ކޮޕީރައިޓު އެނގެނީ ކިހާ ވަރަކަށް؟
އިންސާނުން އުފައްދައިފައިވާ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ. އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހައި ހައްގެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ހައްގު ވިއްކައިފައި ނުވަތަ ދީފައި ނުވަތަ ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ.
މީހަކު ފިލްމެއް އުފައްދާނީ ނުވަތަ ލަވައެއް ކުޅޭނީ ނުވަތަ ލަވައެއް ހަދާނީ ނޫން ނަމަ މި ނޫން އުފެއްދުމެއް ނަމަވެސް އުފައްދާނީ އެކަމަށް ފިކުރުތަކެއް ކޮށްގެންނެވެ. ރޭވުންތަކެއް ރާވައިގެންނެވެ. ވަގުތުތަކެއް ހޭދަކޮށްގެންނެވެ. އެތައް ޚަރަދަކާއި އެތައް މަސައްކަތެއް ވެސް ކޮށްގެންނެވެ. އެހެންކަމުން އެ ފަދަ އެއްޗެއް އެހެން ބަޔަކު ނުވަތަ މީހަކު ނަކަލުކޮށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ވިޔަފާރީގެ އުސޫލުން ނުވަތަ އެހެން ބަޔަކު ކުރާ ވިޔަފާރިއަކަށް ގެއްލުންވާނޭ ގޮތަކަށް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އެހެން މީހެއްގެ ހައްގަކަށް އަރައިގަތުމެއްކަން ކަށަވަރެވެ. މިއީ ތަހުޒީބު ކޮންމެ އިންސާނަކު ވެސް ގަބޫލުކުރާނެ ހަމައެކެވެ. އަދި މިއީ ތައައްސުބެއް ނެތި ވިސްނާ ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނޭ ހަގީގަތެކެވެ.
އިސްވެ ދެންނެވުނު ހައްގަށް އާންމު ގޮތެއްގައި ކިޔައި އުޅެނީ ކޮޕީރައިޓެވެ. ކޮޕީރައިޓަކީ ކޮންމެހެން އެ އުފެއްދުމެއް ނުވަތަ އެ އެއްޗެއް ނަކަލުކުރުމުގެ ހައްގު އެކަންޏެއް ނޫނެވެ. އަޅުގަނޑު ދަންނަވާނީ އެއީ އޭގެ ފުރިހަމަ މިލްކުވެރިކަމުގެ ހައްގު ކަމުގައެވެ. ނުވަތަ އެ އެއްޗެއް ބޭނުންކުރުމުގެ ފުރިހަމަ އިޚުތިޔާރު އޮތުމެވެ. އެއީ އެ އެއްޗެއް ޝާއިޢުކޮށް، ނަކަލުކޮށް، ދުރަށް ދައްކައި، ދުރަށް ފޮނުވައި، ނުވަތަ އެ ނޫން ގޮތަކުން ނަމަވެސް ވިޔަފާރީގެ ގޮތުގައި ނުވަތަ މަންފާއެއް ލިބޭ ގޮތަކަށް ނުވަތަ ގާނޫނާ ޚިލާފު ނުވާނޭ ހަމަ ކޮންމެ ގޮތަކަށް ވެސް ބޭނުންކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ގާނޫނީ ހައްގު އޮތުމެވެ.
މި ދެންނެވި ފަދަ ބައެއް ހައްގުތައް އެކި ދާއިރާގައި ބޭނުންކުރުމުގެ ހައްގު ބޮޑު އަގު ދީފައި ބައެއް މީހުން ގަނެއެވެ. މިސާލަކަށް އެކިއެކި ޓީވީ ޗެނެލްތަކުން ފޮނުވާ އޮއްޓަރު (ނުވަތަ ކޮންޓެންޓް) ބޮޑު އަގު ދީފައި ބައެއް ކުންފުނިތަކުން ގަނެގެން އަލުން ދުރަށް ދެއްކުމުގެ (ރީބްރޯޑްކާސްޓްކުރުމުގެ) ޚިދުމަތް ފޯރުކޮށްދެއެވެ. މި ރާއްޖޭގައި ވެސް މީީޑިއާނެޓަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ބާވަތުގެ ވަރަށް ގިނަ ކޮންޓެންޓް ބޮޑު އަގު ދީފައި ގަނެގެން (އެކްސްކްލޫސިވް ރައިޓް ހޯދައިގެން) ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ މަޝްހޫރު ކުންފުންޏެކެވެ. އެ މީހުން އެ އަގު ހޯދާނީ އެ ޚިދުމަތް ރާއްޖޭގައި ހޯދާ ފަރާތްކަތުން ކުޑަ އަގެއް ނަގައިގެންނެވެ. ރައްޔިތުންނަށް ބޭނުންވާނޭ ޚިދުމަތެއްގެ ގޮތުގައެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ އަގުހުރި ޚިދުމަތެކެވެ. މި ކަން މި ހެން އޮއްވައި، އެ މީހުންނަށް ނޭނގި އެހެން ބަޔަކު އެ ޚިދުމަތުގެ ބޭނުން ވަގަށް ހޯދުމަކީ އެ މީހުންގެ ހައްގުތަކަށް އަރައިގަތުމެކެވެ. އެއީ ގާނޫނީ ކުށެކެވެ. މި ކަމުގެ ސަބަބުން އެ މީހުން ރަސްމީކޮށް ދޭ ޚިދުމަތަށް ނޭދެވޭ އަސަރެއް ފޯރައިފި ނަމަ، އޭގެ ގެއްލުން ލިބޭނީ ވެސް އާންމުންނަށެވެ. މި ނޫނަސް އެހެން ބައެއް އުފެއްދުންތައް ވެސް އެ އުފެއްދުންތަކުގެ ހައްގު ވެރީންގެ ހުއްދަ ނެތި ބޭނުންކުރެވެމުންދާ ތަން މަދުން ނަމަވެސް ފެނެއެވެ. މި ގޮތަށް ނުހައްގުން ގިނައިން ބޭނުން ކުރާތީ ފެންނަނީ ފިކުރީ މުދަލެވެ. ނުވަތަ މާނަވީ މުދަލެވެ. މާއްދީ ނޫން މުދަލެވެ.
އިސްވެ މި ދަންނަވައިލެވުނީ ނޭނގި ނަމަވެސް ކުރެވޭ ނުވަތަ އެނގިގެން ނަމަވެސް ކުރާ ވައްކަމެކެވެ. އެހެން ބަޔެއްގެ ހައްގަކަށް އަރައިގަތުމެކެވެ. މިއީ ވަރަށް ދަށް ފެންވަރުގެ ނާތަހުޒީބު ޢަމަލެކެވެ. އަދި . މިއީ ގާނޫނީ ކުށެއް ވެސްމެއެވެ. މި ކަންކަން ކުރާ ބައެއް މީހުން މި ކަންކަން ކުރަނީ މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ތިބެއެވެ. ނުވަތަ މި ކަން އެނގޭ ބަޔަކު މި ކަން ކުރަނީ ގާނޫނަށް ވެސް ސިއްރުންނެވެ. މި "ވައްކަން" ކުރާ މީހުންނަށްމި ފުރުސަތު ލިބެނީ އަޅުގަނޑުމެންގެ ހޭލުންތެރިކަން ކުޑަކަމުންކަމަށް ވެދާނެއެވެ. މި ކަމާ ބެހޭ ގާނޫނެއް އޮންނަކަމާއި އެ ގާނޫނުން ހިމާޔަތް ލިބެނީ ކޮންކޮން އުފެއްދުންތަކަކަށްކަން ނޭނގޭތީކަމަށް ވެސް ވެދާނެއެވެ.
މި ފަދަ ކޮންމެ އެއްޗަކަށް ނުވަތަ އުފެއްދުމަކަށް ވެސް ހަގީގަތުގައި ގާނޫނީ ހިމާޔަތް އެބަ އޮތެވެ. 2010 ވަނަ އަހަރު ފާސްކޮށް 2011 ވަނަ އަހަރު އެޕުރީލު މަހު ޢަމަލުކުރާން ފަށައިފައިވާ "ކޮޕީރައިޓާއި އެޔާ ގުޅޭ އެހެން ހައްގުތަކުގެ ގާނޫނު"ން މި ދެންނެވި ހައްގުތައް ވަނީ ހިމާޔަތްކޮށްދީފައެވެ. މި ދެންނެވި ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްގެ ކޮޕީރައިޓު ހިމާޔާތްކުރުމަށް ޓަކައި ކޮންމެހެން ސަރުކާރުގެ އިދާރާއެއްގައި އެ އުފެއްދުމެއް ރަޖިސްޓަރީކުރާކަށް ވެސް ނުޖެހެއެވެ. އެހެންނަމަވެސް ތިމާގެ ހައްގު ގެއްލިގެން ނުވަތަ ތިމާގެ މިލްކުވެރިކަން ކޯޓުގައި ސާބިތުކޮށްދޭން ބޭނުންވާ ބައެއް ދަނޑިވަޅުތަކުގައި އެ ގޮތަށް ރަޖިސްޓަރީކުރުމަކީ ބޭނުންތެރިކަން ހާމަވެއެވެ.
އާދޭހެވެ! މި ފަދަ ކޮންމެ އެއްޗެއްގެ މިލްކުވެރިކަން މި ދެންނެވި ގާނޫނުން ވަނީ ހިމާޔަތްކޮށްދީފައެވެ. "ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ ތަކެއްޗާއި ދިވެހިރާއްޖެ ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގައި ބަޔާންކުރެވިފައިވާ ބަޔަކު އުފައްދާ ތަކެތި މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެ"ކަމަށް އިސްވެ ދެންނެވުނު ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.
މި މާއްދާގައި ބަޔާންކޮށްފައިވާ "ތަކެތީގެ" އިތުރު ތަފުސީލު، އެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ)ގައި ތަފުސީލުކޮށްފައިވެއެވެ. މި ދެންނެވި ބައިތަކުގެ ތެރޭގައި އަންނަނިވި ބައިތައް ވެސް ހިމެނެއެވެ.
(1) ފޮތް، ލުއިފޮތް، މަޒުމޫނު އަދި މި ނޫން ލިޔުންތައް
(2) ޢިލްމީ، އަދަބީ، އަދި އާޓިސްޓިކް ތަގުރީރުތަކާއި، މުޚާތަބުކޮށް ދައްކާ ވާހަކަ
(3) ޑްރާމާ، މިޔުޒިކީ ޑްރާމާ، އިސްޓޭޖު ނެށުމާއި، އެ ނެށުން ރާވައި އަތުރައިފައިވާ ގޮތާއި، ފިޔަވަޅުތަކާއި މި ފަދަ ހުށަހެޅުންތަކާއި މި ނޫން ވެސް މި ފަދަ އުފެއްދުންތައް
(4) ޅެމާއި ލަވަޔާއި ރާގާއި މި ނޫންވެސް މިޔުޒިކީ އުފެއްދުންތައް
(5) ފީޗަރ ފިލްމު، ޑޮކިޔުމެންޓަރީ ފިލްމު، ޑްރާމާ، ވީޑީއޯ ލަވަ، އަދި އެހެނިހެން ވީޑިއޯ ވިޜުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް
(6) ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތްތައް
(7) ފޮޓޯގެ މަސައްކަތްތައް
(8) އިތުރު ބޭނުމަކާއެކު އުފައްދައިފައި ހުންނަ ފަންނާނީ މަސައްކަތްތައް،
(9) އިލަސްޓްރޭޝަން، ޗާޓު، ޕްލޭން، ސްކެޗް އާއި ޖޯގްރަފީ، ޓޮޕޯގްރަފީ، ފަރުމާކުރުން ނުވަތަ ސައިންސާގުޅޭ 3 ޑައިމެންޝަންގެ އުފެއްދުންތައް
(10) ކޮންޕިޔުޓަރު ޕްރޮގުރާމުތައް (ސޯސް ކޯޑް ނުވަތަ އޮބްޖެކްޓް ކޯޑުގެ ގޮތުގައި ހުރި ނަމަވެސް)
މި ގާނޫނުގެ ދަށުން އެއްވެސް އުފެއްދުމެއް ހިމާޔަތްކޮށްދެނީ އެ އެއްޗެއް ހުށަހަޅައިދޭ ގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެނެއް ނޫނެވެ. ހަމަ އެކަނި އެ އުފެއްދުމެއް އުފެއްދީތީއެވެ. ވީމާ މީހަކަށް އޮންނަ ހައްގެއް ނުވަތަ ކޮޕީރައިޓެއް، އޭގެ ވެރިފަރާތުން އެހެންމީހަކު ނުވަތަ ބަޔަކު ގަނެފައިވާ ނަމަ، ގާނޫނީ ގޮތުން އެ ހައްގު އެ މީހަކަށް އޮންނާނެއެވެ. މި ފަދަ ހައްގެއް ދީ ނުވަތަ ވިއްކައި ހަދައިފައި ނުވާ މީހަކު، އޭގެ ހައްގުވެރި ފަރާތަށް ސިއްރުން ނުވަތަ ފާޅުގައި ނަމަވެސް، ހައްގު އޮތް ފަރާތެއްގެ ހުއްދަ ނެތި ބޭނުންކުރުމަކީ އެހެން ބަޔެއްގެ ހައްގަށް އަރައިގަތުމެކެވެ.
މި ކަން މިހެން އޮތް ނަމަވެސް ކޮޕީރައިޓް ހިމާޔަތްކުރެވިފައިވާ މިންވަރު އެނގެނީ ދާދި މަދު މީހަކަށެވެ. މީހުންގެ މާއްދީ މުދަލަށް ސަމާލުކަން ދެވުނަސް އެހެން މީހުންގެ ފިކުރީ މުދަލުގެ މިލްކުވެރިކަމާމެދު ގިނަ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިއީ ވަރަށް ސީރިއަސް ކަމެއް ކަން ދަންނަނީ އަދި މާ މަދު ބަޔެކެވެ.
މާއްދީ ނުވަތަ ފިކުރީ މުދަލެއްގެ ވެސް ހައްގުވެރިކަމާއި މިލްކުވެރިކަން އޭގެ ވެރި ފަރާތަށް ލިބިފައިވާނީ ހަމަ އެއް މިންވަރަކަށެވެ. އެހެންކަމުން އެހެން މީހުންގެ ޢިލްމީ، ފަންނީ، އަދަބީ ނުވަތަ އެ ނޫން ވެސް މިފަދަ މަސައްކަތްތަކަށް އަޅުގަނޑުމެން އިހުތިރާމްކުރާން ދަސްކުރާން އެބަޖެހެއެވެ. މާއްދީ މުދަލުގެ މިލްކުވެރި ފަރާތެއް ވާނޭ ފަދައިން ފިކުރީ މުދަލުގެ ވެސް މިލުކުވެރި ފަރާތެއް ވާނެކަން ދަނެ، މިލްކުވެރިޔާގެ ހައްގުތަކަށް އިހުތިރާމްކުރާން އެބަޖެހެއެވެ. ގާނޫނީ ގޮތުން ހިމާޔަތް ކޮށްދީފައިވާ، އެހެން ބަޔެއްގެ ހައްގުތަކަށް އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ ނަމަ ......................... ނުވިސްނައި ތިއްބައި ކިތަންމެ ބޮޑު ގެއްލުމަކާ ވެސް ކުރިމަތިލާންޖެހިދާނެއެވެ.