Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (5)

29 Jul 2024 | 00:13
އަހަރެމެންނަށް ލިބިފައި ވަނީ ކޮން ކަހަލަ ހިތެއް؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 ޖުލައި 22ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ރުހުން ލިބިފައިވާ ހިތް:

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި  ރުހުމަކީ ޤަޟާޤަދަރުގެ ހިތިކަމުން ހިތަށް އުފާވެރިކަން ލިބުމެވެ. ނުވަތަ އެއީ އުފާވެރިކަމާ އެކު، ﷲގެ ނިޔާފުޅުތަކަށް މަރުޙަބާކިޔުމެވެ. ނުވަތަ ﷲގެ އިޚުތިޔާރުކުރެއްވުމާ މެދު ހިތްހަމަޖެހުމެވެ.

ރުހުންލިބިފައިވާ ހިތުގެ ވެރިޔަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިފައިވާ ނަސީބުވެރިއެކެވެ. އޭނާގެ ހިތް އަވަދިނެތިފައިވަނީ ﷲ ހަނދުމަކުރުމުންނެވެ. އޭނާގެ ހިތް އާރާސްތުކޮށްފައިވަނީ،  ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިފައިވާ މީހުންނަށް މެނުވީ އެ ތާނގެ ފޮނިކަމާއި ލައްޒަތު ވަޒަން ނުކުރެވޭނެ ސުވަރުގެއެއްގައެވެ. މާތް ﷲ  ވަޙީކުރެއްވިއެވެ. ((جَزَاؤُهُمْ عِنْدَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ لِمَنْ خَشِيَ رَبَّهُ  [1] -  އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. اللَّه އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ (ދެއްވި نعمة) އަށް ރުހިގެންވެތެވެ. އެ نعمة ލިބޭހުށީ، އެމީހާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވި މީހަކަށެވެ.))

ޢަބްދުލްވާޙިދު ބިން ޒައިދު ވިދާޅުވިއެވެ. "ރުހުމަކީ ﷲގެ އެންމެ މަތިވެރި ދޮރުކޮޅެވެ. އެއީ ދުނިޔޭގެ ސުވަރުގެއެވެ. އެއީ އަޅުވެރީންގެ ވޮށެވެ."

އަބޫ ޢަބްދުﷲ އަލްބަރާޘީ ވިދާޅުވިއެވެ. "ރުހުން ލިބިފައިވާ މީހާއަށް އެ ވަނީ އެންމެ މަތީ ދަރަޖައަށް ވާޞިލުވެވިފައެވެ."

ރުހުމުގެ ޤަވާޢިދުގެ ބިންގަލަކީ ކަލާނގެ ކަމުގައި ﷲ ރުހުމާއި ރަސޫލާ ކަމުގައި ނަބިއްޔާ ރުހުމާއި ދީނެއްކަމުގައި އިސްލާމުދީން ރުހުމެވެ.  ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ: أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولاً، وَبِالإِسْلاَمِ دِينًا، غُفِرَ لَهُ ذَنْبُهُ [2]– ބަންގި ގޮވުމުން أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولاً، وَبِالإِسْلاَمِ دِينًا[3] - މިފަދައިން ކީ މީހާގެ ފާފަ ފުއްސަވާ ދެއްވާނެއެވެ.))

ﷲ ކަލާނގެކަމުގައި ރުހި ޤަބޫލުކޮށްފައިވާ މީހަކީ ﷲގެ ކަލާންފުޅުކަމުގައިވާ ކީރިތި  ޤުރްއާނަށް އީމާންވާ މީހެކެވެ. އެއީ ހަމައެކަނި ބަރަކާތް  ޙާޞިލުކުރުމަށްޓަކައި  ބާވައިލެއްވި ފޮތެއްނޫނެވެ. އެއީ ރަމަޟާން މަސް އައިމާ މަތާރަންފިލާމަތިން ނަގައި ހިރަފުސް ފޮޅައި ކިޔަވަން އޮތް ފޮތެއްނޫނެވެ. އެއީ ލައިބްރަރީތަކާއި ފޮތްފިހާރަތަކުގެ ހަރުތައް މަތީގައި އެކަނި އޮންނަންޖެހޭ ފޮތެއްނޫނެވެ. އެ ފޮތް މާތް ﷲ ބާވައިލެއްވީ ކިޔަވާށެވެ. އުނގެނޭށެވެ. ދިރާސާކޮށް ވިސްނައި ﷲގެ ކުޅަދުންވަންތަކަމާމެދު ތަދައްބުރުކުރާށެވެ. އެއީ ހިދާޔަތުގެ ފޮތެވެ. އެއީ ތަޝްރީޢުގެ ފޮތެވެ. އެއީ އަޚްލާޤާއި ޢިބާދާތުގެ ފޮތެވެ. އެއީ ނިޔާއިއްވުމާއި މުޢާމަލާތުކުރާނެގޮތުގެ ދުސްތޫރެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا [4] -  ހަމަކަށަވަރުން، މި قرآن، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، صالح عمل ތައްކުރާ مؤمن ންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ދެއެވެ.))

ﷲ ކަލާނގެކަމުގައި ރުހި ޤަބޫލުކޮށްފައިވާ މީހާ ﷲ ލޯބިވެވޮޑިގަންނަވާ އެއްޗެއްސާއި ކަންކަން ދެކެ މެނުވީ ލޯބިނުވާނެތެވެ.ﷲ އިޚްތިޔާރުކޮށްދެއްވި އެއްޗެއް މެނުވީ އިޚްތިޔާރުނުކުރާނެތެވެ. ﷲގެ މައްޗަށް އޭނާ އިންސިއެއްވެސް ޖިންނިއެއްވެސް އަދި އިރުމައްޗެއްވެސް ހުޅަނގެއް ވެސް އިހެއް ނުކުރާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( يَحْلِفُونَ لَكُمْ لِتَرْضَوْا عَنْهُمْ فَإِنْ تَرْضَوْا عَنْهُمْ فَإِنَّ اللَّهَ لَا يَرْضَى عَنِ الْقَوْمِ الْفَاسِقِينَ [5] - އެއުރެންނަށް ތިޔަބައިމީހުން ރުހުމަށްޓަކައި، އެއުރެން ތިޔަބައިމީހުން ގާތުގައި ހުވާކޮށް އުޅޭނެތެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރުހުނަސް، ހަމަކަށަވަރުން، فاسق ވެގެންވާ ބަޔަކަށް اللَّه ރުހިވޮޑިގެން ނުވާނެތެވެ. ))

އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ. "ﷲގެ އިޚްތިޔާރަށް ބަރޯސާވާ މީހާ ﷲ އިޚްތިޔާރުކޮށްދެއްވި އެއްޗަކަށް މެނުވީ ނުރުހޭނެތެވެ."

މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. " ޙިއްސަކީ އަނގުރުކޮޅެކެވެ. ތިބާ ފިއްސައިލި އެއްޗެއް  އޭތި އަންދައިލާނެތެވެ. ވީ ކަމަކާމެދު އެ ކަން ނުވިނަމަ ކިހާ ރަނގަޅުވީސްހޭ  އަދި ނުވީ ކަމަކާ މެދު އެކަމެއް ވީނަމަ ކިހާ ރަނގަޅުވީސްހޭ ބުނުމަށްވުރެ ތިމަންކަލޭގެފާނުގެ އަރިހުގައި ލޮބުވެތިކަންބޮޑީ އެހެން ނުބުނުމެވެ.  ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((فَإِنَّ "لَوْ" تَفْتَحُ عَمَلَ الشَّيْطَانِ[6] – ހަމަކަށަވަރުން "ނަމަ"އަކީ ޝައިޠާނާގެ ޢަމަލުތަކަށް ދޮރު ހުޅުވައިދޭ ކަމެކެވެ.))

     ޒާހިދުކަމަކީ ދުނިޔަވީ އަރާމުތައް މަދުކުރުމެއްނޫނެވެ. ފޮތިއަޅައިފައިވާ ބައު ފޭރާން ލުމެއް ނޫނެވެ. ފަރުބަދަތަކުގެ ހޮހަޅަތަކުގެ ތެރެއަށް ވަދެ ދުނިޔެއާ އެކަހެރިވުމެއްނޫނެވެ. އެހެނަސް ޙަޤީޤީ ޒާހިދުކަމަކީ ﷲއާމެދު ހިތް ރުހުމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ.ﷲގެ ޤަޟާ ޤަދަރާމެދު ރުހި އުފާކުރުމެވެ.  

     ﷲ ކަލާނގެކަމުގައި ރުހި ޤަބޫލުކޮށްފައިވާ މީހަކީ ދެއަތަށް ކިރުމެއްނެތި ﷲގެ ޤަޟާ ޤަދަރަށް ކެތްތެރިވާ މީހާއެވެ.އެއީ ﷲ އޭނާއަށް އިޚްތިޔާރުކޮށްދެއްވި ކަމަކަށް ވާތީއެވެ. އެއީ އޭނާގެ އީމާންކަން އިމްތިޙާންކުރެއްވުމަށް ޓަކައި ކުރިމަތިކުރެއްވި ކަމަކަށް ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنْ يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِثْلُهُ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آَمَنُوا وَيَتَّخِذَ مِنْكُمْ شُهَدَاءَ وَاللَّهُ لَا يُحِبُّ الظَّالِمِينَ[7]  - (أُحد ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ. ))

     މާތް ﷲ ރުއްސުންލެވި ޢުމަރުގެފާނު ވިދާޅުވިއެވެ. " މާތްﷲ ގަންދީ ބުނަމެވެ. ސަވާރުވެފައި ވަނީ ކޮން އެއްޗަކަށް ކަމެއް ނުބަލަމެވެ.ފަޤީރުކަމުގެ ސަވާރީއެކެވެ. ނުވަތަ ތަނަވަސްކަމުގެ ސަވާރީއެކެވެ.އެއީ ފަޤީރުކަންނަމަ ކެތްތެރިވެ ސަވާބު ހޯދުމެވެ. އެއީ ތަނަވަސްކަން ނަމަ ޝުކުރުކޮށް ސަވާބު ހޯދުމެވެ. "

     އެހެންނަމަވެސް އަޅުގަނޑުމެންކުރެ މުއްސަންޖަކަށް ތަދުމަޑުކަމެއް ކުރިމަތިވެއްޖެނަމަ އޭނާ ރުޅިގަދަވެ ހަޅޭއްފަޅޭއް ލަވާނެތެވެ. ކަންބޮޑުވެ ހާސްވެ ނަފްސާނީ ޑަކްޓަރަކަށް ދައްކަން ވެސް ހިނގައިދާނެތެވެ. މީހުންނަށް ރިޒުޤު ދެއްވައި ރިޒުޤު ހިފަހައްޓަވަނީ ﷲ ކަން ހަނދާނެއް ނެތެވެ. އެއީ ﷲގެ މިންވަރުފުޅުކަން ދެނެއެއް ނުގަނެވެއެވެ.

ރަސޫލާ ﷺ  ޙަދީސްކުރެއްވިއެވެ. ((إنَّ اللهَ تعالى قسَّم بينكم أخلاقَكم كما قسَّم بينكم أرزاقَكم؛ إنَّ اللهَ تعالى  يعطي الدنيا من يحب ومن لا يحبّ، ولا يعطي الدينَ إلا من أحبَّ؛ فمن أعطاه اللهُ الدينَ فقد أحبه[8]- ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންގެ މެދުގައި ރިޒްޤު ބައްސަވައިދެއްވާ ގޮތަށް އެކަލާނގެ ވަނީ ތިޔަބައިމީހުންގެ މެދުގައި އަޚްލާޤު ބައްސަވައިފައެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މީހުންނަށާއި ލޯބިވެވޮޑިނުގަންނަވާ މީހުންނަށް ދުނިޔެ ދެއްވަތެވެ. އެހެނަސް އެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހާއަށް މެނުވީ ދީން ނުދެއްވަތެވެ. ފަހެ ހަމަކަށަވަރުން އެކަލާނގެ ދީން ދެއްވި މީހާ ދެކެ ލޯބިވެވޮޑިގެންވެއެވެ.))

އައްސަފާރީނީ ވިދާޅުވިއެވެ. "ﷲގެ އަޅުންގެ ތެރޭގައި ފަޤީރުކަމުން މެނުވީ ރަނގަޅުނުވާނެ ބަޔަކު ވެއެވެ. އެފަދަ މީހާއަށް ތަނަވަސްކަން ދެއްވައިފިނަމަ އޭނާގެ ދީން ޚަރާބުވެދާނެތެވެ. ހަމައެފަދައިން އެމީހުންގެ ތެރޭގައި ތަނަވަސްކަމުން މެނުވީ ރަނގަޅު ނުވާނެ ބަޔަކު ވެއެވެ. އެފަދަ މީހާ ފަޤީރުކުރައްވައިފިނަ އޭނާގެ ދީން ހަލާކުވެދާނެތެވެ."

ކީރިތި ރަސޫލާ ﷺގެ ދުޢާފުޅުތަކުގެ ތެރޭގައި ފަޤީރުކަމާއި ތަނަވަސްކަމުގައި ވެސް މެދުމިންވަރު ދެއްވުމަށް އެދި ވަޑައިގެން ދުޢާފުޅުކުރެއްވުން ވެއެވެ. އެކަލޭގެފާނުގެ މި ދުޢާފުޅުގައި ވެއެވެ. ((وأسألُك كلمةَ الحقِّ في الغضبِ والرِّضا، وأسألُك القصدَ في الغِنى والفَقرِ، وأسألُك نَعيمًا لا يَنفدُ، وقُرَّةَ عَينٍ لا تَنقطعُ، وأسألُك الرِّضا بعدَ القضاءِ[9] - މިއަޅާއަށް ރުޅީގެ ވަގުތުގައްޔާއި ރުހުމުގެ ވަގުތުގައި ޙައްޤުބަސް ބުނުން ދެއްވާނދޭވެ! އަދި ފަޤީރުކަމުގައްޔާއި ތަނަވަސްކަމުގައި މެދުމިންވަރު މި އަޅާއަށް ދެއްވާނދޭވެ! ހުސްވުމެއްނެތް ނިޢުމަތަކާއި ފިލައިދިޔުމެއްނެތް ހިތްހަމަޖެހުމެއް މި އަޅާއަށް ދެއްވާނދޭވެ! އިބަރަސްކަލާނގެ މިންވަރުފުޅާމެދު  ރުހުން މި އަޅާއަށް ދެއްވާނދޭވެ!))

(ނުނިމޭ)

މަރުޖިޢުތައް:

[1]  - البينة: 8

[2]  - صحيح مسلم (٣٨٦) 

[3]  - މާނައަކީ : ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ކުރެވޭ އިލާހަކު ނުވާކަމަށާއި އެކަލާނގެއަށް ބައިވެރިއަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. ﷲއީ ކަލާނގެކަމަށާއި މުޙައްމަދުގެފާނަކީ ރަސޫލާކަމަށާއި އިސްލާމްދީނަކީ ދީންކަމަށް މި އަޅާ ރުހި ޤަބޫލުވެއްޖައީމެވެ.

[4]  - الإسراء: 9

[5]  - التوبة: 96

[6]  - أخرجه مسلم (٢٦٦٤)، وابن ماجه (٤١٦٨)، وأحمد (٨٧٧٧)، والنسائي في ((السنن الكبرى)) (١٠٤٥٧)

[7]  - آل عمران: 140

[8]  - أخرجه أحمد (٣٦٧٢)  والحاكم (٧٣٠١)  والبيهقي في ((شعب الإيمان)) (٥٥٢٤) الألباني، صحيح الأدب المفرد (209 ) موقوفاً في حكم المرفوع

[9]  - أخرجه النسائي (١٣٠٥)، وأحمد (١٨٣٥١)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް