Advertisement

ދެހިތެއްގެ ގުޅުން

28 Jul 2024 | 00:02
ދެ ހިތެއްގެ ގުޅުން

އަސްމާ އަބޫބަކުރު

ތިޔައީ ހޮސްޕިޓަލްގެ ސިކުނޑިއެވެ. ތިޔަ ޚިދުމަތްތެރިކަމާއި އަޅައިލުމަށް ޓަކައި ޝުކުރުވެރިވަމެވެ. ތިޔަ އޯގާތެރިކަމުން އަހަރެން ރަނގަޅުވުމަށް ހަގީގީ ތަފާތުކަމެއް ގެނެސްދީފިއެވެ. ހޮސްޕިޓަލުގައި އެޑްމިޓްވެފައި އޮތް ދެ ދުވަހު ދެއްވި ޚާއްސަކަމާއި ފަރުވާދިނުމުގައި ތިޔަ ދެއްވި ފަސްނުޖެހޭ ޚިދުމަތަށް ޓަކައި ފަށްފަށުން ޝުކުރުވެރިވަމެވެ. ޑރ.ފާހިމް އަތަށް ނަރުސް ކުއްޖާ ދިށްކޮށްލި ނޯޓްގައިވާ ޢިބާރާތްކޮޅުކިޔައިލިއެވެ. އެ ނޯޓު ކިޔައިލުމާއެކު އެއީ ކާކުދިން އެއްޗެއްހޭ އެނގިހުރެ ޑރ. ފާހިމް އަހައިލިއެވެ.

"ދިމްނާ ދިން ނޯޓެއް." ޑރ.ފާހިމް ނޯޓްގައި ހިފުމާއެކު ނަރުސް ކުއްޖާ އެހެން ކަމަކަށް އެނބުރިއްޖެއެވެ. އެ ނޯޓަށް ބަލާން އެތައް އިރަކު ފާހިމް އިނެވެ. ޚިޔާލަކަށް ގެއްލިފައި އިންފަދައިންނެވެ.

"ތި ދިޔައީ އަހަރެންގެ ހިތް ހިފައިގެން" ފާހިމަށް ހިތާހިތުން ކިޔައިލެވުނެވެ. ދިމްނާގެ ސޫރަ ހިތަށް ސިފަވުމާ އެކު، ފާހިމްގެ މޫނުމަތީން ހިނިތުންވުން ފެނުނެވެ. ފާހިމްގެ ހިތުގައި ދިމްނާ ވިކައިގަތީ މީގެ ދެ ދުވަސް ކުރީންނެވެ. ދިގު އޮރެންޖުކުލައިގެ ބުޅި އިސްތަށިގަނޑެއްގެ ވެރި ދިމްނާ ފެނުނީ މަޑުމައިތިރި ރީތި ހިނިތުންވުމެއްގައެވެ. ދިމްނާގެ ރީތިކަން އިތުރުވީ އެ ހިނިތުންވުމުންނެވެ. ގޭސްޓްރިކްގެ މައްސަލައަކީ މި ޒަމާނުގެ އަންހެން ކުދީންނަށް ދިމާވާ އެންމެ ގިނަ އެއްމަސަލައެވެ. ދިމްނާއަކީ ވެސް ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ.

"މާބޮޑަށް ޑައިޓް ޖައްސަނީތަ؟" ދިމްނާ ގޭސްޓްރިކް ވާހަކަ ބުނުމާ އެކު، ފާހިމަށް އަހައިލެވުނު ސުވާލަށް ދިމްނާ ބޯޖަހައިލިއެވެ. އެ ދުވަހު ބޭހެއް ދީފައި ދިމްނާ ފޮނުވޭން އޮތެވެ. ފާހިމް ބޭނުންވީ ދިމްނާ އެޑްމިޓް ކުރާށެވެ. އެތައް ވާހަކައެއް ދައްކައިގެން ދިމްނާ އެއްބަސްކުރުވިއެވެ.

ދިމްނާގެ ފަރުވާއަށް ފާހިމް ސަމާލުކަން ދިނެވެ. ފާހިމްގެ ހިތް ރުއްސުމަށް ޓަކައެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވޭކަން ފުރަތަމަ ފަހަރަށް ފާހިމަށް ގަބޫލުކުރެވުނެވެ. ހޮސްޕިޓަލްގައި އުޅޭ ނަރުހުން ޑރ. ފާހިމް ޚާއްސަގޮތެއް ބަހައްޓާ ޕޭޝެންޓްގެ ވާހަކަ ދެއްކިއެވެ. އެހެން ޑޮކްޓަރުންގެ ކަންފަތަށް ވެސް އެ ޖުމްލަތައް ފޯރިއެވެ.

"ޑރ. ފާހިމްގެ ހިތުގައި އަންހެން ކުއްޖެއްގެ ސޫރަ ފެވިއްޖެހެން ހާދަ ހީވެޔޭ." ޑރ އަޝްރަފް މަސައްކަތް ކުރަނީ ފާހިމާ އެއް ޑިޕާޓްމަންޓެއްގައެވެ.

"އެއީ ޢާއިލީ ކުއްޖެއް."  އެހެން މީހުންގެ އަނގައިގައި ޓޭޕް އަޅުވާން ފާހިމަށް އެނގެއެވެ. ޑރ.ފާހިމް ދިނީ އެހެން މީހުން ހީކުރި ކަހަލަ ޖަވާބަކަށް ނުވުމުން އެ ހިސާބުން އެ ވާހަކައެއް އެކަކު ވެސް ނުދައްކައެވެ.

އޭގެ ފަހުން ދެތިން މަސް ފާއިތުވެ ދިޔައިރު ވެސް ފާހިމްގެ ހިތުން ދިމްނާގެ ނަން ފޮހެވޭ ގޮތެއް ނުވިއެވެ. ނެތް ގުޅުމެއްގެ މައްޗަށް ލޯބީގެ ކުރިފަޅައިގެން ހެދިގަތީ ފާހިމްގެ ހުއްދައަކާ އެކީގައެއް ނޫނެވެ. އެ ކަން އެ ގޮތަށް ނުވޭތޯ ފާހިމް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ނަސީބު ފާހިމަކަށް އެހީއެއް ނުވިއެވެ. ދިމްނާގެ ހަނދާނުގައި ފާހިމް ދިޔައީ ދުވަސްތައް ހޭދަކުރަމުންނެވެ. މަގުމަތީ ދުއްވައިފައި ދާއިރު ވެސް ބުޅި އިސްތަށިގަނޑެއް ފެނިއްޖެ ނަމަ، ފާހިމަށް ހީވަނީ ދިމްނާހެންނެވެ.

ޑޮކްޓަރުންނަށް ލިބުނު ދައުވަތަކަށް "ލެމަންގްރާސް"އަށް ދިޔަ ދުވަހެކެވެ. އެމީހުން ރެސްޓޯރެންޓަށް ވަންނަނިކޮށް ދިމްނާ ފެނުނެވެ. ދިމްނާއަށް ވެސް ފާހިމް ފެނުމާއެކު ހީނލިއެވެ. ދިމްނާގެ ފަހަތުގައި ހުރީ ދިމްނާގެ ފިރިމީހާކަން ފާހިމަށް އެނގުނީ ދިމްނާ ދެއްކި ވާހަކައިންނެވެ. ހޮސްޕިޓަލްގެ ރަނގަޅު ވާހަކައާއި ފާހިމްގެ އޯގާތެރި ވާހަކަ ދިމްނާ ދެއްކީމައެވެ. ފާހިމްގެ ހިތަށް އުނދަގޫ ގޮތެއްވީ ދިމްނާ އެހެން ފިރިހެނަކާ އެކު ހުރުމުންނެވެ. އެ ދުވަހު ފާހިމަކަށް ރަނގަޅަކަށް ނުކެވުނެވެ. ވީ ދެރައިންނެވެ. އެރޭ ނިދާން އުޅެއުޅެ ނުވެސް ނިދުނެވެ. ލޯމަރައިލާ ކޮންމެ ފަހަރަކު ސިފަވަނީ ދިމްނާގެ ވާހަކަތަކެވެ. އެންމެފަހުން އަމިއްލަ ނަފުސު ދެކެ ރުޅި އާދެވިއްޖެއެވެ. ހިތުގައި ފޮރުވައިގެން ހުއްޓަސް މީހަކަށް އެއްވެސް ކަމެއް ނޭނގޭނެކަން ފާހިމްގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ހަދައިފައި ވެސް އަނެއް ދުވަހު ދިމްނާއަށް ގުޅާން ފާހިމް ނިންމިއެވެ. މީހެއްގެ ހައްގަކަށް ވިއަސް ވަރިހަމައެވެ. ފުރަތަމަ އަމިއްލަ ހައްގު ހޯދާން މަސައްކަތް ކުރާނީއެވެ. ކިޔުގައި ދެވަނައަށް ހުންނާކަށް ފާހިމް ބޭނުމެއް ނުވެއެވެ. ފާހިމް ލޯބިވި އިރު ދިމްނާއަކީ މީހެއްގެ އަތްނބެއް ކަމެއް ނޭގެއެވެ. ހޮސްޕިޓަލް ތެރެއިން ވެސް ދިމްނާގެ ފިރިމީހާއެއް ނުފެނެއެވެ. 

އަނެއްދުވަހު ހޮސްޕިޓަލަށް ގޮސް ދިމްނާގެ މަޢުލޫމާތު ހޯދިއެވެ. ފޯން ނަންބަރު ސޭވްކުރުމަށް ފަހު، އެ ދުވަހު ގެއަށް ގޮސް ދިމްނާއަށް ގުޅޭތޯ މަސައްކަތް ފަށައިފިއެވެ. އެ ފަހަރު ވަރަށް ކާމިޔާބެވެ. ދިމްނާ ފޯނު ނަގައިފައި ވާހަކަދެއްކިއެވެ. ހިނިތުންވުމާ އެކީގައެވެ. ދިމްނާގެ ހިތް ވެސް މަޑުމަޑުން ހުޅުވާން ފަށައިފިއެވެ. އޭގެ ފަހުން އެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. މާގިނަ ދުވަހެއް ނުވެ ދިމްނާގެ އެންމެ ގާތް އެކުވެރީންގެ ލިސްޓުން ފާހިމް ޖާގަ ހޯދައިފިއެވެ.

ފާހިމް ބޭނުންވާ ގޮތަށް ރާޒުވާގެ ކުޅިބައި އަތުރައިލިއެވެ. އަނެއްކޮޅުގައި އިނީ ޑރ. ހަޝްމީއެވެ. ހުސްވަގުތު ޑރ. ފާހިމް ޝައުގުވެރިވާ ކަމަކީ ރާޒުވާ ކުޅުމެވެ. ދޭތެރެއަކުން ރޭގަނޑު ޑިއުޓީގައި ވެސް ނިދިޖެހޭ ވަގުތު ޑޮކްޓަރުންގެ ރޫމްގައި ރާޒުވާ ކުޅެއެވެ. ކުރިމަތީގައި އެތުރިފައިވަނީ ރާޒުވާގެ ކުޅިބައިކަމުގައި ވިއަސް ފާހިމްގެ ހިތުގައި އޮތީ ހަޔާތުގެ ކުޅިބައި އަތުރާނެ ގޮތެވެ. ދިމްނާ ކާމިޔާބުކުރާނެކަމުގެ ފޮނި އުންމީދެވެ. އެރޭ ކުޅުނު ކޮންމެ ފަހަރަކު ކުޅެގެން މޮޅުވަނީ ފާހިމެވެ.

"މަންމާ. ކޮފީތަށްޓެއް ގެނެސްދީ." ފާހިމްގެ އަޑަށް މަންމަ ކޮޓަރިން ނިކުތެވެ. ފާހިމް ގެއިން ކާނީ މަދުފަހަރަކުއެވެ. ގިނައިން ބޯނީ ކޮފީއެކެވެ. ޑިއުޓީގައި އުޅޭއިރު ގެއަށް އައުމުގެ ބަދަލުގައި ހޮސްޕިޓަލްގެ ކެންޓީނުން ކެއުމުގެ ކަންތައް ހަމަޖައްސައެވެ. ގޭގައި މަންމަ ގާތުގައި ވާހަކަ ދައްކަން އިށީނދެލާ އިރަށް މަންމަގެ ވާހަކަ ގޮސް ނިމޭނީ މީހަކާ އިންނަ ހިސާބުންނެވެ. އެ ދުވަހު ވެސް ވީ އެވަރެވެ. ކޮފީތަށްޓާ އެކު މަންމަ ދުނިޔޭގައި ހުއްޓައި މާމަ ދަރިއަކު ދެކޭން ބޭނުންވާކަމަށް ބުނެފިއެވެ.

އެ ދުވަސްކޮޅު ދިމްނާގެ ފިރިމީހާ ޒުބައިރު ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ. ދޭތެރެއަކުން މީހަކު ޒުބައިރު ކައިރީގައި މަޑުކޮށްލާ އިރަށް ދިމްނާ ބޭރަށް ނިކުމެލައެވެ. ވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭތޯ ފާހިމް ދިޔައީ މަސައްކަތް ކުރަމުންނެވެ. އިއްތިފާގުން ދިމްނާ ބޭރަށް ނިކުންނަ ގަޑިއަކު ފާހިމަށް ވެސް ނިކުމެވެއެވެ. ދެ މީހުން އެކީގައި ކޮފީއަށް ދެއެވެ. އެ ވަގުތުތަކުގައި ފާހިމް، ދިމްނާއަށް ވަރަށް އަޅައިލައެވެ. ނިދުމަށް ބާރުއަޅައެވެ. ރަނގަޅަށް ކާންވާނެކަމަށްބުނެ ނަސޭހަތްތެރިވެއެވެ. މަޑުމަޑުން ދިމްނާއަށް ފާހިމްގެ ރަނގަޅުކަން ވިސްނޭން ފަށައިފިއެވެ. ޒުބައިރާ ފާހިމް އަޅައިކިޔާން ފެށިއްޖެއެވެ. ޒުބައިރަށް ވުރެ ފާހިމްރަނގަޅުވާން ފަށައިފިއެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ. ދިމްނާ ނިކުތީ ޒުބައިރުގެ ގަމީހެއް ނުގެނެވޭތީ ގަމީހެއް ބަލައި ދިއުމަށެވެ. ނިކުތް ގޮތަށް ގެއަށް ނުދެވިގެން ހުއްޓައި ފާހިމް ވެސް ނިކުތެވެ. ދިމްނާގެ ބޯކޮޅު ބަލަމުންނެވެ.

"އަހަނ. ދިމްނާ ކީއްވެ ތިޔަ ހުރީ؟ މިއޮށް ވިއްސާރައިގައި."

"ޒުބައިރުގެ ގަމީހެއް ނުލައި އާދެވުނީ. ކޮންމެހެން ވެސް ޗޭންޖުކޮށްލާން ޖެހިގެން." ދިމްނާ ގޮވައިގެން ގަމީސް ބަލައި ފާހިމްގެ ކާރުގައި ދިޔައެވެ. ފާހިމް ކާރު ދުއްވަން އިނުމުން ކުރީ ސީޓުގައި ދިމްނާ ވެސް އިށީނެވެ. އެ ދުވަހު ފާހިމް ޖަހައިފައި ހުރި ސެންޓުގެ މީރުވަސް ދިމުނާގެ ހިތަށާއި ސިކުނޑިއަށް ފޯރިއެވެ. ބޭރުގައި ފާހިމް މަޑުކޮށްލައިގެން އޮއްވައި ދިމްނާ ގޮސް ގަމީސް ހިފައިގެން އަތުވެއްޖެއެވެ. ދިމްނާއަށް ބަދަލުތަކެއް އަންނާން ފެށީ އެ ދުވަހަށްފަހުއެވެ. ސްޓްރޯކެއް ޖެހިގެން ޒުބައިރުގެ ހޮސްޕިޓަލްގައި އޮންނަތާ ދުވަސްކޮޅެއްވީއެވެ. ދިމްނާއަށް ހޮސްޕިޓަލްގައި ގިނަވަގުތު އިންނާން ޖެހުމުން ބަލިވާން ފަށައިފިއެވެ. ބައެއް ދުވަސް ދުވަހު ބޮލުގައި ރިއްސައެވެ. ނުނިދައި ގިނަ ވަގުތު އިންނާތީކަމަށް ޒުބައިރުގެ ޢާއިލާ އެންމެން ވެސް ހީކުރެއެވެ.

"އެ ފަކީރު އެކަނި ކޮންމެ ރެއަކު ހޮސްޕިޓަލްގައި އެ އިންނަނީ." ދިމްނާގެ މަންމަ އެހެންބުނީ ދިމްނާގެ ބައްޕަގެ ގާތުގައެވެ.

"ޒުބައިރުގެ މަންމައާއި ބައްޕަ ވެސް އެ ތިބީނުން. ކީއްވެ އެ މީހުން ނުތިބެނީ. އަހަރެމެންގެ ދަރި އެހެން އުޅެއުޅެ އެހެރަ ދުވަސް ދަނީ" ދިމްނާގެ ބައްޕަ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

އެ ދުވަސްކޮޅު ދިމްނާ ހުންއައިސް ވަރަށް ބޮޑަށް ބަލިވިއެވެ. އޭރު ޒުބައިރު ބޭރަށް ގެންދާން ވެފައި އާސަންދަ ވެސް ހަމަޖެހިފައި އޮތުމުން ދިމްނާ ބަހައްޓައިފައި އެ ދަތުރު ދާން ނިންމިއެވެ. ޒުބައިރުއާ އެކީ ދިޔައީ ޒުބައިރުގެ ކޮއްކޮއެވެ. އޭގެ އިތުރަށް މަންމައާއި ބައްޕަ ވެސް ދިޔައެވެ. ދިމްނާ ބަލިކަމުން ދިމްނާގެ މަޑުކުރީ މަންމަމެން ގާތުގައެވެ. ޒުބައިރު ފުރި ފަހުން ދެ ދުވަހެއް ފާއިވެއްޖެއެވެ. ދިމްނާ ހުން ވެސް އެއްކޮށް ރަނގަޅުވެއްޖެއެވެ. ދިމްނާ ކުރީ އެކްޓްކަން އެނގޭނީ ޑރ. ފާހިމަށެވެ. ފާހިމް ބުނެގެން ދިމްނާ ބަލިވާން ކެއީ ވެސް ބޭހެކެވެ. އެހެން މީހުން ބޭސް ކަނީ ރަނގަޅުވުމަށެވެ. ފާހިމް ދިން ބޭސް ކައިގެން ދިމްނާ ހުންނަނީ މުޅި ހަށިގަނޑު ހޫނުވެފައެވެ. އެހެން މީހުންނަށް ދެއްކީ ހުން އައިސްގެން ހުރިކަމެވެ.  ޒުބައިރު ޢާއިލާ ރަށުގައި ނެތުމުން ދިމްނާއާއި ފާހިމްގެ ގުޅުން އިތުރުވާން ފަށައިފިއެވެ. އޭގެ އެއް މަސް ވީފަހުން ރަނގަޅުކަމުގައި ގުޅާފައި ބުންޏެވެ. އަދި ވަރަށް އަވަހަށް ރާއްޖެ ދެވޭނެކަމަށް ވެސް ޒުބައިރު ބުންޏެވެ.

ދިމްނާގެ ޙަޔާތުން އައު ސަފުޙާއެއް ހުޅުވައިލީ ޒުބައިރު ފުރައިގެން ދިޔައިމައެވެ. މަންމައާއި ބައްޕަ ގާތުގައި ރޮއިރޮއެފައި ދެއްކީ ޒުބައިރު އަޅައިލުން ކުޑަކަމުގެ ވާހަކައެވެ. އޭނާއަށް ޓަކައި ދިމްނާ ވީ ގުރުބާނީގެ ވާހަކައެވެ. މިހާރު ޒުބައިރު ދެކެ ފޫހިވާ ވާހަކައެވެ. ދިމްނާގެ މަންމައާއި ބައްޕަ ބޭނުންވަނީ ދިމްނާ ބޭނުންގޮތަކަށް ކަންތައް ކުރިއަށް ގެންދިއުމަށެވެ. ދަރީންގެ ދިރިއުޅުމާއި ބެހި ބަސްކިޔާކަށް އެ މީހުން ބޭނުމެއް ނުވެއެވެ. ކޮންމެ ފެށުމަކީ ފުރިހަމަ ފެށުމަކަށް ނުވެދާނެކަމަށް ދިމްނާގެ މައިންބަފައިން ގަބޫލުކުރިއެވެ.

"އެހެން ކުއްޖަކު ފެނިގެން އުޅޭހެން ހާދަ ހީވެޔޭ." ދިމްނާގެ ބައްޕަ ބުންޏެވެ. ދިމްނާ އުޅޭ ގޮތުންނެވެ. އަބަދު ފޯނުން ޓައިޕުކުރާ ތަން އެ މީހުންނަށް ފެނެއެވެ. ޒުބައިރާ، ދިމްނާގެ ގުޅުން ހީނަރުވީ އެ ދުވަސްވަރުއެވެ. އެންމެ ފަހުން ދިމްނާ ޒުބައިރުގެ ގާތުން ވަރިވެއްޖެއެވެ.

އޭގެ ތިންމަސް ފަހުން ޑރ. ފާހިމާއި ދިމްނާގެ ކައިވެނި ކުރެވިއްޖެއެވެ. ފާހިމްގެ ހަޔާތަށް ބަހާރު މޫސުން އަތުވެއްޖެއެވެ. ދިމްނާއަށް ލޯތްބަކީ ކޮބައިކަން އެނގުނީ ފާހިމްގެ ފަރާތުންނެވެ. ޒުބައިރަކީ ކުޑައިރުގެ އެކުވެރިއެކެވެ. ކްލާސް މޭޓެކެވެ. ޒުބައިރު ދެކެ ވެވުނީ ކުލުނާ ހަމްދަރުދީއެވެ. ލޯބިވާ މީހަކު ލިބުމުން ހަޔާތަށް ބަހާރު މޫސުމް އަތުވެއްޖެއެވެ. ރީތި މާތައް ފޮޅޭފަދައިން ދެ ހިތެއްގެ ގުޅުމަކީ ކޮބައިކަން ދިމްނާއަށް ކިޔައިދިނީ ޑރ ފާހިމެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް