Advertisement

ހުރިހައި ކަމަކަށް ވުރެ ހެޔޮކަން ބޮޑު ކަމެއް (2)

02 Aug 2024 | 00:14
އިސްލާމް ދީން ފެތުރުމަކީ އެންމެ ބޮޑު ހެޔޮކަމެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(ކުރީގެ ޢަދަދުގެ ބާކީ)

ރަސޫލުބޭކަލުންނަކީ އިސްލާމީ ދަޢުވަތު ފެތުރުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ލިބިގެންވާ ހެޔޮ ނަމޫނާތަކެކެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަތުމުން ޤުރައިޝުން އެކަލޭގެފާނު ހިފައި ހައްޔަރުކުރެވޭތޯ މަސައްކަތްކުރިއެވެ. އެކަލޭގެފާނު ހޯދި މީހަކަށް ބޮޑެތި އިނާމުތައް ހުށައެޅިއެވެ. މި ނާޒުކު ބިރުވެރި ވަގުތުގައި ވެސް އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. ބުރައިދަތު ބިނުލްޙުޞައިބުލްއަސްލަމީއާއި އެކަލޭގެފާނުގެ ގައުމުގެ ބަޔަކާ ބައްދަލުކުރައްވައި އެ މީހުންނަށް އިސްލާމްދީން ބަޔާންކޮށްދެއްވިއެވެ. ރަސޫލާ ﷺގެ މި ގޮވައިލެއްވުމުގެ ސަބަބުން އެބައިމީހުން އިސްލާންވިއެވެ.

ޔޫސުފުގެފާނު ޖަލުގައި ހުންނެވި އިރުގައި ވެސް ﷲގެ ދީނަށް ގޮވައިލެއްވުން ހުއްޓަވައެއްނުލައްވައެވެ. ބައެއް މީހުންނަށް ހުވަފެންތައް ފެނުމުން އެކަލޭގެފާނުގެ އަރިހަށް މި ހުވަފެންތައް ތަޢުބީރުކޮށްދެއްވުން އެދި އައުމުން އެމީހުންނަށް ﷲގެ ދީން އޮޅުންފިލުއްވައިދެއްވިއެވެ. އެ ވާހަކައިން ބައެއް، ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((يَٰصَٰحِبَىِ ٱلسِّجْنِ ءَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ﴿٣٩﴾‏ مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ [1] - އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّهހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށް މެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއްނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ.))

ރަސޫލުބޭކަލުންގެ ނަމޫނާއާ އެއް ގޮތަށް މި އުންމަތުގެ ބައެއް ދަންނަބޭކަލުން ވެސް  ޖަލުގައި މި ގޮތަށް ޢަމަލުކުރައްވައިފައި ވެއެވެ. ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާއާއި ޝަމްސުއްއައިއްމަތި އައްސަރުޚަސީއަކީ  މި ކަމުގައި ނާދިރު ދެ މިސާލެކެވެ. ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ ވަނީ ހުރަގޭގެ މުޞީބާތް ނިޢުމަތަކަށް ބަދަލުކޮށްލައްވައިފައެވެ. ބޭއިންސާފުން އިބްނު ތައިމިއްޔާ ދިމަޝްޤުގެ ޤަލްޢާ ޖަލަށްލައި ބަންދުކުރުމުން ބައެއް ޝައިޚުން އިބްނު ތައިމިއްޔާއަށް ދެންނެވިއެވެ. "މި ހުރިހައި އަދަބުތަކެއް އެ އޮއްސަނީ ކަލޭގެފާނު އެމީހުންނާ އެއްބައިވެވަޑައިގަންނަވާތޯއެވެ. އެމީހުންގެ ޚާދިމުން މަސައްކަތް ކުރަނީ ކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. ނުވަތަ އަރުވައިލުމަށެވެ. ނުވަތަ ބަންދުކުރުމަށެވެ. އެ ހިނދު ވިދާޅުވިއެވެ. އަހުރެން މަރައިލެވިއްޖެ ނަމަ އަހުރެން ވާނީ ޝަހީދަކަށެވެ. އަހުރެން އަރުވައިލައިފި ނަމަ އަހުރެންނަށް ހިޖުރަކުރުމެއް ލިބޭނެތެވެ. އެ މީހުން އަހުރެން ސައިޕްރަހަށް އަރުވައިލައިފި ނަމަ، އެ ރަށު މީހުންނަށް ދީނަށް ގޮވައިލުމަށް ފުރުޞަތު ލިބޭނެތެވެ. އެމީހުން އަހުރެން ހައްޔަރުކޮށްފި ނަމަ މަށަށް އަޅުކަންކުރާނެ ވެންޏެއް ލިބޭނެތެވެ. މަށަކީ ކަންބަޅިއެއް ފަދަ އެއްޗެކެވެ. ކިތަންމެ ވަރަށް ފުރޮޅިއަސް ކެހެރި ފަޅާނެތެވެ." އެ މީހުން  މަޔޫސްވެގެން އެކަލޭގެފާނު ދޫކޮށްލިއެވެ.

ޢިލްމަކީ ބޭނޭ އެއްޗެކެވެ. ލިޔުމަކީ ބޭނޭ އެއްޗެހި ހިފަހައްޓައިދޭ ދަލެވެ. މި ދައު ރަނގަޅު އުއިން ބަންނާށެވެ! ތިބާގެ ދުނިޔެ ތިބާގެ އާޚިރަތާ ގުޅުވައިލަން ބޭނުން ހެއްޔެވެ؟ކީރިތި ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((  إذا مات ابنُ آدمَ انقطع عملُه إلا من ثلاثٍ: صَدقةٍ جَارِيَةٍ ، أَوْ عِلْمٍ يُنتَفَعُ به ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ[2]  - އާދަމުގެދަރިޔާ މަރުވެއްޖެނަމަ އޭނާގެ ޢަމަލުތައް ހުއްޓިދާނެތެވެ. ތިން ޢަމަލެއް މެނުވީއެވެ. މެދުނުކެނޑި ދެމިހުންނަނިވި ޞަދަޤާތަކާއި އެއިން ފައިދާކުރަނިވި ޢިލްމަކާއި އޭނާއަށް ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ. )) މި ބަސްފުޅުން އެނގޭގޮތުގައި އިންސާނާ މަރުވުމުން އޭނާގެ ޢަމަލުތައް ދެން އިތުރެއް ނުވާނެއެވެ. އޭނާއަކީ ހެޔޮލަފާ އިޙުސާންތެރި މީހެއްނަމަ އޭނާގެ މި ހެޔޮ ޢަމަލުތަކުގެ ފައިދާ ކުރާނެތެވެ. އޭނާގެ ޢަމަލުތައް ނުރަނގަޅުނަމަ ދެން  މި ޢަމަލުތައް ރަނގަޅުކުރާނެ މަޖާލެއް އޭނާއަކަށް ނެތެވެ. އޭނާއަށް ދެން ތައުބާއެއް ނުވެވޭނެއެވެ. އެހެނަސް ތިން ބާވަތެއްގެ ޢަމަލުން އޭނާއަށް ލިބޭ ސަވާބު ލިބިލިބި ހުންނާނެއެވެ. މި ތިން ބާވަތުގެ ޢަމަލުގެ ސަވާބު މެދުކެނޑިގެން ނުދާނެތެވެ. ފުރަތަމަ ކަމަކީ އެއިން ފައިދާ ލިބެނިވި ޞަދަޤާތެކެވެ. މިސާލަކަށް ﷲގެ ވަޖުހުފުޅަށް ޓަކައި ކުރާ ވަޤްފެކެވެ. ބިނާކުރާ ހަސްފަތާލެކެވެ. ނުވަތަ މަދަރުސާއެކެވެ. ނުވަތަ މިސްކިތެކެވެ. ދެވަނަ ކަމަކީ އެއިން ފައިދާއާއި ލާބަ ލިބެނިވި ޢިލްމެވެ. އެއިން ފައިދާނުކުރާ ޢިލްމަކުން ސަވާބެއް ނުލިބޭނެއެވެ. ސިޙުރު ފޮތްތަކާއި ރާއްސާބެހޭ ޢިލްމުތަކަކީ އެއިން ފައިދާ ކުރަނިވި ޢިލްމެއް ނޫނެވެ. އެއިން ލިބޭނީ ގެއްލުމާއި ހަލާކެވެ. ތިންވަނަ ކަމަކީ އޭނާއަށް ހެޔޮ ދުޢާކޮށްދޭނެ ޞާލިޙު ދަރިއެވެ. ޞާލިޙު  ދަރީންގެ ކިބައިން މެނުވީ މައްޔިތާއަށް ފައިދާއެއް ނުކުރާނެތެވެ. ޞާލިޙު ދަރިޔާގެ ޞާލިޙު ކޮންމެ ހެޔޮ ޢަމަލަކުން އޭނާއަށް ސަވާބު ލިބޭނެތެވެ. އެ ދަރިޔަކީ އޭނާގެ ސަބަބުން ވުޖޫދުވި އެއްޗަކަށް ވާތީއެވެ.

އިބްނު މާޖާ ރިވާކުރެއްވި ޙަދީސެއް ބުނާ ގޮތުގައި  ((إنَّ الرَّجلَ لتُرفَعُ دَرجتُه في الجنَّةِ فيَقولُ: أنَّى هذا؟ فيُقالُ: باستغفارِ وَلدِك لكَ[3] - ހަމަކަށަވަރުން ސުވަރުގޭގައި މީހެއްގެ ދަރަޖަ އުފުއްލެވިގެން ދާނެތެވެ. ފަހެ އޭނާ ބުނާނެތެވެ. މިއީ ކިހިނަކުން ވީ ކަމެއްހެއްޔެވެ؟ ފަހެ އޭނާއަށް ބުނެވޭނެއެވެ. އެއީ ތިބާގެ ދަރި ތިބާއަށް ފާފަފުއްސަވައިދެއްވުމަށް އެދި ކުރި ދުޢާގެ ސަބަބުންނެވެ.))

އިސްލާމީ ބައެއް ޢިލްމުވެރިންނަކީ ޖަލުގައި ހޭދަކުރައްވާން ޖެހިވަޑައިގަތް ދުވަސްތަކުގައި އަގުހުރި މުހިންމު އެތައްއެތައް ފޮތްތަކެއް އެކުލަވައިލައްވާފައިވާ  މުއައްލިފުންތަކެކެވެ.ލިޔުއްވުމަށް ބޭނުންފުޅުވާ އަދާތުތަކުން އެބޭކަލުން މަޙުރޫމުކުރެވުނެވެ. ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާގެ ގިނަ ފަތުވާތަކާއި ދިރާސާތައް ދުނިޔެއަށް އައިސްފައި ވަނީ ޖަލުގައެވެ. އެކަލޭގެފާނު މި އެއްޗެހި ލިޔުއްވައިފައިވަނީ ޖަލުގެ ފާރުތަކުގައި އުނދުނުދެލިކޮޅުތަކުންނެވެ. މި ފަދަ ފޮތްތަކުގެ ތެރޭގައި (މިންހާޖުއްސުނަތިލްމުޙައްމަދިއްޔަތި) އާއި (އަލްއީމާން) އާއި (އަލްއިސްތިޤާމަތު) އާއި (އަލްފަތާވާ އަލްމިޞްރިއްޔަތު) ވެއެވެ.

ޝަމްސުލްއައިއްމަތި އައްސަރުޚަސީގެ މަޝްހޫރު ފޮތް (އަލްމަބްސޫޠު) [4]ލިޔުއްވައިފައި ވަނީ އޫޒުގަންދު ޖަލުގައި ހުންނެވި ދުވަސްތަކުގައެވެ. އޭނާ ޖަލަށްލީ ޚާޤާނަށް ނަސޭހަތްދެއްވުމުން ޚާޤާން ކޯފާވެގެންނެވެ.[5]  އައްސަރުޚަސީ، ޙަނަފީ މަޒުހަބުގެ މި ފިޤްހީ މަރުޖިޢު ލިޔުއްވީ މުޅިން ހިތްޕުޅުން އެއްވެސް ފޮތެއް އެއްޗެއް ނުބައްލަވައެވެ.

ﷲ ތަޢާލާގެ ރަސޫލާ ﷺގެ މި ޙަދީސަށް ޢަމަލުކުރެވޭތޯ ބަލަމާ ހިނގާށެވެ! މާތްﷲ މިއަދު ވަނީ މި މަސައްކަތް ކުރެވޭނެ ތަފާތު މަގުތަކާއި ދޮރުތައް ހުޅުއްވައިދެއްވައިފައެވެ. މީސްމީޑިޔާ މެދުވެރިކޮށް  ކީރިތި ޤުރުއާނުގެ ސައެންސީ މުޢުޖިޒާތުން މުޢުޖިޒާތެއް ހިމެނޭ އާޔަތެއް ޝާއިޢުކުރަމާތޯއެވެ! ކީރިތި ޤުރުއާނުގެ ޙިކުމަތްތެރި ބަސްފުޅުތަކުން ޙިކުމަތެއް އިންޓަރނެޓް މަންސައެއް  މެދުވެރިކޮށް ޕޯސްޓްކުރަމާތޯއެވެ! ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ބަސްފުޅެއް ވައިބަރުކޮށްލަމާތޯއެވެ! ނުވަތަ އެހެން ވެސް އެޕެއް މެދުވެރިކޮށް ޝާއިޢުކޮށްލަމާތޯއެވެ! މި ކަން ކުރަމުންދާ އިރު ތިބާ ﷲއަށް ދުޢާ ދަންނަވާށެވެ! މި ކަމުގެ ސަބަބުން މީހަކަށް އިސްލާންދީނުގެ ތެދުމަގު ދައްކަވައިދެއްވައިތޯއެވެ.

ދީނަށް ގޮވައިލުމުގެ މަގުތައް ވަރަށް ގިނައެވެ. އެއީ ހަމައެކަނި ޣައިރުމުސްލިމަކަށް ދީން އުނގަންނާދިނުމެއް ނޫނެވެ. ތިބާގެ މުސްލިމު އަޚާ ހެޔޮމަގަށް އެޅުވުމަށް ޓަކައި މަސައްކަތްކުރުމަކީ ވެސް ހަމަ ދީނަށް ގޮވައިލުމެވެ. ދޮގުހަދާ މީހަކަށް ދޮގުނުހެދުމަށް ނަސޭހަތްދޭށެވެ! މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކާ މީހުންނަށް އެ ކަމާ ދުރުހެލިވުމަށް ނަސޭހަތްދޭށެވެ! އަނބިމީހާއަށް އަނިޔާކުރާ ފިރިހެނަކަށް އެކަން ނުކުރުމަށް ނަސޭހަތް ދޭށެވެ! އިމްތިޙާނުގައި މަކަރުހަދާ ދަރިވަރަކަށް އެއީ ޙަރާން ކަމެއްކަން ބަޔާންކޮށްދޭށެވެ! ތިބާއަށް އޮތީ ނަސޭހަތްތެރިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ[6] - ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ.))

އަޅުގަނޑުމެންގެ މުހިންމަތަކީ ނަސޭހަތްދިނުމެވެ. ފައިދާހުރި މަޢުލޫމާތު  ފޯރުކޮށްދިނުމެވެ. ލޯތްބާއި އިޙުތިރާމާއެކުގައެވެ. އެއްވެސް މީހަކަށް އިހާނެތިކޮށް ނުހިތައެވެ. މަގުގެއްލިފައިވާ މީހަކަށް ތެދުމަގު ދެއްކުމުގެ ނިޔަތުގައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކަށް އަރަހުށި މާތް ﷲ ހެޔޮ ޖަޒާދެއްވާނެތެވެ.  (ނިމުނީ)

މަރުޖިޢުތައް:

[1]  -  يوسف : 39-40

[2]  -  أخرجه مسلم (١٦٣١)، وابن أبي الدنيا في ((النفقة على العيال)) (٤٣٠) 

[3] - صحيح ابن ماجه (٣/٢١٤) 

[4]  - 15 ވޮލިޔުމްގެ  ފިޤްހު ފޮތް

[5]  - ޚާޤާނަށް ނަސޭހަތްދެއްވީ އޭނާ މިނިވަންކުރެއްވި ޖާރިޔާގެ ޢިއްދާ ހަމަނުވަނިސް އޭނާއާ ކާވެނިބައްލައިގަތުން ޙަރާންވާނެކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް ދެންނެވުމުންނެވެ.

[6]  - الرعد:40

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް