Advertisement

ތުރުކީވިލާތުން އިސްލާމީ އުންމަތް ހަމަމަގަށް އަޅުވަނީ!

25 Jul 2024 | 06:13
ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން (ވ) އަދި ބޮޑުވަޒީރު ޙަކާން ފިދާން: މިއީ ފިދާން، ރޫސީ ވިލާތުގެ ޖާސޫސީ އިދާރާގެ ވެރިޔަކަށް ހުންނެވި އިރުގެ ފޮޓޯއެކެވެ. (ފައިލްފޮޓޯ/ޙުއްރިއްޔަތު ޑެއިލީ ނިއުސް)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތުރުކީވިލާތް ލާދީނީ ނިޒާމަށް ބަދަލުކޮށްލި މުޞްޠަފާ ކަމާލުބާޝާ (އެމީހުން ކިޔާ ގޮތުންނަމަ އަތާ ތުރުކް) އެ ގައުމުގެ ވެރިކަމަށް އަތްގަދަކުރީއްސުރެ، އެ ގައުމުން އައީ އިސްލާމް ދީނާ ދުރަށް ފިޔަވަޅު އަޅަމުންނެވެ. ޢަރަބި ބަހާއި ޢަރަބި ސަގާފަތާއި އިސްލާމްދީނާ ދުރަށް ޖައްސަމުންނެވެ. މިސްކިތަތައް މަދުކޮށް ފައްޅިތައް އިތުރުކުރަމުންނެވެ. ބައެއް މިސްކިތް ފައްޅިއަށް ބަދަލުކުރަމުންނެވެ. އިސްލާމް ދީން ކިޔެވުމުގެ މަގުތައް ހަނިކޮށް ބަންދުކުރަމުންނެވެ. މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރަމުން މަދުކުރަމުންނެވެ.

މި ގޮތުގެ މަތީން މި ފަހުގެ ތާރީޚަށް އައި އިރު، އެ ގައުމުގެ މީހުން ތިބީ ހެޔޮކޮށް ޢަރަބި މަޚުރަޖުތައް ވެސް ކިޔާން ނޭނގޭ ފަދަ ޙާލަތެއްގައެވެ. ދިފާއީ ބާރުތަކުގައި އޮތީ އިސްލާމް ދީނާ ދެކޮޅު ލާދީނީ ފިކުރުތަކެވެ.

ޖާހިލުކަން ޢާންމުވުމުން މާތް ﷲގެ ފަޟުލުވަންތަވެރިކަމުން މީސްތަކުންނަށް ހެޔޮމަގަށް މަގުދައްކަވާނޭ އެހީތެރިޔަކު (މަހުދީއަކު) ފާޅުކުރެއްވުމަކީ ﷲގެ ރަޙުމަތެވެ. މި ގޮތުގެ މަތީން މި ޒަމާނުގައި ތުރުކީވިލާތުން މި ވަނީ އިސްލާމް ދީނާއި މުސްލިމުންނާ ގާތްވާން މަސައްކަތް ފަށައިފައެވެ. ކީރިތި ޤުރުއާނާއި އިސްލާމް ދީނަށް ލޯބިކުރައްވާ ރަޖަބު ޠައްޔިބު އުރުދުޣާން ތުރުކީވިލާތުގެ ޒަޢާމަތާ ޙަވާލުވެވަޑައިގަތީއްސުރެ، އިސްލާމް ދީން ކުރިއަރުއްވާން ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާން ފެއްޓެވިއެވެ. މި މަސައްކަތްޕުޅުގެ ތެރެއިން ބައެއް ފައްޅިތައް އަލުން މިސްކިތްތަކަށް ބަދަލުކުރެއްވުމުގެ ކާމިޔާބު މަސައްކަތްޕުޅުތަކެއް ވެސް ވަނީ ކުރައްވައިފައެވެ. އިސްލާމީ ތަޢުލީމުގެ ފުރުޞަތު ވަނީ ފަހިކުރައްވައިފައެވެ.

މިހާރު މި ވަނީ އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރައްވާން ތުރުކީވިލާތުން މަސައްކަތް ފަށައިފައެވެ. ތުރުކީވިލާތުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު ޙަކާން ފިދާން، މި ހަފުތާގެ ބުދަ ދުވަހު (އިއްޔެ) "ސްކައި ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ސޫރިޔާއާއި މިޞްރު ވެސް ހިމެނޭ ގޮތުން ޢަރަބި ޤައުމުތަކާ އެކު، ބަދަހި ގުޅުމެއް ގާއިމުކުރައްވާން ތުރުކީވިލާތް ކަށަވެތިކަމުގައެވެ. އަދި އޭނާ ގޮވައިލައްވައިފައިވަނީ ސަރަޙައްދީ އެއްބައިވަންތަކަމަށް ޓަކައި ވަރުގަދަ ގިޔުގަނޑެއް ޣާއިމުކުރާށެވެ.

ޚާރިޖީ ވަޒީރުގެ ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ކޮންމެ ފެންވަރެއްގައި ވެސް ދިމިޝްޤާއެކު ވާހަކަތައް ފަށާން އަންކާރާ އޮތީ ތައްޔާރަށްކަމަށެވެ. މި އިސްނެގުމުގެ ތެރެއިން މިހާރު މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީއަށް މަރުޙަބާ ދަންނަވާން އޭނާގެ ގައުމުން ގެންދަވަނީ ތައްރުވަމުންކަމަށެވެ.

ޣައްޒާގައި މިހާރު އިސްރާއީލުން ހިންގަމުންގެންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެންނާން ޢަރަބި ގައުމުތަކުން ކުރާ މަސައްކަތްތަކަށް ފިދާން ވަނީތަޢުރީފުކުރައްވައިފައެވެ. އެހެންނަމަވެސް "ދެދައުލަތުގެ ޙައްލު" ތަންފީޒު ނުކޮށް ޙައްލުހޯދާން ކުރާ މަސައްކަތަކުން މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދުވަހަކު ވެސް ޙައްލެއް ނާންނާނެކަމަށާއި މި ފަދަ ކަމަކަށް އެނާގެ ގައުމު ތާއީދު ނުކުރައްވާނޭކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެންގެ އުޚުއްވަތްތެރި ޢަރަބީންނާ އެކު އޮންނަ ގުޅުން ހަގީގަތުގައި ވެސް ވަރަށް މަތީ ދަރަޖައަކަށް މިހާރު ވާޞިލުވެއްޖެއެވެ. [ކުދިކުދި] ޚިޔާލު ތަފާތުވުންތަކަކީ އާދައިގެ ކަމެކެވެ. ނަމަވެސް މި ފަދަ މި ތަފާތުތައް ޚާއްޞަ އިސްތިރާޖީ އޮނިގަނޑެއްގެ ތެރެއިން ޙިކުމަތްތެރިކަމާއެކު ބަލަހައްޓާން ގައުމުތަކަށް އެނގޭންވާނެއެވެ." ފިދާން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ތުރުކީވިލާތުން ބޭނުންވަނީ ތަފާތު ހަމަނުޖެހުންތައް، ޚާއްޞަކޮށް ސަލާމަތީ ގޮތުން ހުންނަ ނުރައްކާތައް ނައްތައިލެވޭ ފަދަ ގޮތަކަށް ވަރަށް މަތީ ދަރަޖައަކަށް ގެންނދެވޭ ފަދަ ގޮތަކަށް އެއްބައިވަންތަކަމާއި ގުޅުންތައް ތަރައްގީކުރާނެ މެކެނިޒަމެއް، އުސޫލެއް އުފައްދާށެވެ. މި ސަރަހައްދުގައި ހުރި ސަލާމަތީ މައްސަލަތައް އޭގެ މުލުން ފެށިގެން ޙައްލުކުރާނެ ތަޞައްވުރެއް އަޅުގަނޑުމެންގެ އެބަ އޮތެވެ. ޚާއްޞަ ގޮތެއްގައި ޢަރަބި ޤައުމުތަކާއެކު ބަދަހި، ވަރުގަދަ އިއްތިޙާދެއް އުފެއްދުން ހިމެނެއެވެ."

"ސަރަހައްދީ ސަލާމަތާ ބެހޭ އެއްބާރުލުމުގެ އޮނިގަނޑެއް އުފެއްދުމުގެ ސީރިއަސް ތަޞައްވުރެއް އަޅުގަނޑުމެންގެ އެބަ އޮތެވެ. ސަރަހައްދީ އެއްބާރުލުން އިތުރުކުރެވިއްޖެ ނަމަ، ގައުމުތަކުގެ މެދުގައި އެ އިތުރުކުރެވެނީ އިތުބާރާއި ޔަގީންކަމެވެ. އޭރަކުން ސަރަހައްދުގައި ބަލިކަށި ނުކުތާތަކެއް ނުހުންނާނެއެވެ."

ލީބިޔާއާއި ސޫރިއާގެ އަހުލީ ހަނގުރާމައާއި މެދުއިރުމަތީގެ ތަފާތު ހަމަނުޖެހުންތަކުގެ ސަބަބުން އެކި ގައުމުތަކުގެ ވިސްނުމާއި ތަޞައްވުރު ތަފާތުވެފައިވާތީ، ޢަރަބި ދުނިޔޭގެ މުހިންމު ގައުމުތަކާ އެކު، ތުރުކީވިލާތުން ބާއްވާ ގުޅުންތަކަށް ވޭތުވެ ދިޔަ ދަހަރުތަކުގައި ވަނީ ހީނަރުކަން އައިސްފައެވެ. ނަމަވެސް ހީނަރުވެފައިވާ ގުޅުންތައް މި ދިޔަ މަދު އަހަރުތަކުގެ ތެރޭގައިވަނީ އާދަޔާ ޚިލާފަށް ބަދަހިވެފައެވެ.އެއީ ދީބުލުމާސީ ގުޅުންތަކާއި އިގުތިޞާދީ އެއްބާރުލުމުގެ ތެރެއިންނެވެ.

ސަރަހައްދީ ސަލާމަތްތެރިކަމުގެ ކަންބޮޑުވުމާއި އިގުތިސާދީ ލަނޑުތަނޑިތައް ޙައްލުކުރުމުގެ ވިސްނުންފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންގެ އިސްނެގުމުގެ މަތީން ފެއްޓެވި މާގައެކެވެ. މި މާގައިގެ ތެރެއިން ހިފެހެއްޓިފައި ހުރި ދީބުލުމަސީ ގުޅުންތައް އަލުން ގާއިމުކުރުމާއި މަތީ ފެންވަރުގެ ޒިޔާރަތްތަކާއި ވުނައާއި ވުނަދާނައިގެ އެއްބަސްވުންތައް ގާއިމުކުރުމުގެ ތެރެއިން ސިޔާސީ އަދި އިގުތިސާދީ އިއްތިހާދެއް އެ ސަރަހައްދުގެ ބާރުގަދަ ގައުމުތައްކަމަށްވާ އެކުވެރި ޢަރަބު އިމާރާތާއި ސުޢޫދީ ޢަރަބިއްޔާއާއި މިޞްރު ފަދަ ގައުމުތަކާއެކު ވަނީ ގާއިމުކުރެވިފައެވެ

"މި ސަރަހައްދުގެ ގައުމުތައް އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތުކުރުން އިތުރުވަމުން އަންނަތަން އަޅުގަނޑުމެންނަށް ފެނެއެވެ. ބިނާކުރަނިވި ސިޔާސަތުތައް ކުރިމައްޗަށް ހުށަހެޅޭތަން އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. ސަރަހައްދުގެ ތަރައްގީއަށް ޓަކއި ހުޅުވިފައިވާ މަގެއް އަޅުގަނޑުމެންނަށް އެބަ ފެނެއެވެ.

މި ސިޔާގުގައި ތުރުކީވިލާތުން ވަނީ މި ކަމަށް ބޭނުންވާ ބިނާކުރަނިވި ހުރިހައި ދައުރެއް އަދާކުރާން ޢަޒުމުކަނޑައަޅައިފައެވެ." ޚާރިޖީ ވަޒީރު ފިދާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި އެކުވެރި ޢަރަބު އިމާރާތާ މެދުމެދު އޮތީ އެންމެ މަތީ ދަރަޖައިގެ ގުޅުމެކެވެ. އެއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ސަހައްދުގައި އުފެދޭ ކާރިސާތަކާއި ހަމަނުޖެހުންތައް ޙައްލުކުރާން ކުރެވޭ މަޝްވަރާތައް އަބަދުވެސް ކުރިއަށް ދެއެވެ. ޚާއްޞަކޮށް ސޯމާލިޔާއާއި ސޫދާނާއި ލީބިޔާ ފަދަ އުތުރު އެފުރިކާގެ ގައުމުތަކުގެ މެދުގައި ހުންނަ މި ބާވަތުގެ މައްސަލަތައް ޙައްލުކުރުމާ މެދު މަޝްވަރާކުރެވެއެވެ. އަޅުގަނޑުމެން އަބަދުވެސް ބަލަމުން ގެންދަނީ މި ބާވަތުގެ މައްސަލަތައް މަޝްވަރާކޮށްގެން ޙައްލުކުރާށެވެ."

ބައެއް ލަފުޒުގެ މާނަ:

ކަށަވެތި    ނއ.    ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި.

ދަހަރު     ނ.     ދިހަ އަހަރު

Advertisement

ކޮމެންޓް