Advertisement

ހުރިހައި ކަމަކަށް ވުރެ ހެޔޮކަން ބޮޑު ކަމެއް (1)

26 Jul 2024 | 06:18
މާޔޫސް ނުވާށެވެ!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

މިއަދުގެ ތަހުޒީބީ ރަށްވެހި ދުނިޔޭގައި، ފަންނިއްޔަތުގެ މާޙައުލުގައި ދިރިއުޅޭ ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ހިތްހަމަޖެހުން ނުލިބޭ ވާހަކައެވެ. ކަންބޮޑުވެ ހާސްވާ ވާހަކައެވެ. ދުނިޔޭގެ ފަހަތުން އޭނާއަށް ދުވާންޖެހިފައިވާ ވާހަކައެވެ. ވަގުތު ނެތް ވާހަކައާއި ވަގުތު ފަހަތުން ދުވެގެން ވެސް ލިބޭ ވަގުތުކޮޅު ކުޑަ ވާހަކައެވެ. އީމާންކަމުގެ ފޮނިމީދުވާންކަން ނުލިބޭ ވާހަކައެވެ.

ނަމާދުކުރެއެވެ. އެހެނަސް އަރާމެއް ނުލިބެއެވެ. ޤުރުއާން ކިޔެވޭ އަޑު އިވެއެވެ. އެހެނަސް އެއްވެސް ލައްޒަތެއް ނުލިބެއެވެ. ކީއްވެގެންހެއްޔެވެ!؟

ދާރިސުންނާއި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ ބޮޑު ސަބަބަކީ މުހިންމު މުހިންމަތެއްގެ މަތިން ޣާފިލުވުމެވެ. ކޮން މުހިންމަތެއްހެއްޔެވެ؟ އާދޭހެވެ! އެއީ ނަބީބޭކަލުންގެ މުހިންމަތެވެ. މާތްﷲ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވީ ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ މަގަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. މީސްތަކުންނަށް އިސްލާމްދީނުގެ ހިދާޔަތަށް މަގުދެއްކުވުމަށެވެ. ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((فَواللَّهِ لَأَنْ يَهْدِيَ اللَّهُ بكَ رَجُلًا واحِدًا، خَيْرٌ لكَ مِن أنْ يَكونَ لكَ حُمْرُ النَّعَمِ [1]- ފަހެ ﷲ ގަންދެއްވައި ޙަދީސްކުރައްވަމެވެ. ތިބާއަށް ރަތް ޖަމަލެއް ލިބުމަށް ވުރެ ތިބާ މެދުވެރިކުރައްވައި، ﷲ އެންމެ މީހަކަށް ހިދާޔަތްދެއްވުމުގެ ހެޔޮކަން ބޮޑުވެގެން ވެއެވެ.))

މީސްމީޑިޔާގެ ޒަމާނުގައި މިއީ ވަރަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. ތިބާ މީހަކަށް ދިން ނަސޭހަތެއްގެ ސަބަބުންނެވެ. ތިބާ މީހަކަށް ފޮނުވި ވީޑިއޯ ކުލިޕެއްގެ ސަބަބުންނެވެ. ތިބާ މީހަކާ އެކު ކުރި ހެޔޮ މުޢާމަލާތެއްގެ ސަބަބުންނެވެ. ހިދާޔަތުގެ ވަސީލަތްތައް ވަރަށް ގިނައެވެ.

އިސްވެ ދިޔަ ޙަދީސަކީ ކީރިތި ޤުރުއާނުގެ އެތައް ބަސްފުޅުތަކަކާ އެކު، ވިލަރެސްވެފައިވާ ބަސްފުޅެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((ادْعُ إِلَى سَبِيلِ رَبِّكَ[2]- ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ!))

އެހެން ބަސްފުޅެއްގައި ވެއެވެ. ((وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ[3] - ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.))

ތިންވަނަ ބަސްފުޅެއްގައި ވެއެވެ. ((وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ[4]- اللَّه ގެ حضرة އަށް (އައުމަށް) ގޮވައިލައި، އަދި صالح عمل ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (اللَّهއަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާ މީހަކަށް ވުރެ، ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟))

ﷲގެ މަގަށް ގޮވައިލުމުގެ މާނައަކީ ކޮބައިހެއްޔެވެ؟

އެއީ މި ތަހުޒީބީ ޒަމާނުގެ "ޖާހިލީ" އަނދިރިކަމުގެ ތެރޭގައި އަލިކޮށްދޭ އުށްބައްތިއެކެވެ. އެއީ މީސްތަކުންނަށް ހެޔޮމަގު ދައްކައިދޭ އަލިގަދަ ނޫރެކެވެ. ﷲގެ މަގާ މެދު، ޣާފިލުވެފައިވާ މީހަކީ އެއްވެސް އެއްޗެއް ނުފެންނަ، ކަނު މީހެއް ފަދަ،  މީހެކެވެ. އޭނާ ހިނގައިފައި ދާނީ ކަނު މީހެއް ފަދައިންނެވެ. ދެވޭ ނުދެވޭ މަގެއް ނޭނގި ހުރެއެވެ. ތިބާއަށް ކަނު މީހަކު އަލިފާނުގެ ވަޅުގަނޑެއް ތެރެއަށް ވެއްޓޭން ދާ ތަން ފެނިއްޖެ ނަމަ، ހަދާނީ ކިހިނެއްހެއްޔެވެ؟ ތިބާގެ އިންސާނިއްޔަތުކަން އޭނާ އެ ވަޅުގަނޑަށް ވެއްޓޭން ދޫކޮށްލާން ދުވާން ޖެހޭނެހެއްޔެވެ؟ ތިބާގެ ރަނގަޅު މިޒާޖާއި ޠަބީޢަތު އެ ކަމަށް ދުވާން ޖެހޭނެހެއްޔެވެ؟ އޭނާގެ ދީނާ މެދު، އޭނާގެ ގައުމާ މެދު، އޭނާގެ މަޒުހަބާ މެދު ސުވާލުކުރުމުގެ ކުރީން ތިބާ ދުއްވައިގަންނާނީ އޭނާ އެ ވަޅުގަނޑަށް ވެއްޓުމުގެ ކުރީން އޭނާ ސަލާމަތްކުރާށެވެ. އޭނާއަކީ ރަނގަޅު މީހެއްތޯ ނުވަތަ ނުބައި މީހެއްތޯ ވެސް ތިބާ ނުބަލާނެތެވެ. އެއީ އޭނާއަކީ އިންސާނަކަށް ވާތީއެވެ.

މިއަދު ތިބާއަށް ތިބާގެ ވަށައިގެން އުޅޭ އެތައް އިންސާނުންނެއް މަކަރާއި ޙީލަތް ހަދާ ތަން ފެނެއެވެ. އެ މީހުން ނެތިމޮށުމާއި އާޑަފުރައްސާރަކުރާ ތަން ފެނެއެވެ. ފާޙިޝް ޢަމަލުތަކާއި އޮރިޔާން ފިލްމުތައް ބަލާ ތަން ފެނެއެވެ. މާތްﷲ ޙަރާންކުރައްވައިފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަމުންދާ ތަން ފެނެއެވެ. ނަމާދުނުކުރާ މީހުން ފެނެއެވެ. ޒަކާތް ދައްކާން ޖެހޭ މުއްސަނދީން ޒަކާތް ނުދައްކާ ތަން ފެނެއެވެ. ރޯދަނުހިފާ މީހުން ފެނެއެވެ. ﷲ ޤަބޫލުނުކުރާ މީހުން ފެނެއެވެ. މި ފަދަ މީހުން އުޅެނީ ހަމައެކަނި ފުރަތަމަ ދުނިޔެއެއްގައެއް ނޫނެވެ. ތިންވަނަ ދުނިޔޭގައްޔާއި ހަތަރުވަނަ ދުނިޔެއިން ވެސް ފެނެއެވެ.

ﷲގެ މަގުން ޣާފިލުވެފައިވާ މި ފަދަ މީހުންނަށް އެހީގެ އަތެއް ފޯދުވާންވައިނުދެވޭނެހެއްޔެވެ؟ ނަރަކައިގެ އަލިފާނުގެ ވަޅުގަނޑަކާ ދިމާއަށް ވެއްޓޭން މިދާ މީހުންގެ ތެރެއިން މީހަކަށް ތިބާގެ ސަބަބުން ތެދުމަގު ލިބިއްޖެ ނަމަ އެއީ ކިހައި ބޮޑު ނިޢުމަތެއްހެއްޔެވެ؟ ތިބާއަށް އެ ލިބުނީ "ރަތް ޖަމަލު"އެކެވެ.

އެއީ ކަނު މީހެކެވެ. އޭނާއަށް ޙައްޤެއް ނުފެނެއެވެ. ތިބާ އޭނާއަށް ރަނގަޅުމަގު ދައްކާށެވެ! ޤަބޫލުކުރުމާއި ނުކުރުން އޮތީ އޭނާގެ އަތްމަތީގައެވެ. އޭނާ ތިބާގެ ނަސޭހަތް އަޑުއަހާން ފަށައިފި ނަމަ އޭނާއާ އެކުގައި ކުރިއަށް ދެވޭތޯ ބަލާށެވެ! ތިބާގެ މުހިންމަތު އަދާކުރެވޭތޯ ބަލާށެވެ!

ﷲ ސުބުޙާނަހޫ ވަ ތަޢާލާ، ކައު ރަސޫލާ عليه الصلاة والسلام ރަސޫލުކަމާއިގެން ފޮނުއްވީ ކީއްވެގެންހެއްޔެވެ؟ އަރަހުށި ﷲ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا*وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُنِيرًا[5]-އޭ ނަބިއްޔާއޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކުކަމުގައްޔާއި (مؤمنންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافرންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި اللَّهގެ دينއަށް، އެކަލާނގެ أمرފުޅާ އެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކުކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއް ފަދަ ބޭކަލަކު ކަމުގައެވެ.))

އިސްލާންދީން ބާވައިލެއްވީ ޙައްޤު މަގު ގެއްލިފައިވާ މީހުންނަށް ހިނގާންވީ މަގަށް އަލިކޮށްދޭ ވޮށެއްގެ ގޮތުގައެވެ. އެ މީހުންނަށް ހިދާޔަތު ލިބި ސުވަރުގެ ވަނުމަށް ޓަކައި ދަތުރުކުރާން ވީ މިސްރާބު ދެއްކެވުމަށް ޓަކައެވެ.

ލޮބުވެތި ރަސޫލާ ﷺ މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު، އިސްލާންދީން އުނގަނާދެއްވާން ޔަމަނަށް ފޮނުއްވަމުން ކުރެއްވި ވަޞިއްޔަތްޕުޅުގެ ތެރޭގައި އައިސްފައިވާ ބަސްފުޅެއް ބުނާ ގޮތުގައި ((لَأَنْ يَهْدِيَ اللهُ عَزَّ وَجَلَّ عَلَى يَدَيْكَ رَجُلًا خَيْرٌ لَكَ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ وَغَرَبَتْ[6] - ﷲ ޢައްޒަ ވަ ޖައްލަ ތިބާގެ އަތް މަތިން މީހަކަށް ތެދުމަގު ދެއްކެވުމަކީ ހަމަކަށަވަރުން މި ދުނިޔެ މައްޗަށް އިރުއަރައި އިރުއޮއްސުނު ކޮންމެ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑު އެއްޗެކެވެ.))

ރަސޫލާ ﷺ ޢަލީގެފާނަށް މި ކުރެއްވި ވަޞިއްޔަތަކީ މުޅި އިސްލާމީ އުންމަތަށް ކުރެއްވި ވަޞިއްޔަތެކެވެ. އިސްލާމީ ދަޢުވަތުގެ މުޅި މަޤްޞަދަކީ އިންސާނިއްޔަތަށް ހިދާޔަތު ދެއްކުން ކަމުގައި ވާތީއެވެ. ހިދާޔަތުގެ މާނައަކީ އިރުޝާދުދިނުމާއި މަގު ދެއްކުމެވެ. އެހެނީ ހިތްތަކަށް ހިދާޔަތު ދެއްކެވުމަކީ ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ޚާއްޞަ ކަމެކެވެ. އެއީ އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ[7] - ހަމަކަށަވަދުވާންން، ކަލޭގެފާނު އެދިވަޑައިގަންނަވާހައި މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.))  ﷲގެ މަގަށް ގޮވައިލުމަކީ ޢިލްމުވެރީންގެ މައްޗަށް އޮތް ޢައިނިއްޔަ ފަރުޟެކެވެ. މާތް  ﷲ ވަޙީކުރެއްވިއެވެ. ((فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُوا۟ فِى ٱلدِّينِ وَلِيُنذِرُوا۟ قَوْمَهُمْ إِذَا رَجَعُوٓا۟ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ[8] - ފަހެ، އެއުރެންގެ ތެރެއިން ކޮންމެ قبيلةއަކުން ބަޔަކު ހަނގުރާމަޔަށް ނުކުތް ނަމަ ކިހައި ރަނގަޅުހޭ؟ (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) دين އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ قومގެ މީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެ ހިނދު، އެއުރެންނަށް إنذارކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށް ޓަކައެވެ.))

ދީނަށް ގޮވައިލުމަކީ ޢާންމުންގެ ޙައްޤުގައި ކިފާޔަތުގެ ފަރުޟެކެވެ. އެމީހުންގެ ކިބައިގައި ހުރި ޤާބިލުކަމަކާއި ކެރިކުޅަދާނަ ކަމެއްގެ ނިސްބަތުންނެވެ.

ދީނަށް ގޮވައިލުމުގެ ވަސީލަތްތައް ވަރަށް ގިނައެވެ. ވަރަށް ސިންދަފާތު ވެސް މެއެވެ. ޙާލަތަށާއި ތަނަށާއި ޝަޚުޞަށް ބަލާ އިރުއެވެ. ދީނަށް ގޮވައިލުމަށް ޓަކައި ފައިސާއަށް ވުރެ ބޮޑަށް ބޭނުންވަނީ ރިވެތި އަޚުލާޤަށާއި ރިވެތި ނަމޫނާއަށެވެ. ހިތްހެޔޮ މުޢާމަލާތަށާއި ހިނިތުންވެފައިވާ މޫނަށެވެ. އެ ކަމުގެ ޝަރުޠުތަކުގެ ތެރޭގައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއި ޢިލްމާއި ހުނަރާއި، މަޑުމައިތިރިކަމާއި އޯގާވެރިކަން ވެއެވެ. ﷲ ތަޢާލާ އަންގަވަނީ ((ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ[9] - حكمةއާއި، ރިވެތި وعظއާ އެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدلކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގު ލިބިގެންވާ މީހުން ވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.))

(ނުނިމޭ)

މަރުޖިޢުތައް:

[1]  -  أخرجه البخاري (٤٢١٠)، ومسلم (٢٤٠٦)

[2]  - النحل:125  

[3]  - - آل عمران:104

[4]  - فصلت:33

[5]  - الأحزاب:45-46

[6]  - المعجم الكبير (930) و المستدرك ( 3 / 598 ) و مجمع الزوائد (5 / 334 )

[7]  - القصص :  56

[8]  - التوبة : 122

[9]  -  النحل : 126

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް