Advertisement

ކޮލަމް ހަަމަ (5): ކިތަންމެ ގިނަ ބަޔަކު ބޭނުންކުރިޔަސް އެއީ ރަނގަޅު ގޮތެއް ނޫނެވެ.

01 Aug 2024 | 06:06
ހައްދުންމަތީގެ އަތޮޅު ތެރޭގެ މަންޒަރެއް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން އަދި ބަހުގެ ރަދީފުގައި ބަޔާންކޮށްފައި ފަދައިން "ތެރެ"އަކީ އެތެރެއަށް ނިސްބަތްކޮށް ބޭނުންކުރާ އަކުރެކެވެ. މަސައްކަތު ލަފުޒެކެވެ. މިސާލަކީ: ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ)އެވެ.

"ތައް" މިއީ އެއްޗަކަށް ކިޔާ ނަމެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެއް ނަމަވެސް ޢާންމުކޮށް "ތައް"، "މެން"، "ފަހަރު" މިއީ ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން، ނަން ގިނަކުރުމުގެ އަކުރެވެ. ގިނަކުރުމަށް ބޭނުންކުރާ އެހެން އަކުރެއް ދިވެހިބަހުގައެއް ނޯވެއެވެ. ގިނަ ކުރުމަށް ޓަކައި ދެން ބޭނުންކުރާ ގޮތަކީ ލަފުޒު ފަށްކުރުމެވެ. މިސާލު: އަތޮޅުއަތޮޅު، ރަށްރަށް، ގޭގެ، ގޮނޑިގޮނޑި މި ގޮތަށެވެ. "ތައް" ބޭނުންކޮށްގެން ނަން ގިނަކުރުމުގެ މިސާލަކީ އަތޮޅުތައް، ރަށްތައް، ގެތައް، ގޮނޑިތައް މިއެވެ. މި ދެ ގޮތަށް ގިނަ ކުރެވުނަސް މި ދެ ގޮތުގައި މާނައިގެ ކުޑަކުޑަ ތަފާތެއް ވެއެވެ. (އެ ވާހަކަ އެހެން ފަހަރަކުން އިރާދަކުރެއްވިއްޔާ އޮޅުންފިލުވައިދެވޭތޯ މަސައްކަތްކުރާނަމެވެ.)

ނަމަވެސް ގިނަކުރުމުގެ މާނައިގައި މިހާރަކަށް އައިސް ރަސްމީ އެކިއެކި އިދާރާތަކުންނާއި ދައުލަތުގެ އިސް ބޭފުޅުން، "ތެރެ" ބޭނުންފުޅުކުރެއްވުން އާންމުވެއްޖެއެވެ. އަނެއްކާ މީގެ އެންމެ ހިތާމަހުރި ކަމަކީ، ބަހުގެ މާހިރުން، ރަނގަޅު ގޮތް ވިދާޅުވެދެއްވީމާ ގަބޫލުނުކުރާ ހިސާބަށް އެ ކަން ދިޔުމެވެ. ދާދި ފަހުން ކޮންމެވެސް ބޭފުޅަކު، އަތޮޅުތަކުގެ ނުވަތަ ރާއްޖެތެރޭގެ ތަޢުލީމު ފެތުރުމާ ބެހޭ ގޮތުން، ރާއްޖޭގައި ތިއްބެވި މަޝްހޫރު ބަހަވީ ޢިލްމުވެރީންގެ ތެރެއިން ބޭފުޅަކާ ވާހަކަދެއްކެވި ދަނޑިވަޅެއްގައި، އަތޮޅުތަކުގެ މާނައިގައި އަތޮޅުތެރެއެކޭ ނުކިޔޭނެކަމަށާއި އެއީ ކުށް ގޮތެއްކަމަށް ވިދާޅުވީމާ ވެސް އެ ވާހަކަ ގަބޫލުފުޅެއްނުކުރެއްވިއެވެ. އެ ގޮތަށް އެ ބޭފުޅެއްގެ އަރިހުގައި ވިދާޅުވީ އަޅުގަނޑުމެން ފަދަ، އާދައިގެ މީހެއް ނޫނެވެ. ބަހަވީ ޢިލްމުވެރީން (ލިންގިސްޓުން)ގެ ގޮތުގައި ރާއްޖޭގައި ނަންހިނގާ އެންމެ މަޝްހޫރު އެއް ބޭފުޅެކެވެ.

ބައެއް ބޭފުޅުން، އަތޮޅުތަކަށް "އަތޮޅުތެރެ"އޭ ވިދާޅުވަނީ "ރާއްޖެތެރެ" ވިދާޅުނުވާންވެގެންކަމަށް އިވެއެވެ. ނަމަވެސް މި ދެ ލަފުޒުގެ މާނަ ހާދަހާ ތަފާތެވެ. "ރާއްޖެތެރެ"އިން ދޭހަވަނީ ރާއްޖޭގެ އެތެރޭގެ މާނައެވެ. ހަގީގަތުގައި ބައެއް ފަހަރު "ރާއްޖެތެރެ"އޭ ބުނެވޭ ޙާލަތްތަކުގައި "މާލެ" އިސްތިސްނާކުރަނީ، ކ. އަތޮޅުގެ ރަށްރަށޭ ބުނާ އިރު އޭގައި މާލެ ނުހިމެނޭ އުޞޫލުންނެވެ. ހަގީގަތަކީ ޖުޣުރާފީ ގޮތުން މާލެއަކީ ކ. އަތޮޅުގެ ރަށެކެވެ. މާލެއަށް ނިސްބަތްކޮށް މާލެ އަތޮޅަށް ނަންދީފައިވުމީ ވެސް މި ކަމުގެ ދަލީލެއް ނޫންތޯއެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގުމުގެ އިދާރީ ބޭނުމަށް ޓަކައި، މާލެއަކީ މުޅި ރާއްޖޭގެ ވެރިރަށަށް ވާތީ، މި އުޞޫލުން، މާލެއަތޮޅުގެ ރަށްރަށޭ ބުނާ މާނައިގެ ތެރޭގައި މާލެ ނުހިމެނެނީއެވެ. އެއީ ޖުޣުރާފީ ގޮތުން "މާލެއަތޮޅު"ގެ ރަށަކަށް "މާލެ" ނުވާތީއެއް ނޫނެވެ. އިދާރީ ގޮތުން "މާލެއަތޮޅު"ގެ ރަށަކަށް "މާލެ" ނުވާތީއެވެ.

ހަމަ މި ބީދައިން ޖުޣުރާފީ ގޮތުން ބަލާ އިރު، މާލެއަކީ ވެސް ރާއްޖޭގެ ރަށެކެވެ. ރާއްޖެތެރޭގެ ރަށެކެވެ. ރާއްޖޭގެ އެތެރޭގައި އޮންނަ ރަށެކެވެ. އެއީ ރާއްޖެއިން ބޭރުގައި އޮންނަ ރަށެއް ނޫނެވެ. ނަމަވެސް "ރާއްޖެތެރެ"އޭ ބުނާ މާނައިގައި ބައެއް ފަހަރު މާލެ ނުހިމަނަނީ ކުރީން މި ދެންނެވި އިދާރީ ސަބަބަށް ޓަކައެވެ. މުޅި ރާއްޖޭގެ ވެރިރަށަށް ވާތީއެވެ. ރާއްޖޭގެ އެންމެން ނިސްބަސްވާ އެބައިމީހުންގެ ވެރިކަންކުރާ މައި ރަށަށް ވާތީއެވެ. އެހެން ޚާއްޞިއްޔަތެއް އެހެން އިމްތިޔާޒެއް، އެހެން ޤަދަރެއް އެ ރަށަށް ދެވިގެނެއް ނޫނެވެ.

ހަގީގަތުގައި އަޅުގަނޑަށް ބާރެއް އޮވެގެން ތަންތަނަށް ނަންކިޔާ ނަމަ، ދާޚިލީ ވަޒީރަށް ކީހީ "ރާއްޖެތެރޭގެ ކަންތައްތައް ބަލަހައްޓާ ފުރަދާނަ"އެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ފަދަ މައް ދިވެއްސަކަށް ލިބޭނެ އިޚުތިޔާރެއް ނޫންކަން ވެސް އެނގެއެވެ.

އަޅުގަނޑު ތަކުރާރުކޮށް ވެސް ދަންނަވައިލާން ބޭނުންވެއެވެ. ކިތަންމެ ބަޔަކު، ކިތަންމެ ނުފޫޒުގަދަ ބަޔަކު ނުވަތަ އެންމެން ކިޔަސް "އަތޮޅުތެރެ"އޭ ބުނުމަކުން ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލެއް ނުވެއެވެ. އެއީ ކޮންމެވެސް އަތޮޅެއްގެ އެތެރޭގެ މާނަ ދޭހަކޮށްދިނުމަށް ޓަކައި ބޭނުންކުރެވޭނެ ނަމެކެވެ. މިސާލަކަށް: އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގެންފިއޭ ބުނީމާ އެ ދަތުރުފުޅުގައި އަތޮޅުން ބޭރަށް ވަޑައިނުގަންނަވާނެކަން ދޭހަވާނެއެވެ. އަތޮޅުތެރެއަކީ އެ އަތޮޅެއްގެ އެތެރެއެވެ. އެ އަތޮޅުގައި ހުރި ރަށްރަށެވެ.

އަޅުގަނޑުމެން ގޭތެރެ ސާފުކޮށްލާ އިރު ހުރިހާ ގެޔަކާ ބެހެންތޯއެވެ؟ އަޅުގަނޑުމެން މާނަކުރަނީ ހަމައެކަނި އަޅުގަނޑުމެން އުޅޭ ގޭގެ އެކަނި ނޫންތޯއެވެ؟  ރަށެއްގެ ކައުންސިލުން ރަށުތެރެއަށް އަޑު ފޯރާގޮތަށް އަޑުގަދަކުރާ ހަރުކޮށްފީމޭ ބުނީމާ އެއީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ރަށުތެރޭގެ ވާހަކަ ނޫންތޯއެވެ؟ އަތޮޅުކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގަންނަވާނީ އެ އަތޮޅުތެރެއަށް ނޫންތޯއެވެ؟ އެހެންވީމާ ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް "އަތޮޅުތެރެ"އޭ ކިޔޭނެ އެއްވެސް ޙުއްޖަތެއް އެބަ އޮތްތޯއެވެ؟ ބޮޑެތި ބޭފުޅުން، ގިނަ މީހުން ކިޔާ ގޮތަކީ ޙުއްޖަތެއް ނޫނެވެ. އެންމެން އެކަމެއް ކުރިޔަސް ގަވާއިދާ ޚިލާފު ކަމެއް ވާނީ ހަމަ ގަވާއިދާ ޚިލާފުކަމަކަށެވެ. ގިނަ މީހުން ކުރުމަކީ ކަމެއްގެ ރަނގަޅުނުރަނގަޅު ބަލާ މިންގަނޑެއް ނޫނެވެ.

"ރާއްޖެތެރެ"އޭ ކިޔުމަކީ "ދާޚިލީ"ގެ މާނައިގައި އަޅުގަނޑަށް ހަމަ ކަމުދާ ލަފުޒެކެވެ. ނަމަވެސް ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް އެހެން ވިދާޅުވާން ތިޔަ ބޭފުޅުންނަށް ދަތިފުޅު ނަމަ، ގިނަކުރުމުގެ އަކުރު ބޭނުންފުޅު ކުރައްވައިގެން "އަތޮޅުތަކޭ" ވިދާޅުނުވާންވީ ކީއްވެތޯއެވެ! މިސާލަކަށް: "މިހާރު ބައެއް އަތޮޅުތަކަށް ވޯޓުފޮށިތައް ފޮނުވިއްޖެއެވެ." ނުވަތަ "އަތޮޅުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން....."، އަތޮޅުތަކާއި މާލެއާ ތަފާތުނުކުރުން...."، "އަތޮޅުތަކުގެ ތަރައްޤީއަށް އިސްކަންދިނުން...." ފަދަ ގޮތްގޮތަށް ބޭނުންފުޅުކުރެއްވިދާނެ ނޫންތޯއެވެ!

އެއްވެސް ޝައްކެއްނެތެވެ. ކިތަންމެ ފުންނާބު އުސް ބޭފުޅަކު ވިދާޅުވިޔަސް "އަތޮޅުތެރެ" މި ލަފުޒުން "އަތޮޅުތަކުގެ" މާނައެއް ނުނިކުންނާނެއެވެ. ގިނަކުރުމުގެ މާނައިގައި "ތެރެ" ބޭނުންފުޅު ކުރައްވައިގެން, ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުއްވުމެއް ލިޔުއްވާ ނަމަ، ނުވަތަ ވާހަކަފުޅުދައްކަވާ ނަމަ، އެ ޢިބާރާތަކުން ޤާނޫނީ މައްސަލައެއް ނުކުތުމަކީ ވެސް ހަމަ ދާދިގާތުގައި އޮންނާނެ ކަމެކެވެ. މިސާލަކަށް: "އަތޮޅުތެރެއަށް ހުރިހާ ވޯޓުފޮށިތައް ފޮނުވައި ނިމިއްޖެ" ވާހަކަ ވިދާޅުވެއްޖެ ނަމަ، އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވި ވާހަކަ ވިދާޅުވިކަމަކަށް ނުވާނެއެވެ. އޭރުން ދޭހަވާނީ އެންމެ އަތޮޅެއްގެ ރަށްރަށަށް ފޮނުވި ވާހަކައެވެ. ވީމާ ހުރިހާ އަތޮޅުތައް ޝާމިލުވާ ގޮތަށް ވިދާޅުވާ ކޮންމެ ޙާލަތެއްގައި "އަތޮޅުތަކޭ" ވިދާޅުވާށެވެ! "އަތޮޅުތެރެ"އޭ ވިދާޅުނުވާށެވެ! ކޮޓަރިތެރެ  (ކޮޓަރީގެ އެތެރެ)، ގޭތެރެ (ގޭގެ އެތެރެ)، ރަށުތެރެ (ރަށުގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ)، ދުނިޔެތެރެ (ދުނިޔޭގެ އެތެރެ) އޭ ވިދާޅުވާނީ ހަމައެކަނި އެ ނިސްބަސްކުރާ ތަނަކަށް ނިސްބަތްވާ ގޮތަށެވެ. އެކަކު ގަބޫލު ނުކުރިޔަސް ދިވެހިބަހުގެ ހަމައަކީ މިއީއެވެ. ކުރީން ވިދާޅުވެވުނީތީ ނުބައިކަން އެނގިވަޑައިގަތަސް ގޮތް ދޫނުކުރައްވާން ހުންނެވުމަކީ ޖާހިލުންގެ ސިފައެކެވެ. ވީމާ، ޢިލްމީ ބޭފުޅުން ޖާހިލުންގެ ސިފަތަކުން ދުރުވެ ރައްކާތެރިވުން މުހިންމެވެ.

Advertisement

ކޮމެންޓް
ކިޔުންތެރިއެއް
ރަނގަޅު ލިޔުމެއް
05 Aug 2024