Advertisement

ހަނިއްޔާއަށް ޓަކައި އެއް ދުވަހަށް ދިދަ ބައިދަނޑިއަށް ތިރިކުރުމަކުން ނުފުދެއެވެ.

31 Jul 2024 | 15:20
އިސްމާޢީލް ހަނިއްޔާ (ވ): ޝަހީދުވުމުގެ މަދު ވަގުތުކޮޅެއްގެ ކުރީން އީރާނުގެ ރޫޙީ އިސްވާރު ޢަލީ ޚަމަނާއީއާ ބައްދަލުކުރެއްވިއެވެ.


އަބާ މުޙަންމަދު

އިސްރާއީލުގެ އަނިޔާވެރި މިސައިލު ޙަމަލާއަކުން ފަލަސްތީނުގެ ޙަމާސް ޖަމާޢަތުގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ހިތާމައިގައި ފަލަސްތީނު ދިދަ އެއް ދުވަހު ބައި ދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަކީ އިސްރާއީލުގެ އެ ނުބައި ޢަމަލަށް ރައްދުދިނުމެއް ނޫނެވެ.

އިސްމާޢީލު ހަނިއްޔާ ޝަހީދުވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ޚާއްޞަކޮށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނަށް ކެތް ނުވާ ވަރުގެ ހިތާމައެކެވެ. އެ ހިތާމައިގައި ބައިވެރިވުމަށް ޓަކައި ރާމަﷲއާއި އަލްބީރިޙު ފަދަ ބައެއް ސިޓީތަކުގައި މިއަދު ހުރިހައި ފިހާރަތަކެއް ވަނީ ބަންދުކޮށްފައެވެ. ރައްޔިތުން ނުކުމެ ތިބީ ހަނިއްޔާ ޝަހީދުކޮށްލި ހާދިސާ ކުށްވެރިކޮށް މުޒާހަރާކުރުމުގައެވެ. މި ކަމުގެ ހިތާމައިގައި ފަލަސްތީނުގެ ދިދަ އެއް ދުވަހު ބައިދަނޑިއަށް ތިރިކޮށްފައި ބަހައްޓާން ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް ވަނީ ނިންމަވައިފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ވެރިޔާ އިސްމާޢީލް ހަނިއްޔާ އިސްރާއީލުން ޝަހީދުކޮށްލައިފައިވާތީ، އެ ޖަރީމާގެ ބަދަލުހިފުމަކީ އީރާނުން އަދާކުރާންޖެހޭ ބޮޑު މަސްއޫލިއްޔަތެއްކަމަށް އެ ޤައުމުގެ ރޫޙީ އިސްވާރު ޢަލީ ޚާމަނާއީ ވަނީ ވިދާޅުވެފައެވެ. އިސްރާއީލުން ދިން މިސައިލު ޙަމަލާއެއްގައި ހަނިއްޔާ ޝަހީދުކޮށްލައިފައި ވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށެވެ. އާންމު ގޮތެއްގައި ޤަޠަރާއި ތުރުކީވިލާތުގައި ދިރިއުޅުއްވާ ހަނިއްޔާ އީރާނަށް ވަޑައިގަތީ އެ ޤައުމުގެ ރައީސް މަސްޢޫދު ޕެޒިޝްކިޔާން އީރާންގެ ރިޔާސަތާ ޙަވަލުވެވަޑައިގަތުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައެވެ. ހަނިއްޔާ ވަނީ އޭނާ ޝަހީދުކޮށްލުމުގެ މަދު ވަގުތުކޮޅެއްގެ ކުރީން އީރާނުގެ ރޫޙީ އިސްވާރު ޢަލީ ޚާމަނާއީއާ ވެސް ބައްދަލުކުރައްވައިފައެވެ. މި ދިޔަ ނޮވެންބަރު މަހު ވެސް އޭނާ ވަނީ އީރާނަށް ވަޑައިގެން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ހަނިއްޔާއަކީ އީރާނު ސަރުކާރާ ގުޅުން ބޮޑު ބޭފުޅެކެވެ. ޚާމަނާއީ ދެކެވަޑައިގަންނަވާ ގޮތުގައި ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު އީރާނުން ހިފާން ޖެހެނީ އޭނާ ޝަހީދުކޮށްލައިފައި ވަނީ އީރާނުގައިކަމުގައި ވާތީއެވެ. އަދި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާއެއް ދޭން މިހާރު މަގުފަހިވެފައިވާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އަނިޔާވެރި އިސްރާއީލުގެ މިސައިލު ޙަމަލާއަކުން ހަނިއްޔާ ޝަހީދުކޮށްލައިފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި އޭނާ ހުންނަވަނިކޮށް އޭނާ ހުންނެވި ޢިމާރާތަށް ދިން މިސައިލު ހަމަލާއެއްގައެވެ. މި ހަމަލާގައި ހާނިއްޔާގެ ހަށިފާރަވެރިޔާ ވެސް ވަނީ ޝަހީދުވެފައެވެ.

މި ހަމަލާއާ ގުޅިގެން އީރާނުގެ އިންގިލާބީ ގާޑުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަނިއްޔާ ދިރިއުޅުއްވަމުން ގެންދެވި  ޢިމާރާތަށް ހަމަލާދީ، އޭނާ ޝަހީދުކޮށްލި މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށެވެ.

ހަނިއްޔާއަކީ މުޅި އިސްރާއީލުގެ އެންމެން ވެސް ދަންނަ ހަމާސްގެ ސިޔާސީ ވަރުގަދަ ލީޑަރެކެވެ. އޭނާ ޝަހީދުކޮށްލުމަކީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ހަނގުރާމައިގެ ތެރޭގައި ހިންގާން އެންމެ ބޭނުންވި އެއް ޖަރީމާއެވެ. އެހެންކަމުން މިއީ އިސްރާއީލަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ހުޅަނގުގެ ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

މި ހަމަލާއާއި ގުޅިގެން ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާތަކެއް ދޭން ރާވަމުން އަންނަ ކަމެއް ނުވަތަ ނޫންކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ނުބައި އަނިޔާވެރި ޖަރީމާގެ ބަދަލުގައި ހަމާސް ޖަމާއަތުން ވަރުގަދަ ހަމަލާއެއް ދޭނެކަމަށް ބައެއް މީޑއާތަކުން ލަފާކުރެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުނއްތެރިއެކެވެ.

Advertisement

ކޮމެންޓް