Advertisement

ކަރުނައިގެ އަސަރު (24)

30 Jul 2024 | 15:10
ކަރުނައިގެ އަސަރު (24)


ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ޖުލައި 15ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

                   ތިބާގެ އުފާވެރި ހަނދާންތައް އަހަރެމެންނާ އެކު، ބާއްވާށެވެ.

                   ޙަޔާތުގެ ހަވީރު ވާނީ ކޮން މަގެއްގައި ކަމެއް ނޭނގެއެވެ.

ޢާމިރުގެ ރަށުން އޭނާއަށް ފޮނުވި ސިޓީއެއް އޭނާގެ އަތުގެތެރޭގައި އޮތެވެ.

ސިޓީއަކީ އަފުޒަލު ފޮނުވި ސިޓީއެކެވެ. މި ޒަމާނުގައި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާ އެކު މުޢާމަލާތްކުރެވުނުކަމުގައި ވިޔަސް އަފުޒަލު ބޭނުންވީ ސިޓީއަކުން އަފުޒަލު ބޭނުންވާ ވާހަކަތައް ޢާމިރަށް ކިޔައިދޭށެވެ.

     "އަހަރެންގެ އެކުވެރިޔާ ------------!

     އަހަރެންގެ ކައިވެނި އެކުވެރިޔާގެ ކޮއްކޮ ރާޖީއާ މާދަމާ ކުރެވިގެންދާނެއެވެ. ކުރީން އަހަރެންވާނީ ޢާމިރު އަދި ރާޖީގެ މަންމައާ ވާހަކަދައްކާފައެވެ.

     އެކަމަކު ޢާމިރުގެ ރުހުންވެސް ވަރަށް ބޮޑަށް ބޭނުންވެއެވެ. -------- އެހެންނަމަވެސް އަވަށަށް އެކުވެރިޔާ ނާންނަތާ މިހާރު ބަރާބަރު ދެ ހަފުތާ ވީއެވެ. --------- އެހެންކަމުން އެކުވެރިޔާއަށް މި ޚަބަރު މި ގޮތަށް މި ދޭންޖެހުނީ ކޮންމެހެން މަޖުބޫރުވެގެންނެވެ.

     ރާޖީ ބޭނުންވަނީ އޭނާގެ ބޭބެ ހުރެގެން ކައިވެނިވާށެވެ. އެކުވެރިޔާގެ ކޮއްކޮގެ މިއުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި އަންނާނެކަމަށް ހީކުރަމެވެ.

     މިހެން އަހަރެން ބުނާކަށް ވެސް ބޭނުމެއްނޫނެވެ. --------- އެހެންނަމަވެސް އެކުވެރިއެއްގެ ހައިސިއްތުން ވެސް މި ވާހަކަ ބުނާން ޖެހެއެވެ. އަދި އެއީ އަހަރެންގެ ޙައްޤެއްކަމުގައި އަހަރެން ދެކެމެވެ. އެކުވެރިޔާގެ ގާތުގައި މި ވާހަކަ ބުނުމަކީ އަހަރެންނަށް ވާޖިބެއް ވެސް މެއެވެ.

     އެހެންނަމަވެސް އެކުވެރިޔާ ޚިޔާރު ކޮށްފައިވާ މަގަކީ މުޅިން ގޯސްމަގެކެވެ. އެކަން ބަދަލުކުރާންޖެހެއެވެ. އަހަރެން އެދެނީ އެކުވެރިޔާގެ ތިޔަ ގޮތް ބަދަލުކުރުމެވެ. ބަދަލު ކުރާނެކަމަށް ވެސް އުންމީދުކުރަމެވެ.

     އެކުވެރިޔާ ތިޔަހިފާން އުޅެނީ ކޮންކަހަލަ ބަދަލު ހިފުމެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.

     ރާޖީ ހުރީ އެކުވެރިޔާގެ އިންތިޒާރުގައެވެ. އެކުވެރިޔާ އަންނާނެކަމަށް އުންމީދު ކުރަމެވެ.

                                                            އެކުވެރިޔާ

                                                                  އަފުޒަލު"

ޢާމިރު ސިޓީގައިވާ ޢިބާރާތްތައް ތިން ފަހަރު ކިޔެއެވެ. އޭނާގެ މޫނުމަތީން ފެނިގެންދިޔައީ އާދަޔާ ޚިލާފު ކުލަވަރެވެ.

ކުޑަ އިރުކޮޅެއްގެ ފަހުން ތުރުތުރު އަޅަމުންދިޔަ އޭނާގެ ތުންފަތް ޙަރަކާތް ކުރާންފެށިއެވެ.

އޭނާ އަމިއްލަ ނަފުސަށް ސިއްރު ސިއްރުން ބުންޏެވެ.

"އަފު -------- އަފުޒަލު -------- ތިޔައީ ވަރަށް މާތް އިންސާނެކެވެ. --------- އަހަރެންގެ އެކުވެރިޔާއެވެ. ------- އަހަރެން ދާނަމެވެ. -------- އަހަރެންގެ ކޮއްކޮގެ ------- މަޢުޞޫމު އަންހެންކޮއްކޮގެ އުފާތައް ފުރިހަމަކޮށްދޭނަމެވެ.

އަހަރެންގެ ކޮއްކޮގެ ކައިވެނިވެގެންދާނީ އަހަރެން ހުރެގެންނެވެ. ލޯބިވާ ކޮއްކޮ ރާޖީއެވެ. ބޭބެ ދާނަމެވެ.

ޢާމިރު އަވަސް އަވަހަށް ތެދުވިއެވެ. ----------

އޭނާގެ އަތުގައި އެވަގުތު ޖެހުނު އެއްޗެއް ހިފައިގެން އަވަސް އަވަހަށް އޭނާގެ އަވަށަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ.

އޭނާ ރޭލުގައި ދިޔުމުގެ ބަދަލުގައި ކާރުގައި ދިޔުމަށްޓަކައި ޝާހިދުގެ ކާރު ހޯދިއެވެ.

މޫސުން ކުޑަކޮށް ގޯސްކަމުން މަގުތައްވެސް އެހައި ރަނގަޅެއްނޫނެވެ.

އޭނާ އަވަށަށް ދަތުރުކުރަމުންދިޔަ މަގުމަތީގައި ރާޖީއަށް ގަހަނާއާއި ހެދުން ހޯދިއެވެ.

ހާޖަރާ ބޭގަމް އޭނާގެ ދަރިފުޅު ރާޖީގެ ކައިވެންޏަށް ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.  އަދި މިއަދާހަމައަށްވެސް އެކަން އޮތީ އެގޮތަށެވެ.

ޠޫފާނީ ވިލާގަނޑެއް އަންނަފަދަ ބާރުމިނުގައި އޭނާ ކާރު ދުއްވަމުންދިޔައެވެ.

އޭނާއަށް އަވަށަށް އާދެވުނީ ކުޑަކޮށް ލަސްކޮށެވެ.

އޭރު އޭނާގެ ގޭގެ ބޭރުގައި ހުރި ގަހެއްގެ ދަށުގައި މުޅި އަވަށުގެ މީހުން އެއްވެފައި އޮތެވެ.

އެހުރިހައިމީހުންނަކީވެސް ރާޖީގެ ކައިވެނީގައި ބައިވެރިވުމަށް އައިސްތިބި މީހުންނެވެ.

ފަހަރެއްގައި ކައިވެނި ކުރެވޭ އަންހެންކުއްޖާ އަތުވެދާނެއެވެ.

އަފުޒަލު އިނީ ކައިވެނީގެ ހެދުމުގައި ފުރިހަމައަށް ތައްޔާރުވެގެންނެވެ.

އަވަށުގެ ބައެއް ހަރުދަނާ މީހުން އޭނާގެ ކައިރީގައި އިށީނދެގެން ތިއްބެވެ.

ޢާމިރުގެ ކާރު އެމީހުން ކައިރީގައި މަޑުކޮށްލިއެވެ. ހުރިހައިމީހުން އޭނާއާ ދިމާއަށް ބަލާންފެށިއެވެ.

އަފުޒަލަށް ޢާމިރު ފެނިގެން އޭނާ ޢާމިރާ ދިމާއަށް ހިނގައިގަތެވެ. އަދި ޢާމިރުވެސް މޮޔައެއްފަދައިން އަފުޒަލާ ދިމާއަށް ދިޔައެވެ.

ދެމީހުންވެސް އެކަކު އަނެކަކު ކައިރިއަށް ގޮސް ހުއްޓި ތިއްބެވެ.

ޢާމިރުގެ ލޮލުގައިވަނީ ކަރުނައެވެ.

އޭނާ ކުއްލިއަކަށް އަފުޒަލުގެ ފައިތިލަ ކައިރިއަށް ގުދުވިއެވެ.

"އަހަރެންގެ އެކުވެރިޔާ -----------! މިހާރު ތިޔަ ކުރަނީ ކީއްހެއްޔެވެ؟"

އަފުޒަލު ބިރުގަންނަ ގޮތެއްގައި ޢާމިރަށް ބަލައިލިއެވެ.

"އަފުޒަލަކީ މާތް އެކުވެރިޔެކެވެ. ------- އަފުޒަލުގެ ޖަޒުބާތަށް އަހަރެން ސަލާންކުރަމެވެ. ------"

 ޢާމިރަށް ބޭއިޚްތިޔާރުގައި ރޮވިއްޖެއެވެ.

"މޮޔަވަނީތަ ------------؟

އަފުޒަލު ލޯތްބާއެކު އޭނާގެ މޭގައި ޢާމިރު ޖައްސައިލައި ބައްދާލަމުން ބުންޏެވެ.

އަފުޒަލު ގައިގައި ބައްދައިގެން ހުރި އިރުވެސް ޢާމިރު ގެންދިޔައީ ރޮމުންނެވެ. އަފުޒަލަށް ވެސް އޭނާގެ ހިތުން އޮހެމުން ދިޔަ ލޭގެ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ.

އަވަށުގެ އެންމެންކަހަލަ ގޮތަކަށް ޢާމިރު ވަށައިގެން ޖަމާވިއެވެ.

އަދި ޢާމިރު އޭނާގެ ލޯ ފޮހެލައިގެންދިޔައިރު، އޭނާގެ ކަރުނައިން އޭނާގެ ކަނދުރާ އޮތީ ތެމި ފޯވެފައެވެ.

"އަހަންނާއެކު ގޭތެރެއަށް އަންނާށެވެ.-----------"

ޢާމިރު، އަފުޒަލުގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަންނަމުން ބުންޏެވެ.

ކުޑައިރުކޮޅެއްގެ ފަހުން އޭނާ ހުރީ ރާޖީގެ ކުރިމަތީގައެވެ. -------- އޭނާ ދީވާނާއެއްފަދައިން ރާޖީއަށް ބަލަމުންދިޔައެވެ.

"ރާޖީ -------! ބޭބެ މިއައީ ކައިވެންޏަށް ތައްޔާރުކުރާށެވެ. -------- ލޯބިވާ ކޮއްކޮ ރާޖީ -------!

ޢާމިރުގެ ގިސްލުން ހުއްޓޭގޮތެއްނުވިއެވެ.

ރާޖީ އެއްވެސް އެއްޗެއް ނުބުނެއެވެ.

އޭނާ ކަޅި ޖަހައިނުލައި ޢާމިރާ ދިމާއަށް ބަލަމުންދިޔައެވެ.

"ރާޖީ --------"

ޢާމިރު ގޮސް ރާޖީ ކައިރީގައި އިށީނެވެ.

ރާޖީގެ އެއްފަރާތުގައި ޙާޖިރާ ބޭގަމް ހުއްޓެވެ. ރާޖީ ވަށައިގެން ކަހަލަ ގޮތެއްގައި އަވަށުގެ އަންހެންކުދީން ތިއްބެވެ. އެމީހުން ޢާމިރަށް ހުސްޖާގައެއް ހަދައިދިނެވެ.

"އޭނާ ބޭނުންކުރާނީ ބޭބެ ގެންނަ ހެދުމެކޭ ކިޔައިފައި ކައިވެނީގެ ހެދުމެއް ނުލިއެވެ."

އެތާނގައި ތިބި އަންހެންކުދީންގެ ތެރެއިން ކުއްޖަކު ބުންޏެވެ.

ޢާމިރު، އެކުއްޖާއަށް ބަލައިނުލައި ރާޖީއާ މުޚާޠަބު ކުރިއެވެ.

"ބޭބެގެ ލޯބިވާ ކޮއްކޮއަށް ރީތި ހެދުމާއި ގަހަނާ ގެނައީމެވެ."

"މިހާރު ކައިވެނި ކުރެވޭ ވަގުތު ހިނގައްޖެއެވެ. ދެން ތިގެނައުމުން ކުރާނެކަމެއްނެތެވެ." ރާޖީގެ ތުންފަތް ތުރުތުރު އަޅަމުންދިޔައެވެ.

ޢާމިރުގެ ހިތް ހަލާކުވިކަހަލައެވެ.

އެއީ ކުރީން އެއްފަހަރަކުވެސް އެހެންވެފައިވާތީއެވެ.

"ނުދާނެއެވެ. ------- ކޮއްކޮ ހެދުން އަޅާ ތައްޔާރުވާށެވެ. --------"

"ބޭބޭ --------! އަހަރެން ތައްޔާރުވާނަމެވެ."

ރާޖީ ސިއްރު ސިއްރުން ބުންޏެވެ.

ޢާމިރުގެ އަތް ދަބަސް ހިފައިގެން އަވަށުގެ ކުއްޖަކު އެތެރެއަށް ވަނެވެ. އެދަބަހަކީ ޢާމިރު ސިޓީން އައި އިރު ގެނައި ދަބަހެކެވެ.

"ރާޖީ ނިކަން ބަލާބަލާށެވެ. ------- މިހިރީ ގަހަނާތަކެވެ ---- ނިތްކުރީގައި ޖަހާ އެއްޗެހިވެސް ހުންނާނެއެވެ. ކަރުގައި އަޅާނެ ރަނުގެ ހާރެއްވެސް އޮންނާނެއެވެ. އަދި ފައިގައި އަޅާން އާ ގިގުނިފައްޗެއްވެސް ބޭބެ ގެނައީމެވެ. މިހުރިހައިއެއްޗެއް އަޅާ އަވަހަށް ތައްޔާރު ވާށެވެ. -------"

ޢާމިރު ބުންޏެވެ.

ޙާޖިރާ ބޭގަމް ބިންމަތީން ރާޖީ ނަގައިގެން ތައްޔާރު ކުރުމަށްޓަކައި ކޮޓަރިއަކަށް ގެންގޮސްފިއެވެ.

ރާޖީ ތައްޔާރު ކޮށްގެން ޢާމިރު ކައިރިއަށް ގެނައުމުން ޢާމިރަށް ބޭއިޚްތިޔާރުގައި ރޮވުނެވެ.

އަދި އޭނާ ގައިގައި ބައްދާލުމަށް ފަހު އާމިރު ބުންޏެވެ.

"ކޮއްކޮގެ ޙަޔާތް ބަރުބާދުވެގެން ދިޔުމުން ބޭބެ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލަމެވެ. ބޭބެ އިންތިޒާރު ކުރީ މިވަގުތަށެވެ. މިވަގުތަށްޓަކައި ކަރުނަތައް ބޭބެ ބެހެއްޓީކަން ރާޖީއަށް އެނގޭހެއްޔެވެ؟ ------- ރާޖީ------!"

"ބޭބެ މިއަދު މިރޮނީ ކީއްވެގެންކަން ރާޖީއަށް އެނގޭހެއްޔެވެ؟"

"ބޭބެ ކައިރީގައި ނުރޮއި ހުއްޓައިލާށޭވެސް ނުބުނާނާންހެއްޔެވެ؟"

"ބޭބެ ތިރޮނީ އަހަންނަށްޓަކައެވެ. -------"

ރާޖީ މަޢުޞޫމިއްޔަތުކަމާއެކު ބުންޏެވެ.

"އާނއެކެވެ. ބޭބެ މިއަދު މިރޮނީ ބޭބެގެ ލޯބިވާ ކޮއްކޮއަށްޓަކައެވެ."

"އަހަރެން އަތްނބަކަށްވެގެންވެސް ގެ ދޫކޮށްފައި ނުދާނަމެވެ. ------- އެކަމަކު ބޭބެ ދުވަހަކުވެސް މީހަކުދެކެ ލޯތްބެއްނުވޭ ވިއްޔާއެވެ.؟ ------ ބޭބޭ------! މިފަހަރު ރާޖީ ބޭ ޤަރާރުވިއެވެ."

"ބޭބެ ދުނިޔޭގައި މިހުރީ ރާޖީއަށްޓަކައެވެ."

ޢާމިރު ބުންޏެވެ.

"އަހަރެންވެސް ބޭބެދެކެ ވަރަށް ލޯބިވެއެވެ. ------- އަހަރެން ކޮންމެ ދުވަހަކު ބޭބެއާ ބައްދަލު ކުރާން އަންނާނަމެވެ.------- ބޭބެވެސް އަހަރެން ކައިރިއަށް އަންނާންޗެވެ. --------"

ރާޖީ ބުންޏެވެ.

"އައިސް ގޮސްވާނަމެވެ."

ޢާމިރު، އޭނާގެ ކޮއްކޮ ރާޖީ މޭގައި ޖައްސައިލަމުން ބުންޏެވެ.

ރާޖީ، ޢާމިރުގެ މޭގައި ބޯޖައްސައިލައިގެން ހުރެ، ރޮމުންދިޔައެވެ.

އޭނާ ރޯން ފެށީ އޭނާގެ ވިސްނުމަށް ކޮންކަމެއްވެރިވެގެން ކަމެއްވެސް ނޭނގެއެވެ.

"ބޭބެގެ ލޯބިވާ ރާޖީއެވެ. -------!"

ޢާމިރު ބޭޤަރާރުވިއެވެ.

"ބޭބޭ ------- ބޭބޭ -------"

ރާޖީ ގިސްލާން ފެށިއެވެ.---------

އަދި ޙާޖިރާ ބޭގަމް، ޢާމިރުގެ ކައިރީން ރާޖީ ގެނެސް އޭނާގެ މޭގައި ރާޖީ ޖައްސައިލިއެވެ.

މަންމައާ އަންހެންދަރިފުޅުގެ ގުޅުން މިވަނީ ޤިޔާމަތަކަށް ވެފައެވެ.

ޒަޚަމުވެފައިވާ ލޭހޮޅިތައް ހަލާކުވެގެންދާކަހަލައެވެ. ------- ޙާޖިރާ ބޭގަމްއަށްވެސް ކުއްލިއަކަށް ރޮވިއްޖެއެވެ.

ޤިޔާމަތެއްފަދަ ހަމަހިމޭންކަމުން ކުއްލިއަކަށް އެމީހުން ހޭވެރިކަންވިއެވެ.

ޙާޖިރާ ބޭގަމް، އޭނާގެ ދަރިފުޅު ރާޖީގައިގައި ބައްދައިލައިގެން ރުއިތަން ފެނި،އެތާނގެ ކައިރީގައި ތިބި މީހުންގެ ލޮލުންވެސް ފެން އައެވެ.

އަފުޒަލު ބުދެއްފަދައިން ދޮރުކައިރިގައި ޤިޔާމަތެއްފަދަ އެ މަންޒަރު ބަލާންހުއްޓެވެ. އޭނާގެ ކޯތާފަތް ވަނީ ކަރުނައިން ތެމި ފޯވެފައެވެ. ކުޑައިރުކޮޅެއްގެ ފަހުން ރާޖީގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. އެވަގުތު ކޮޅު ވެގެންދިޔައީ ޠޫފާނީ ވަގުތުކޮޅަކަށެވެ.

ޢާމިރު ބުންޏެވެ.

"ރާޖީ -------! ރާޖީގެ ފިރިމީހާއަށް ރަނގަޅަށް ޚިދުމަތް ކޮށްދެއްޗެވެ. ދުވަހަކުވެސް ޝަކުވާއެއް ކުރާނެ ފުރުޞަތު އޭނާއަށް ނުދެއްޗެވެ. އެހެންނުވެއްޖެނަމަ، ބޭބެ ރާޖީގެ ދެކެ ވަރަށް ހިތްހަމަނުޖެހޭނެއެވެ."

"އެހެންތަ؟"

ރާޖީ ވަރަށް މަޢުޞޫމިއްޔަތު ގޮތެއްގައި ބުންޏެވެ.

ޢާމިރު އަނެއްކާވެސް ރާޖީދެކެ ލޯބިއެވެ. ------- އަދި އަފުޒަލުގެ ކަރުނައިން ފުރިގެންވާ ދެލޮލަށް ބަލައިލުމަށް ފަހު ބުންޏެވެ.

"މި މާ މީހެއްގެ ފައިގެ ދަށުވެ ޗިސް ޗިސްވިޔަ ނުދެއްޗެވެ. ރާޖީ އަބަދުވެސް އުފަލުގައި ބަހައްޓައްޗެވެ."

ޢާމިރު މިވަގުތު ހުރީ ރާޖީ، އަފުޒަލު ގެއަށް ދިއުމަށް ޓަކައި ކާރުގައިދާ މަންޒަރަށް ބަލާށެވެ. ކާރު ނުފެންނަ ހިސާބަށް ދަންދެން އެދިމާއަށް ބަލާން ޢާމިރު ހުއްޓެވެ. އޭނާ ވަރަށް ވަރުބަލިވެފައިވާކަމަށް އެވަގުތު އޭނާއަށް ހީވިއެވެ.

ނޫނީ -----މޫސުމުގެ އެންމެ ފަހުގެ ދޫނިވެސް ހިނިތުންވެލައިގެން އުދުހިގެންދިޔަކަމަށް އޭނާއަށް ހީވިކަހަލައެވެ.

                 -----------------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
ޢާމިރުގެ ރަށުން އޭނާއަށް ފޮނުވި ސިޓީއެއް އޭނާގެ އަތުގެތެރޭގައި އޮތެވެ. ސިޓީއަކީ އަފުޒަލު ފޮނުވި ސިޓީއެކެވެ. މި ޒަމާނުގައި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާ އެކު މުޢާމަލާތްކުރެވުނުކަމުގައި ވިޔަސް އަފުޒަލު ބޭނުންވީ ސިޓީއަކުން އަފުޒަލު ބޭނުންވާ ވާހަކަތައް ޢާމިރަށް ކިޔައިދޭށެވެ. "އަހަރެންގެ އެކުވެރިޔާ ------------! އަހަރެންގެ ކައިވެނި އެކުވެރިޔާގެ ކޮއްކޮ ރާޖީއާ މާދަމާ ކުރެވިގެންދާނެއެވެ. ކުރީން އަހަރެންވާނީ ޢާމިރު އަދި ރާޖީގެ މަންމައާ ވާހަކަދައްކާފައެވެ. އެކަމަކު ޢާމިރުގެ ރުހުންވެސް ވަރަށް ބޮޑަށް ބޭނުންވެއެވެ. -------- އެހެންނަމަވެސް އަވަށަށް އެކުވެރިޔާ ނާންނަތާ މިހާރު ބަރާބަރު ދެ ހަފުތާ ވީއެވެ. --------- އެހެންކަމުން އެކުވެރިޔާއަށް މި ޚަބަރު މި ގޮތަށް މި ދޭންޖެހުނީ ކޮންމެހެން މަޖުބޫރުވެގެންނެވެ.

Advertisement

ކޮމެންޓް