Advertisement

އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅު

03 Aug 2024 | 02:29
ސާރިދޯޅުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

'ރޫސީ ސާރިދޯޅު' ނުވަތަ 'ރަތް ސާރިދޯޅު' މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އާންމުވީ އިބާރާތެކެވެ. އެ ދުވަސް ވަރު ސޯވިއެޓު ޔުނިއަންއަށް ނިސްބަތްކޮށް ކިޔައި އުޅުނު ނަމެކެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅުގެ ވާހަކައަކީ ކޮބައިކަމާއި މިއަދު އެ ވާހަކަދައްކާން ޖެހުނު ސަބަބު ބަޔާންކޮށްދިނުމުގެ ކުރީން ފިނި ހަނގުރާމައަކީ ކޮބައިކަން ބުނެލާން ޖެހެއެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅު ފާޅުވާން މެދުވެރިވި ސަބަބު އެނގިދިޔުމަށް ޓަކައެވެ.

1945ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ އެކު، ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔައެވެ. ގިނަ ގުތުބުތަކުގެ (މަލްޓިޕޯލަރ) ދުނިޔެއަކުން ދެ ގުތުބުގެ (ބައިޕޯލަރ) ދުނިޔެއަކަށް، ދުނިޔެ ބަދަލުވިއެވެ. އާދޭހެވެ! ގިނަ ގުނަ ބޮޑެތި ބާރުތަކެއް ހިމެނޭ ދުނިޔެއަކުން ބޮޑު ދެބާރު އެކުލެވޭ ދުނިޔެއަކަށް، ދުނިޔެ ބަދަލުވެގެންދިޔައެވެ. މީގެ މާނައަކީ ބޮޑު ހަނގުރާމައިގެ ކުރީން، ބޮޑެތި ބާރުތަކެއްގެ ގޮތުގައި ހިމެނުނު، ޖަރުމަނުވިލާތާއި އިނގިރޭސި ވިލާތާއި ފަރަންސޭސިވިލާތާއި މި ހުރިހައި ބާރުތަކުން އެއް ބާރެއް ވެސް، ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ނުހިމެނުމެވެ. މީގެ ބަދަލުގައި އެމެރިކާއާއި ސޯވިއެޓް ޔުނިއަން، ދުނިޔޭގެ ބޮޑު ދެބާރަށް، ވެގެން ދިޔުމެވެ. މިހެން ވުމުގެ މައިގަނޑު ދެ ސަބަބެއް އޮތެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިކުރުމުގައި މި ދެ ގައުމުގެ ދައުރު ބޮޑުވުމެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު އެމެރިކާއާއި ސޯވިއެޓުން ނޫން އެހެން އެންމެނަށް، ނިސްބަތުން، ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހަލާކުވެ ފުނޑުފުނޑުވިއެވެ. ހަމަ އެހެންމެ، އިނގިރޭސި ވިލާތަށް ވެސް ބޮޑެތި ބޮޑެތި ގެއްލުންތައް ލިބުނެވެ. ސޯވިއެޓު ޔުނިޔަންއަށް ގެއްލުން ލިބުނުކަމުގައި ވިޔަސް، ސޮވިއެޓު ޔުނިޔަން ބޮޑުވުމުގެ ސަބަބުން މުޅި ތަން ހަލާކެއް ނުވެއެވެ. އަދި، ހަނގުރާމައިގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ތަން ބިނާކުރެވި، ޖަރުމަނާ ހަނގުރާމަކޮށް ޖަރުމަނު ބަލިކުރުމުގެ މަގު ސޯވިއެޓުން ފަހިކޮށް ދިނެވެ. ޚާއްސަގޮތެއްގައި ޔޫރަޕުގެ އިރުމަތީ ފަޅީގައި ކުރެވުނު ހަނގުރާމައިގެ މައުރަކާތަކުގައި ޖަރުމަނާ ކުރިމަތިލީ ކުރިމަތިލުމުގައި ޖަރުމަނު ބަލިކޮށްގެންނެވެ. އަނެއްކޮޅުން، ހަނގުރާމައިގެ ސަބަބުން، ނިސްބަތުން، ސީދާ އެމެރިކާއަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. ބޮޑު ހަނގުރާމައިގެ ސަބަބުން، ހަގީގަތުގައި، އެމެރިކާއަށް ކުރީ ފައިދާއެވެ. ހަނގުރާމައަށް ބޭނުންވި މުދަލާއި އަދި ހުލަފާއިންގެ ދައުލަތްތަކުގެ އާންމު މީހުންގެ ބޭނުންތައް ފުއްދުމަށް ޓަކައި އެމެރިކާގެ އުފެއްދުންތައް އިތުރުކުރިއެވެ. އަދި، މި ކަމުގެ ސަބަބުން، އެމެރިކާގެ އިގުތިސާދު ކުރިއަރައި ވަރުގަދަވިއެވެ. ހަނގުރާމަ ނިމުނު އިރު އެމެރިކާގެ އިގުތިސޯދު އޮތީ ދުނިޔޭގެ އެންމެ ބޮޑު އަދި ވަރުގަދަ އިގުތިސާދަށް ވެފައެވެ. މީގެ އިތުރަށް ޔޫރަޕުގެ ގައުމުތައް އޮތީ އެމެރިކާއަށް ދަރައިފައި ވެސް މެއެވެ.

ކޮންމެ އަކަސް، މި ދެންނެވި ދެކަމުގެ ސަބަބުން، ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ސޯވިއެޓުންނާއި އެމެރިކާނުން ދުނިޔޭގެ ބޮޑު ދެ ބާރު ކަމުގައި ވިއެވެ. މި ދެ ބާރުގައި ހިންގަމުން އައީ ތަފާތު ދެ ސިޔާސީ އަދި އިގުތިސާދީ ނިޒާމެކެވެ. އެއް ކޮޅުން އެމެރިކާގައި އޮތީ މިނިވަން، ޑިމޮކުރަޓިކް ސިޔާސީ ނިޒާމެކެވެ. އަދި އިގުތިސާދު ބިނާވެފައި އޮތީ ރައުސްމާލިއްޔަތުގެ މައްޗަށެވެ. ސަޕްލައިއާއި ޑިމާންޑުގެ މައްޗަށް އެކުލެވޭ އުފެއްދުންތެރިކަމަކާއި ހުޅުވިފައި އޮތް ބާޒާރެއްގައި ކުރެވޭ މިނިވަން ވިޔަފާރިއެއްގެ މައްޗަށެވެ. އަނެއްކޮޅުން ސޯވިއެޓު ޔުނިއަންގައި އޮތީ އެއް ޕާޓީ (މާ ބޮޑު ފަރުދީ މިނިވަންކަމެއް ނެތް، ކޮމިޔުނިސްޓު ޕާޓީ)ގެ އިސްތިބްދާދީ ސިޔާސީ ނިޒާމެކެވެ. އިގުތިސާދީ ގޮތުން، ކޮމިޔުނިސްޓު އަގީދާގެ މައްޗަށް ބިނާވެފައި އޮތް 'އަމުރުވެރި އިގުތިސާދެކެވެ'. އާދޭހެވެ! 'ކޮމާންޑް އިކޮނޮމީއެކެވެ.' މާނައަކީ ފަރުދީ މިނިވަންކަމެއް ނެތް، ސަރުކާރުން ކަނޑައަޅައި އަންގާ ގޮތަކަށް އުފެއްދުންތެރިކަން ބައްޓަންކޮށް، ކުރިއަށް ގެންދާން ޖެހޭ ކޮމިޔުނިސްޓު އިގުތިސާދީ ނިޒާމެކެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމި، އެމެރިކާއާއި ސޯވިއެޓު ޔުނިއަން ދުނިޔޭގެ ބޮޑު ދެބާރަށްވެ، މި ދެބާރުގެ ދެމެދުގައި ނުރަނގަޅު ވާދަވެރިކަމެއް އުފެދުނެވެ. އެއް ކޮޅުން ސޮވިއެޓް ޔުނިއަން ބޭނުންވީ އެ މީހުންގެ ކޮމިޔުނިސްޓް އިގްތިސާދީ ނިޒާމާއި މި ނިޒާމު ފެތުރުމުގެ ވަސީލަތްކަމުގައިވާ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމު އެހެން ގައުމުތަކަށް އެކްސްޕޯޓުކުރާށެވެ. މަސައްކަތްތެރީން މިނިވަންކޮށް، އެ މީހުން ބާރުވެރިކުރުމުގެ ނަމުގައެވެ. މި ގޮތުން، އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތައް ހިމަނައިގެން ކޮމިޔުނިސްޓު ބުލޮކެއް ގާއިމުކުރެވުނެވެ. އިރުމަތީ ޖަރުމަނާއި ޕޯލަންޑާއި، ހަންގޭރީއާއި ޗެކޮސްލަވޭކިޔާއާއި ރޫމޭނިޔާ ފަދަ ގައުމުތައް ހިމަނައިގެންނެވެ. އަދި އެމެރިކާގެ ބައްރުގެ ގައުމުތަކާއި އޭޝިޔާގެ ގައުމުތަކަށް ވެސް ސޯވިއެޓުންގެ ނިޒާމު ފަތުރާން ބޭނުންވިއެވެ. މި ގޮތުން މިފަދަ ނިޒާމެއް ކިޔުބާއާއި އުތުރު ކޮރެއާއާއި ވިއެޓްނާމާއި އަދި ޗައިނާގައި ވެސް ގާއިމުވެގެންދިޔައެވެ. މި ހުރިހައި ގައުމުތަކަކީ ކޮމިޔުނިސްޓު ގައުމުތަކަށް ވިޔަސް، ސޯވިއެޓް ޔުނިޔަންގެ ބާރުގެ ދަށުގައި މި ހުރިހައި ގައުމުތަކެއް ނުހިމެނެއެވެ. އަނެއްކޮޅުން އެމެރިކާއިން ބޭނުންވީ ދުނިޔޭގައި ސޯވިއެޓުންގެ ހަންފެތުރުމުގެ މަސައްކަތް ހުއްޓުވައި، އެމެރިކާގެ ނުފޫޒު ފެތުރުމެވެ.

އެމެރިކާއާއި ސޯވިއެޓުންގެ މި ވާދަވެރިކަމަށް ފިނިހަނގުރާމައޭ ކިޔުނެވެ. މި ފިނި ހަނގުރާމަ، ދެ ފަރާތުގެ ސީދާ ކުރިމަތިލުމަކަށް ނުދިޔަކަމުގައި ވިޔަސް، ދެފަރާތް ތަމްސީލުކުރި ބަޔެއްގެ ދެމެދުގައި ފިނި ހަނގުރާމަ، ހޫނު ހަނގުރާމައަކަށް ބަދަލުވެ، ތަޅައިފޮޅުން ހިންގައި ލޭ އޮހޮރުވުނެވެ. މި ފަދައިން ހޫނުވެގެންދިޔަ ހަނގުރާމަތައް ހަންގޭރީގައްޔާއި ކޮރެއާގެ ޖަޒީރާގައްޔާއި ވިއެޓްނާމްގައި ކުރެވުނެވެ. އަދި، 1963ގައި ކިޔުބާ މެދުވެރިކޮށް، ސޮވިޔެޓުންނާއި އެމެރިކާނުން ނިޔުކުލިޔަރުގެ ކުރުމަތިލުމެއް ކުރިމަތިލާ ހިސާބަށް ވެސް ދިޔައެވެ. ފިނިހަނގުރާމައިގެ މި ވާދަވެރިކަން، 1945އިން ފެށިގެން، 45 ވަރަކަށް އަހަރު ވަންދެން ދެމި އޮތެވެ.

މި މުއްދަތުގެ ތެރޭގައި، ހުޅަނގުގައްޔާއި އަދި އެމީހުންނަށް ތާއިދުކުރާ އެހެން ގައުމުތަކުގައި ސޯވިއެޓުންނަށް އިޝާރަތްކޮށް ރޫސީ ސާރިދޯޅޭ ނޫނީ ރަތް ސާރިދޯޅޭ ކިޔުނެވެ. ސާރިދޯޅަކީ ވަހުޝީ (ވައިލްޑް) ނުރައްކާތެރި ޖަނަވާރެކެވެ. އިންސާނުންނާ ހަމަލާދީ އިންސާނުން މަރައި ކައި ހަދާ ޖަނަވާރެކެވެ. ރަތް ކުލަ އިޝާތްކުރަނީ، ސޮވިޔެޓުންގެ ދިދައިގެ ކުލަ ރަމްޒުކޮށްދޭ ކޮމިޔުނިސްޓު ނިޒާމަށެވެ. ރޫސީ ސާރިދޯޅު ނުވަތަ ރަތް ސާރިދޯޅުން އިޝާރަތްކުރެވެނީ މި ނިޒާމުގެ ފަނާކުރުވަނިވި މާނައަށެވެ. އާދޭހެވެ! ކޮމިޔުނިސްޓު ނިޒާމަކީ އިންސާނާގެ މިނިވަންކަމާއި، ދިރުން ނެތިކޮށްލާ ނިޒާމެކެވެ. ސޯވިއެޓުގެ ބާރު ބޭނުންކޮށް، އެ މީހުން ބޭނުންވަނީ މި ނިޒާމު މުޅި ދުނިޔޭގައި ފެތުރުމަށެވެ. މި ކަމުގެ ނުރައްކާތެރިކަން އާންމު މީސްތަކުންނަށް އަންގައިދީ މި ކަމަށް އެ މީހުން ހޭލުންތެރިކުރުވައި މި ފަދަ ފަނާކުރުވަނިވި ނިޒާމަކާ އެ މީހުން ދުރުހެލިކުރުމަށް ޓަކައި މި އިބާރާތް - ރޫސީ ސާރިދޯޅު ނުވަތަ ރަތް ސާރިދޯޅުގެ ވާހަކަ- ފިނި ހަނގުރާމައިގެ ދުވަސްވަރު ދެއްކުނީއެވެ.

ފިނި ހަނގުރާމަ މިއަދު މިއޮތީ ނިމުމަކަށް އައިސްފައެވެ. އެ ކަން ނިމުނުތާ މިހާރު ތިރީސް އަހަރުވީއެވެ. ދެން މިއަދު މިވާހަކަ ދައްކާން ޖެހުނީ ކީއްވެހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ދަންނަވަމެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ރޫސީ ނުވަތަ ރަތް ސާރިދޯޅު ފަދަ، އެހެން ސާރިދޯޅެއް ރާއްޖެއާ ކުރިމަތި ވެއްޖެއެވެ. އާދޭހެވެ! ހިންދީ ނޫނީ އޮރެންޖު ސާރިދޯޅެކެވެ. ރޫސީން ކުރީން ބޭނުންވީ އެ މީހުންގެ ނިޒާމު މުޅި ދުނިޔޭގައި ފެތުރުމަށް ޓަކައި ދުނިޔޭގެ ގައުމުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެހެން ގައުމުތަކުގެ ސިޔާދަތާއި އެ ގައުމުތަކުގެ މީހުންގެ މިނިވަންކަމަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. ޗައިނާއާއި ޔޫގޮސްލޭވިޔާ ފަދަ، ހުރިހައި ކޮމިޔުނިސްޓު ގައުމުތައް އެމީހުންގެ އަތްދަށަށް ނުގެނެވުނު ކަމުގައި ވިޔަސް، އެ މީހުންގެ އަތް ދަށަށް ގެނެވެން އޮތް ގައުމުތައް، އެމީހުންގެ އަތް ދަށަށް ގެނައެވެ. ޚާއްސަކޮށް އިރުމަތީ ޔޫރަޕުގެ ގައުމުތަކެވެ. މި ފަދަ ގައުމުތަކުގައި ތިބި، ސޮވިއެޓުންގެ ސިޔާސީ އޭޖެންޓުން މެދުވެރިކޮށް، ބާރު ބޭނުން ކުރާން ޖެހިއްޖެ ހާލަތެއްގައި ބާރު ވެސް ބޭނުންކޮށްގެންނެވެ. މީގެ މިސާލު 1956ގައި، ހަންގެރީއިންނާއި، އަދި 1968ގައި، ޗެކޮސްލަވޭކިޔާއިން، އެ ތަންތަނުގައި އެވަގުތު ތިބި ސޯވިއެޓުންގެ އޭޖެންޓުންގެ އެހީގައި، ސޯވިއެޓުގެ އަސްކަރީ ބާރުތައް، އެ ތަންތަނަށް އަރައިގަތް އަރައިގަތުމުން ފެނިގެން ދިޔައެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު، އެ ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ބެލުމެއް ނެތި، އިރުމަތީ ޔޫރަޕުގެ ގައުމުތައް، ރޫސީ ރަތް ސާރިދޯޅުގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރި ފަދައިން، މިއަދު، އުތުރު ކަރައިގެ ހިންދީ އޮރެންޖު ސާރިދޯޅު، އޭތީގެ އަވައްޓެރި ބައެއް ގައުމުތައް، އެ ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ބެލުމެއް ނެތި، އޭތީގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރާން ބޭނުންވެއެވެ. މި ގޮތުން، ބޫޓާނާއި ނޭޕާލާއި ޝުރީލަންކާއާއި ދިވެހިރާއްޖެ، އުތުރު ކަރައިގެ ބާރުގެ ދަށަށް ގެންދާން ބޭނުންވެއެވެ. އަދި މި ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމުގެ ގޮތުން މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މީގެ ނަތީޖާއަކީ، މި ގައުމުތަކުގެ ތެރެއިން، ބޫޓާން، އުތުރު ކަރައިގެ ސާރިދޯޅުގެ ބާރުގެ ދަށަށް ދިޔުމެވެ. ބޫޓާނުގެ ޚާރިޖީ ސިޔާސަތާއި އަސްކަރިއްޔާއާއި އަދި ވިޔަފާރި ވެސް، އެ ސާރިދޯޅީގެ ބާރުގެ ދަށަށް ގެނެސްގެންނެވެ. ނަމަވެސް، ބޫޓާނުގައި ވެސް، އެ ތަނުގެ ސިޔާދަތު ގެއްލިފައިވާ މައްސަލަ ނެގި، ކުރީގައި ބޫޓާނާއި އުތުރު ކަރައާއި ދެމެދު ކުރެވުނު އެއްބަސްވުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވުނެވެ. ނަމަވެސް، އަދިވެސް، ބޫޓާނު އޮތީ އުތުރު ކަރައިގެ ސާރިދޯޅުގެ ވަކިގަނޑުގެ ދަށުގައެވެ. ދެންމެ މި ދެންނެވި ގައުމުތަކުގެ ތެރެއިން، ޝުރީލަންކާ، އުތުރު ކަރައިގެ ސާރިދޯޅުގެ ބާރުގެ ދަށަށް ގެނެވޭ ގޮތެއް ނުވިއެވެ. ޝުރިލަންކާގެ ގައުމީ ހޭލުންތެރިކަން ބޮޑުވެފައި، އެ މީހުންގެ ސިޔާދަތު ވިއްކައިލާނޭ ބަޔަކު އެ ގައުމުން ނުލިބުމުންނެވެ. މީގެ އިތުރަށް، އެ ސާރިދޯޅުގެ ބާރުގެ ދަށަށް، ނޭޕާލު، ގެނައުމައްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިޔަސް، އޭތި ބޭނުންވާ ގޮތަކަށް އަދި، އެކަމެއް ނުވެއެވެ.

ރާއްޖޭގެ މައްސަލައަށް ބަލައިލާ އިރު، އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔުމުގެ މަސައްކަތް، ވަރަށް ބާރު އިސްޕީޑުގައި ކުރެވެމުން އެބަ ދެއެވެ. ރާއްޖޭގެ އަމިއްލަ ސިޔާދަތަކަށް ނޫނީ މިނިވަންކަމަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. މި ގޮތުން އެންމެ ފަހުން އާންމުވެގެން ދިޔައީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ – އިންޑިޔާގެ - އަސްކަރީ ބޯޓެއް ރާއްޖެ ގެންނަ ވާހަކައެވެ. މި ލިޔުމުގެ ދެން އޮތް ބައިގައި މި ބޯޓާ ގުޅޭ ވާހަކަތައް ލިޔެލާން ގަސްދުކުރަމެވެ. މި ދެންނެވި މަސައްކަތުގެ އެހެން ވާހަކަތައް އެކި ފަހަރު އެކި ސިފައިގައި ލިޔެވި ހިނގައްޖެއެވެ. އަދި، ބައެއް ކަހަލަ ރައްދުތައް ވެސް އެލިޔެވުނު ވާހަކަތަކާ ވިދިގެން ލިބުނެވެ. އެހެންވެ، 'އަސްކަރީ ބޯޓުގެ' ވާހަކަ ދެއްކުމުގެ ކުރީން، އަދި ވެސް އެއް ފަހަރު، ހިންދީ އޮރެންޖު ސާރިދޯޅުގެ ވަކިތައް ރާއްޖޭ މިނިވަން ހަށިގަނޑުގައި ހިއްޕައިލުމުގެ މަސައްކަތުގެ ތެރެއިން ކުރީގައި ދެއްކިފައިވާ ބައެއް ވާހަކަތައް ވެސް، އަނެއްކާ ވެސް، ތަކުރާރުކޮށް ލިޔެލާން ޖެހެއެވެ.

އެންމެ ފުރަތަމަ، މި ފަހުން، އެ މަސައްކަތް ފެށުމުގެ ވާހަކައެވެ. ދެ ހާހުގެ ކުރީގެ އަހަރުތަކުގެ ހިސާބުން ފެށިގެން، ހިންދީ ސާރިދޯޅުގެ ވަކި ގަނޑުގެ ދަށަށް، ރާއްޖެ ގެންދިޔުމުގެ މަސައްކަތް، ހަލުވި އިސްޕީޑެއްގައި ކުރާން ފެށުނެވެ. އަދި، ރާއްޖޭގެ އޭރުގެ އިދިކޮޅު ސިޔާސީ ބައެއް މީސް މީހުންނާ، ކޮންމެވެސް ގޮތަކުން، ގުޅުންތަކެއް އުތުރުކަރައިގެ އޮރެންޖު ސާރިދޯޅު ގާއިމުކުރިއެވެ. ދެން، މި ގުޅުންތަކުގެ އެހީގައި، މި ދެންނެވި މަސައްކަތް ކުރާނީ ކިހިނެއްކަމާ މެދު ބަހުސްކުރެވުނެވެ. ބައެއް އާންމު ފޯރަމްތަކުގައި ރާއްޖޭގެ ދިފާއީ މުއައްސަސާއަކީ ބޭކާރު ތަނެއްކަމުގައި ވެސް ބަހުސްކުރެވުނެވެ. އެ މީހުން ކުރާން ބޭނުންވާ ކަންތައްތަކަށް، އެ މުއައްސަސާއިން ކުރިމަތިވެދާނެ ހުރަހެއް އޮވެދާނެތީއެވެ. އަދި، އެ ތަންތަން އުވައިލައި، އޭގެ ބަދަލުގައި، އެ މުއައްސަސާ ހިންގުން ބޭރު ބަޔަކާ ހަވާލުކުރުމުން، ޚަރަދުކުޑަވެފައި ނަތީޖާ މާ ރަނގަޅުވާނެކަމަށް ވެސް ބަހުސްކުރެވުނެވެ. މީގެ ރައްދު އަޑު (އެކޯ) މިހާރު ވެސް އިވިއިވި އެހުރީއެވެ. އުތުރު ކަރައިގެ ސާރިދޯޅުގެ އެންމެ އިސް އޭޖެންޓު، އަޅުގަނޑުމެންގެ މަހާރާޖާ ކޮންމެ ދުވަހަކުހެން، ހަރުއަޑުފުޅުން، އެ މުއައްސާސާއަކީ އެއްވެސް އަގެއް ނެތް ބޭކާރު ތަނެއްކަމުގައި ދޭހަވާ އިބާރާތުން ވާހަކަ ދައްކަވައެވެ! މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އަދި މި ސުއާލުގެ ކުރު ޖަވާބަކީ އެ މުއައްސަސާ އުވާލެވެންޏާ އުވައިލުމުވެ. އަދި ރާއްޖޭގެ އަމާންކަން ބެލެހެއްޓުން ބޭރު ބަޔަކާ ހަވާލުކުރުމެވެ. ނޫން ނަމަ ރާއްޖޭގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ބޭރު މީސްމީހުން އައްޔަނުކޮށް، ބޭރު މީހުންގެ ބާރުގެ ދަށަށް ދިވެހި އަސްކަރިއްޔާ ގެނައުމެވެ. ބޫޓާނުގައި ކަންތައް ހިނގައި ދިޔަ ފަދަ ގޮތެއްގައެވެ. ދެން، ދެ ހާހުގެ ދަހަރުގެ އަހަރުތަކަށް އެޅިގެން އައިރު ހިންދީ ސާރިދޯޅަށް ބާރު ލިބޭ އެކިއެކި ކަންތައް ކުރެވޭން ފެށިއެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިޔާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 'މަތިން ވިދާޅުވެގެން ކަމަށް' އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ވަޒީރު، އޭނާގެ ބަސްދީގަތުމެއްގައި، ވިދާޅުވިއެވެ. މާނައަކީތޯއެވެ؟ އެކަން ކުރެވުނީ އެފަދަ ކަންކަން ކުރާން އޮންނަ އިޖުރާއާތުތަކެއްގެ ދަށުންނެއް ނޫނެވެ. އަދި ގަވާއިދުތަކާއި ގާނޫނުތަކަށް ބަލައިގެންނެއް ވެސް ނޫނެވެ. ދެން، އެ ކުންފުނީން ރާއްޖޭގައި ކުރާން އޮތީ ކޮން އިންވެސްޓުމަންޓެއްހެއްޔެވެ؟ މި ކަން ބިނާވެފައި އޮތީ، މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖެއިން ޒިންމާ ނަގާ ގޮތަށް، ބޭންކުތަކުން ނަގާ ލޯނަކުން ޚަރަދުކުރާ ކުރުމުގެ މައްޗަށެވެ! އެ ކުންފުންޏަކުން ރާއްޖެއަށް ގެންނަ އެކުންފުނީގެ އަމިއްލަ ފައިސާއަކުންނޫނެވެ. އާދޭހެވެ! ވެން މަސް ވެނަށް ކާންދޭ އުސޫލަށް އޮތް އިންވެސްޓުމެންޓެކެވެ. އެއްވެސް، އަމިއްލަ އިންވެސްޓުމެންޓެއް އެ ކުންފުނީން ނުކޮށް، އެ ކުންފުންޏައް ފައިދާވާ ގޮތަށެވެ.

މިއީ މިހާރު ބޭކާރު ވާހަކައެކެވެ. ނަމަވެސް، ހަނދާންކޮށްލާންވީ، ވިސްނާންވާ ވަރަށް ނުވިސްނައި ކުރި ކަމަކުން ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށްވީ ކަމެވެ. ނަމަވެސް، މި ކަމުގެ ވެސް ޒިންމާ ނަގާނޭ އެއްވެސް ބަޔެއް ނެތެވެ. ދެން، މީގެ އިތުރަށް ވެސް، ރާއްޖެއާއި ހިންދީ ސާރިދޯޅާއި ދެމެދު އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި އަސްކަރީ އެއްބަސްވުންތައް ހިމެނެއެވެ.

މި ފަދަ އެއްބަސްވުންތަކުގެ ބޭރު ފުށުގައި އޮންނަނީ މިއީ އެކުވެރިކަމުގެ އެއްބަސްވުންތަކެއް ކަމުގައެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީވެދޭނޭ، އަދި އެ ކަމުގެ ސަބަބުން، ދެބައި މީހުންގެ ގުޅުން ބަދަހި ވެގެންދާނޭ އެއްބަސްވުންތަކެއްގެ ގޮތުގައެވެ. ފަހަރެއްގައި ވެސް، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީ ރަތް ސާރިދޯޅާއި އޭގެ ވަކިތަކުގެ ދަށުގައި ލެވިފައިވާ އިރުމަތީ ޔޫރަޕުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ފަދަ، ސޯވިއެޓުން އަންގާ ގޮތަށް ކަންތައް ކުރުމުގެ ގޮތަށް އޮންނަ ގުޅުމެއް ނޫންކަމެވެ. ނަމަވެސް، ވަކި ހިސާބަކުން، ރާއްޖޭގެ އިސް ކޮންމެ ވެސް ބަޔަކަށް، ހިންދީ ސާރިދޯޅުގެ ދަތްތަކާއި ވަކިތައް ފެނި، އެއްކަލަ އެއްބަސްވުންތަކަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ ރަހުމަތްތެރިކަމުގެ އެއްބަސްވުންތަކެއް ނޫންކަން ފާހަގަކުރެވެން ފެށިއެވެ. އެހެންވެ، ފުރަތަމައަށް ވީ އަސްކަރީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މި އެއްބަސްވުން އާ ނުކުރުމަށް ރާއްޖެއިން ނިންމިއެވެ. އަދި، އެމެއްގެ ގޮތުގައި، މޮހޮނަށް އޮޑި ދިން ގޮތަށް، ރާއްޖެއަށް ދީފައި އޮތް، ލައުނަތް ލެއްވިގެންވީ ދެ ހެލިކޮޕްޓަރު ގެންދާން ވެސް، ރާއްޖެއިން އިންޑިޔާއަށް އެންގިއެވެ. ނަމަވެސް، އިންޑިޔާއިން މި ކަން ކުރާކަށް ބޭނުމެއް ނުވިއެވެ. މީގެ އިތުރަށް، ލައުނަތް ލެއްވިގެންވީ އެ ދެ ހެލިކޮޕްޓަރު ދުއްވާން އައިސް ތިބި ދިހަ ވަރަކަށް މީހުންގެ ވިސާ އާކުރުމުގެ ބޭނުމެއް ނެތުމުން، އެ ކަން ނުކުރުމަށް ނިންމައި އެ މީހުން ރާއްޖެއިން ބޭރުވާން އެދުނެވެ. ނަމަވެސް، އެމީހުން ނިންމީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމަށެވެ. އާދޭހެވެ! ސާރިދޯޅުގެ ވަކިތަކާއި ދަތްތައް މި ހިސާބުން ވަރަށް ރީތިކޮށް ފެނުނެވެ.

ދެން ސަރުކާރު ބަދަލުވުމާއެކު ވަރަށް ހަލުވި އިސްޕީޑެއްގައި އަނެއްކާ ވެސް މި އެއްބަސްވުންތަކުގައި ސޮއިކުރެވި އެއްބަސްވުންތައް އާކުރެވުނެވެ. 2018ގައި، ރާއްޖޭގެ އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް، ކުޑަ ހިނދުކޮޅަކަށް، އުތުރު ކަރައިގެ ސަރުކާރުގެ އިސް ވެރިޔާ، ރާއްޖެ ޒިޔާރަތްކުރި ތަނުން މި ކަން ފެނިގެންދިޔައެވެ. އާދޭހެވެ! ހިންދޫ ސާރިދޯޅުގެ ތޫނު ވަކިތައް، ރާއްޖޭގެ ބަޔެއްގެ އެހީގައި، ރާއްޖޭގެ މިނިވަންކަމުގެ ހަށިގަނޑުގެ ތެރެއަށް ހަރައިލައި، ހިއްޕައިލުމުގެ މަސައްކަތް، މި ހިސާބުން، އަނެއްކާވެސް ފެށުނެވެ. މި ގޮތުން ފާހަގަކޮށްލެއްވުނު އެއް ކަމަކީ ސ. އަތޮޅާއި ލ. އަތޮޅުގައި ޕޮލިސް އެކަޑަމީތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ. އަދި ދެ ހެލިކޮޕްޓަރު ދުއްވާން ތިބި މީހުންގެ އަދަދު އިތުރު ވެގެން ވެސް ދިޔުމެވެ. އާދޭހެވެ! ރާއްޖޭގެ ތަރައްގީއަށް އެހީވެދިނުމުގެ ނަމުގައެވެ. ނަމަވެސް، މިއީ ބޫޓާނުގައި ވެސް ކަންތައް ކުރެވުނު ގޮތެވެ. އެ ތަނުގައި ވެސް ސިފައިން ތަމްރީނުކުރާ އަސްކަރީ މަރުކަޒުތަކެއް ހެދި، އިންޑިޔާގެ ދެ ހާހެއްހައި ސިފައިން އެ ތަނުގައި، މި ކަމަށް އެކަނިވެސް، ތިބެވޭ ގޮތް ހަމަޖެހުނެވެ.

މި ލިޔުމުގައި ދެން، އިތުރަށް އަލިއަޅުވައިލާން ގަސްތުކުރަނީ ދެ ކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ އިންޑިޔާއިން ގެންނަ 'ޑޯނިޔާ ބޯޓުގެ' މައްސަލައެވެ. ދެވަނަ ކަމަކީ، ރާއްޖެއިން، އިންޑިޔާ ބޭނުންވާ ކަމަކީ ކޮބައިތޯގެ މައްސަލައެވެ.

ޑޯނިޔާ ބޯޓުގެ ވާހަކަ ދާދި ފަހުން ފެންމަތިވީ އިންޑިޔާގެ އަސްކަރީ ބޯޓެއް އިންޑިޔާއިން ރާއްޖެއަށް ގެންނަ ޚަބަރެއް ދިވެހި ނޫހެއްގައި ޝާއިއު ކުރުމާ ވިދިގެންނެވެ. މި ޚަބަރަށް ރައްދުދީ އެ ކަން ސަރުކާރުން އިންކާރުކުރިއެވެ. ދެން ވެސް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަފުހާތަކުން މި ޚަބަރު ފޮހެވިގެން ނުދިޔުމުން، ކުޑަ ބަދަލަކާ އެކު، އަނެއްކާވެސް، މި ޚަބަރަށް، ކަމާ ބެހޭ ފަރާތުން، ރައްދުދިނެވެ. ރާއްޖެއަށް ގެންނަނީ އަސްކަރީ ބޯޓެއް ނޫންކަމާއި އަދި ރާއްޖެގެންނަނީ 'ޑޯނިޔާ' ބޯޓެއްކަން ބުނެއެވެ. މާ ބޮޑު ތަފުސީލެއް ނުދެއެވެ. މިފަދަ ބޯޓެއް ގެންނަނީ ކީއްކުރާންތޯއާއި ކޮން ބަޔެއްގެ ބޭނުމެއްގައިތޯއާއި މި ބޯޓު ދުއްވުމާއި އަދި އެ ކަމާ ގުޅޭ އެހެނިހެން ޚަރަދުތައް ކުރުމުގެ ޒިންމާ ނަގާނީ ކޮން ބަޔެއްކަން ސާފެއް ނުވެއެވެ. ނަމަވެސް، މި ކަންކަން އިންޑިޔާގެ ބައެއް ނޫސްތަކުން ކޮންމެވެސް ވަރަކަށް ސާފުވެއެވެ.

މި ބޯޓަށް އަސްކަރީ ބޯޓެކޭ ނުވަތަ މިއީ ޑޯނިޔާ ބޯޓެކޭ ކިޔަސް އޭގެ މަގުސަދަކަށް، ބޭނުމަކަށް، ބަދަލެއް ނާދެއެވެ. މި ބޯޓު ދުއްވާ އަދި ބޯޓުގެ ކަންތައް ބެލެހެއްޓުން އޮންނާނީ އިންޑިޔާގެ އަސްކަރިއްޔާގެ އަތް މަތީގައިކަމަށް ބެލެވެއެވެ. ލައުނަތް ލެއްވިގެންވީ ދެ ހެލިކޮޕްޓަރުގެ ކަންތައްތައް އޮތް ގޮތުގެ މައްޗަށް ބަލައިލާއިރުއެވެ. އެ ދެ ހެލިކޮޕްޓަރަކީ ރާއްޖެއަށް 'ހަދިޔާކުރެވެން އެއްޗަކަށްވީ އިރު'، މޮހޮނަށް އޮޑިލިބިދިން އިރު، އޮޑީގައި އަތް ނުލެވޭ ފަދައިން، ރާއްޖޭގެ މީހަކަށް އެ ދެ ހެލިކޮޕްޓަރުގައި އަތްލެވޭ ގޮތެއް ނުވެއެވެ. އެހެން ކަމަށްވާ އިރު، 'ކުއްޔަށް' ގެންނަ ބޯޓެއްގައި، އަތްލެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވީމާ، ލަފާކުރެވެނީ، މައިގަނޑު ގޮތެއްގައި، މި ބޯޓު ބޭނުންކުރެވޭނީ އިންޑިޔާގެ އަސްކަރީ ބޭނުމަށް ޓަކައެވެ. އިންޑިޔާއިން ބޭނުންވާ އަސްކަރީ މީހުންނާއި މުދާ، ހަތިޔާރު ވިޔަސް އަދި އެމީހުންނަށް ބޭނުންވާ އެހެން އެއްޗެހި ވިޔަސް، އޭގެ ހަގީގަތް ނޭނގޭ ގޮތުގައި ރާއްޖެއަށް އެތެރެ ކުރުމަށެވެ. މީގެ އިތުރަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރަތްކޮށް ގާއިމުކުރެވެމުންދާ އިންޑިޔާގެ އަސްކަރީ މަރުކަޒުތަކަށް، ނުވަތަ 'ޕޮލިސް އެކެޑަމީތަކަށް' އިންޑިޔާގެ އަސްކަރިއްޔާގެ މީހުން އުފުލައި ނަގުލު ކުރުމުގައެވެ. މީގެ މާނައަކީ އެހެން ކުރާ ދަތުރެއްގައި ބަލި މީހަކު ނޫފުލާނޭ ވާހަކައެއް ނޫނެވެ. ނަމަވެސް، މި ބޯޓުގެ ހަގީގީ ބޭނުމަކީ ރާއްޖޭގެ ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމެއް ނޫންކަން ޔަގީނާ ގާތަށް އެނގެއެވެ. އެއީ މިހާރު ވެސް މި ފަދަ ކަންކަން ކުރެވޭނޭ އެއްގަމާއި ވައިގެ ބޯޓުފަހަރުތައް ރާއްޖޭގައި ހުރީމައެވެ. އަދި އެއްކަލަ ލައުނަތް ލެއްވިގެންވީ 'މޮހޮނުގެ' ދެ ހެލިކޮޕްޓަރު ވެސް އެ އޮތީ ނޫންހެއްޔެވެ؟ ދެން، ކަން އޮތީ މިހެން ނޫންކަމަށްވަންޏާ، ހަގީގަތް ފޮރުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ހަގީގަތަކީ ތަނަށް ހެޔޮ އެދިގެން ކުރެވޭ ކަމަކަށްވަންޏާ، އެ ކަމުގެ ތަފުސީލު އަވަހަށް ނުދެވޭންވީ ކީއްވެހެއްޔެވެ؟ އެކަންކަމާ ބެހޭ ވާހަކައެއް، ކޮންމެވެސް ގޮތަކުން އެނގުމުން، ފޫބެއްދުމުގެ ގޮތުން ވާހަކަތައް ދައްކާން ޖެހެނީ ކީއްވެހެއްޔެވެ؟

ދެން އޮތީ މި ޑޯނިޔާ ބޯޓު ދުއްވުމުގެ ޚަރަދެވެ. ކުރީން ވެސް ބުނިފަދައިން، އަދި، އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ، މި ކަމާ ބެހޭ ޚަބަރުތައް ވެސް ބުނާ ގޮތުގައި، މި ބޯޓަކީ ރާއްޖެއިން 'ކުއްޔަށް' ހިފާ އެއްޗެކެވެ. މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މި ބޯޓު ރާއްޖެ ގެނައުމާއި ރާއްޖޭގައި ބޭއްވުމާއި މި ބޯޓު ދުއްވުމަށް ހިނގާ ހުރިހައި ޚަރަދުތަކެއް ކުރާން ޖެހެނީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންކަމެވެ. އިންޑިޔާގެ ބޭނުމަކަށް، އިންޑިޔާ ބޭނުންވެގެން، ރާއްޖެއިން ކުއްޔަށް ހިފާން ޖެހުނު، އަދި އެކަމުގެ ހުރިހައި ޚަރަދެއް ރާއްޖެއިން ކުރާންޖެހޭ ބޯޓެކެވެ! ނަމަވެސް، މިތާގައި ނޯޓުކޮށްލާން ޖެހޭ ކަމެއް އެބައޮތެވެ. އިންޑިޔާގެ ބައެއް ނޫސްތައް ބުނާ ގޮތުން ނަމަ، ޚަރަދުތައް އޮތީ 'ދެފަރާތުން ބައިވެރިވެގެން ކުރާ ގޮތަށެވެ'. ނަމަވެސް ސާފު ނުވާކަމަކީ މި ބައިވެރިވުން އޮތީ ކިހިނެއްކަމެވެ. މި އެއްބަސްވުން ބުނާ ގޮތުން ޑޯނިޔާ ބޯޓު ބާއްވާނެ ތަނެއް، ހޭންގަރެއް، ހަނިމާދޫގައި ހަދާން ޖެހެއެވެ. ލަފާކުރެވޭ ގޮތުގައި، ޚަރަދުގައި ދެ ފަރާތުގެ ބައިވެރިވުން ގުޅެނީ ހަމަ އެކަނި އެ ބާއްވާނެ ހޭންގަރެއް ހެދުމުގައެވެ. ދެން އެހެނިހެން ޚަރަދުތައް ކުރާން ޖެހޭނީ ރާއްޖެއިންކަމެވެ.

އާދޭހެވެ! މިއީ ލަފާކުރެވޭ ގޮތެކެވެ. މި ގޮތަށް ލަފާ ކުރެވެނީ ކީއްވެހެއްޔެވެ؟ ދެ ސަބަބަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ ކުއްޔަށް ހިފާ އެއްޗެއް ހިންގާން ކުރާން ޖެހޭ ޚަރަދުތައް ކުރާން ޖެހޭނީ ކުއްޔަށް ހިފާ ފަރާތުންކަމަށްވާތީއެވެ. މިސާލަކަށް ދޯންޏެއް ކުއްޔަށް ހިފައިފި ނަމަ، އެ ދޯނި ދުއްވުމަށް ޓަކައި ދޯންޏައް އަޅާން ޖެހޭ ތޮޔޮ ގަންނާންޖެހޭނީ ދޯނި ކުއްޔަށް ހިފާ ފަރާތުން ނޫން ހެއްޔެވެ؟ ދޯނި ދުއްވާން ކައްޕިއެއް ނުވަތަ ކެޔޮޅަކާއި އިންޖިނޭރުން ބޭނުން ނަމަ، އެ މީހުން ގެންގުޅޭން ހިނގާ ޚަރަދު ވެސް ކުރާން ޖެހޭނީ ދޯނި ކުއްޔަށް ހިފާ ފަރާތުން ނޫންހެއްޔެވެ؟ އެހެންވެ، ޑޯނިޔާ ބޯޓަކީ ރާއްޖޭން ކުއްޔަށް ހިފާ އެއްޗެއް ކަމަށްވާ އިރު، ދުއްވާން ބޭނުންވާ ތެލާއި އަދި ދުއްވާ މީހުންނަށާއި އެ ބަލަހައްޓަން ބޭނުންވާ އިންޖިނޭރުންގެ ޚަރަދުތައް ވެސް ކުރާން ޖެހޭނީ ހަމަ ދިވެހި ރައްޔިތުންނަށް ނޫންހެއްޔެވެ؟ ދިވެހި ރައްޔިތުން މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ދިވެހި ރައްޔިތުން ދައްކާ ޓެކުހުންނެވެ. ދެވަނަ ސަބަބަކީ ދުނިޔޭގައި މި ފަދަ ގޮތަކަށް ކުރެވޭ އެހެން މުއާމަލާތުތަކުގައި ވެސް، ކަންތައް މި ދެންނެވި ގޮތަށް ކުރެވޭ ތަން ފެންނާތީއެވެ. މިސާލަކަށް ދެވަނަ ގަލްފު ހަނގުރާމައިގައި ކަންތައްވީ ގޮތް ބައްލަވާށެވެ! އެ ކަމަށް ހިނގި ޚަރަދު ދައްކާން ޖެހުނީ އަރަބި ބައެއް ގައުމުތަކުންނެވެ. މި ހަނގުރާމައަކީ އެމެރިކާ ވެސް ބޭނުންވެގެން، އެމެރިކާގެ މަސްލަހަތު ވެސް އޮވެގެން ކުރެވުނު ހަނގުރާމައަކަށްވީ އިރު ވެސް ވެހެވެ. އަދި މިކަމާ ވިދިގެން އެމެރިކާ ބޭނުން ވެގެން އަރަބި ބައެއް ރަށްތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހެދިއިރު، އޭގެ ޚަރުދުގެ ބައެއް ވެސް އުފުލާން ޖެހުނީ ހަމަ އަރަބި ބައެއް ގައުމުތަކަށެވެ.

އެހެންވީމާ މި ގެންނަ ޑޯނިޔާ ބޯޓު ގެންނާން ބޭނުން ވަނީ ވެސް، އަދި، އެ ބޯޓުގެ ހުރިހައި ކަމެއްވެސް ހަގީގަތުގައި ގުޅެނީ އިންޑިޔާގެ މަސްލަހަތާ ކަމުގައި ވިޔަސް، މި ކަމުގެ ހުރިހައި ޚަރަދެއް ކުރާން ޖެހޭނީ ރާއްޖެއަށެވެ. ރާއްޖޭގެ ރައްޔިތުންނަށެވެ. އިންޑިޔާއަށް ކިހާ ފައިދާ ހުރި 'ޑީލެއް'ހެއްޔެވެ؟ ރާއްޖޭގެ މިނިވަންކަން ވިއްކައިލާ އިރު، ރާއްޖެ ގަންނަ ފަރާތަށް، އެ ކަމުގެ އަގު ވެސް ދޭން މި ޖެހެނީ ހަމަ ރާއްޖެއިންނެވެ! ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ! މިއީ މި ކަން އޮންނާން ޖެހޭ ގޮތްކަމުގައި ވެސް ސަރުކާރުގެ އެންމެ ބާރުގަދަ މީހާގެ މަގާމަށް، އަމިއްލައަށް އިސްވެގެން އުޅޭ، މަހާރާޖާ ގޮވައެވެ. އިންޑިޔާއާ ޖަދަލު ނުކުރުމަށެވެ. ރާއްޖޭގެ ސަލާމަތް އިންޑިޔާގެ ސަލާމަތާއި ގުޅިފައި އޮތްކަމެވެ. ރާއްޖޭގެ ކުރިއެރުމާއި ރާއްޖެއަށް ލިބޭން އޮތް ހުރިހައި ފައިދާއެއް ވެސް އޮތީ އިންޑިޔާގެ އަތްމަތީގައިކަމެވެ. އިންޑިޔާ ކަނޑަކީ އިންޑިޔާގެ މިލްކެއްކަމެވެ. މި ފަދަ މާނަތައް ދޭހަވާ އިބާރާތްތަކެވެ. މި ފަދަ އިބާރާތްތަކާއި ވާހަކަތައް ނޫސްތަކުން ފެންނާނެއެވެ. ލޯހުޅުވައިލައިގެން، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން އެ ލިޔުންތައް ކިޔައިލާށެވެ!

އާދޭހެވެ! މި ފަދައިން ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވަކި ކަމަކަށް ރައްޔިތުން ތައްޔާރުކުރުމެވެ. ރާއްޖޭގައި އިންޑިޔާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގު ފަހިކޮށް ރައްޔިތުން އެ ކަން ބަލައިގަންނާނޭ ގޮތަކަށް ރައްޔިތުން ދުރާލައި ތައްޔާރުކުރުމެވެ. މިއީ އާ ކަމެއް ނޫނެވެ. މިއީ، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީގެ ރަތް ސާރިދޯޅު، އޭތީގެ އޭޖެންޓުން ލައްވައި، ނޫސްތަކާއި، ރޭޑިޔޯއާއި ޓީވީ ޗެނަލްތަކުގެ ޒަރިއްޔާއިން ފެތުރި ޕުރޮޕަގެންޑާ ވާހަކަތައް ފަދަ ވާހަކަތަކެވެ. ރައްޔިތުންގެ 'ސިކުނޑި ދޮވުމުގެ' ވާހަކަތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އުތުރު އޮރެންޖު ހިންދީ ސާރިދޯޅުގެ އެޖެންޓުންނާއި އޭނާގެ އައުވާނުން ވެސް ކުރަމުން އެ ދަނީ ހަމަ އެފަދަ ޕުރޮޕަގަންޑާގެ މަސައްކަތެވެ. ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތެވެ. މީހުންގެ މޫނަށް ބަލައި، މީހުންނަށް ތާއިދުކުރާ، ހޭލުންތެރި ނޫން ރައްޔިތެއް އޮތް ތަނެއްގައި، މި ކަންވާނީ ވަރަށް ވެސް ފަސޭހަ ކަމަކަށެވެ. މީގެ އެންމެ ހެއްވާކަމަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ އޭޖެންޓުން، އެ މީހުންގެ ޕުރޮޕަގެންޑާގެ ވާހަކަތައް ދައްކައި ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތް ކުރަމުންދާ އިރު، އެކަމަށް އެހީވެދޭ، މީހުން ވެސް ތިބޭކަމެވެ. އޭގެ އެއް ވާހަކަ ފަހުން ގެނެސްދޭނަމެވެ.

މި ވާހަކަ އިއުލާނު ކުރި އިންޑިޔާގެ ބައެއް ނޫސްތަކުގައި އެހެން ޚަބަރެއް ވެސް ލިޔެފައި އޮތެވެ. އެއީ ރާއްޖޭގެ އަސްކަރިއްޔާއަށް 'ބޮޑެތިބޮޑެތި ބަދަލުތަކެއް ގެނެވޭ ވާހަކައެވެ'. މީގެ ވެސް ތަފުސީލެއް ނެތެވެ. އަނެއްކާ ވެސް މި ބޮޑެތިބޮޑެތި ބަދަލުތަކާ ބެހޭ ގޮތުން ވެސް ލަފާތަކެއްކޮށް ވާހަކަ ދެއްކިދާނެއެވެ. މި ލަފާކުރުން ބިނާވަނީ ހުރިހައި އިލްމުގެ ވެރި، އަދި ހުރިހައި ކަމެއްގެ އެންމެ ފަހު ބަހުގެ ވެސް ވެރި، އެ ބޭފުޅެއްގެ މުއްޕުޅު ތެރަށް ހުރިހައި ބާރުތަކެއް ލެވިފައިވާ އިރު ވެސް ހިއްޕުޅު ނުފުރޭ ފުރިހަ ޑިމޮކުރަސީގެ ލީޑަރު މަހާރާޖާގެ ބަސްފުޅުތަކުގެ މައްޗަށް ރިއާޔަތްކޮށެވެ. އެ މަނިކުފާނުގެ ގިނަ ބަސްފުޅުތަކުން ދޭހަވަނީ ރާއްޖޭގެ އަސްކަރީ ބާރުތަކާއި (ސިފައިންނާއި އަދި ފުލުހުންނާ) މެދު ވެސް އެމަނިކުފާނު ހިތްޕުޅާ ނުވާކަމެވެ. އެ ތަނުގެ ތަހުގީގުތައް ކަމުނުދާކަމާއި އެތަނުގެ ތެރޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި އެ ތަނުން ސަރުކާރުގެ އެކިއެކި އިސް ބޭފުޅުންނަށް ފާރަލާކަމެވެ.

އާދޭހެވެ! ޚުލާސާއަކީ އަޅުގަޑުމެންގެ ހުރިހައި ކަމެއްގެ އިލްމު އެންމެ މޮޅަށް ލިބިވަޑައިގެން ހުންނެވި މަހާރާޖާ އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް އިތުބާރު ނުކުރައްވާކަމެވެ. މި ބަސްފުޅަކީ މަހާރާޖާގެ ބަސްފުޅުކަމަށްވާ އިރު، މިއީ ތަހުގީގަކަށް ބޭނުންވާ ކަމެއް ނޫނެވެ. ހައްގު ބަސް ނޫން އެއްޗެއް އެ ދޫފުޅުން ނިކުތުމުގެ އެކަށޭނަކަން ނެތް މުގައްދަސު ދުލުން އެ އޮތީ ހައްގު ބަސްފުޅު ފާޅުވެފައެވެ. އެހެންވެ، ދެން، މި ތަނަށް ގެނެވޭން އޮންނާނެ ހަމަ އެކަނި ބަދަލަކީ ކޮބައިހެއްޔެވެ؟ އިންޑިޔާގެ ބާރުގެ ދަށަށް ދިވެހި އަސްކަރިއްޔާ ގެނައުމެވެ. އިންޑިޔާއިން ގާއިމުކުރާ އެކެޑެމީތަކުން އިންޑިޔާ ބޭނުން ކަހަލަ ދިވެހި އަސްކަރީ މީހުން ތައްޔާރު ކުރެވެންދެންކަމަށް ވެސް ވެދާނެއެވެ. މި ހެން މި ދެންނެވީ ފިނި ހަނގުރާމައިގެ ދުވަސްވަރު ރޫސީ ރަތް ސާރިދޯޅު ވެސް ކަންތައް ކުރީ ހަމަ މިފަދައިން ކަމަށްވާތީއެވެ. އެ މީހުން ބޭނުންވާ ގޮތަށް ތައްޔާރުކުރެވޭ މީހުން އެ މީހުންގެ ގޮޑިކޮއްކޮ ދައުލަތްތަކުގެ ވެރިކަމަށާއި އެ ތަންތަނުގެ އަސްކަރިއްޔާއަށް ގެނައިތީއެވެ. އެހެންވީމާ އުތުރު ކަރައިގެ ހިންދޫ އޮރެންޖު ސާރިދޯޅު ވެސް ހަމަ އެފަދައިން ކަންތައް ކުރުމަކީ ދުރުކަމެއް ނޫނެވެ.

އުތުރު ކަރައިގެ ސާރިދޯޅު ބޭނުންވާ ގޮތަށް ކަންތައްތައް ފަހިވެގެން މި ދަނީ ކީއްވެހެއްޔެވެ؟ މީގެ މައިގަނޑު އެއް ސަބަބަކީ ގައުމުގެ ވެރީން ހޮވުމުގައި އެ މީހުންގެ ގާބިލުކަމުގެ މައްޗަށް ނުބެލުމުވެ. ކައިރި މާޒީއަށް ބަލައިލާ އިރު، މުޅިން ހެން ވެސް ފެންނަނީ ވެރީން ހޮވައިފައި ތިބީ ކޮންމެ ހެން ވެރީންނަކީ ގާބިލު މީހުންކަމަށް ބަލައިގެންނެއް ނޫނެވެ. ވެރީން ހޮވުމުގެ މައިގަނޑު ބޭނުމަކަށް އޮންނަނީ ވަކި މީހަކު ނުހޮވުމެވެ. އެހެންވީމާ މިވެނި މީހަކު ނުހޮވާން ވެގެން، ތަނެއް ދޮރެއް ނޭނގޭ މަންމަން ހިމާރެއް ވެސް ވެރިކަމަށް ގެނައުން އެންމެ ރަނގަޅުވަނީއެވެ!

ދެވަނަ މައްސަލައަކީ އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރުގެ މައްސަލައެވެ. އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު ދަށު ދަރަޖައަކަށް ވެއްޓިފައިވާކަމެވެ. މިތާ، ޚާއްސަ ގޮތެއްގައި މި އިޝާރަތް ކުރަނީ އަޅުގަނޑުމެންގެ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ފަސާދައިގެ އަމަލުތައް ފެތުރިފައިވާލެއް ބޮޑުކަމެވެ. އެހެންވީމާ، ފައިސާގެ ދަހިވެތިކަމުގައި މަބްދައެއް، އުސޫލެއް ނެތި، ތިމާމެންގެ އަބުރާއި ޒަމީރު ވެސް، ދީނާއި ގައުމު ވެސް، ވިއްކައިލެވެނީއެވެ. މީގެ އިތުރަށް، ރައްޔިތުންގެ މަޖުލިހަށް މީހުން ހޮވިގެންދަނީ ވެސް، މީހުންގެ ގާބިލުކަމުގެ މައްޗަށް އިސްކަން ދެވިގެންނެއް ނޫނެވެ. މިހާރު، އެ ކަން ވެސް ކުރެވެނީ ވިޔަފާރީގެ އުސޫލުންނެވެ. އެ ކަން ކުރެވެނީ ވޯޓު ގަނެގެންނެވެ. ގައުމީ މަސްލަހަތު އެއްކިބާކޮށް، އަމިއްލަ މަސްލަހަތަށް އިސްކަން ދެވިގެންނެވެ. މެންބަރުންގެ ވޯޓަކީ ގަނެ ވިއްކޭ އެއްޗަކަށް ވުމުން، ބޭރުގެ މަސްލަހަތުތައް ދިފާއުކުރާން ވޯޓު ވިއްކައިލުމަކީ ތިމާކޮށްފައިވާ ހުވަޔާ އަދި ތިމާގެ ޒަމީރާ ފުށު އަރާކަމަކަށް ނުވަނީއެވެ.

މީގެ އިތުރަށް، އެހެން ހުރިހައި ތަނެއްގައިހެން ވެސް ފަސާދައިގެ އަމަލުތައް އޮތީ ފެތުރިފައެވެ. ކޯޓުތަކުގައެވެ. ބޭންކުތަކުގައެވެ. މިސާލަކަށް ބޭންކުތަކުން ލޯނު ހަމަ ޖައްސާން ވެސް މަޖުލީހުގެ މެންބަރެއް ނޫނީ ސަރުކާރުގެ ކޮންމެވެސް އެހެން އިސް މުވައްޒަފަކާ ގުޅާން ޖެހުމަކީ އާންމުކަމެކެވެ. ލޯނުގެ އަދަދުން ބައެއް، ލޯނު ހަމަޖައްސައިދޭން މެދުވެރިވާ މީހަކަށް ލިބޭ ގޮތް ހެދުމުން، ލޯނު ހަމަ ޖެހިދެއެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާ ބައްދަލުކުރާން ވެސް ފީ ނެގެއެވެ. ޑޮލަރުން، ހާހުން ހާހުންނެވެ. އޮފީހަކުން ކަމެއް ކުރާން ވިޔަސް، އެ ކަން ފަސޭހައިން ކުރެވޭން އޮންނަނީ ކޮންމެ ވެސް އަދަދަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެވިގެންނެވެ.

އާދޭހެވެ! މިދަރަޖައަށް ފަސާދައާއި ރިޝްވަތުގެ އަމަލު އޮތީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަންފައެވެ. ދެން މީގެ ތެރެއަށް ޑުރަގުގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކާއި އިއްފަތް ފޭރުމާއި ކުޑަކުދީންނާ ބެހުމުގެ މައްސަލަތައް އިތުރުކޮށްލާށެވެ. އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު އޮތީ ކިހައި ދަށު ދަރަޖައެއްގައިކަން ހިތަށް ގެނެވޭނެއެވެ.

އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު މިހައި ދަށު ދަރަޖައަކަށް ވެއްޓި، ފަސާދައާއި ރިޝްވަތު ދިނުމާއި ހިފުމުގެ ކަންތައްތައް މުޖުތަމައުގައި އަށަގަތުމުން، ބޭރު ބަޔަކަށް އެމީހުން ބޭނުންވާ ކަންތައްތައް ކުރުމަށް ފަސޭހަވެދެއެވެ. އެހެނީ، އެމީހުން ބޭނުންވާ ބަޔަކު ގަނެލުމަކީ އުނދަގޫ ކަމެއް ނޫނެވެ. މީޑިޔާގައި އެނބުރޭ ޚަބަރުތައް ތެދު ކުރާ ނަމަ، ސަރުކާރުގެ އިސް ސަފުގައި ތިބި އެތައް ބަޔަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ 'ޕޭ ރޯލް'ގައި ތިބި މީހުންނެވެ. މުވާސަލީ ބައެއް އިދާރާތަކުގައި ތިބީ އެ ސާރިދޯޅުގެ ދަރީންނެވެ. އެކިއެކި މީހުންނަށް ޖާސޫސޫކުރުމުގެ މަގު އެސާރިދޯޅުގެ އެޖެންޓުންނަށް ފަހިވެ، އެ ކަންކަން ކުރަމުން ގެންދެއެވެ. މިފަދަ ވަސީލަތްތައް ބޭނުންކޮށް، އުތުރު ކަރައިގެ ސާރިދޯޅު ބޭނުން ބައެއްގެ މައުލޫމާތު އެއްކޮށް، ޖަމާކޮށް، އެ މީސްމީހުންގެ މިލަ ފަތިފުށްތައް ހޯދައި، އެ މިލަ ފަތިފުށްތައް ބޭނުންކޮށްގެން ބިރުގެންނެވޭނޭ ގޮތަކަށް ކަންތައްކުރާން މަގުފަހިވެފައެވެ. ފިނި ހަނގުރާމައިގެ ދުވަސް ވަރު، ރޫސީ ރަތް ސާރިދޯޅު ވެސް ކަންތައްކުރި ފަދައިންނެވެ. މި ގޮތުންނާއި އަދި ފައިސާގެ ބާރުގައި ތަނުގެ އިސް ބައެއް މީސްމީހުން، އެސާރިދޯޅުގެ ބާރުގެ ދަށަށް ގެނެސް ގެންނެވެ.

މި ދަންނަވާ އިސް މީހުންގެ ދައުރަކަށް ވެފައި އޮންނަނީ ސާރިދޯޅު އަންގާ ގޮތަކަށް ކަންތައް ކުރުމެވެ. އަޅުގަނޑުމެންގެ ތެރޭގައި މި ކަން ކުރެވޭ ގޮތުގެ ދެ ތިން މިސާލެއް ލިޔެލާނަމެވެ.

އެންމެ ފުރަތަމަ ރޯ ބުހުތާން ދޮގު ހަދައި ކަންކަން އޮޅުވައިލުމެވެ. ޑޯނިޔާ ބޯޓުގެ ވާހަކަތައް ފެންމަތިވުމުން، އެންމެ ފުރަތަމަ އެ ކަމަށް އިންކާރުކޮށް ދޮގު ހެދިއެވެ. ކުރީން ވެސް ބުނިހެން، ނޫސްތަކުން މި ކަން ފެންނާން އޮންނާނެއެވެ. ރައީސް އޮފީހުގެ މި ކަމާ ބެހޭ ދޮގު ބަޔާނެވެ. ދެން، މި ދޮގު ފޮރުވާން ތަފާތު ވާހަކަތައް ދެއްކުނެވެ. އެއީ އިންޑިޔާގެ އަސްކަރިއްޔާއާ ބެހޭ ބޯޓެއް ނޫންކަމަށް ދޭހަވާ ވާހަކަތަކެވެ. ނަމަވެސް މި ކަމުގެ ހަގީގަތް އިންޑިޔާގެ ނޫސްތަކުގައި ލިޔެވިފައި އެ އޮތީއެވެ. ބަލާން ބޭނުންވާ މީހަކަށް ފެންނަ ގޮތަށެވެ. ދެން، އަނެއްކާ މި ދޮގު ފޮރުވާން ވެސް އިތުރު ދޮގެކެވެ. މި ކަމަކީ ކުރީ ސަރުކާރުންވެފައިވާ އެގުރީމެންޓެއްކަމުގެ ވާހަކަ މަހާރާޖާ އިއުލާނުކުރިއެވެ. އާދޭހެވެ! ޚުދު އިންޑިޔާ ނޫސްތަކުގައި އެ ފެންނަނީ އެ ބުނާ ސޮޔެއްކުރާން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ވާހަކައެވެ. އަދި ރާއްޖޭގެ ނޫސްތަކުގައި ވެސް މި ސޮޔެއް ކުރީ މީގެ ދެތިން މަސްދުވަސް ކުރީންކަން އެ އޮތީ ފެންނާށެވެ. މި ވާހަކަތަކުގެ އަސްލު ކުރީން ބަޔާން ކުރެވިފައި އެ އޮތީއެވެ. ދެ ގައުމުގެ ދޭތޭރޭ އަސްކަރީ އެއްބާރު ދިނުމުގެ ގޮތުންވީ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމުން މި ކަން އިތުރު ނުކުރުމުން އުތުރުގެ ސާރިދޯޅު ރުޅިއައިކަމެވެ. އަދި، މި ކަން ހަމައަކަށް އެޅުނީ ސަރުކާރު ބަދަލުވުމުންކަމެވެ.

މިތާގައި ފާހަގަކޮށްލާން ބޭނުންވަނީ ވަކި ސަރުކާރެއް ރަނގަޅު ކުރުމެއް ނޫނެވެ. ނޫނީ ވަކި ސަރުކާރެއް ގޯސްކުރުމެއް ވެސް ނޫނެވެ. މި އަމަލަކީ، (ރާއްޖޭގެ ސިޔާދަތާއި މިނިވަކަން ގެއްލޭ ގޮތަށް ކުރެވޭ އަމަލަކީ) ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް، ކުރީގެ ސަރުކާރަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އަދި މިއަދުގެ ސަރުކާރުން ކުރި ކަމެއް ކަމުގައި ވިޔަސް އެ އަމަލު ގޯސްކުރުމެވެ. މި ވާހަކަ ލިޔުމުގެ ބޭނުމަކީ ވަކި ސަރުކާރެއް ވައްޓައިލައި، ނުވަތަ ވަކި މީހަކު ވެރިކަމުން ދުރުކޮށް، ވަކި ބައެއްގެ ސަރުކާރެއް ވެރިކަމަށް ގެނެސް، ވަކި މީހަކު ވެރިކަމަށް އިސްކުރާން އުޅުމެއް ނޫނެވެ. ރާއްޖޭގެ ސިޔާދަތު ގެއްލޭ ފަދަ ގޮތެއްގައި، ކަމެއް ކުރުމުން، އެ ކަން ގުޅެނީ އިންޑިޔާއާކަމުގައި ވިޔަސް، ނޫނީ ޗައިނާއާކަމުގައި ވިޔަސް، އެ އަމަލު ގޯސްކުރުމެވެ. މީގެ މާނައަކީ މިއިން އެއްބަޔަކާ ވެސް ގުޅުން ނުބާއްވާންވީ ވާހަކައެއް ނޫނެވެ. ގުޅުން ބާއްވާން ޖެހޭނެއެވެ. ގާތް ގުޅުން ބާއްވާން ޖެހޭނެއެވެ. އޭގެ މާނައަކީ ތިމާމެންގެ މިނިވަކަން އެ މީހުންނަށް ވިއްކައިލުމެއް ވެސް ނޫނެވެ. ތިމާގެ ގާތް ރަހުމަތްތެރީން ގެއަށް ގެނެސް އުޅުމަކީ ތިމާގެ އަނބި ދަރީން އެ ރަހުމަތްތެރީންނަށް ވިއްކައިލުންހެއްޔެވެ؟ އެ ރަހުމަތްތެރީންނަކީ މުއްސަނދި ބާރުގަދަ ބަޔެކޭ ކިޔައިފައެވެ. ނޫނީ އެ ރަހުމަތްތެރީންގެ ދުޝްމަނުންނަކީ ތިމާގެ ދުޝްމަނުންކަމުގައި ބެލުންހެއްޔެވެ؟

އިންޑިޔާގެ ދުޝްމަނުންނަކީ ރާއްޖޭގެ ދުޝްމަނުންނަށް ވާކަށް ނުޖެއެވެ. ޗައިނާއަކީ އިންޑިޔާގެ ދުޝްމަނަކަށް ވުމުން، އަދި، އިންޑިޔާއަށް ޗައިނާއާ، އިގުތިސާދީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ވެސް ސީދާ ކުރިމަތިލާން ނުކުޅެދިފައި ވުމުން، ޗައިނާގެ ގައިގައި ތަޅާން ގެންގުޅޭ އިންޑިޔާގެ ލަޓިބުރިއަކަށް ރާއްޖެވާކަށް ނުޖެހެއެވެ.

ދެން، އިތުރަށް އޮޅުވައިލުމުގެ ގޮތުން އަބަދުހެން ނެގޭ ދެ ވާހަކައެއް އެބަ އޮތެވެ. މި ދެވާހަކަ ވެސް ތަކުރާރުކޮށް ލިޔެލާން ޖެހެއެވެ. ސަބަބަކީ، އޮޅުވައިލުމުގެ ގޮތުން، ތަކުރާރުކޮށް މި ވާހަކަތައް ބަޔާންކުރެވޭތީއެވެ. އެއީ ޗައިނާގެ ވާހަކައެވެ. ޗައިނާއިން ރާއްޖެ 'ގަނެލާން އުޅޭ ވާހަކައެވެ'. ޝައްކެއްނެތް ގޮތުގައި ރާއްޖެވަނީ ޗައިނާއިން ލޯނުތަކެއް ނަގައިފައެވެ. އަދި ޝައްކެއްނެތް ގޮތުގައި މިއީ ބޮޑު މައްސަލައެކެވެ. ދަރަންޏަކީ، އޭގެ ތަބީއީ ހުދޫދުން ބޭރުވެއްޖެ ނަމަ، ފަރުދެއްގެ ވިޔަސް އަދި ގައުމެއްގެ ވިޔަސް، މިނިވަންކަމަށް ބުރޫ އަރައިފާނެ ކަމެކެވެ. އާދޭހެވެ! އަޅުގަނޑުމެން އެންމެންވެސް ދަންނަގޮތުގައި ނުފޯރާ ފޮތިން ފޫގަޅަން އުޅެގެން އޮރިޔާން ނިވައެއް ނުވާނެއެވެ. އެހެންވެ، ނުދެއްކޭ ވަރުގެ ބޮޑެތިބޮޑެތި ދަރަނި ބޮލުގައި އެޅުމަކީ ފަހަރެއްގައި ވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. ދެން ސުއާލަކީ މިކަމުގެ ހައްލަކީ ކޮބައިހެއްޔެވެ؟ އަދި ވެސް އިތުރަށް ލޯނު ނެގުންހެއްޔެވެ؟ ލިބޭން އޮތް ތަނަކުންނެވެ. އިންޑިޔާއިންނެވެ. އަދި ޚުދު ޗައިނާއިން ވެސް މެއެވެ. އަދި އެހެން ތަނަކުން ލޯނު ލިބެން އޮތްކަމަށް ވަންޏާ އެ ތަނަކުން ވެސް މެއެވެ. ދާދި ފަހުން، ރާއްޖޭގެ ޚާރިޖީ ވުޒާރައިން ޗައިނާއިން 'އެހީ' ހޯދުމުގެ އެދުމުގެ ޚަބަރެއް ވެސް އިއުލާނުކުރެވުނެވެ. އަދި، މީގެ ދެ މަހެއްހާ ކުރީން، ޗައިނާގެ އިސް ބޭންކަކުން ވެސް ލޯނު ހޯދުމުގެ ވާހަކަ ދެކެވުނެވެ.

އާދޭހެވެ! ދަރަންޏަކީ، އަދި ވަކިން ޚާއްސަކޮށް ޗައިނާގެ ދަރަންޏަކީ، ބޮޑު މައްސަލައަކަށްވާ ނަމަ، ހައްލަކީ ލިބުނު ތަނަކުން އިތުރަށް ލޯނުތައް ނެގުންހެއްޔެވެ؟ މީގެ އިތުރަށް، ޚާއްސަ ގޮތެއްގައި، ކުރީ ސަރުކާރުގެ ގާނޫނާ ޚިލާފު، ފައިސާގެ މުއާމަލާތައް، ވަކި ބަޔަކު ކުށްވެރިވާ ގޮތަށް ބަލައިފައި، އެ ކަމުގައި ޝާމިލުވާ އެހެން މީހުން ދޫކުރުންހެއްޔެވެ؟ ދާދި ފަހުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން އިއުލާނުކުރީ ޚިޔާނަތުގެ ފައިސާ ލިބޭ ކޮންމެ މީހަކީ ކުށްވެރިވާނޭ މީހެއް ނޫންކަމެވެ! އަދިވެސް، ދާދި ފަހުން ފެން މަތިވެގެން ދިޔަ އެހެން ވާހަކައެކެވެ. ކުރީ ސަރުކާރުގެ ލޯނު ގެރެންޓީގެ އެހީގައި ލޯނު ހޯދައި އެ ނުދައްކައި ތިބި ބައެއް މީހުންގެ ވާހަކައެވެ. އެމީހުންނާ ދޭތެރޭ ފިޔަވަޅު ނޭޅެނީ ކީއްވެހެއްޔެވެ؟ އެ ލޯނު އަދާކުރުމާ ރައްޔިތުން ހަވާލުވާން ޖެހޭހެއްޔެވެ؟ މި ފަދަ ޚިޔާނަތް ތެރި މީހުންގެ ފައިސާއާއި މުދާ ދައުލަތަށް ނަގައި އެ މީހުންގެ ދަރަނި ޚަލާސް ނުކުރެވެނީ ކީއްވެހެއްޔެވެ؟ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ލޯނުތައް ނެގުން ހުއްޓުމާއި، ޚަރަދުކުޑަކުރުމާއި އަދި ދައުލަތައް ލިބޭން ޖެހޭ ފައިސާ ހޯދުން މުހިންމެއް ނޫންހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ނުކޮށް ޗައިނާގެ ލޯނުގެ ވާހަކަ ދައްކާ ނަމަ، އެ ވާހަކަ އެ ދައްކަނީ ރަނގަޅު ނިޔަތެއްގައި ލޯނާ މެދު ކަންބޮޑުވެގެންކަމުގައި ގަބޫލުކުރެވިދާނެހެއްޔެވެ؟

އާދޭހެވެ! ޗައިނާގެ ދަރަނީގެ ވާހަކަ ދައްކައި، އެ ކަން ހައްލުކުރުމުގެ ބަދަލުގައި [އެހެން ގައުމަކުން] އިތުރު ލޯނުތައް ނަގައި، ދައުލަތުގެ، ރައްޔިތުންގެ، ފައިސާއާއި މެދު އަމާނަތްތެރި ނުވުން، އަންގައި ދެނީ، މި ވާހަކަތައް މި ދައްކަނީ އިޚުލާސްތެރި ނިޔަތެއްގައި ނޫންކަމެވެ. މި ކަމުން ވެސް އެހެން ދެ ބޭނުމެއް އޮތް ކަމަށް ފެނެއެވެ. އެއްބޭނުމަކީ، ކުރިއެކޭ ވެސް އެއްފަދައިން، ހަގީގަތް އޮޅުވައިލައި، ދައުލަތުގެ ޚަޒާނާއާ މެދު ހިތު ހުރި ގޮތަކަށް ކަންތައް ކުރުމެވެ. ދެވަނަ ސަބަބަކީ، އޮރެންޖު ސާރިދޯޅުގެ އަޅެއްގެ ބައި ކުޅުމެވެ. އެ ސާރިދޯޅު އޭތީގެ އަޅުގެ އަތަށް ދީފައި އޮތް ޗާބޫކުން، އޭތި ބޭނުންވާ މީހެއް ގައިގައި ތެޅުމެވެ.

އާދޭހެވެ! ރާއްޖެއިން އިންޑިޔާގެ 'ވިޕިން ބޯއި'އެއްގެ ބައި އަދާކުރުމެވެ. އަޅުގަނޑުމެންގެ މަހާރާޖާ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގައި ބައްދައިގެން އޮވެ، އިންޑިޔާގެ މި ވިޕިން ބޯއި'ގެ ދައުރު ވަރަށް ވެސް ރަނގަޅަށް އެބަ އަދާކުރެއެވެ.

ދެން، ގުރާތަކެއްހެން، މި ވިޕިން ބޯއިގެ ވާހަކަ ތަކުރާރުކޮށް، އަޑުލައްވާ ބަޔެއް ވެސް އުޅެއެވެ. މި ފަދަ ގުރާތަކުގެ ވާހަކަތައް ރައްޔިތުންގެ މަޖިލުހުގެ ތަޅުމުންނާއި އަދި އެ ތަޅުމުގެ ބޭރުން ވެސް އިވެއެވެ. މީގެ ވަރަށް ވެސް ހެއްވާ ވާހަކައެއް އިހަށް ދުވަހު އިވުނެވެ. އިންޑިޔާއަކީ ރާއްޖޭގެ ބަލަދުވެރިޔާކަމުގެ ވާހަކައެވެ! އަދި، ތިމާމެންގެ ދީން ވެސް އިސްކަންދޭން ޖެހޭނީ މި ކަން ގަބޫލުކުރުމަށޯލައެވެ. އާދޭހެވެ! ހަމަ އަޑެއް އިވުމުން އެއްވެސް ވިސްނައިލުމަކާ ނުލައި، ގުރައެއް އެ އަޑުއިއްވައިލައި، ބުނާ ފަދައިންނެވެ.

އިންޑިޔާގެ ބަލަދުވެރިޔަކަށް ވާން، ރާއްޖެއަކީ ތަސައްރުފު ނުފުދޭ، އަމިއްލަ މިނިވަންކަމުގެ މަސްއޫލިއްޔަތު އުފުލާން ނޭނގޭ ވަރުގެ ކުޑަކުއްޖެއްހެއްޔެވެ؟ އަމިއްލަ ބަސްބަހުގެ މަޖާޒީ އިބާރާތެއް، ހެޔޮ ގޮތުގައި ބޭނުންކުރާން ނޭނގުން އަންގައި ދެނީ ކޮން ކަމެއްހެއްޔެވެ؟ ވިސްނުމުގައި ހުރި އުނިކަމެވެ. އަމިއްލަ ސިކުނޑީގެ ނުކުޅެދޭކަމެވެ. މިއީ ރަސްމީ ކިޔެވުމާ ގުޅޭ ކަމެއް ނޫނެވެ. މިއީ، މުޅި އުމުރު، މަގުމަތީ ކުޅެ ސަކަރާތް ޖަހާން އުޅެފައި، ދުވަހެއްގައި ވެސް، އެއްވެސް ކަހަލަ ގޮތަކަށް، ޒިހުނީ ސިފައެއްގައި (އިންޓަލެކްޓުއަލީ) ތިމާގެ ވިސްނުން ބޭނުން ނުކޮށް، ޓައީއެއް އަޅައި ގޮނޑިއެއްގައި، ( ޖާދޫގެ ގޮނޑީގައި) އިށީނުމުންވާ ގޮތެވެ. ޖާދޫގެ ގޮނޑީގައި އިށީނުމުން، މި ފަދަ މީހުންނަށް ހީވަނީ ތިމަންމެން ކޮންމެ ފަދަ މޮޔައެއް ގޮވިޔަސް، އެ ވާނީ ހަމަ، ހަމަޖެހޭ ވާހަކައަކަށެވެ. ދެން، ގަޑިއެއްގެ ތެރޭގައި ރާއްޖެ ހިފިދާނެކަމާއި، މި ވެނި ބަޔަކު ވެސް އެ ކަން ކުރި ވާހަކަ ބުނާ އިރަށް، އެ ކަމުގެ ހަގީގަތެއް ބެލުމެއް ނެތި، އެހެން އެންމެން އެކަން ގަބޫލުކުރާންވީއެވެ. މީގެ ހެތްކަކީ ކޮބައިހެއްޔެވެ؟ އިރާގުން ކުވޭތަށް އަރައިގަތް ވާހަކައެވެ. އެ ކަން މެދުވެރިވާން ދިމާވި ސަބަބު ކޮބައިހެއްޔެވެ؟ އެއްކޮޅުން، އިރާގާއި އީރާނު ކުރި ހަނގުރާމައެވެ. މި ކަމަށް ކުވޭތުން ކުރި ޚަރަދު ދޭން އިރާގަށް އެންގުމެވެ. އަދި މި ކަމަކީ ކުވޭތާއި ސައުދީންގެ ހައްގުގައި އިރާގުން ކުރި ހަނގުރާމައެއް ކަމުގައި އިރާގުން ބުނުމެވެ. މީގެ އިތުރަށް، ކުވޭތުން، އިރާގުގެ ތެޔޮ، ގަވާއިދާ ޚިލާފަށް ނެގި މައްސަލައެވެ. އިރާގާއި ކުވޭތާ ހަނގުރާމައަކަށް ދާން ޖެހުނީ މި މައްސަލަތަކުގެ ސަބަބުންނެވެ. މި މައްސަލަތައް ވާހަކަދައްކައިގެން ހައްލުނުކުރެވުމުންނެވެ. މީގެ އިތުރަށް، ތާރީޚީ ގޮތުން އިރާގާއި ކުވޭތާއި އެއް ތަނެއްގެ ގޮތުގައި، ކޮންމެވެސް ދުވަސްވަރެއްގައި، އިރާގު ދުށް ގޮތުގައި، އޮތް ކަމެވެ. ދެން، މި ކަމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އިރާގަށް ކުވޭތު ހިފައިގެން އޮވެވުނުހެއްޔެވެ؟ މި ކަމަކީ ޣައިރު ގާނޫނީ އަމަލަކަށްވުމުން، ގަދަކަމުން ކުވޭތުން އިރާގު ބާލައި، އެ މައްސަލައާ ވިދިގެން އިރާގު ބައިބައިވެ، ފުނޑުފުނޑު ވެސްވީއެވެ. އިންޑިޔާ ބޭނުންވި ހިނދެއްގައި، ތަނުގެ ޚާއިނުންގެ ބަޔެއްގެ ވާގި ނުލިބި، އިންޑިޔާއިން ރާއްޖެއަކަށް އަރައެއް ނުގަނެވޭނެއެވެ. އެއީ، އިންޑިޔާއިން ބަލާން ޖެހޭ އެހެން ކަންކަން ހުރީ މައެވެ. މިސާލަކަށް، ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ރަށްތަކުން ދެކޮޅު ހަދައިފާނެ ކަމެއް، އިންޑިޔާއިން ކުރުމަކީ ވަރަށް ވެސް ދުރުކަމެކެވެ. ސަބަބަކީ އިންޑިޔާގެ އިގުތިސާދު އެ ތަންތަނާ ގުޅިފައިވާ ކަމެވެ. މީގެ އިތުރަށް، އިންޑިޔާގެ އެތައްއެތައް ލައްކަ މީހުން އެ ތަންތާގައި މަސައްކަތް ކުރާން އުޅުމެވެ. ކޮންމެ އަކަސް، މި ކަންކަމަށް އިޝާރަތްކޮށް ވެސް، ޚުދު އިންޑިޔާގެ ނޫސްތަކުގައި ވެސް ލިޔެފިވައި އޮތެވެ.

ޣައިރު ގާނޫނީ ސިފައެއްގައި ތަނަކަށް އަރައި ގަތުމުގެ ނަތީޖާ ދައްކައިދޭ އެހެން މިސާލެއް ވެސް ލިޔެލާނަމެވެ. 1956ގައި، އިނިގިރޭސިންގެ އިސްނެގުމާއި އަދި އެދުމުގެ މަތީން، ސުއޭޒު އަތުލުމުގެ ބޭނުމުގައި، އުދުވާނީ ސިފައެއްގައި އިޒުރޭލުން މިސުރަށް ހަމަލާ ދިނެވެ. ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ އެމެރިކާއިންނާއި އ.ދ. އިން ވެސް އެކަން ކުށްވެރިކުރިއެވެ. އަދި، އެންމެނަށް ޖެހުނީ މިސުރުން ފައިބާށެވެ. ދެން، ސުއޭޒު އަނބުރައި މިސުރަށް ލިބުނެވެ. ހަނގުރާމައިގައި މިސުރު ބަލިވިކަމުގައި ވިޔަސް ވެހެވެ. އިންޑިޔާއިން ބޭނުންވި ނަމަވެސް، އެ މީހުން، އުދުވާނީ ސިފައެއްގައި، ޣައިރު ޤާނޫނީ ގޮތެއްގައި، ރާއްޖެއަކަށް ނާރާނެއެވެ. ރާއްޖެއަށް އެ މީހުން އަރާނީ، ކުރީން ވެސް ބުނިހެން، ތަނުގައި ތިބި 'ވިޕިން ބޯއި ފަދަ' ގައުމުގެ މަސްލަހަތު އިސްނުކުރާ ޚިޔާނަތްތެރި ޣައްދާރުންގެ ސަބަބުންނެވެ. އެމީހުންގެ އެހީގައެވެ. އަދި، ގުރާ ކޮށީގެ ރައްޔިތުންގެ މަޖުލީހުގައި ތިބި، ތިމާމެންގެ ނޭފަތުކުރިއަށް ވުރެ ދުރު ނޫން އެހެން ތަނެއް ނުފެންނަ، 'ވިޕިން ބޯއި' ގޮވާހާ މޮޔައެއް ތަކުރާރުކުރާ ގުރާ މެންބަރުންގެ ސަބަބުންނެވެ.

އާދޭހެވެ! އުތުރު ކަރައިން އަރައިގެން އަންނަ ރަންނަމާރިއެއް ފަދަ ނުރައްކާތެރި ހިންދީ އޮރެންޖު ސާރިދޯޅުގެ ވިހަ ވަކިތައް، ރާއްޖޭގެ މިނިވަން ހަށިގަނޑުގައި ހިއްޕައިލާނީ މި ފަދަ ޣަދަރުވެރި ޚާއިނުންގެ އެހީގައެވެ. ކުރީން ވެސް ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ފަދައިން، ވެރިކަމުގެ ދަހިވެތިކަމުގައި، ރާއްޖޭގެ ދެތިން މީހެއް، ރާއްޖެއަށް ޣަދަރުވެރިވެ ޚިޔާނަތްތެރިވުމުގެ ސަބަބުންނެވެ. މި ފަހަރު އެ ކަން ކުރާން ނިކުމެ ތިބި ބަޔެއްގެ އިސް މީހަކަށް ހުރީ، ޗައިނާއާ މި ހިންދީ ސާރިދޯޅު ސީދާ ދިމާކުރުމުގެ ހިތްވަރު ނެތި، ފިނޑިވެފައި ވުމުން، ޗައިނާގައިގާ ތަޅަން ބޭނުންކުރާ 'ވިޕިން ބޯއި'އެކެވެ. އަދި، އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް، މި ވިޕިން ބޯއިގެ ހަގީގަތެއް ނެތް، އަދި ބައެއް ފަހަރު، މޮޔަ، ވާހަކަތައް، އެއްވެސް އަމިއްލަ ވިސްނުމެއް ބޭނުންނުކޮށް އެ ވާހަކަތައް ތަކުރާތުކުރާން ތިބި މައް ގުރާތަކެއްގެ ސަބަބުންނެވެ. ދެން، ސިޔާސީ ކުލަތަކާއި ތިމާމެން ބޭނުންވާ ވަކި މީހަކު ވެރިޔަކަށް ގެނައުމުގެ އަވައިގައި ޖެހިފައި ތިބި ރައްޔިތެއް ތަނުގައި އޮތުމުގެ ސަބަބުން، ރައްޔިތުން މި ކަމަށް ހޭލުންތެރި ނުވުމުން ވެސް މެއެވެ.

މި ކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ފަހަރެއްގައި ވެސް ސަރުކާރާ ދެކޮޅުވެ، ބަޣާވަތް ކުރުމެއް ނޫނެވެ. ނުވަތަ ގަވާއިދާ ޚިލާފަށް މުޒާހަރާތައް ކުރުމެއް ވެސް ނޫނެވެ. މި ކަމުގެ ހައްލު ގުޅެނީ ގައުމީ މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިވުމާއެވެ. އަދި، މި ހޭލުންތެރިކަންމަތީގައި ތިބެ، އެންމެން އެކުވެ، ގައުމުގެ ދިފާއުގައި މަސައްކަތްކުރުމާއެވެ. މި ފަދަ ހޭލުންތެރިކަމެއް އުފެއްދޭނީ، މި ފަދަ މައްސަލަތައް، އަމިއްލައަށް، ރަނގަޅަށް ސާފުކޮށް، އަދި މި ކަންކަމާ މެދު އަމިއްލައަށް ވިސްނައިގެންނެވެ. އެއަށް ފަހު، ގައުމީ މަސްލަހަތާ ފުށުއަރާ، (މަތީގައި ބަޔާންކުރެވުނު ފަދަ) ސަރުކާރުގެ މިފަދަ ސިޔާސަތްތަކާ ދެކޮޅު ހަދައިގެންނެވެ. ދިވެހި ދައުލަތަކީ، ދިވެހި ރާއްޖެއަކީ، ސަރުކާރުގެ ނުވަތަ ވަކި ބަޔެއްގެ މިލްކެއް، ހަރުމުދާގަނޑެއް، ނޫންކަން ހިތުގެ އަޑީން ގަބޫލުކުރެވިގެންނެވެ. އެއީ އެންމެންގެ އަތް މަތީގައި އޮތް ބޮޑު އަމާނާތެކެވެ. ސަރުކާރަކީ ރާއްޖޭގެ އެންމެންގެ ޖަމާއީ ކަންތައް ހެޔޮ ގޮތުގައި ހިންގުމަށް ޓަކައި އޮންނަ މުއައްސަސާއެކެވެ. ބޮޑު އަގެއް ދިން ބަޔަކަށް، ސީދާ ގޮތެއްގައި ވިޔަސް، ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް، ރާއްޖެ ވިއްކައިލުމުގެ އިޚްތިޔާރު (އޮތޯރިޓީ)، އެއްވެސް ސަރުކާރަކަށް ވެސް، އަދި އެހެން ބަޔަކަށް ވެސް، ލިބިގެން ނުވެއެވެ. އެހެންވެ، މައްސަލަ ރަނގަޅަށް ސާފުކޮށް، އެންމެ ފުރަތަމަ، މި ކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހެއެވެ. މި މައްސަލަ ރަނގަޅަށް ބަލައި ފަހުމްކޮށް، އެއަށް ފަހު، މި ފަދަ ކަންކަމާ ދެކޮޅު ހަދައި، މި ވާހަކަތައް، ބުއްދީގެ ހަމަތައް ބޭނުންކޮށްގެން، ޒިހުނީ ސިފައެއްގައި، ދައްކާން ޖެހެއެވެ. އެންމެ ފުރަތަމަ، ރައްޔިތުން ތަމްސީލުކުރާން ހޮވައިފައި ތިބި މެންބަރުންގެ ގާތުގައެވެ. އެ މީހުންނަށް ބޮޑެތި މުސާރަތައް ރައްޔިތުން ދީފައި އެ ތިބީ ރައްޔިތުންގެ އިހުސާސުތަކާއި ޝުއޫރުތައް ދެނެގަނެ، ގައުމީ މަސްލަހަތު އިސްކޮށްގެން، ގަވާއިދުތަކާއި ގާނޫނުތަކާ އެއް ގޮތަށް، ގައުމު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާށެވެ. ދެން އޮތީ، މި މެންބަރުން ދައްކާ ވާހަކަތައް އަބަދުވެސް އަޑުއަހައި، އެއީ ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށްވާ ނަމަ، އެ މީހުން ގާތު އެ މީހުންގެ ވާހަކަ ހަމަނުޖެހޭ ކަމުގައި، ހެތްކާއެކު، ބުނުމެވެ. އެ ވާހަކަތަކަކީ ވަކި އަނގައަކުން ނިކުތް ވާހަކަތަކަކަށް ވުމުން، އެއަށް ވަހީގެ ދަރަޖަދީ، އެއީ އެއްވެސް ސުއާލެއް ނުކޮށް، ބަލައި ގަނެވޭ ވާހަކައަކަށް ނުހެދުމެވެ.

އެންމެ ފަހުން، ޗައިނާއަށް، ސޯޅަ ރަށެއް ވިއްކައިލައިފައިވާ ވާހަކަ، މަހާރާޖާ ވިދާޅުވުމުން، އެއީ ކޮންކޮން ރަށެއްތޯ ބަޔާންކޮށްދޭން އެދުމުން، އެންމެ ރަށެއްގެ ނަންވެސް ވިދާޅުވާން އެނގިވަޑައިގެންނެވިހެއްޔެވެ؟ މިއިން އެ ފަދަ މީހުންގެ އެ ފަދަ ވާހަކައިތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަމާއި އޭގެ ހޮޅިކަން އެނގޭނެއެވެ. ދެން، ނޫސްވެރީންނާ ބައްދަލުކޮށް، ނޫސްތައް މެދުވެރިކޮށް ވެސް، މި ވާހަކަތައް ލިޔާންވީއެވެ. ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތްތައް މެދުވެރިކޮށް ވެސް މި ވާހަކަތައް ލިޔާންވީއެވެ. މިއީ ހައްތަހާ ވެސް، ކޮންމެ ފަރުދަކަށް ވެސް ކުރެވިދާނޭ ކަންކަމެވެ. މި ފަދަ ގައުމީ މައްސަލަތަކުގައި އޭނާގެ އަމިއްލަ މަސްއޫލިއްޔަތު އުފުލުމުގެ ގޮތުންނެވެ. މީގެ އިތުރަށް، ގަވާއިދު ތަންދޭ ގޮތެއްގެ މަތީން، ގަވާއިދު ތަންދޭ ވަގުތެއްގައި، މަދަނީ ސިފައެއްގައި، ސުލްހަވެރިކަމާއެކު، މުޒާހަރާތައް ވެސް ކުރެވިދާނެއެވެ. ނަމަވެސް އެ ކަމުގެ ވެސް އަމާޒަކަށްވާން ޖެހޭނީ ސަރުކާރު ވައްޓައިލުމެއް ނޫނެވެ. ސަރުކާރުގެ ހަމަނުޖެހޭ، އަދި ރާއްޖޭގެ ގައުމީ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމެވެ. ސިޔާސީ ކުލަތަކަކީ، ގައުމީ މަސްލަހަތަށް އިސްކަން ދޭންޖެހޭ ވަގުތުތަކުގައި، މީސްތަކުން ބައިބައި ކުރާ އެއްޗަކަށް ނުހަދާންވީއެވެ. އެ ފަދަ ވަގުތުތަކުގައި، ސިޔާސީ ކުލަތައް އެއް ފަރާތްކޮށް، އެންމެން އެކުގައި ގައުމުގެ މަސްލަހަތު ދިފާއުކުރާން ދަސްކުރާންވީއެވެ. އާންމުންގެ މަދަނީ ބާރުގެ ވަރުގަދަކަން ދެނެގަންނާންވީއެވެ. މިއީ އެއްވެސް ބަޔަކަށް އެ ބާރަކާ ދޭތެރޭ އަބަދު އަޅައިނުލައި ނޯވެވޭނޭ ބާރެކެވެ. މި ކަމުގެ ވަރުގަދަ ހެކި، (މަދަނީ ބާރުގެ ވަރުގަދަ ހެކި)، ރޫސީ ރަތް ސާރިދޯޅުގެ ވަކިތަކުން ޕޯލެންޑާއި ޗެކޮސްލަވޭކިޔާ މިނިވަންކުރުމުގައި، ޕޯލަންޑުގެ 'ސޮލިޑަރިޓީ'ގެ ހަރަކާތްތަކާއި ޗެކޮސްލެވޭކިޔާގެ 'ވެލްވެޓު ރެވޮލޫޝަން'ގެ ހަރަކާތްތަކުން ފެނިގެންދެއެވެ. ޚުދު، އިނގިރޭސީންގެ އިސްތިއުމާރާ ދެކޮޅަށް، އިންޑިޔާގައި ވެސް، ގާނދީގެ މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުން ވެސް އާންމުން އެއްބައިވެގެން އުފައްދާ މަދަނީ ބާރުގެ ވަރުގަދަކަން ފެނިގެން ދިޔައެވެ. އެއްވެސް ބަޑިއެއްގެ ބޭނުން ނުކޮށް، މި މަދަނީ ބާރުގެ އެހީގައި ބާރުގަދަ ބޮޑު އެމްޕަޔަރެއް ބަލިކުރިއެވެ.

އާދޭހެވެ! ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރެވޭނީ ހޭލުންތެރިވެ ތިބެ، މި ގޮތުގައި، އެންމެން އެކުވެ، އެކުގައި މަސައްކަތްކޮށްގެންނެވެ. މި ގޮތަށް، އެންމެން އެކުވެ، އެކުގައި މަސައްކަތްކުރެވިއްޖެ ނަމަ، އުތުރު ކަރައިގެ ހިންދީ އޮރެންޖު ސާރީދޯޅުގެ ވަކިތައް ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހީންގެ މިނިވަންކަމުގެ ހަށިގަނޑުގައި، ހިއްޕައިލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

___________________________________

ނޯޓު:

މި ލިޔުން ޑރ. ޢަބްދުލްޣަފޫރު ލިޔުއްވީ 2020 އޮގަސްޓް 1 ގައި ކަމަށްވޓީ> ރާއްޖެއާ ގުޅޭ ވާހަކަތައް ހުންނާނީ އޭރުގެ ޙާލަތަށް ރިޢާޔަޓްކުރައްވައިގެންނެވެ. މިހާޜުގެ ޙާލަރު ތަފާތުވެސްވެދާނެއެވެ. ވީމާ މި ނުކުރާއަށް ސަމާލުކަންދެއްވުން އެދެމެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް