Advertisement

"ދައްކާން ޖެހޭ ދީނީ ވާހަކައަކީ މިއެވެ!"

23 Oct 2023 | 01:05
.

ޑރ. ޢަބްދުލްޣަފޫރު ޢަްބދުއްރަޙީމް

އިސްލާމީ ތާރީޚު ބަލައި ދިރާސާކޮށް ހަދާ މީހުންނަށް ވަންހަނާ ވެގެން ނުވާނޭ ފަދައިން، އިސްލާމީ ތާރީޚުގެ އެންމެ އިހުގެ ސަފުހާތަކަށް ބަލައިލާ އިރު، އެންމެ ފާހަގަކުރެވޭ އެއް ޝަޚުސިއްޔަތަކީ ޢުމަރުގެފާނެވެ. ޢުމަރުގެފާނު ފާހަގަކުރެވިފައިވަނީ، ކީރިތި ރަސޫލާއަށް ފަހު، އިސްލާމީ މުޖުތަމަޢީ އުސޫލުތަކާ އެއް ގޮތް ވާ ގޮތުގެ މަތީން އިސްލާމީ ދައުލަތް ބިނާކުރެއްވި ޝަޚުސިއްޔަތުގެ ގޮތުގައެވެ. މި ކަމުގެ ސަބަބުން، މުޙައްމަދު ޚާން، 2008ގައި ލިޔުއްވި އިސްލާމީ 'ދަ މުސްލިމް 100، އެހެން ގޮތަކަށް ދަންނަވާ ނަމަ، 'އެންމެ ވަރުގަދަ ސަތޭކަ މުސްލިމު ޝަޚުސިއްޔަތު' ހިމަނައިލެވިފައިވާ މި ފޮތުގައި ޢުމަރުގެފާނު ހިމެނިވަޑައިގެންފައިވަނީ، ކީރިތި ރަސޫލާއަށް ފަހު، ދެވަނައަށެވެ. ހަމަ އެހެންމެ، މުޅި އިންސާނީ ތާރީޚަށް ބަލައި، މައިކަލް އެޗު. ހާޓުގެ 'ދަ ހަންޑްރެޑް'ގައި، އެހެން ގޮތަކަށް ދަންނަވާ ނަމަ، 'އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒާއި ތައުސީރު ގަދަ ސަތޭކަ ޝަޚްސިއްޔަތު' ކަނޑައަޅައިލެއްވި ފޮތުގައި، އެއްވަނައަށް ކީރިތި ރަސޫލާ ހޮއްވަވައިފައިވާ އިރު، ދެވަނަ މުސްލިމަކަށް، ފަންސާސް ދެވަނައިގައި އޭނާ ވެސް ހިމަނުއްވައިފައި ވަނީ އުމުރުގެފާނެވެ. ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި ނުފޫޒުގަދަ ޝަޚުސިއްޔަތްތަކުގެ ތެރެއިން ކީރިތި ރަސޫލާއަށް މައިކަލް ހާޓު، އެއްވަނަ މަގާމު ދެއްވި ސަބަބު ފަހުން ބަޔާންކޮށްލާނަމެވެ. އެންމެ ފުރަތަމަ ބަލައިލާން ބޭނުންވަނީ މި ދެންނެވި ދެ ފޮތުގައި ވެސް ޢުމަރުގެފާނަށް އެހާ މަތީ ދަރަޖެއް ދެވިފައިވާ ސަބަބުގެ މައްޗަށެވެ. އެ ކަން ސާފުވެ، ހާމަވެ ދިޔުމަށް ޓަކައި، ދެތިން ހާދިސާއެއްގެ ވާހަކަ ލިޔެލާނަމެވެ.

ފުރަތަމަ ހާދިސާ ގުޅެނީ މީހަކު ވާތުން ކާން އިން އިނުމާއެވެ. މި ތަން ޢުމަރުގެފާނަށް ފެނިވަޑައިގަތުމުން، އޭނާ ކައިރިއަށް ޖެހިވަޑައިގެން މަޑުމަޑުން އޭނާއަށް ވިދާޅުވިއެވެ. "އޭ މާތްﷲގެ އަޅާއެވެ! އިނބަގެ ކަނާއަތުން ކައިބަލާށެވެ!"

ދެން، އެ މީހާ ޖަވާބުގައި ދެންނެވިއެވެ. "އޭ މާތްﷲގެ އަޅާއެވެ. އެ އަތް އޮތީ މަޝްޣޫލުވެފައެވެ."

ދެން އަނެއްކާ ވެސް ހަމަ އެ ސުއާލު އޭނާޔާ ޢުމަރުގެފާނު ތަކުރާރުކޮށް ކުރެއްވިއެވެ. އޭނާ ވެސް ހަމަ އެ ޖަވާބު ތަކުރާރުކޮށް ދެންނެވިއެވެ.

އެންމެފަހުން ޢުމަރުގެފާނު އޭނާ ކުރެން އެއްސެވިއެވެ. "އެ އަތް މަޝްޣޫލުވެފައި އޮތީ ކިހިނެއް ހެއްޔެވެ؟"

ޖަވާބުގައި އޭނާ ދެންނެވިއެވެ. "މުއުތާގެ ހަނގުރާމައިގައި އެ އަތަށް ހަމަލާއެއް ރައްދުވީއެވެ. އަދި އެ ކަމުގެ ސަބަބުން މިހާރު އެ އަތަކުން ހަރަކާތެއް ނުކުރެވެއެވެ."

ދެން، ޢުމަރުގެފާނު ކީރިތިކުރައްވާން ފެއްޓެވިއެވެ. އަދި، އޭނާގެ ގާތުގައި އިންނަވައި، އޭނާއާ ސުއާލުކުރައްވަމުން ގެންދެވިއެވެ. "އިނބަ ވުޟޫކުރުމުގައި އެހީވެދެނީ ކާކުހެއްޔެވެ؟ އިނބަގެ އެއްޗެހި ދޮވެދެނީ ކާކުހެއްޔެވެ؟ އިނބަގެ ބޯ ދޮއްވައި ސާފުކޮށްދެނީ ކާކު ހެއްޔެވެ؟ އިނބަގެ މިވެނި އެވެނި ކަމެއް ކޮށްދެނީ ކާކުހެއްޔެވެ؟ ކާކުހެއްޔެވެ؟ ކާކުހެއްޔެވެ؟" މި ސުއާލުތައް ކުރައްވަމުން ގެންދެވިއިރު އެކަލޭގެފާނުގެ ލޯފުޅުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ.

އޭނާގެ ވާހަކަތައް އޮޅުންފިލުއްވަމަށް ފަހު، އޭނާއަށް ޚާދިމަކާއި ސަވާރީއަކާއި އަދި ކޮއްތު ހަމަޖައްސަވައިދެއްވިއެވެ. އަދި، އޭނާގެ ކިބައިން މާފަށް ވެސް ޢުމަރުގެފާނު އެދިވަޑައިގަތެވެ. އޭނާގެ ހިތަށް، އުނދަގޫކުރެއްވުނީތީއެވެ.

މި ހާދިސާ ގުޅެނީ ހަނގުރާމަތަކުގައި އަނިޔާ ލިބޭ މީހުންނަށް އެހީވުމުގެ ގާނޫނު ހެދުމާއެވެ. އާދޭހެވެ! ގައުމުގެ ދިފާއުގައި ހަނގުރާމަކޮށް، އަނިޔާ ލިބުމުން، އެ މީހުންގެ ކަންތައްތައް ބެލެހެއްޓުމަކީ، ޢުމަރުގެފާނު ދެކެވަޑައިގަތް ގޮތުގައި ދައުލަތުގެ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ.

އާދޭހެވެ! އެންމެން ވެސް ދައްކާން ޖެހޭ ދީނީ ވާހަކައަކީ މިއީއެވެ. ނުކުޅެދޭ މީހުންނަށް އަޅައިލުމަކީ ދައުލަތުގެ ޒިންމާއެއްކަމާއި އެ ކަން ސަރުކާރުތަކުން އުފުއްލާން ޖެހޭނޭކަމެވެ. އަދި، އިސްލާމީ ދައުލަތް އިސްލާމީ ދައުލަތަކަށް ވަނީ މި ފަދައިން، އެ ދައުލަތުގެ މުވާތިނުންނާއި ރައްޔިތުންނާ އަޅައިލެވިގެންނެވެ.

އަދިވެސް، ޢުމަރުގެފާނުގެ ސިޔަރަތުން ހާދިސާއެކެވެ. އެއް ދުވަހަކު، އެކަލޭގެފާނަށް ފެނިވަޑައިގަތީ ދުވަސްވެ، މުސްކުޅިވެފައިވާ މީހަކު ބުރަ މަސައްކަތްކުރަމުންދާ ތަނެވެ. ދެން، އޭނާ ކުރެން ޢުމަރުގެފާނު އެއްސެވިއެވެ. "ތިޔަހާ ބުރަކޮށް މަސައްކަތްކުރާން ޖެހެނީ ކީއްވެހެއްޔެވެ؟" މި ސުއާލުގެ ޖަވާބުގައި އޭނާ ދެންނެވިއެވެ. "އަޅުގަނޑަކީ ޔަހޫދީއަކީމެވެ. އަޅުގަނޑު ޖިޒީދޭން ޖެހެއެވެ." ދެން، އުމަރުގެފާނު ވިދާޅުވިއެވެ. "އިނބަގެ ޒުވާން އުމުރުގައި އިނބަ އޮތީ ޖިޒީދައްކާފައެވެ. މިހާރު އަހަރުމެންގެ މައްޗަށް އިނބަ ބެލެހެއްޓުން ވާޖިބުވެގެންވެއެވެ." ދެން، އޭނާއަށް ހަމަޖެހިގެން އުޅެވޭ ވަރުގެ، މަހު އެލަވަންސެއް ޢުމަރުގެފާނު ހަމަޖައްސަވައިދެއްވިއެވެ.

މި ފަދަ އެހެން ވާހަކައެއް ވެސް ތާރީޚުގެ ފޮތްތަކުގައި ބަޔާންކުރެވިފައި އޮވެއެވެ. އަހުލުކިތާބީންގެ ދުވަސްވީ މީހަކު ސަލާންޖަހާން އުޅެނިކޮށް ޢުމަރުގެފާނަށް ފެނިވަޑައިގެން އޭނާއަށް މަހު އެލަވަންސެއް ހަމަޖެއްސެވި ވާހަކައެވެ. އޭނާގެ ޒުވާން ދުވަސްވަރު ޖިޒީދައްކާފައި ވުމުންނެވެ.

މި ކަމުން، އުފެދިގެން ދިޔައީ އިޖުތިމާއީ ޟަމާނަތުގެ، ސޯޝަލް ސެކިޔުރިޓީގެ، ގާނޫނެވެ. މުޅި އުމުރު މަސައްކަތްކޮށް، ދައުލަތަށް ޓެކްސްދެއްކުމަށް ފަހު، މުސްކުޅިވުމުން، ކޮންމެ މީހަކަށް ވެސް ހަމަޖެހިގެން އުޅެވޭ ވަރުގެ ޕެންޝަނެއް ހަމަޖެހިފައި އޮންނަން ޖެހޭނޭކަމުގެ ގާނޫނެވެ.

އާދޭހެވެ! އެންމެން ވެސް ދައްކާން ޖެހޭ ދީނީ ވާހަކައަކީ މިއީއެވެ. ދުވަސްވެ، މުސްކުޅިވާ ދުވަހު، ރައްޔިތުން ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއްކަމާއި އެ ކަން ސަރުކާރުތަކުން އުފުއްލާން ޖެހޭނޭކަމެވެ. އަދި، އިސްލާމީ ދައުލަތް އިސްލާމީ ދައުލަތަކަށް ވަނީ މި ފަދައިން، އެ ދައުލަތުގެ މުވާތިނުންނާއި ރައްޔިތުންނާ އަޅައިލެވިގެންނެވެ.

އަދިވެސް، މި ފަދަ އިސްލާހީ އެތައް މަސައްކަތްތަކެއް ޢުމަރުގެފާނު ކުރެއްވިއެވެ. ތުއްތު ކުއްޖާ ދުނިޔެއަށް އައީއްސުރެން، ވަކި އުމުރެއް ވަންދެން، އެ ކުއްޖާއަށް އެލަވަންސެއް ލިބުން ފަދަ ކަންކަމެވެ. ތިރީސް މީހުން ގެންނަވައި އެ މީހުންނަށް ކާންދެއްވައި، އެ ކަމުގެ މައްޗަށް ބައްލަވައި، މަހަކު ގޭ ބިސީއެއްގެ ޚަރަދުތައް ހުންނާނޭ ވަރު ލަފާކުރައްވައި، ފެންޝަންތައް ކަނޑައެޅުއްވުން ފަދަ ކަންކަމެވެ.

އާދޭހެވެ! އެންމެން ވެސް ދައްކާން ޖެހޭ ދީނީ ވާހަކައަކީ މިއީއެވެ. މުވާތިނުންނާއި ރައްޔިތުންގެ، މުހުތާދުކަމާއި ފަގީރުކަން ނައްތައިލައި، އެ މީހުންގެ އިންސާނީ ކަރާމަތް ރައްކާތެރިކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމާއި އެ ކަން ސަރުކާރުތަކުން އުފުއްލާން ޖެހޭނޭކަމެވެ. އަދި، އިސްލާމީ ދައުލަތް އިސްލާމީ ދައުލަތަކަށް ވަނީ މި ފަދައިން، އެ ދައުލަތުގެ މުވާތިނުންނާއި ރައްޔިތުންނާ އަޅައިލެވިގެންނެވެ.

މި ފަދަ ގޮތެއްގައި ކަންތައް ކުރުމަކީ އެއް ދުވަހުން ދެ ދުވަހުން ވާނޭ ކަންކަމެއް ނޫނެވެ. ނަމަވެސް، އެ ކަމާ އުޅެފި ނަމަ، ކުރު މުއްދަތެއްގެ ތެރޭގައި އެ ފަދަ ނިޒާމެއް ގާއިމުކުރެވިދާނެއެވެ. ޢުމަރުގެފާނު އެ ކަން ކުރައްވާން ހޭދަކުރެއްވީ ދިހަ ވަރަކަށް އަހަރެވެ.

އާދޭހެވެ! ދައްކާން ޖެހޭ އެންމެ މުހިންމު ދީނީ ވާހަކައަކީ މިއީއެވެ. ދައުލަތުގެ މުއްސަނދިކަން ހުރިހާ މުވާތިނުންނާ ހިއްސާކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ ވާހަކައެވެ. ދައުލަތުގެ މުއްސަނދިކަމަކީ ދެތިން މީހެއްގެ ނުވަތަ ދެތިން އާއިލާއެއްގެ މިލްކެއްގެ ގޮތުގައި އޮވެގެން ނުވާނެއެވެ. އެއީ ތަނުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވާން އޮތް އެންމެ ބޮޑު ހުރަހެވެ. މި ކަން، ހަމައަކަށް އަޅުވާނީ ކިހިނެއްކަމުގެ ވާހަކަ، ވާން ޖެހޭނީ އެންމެ މުހިންމު ދީނީ ވާހަކައަށެވެ.

ދެން، ނިންމައިލަމުން، ކުރީން ދެންނެވުނު، މައިކަލް އެޗު ހާޓުގެ "އެންމެ މަތިވެރި ސަތޭކަ"، މި ފޮތުގައި ކީރިތި ރަސޫލާއަށް އެއްވަނަ ދެވިފައި އޮތް ސަބަބު ބަޔާން ކޮށްލާނަމެވެ. އެކަމުގެ ދެބައިކުޅަ އެއް ބައި، މަތީގައި ދެންމެ މި ދެންނެވި ކަންކަމާ ގުޅެއެވެ. ދުނިޔޭގެ ތާރީޚުގައި އެންމެ މަތިވެރި އެންމެ ކާމިޔާބު ޝަޚްސިއްޔަތެއްގެ ގޮތުގައި ކީރިތި ރަސޫލާ އޭނާ ހޮއްވެވީ ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ ދީނީ ގޮތުން އެކަލޭގެފާނު ކާމިޔާބު ހޯއްދެވީތީއެވެ. ފުރިހަމަ ދީނެއް ތައުސީސުކުރައްވައި ބިނާކުރެއްވީމައެވެ. އަދި، ދުނިޔޭގެ އެންމެ ވަރުގަދަ ދީންތަކުގެ ތެރޭގައި، އެންމެ އިސް ސަފުގައި އިސްލާމް ދީން މިއަދު ވެސް ހިމެނޭކަން އެ ކަމުގެ އަލިގަދަ ހެތްކަކަށް ފުދެއެވެ. ދެވަނަ ސަބަބަކީ ސިޔާސީ ގޮތުން ވެސް އެކަލޭގެފާނު ކާމިޔާބު ހޯއްދެވި ކަމެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ މައްޗަށް ބިނާވާ މުޖުތަމަޢެއް އެކަލޭގެފާނު ތައުސީސުކުރައްވައި ބިނާކުރައްވައި ގާއިމުކުރެއްވިއެވެ. ދުނިޔޭގެ ތާރީޚުގައި، އެކަލޭގެފާނު ފިޔަވައި، މި ދެކަމުގައި ކާމިޔާބު ހޯދި އެއްވެސް، މީހަކު ނެތެވެ. މިއީ އަޅުގަނޑުގެ ބުނުމެއް ނޫނެވެ. މައިކަލް ހާޓުގެ ބުނުމެކެވެ. އޭނާ ފާހަގަކުރި ފާހަގަކުރުމެކެވެ.

ދެންތޯއެވެ؟ މިއަދު، މުސްލިމުންގެ ހާލަތަށް ބަލައިލާއިރު، ދީނީ ކަންކަން އޮތީ ދިރިއޭ ބުނެވޭން އެބައޮތެވެ. މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެއް، އެމީހުންގެ ދީނީ ޝިއާރުތަކަށް ހުރުމަތްތެރިކޮށްހިތައެވެ. ނަމާދު ގާއިމުކޮށް ރޯދަހިފައި، ހައްޖުގެ އަޅުކަން އަދާކުރެއެވެ. ހަލާލު ހަރާންކަންކަން ދެނެގަނެ، ހަރާންކަންކަމުން އެއްކިބާ ވެއެވެ. ނަމަވެސް، މުސްލިމުންގެ ކިބައިން އުނިވެ، ނުފެނިފައި އޮތީ ކީރިތި ރަސޫލާ ތައުސީސުކުރައްވައި، އުމަރުގެފާނު ބިނާކުރެއްވި، އިސްލާމީ މުޖުތަމަޢީ އަގުތަކާއި އުސޫލުތައް، ފެންނާން އޮތް ފަދަ މުޖުތަމައަކާއި ދައުލަތެކެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ހިންގައިލެވޭ ދައުލަތެކެވެ. ތަނުގެ މުއްސަނދިކަން، މަދު ބަޔެއްގެ އަތްމަތީ ހިސޯރުނުވެ، އެ މުއްސަނދިކަން ހުރިހާ މުވާތިނުން ހިއްސާކޮށް، ފަގީރުކަމާއި މުހުތާދުކަން ނެތިކޮށްލެވިފައިވާ އިސްލާމީ މުޖުތަމަޢެކެވެ. މުސްލިމުން މިއަދު ދައްކަން ޖެހޭ ދީނީ ވާހަކައަކީ މިއީއެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް