Advertisement

ތާރީޚުގެ އިބުރަތްތެރި ސަފުހާތަކުގެ ތެރެއިން: ތުރުކީވިލާތުން ފިލާވަޅެއް

28 Jul 2024 | 16:49
1920ގައި ސޮއިކުރެވުނު މުޢާހަދާގެ ދަށުން ތުކީވިލާތުގެ ބިންތައް ބަހާނ ރާވައިފައި އޮތް ގޮތް (ކ) އަދި އެހެން ވިޔަ ނުދިނުމަށް ޓަކައި ކުރެވުނު ހަނގުރާމައިގެ ތެރެއިން.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ތަންކޮޅެއް ކުރީން ލިޔުނު ލިޔުމެއްކަމުގައިވާ 'ފަލަސްތީނުން ފިލާވަޅެއް'، މިލިޔުމުން ފެނިގެންދިޔައީ ގައުމެއްގެ ރައްޔިތުން ގައުމީ ކަންކަމުގައި ހޭލުންތެރި ނުވެ ތިބުމުންނާއި އަދި ސިޔާސީ ވެރީންގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު ގައުމީ މަސްލަހަތުގެ މައްޗަށް އިސްކުރުމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތުގެ މިސާލެކެވެ. މިއަދު، ބަލައިލާން ގަސްދުކުރަނީ މިއާ އިދިކޮޅު މިސާލެއްގެ މައްޗަށެވެ. ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލިދިޔުމުގެ ބިރު ހީވުމުން، ލަސްނުކޮށް އެ ބިރު ނެތިކޮށްލުމަށް ޓަކައި ތެދުވެ، އަތުރުކުރި އޮޅައިލައި، މަސައްކަތްކުރުމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަން ސަލާމަތްކޮށް ރައްކާތެރިކުރެވޭ ގޮތުގެ މިސާލެއްގެ މައްޗަށެވެ. އާދޭހެވެ! 1918ގައި ފުރަތަމަ ބޮޑު ހަނގުރާމައިގައި ބަލިވުމުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީވިލާތުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭން އުޅުނު ވަގުތު، ގައުމު ދެކެ ލޯބިވާ ބަޔަކު ނުކުމެ، އެ ކަމާ ކުރިމަތިލައި ގައުމަށް މިނިވަންކަން ހޯދައިދިން ގޮތުގެ ތާރީޚީ މިސާލެކެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި (1918-1914) އެއް ފަރާތެއްގައި އޮތީ ޚުލަފާއިންގެ، އެލައިޑް ފޯރސަސް [އިއްތިޙާދީ ބާރުތަކު]ގެ ބާރުތަކެވެ. އޭގައި ހިމެނެނީ، މައިގަނޑު ގޮތެއްގައި، އިނގިރޭސީންނާއި ފަރަންސޭސިންނާއި، އަދި، 1917އާ ހަމައަށް، ރޫސީން ވެސް މެއެވެ. އަދި، މީގެ އިތުރަށް، 1917ގައި އެމެރިކާ ވެސް ހުލަފާއިންނާ ގުޅުނެވެ. އަނެއް ފަރާތުގައި އޮތީ މިހްވަރީ، އެކްސިސް ޕަވާރސްގެ، ބާރުތަކެވެ. މައިގަނޑު ގޮތެއްގައި ޖަރުމަނުވިލާތާއި އޮސްޓްރިއާ-ހަންގޭރީ އެވެ. އުސްމާނީ ޚިލާފަތުގެ ފަރާތުން ބޮޑު ހަނގުރާމައިގައި ބައިވެރިވީ މިހްވަރީ ބާރުތަކުގެ ބައިވެރިއެއްގެ ގޮތުގައެވެ. އެއީ، ހުލާފާއިންގެ ބައިގައި ބައިވެރިވުމުގެ ފުރުސަތު އިނގިރޭސީން، އުސްމާނީންނަށް ނުދިނުމުންނެވެ. ސަބަބަކީ އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް އަރަބި ބިންތަކަށް އިނގިރޭސީން ދަހިވެތިވެފައި އޮތުމެވެ. ހަނގުރާމައިގެ ކުރީކޮޅު، އުސްމާނީ އެމްޕަޔަރު ރޫޅާލުމުގެ ވާހަކަ އޮތީ ދައްކައި، އެ ކަން ކުރާން ނިންމައިފައެވެ.

ކޮންމެއަކަސް، ފުރަތަމަ ބޮޑު ހަނގުރާމާއިގައި ކާމިޔާބު ލިބުނީ ހުލަފާއިންނަށެވެ. މި ކާމިޔާބީގެ ނަތީޖާއަކަށްވީ މިހްވަރީ ދައުލަތްތައް ހުލަފާއިންގެ ރަހުމުގެ ދަށަށް ގެނެވުމެވެ. ހުލަފާއިން ބޭނުންވާ ގޮތަކަށް އެ ދައުލަތްތަކާ މެދު ކަންތައް ކުރުމުގެ ފުރުސަތު އެ މީހުންނަށް ލިބުމެވެ. މިއީ ހަނގުރާމަތައް ނިމުމުން ކަންތައް ހިނގާ އާންމު އުސޫލެވެ. ބާރުވެރިވެ، އަމުރުވެރިވަނީ ހަނގުރާމައިގައި ކާމިޔާބު ލިބޭ ފަރާތަކަށެވެ. މިފުރަސަތު ލިބުމުން، ސުލްހައިގެ ތަފާތު އެއްބަސްވުންތައް، ހުލަފާއިންގެ ފަރާތުން، މިހްވަރީ ބާރުގެ ދައުލަތްތަކާއެކު ވެވުނެވެ. ހުލަފާއިން ބޭނުންވި ގޮތަކަށެވެ. އެ ގޮތުން، އުސްމާނީ ޚިލާފަތާ ވެސް އެއްބަސްވުމެއް ވެވުނެވެ. މިލިޔުމުގައި ބަލައިލާން ބޭނުންވަނީ މި އެއްބަސްވުމުގެ މައްޗަށެވެ. އާދެ، ހުލަފާއިންނާއި އުސްމާނީ ދައުލަތާ ދެމެދު ވެވެނު ސެވްރެސްގެ އެއްބަސްވުމުގެ މައްޗަށެވެ. އަދި، ފަހުން، ސެވްރެސްގެ މި އެއްބަސްވުން އުވައިލައި، ލޯޒޭންގެ އެއްބަސްވުން އެއްބަސްވާން ޖެހުނު ގޮތުގެ މައްޗަށެވެ. އަދި މިކަމުން ލިބޭ ފިލާވަޅަކީ ކޮބައިތޯގެ މައްޗަށް ވެސް މެއެވެ.

ސެވްރެސްގެ ސުލްހައިގެ މުއާހަދާގައި ސޮއި ކުރެވުނީ 20 އޮގަސްޓު 1920ގައެވެ. މި މުއާހަދާގެ މައިގަނޑު ދެ މަގުސަދެއް އޮތެވެ. އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް އަރަބި ބިންތައް އަތުލުމާއި އުސްމާނީ ޚިލާފަތު، ހަމައެކަނި، ނަމެއްގައި، އެނަތޯލިޔާގައި، އެބަހީ ތުރުކީގެ މައި ބިމުގައި ހިސޯރުކުރެވިފައި ބޭއްވުމެވެ. މި މަގުސަދުގެ އިތުރަށް، ތުރުކީގެ ސިޔާދަތު ނިގުޅައިގަނެ، އުސްމާނީ ޚިލާފަތަކީ ޔޫރަޕުގެ ސީދާ ބާރާއި ނުފޫޒުގެ ދަށުގައިވާ ތަނަކަށް ހެދެމުވެ. އުސްމާނީ ޚިލާފަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރުމުން، ތުރުކީގެ ސިޔާދަތު ގެއްލުނެވެ. މިކަމުގެ ނަތީޖާއަކީ އިހުތިލާލީ ބާރެއްގެ ގޮތުގައި ތުރުކީއަށް އިނގިރޭސީންނާއި ފަރަންސޭސިން އެރުމުގެ ފުރުސަތު ލިބުމެވެ.

ސެވްރެސްގެ މުއާހަދާގެ ސަބަބުން ތުރުކީގެ ސިޔާދަތު ގެއްލުނީ ކިހިނެއް ހެއްޔެވެ؟ އެކަން މެދުވެރިވާން ދިމާވި އެންމެ ފުރަތަމަ ސަބަބަކީ، ދެންމެ ދެންނެވިހެން، ފަރަންސޭސީންނާއި އަދި އިނގިރޭސީން، ތުރުކީ އިހުތިލާލުކޮށް (އޮކިޔުޕައިކޮށް) ތުރުކީގެ މައްޗަށް ވެރިވުމުންނެވެ. އެ ދެ ބައި މީހުންގެ ލަޝްކަރު ތުރުކީގައި އޮވެ، އެމީހުން އަންގާ ގޮތަށް ތުރުކީން ކަންތައް ކުރަން ޖެހުމުންނެވެ. މިކަންތައްތަކުގެ ތެރޭގައި، ތުރުކީގެ ގައުމީ ބަޖެޓު ކަނޑައެޅުން ހިމެނެއެވެ. އާދޭހެވެ! އެ ކަން ކުރާން ޖެހޭނީ އިހުތިލާލީ ބާރުކަމުގައިވާ އިނގިރޭސީންނާއި ފަރަންސޭސީން އަންގާ ގޮތެއްގެ މަތީންނެވެ. މީގެ އިތުރަށް، ތުރުކީގެ ގައުމީ ބޭންކު ވެސް އޮންނަން ޖެހޭނީ ސީދާ އިހުތިލާލުގެ ދެ ބާރުގެ ދަށުގައެވެ. ތުރުކީގެ ބޭރުގެ ދަރަނި ދެއްކުމުގައި އިސްކަންދެވޭނީ އިހުތިލާލީ ބާރުތަކަށް ތުރުކީއިން ދަރާ އޮތް ދަރަނި ދެއްކައި ޚަލާސްކުރުމަށެވެ. ތިމާމެންގެ އަމިއްލަ ފައިސާއަށް ބާރު ފޯރުވުމުގެ މިނިވަންކަން ނެތް ގައުމެއް އެއީ ސިޔާދަތެއް ލިބިފައި އޮތް ގައުމަކަށްވާނެ ހެއްޔެވެ؟

މި ދެންނެވި ކަންކަމުގެ އިތުރަށް ވެސް، ތުރުކީގެ ސިޔާދަތު ނިގުޅައިގަނެވިގެން ދިޔަ އެހެން ކަންތައްތަކެއް ވެސް، ސެވްރެސްގެ މުއާހަދާގެ ބަންދުތަކުގައި (ޓާރމްސްތަކުގައި) ހިމެނެއެވެ. މީގެ ތެރޭގައި ތުރުކީގެ އިރު އުތުރުން ބައެއް، އާމީނިއާއަށް ދިނުމާއި ތުރުކީގެ ހުޅަނގު ދެކުނުން ބައެއް ޔޫނާނަށް (ގުރީސްއަށް) ދިނުން ހިމެނެއެވެ. އަދި ތުރުކީގެ އަސްކަރީ ބާރުތަކުގެ އަދަދު އުނިކޮށް ބަލިކަށިކުރެވުނެވެ. ތުރުކީގައި އުޅޭ ބޭރު މީހުންނަށް، މާނައަކީ ޔޫރަޕްގެ މީހުންނަށް، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖްތަކެއް) ވެސް ލިބިދޭ ގޮތް ހަމަޖެހުނެވެ. މީގެ މާނައަކީ ތުރުކީގެ ގާނޫނު އެމީހުންގެ މައްޗަށް ނުހިނގުމެވެ. ތުރުކީގެ ގާނޫނާ އެމީހުން ޚިލާފުވެއްޖެ ނަމަ، ނުވަތަ ގާނޫނީ ކުށެއްކޮށްފި ނަމަ، މި ޚާއްސަ އިމްތިޔާޒުތަކުގެ ދަށުން، މިދެންނެވި ބޭރު މީހުންގެ މައްސަލަ ތަހުގީގުކޮށް އެމީހުންނާ މެދު ޝަރިއަތްކުރުމުގެ ބާރާއި އިޚްތިޔާރު ތުރުކީއަކަށް ލިބިގެންނުވެއެވެ. މިފަދަ ގާނޫނެއް ފަހުން، އީރާނުގައި ހިންގާލެވުމުން، އިރާނުގެ 1979ގެ އިންގިލާބީ ޒައީމު ޚުމޭނީ ވިދާޅުވެފައި އޮވެއެވެ. 'އެމެރިކާ މީހެއްގެ ކުއްތާއެއް ވެސް، އިރާނު މީހެއްގެ އަތުން މަރުވެއްޖެ ނަމަ، އީރާނު މީހާއާ މެދު ޝަރީއަތް ހިންގުމުގެ ބާރު، އެމެރިކާ މީހާއަށް ލިބިގެން ވެއެވެ. ނަމަވެސް، އެމެރިކާ މީހެއްގެ އަތުން، ޚުދް ޝާހު އަވާހަރަ ވިޔަސް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމުގެ ބާރު، އީރާނަށް ލިބިގެން ނުވެއެވެ." އިންދިރާ ގާނދީ ހޮސްޕިޓަލުގައި އަޅުގަނޑުމެންގެ ދިވެހި އަންހެނެއްގެ ގަޔަށް އިންޑިޔާގެ މުވައްޒިފެއްގެ އިހުމާލުން އެއިޑްސް ބަލީގެ ލޭ އެޅުމުން ކަންތައްވީ ގޮތް ހަނދާން ހުރީ ކިތައް މީހުން ބާވައެވެ؟ އޭނާގެ އިހުމާލުން ހިނގި ކަންތަކުގެ އެއްވެސް ޒިންމާއެއް އޭނާ އުފުލަން ނުޖެހި ސަލާމަތްވެ، ރާއްޖެދޫކޮށް ދިޔުމުގެ ފުރުސަތު ލިބިގެން ދިޔަ ނޫންތޯއެވެ؟ އާދޭހެވެ! ޚާއްސަ އިމްތިޔާޒުތައް ލިބިދޭ ގާނޫނަކީ ކޮބައިކަމާއި އޭގެ އެއްވެސް އަދުލެއް އިންސާފެއް ނެތްކަން މި ކަމުން ފާހަގަކުރެވޭނެއެވެ.

އާދޭހެވެ! މަތީގައި ދެންމެ މި ބަޔާންކުރި ކަންތައްތަކުން، ގައުމެއްގެ މައްޗަށް ބޭރު ގައުމެއް ވެރިވުމުން، އެގައުމުގެ ސިޔާދަތު ގެއްލިދާ ގޮތް ފެނިގެން ދެއެވެ. މަތީގައި ބަޔާން ކުރެވުނީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އިހަށް ދުވަހު، ތާރީޚުގައި، ހިނގި ކަންތައްތަކެއްގެ ވާހަކައެކެވެ. މި ކަންކަން ދާދި ފަސޭހައިން ބަލައިލެވޭނެއެވެ. ސެވްރެސްގެ މުއަހާދާއަކީ ކޮބައިތޯ ސުއާލުކޮށް ގޫގުލްކޮށްލުމުން ވެސް މިކަން ސާފުވާނެއެވެ. ދެން، ތުރުކީއަށް ކުރިމަތިވި ކަންތައްތަކުގެ އަލީގައި، ރާއްޖޭގެ ސިޔާދަތު ގެއްލި އިންޑިޔާގެ އަތް ދަށަށް ރާއްޖެ ހިނގައްޖެ ނަމަ، ކަންތައް ވެދާނެ ގޮތުގެ މައްޗަށް ޚިޔާލުކޮށްލައި ވިސްނައިލަބަލާށެވެ.

އެންމެ ފުރަތަމަ، ރާއްޖޭގެ އިގުތިސާދު ރާއްޖެ އަމިއްލައަށް ކޮންޓުރޯލުކުރުމުގެ ބާރާއި އިޚްތިޔާރު (ޕަވަރ އެންޑް އޮތޯރިޓީ) ނިގުޅައިގަނެވޭނެއެވެ. ރާއްޖޭގައި ފަސާދަ ބޮޑުވެ، އަދި ދަރަނިވެރިވެފައި އޮތުމުން، މިކަން ކުރުމަށް މަގުފަހިވާނެއެވެ. އިންޑިޔާއަށް ރާއްޖެއިން ދަރާ އޮތް ދަރަނި އަދާކުރުމުގެ ނަމުގައި އެކަންކުރެވޭނެއެވެ. އިނގިރޭސީންނާއި ފަރަންސޭސީން ތުރުކީއާ މެދު ކަންތައް ކުރި ފަދައިންނެވެ. މިއީ އަލަށްވާ ކަންތައްތަކެއް ނޫނެވެ. މީގެ ކުރީން ވެސް އަދި ފަހުން ވެސް، މިކަހަލަ ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ. މިސުރަށް، އިނގިރޭސީން ބާރު ފޯރުވީ މި ގޮތަށެވެ. މިސުރުގެ ދަރަނި ބޮޑުވުމުން، 1878ގައި މިސުރުގެ ކެބިނެޓަށް އިނގިރޭސީންގެ މީހަކު ފިނޭންސް މިނިސްޓަރުކަމަށާއި ފަރަންސޭސިންގެ މީހަކު ޕަބްލިކް ވާކްސް ގެ މިނިސްޓަރުކަމަށް އިސްކުރެވުނެވެ. ތަނުގެ އެންމެ މުހިއްމު ދެ ވުޒާރާކަމުގައިވާ މާލިއްޔަތާއި ބެހޭ ވުޒާރާއާއި ތަނުގެ ބޮޑެތި އާންމު މަޝްރޫއުތައް ހިންގާ ވުޒާރާއާއި ދެވުޒާރާ ބޭރު ބަޔެއްގެ އަތް ދަށަށް ދިޔައީއެވެ. ފިނި ހަނގުރާމައިގެ ދުވަސް ވަރު، ސޯވިއެޓް ޔުނިއަންގެ ފަރާތުން އެމީހުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޔޫރަޕުގެ ގައުމުތަކާ ދޭތެރޭ ވެސް ކަންތައް ކުރެވުނީ މިފަދައިންނެވެ. އެ ގައުމުތަކުގެ އިގުތިސާދު އޮތީ ސޮވިއެޓު ޔުނިއަންއަށް ބޭނުންވާ އެއްޗެހި އުފެއްދުމުގެ ގޮތަށް ހަމަޖައްސާލެވިފައެވެ. ރާއްޖޭގައި ވެސް، ދައުލަތުގެ ބޮޑެތި މުއައްސަސާތައް، ބޭރު ކުންފުނިތަކާ ހަވާލުކުރެވެން ފެށުނު ނޫންހެއްޔެވެ؟ މިހާރު ވެސް ދިވެހި ދައުލަތުގެ ބައެއް މުއައްސާސަތަކުގެ އިސް މަގާމުތަކަށް ބޭރު މީސްމީހުން އިސްކުރެވެމުން އެބަދޭ ނޫންހެއްޔެވެ؟ ދިވެހީން ނެތީމާހެއްޔެވެ؟ މީގެ ދުވަސްކޮޅެއް ކުރީން، ޓުއަރިޒްމަ މިނިސްޓުރީގެ މިނިސްޓަރުކަމުގެ މަގާމު ހުސްވުމުން، ވަކި ވިޔާފާރި މުއައްސަސާއަކަށް ޓުއަރިޒަމް މިނިސްޓުރީ ބަދަލުކޮށް، ބޭރުގެ ބަޔަކާ ހަވާލުކުރާން ވެސް، ބައެއް މީހުން ގޮވި ނޫންހެއްޔެވެ؟ މި ވާހަކަ އަޑު އެހީ ކިތައް މީހުންބާވައެވެ؟ ދެން، ބޭރުގެ ބާރެއްގެ ދަށަށް ހިނގައްޖެ ނަމަ، މި ކަން ކުރާން އަދި މިހާރަށް ވުރެ ވެސް މާ ފަސޭހަވާނެ ނޫން ހެއްޔެވެ؟ އޭރުން، އަމިއްލަ ގައުމުގައި ދިވެހިން ވެގެންދާނީ ބީރައްޓެހިންނަށެވެ! އޭރުން ދިވެހިން ތިބޭނީ އެމީހުންގެ އަމިއްލަ ބިމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ މަގާމުގައެވެ!

ދެން، ރާއްޖެ، ބޭރު ބާރެއްގެ ދަށަށް ދިޔުމުން، ތުރުކީގެ އަސްކަރީ ބާރުތައް ކުޑަކޮށްލެވުނު ގޮތަށް، ރާއްޖޭގެ އަސްކަރީ ބާރުތަކަށް ވެގެންދާނޭ ގޮތް ޚިޔާލަށް ގެނެސްބަލާށެވެ. އެ މުއައްސަސާތަކުގެ ވަކިތައް ކަނޑައި، އެތަންތަނުގެ ބާރު މުޅިންނެތި ކޮށްލެވޭނެއެވެ. މިހާރު ވެސް މިކަން ކުރަން ބޭނުންވެގެން ގޮވާ އަޑުތައް އިވޭ ނޫންހެއްޔެވެ؟ އެފަދަ މުއައްސަސާތަކުން، ތަހުގީގުތައް ނުކުރެވޭކަމާއި، އެ ތަނުގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި، އެތާ އެތެރޭގައި 'އަނދިރީގެ ދައުލަތެއް' (މިއީ ކޮން އެއްޗެއްކަން ނުބުނެދެވުނަސް) އެބައޮތޭ ބުނުމާއި، މި ފަދަ ވާހަކަތަކުގެ އަޑެވެ. މި ގޮތުގެ މަތީން ތަނުގެ އަސްކަރީ ބާރުތަކުގެ އަގު ވައްޓައިލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބޭރުގެ ވަކި ބަޔެއްގެ އިރުޝާދުގެ މަތީން، އެ މުއައްސަސާތައް ބަދުނާމުކުރުމުގައި ފޮރުވިފައި އޮތް މަގުސަދަކީ ކޮބައިހެއްޔެވެ؟ އެ ތަންތަނުގައި ނުރަނގަޅު ކަމެއް ހުރި ނަމަ، އަދި އެ ކަންކަން އިސްލާހުކުރާން ބޭނުން ނަމަ، އެ ކަން ކުރުމުގެ ބާރު އެބަ އޮތެވެ. ނަމަވެސް، އިސްލާހީ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އެތަން އަބަދުމެއަބަދު ބަދުނާމުކުރުމުގެ ބޭނުމަކީ، ލަފާކުރެވޭ ގޮތުގައި، ތަނުގެ އަގު ވައްޓައިލައި ތަނުގެ ބޭނުމެއް ނެތްކަން ދެއްކުމެވެ. މިހެން ހެދުމަށް ފަހު، އެތަނުގެ ހިންގުން ވެސް ބޭރު ބަޔަކާ ހަވާލުކުރާން ފަސޭހަވާނެއެވެ. މިއީ ވެސް ޚިޔާލީ ވާހަކައެއްނޫނެވެ. މިއީ މީގެ ދިހަ އަހަރު ކުރީން ވެސް، މިކަމާ މެދު ބަޔަކު އާންމު ފޯރަމެއްގައި ބަހުސްކޮށް، ރާއްޖޭގެ ސިފައިންގެ މުއައްސަސާ އުވާލައި އެ ކަން ބޭރުގެ ބަޔަކާ ހަވާލުކުރާން ގޮވިގޮވުމެކެވެ. ދެން، އެއްކަލަ 'ޕޮލިސް އެކަޑަމީއިންނާއި' ޑޯނިޔާ މަތީންދާ ބޯޓުން، އެތެރެކުރެވޭ ހަތިޔާރުތަކުގެ އެހީގައި އެމީހުންގެ އަތް މައްޗަށް ތަނުގެ ފުލުހުންނާއި ސިފައިންގެ މުއައްސަސާތައް ފުރޮޅާލުމަކީ އުނދަގޫ ކަމަކަށް ވެދާނެހެއްޔެވެ؟

ދެން ޚާއްސަ އިމްތިޔާޒުގެ ގާނޫނުގެ މައްސަލައަށް ބަލާށެވެ. މިހާރުވެސް މިފަދަ ގޮތެއްގައި ނޭޕާލުގައި އިންޑިޔާ މީހުންނަށް އިސްކަންދޭން ޖެހޭނޭ އެއްބަސްވުމެއް އޮވެއެވެ. އެހެންވީމާ އެ ފަދަ ގޮތެއްގައި ރާއްޖޭގައި ކަންތައް ނުކުރާނީ ކީއްވެހެއްޔެވެ؟ ރާއްޖޭގެ އުތުރުގައި ޚާއްސަ ރަށެއް އިންޑިޔާ މީހުންނަށް ތައްޔާރުކުރެވޭ ވާހަކައެއް ވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ފެންމަތިވިއެވެ. މި ވާހަކަތަކުގެ ހަގީގަތް އަދި އެނގޭ ވަރެއް ނުވެއެވެ. ނަމަވެސް، ބުނެވޭނީ އަލިފާނަކައި ނުލައި ދުމެއް ނާރާނޭކަމެވެ.

ކޮންމެ އަކަސް ސެވްރެސްގެ މުއާހަދާގެ ސަބަބުން ތުރުކީގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއެރިއެވެ. ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ މި މުއާހަދާއާއި، މި މުއާހަދާގައި ސޮއިކުރި އުސްމާނީ ދައުލަތާއި އަދި އިހުތިލާލީ ބާރުތަކާ އިދިކޮޅަށް ތުރުކީގެ ލަޝްކަރު ނުކުތީއެވެ. އާދޭހެވެ! އެމީހުންނާ އިދިކޮޅަށް، ތުރުކީގެ ލަޝްކަރު ނުކުތީ އެ މުއާހަދާގައި ސޮއިކުރުމުގެ ވެސް ކުރީންނެވެ. 1918ގައި ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، މުދްރޯސްގެ ހުދްނާގައި ސޮއިކުރެވުމުން، ހަލީފުންނަށް އެ ހުދްނާ ލިބިދިން ބާރުތަކުގެ ސަބަބުންނެވެ. ތުރުކީގެ މައި ބިން އިހުތިލާލުކުރުމުގެ ބާރެވެ. އަދި ވެސް، ވާން އުޅޭ ގޮތް، ލަޝްކަރުގެ އިސްކޮށް ތިބި ވެރީންނަށް ލަފާކޮށްލާން އެނގުމުންނެވެ. އާދޭހެވެ! ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމުގެ ބިރު ހީވުމުން، އެކަން ނެތިކޮށްލުމުގެ ގޮތުން، ތަނުގެ ދިފާއީ ބާރުތައް އަތުކުރި އޮޅައިލައި ގައުމު ދިފާއުކުރުމައްޓަކައި ތެދުވީއެވެ.

ދެން، ތުރުކީގެ ލަޝްކަރު އިހުތިލާލީ ބާރުތަކާ ކުރިމަތިލައ ހަނގުރާމަކުރީއެވެ. މިހަނގުރާމައަށް ދެވިފައި އޮންނަ ނަމަކީ 'ތުރުކީ މިނިވަންކުރުމުގެ ހަނގުރާމައެވެ'. މި ހަނގުރާމަ 1919 ފެށިގެން 1923އާ ހަމައަށް ދެމިގެން ދިޔައެވެ. މި ހަނގުރާމައިގައި ތުރުކީގެ ގާއިދަކަށް ހުރީ މުސްތަފާ ކަމާލް އަތާތުރުކެވެ. އާދޭހެވެ! ތުރުކީންގެ އަދުގެ ގައުމުގެ ބައްޕައެވެ. އޭނާގެ ގިޔާދަތުގެ ދަށުން، އިހުތިލާލީ ބާރުތަކާ ތުރުކީ ލަޝްކަރު ކުރިމަތިލައި ހަނގުރާމަކޮށް އެބާރުތައް ބަލިކުރިއެވެ. އަދި، އަރުމީނިއާއަށާއި ޔޫނާނަށް ސެވްރެސްގެ މުއާހަދާއިން ލިބިދިން ބިންތައް ވެސް އަތުލައި މިނިވަންކޮށް، އެ ބިންތަކަކީ، ކުރީން ވެސް އޮތް ފަދައިން، ތުރުކީގެ ބައެއްގެ ގޮތުގައި ހެދިއެވެ. މި ހަނގުރާމައިގައި ތުރުކީގެ ލަޝްކަރު ކާމިޔާބު ހޯދުމުގެ ނަތީޖާއަކަށްވީ ތުރުކީ އިހާނެތިކޮށް ނިކަމެތި ކޮށްލި ސެވްރެސްގެ މުއާހަދާ ބާތިލުކޮށްލުމެވެ. އަދި އޭގެ ބަދަލުގައި އަލުން އާ މުއާހަދާއެއްގައި ސޮއިކުރުމެވެ. އާދޭހެވެ! 1923ގައި ލޯޒޭންގެ މުއާހަދާ ލިޔެ، ސޮއިކުރުމެވެ. ތުރުކީއާއި އަދި އިހުތިލާލީ ބާރުތަކާ ދެމެދުގައެވެ. މިއީ ދުނިޔޭގެ ތާރީޚުގައި ވަރަށް ވެސް ނުފެންނަ މަންޒަރެކެވެ. ހަނގުރާމައެއްގައި ބަލިވެ، ސުލްހައިގެ މުއާހަދާއެއް ލިޔެވި އެ މުއާހަދާ ބާތިލުކޮށް އޭގެ ބަދަލުގައި އެހެން މުއާހަދާއެއް ލިޔުމެވެ. ނަމަވެސް، ތުރުކީންގެ ދިފާއި ބާރު، މުޅިން ފުނޑުފުނޑުވެފައި ނެތުމުން، އަދި، އެމީހުންގެ ގައުމާ ދިމާވި ނުރައްކަލާ ކުރިމަތިލާން، ވަގުތުން، ތެދުވުމުން، އެކަން އެގޮތަށްވާން ދިމާވީއެވެ.

މިހިސާބުން، އުސްމާނީ ޚިލާފަތު އުވާލެވި، އަދު މިފެންނަން އޮތް ތުރުކީގެ ޖުމްހޫރިއްޔަތު ގާއިމުކުރެވުނެވެ. އަދި، ތުރުކީގެ ސިޔާދަތު ތުރުކީއަށް އަނބުރާ ލިބުނެވެ. އިހުތިލާލީ ބާރުތައް ތުރުކީން ފޭބުމަށް ނިންމުނެވެ. ތުރިކީގެ ހުރިހާ ކަމެއް، ސަރުކާރު ހިންގުމާއި، އަސްކަރީކަންތައްތައް ރާވާއި ހިންގުމާއި އަދި ތަނުގެ އިގުތިސާދު ހިންގުމާއި ތަނުގެ ބޭންކާއި ފައިސާގެ ކަންތައްތައް ހިންގުމާއި މިހުރިހާ ކަމެއް ވެސް ހިންގުމުގެ ބާރާއި އިޚްތިޔާރު އަލަށް އުފެދުނު ތުރުކީ ޖުމްހޫރިއްޔަތުގެ އަތްމައްޗަށް ގެނެވުނެވެ.

މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގައުމީ ހޭލުންތެރިކަމާއި ގައުމީ ލޯބި ހުރެގެން ގައުމު ދިފާއުކުރަން ނިކުމެއްޖެ ނަމަ، ގައުމު ސަލާމަތް ކުރެވޭ ކަމެވެ. މުދްރޯސްގެ ހުދްނާގެ އެއްބަސްވުމާއި އަދި ސެވެރެސްގެ މުއާހަދާއަކީ ތުރުކީގެ ލަޝްކަރުގެ އިސްވެރީން ނަޒަރުގައި އަދުލު އިންސާފާ ދުރު މުއާހަދާއަކަށް ވުމުން، ސިޔާސީވެރީންގެ އަތް މައްޗަށް ގައުމުގެ މަސީރު ދޫކޮށްނުލައި، ލަޝްކަރުގެ އިސް ވެރީން، އެ އެއްބަސްވުންތައް ބަލައިނުގަތީއެވެ. އަދި، އެހެންވެ، އެ އެއްބަސްވުންތައް މެދުވެރިކޮށް، އަމިއްލަ ގައުމު އަޅުވެތިކުރުމަށް ބޭރު ބަޔަކަށް ޖާގަ ނުދީ ލަޝްކަރު ތެދުވީއެވެ. އަދި، ގައުމުގެ ދިފާއުގައި ހަނގުރާމަ ވެސް ކުރީއެވެ. ނަތީޖާއަކީ ގައުމު މިނިވަންވުމެވެ. ގައުމުގެ ސިޔާދަތު ދެމެހެއްޓުމެވެ. ޔޫރަޕުގެ 'ބަލި މީހާ'ގެ ނަމުން ހުޅަނގު ނަންދީފައި އޮތް މީހަކީ ބަލި މީހެއް ނޫންކަން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށްދިނީއެވެ. ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް، އެއީ އެހެން މީހުންނަށް އެއަށް ފައިން އެރިދާނޭ އެއްޗެއް ނޫންކަން، ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށްދިނީއެވެ. އާދޭހެވެ! ގައުމުގެ މީހުންގެ ހިތްތަކުގައި ގައުމަކީ އަގު ބޮޑު އެއްޗެއްކަމާއި އެއީ އެހެން މީހުން އެއަށް ކުޅުޖަހާން ޖާގަދީ، ގައުމުގެ މާތްކަމާއި މުގައްދަސުކަން ނެތިކޮށްލާން، ފަހަރެއްގައި ވެސް، ފުރުސަތު ނުދެވޭނޭކަން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށްދިނީއެވެ.

އާދޭހެވެ! ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީ ބަލިވެ، މުދްރޯސްއާއި ސެވްރެސްގެ މުއާހަދާ ތުރުކީއާ ކުރިމަތިކުރުވި ނިކަމެތިކޮށްލުން ބަލައިނުގަނެ، އެ ކަމާ ދެކޮޅު ހަދައި، ގައުމުގެ އަބުރާއި އިއްޒަތާއި، ޝަރަފާއި ކަރާމަތް ހިމާޔަތްކުރާން ތެދުވި ފަދައިން، މިއަދު އަޅުގަނޑުމެންގެ ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް ދިފާއުކުރުމުގެ ގޮތުން ތެދުވުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. ރާއްޖޭގައި މި އުޅޭ ހަށިވިއްކާ ކަސްބީ އަންހެނުންގެ ސިމްސާރުން (ޕިމްޕުން) ފަދަ ސިޔާސީ ސިމްސާރުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރާން ޖެހޭ ވަގުތު އަތުވެއްޖެއެވެ. މި ސިޔާސީ ސިމްސާރުންގެ ނަޒަރުގައި ރާއްޖެއަކީ ވެސް، އެ މީހުން ގެންގުޅޭ ހަށިވިއްކާ ކަސްބީ އަންހެނެކެވެ. އެހެންވެ، ސިމްސާރެއްގެ، ޕިމްޕެއްގެ، ބައި އަދާކޮށް، ހަށިވިއްކާ ކަސްބީއެއްގެ ގޮތުގައި ރާއްޖޭގެ އަބުރާއި އިއްޒަތް ނަގައިލައި، ފައިސާ ފޮއްޗަކަށް ރާއްޖެ ވިއްކައިލާން އެ މީހުން އެ ތިބީ ތައްޔާރަށެވެ. އެހެންވެ، ރާއްޖެ، ބޭރު ބާރުތަކުގެ އަޅުވެތިކަމުން (ސިޔާސީ އަދި އިގުތިސާދީ، ދަރަނީގެއާއި ފަސާދައިގެ އަޅުވެތިކަމުން) މިނިވަންކޮށް، ހެޔޮ ގޮތުގައި ގައުމާއިގެން ކުރިއަށް ހިނގާނޭ ބަޔަކު އުފެދޭން ވެއްޖެއެވެ.

________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް