އެތައް މައްސަލަތަކެއް ވެސް ހުރުމުންނެވެ. ގައުމު އަލުން ބިނާ ކުރުމާއި އިންޑިޔާ ފަދަ އިނގިރޭސި ކޮލޮނީތަކުގެ މައްސަލަ ހަމަޖެއްސުމުގެ ކަންކަމެވެ. އެހެންވެ، ފަލަސްތީނުގެ މައްސަލަ، އޭރު އުފެދިފައި އޮތް ޔޫ.އެން.އާއި ހަވާލުކުރެވުނީއެވެ. މީގެ އިތުރަށް، ޔަހޫދީންގެ މަދަދުގާރެއްގެ ގޮތުގައި އިނގިރޭސީންގެ ބަދަލުގައި އެމެރިކާނުން ހަމަޖެހުނީއެވެ.

ދެން އައީ 1948 ގައި ޔޫ.އެން.ގައި ފަލަސްތީނު ދެ ބައި ކުރެވުނުކުރެވުމެވެ. އޭރު ވެސް ފަލަސްތީނުގެ ބޮޑު އަޣުލަބިއްޔަތަކީ އަރަބީން ކަމުގައި ވިޔަސް، ފަލަސްތީނުގެ ބިމުގެ ބޮޑު ބައެއް ދެވުނީ ޔަހޫދީންނަށެވެ. މި ނަހަމަ ބައިކުރުމާ އަރަބީން ދެބަސްވެ، އަރަބިންނާއި ޔަހޫދީންނާ ދެމެދު ކުރެވުނު ފުރަތަމަ މައި ހަނގުރާމަ 1948ގައި ކުރެވުނެވެ. މި ހަނގުރާމައިގައި ޔަހޫދީން ގަދަވެ، ފަލަސްތީނުގެ އިތުރު ބިންތައް އެ މީހުންނަށް ލިބޭ ގޮތް ވިއެވެ.

މި ހަނގުރާމައިގައި އަރަބީން ބަލިވުމުގެ މައިގަނޑު ދެ ސަބަބެއް ފާހަގަކޮށްލެވިދާނެއެވެ. ފުރަތަމަ ސަބަބަކީ އަރަބީންގެ މެދުގައި އެއްބައިވަންތަކަން ނެތުމެވެ. މި ހަނގުރާމައިގައި އޭރު މިނިވަންކޮށް އޮތް ފަލަސްތީނުގެ އަވައްޓެރި އަރަބި ގައުމުތަކުން ބައިވެރިވިއެވެ. މިސުރާއި ސީރިޔާއާއި ޖޯޑަންއާއި ލުބްނާނެވެ. ނަމަވެސް، ޖޯޑަން ފަދަ ބައެއް ގައުމުތަކުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ބައެއް ވެސް ބޭނުންވީ އެ ބަޔެއްގެ އަމިއްލަ ވެރިކަން ދެމެހެއްޓުމެވެ.

މި ހަނގުރާމައިގައި އަރަބިން ބަލިވުމުގެ ދެވަނަ ސަބަބަކީ ޒަމާނީ ތައްޔާރުވުމަކުން ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެވިފައި ނެތުމެވެ. ޔަހޫދީންގެ ތެރޭގައި ތިބި ސިފައިންނާއި ކޮމާންޑަރުންގެ އެތައް ބަޔަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީންނާއި އެއްކޮޅަށް ހަނގުރާމަކޮށް ތަމްރީނު ލިބިފައިވާ މީހުންނެވެ. އަރަބިން ހީކުރީ އާބާދީގެ ގޮތުން އަރަބިން ބޮޑުވުމުން، ކާމިޔާބު ލިބިދާނޭކަމަށެވެ.

މިކަމުން ލިބޭ އިބުރަތަކީ ކޮބައިތޯވެ؟ ކަންކަމުގައި އުނގެނުމާއި ތަމްރީނު ލިބުމުގެ މުހިންމު ކަމެވެ. އާދޭހެވެ! އެންމެ ވަރުގަދަ ބާރަކީ އިލްުމުވެރިކަމެވެ. ހުރިހާ އެހެން ބާރެއް ގުޅިފައިވަނީ މި ކަމާއެވެ. އެހެންވެ، އަދުވެސް، ބާރުވެރިވާން ބޭނުން ނަމަ، އެންމެ ފުރަތަމަ އޮތީ އިލްމުވެރި ވުމެވެ. އަހަރުމެންގެ ސިކުނޑިތަކަކީ އިލްމީ އުފެއްދުންތެރި ސިކުނޑިތަކަކަށް ހެދުމެވެ. ދެން، ކަންކަމާ މެދު ޚިޔާލު ތަފާތު ވިޔަސް، ބައިބައި ނުވެ، ޖަމާއަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.

އަރަބިންނާއި އިޒްރޭލާ ކުރެވުނު ދެވަނަ ހަނގުރާމައަކީ 1956ގެ ސުއޭޒުގެ ހަނގުރާމައެވެ. މިއީ މުޅިން ފަލަސްތީނުގެ މައްސަލައާ ގުޅޭ ހަނގުރާމައެކޭ ނުދެންނެވޭނެއެވެ. މި މައްސަލައިގެ އަސްލު ގުޅެނީ އިނގިރޭސިންނާއި މިސުރާއެވެ. އިނގިރޭސިންގެ އަތް ދަށުގައި އޮތް ސުއޭޒު ކެނަލް މިސުރުގެ އޭރުގެ ރައިސް މަރްހޫމު ޖަމާލް އަބްދުއް ނާސިރު، މި ސުރުގެ ބާރުގެ ދަށަށް ގެނައުމުން، އިނގިރޭސިންނާއި ފަރަންސޭސިން ރާވައިގެން އިޒުރޭލު ލައްވާ މިސުރާ ކުރުވި ހަނގުރާމައެކެވެ. މި ހަނގުރާމައިގައި ރޭވިފައި އޮތީ އިޒުރޭލުން މިސުރަށް ހަމަލަދީ، އަދި އެއަށް ފަހު، އިނގިރޭސިންނާއި ފަރަންސޭސިން އެ ހަނގުރާމަ ހުއްޓުވުމަށް ވަދެ، އެ ކަން ކޮށްފައި ސުއޭޒު ކެނަލް އަލުން އިނގިރޭސިންގެ ބާރުގެ ދަށަށް ގެނައުމެވެ. މި ހަނގުރާމައިގައި ކާމިޔާބު ލިބުނީ، އަސްކަރީ ގޮތުން، އިނގިރޭސިންނަށް ކަމަށް ވިޔަސް، މައްސަލަ ނިމިގެން ދިޔައީ މިސުރަށް ސިޔާސީ ކާމިޔާބެއް ލިބިގެންނެވެ. އެއީ ހަމަ އެ ދުވަސް ވަރު ސޯވިއެޓުން ހަންގޭރީއަށް ހަމަލާދިނުމާ ވިދިގެން ޔޫ.އެން.އަށް އެ ކަން ކުށްވެރި ކުރާން ޖެހުމުން، އިނގިރޭސީން މިސުރަށް ހަމަލާދިން ދިނުން ވެސް ކުށްވެރިކުރަން ޖެހުނީއެވެ. އަދި، އެހެންވެ، ސުއޭޒު ކެނަލް މިސުރުގެ ބާރުގެ ދަށަށް ދިޔުމުން، ސިޔާސީ ގޮތުން މަރްހޫމު ޖަމާލު އަބްދުއް ނާސިރަށް ކާމިޔާބު ލިބި، މާބޮޑު ކަމެއް ނުކޮށް، އަރަބީންގެ ބަތަލަކަށްވީއެވެ.

ދެން، 1967ގައި އަރަބީންނާއި އިޒުރޭލާ ދެމެދު ހަ ދުވަހުގެ ހަނގުރާމަކުރެވުނެވެ. މިއީ އިޒުރޭލު ބޭނުން ވެގެން ކުރެވުނު ހަނގުރާމައެކެވެ. އެ މީހުންނަށް އަރަބީންގެ މައްޗަށް ގަދަވެގަނެވޭނޭ ގޮތް އެނގޭތިއްޔާއި އަދި އެ ކަމުގެ ސަބަބުން އިތުރު ބިންތައް އެމީހުންނަށް ލިބޭނެތީއެވެ. ކޮންމެއަކަސް މި ހަނގުރާމައިގައި އަރަބީންގެ ލަޝްކަރުތައް އަނެއްކާ ވެސް ބަލިވީއެވެ. އަދި، ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ގުދުސާއި ގޯލަން ހައިޓްސްއާއި ސިނާއީ ވެސް ގެއްލުނީއެވެ. އާދޭހެވެ! މުޅި ފަލަސްތީނުގެ އިތުރަށް، ސީރިޔާއިން ބަޔަކާއި މިސުރުން ވެސް ބައެއް އިޒުރޭލަށް ލިބުނީއެވެ. މިހާރު ދޭތެރެ ދޭތެރެއިން 67 ހުދޫދާ އެއްގޮތަށް ސުލްހައިގެ މައްސަލަ ނިންމާން އަރަބީން ގޮވައިލާ ގޮވައިލުމަކީ މި ބިންތައް އޭގެ އަހުލުވެރިންނާ ހަވާލުކޮށް ސުލްހަ ގާއިމުކުރާ ވާހަކައެވެ.

ދެން، އަރަބިންނާއި އިޒުރޭލާއި ކުރެވުނު މައިގަނޑު ހަނގުރާމައަކީ 1973ގައި މިސުރާއި އިޒުރޭލާ ކުރެވުނު ހަނގުރާމައެވެ. މި ހަނގުރާމައިގައި ކޮންމެ ވެސް ވަރެއްގެ ކާމިޔާބީއެއް މިސުރަށް ލިބުނެވެ. މި ހަނގުރާމައިގައި ސާބިތުވެގެން ދިޔަ ކަމަކީ އަސްކަރީ ގޮތުން، ރަނގަޅަށް ތައްޔާރުވެވިއްޖަ ނަމަ އިޒުރޭލު ބަލިކުރެވިދާނޭކަމެވެ. މި ކަމުގެ ނަތީޖާއަކަށްވީ މިސުރާއި އިޒުރޭލުގެ ދެމެދުގައި 1979ގައި ސުލްހަ ގާއިމުކުރެވި، 1967ގައި އިޒުރޭލުން ހިފި މިސުރުގެ ސިނާއީ މިސުރަށް އަނބުރައި ލިބުމެވެ.

މި ހަނގުރާމަތަކުގެ އިތުރަށް ފަލަސްތީނުގެ އަރަބި އަސްކަރީ ޖަމާއަތްކާއި އިޒުރޭލު މީހުންނާ އެތައް ކުރިމަތިލުމެއް ކުރިމަތިލެވުނެވެ. އެންމެ ފުރަތަމަ 1948އިން ފެށިގެން 1970އާ ހަމައަށް ދާންދެން މި ީކަން ފަލަސްތީނު މީހުން ހިންގީ ޖޯޑަންގައި ތިބެގެންނެވެ. ދެން، 1970ގައި ޕީ.އެލް.އޯ. ޖޯޑަންއިން ބޭރުކުރެވުނެވެ. މަލިކު ހުސައިނަށް އޭނާގެ ރަސްކަން ގެއްލިދާނެހެން ހީވުމުންނެވެ. މިއަށް ފަހު ޕީ.އެލް.އޯ. މަރުކަޒަކަށްވީ ލުބްނާނެވެ. ދެން، މި ކަމުގެ ސަބަބުންނާއި އަދި އެހެންވެސް ދާޚިލީ ސަބަބުތަކާ ހުރެ 1974ގައި ލުބްނާނުގައި އަހުލީ ހަނގުރާމަ ފެށުނެވެ. މި ހަނގުރާމަ ސޯޅަ އަހަރު ވަންދެން ދެމި އޮތެވެ. މީގެ އިތުރަށް، 1982ގައި އިޒުރޭލުން ލުބްނާނަށް ހަމަލާދީ ޕީ.އެލް.އޯ. ލުބްނާނުން ބޭރުކުރެވުނެވެ. އަދި، ފަލަސްތީނުގެ ރެފިޔުޖީ ކޭމްޕުތަކަށް ހަމާލާދެވި ފަލަސްތީނުގެ އެތައް ބައެއް ކަތިލާލެވުނެވެ. މިކަން ކުރުމުގެ މޭސްތިރިއަކީ އިޒުރޭލުގެ އެރިއަލް ޝެރޯންއެވެ. އަމަލީ ގޮތުން އެކަން ކުރީ ލުބުންނުގެ ނަސާރާ އަސްކަރީ ޖަމާއަތްތަކެވެ.

މި ހިސާބުން އިޒުރޭލުގެ މައިގަނޑު މަގުސަދެއް ހާސިލުވިއެވެ. އެއީ މަރުހޫމު ޔާސިރު އަރަފާތާއި ޕީ.އެލް.އޯ. ލުބްނާނުން ބޭރުކުރުމެވެ. ދެން، ޕީ.އެލް.އޯ. ދިޔައީ ޓިިއުނީސިޔާއަށެވެ. މީގެ އިތުރަށް، ލުބްނާނުގެ ދެކުނުން ބައެއް އިޒުރޭލުން ހިފިއެވެ. ބަފަރ ޒޯނެއގެ ގޮތުގައެވެ. ޣައްޒާގައި ވެސް މިހާރު އެފަދަ ބަފަރ ޒީޯނެއް އުފައްދަން އުޅޭހެން ވެސް ހީވެއެވެ. ޣައްޒާގެ އުތުރުން މީހުން ދެކުނަށް ގެންގޮސް ބަދަލުކޮށްގެންނެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ލުބްނާނުގައި ހިޒްބުއްﷲ އުފެދެން ދިމާވިއެވެ. އަދި، އެ މީހުން އިޒުރޭލު އަސްކަރީއާ ކުރިމަތިލައި ކާމިޔާބުތަކެއް ވެސް ހޯދިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއަކީ 2000 ވަނަ އަހަރު ގައި ލުބްނާނުގެ ދެކުނުން އިޒުރޭލު ބޭލުމެވެ. އަނެއްކޮޅުން، ޕީ.އެލް.އޯ. ފަލަސްތީނު ކައިރީގައި ނެތުމުން، އަށްޑިހައިގެ މެދުގެ އަހަރުތަކުގައި ހަމާސް އުފެދުނެވެ. އަދި، އެ މީހުންގެ އިންތިފާދާތައް އައެވެ. މިކަމުގެ ސަބަބުން ސުލްހަވެރިވުމުގެ ހަރަކާތްތައް ފެށި، 1993ގައި އޮސްލޯ އެއްބަސްވުން އެއްބަސް ވެވެުނެވެ. ނަމަވެސް، މިކަން ކާމިޔާބުވާ ގޮތެއް އަދިވެސް ނުވެއެވެ. ދެހާސް އެއް ވަނަ އަހަރު ވެސް އިތުރު ސުލްހައިގެ އެއްބަސްވުންތައް އެއްބަސްވެވޭތޯ މަސައްކަތް ކުރެވުނެވެ. މީގެ ސަބަބުތަކަށް މިވަގުތު ދާނެ ޖާގައެއް ނެތެވެ. އެހެން ފަހަރަކުން މި ނުކުތާއާ މެދު ބަލާލެވިދާނެއެވެ.

މިތަނުގައި ގެނެސްދެވޭތޯ ބެލީ ފަލަސްތީނު މައްސަލައިގެ ވަރަށް ވެސް ކުރު ޚުލާސާއެކެވެ. ޑރ. ޒާކިރު ނާއިކު ވިދާޅުވެފައިވާ ފަދައިން، މި މައްސަލައަކީ އަދި، މިފަދަ ތާރީޚީ އެހެން މައްސަލަތަކަކީ ވެސް މުސްލިމުން އެންމެން ދަންނަން ޖެހޭނޭ ކަންކަމެވެ. މިކަންކަން ނުދަނެ، ފަލަސްތީނުގެ މީހުންނަކަށް ވެސް އަދި އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ވެސް އެއްޗެއް ބުނަން އޮންނާނީ ދަތިވެފައެވެ. މަތީގައި އަޅާލެވިފައިވަނީ މި މައްސަލައާ ބެހޭ މުހިއްމު ނުކުތާތަކެއްގެ ސުރުޚީއެކޭ ބުނެވިދާނެއެވެ. މިކަމުގެ ތަފްސީލުތައް މިއަދު ހޯދާލުމަކީ ދާދި ފަސޭހަކަމެކެވެ. އޮންލައިންކޮށް މި މައްސަލައާ ބެހޭ ލިޔުންތަކާއި ފޮތްތައް ވެސް ލިބެން އެބަ ހުއްޓެވެ. އަދި، ޔޫޓީއުބުގައި މިކަމާ ބެހޭ އެތައް އެތައް ތާރީޚީ ވާހަކަތަކެއް ލިބެން އެބަ ހުއްޓެވެ. އެހެންވެ، މި މައްސަލައާ ބެހޭ ގޮތުން މައުލޫމާތު ހޯދައި އުނގެނުމަށް މިއަދު އެއްވެސް ހުރަހެއް ނެތެވެ. އެކަމަށް އޮތް ހަމައެކަނި ހުރަހަކީ ކަންނެތްކަމެވެ. ކަންނެތްކަން ފިލުވާލައިފައި، މިކަމާ ބެހޭ މައުލޫމާތު ހޯދައި، މިކަން ދެނެގަނެ އަހަރުމެންގެ ހޭލުންތެރިކަން އިތުރުކުރަންވީއެވެ. އާދެ، ޑރ. ޒާކިރު ނާއިކު ވިދާޅުވާ ފަދައިން ފަލަސްތީނަށްޓަކައި މިއީ ހަމަ ކޮންމެ މުސްލިމަކަށް ވެސް ކުރެވިދާނޭ ކަމެކެވެ. އަދި، ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މި މައްސަލައިގެ ބައެއް ހަގީގަތްތައް، ބައެއް ފަހަރު ގަސްދުގައި، އޮޅުވާލަމުންދާ ދުވަސް ވަރެއްގައި މިއީ ކޮންމެހެން ވެސް ކުރަން ޖެހޭނޭ ކަމެކެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް