Advertisement

ސިހުރު ހެދުމާއި ސިހުރު އުނގެނުމާއި އެއިން ރައްކާތެރިވުން (3)

01 Aug 2024 | 01:00
ސިހުރު ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު ފާފައެކެވެ.

އައްޝައިޚު އަޙުމަދު ފަހުމީ ދީދީ

(2024 ޖުލައި 30ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

ސިހުރުގެ ބާވަތްތައް:

ސިހުރު ދެބާވަތަކަށް ބަހައިލެވިދާނެއެވެ.

އެއްބާވަތަކީ ޙަޤީޤީ ސިޙުރެވެ. އަނެއް ބާވަތަކީ ޚިޔާލީ ސިޙުރެވެ.

ހ- ޙަޤީޤީ ސިހުރު

އެއީ ސިހުރުވެރިޔަކު ޝައިޠާނުންގެ އެހީގައި ހަދާ ސިހުރުގެ ބާވަތްތަކެވެ.

މިސާލަކަށް:

ބަލި ޖައްސާން، މަރާން، ކާވަނިވިޔަނުދޭން، ކާވަނިކުރާން، ވަރިކުރާން، ދެމަފިރީންގެ މެދުގައި ހަމަނުޖެހުން އުފައްދާން، އެކުވެރިންގެ މެދުގައި ދޭތެރެޖައްސާން ހަދާ ސިހުރު މީގެ ތެރޭގައި ހިމެނެއެވެ. މި ކަންކަމަކީ ޙަޤީޤީ ސިހުރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކީރިތި ޤުރުއާނުގައި މި ފަދަ ކަންކަމުގެ ވާހަކަ އަންނަނިވި އާޔަތްތަކުގައި ބަޔާންވެގެން ވެއެވެ.

﴿فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ﴾ [البقرة:102]

﴿وَمِن شَرِّ النَّفَّاثَاتِ فِي الْعُقَد﴾ [الفَلَق :4].

ސިޙުރަކީ ޙަޤީޤާތެއް ވާ އެއްޗެއް ނޫން ނަމަ އެއިން ރައްކާތެރިވާކަށް ﷲ ތަޢާލާ ނޭންގެވީހެވެ.

ށ- ޚިޔާލީ ސިހުރު

އެފަދަ ސިހުރަކީ އޮޅުވާލުމާއި ކެހިވެރިކަމާއި އަތްމަތި އަވަސްކަމުގެ ތެރޭން ހަދާ ސިހުރެވެ. އޭގެ ޙަޤީޤަތެއް ނުވެއެވެ. މިޘާލަކަށް ފިރުޢައުނުގެ ސިހުރުވެރިން މޫސާގެފާނާ ބައްދަލުވިހިނދު ހެދި ސިޙުރަކީ މިބާވަތުގެ ސިހުރެވެ. ﷲ ތަޢަލާ ވަޙީ ކުރައްވަފައި ވެއެވެ.

﴿ فَإذا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَى ﴾ [طه: 66].

ސިހުރުގެ ވައްތަރުތައް:

އެއީ ގިނަގުނަ ވައްތަރުތަކެކެވެ. އޭގެތެރޭގައި އެންމެން ދަންނަ ވައްތަރުތަކެއް ހުރެއެވެ.

سحر التفريق. ދެމީހުން ނުވަތަ ބަޔަކު ދުރުކުރާން ހަދާ ސިހުރު

سحر تعطيل الزواج. ކާވަނި ރޫޅާލާން ހަދާ ސިހުރު

سحر المحبة. ލޯތްބަށް ހަދާ ސިހުރު (އިސްތިރި)

سحر الفشل واليأس. ނާކާމިޔާބު ކޮށްލުމަށާއި މާޔޫސްކޮށްލުމަށް ހަދާ ސިހުރު

سحر الخوف. ބިރުވެރިކަން އުފައްދަން ހަދާ ސިހުރު

سحر الجنون. މޮޔަކޮށްލާން ހަދާ ސިހުރު

سحر المرض. ބަލިޖައްސާން ހަދާ ސިހުރު

سحر التهيـّج: ފާޙިޝުކަންތައް (ޒިނޭ)ކުރުމަށް ޝައުޤުވެރިކުރުވާ ސިހުރު

سحر الخمول: އެކަހެރިވެ، ހިމޭންވުމާއި، ބުއްދި ގޯސްވުން ފަދަ ކަންކަމަށް މަގުފަހިވާ ސިހުރު 

سحر الهواتف: ޖިންނިއެއް ފޮނުވައިގެން، ނިދީގަޔާއި، ހޭލާހުންނައިރު ދަންނަ ނުވަތަ ނުދަންނަ އިންސާނެއްގެ ސިފާގައި، ނުވަތަ ޖަނަވާރެއްގެ ސިފާގައި، ބަލިމީހާ އަށް ގޮވުމާއި، ބިރުވެރި ހުވަފެން ފެނުމާއި، ޝައްކާއި ވަސްވާސް އުފައްދަން ހަދާ ސިހުރު

ސިހުރު ހަދާ ބައެއް ގޮތް:

ü    ގޭތެރެއަށް އެއްޗެއް ބުރުއްސާލުން

ü    ދޮރުމައްޗަށް ގޭގެ އޮޅިކައިރިއަށް އެއްޗެއް އޮއްސާލުން

ü    ކާންދިނުން ނުވަތަ ބޯންދިނުން

ü    ވަޅުލުން

ü    އެލުވުން

ü     ރޫކުރެހުން (އިންސާނާގެ ސިފަޔަށް ހަދައި ނުވަތަ ކުރަހައި ތޫނު އެއްޗެއް ޖެހުން)

ü    ގޮދަން ފުށް ފަދަ ކާއެއްޗެއް އިންސާނާގެ ސިފައަށް ތައްޔާރުކޮށްގެން ކެއުން

ü    ދުންއަޅައިގެން ކިޔެވުން

ü    ސަރަކައެއްގައި ލައިގެން އެނބުރުމާއެކު ކިޔެވެލިތަކެއް ކިޔެވުން

ü    ޤަބުރުސްތާނުގައި ވަޅުލުން

ü    ކަނޑުފެއްތުން

ސިހުރުގެ ބައެއް ޢަލާމާތްތައް:

ސިހުރުގެ ޢަލާމާތްތަކަކީ އެސްފިންނާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތް ޢަލާމާތްތަކެކެވެ. ނަމަވެސް ސިހުރުގެ ޢަލާމާތުގެ ތެރޭގައި ތަފާތުކަމެއް ހުރެއެވެ. އެއީ:-

ހ- ލޯބި ނަފްރަތަށް ބަދަލުވުން

ށ- ޞިއްޙަތު ރަނގަޅުކޮށް ހުރެފައި ބަލިވުން

ނ- އުފާވެރިކަން ހިތާމައަށް ބަދަލުވުން

ރ- އަޅުވެރިކަން އުރެދުމަށް ބަދަލުވުން

ބ- ގޮތް ނޭގޭ ސަބަބަކާ ހުރެ ރުޅިއައުން ނުވަތަ ކަމަކަށް ރައްދުޢަމަލެއް އައުން

ޅ. މީގެ އިތުރުން ކުއްލިއަކަށް އިދިކޮޅު ޙާލަތަކަށް ބަދަލުވުން.

އ. ސިހުރު ޖެހިފައިވާ މީހާއަށް ވަކި ގޮތަކަށް ޢަމަލުކުރާން މަޖުބޫރުވާހެން ހީވާނެއެވެ. އަދި އެ ކަމެއް ކޮށްފައި އެކަމާ ދެރަވާނެއެވެ.

ވ. ދަށްބަނޑަށް ތަދުވާހެން ހީވުން

ފ. އުނަގަނޑުގެ ތިރީބައިގައި ތޫނު ގަދަ ރިހުމެއް ނެގުން

ދ. ބަލިމީހާގެ ލޮލުގައި ވިދުވަރެއް ހުރުން

ތ. ރުޤްޔާކުރާ ވަގުތު ރުޤްޔާކުރާ މީހާއާ ހަތަރުކަޅި ހަމަކުރާން ކުޅަދާނަނުވުން

ލ. ޤުރުއާނުގެ އާޔަތްތައް ކިޔަވާ އަޑު އިވުމުން ރުއިން

ގ. ސިހުރެއް ކެވިފައި ނުވަތަ ބޮވިފައި ހުރިނަމަ، ލޯމައްޗަށް އަނދިރިވުމާއި ބަނޑުގައި ރިއްސުން

ޏ. އަންހެނުން ޙައިޟުގެ ދުވަސްވަރު އާދާޔާ ޚިލާފު ގަދަ ރިހުމެއް ރިހުން

ފަރުވާ:

އެންމެ ފުރަތަމަ ފަރުވާ ދޭނީ އަމިއްލައަށެވެ. ދިރިދެމިވޮޑިގެންވާ ﷲއަށް ވަކީލުކޮށް އެ ފަރާތުން ވާގި އެދިގެން ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކަން އެދޭށެވެ. ކީރިތި ޤުރުއާން ކިޔަވާށެވެ. ހެދުނާއި ހަވީރުގެ ވިރުދުތައް ކިޔަވާށެވެ. ޝަރުޢީ ރުޤްޔާ ކުރާށެވެ.

الفاتحة، آية الكرسي، قل هو الله أحد، المعوذتين

ސުއްނަތުން ސާބިތުވާ ދުޢާތައް:

މިސާލަކަށް:-

" أَذْهِبِ البَاْسَ رَبَّ النَّاسِ، اِشْفِ وأَنْتَ الشَّافِي، لَا شِفَاءَ إلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا." [متفق عليه]

(أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ، مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَٰنُ) رواه النسائي في الكبرى، والطبراني في الدعاء

ފަރުވާގެ ތެރޭގައި ދުރާލައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނެއެވެ.

ހ. ބަރާބަރަށް ނަމާދުކުރުން

ށ. ޙަރާމް ކަންތަކުން ދުރުހެލިވުން (ޙަލާލުތަކެތި ކެއުން، ދޮގު ނުހެދުން، ފާޙިޝު ޢަމަލުތަކާ ދުރުހެލިވުން...)

ނ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން

ރ. ގެއަށް ވަދެނިކުމެ އުޅޭ ކިޔާ ދުޢާ ކިޔުން (ގެއަށް ވަންނައިރު ސަލާމް ގޮވުން)

ބ. ފާޚަނާއަށް ވަދެނިކުމެ އުޅޭ އިރު ކިޔާ ދުޢާތައް ކިޔުން

ޅ. ކެއިންބުއިމުގެ ކުރީން ބިސްމިކިޔުމާއި ނިމިގެން ﷲއަށް ޙަމްދުކުރުން

ކ. ކޮއްމެ ރަނގަޅު ކަމެއް ފެށުމުގެ ކުރީން ބިސްމިކިޔުން

އ. އެއްޗެއްގައި އަތްލުމުގެ ކުރީން ބިސްމި ކިޔުން

ވ. ފޭރާން ބާލާ އިރު ބިސްމި ކިޔުން

މ. އަބަދު ވެސް ވުޟޫމަތީ ހުރުން

ފ. އެއްދާންކުރާ އިރު އެ ކަމަށް ޚާއްޞަ ދުޢާ ކިޔުން

ނޯޓު: ސިހުރުން ވެސް ސިހުރަށް ފަރުވާ ހޯދައެވެ. އެއަށް ޢަރަބިބަހުން ކިޔަނީ النَّشْرَة އެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ގޮތެއް ނޫނެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އައްޝައިޚު އަޙުމަދު ފަހުމީ ދީދީއަކީ ޢަރަބިބަހާއި އުރުދޫބަހާއި އިނގިރޭސިބަހާއި ދިވެހިބަހަށް ވެސް މޮޅުފުޅު ދީނީ ޢިލްުމުވެރިއެކެވެ. އެތައް ފޮތެއް ލިޔުއްވައި ޝާއިޢުކުރައްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. މުޞައްނިފެކެވެ. މަޑުމައިތިރިކަމާ އެކު ވަޢުޡުދެއްވާ ކުޅަދާނަ ވާޢިޡެކެވެ.

Advertisement

ކޮމެންޓް