Advertisement

ކަރުނައިގެ އަސަރު (25)

02 Aug 2024 | 07:14
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ޖުލައި 30ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)            

          _____________________________________________________

            އަހަރެންގެ ހަނދާންތަކާ ގުޅިފައިވާ ކޮންމެވެސް ވަރެއްގެ ހިތިކަމެއް ވެސް އެބަ ހުއްޓެވެ.

                  ހަނދާންނެތުނު އެއްޗެއް ހަނދާންނެތުނުކަން ރަނގަޅެވެ.

          _____________________________________________________

ޢާމިރު ދެ ދުވަސް ފަހުން، އެނބުރި ސިޓީއަށް އަތުވެއްޖެއެވެ.

މިވަގުތު އޭނާ އިނީ އޮފީހުގައި އޭނާގެ ކޮޓަރީގައެވެ. ކޮންވިސްނުމެއްގައި ކަމެއް ނޭނގެއެވެ.

ކުއްލިއަކަށް އިވިގެން ދިޔަ ބާރު އަޑަކާ އެކު ޢާމިރު ކޮޓަރިއަށް ނިޝޫ ވަދެއްޖެއެވެ.

ޢާމިރު، ނިޝޫއާ ދިމާއަށް ބަލައިލިއެވެ.

އޭނާގެ އަނދަމުންދާ ރީތިކަމެވެ. ------- ހިނިތުންވެފައިވާ ނިޝޫއަށް ބަލައިލުމެއްނެތި ޢާމިރު ބުންޏެވެ.

"އިށީންނަވާ -------!"

"ޢާމިރު އެހައި ހިތްވަރު ދެއްކީ ކީއްވެހެއްޔެވެ؟" ނިޝޫ ރުޅިވެރިކަމާއެކު ބުންޏެވެ.

"އަޅުގަނޑު ------ އަޅުގަނޑަކަށް ނުވިސްނުނު، މުޙުތަރިމާ! ------ އެކަމަކު ކޮޅަށް ތިޔަ ހުންނެވީ ކީއްވެތޯއެވެ؟ ------- އިށީންނަވާށެވެ." ޢާމިރު ބުންޏެވެ.

އޭނާގެ ބުނުމުގައި އާދަޔާ ޚިލާފުކަމެއް ހުއްޓެވެ.

"ބޭކާރު ވާހަކަނުދައްކާށެވެ! -------- އަހަރެން ލަދުގަންނަވައިލާން ޢާމިރަށް ކުރެވޭން ހުރި ހުރިހައި މަސައްކަތެއްކުރިއެވެ." ނިޝޫ ބުންޏެވެ.

"އަހަރެން މަޢާފަށް އެދެމެވެ. ------ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ނުކުރާނަމެވެ." ޢާމިރު ބުންޏެވެ.

"ތިޔަ ބުނީ ކީކޭ -----------؟" ނިޝޫ ސުވާލުކުރިއެވެ.

"އަހަރެންގެ ލިސްޓުން ނިޝޫގެ ނަން އުނިކޮށްފީމެވެ. ---- މިހާރު ތިޔައީ އަހަރެންގެ އިޙުތިރާމު ލިބިގެންވާ މީހެކެވެ. ------ އިރުމަތީގެ ރީތިކަމުގައި ދުވަހަކު ވެސް ކޭތަހިފިޔަކަ އަހަރެންނެއް ނުދޭނަމެވެ. -------- ކުރީން އަހަރެންގެ ހިތުގައި އެހެން ޚިޔާލުތަކެއް އުފެދުނެވެ. ------ ނަމަވެސް މިހާރު ބިމާއި އުޑާދެމެދުގެ ތަފާތު އެބަހުއްޓެވެ. މިއީ އަހަރެމެންގެ އެންމެ ފަހުގެ ބައްދަލުވުންކަމަށް ބަލައި އިށީންނަވާށެވެ. އަހަރެންގެ ކުރިމަތީގައި ތިބާގެ ޢިއްޒަތާ ޝަރަފު، އަހަރެންގެ ކޮއްކޮއެކޭ އެއްފަދައިން އެބައޮތެވެ. ------ އަހަރެން ވިސްނަމުން މި ގެންދަނީ އެ ކަމާއެވެ." ޢާމިރު ބުންޏެވެ.

"ތިޔައީ ------ ވަރަށް އާދަޔާ ޚިލާފު އިންސާނެކެވެ. --------" ނިޝޫ އުށްގަނޑެއް ފަދައިން ވިރިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"އަހަރެންނަކީ ކުރީން ރަނގަޅު މީހަކަށްވީނަމަވެސް ޖަނަވާރެއްފަދަ އިންސާނެއް އަހަރެންގެ ދިރިއުޅުން ބަދަލުކޮށްފިއެވެ." ޢާމިރު ބުންޏެވެ.

"އިތުރު ވާހަކައެއް އެބައޮތްހެއްޔެވެ؟ ------" ނިޝޫ މަޢުޞޫމިއްޔަތު ކަމާއެކު ބުންޏެވެ.

އެވަގުތާއި ޙާލަތުގެ ބަސްތަކުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

"ބޭބީ ދާށެވެ. ------- އަނިޔާ ނުކުރާށެވެ. -------" ޢާމިރު ތެޅިގެންފައި ކަހަލަ ގޮތެއްގައި ބުންޏެވެ.

"ކުރީން ޢާމިރު އަހަންނާ މެދު ކަންތައްކުރާން ބޭނުންވީ ކިހިނެއްހެއްޔެވެ؟" ނިޝޫ ބުންޏެވެ.

"ސުވާލު ނުކުރާށެވެ. ----------"

"ބުނެބަލާށެވެ.-----------" ނިޝޫ އޮޅުން ފިލުވާން ބޭނުންވިއެވެ. -------

ޢާމިރު، އޭނާގެ މޫނު ފޮރުވާލިއެވެ. ----- ދެން މަޑު މަޑުން ބުންޏެވެ. "ﷲ އަށްޓަކައި މިތަނުންދާށެވެ. ------- ދާށެވެ. -------- މިކޮޓަރީން ނުކުމެގެންދާށެވެ." ޢާމިރު ރޮވޭ އަޑަކުން ބުންޏެވެ.

"ނޫނޭ ---- އަހަރެން ދާނީ އެކަން އޮޅުންފިލުވައިގެންނެވެ." ނިޝޫ ބުންޏެވެ.

"އެއީ ކީއްވެ؟ ---------" ޢާމިރު އިސްއުފުލައިލައި ނިޝޫގެ ލޮލުގެތެރެއަށް ބަލައިލިއެވެ.

ފަހަރެއްގައި އަހަންނަށް އޭނާގެ ފަރާތުން ކަމެއް ހޯދިދާނެއެވެ. ނިޝޫ ބުންޏެވެ.

"އަހަރެން ބޭނުންވީ ނިޝޫ ބަރުބާދުކޮށްލާށެވެ. --------" ޢާމިރު ތެޅިގެންފައި ކަހަލަ ގޮތެއްގައި ބުންޏެވެ.

"އަހަންނަކަށް ޔަޤީނެއް ނުކުރެވުނެވެ. -------- އަހަރެން ހީކުރީ ޢާމިރު އަހަރެންދެކެ ލޯބިވަނީ ކަމަށެވެ. ------ ޢާމިރުގެ މީހަކަށް އަހަރެން ހަދާން ބޭނުންވަނީ ކަމަށެވެ." ނިޝޫ ބުންޏެވެ.

"އަހަރެން މިހާރު ލޯބިވަމެވެ. މަޢާފު ކުރާށެވެ. ހަނދާންނެތުނީއެވެ. އެކަމަކު ފިކުރުތަކުގައި ބިމާއި އުޑުގެ ތަފާތެއް އެބަހުއްޓެވެ." ޢާމިރު ބުންޏެވެ.

"އެކަމަކު ކީއްވެހެއްޔެވެ؟ އަހަރެން ބަރުބާދު ކޮށްލާން ބޭނުންވީ ކީއްވެހެއްޔެވެ؟" ނިޝޫ ބުންޏެވެ.

"ބޭބީ ----- ﷲ އަށްޓަކައި މިތަނުންދާށެވެ. ----- ދާށެވެ. ----- އަހަރެން ------ އަހަރެން މިއިނީ ވަރަށް ކަންބޮޑުވެފައެވެ. ------" ޢާމިރު ބުންޏެވެ.

"އަހަރެން ޢާމިރު ހޯދާތާ ދެ ދުވަސްވެއްޖެއެވެ. އެކަމަކު ޢާމިރާ ބައްދަލެއްނުވިއެވެ." ނިޝޫ ބުންޏެވެ.

"އަހަރެންގެ އަވަށަށް ދިޔައީއެވެ." އާމިރު ކުރުކޮށް ބުންޏެވެ.

"ކީއްވެ؟------"

"އަންހެންކޮއްކޮގެ ކައިވެންޏަށެވެ. ------" ޢާމިރު ބުންޏެވެ.

"އޯވ- -------- ޢާމިރުގެ އަންހެންކޮއްކޮއެއްވެސް ހުރޭތަ؟" ނިޝޫ ބުންޏެވެ.

"އަހަރެން ދިރި މިހުރީ އޭނާއަށްޓަކައެވެ." ޢާމިރު ފުންނޭވާއެއްލުމަށް ފަހު ބުންޏެވެ.

"އަހަރެން ބަރުބާދުކުރާން ތިޔަ އުޅުނީ އަންހެންކޮއްކޮއެއް ވެސް ހުއްޓައިހެއްޔެވެ؟" އޭނާގެ ރާގުގައިވަނީ ވިހައެވެ.

"ނިޝޫ ކޮއްކޮއަކަށް ނުވިސްނޭނެއެވެ. ----- ނުވިސްނޭނެއެވެ. އަހަރެން މިހާރުވެސް މިހުރީ ހަސަދަވެރިކަމުން އަނދަ އަނދައެވެ. ----- އަހަންނަށް އުނދަގޫ ކުރަނީ ކީއްވެހެއްޔެވެ؟" ޢާމިރު ވޭންދެނިވި ގޮތެއްގައި ބުންޏެވެ.

"އަހަރެން މިދަނީއެވެ. ------ ޢާމިރު އަހަންނަށް ކޮއްކޮއޭވެސް ބުނެފީމުއެވެ. އަދި މިއުޒިޝަނަކަށްވެސް ވެއްޖެއެވެ.-------- ދުވަހަކުވެސް ލޯތްބެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ މިކޮއްކޮއަށް އިޝާރާތްކޮށްލާށޭވެ." ނިޝޫ ބުނެލިއެވެ.

"ބޭ -------- ބީ ---------" ޢާމިރު ހަޅޭލަވައިގަތުމުން އެއަޑު ކޮޓަރީގެ ފާރުތަކުގައި ވެސް ގުގުމައިގެންދިޔަކަހަލައެވެ.

"އަހަރެން މި ދަނީއެވެ. -------- ބޭބެއެއްގެ ލޯތްބެވެ. އަދި އެ ލޯބީގެ އުންމީދު ހިތުގައި އެބައޮތެވެ. ޢާމިރު އަހަރެން ބަރުބާދު ކޮށްލާން ބޭނުންވީ ކޮންމެވެސް ބަދަލުހިފުމުގެ ޖަޒުބާތެއްގެ ތެރޭންކަން އަހަންނަށް އެނގެވެ. ޢާމިރުގެ ވާހަކަ ގުޅިފައިވަނީ އަހަރެމެންގެ ގޭގެ ވަށައިގެންކަން ވެސް އަހަންނަށް އެނގިއްޖެއެވެ." ނިޝޫ ބުންޏެވެ.

ޢާމިރު ނޭވާ ހާސްކޮށްލިއެވެ.

ޢާމިރު އެއްވެސް އެއްޗެއް ބުނުމުގެކުރީން ނިޝޫ ބާރުބާރަށް ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ.

"އުފު ------- ޔާ ﷲ އެވެ. -------- ޢާމިރު -------- "

ޢާމިރު ޒަޚަމުވެފައިވާ ދޫންޏެއްފަދައިން އެއްވެސް އެހީތެރިކަމެއްނެތި އޭނާގެ ތުންފަތުގައި ދަތްއަޅައިލިއެވެ.

އެއަށް ފަހު، އޭނާ ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން މޭޒުމައްޗަށް ބަލާން އިނެވެ.

އޭނާގެ ސިކުނޑި ނުބައިގޮތަކަށް އަވަސް އަވަހަށް ޙަރަކާތް ކުރާން ފެށިއެވެ.

އޭނާގެ މުޅިހަށގަނޑުގެ ތެރޭގައި ރާޅުބާނިތަކެއް ހިނގާންފެށިއެވެ.

އަހަރެންގެ ޒަޚަމުތަކުއި ތެޔޮ އުނގުޅީ ކީއްވެގެންހެއްޔެވެ؟

އަހަންނަށް ތިޔަ ގޮވައިލީ ކޮން ގުޅަމަކުންހެއްޔެވެ؟

މިހާރު ------- އަހަންނަށް އައިސް މި ހުއްޓެވުނީ ކިހައި ހިސާބެއްގައިހެއްޔެވެ؟

ކަލޭ އަހަރެން ތި އެއްލާލީ ކޮންތާކަށްހެއްޔެވެ؟----------

އަހަރެން ދާ މަގުމަތީގައި ކަލޭ ------- ބޮޑު މީހެއްގެ ގޮތުގައި ތިޔަ ހުރީ ކީއްވެހެއްޔެވެ؟------

އާނއެކެވެ. ----- އާނއެކެވެ. ------ ކަލެއެވެ. ------

އެއްވެސް ކަމަކާ އަހަރެން ވިސްނާކަށް ވެސް ކަލޭ ފުރުޞަތެއް ނުދިނެވެ. -------

ނޫނޭ ------ ނޫނެކެވެ. -------- އަހަރެންދާ މަގުން ދުރަށް ކަލޭ ދާށެވެ. -------

ކޮންމެހެންވެސް އެ މަގުން ކަލޭ ދުރަށް ދާން ޖެހެއެވެ.------

ކޮންމެ ޙާލެއްގައި ވެސް -------

ދުރަށް ދާށެވެ. ------- ބޭ ------ ބީ ------

ދުރަށްދާށެވެ. --------

އަހަރެން ------- އެފަދަ އެއްވެސް ގުޅުމަކަށް އެއްބަހެއްނުވަމެވެ.

އާނއެކެވެ .----- އެފަދަ ------- އެއްވެސް ގުޅުމެއް އަހަރެން ބޭނުމެއްނޫނެވެ.

މުޤައްދަސު ގުޅުމެއްގެ ޗޭނެއްހަދައިގެން އަހަރެންގެ ފައިގައި އަޅުވާކަށް ކަލެއަކަށް ނުކުރޭނެއެވެ.

ނޭޅުވޭނެއެވެ. ------- ނޭޅުވޭނެއެވެ. -------

އަހަރެން -------- އަހަރެން ----- ފަހަރެއްގައި ވެސް އެ ފަދަ ގުޅުމަކަށް ނޭދެމެވެ.

އަހަރެން ކުރާން މި އުޅޭ ކަމަށް ހުރަސް އެޅޭ އެއްވެސް ގުޅުމެއް އަހަރެން ބޭނުމެއްނޫނެވެ.

އާނއެކެވެ. އަހަރެން އެފަދަ ގުޅުމެއް ޤަބޫލުކުރާކަށް ވެސް ތައްޔާރެއްނޫނެވެ.

ހަމަ ޔަޤީނުންވެސް އެ ކަމެއް ނުވާނެއެވެ. -------

ކަލޭ ދުރަށްދާށެވެ. ------ އަހަރެންނަށް ހުރަސްނާޅާށެވެ. ------ އަހަރެން އަނދައި ހުލިވެއްޖެއެވެ.

އޭނާއަށް އުނދަގޫތަކެއް ވަމުންދިޔައެވެ.

އޭނާގެ ޒަޚަމުތަކަށް ނިޝޫ ލޮނު އެޅިކަހަލައެވެ.

ނިޝޫގެ ބަސްތަކުން އޭނާ ހިތުގައިޖެހުނު ކަހަލައެވެ.

ގުނައި އަދަދު ނުކުރެވޭ ފައި ގިނަ ގޮވުންތަކެއް އޭނާގެ ސިކުނޑީގައި ގޮވަމުންދިޔައެވެ.

އަދި އެ ގޮވުންތަކުގެ ތެރޭގައި އޭނާދިޔައީ ވަރަށް ބޮޑަށް ތެޅެމުންނެވެ.

އޭނާގެ ސިކުނޑި ސާފުވުމުން އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމިއެވެ.

ބަދަލު ހިފުމުގެ އަލިފާން ފިނިކުރުމަށް ޓަކައެވެ.----------

މައްސަލައިގެ ނިމުމާ ހަމައަށް ވާސިލުވުމަށްޓަކައެވެ.---------

އެއަށް ފަހު، އޭނާ ހަމަޖެހިލައިގެން ހިނގައްޖެއެވެ. --------

                   ------------------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް
ޖީހާނު
ވަރަށް ރީތި ވާހަކައެއް. މާނަ ފުން ޖުމްލަތަކަކުން ވާހަކަ ދައްކާފައި ހުންނަ ވާހަކައެއް. ވާހަކަ ލިޔުންތެރިޔާގެ އެހެން ވާހަކަތަކަކަށް އިންތިޒާރު ކުރަން
08 Aug 2024