Advertisement

ދިވެހީންގެ އަސްލު ވަޒަންވެރީން އައީ ވަކި ގައުމަކުންކަމަށް ކަނޑައެޅުމަކީ ސާބިތު ގޮތެއްގައި އަދި ކުރެވޭކަށް އޮތް ކަމެއް ނޫނެވެ.

24 Jul 2024 | 16:16
ދިވެހި ރާއްޖޭގެ އަސްލު ވަޒަންވެރީން އައީ ކޮން ތާކުންކަމެއް ސާބިތު ގޮތެއްގައި އެނގޭކަށް އަދިއެއް ނެތެވެ. (ފައިލް ފޮޓޯ)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮޅުންބޮޅުންވެފައިވާ އެއްޗެކެވެ. ދިވެހީން، މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާކަމާ އެކު، ނުވަތަ ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު، ހުރީ ވީރާނާވެފައެވެ. ބައެއް ތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާ އެކު، ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބިއެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބިދާނެ ބައެއް ދިމަދިމާއަށް އަޅުގަނޑުމެންގެ ވިސްނުން މިޞްރާބުކުރެވޭތޯ މަސައްކަތެއްކުރަމާ ހިންގަވާށެވެ!

ދިވެހިރާއްޖެއަކީ އެފުރިކާއާއި އޭޝިޔާއާ ދެމެދުގައި ދިވެހި ކަނޑު (އިންޑިއާ ކަނޑު)ގެ މުހިންމު އިސްތިރާޖީ ނުކުތާއެއްގައި އޮންނަ ޤައުމެކެވެ. މި ސަބަބަށްޓަކައި، ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވަނީ އިންޑިއާ ކަނޑު ހުރަސްކޮށް އުތުރުކަރަ (އިންޑިއާ)އަށް ނާފަހަރުގައި މީހުން ދަތުރުކުރާން ފެށީއްސުރެ ދިވެހިރާއްޖޭގައި ދިރިއުޅޭން ފަށައިފައިވާނޭކަމުގައެވެ. އަދި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީ ދުވަސްވަރެއް އެނގިއްޖެ ނަމަ، އިންޑިއާ ކަނޑުގައި މީހުން ދަތުރުފަތުރުކުރާން ފަށައިގަތް ދުވަސްވަރެއް ވެސް އެނގޭނެއެވެ.

ދިވެހީންގެ އަސްލު ވަޒަންވެރީންނަކީ ކޮން ބަޔެއްކަމެއް ސާބިތު ގޮތެއްގައި އެނގޭކަށް ނެތެވެ. (ފައިލް ފޮޓޯ)<br>

އޮޅުދޫކަރައިގެ ނުވަތަ ސިލޯނުގެ (މިހާރުގެ ނަމުންނަމަ ސްރީ ލަންކާގެ) އެންމެ މުހިންމު ތާރީޚީ، އެއް ފޮތްކަމުގައިވާ "މަހަވަންސާ"ގައި ވާ ގޮތުން މީލާދީ ސަނަތުގެ 500 އަހަރު ކުރީން އުތުރު އިންޑިއާގެ އަމީރެއްކަމުގައިވާ ވިޖެޔާ އޮޅުދޫކަރަޔަށް ވަޑައިގަތް އިރު، އެ މަނިކުފާނުގެ މީހުން ދަތުރުކުރި ނާތަކުގެ ތެރެއިން ނަވެއް ދިވެހިރާއްޖެއަށް އައެވެ. "ފިރިހެން ކުދީންގެ ނާ ދަތުރުކުރީ ނަގަދީޕާ (ލަންކާ)އަށެވެ. އަންހެންކުދީންގެ ނާ ދަތުރުކުރީ މަހިލާވްދިވީޕިކާ (ދިވެހިރާއްޖެ)އަށެވެ. މިއީ ތާރީޚީ ފުލޯކު ވާހަކައެއް ނަމަވެސް  "މަހަވަންސާ"އަކީ ސިންގަޅައިންގެ ވެއްދާއިންނާއި ބުރަހުމަނުންގެ އަތްއަތް މަތީން ލިޔެ ރައްކާކޮށްފައިވާ (އަޅުގަނޑުމެންގެ ރާދަވަޅި ފަދަ ތާރީޚީ) ފޮތެކެވެ. އެހެންވީމާ މި ފޮތުގައި ލިޔެފައިވާ މި ފަދަ ފުލޯކު ވާހަކަތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ނަސީމާ މުޙައްމަދު (2007) ވެސް ދެކެވަޑައިގަނެއެވެ.

ސިންހަޕްރަ (ގުޖްރާތު) ރަސްގެފާނުގެ ދަރިކަލުން (އަމީރު ވިޖެޔާ)ގެ ޢަމަލުތަކާ މެދު، އެ ރަދުން ކޯފާ އިސްކުރައްވައި، އަމީރު ވިޖެޔާއާއި އެ މަނިކުފާނުގެ އެކުވެރީންގެ ތެރެއިން 700 ވަރަކަށް ބޭފުޅުންނާ އެކު، [ގައުމުން ބޭރަށް] ފޮނުއްވައިލެއްވީކަމަށާއި މިއީ އަމީރު އަމިއްލަފުޅަށް ވަޑައިގަތް ވަޑައިގަތުމެއް ނޫންކަމަށް ނަސީމާ މުޙައްމަދު (2007) ބުރަވެވަޑައިގަތެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑިޔާގެ ގުޖުރާތު ސަރަހައްދަކީ އިންދޫސް ވާދީ ރަށްވެހިކަމުގެ އަސަރު ވެސް އެ ހިސާބުގަނޑަށް ފޯރައިފައިވާ، ތަރައްޤީއާއި ރަށްވެހިކަމުގެ ނާރެހެކެވެ. މި ސަރަހައްދުގެ ރަސްކަލުންގެ ޢިއްޒަތްތެރިކަމާއި ހައިބަތަށް ވިސްނާ އިރު، ރަސްގެފާނުގެ ދަރިކަލުން ރަސްމީ ޢިއްޒަތުގައި އަރުވައިލެވޭ އިރު، 700 ބޭފުޅުން އެންމެ ދެ ނަވަށް ބައްސަވައިލައްވައިގެން ދަތުރުފުޅު އިންތިޒާމު ކުރައްވައިފައިވާތީ އެ ނާފަހަރުގެ ބޮޑުކަމާއި ފުރިހަމަކަން އަންދާޒާކޮށްލާކަށް އުނދަގުލެއް ނޫނެވެ.

އިންޑިޔާގެ ގުޖްރާތު ސަރަހައްދުން ފުރައިގެން ރިޔާ ނެގި އުޅަނދެއްގައި ދަތުރުކުރާ ބަޔަކަށް އޮޅުދޫ ކަރަޔަށް ދިޔުމަށްވުރެ ދެ މޫސުމުގައި ވެސް ފަސޭހަވާނީ ރާއްޖެއަށް ދަތުރުކުރާށެވެ. އެހެނީ އާންމު ގޮތެއްގައި ވައިޖެހެނީ ހުޅަނގާއި އިރުން ކަމަށްވާތީ ކޮންމެ މޫސުމެއްގައި ވެސް އުތުރުން ދެކުނަށް ދަތުރުކުރުން ފަސޭހަވާނެތީއެވެ.

"ދިވެހި ތާރީޚަށް އައު އަލިކަމެއް"ގައި ބަޔާންކޮށްފައި ވާ ގޮތުން މީލާދުގެ ކުރީގެ ފަސްވަނަ ނުވަތަ ހަވަނަ ޤަރުނުގައި ސިލޯނުން (ސްރީލަންކާއިން) ރާއްޖެއަށް ފުރަތަމަ އައީ ޢާރިޔަނުންނެވެ. އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖެއަށް ފުރަތަމަ އައީ ޢީސާގެފާނުގެ ކުރީގެ ފަސްވަނަ ނުވަތަ ހަ ވަނަ ޤަރުނުގެ ތެރޭގައި ސިލޯނުން ޢާރިޔަނުން އައި ދުވަސްވަރު އޭގެ މީހުންނެވެ. (ޢާރިޔަނުންނަކީ  ވަރަށް އިހު ޒަމާނުއްސުރެ އެއް އުޞޫލެއްގެ މައްޗަށް ބިނާކޮށްފައިވާ ބަސްތަކަކުން ވާހަކަދައްކާ ބަޔެކެވެ. މިބައިމީހުންނަކީ ދުނިޔޭގެ ވަރަށް ގިނަ ދިމަދިމާއަށް ފެތުރިގެން ދިޔަ ބަޔެކެވެ.) ނުވަތަ ހަމަ ސީދާ ސިންގަޅައިންނެވެ. މިއީ މި ޒަމާނުގައި ޝައްކުކުރާން ތަން ލިބިގެންވާ ތަނެއް ނޫނެވެ." (ދިވެހި ތާރީޚަށް އައު އަލިކަމެއް (1990) ޞަފުޙާ 36) މި ވާހަކައަކީ ޚާއްޞަ ދިރާސާއެއްގެ އަލީގައި ބަޔާންކޮށްފައި އޮތް ވާހަކައަށް ވުރެ ބޮޑަށް ވައްތަރީ ހީއެއްގެ މައްޗަށް ފާޅުކޮށްފައިވާ ޚިޔާލެއްކަމުގައެވެ. އެހެނީ މި ވާހަކަ ސާބިތުކޮށްދޭނޭ ހެތްކެއް ބަޔާންކޮށްފައެއް ނުވެއެވެ.

ދިވެހީންގެ އަސްލު އައީ ސިލޯނުންކަމެއް ސާބިތު ގޮތެއްގައި އެނގޭކަށް ނެތެވެ. (ފައިލް ފޮޓޯ)<br>

ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ ސިލޯނު މަގުންކަމަށް ވުމީ ވަރަށް އެކަށީގެން ނުވާކަމެކެވެ. ސަބަބަކީ އެބައިމީހުންނަކީ ކުރީ ޒަމާނުގައި ކަނޑުދަތުރުފަތުރުކޮށް އުޅުނު ބަޔެއްކަން ތާރީޚީ ގޮތުން އެނގޭން ނެތުމެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވާނީ ސިލޯނަށް ވެސް ޢާރިޔަނުން ދިޔަ ދުވަސްވަރު ހަމަ އިންޑިއާ މަގުންނެވެ. މިއީ ވެސް ހަމަ ލަފާކުރުމެކެވެ. އެހެނީ ރާއްޖެއަށް ޢާރިޔަނުން އައީ ސިލޯނު މަގުން ކަމަށް ވާނަމަ، މި ވާހަކަ މަހަވަންސާގައި ބަޔާންކޮށްފައި އޮތީހެވެ. ނަސީމާ މުޙައްމަދު (2007) ވެސް ބޮޑަށް ބުރަވެވަޑައިގަންނަވަނީ މި ޚިޔާލަށެވެ.

ސްރީލަންކާގެ އާސާރީ ލިޔުމެއް ކަމަށްވާ ދީޕަވަންސާ (400 މކ) ގައި ވެސް ދިވެހިރާއްޖޭގެ ވާހަކަ "ގަސްގަހާގެހި ގިނައިން ހެދިފައިވާ 'ގިރި' ނަމަކަށް ކިޔާ ރަށެއް"ގެ ގޮތުގައި ސިފަކޮށް އެ ވާހަކަ ގެނެސްފައިވެއެވެ. މިއީ ތާރީޚީ ނާޑުކަތާއެއް ކަމަށް ވިޔަސް މީލާދީ ސަނަތުގެ ކުރީން ވެސް ދިވެހިރާއްޖެއަކީ ލިޔުންތެރީން ދަންނަ، މީހުންނަށް އެނގޭ ޤައުމެއްކަން މި ވާހަކައިން ވެސް ދޭހަވެއެވެ.

ދިވެހި ތާރީޚާ ބެހޭ މުހިންމު ގިނަ މަޢުލޫމާތު ލިބޭ އެއް ވަސީލަތަކީ އެޗް ސީ ޕީ ބެލްގެ މޮނޮގްރާފު(1940)ކަމަށް ބެލެވެއެވެ. މި ފޮތުގައި ވެސް ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ މީލާދީ ސަނަތުގެ ކުރީންކަމަށް ބަޔާންކުރައްވައިފައިވެއެވެ. އެކަމަކު ޢާރިޔަނުން ރާއްޖެ އައީ ލަންކާއިންކަމެއް ނުވަތަ އިންޑިއާއިންކަމެއް ބެލް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

ޢީސާއީ ސަނަތުގެ ކުރީން ދިވެހިރާއްޖެއަށް އާރިޔަނުން އައިކަމަށާއި އެ މީހުންގެ ތެރޭގައި ޑްރެވީޑިއަނުން ހިމެނޭކަމަށް ޙަބީބާ ޙުސައިން ޙަބީބު (ތާރީޚަށް އަވަސްކަޅިއެއް (ޞަފުޙާ 2))ގައި ބަޔާންކުރައްވައިފައިވެއެވެ. މިއީ އެޗްސީޕީ ބެލްގެ ލިޔުއްވުމުގެ އަލީގައި ލިޔުއްވައިފައިވާ ލިޔުއްވުމެއްކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލްމަސްޢޫދީ ލިޔުއްވައިފައިވާ "މުރޫޖުއްޛަހަބް"ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚާ ބެހޭ ވާހަކަތައް ގެންނަވައިފައި ވިޔަސް، ރާއްޖޭގައި ވަޒަންވެރިވީ ކޮން ދަރިކޮޅަކުން އައި ބަޔެއްކަމާއި، ރާއްޖެ އާބާދުވި ދުވަހަކާއި ރާއްޖޭގެ ވެރިކަމަށް ވީ މުއްދަތު ފަދަ މަޢުލޫމާތެއް އެ ފޮތުގައި ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ.

އިންޑިއާގެ ސަގާފަތާއި ދިވެހީންގެ ސަގާފަތަކީ ތަފާތު ދެ ސަގާފަތެކެވެ.<br>

މުޙައްމަދު އަމީން ("ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު"، (1978)، ޞ 21 ން 22 އަށް) ބަޔާންކުރައްވައިފައިވަނީ "މިހާ ތަނަށް ކުރެވިފައިވާ ތަޙުޤީޤުތަކުން އަޅުގަނޑުމެންނަށް ޔަޤީންވާން އުޅެނީ ކޮންމެވެސް ޒަމާނެއްގައި ސިލޯނުން ސިންގަޅަ ބަޔަކު ދިވެހިރާއްޖެއަށް އައިސް ރާއްޖެ ޢިމާރާތްކުރިކަމެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަސްވަރާ ގާތް ދުވަސްވަރެއްގައި އެ ބަޔެއްގެ ވެރިކަން ދިވެހިރާއްޖޭގައި ދެމި އޮތްކަމެވެ."

މުޙަންމަދު އަމީނުގެ މި ޚިޔާލުފުޅަކީ ސާބިތު ހެތްކެއްގެ މައްޗަށް ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއް ނޫނެވެ. އަދި އެ ގޮތަށް އަމީންގެ ވިސްނުންފުޅު ހުރިކަމަށް ވިޔަސް އެ ގޮތަށް އެ މަނިކުފާނަކަށް ވެސް ސާބިތެއްނުވެއެވެ. "އަޅުގަނޑުމެނންނަށް ޔަޤީންވާން އުޅެނީ"އޭ ވިދާޅުވެފައިވުމުން ޔަޤީންނުވާކަމާއި އެ ގޮތަށް ސާބިތުނުވާކަން ކަނޑައެޅިގެން ދޭހަވެއެވެ.

ދިވެހިރާއްޖޭގެ އަޞްލު ވަޒަންވެރީންނަކީ ކޮންތާކުން ކޮން އިރަކު އައި، ކޮން ބަޔެއްކަން އަދި ސާބިތުވެފައި ނުވިޔަސް ގަބޫލުކުރެވޭ ހަގީގަތްތަކެއް ވެސް އެބަހުއްޓެވެ. އެއީ ކޮންމެ ބަޔަކު ނަމަވެސް އެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފަހު، އެ ބަޔަކީ ދީވީން(ދިވެހީން)ކަމެވެ. އަދި އެ ބަޔަކީ އެހެން ޤައުމަކާ ނުގުޅި އެހެން ޤައުމެއްގެ ބަޔެއްގެ ގޮތުގައި ނުހިމެނި، އަމިއްލަ ވެރިކަމެއް ޤާއިމުކޮށްގެން އަމިއްލަވަންތަކަމާއި އަމިއްލަ ފުދުންތެރިކަމާ އެކު، އުޅެމުން ގެންދިޔަ ބަޔެއްކަމެވެ. މި ގޮތަށް "ދީވީން" އުޅެމުން އައި އިރު، އެ ބައިމީހުންގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކުގެ ވެރީންނާއި  އަދި އެ ދުވަސްވަރު އިންޑިއާ ކަނޑަށް ބާރު ފޯރުވައިގެން އުޅުނު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވެރީންނާ އެކު، "ދީވީން"ގެ ރަސްރަސްކަލުން ގެންދެވީ އެކުވެރިކަން ދަމަހައްޓަވަމުންކަމެވެ. ފެށުނީއްސުރެ ރާއްޖޭގައި ހަރުދަނާ ރަސްކަމެއް ފެށި އެ ރަސްކަން ދެމިގެން އައިކަމެވެ. މި ކަންކަން ސާބިތުވެއެވެ. ދިވެހީންނަކީ އަމިއްލަވަންތަ މުސްތަގިއްލު ވެރިކަމެއް ކުރަމުން އަންނަ ބަޔެއްކަން ސާބިތުވެއެވެ.

މީލާދީން 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގަތް ޕްރޮފެސަރ ތޯރ ހައިދާލް ލަފާކުރެއްވި ގޮތުގައި އިންޑިއާއާއި ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިހަށް އޮތް ރަށްވެހިކަން (އިންދޫސް ވާދީ ޙަޟާރަތު) (Indus Valley Civilization) އުވިގެން ދިޔަ އިރު، ދިވެހި ރާއްޖެއަށް އެ ހިސާބުން މީހުން އައިސްފައިވެދާނެއެވެ. ތޯރ ހައިދާލްގެ މި ޚިޔާލަށް މި ރާއްޖޭގައި އޮތް ނާޑުކަތާއަކުން ބާރު ލިބޭކަމަށް ނަސީމާ މުޙައްމަދު  ދެކެވަޑައިގަނެއެވެ. (ފަތްތޫރަ، 306، ސެޕްޓެމްބަރ 2004). "މި ވާހަކައިގައި ބުނާ ގޮތުގައި ދިވެހިރާއްޖެއަށް ފުރަތަމަ އައީ، އިންދޫސް ވާދީގެ ކޯރެއް ކަމުގައިވާ ސަރަސްވަތީ ކޯރުގެ އައްސޭރީގައި އޮތް 'ކާލީބަންގަން' ނަމަކަށް ކިޔުނު ރަށެއްގެ މީހުންނެވެ. އިންދޫސް ވާދީގެ ރަށްވެހިކަން އުވިގެން ދިޔައީ މީލާދީ 1400 އަހަރު ކުރީންނެވެ."

"ވާހަކައިގައި ބުނާ ގޮތުގައި ދިވެހިރާއްޖޭގައި ރަސްކަމެއް ފުރަތަމަ އުފެއްދީ އިރުމަތީ އިންޑިއާގެ ކާލިންގާއޭ ކިޔާ ސަރަހައްދުން (މިހާރުގެ އޮރިއްސާ) ވަޑައިގެންނެވި ސޫރިޔަވަންޝަ (އިރު ވަންހަ) ދަރިކޮޅުގެ އަމީރެކެވެ. މި ރަސްގެފާނުގެ ނަންފުޅުކަމަށް ވާރިދުވެފައިވާ ވާހަކަތަކުގައި ބުނެފައި ވަނީ ސޫރުދަސަރުނަ ރަދުންނެވެ.

ޔަމަނު ފަދަ އެފުރިކާގެ ސަގާފަތާއި ދިވެހި ސަގާފަތާ ގުޅުންތަކެއް އެބަ ހުއްޓެވެ.<br>

މީލާދީން 1925ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގައި 'ދަސަ ރަދުން' ކިޔުނު ރަސްކަލެއް، ރައްޔިތުންނަށް ބިންތަކެއް ދެއްވި ވާހަކަ ލިޔެފައިވެއެވެ. އެހެންކަމާ އެކު، އެ ލޯމާފާނުގައި އެ ވަނީ އެ ޒަމާނުގައި ވެސް އެވޭލާކަމަށް ހިމެނުނު ދުވަސްވަރެއްގައި އުޅުއްވި ސޫރުދަސަރުނަ ރަދުންގެ ވާހަކަކަމަށް ވެދާނެބާއެވެ؟" (ނަސީމާ މުޙައްމަދު، ފަތްތޫރަ، 306، ސެޕްޓެމްބަރ 2004)

"ދިވެހި ތާރީޚަށް އައު އަލިކަމެއް"ގައި ދިވެހިބަހަކީ ސިންގަޅަ ބަހުން އުފެދުނު ބަހެއް ކަމަށް ނިންމަވައިފައި ވީނަމަވެސް މިއަދުގެ ހޯދުންތައް މިޔާ މުޅިން ތަފާތެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ، ފަތްތޫރައިގައި "ދިވެހި ތާރީޚުގެ ތެރެއިން ހޯދުން" މި ސިލްސިލާގެ ދަށުން ލިޔުއްވައިފައިވާ "ކޮއިމަލާކަލޯއަކީ ކާކުބާ" މި މައިގަނޑުނަމަށް ލިޔުއްވައިފައިވާ ތާރީޚީ ލިޔުމެއްގައި ބަޔާންކުރައްވައިފައިވެއެވެ. "އޮޅުމެއް ނެތް ގޮތުގައި ދިވެހިބަހުގެ މައިގަނޑަކީ އެވޭލާ ސިންގަޅަ ބަހެވެ. ތަޢައްޞުބެއް ނެތި މި ކަން ގަބޫލުކުރާން ޖެހެއެވެ. އެވޭލާ ސިންގަޅަ ބަހުގެ ލަފުޒުތަކާއި އެ ބަހުގެ ހަމަތައް ދިވެހިބަހުގައި ވާކަން އެނގޭއިރު ޕާލީ ބަހާއި ސާންސްކިރިތާއި ޕަރާކިރިތާއި ހިންދީއާއި މެލޭ ބަހާއި ފާރިސީއާއި އުރުދޫއާއި ޢަރަތްބާއި ޕޯޗުގީޒާއި އިނގިރޭސި ފަދަ ބަސްބަހުގެ ލަފުޒުތަކާއި ހަމަތައް ދިވެހިބަހާ އެކުވެފައިވެއެވެ. އަދި ޗައިނާބަހާއި ކޮރެއާ ބަހާއި ތުރުކީވިލާތު ބަހުގެ ހަމަތައް ވެސް ދިވެހިބަހުން އެބަ ފެނެއެވެ.

ދިވެހިބަހަށާއި ދިވެހިރާއްޖޭގައި ހުރި އާސާރުތަކަށް ބަލާ އިރު، މީލާދީން ގާތްގަނޑަކަށް 900 – 800ގެ ފަހުގައި އެވޭލާ ސިންގަޅަބަހާއި ދިވެހިބަސް ވަނީ ވަކިވެފައެވެ. ސިންގަޅައިން އެބައި މީހުންގެ އެވޭލާ ބަސް ތަރައްޤީކުރަމުން ދިޔަ ފަދައިން ދިވެހީން ވެސް އެބައި މީހުންގެ މުސްކުޅި ދިވެހިބަސް ތަރައްޤީކުރަމުން ގެންގޮސްފައިވަނީ ލިޔެކިޔުމަށް އަމިއްލަ އަކުރެއް އުފައްދައިގެން ކުރީގެ ބަހަށް ބަދަލުތަކެއް ގެންނަމުންނެވެ. މިއީ ބަސްބަސް އުފެދި ތަރައްޤީވަމުން އަންނަ ހަމައެވެ."

އިސްވެ ދެންނެވުނު ތާރީޚީ ލިޔުންތަކާއި ދިވެހިބަހުގެ އުޞޫލުތަކާއި ބަހުގެ ތާރީޚާމެދު ފުންކޮށް ވިސްނައިލުމުން ވަރަށް މުހިންމު ނުކުތާއެއް އެބަ ހާމަވެއެވެ. އެއީ ދިވެހިރާއްޖެއަށް ފުރަތަމަ އައި ބަޔަކީ އިންޑިއާގެ ނުވަތަ ލަންކާގެ ބަޔަކަށްވުމަކީ ވަރަށް ކައިރިކަމެއްކަމެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ފުރަތަމަ މީހުން އައިސްފައިވަނީ ކޮން ދުވަސްވަރެއްގައިކަން ބަޔާންކުރުމަކީ އަދި ފަސޭހަކަމެއް ނޫނެވެ. އިންދޫސްވާދީ ރަށްވެހިކަމުގެ އަހުލުވެރީންނަކީ ކަނޑުދަތުރުފަތުރު ކޮށް އުޅުނު ބަޔަކަށް ވާތީ ދެކުނު އިންޑިއާއާއި ދިވެހިރާއްޖެއާ އޮންނަލެއް ކައިރިކަމުން އިންޑިއާގެ އައްސޭރި ފަށުން މަސްވެރީން އެކި ދުވަސްވަރު ބެހިގެން ވެސް ރާއްޖެ އައިސްފައިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މި ކަން މި ގޮތަށް ހިނގައިފައިވާ ނަމަ، އެއީ ޑްރެވީޑިއަނުންކަމަށްވުމީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެނީ ރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރު ޑްރެވީޑިއަން ނަންތައް ހުރިކަން އެބަ ފާހަގަކުރެވެއެވެ.

ދިވެހީންގެ އާދަކާދަތަކާއި އުޞޫލުތައް ހުރި ގޮތުން ދިވެހިންގެ ތެރެއަށް ޚާއްޞަކޮށް ދިވެހިބަހަށް އިންޑޯ ޢާރިޔަނުންގެ އަސަރުކޮށްފައި ވާކަން ހާމަވާން އެބަހުއްޓެވެ. އަޅުގަނޑުމެންގެ ސަގާފަތުގައި ހިންދީ ދީނުގެ އަސަރުތަކާއި ބުދު ދީނުގެ އަސަރުތައް ފެނިފައިވެއެވެ. މި ކަންކަމުން ދޭހަވަނީ ދިވެހީންގެ އަޞްލަކީ އިންޑިއާއިން ނުވަތަ ލަންކާއިން އައި މީހުންކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމެވެ.

މިއަދުގެ ހޯދުންތަކުގެ އަލީގައި ވަކި ކޮޅަކަށް ނިންމައި ސިއްކަޖެހުމަކީ ވެވޭނޭ ކަމެއް ނޫންކަން ކަށަވަރެވެ. ލިޔެފައި ހުރި އެކި ލިޔުންތެރީންގެ ދިރާސާތަކަށް އެކަނި ބަރޯސާވެގެން މި ފަދަ ނިންމުމެއް ނިންމޭކަށް ނެތެވެ. ސަބަބަކީ ދިވެހިރާއްޖެއަށް ރޭޑިއޯއާއި ޓީވީ ތަޢަރަފުވުމުގެ ކުރީން ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ސަގާފީ މިޔުޒިކުތަކަކީ އެފުރިކާ ބައްރުގެ ގައުމުތަކުގެ ސަގާފަތާ ގުޅުން ހުރި ތަކެތިކަން ފެންނާން އޮތަތީއެވެ. ބޮޑުބެރާއި ތާރައާއި ހަރުބީއާއި ލަނގިރިއަކީ އިންޑިއާއާ ގުޅުން ހުރި ތަކެއްޗެއް ނޫނެވެ. އަދި ހެދުން އެޅުމުގެ ބައެއް ސަގާފަތްތައް ވެސް ޔަމަންކަރައިގެ މީހުން ހެދުން އަޅައި އުޅުނު ގޮތާ ވަރަށް ވައްތަރެވެ. މިސާލަކަށް މުންޑު އަނދެފައި ބޮލުގައި އޮޅާ ފޮށައަކީ މިއަދު ވެސް ޔަމަނުންނާއި އެފުރިކާގެ އެހެން ބައެއް ގައުމުތަކުން ފެންނަ ސަގާފަތެކެވެ. ދިވެހި ފިހެނުން ގަޔަށް އެއްޗެހި ލައި އުޅުނު ފަހުން ގަންޖުފަރާހާ އެކު، ބޮލުު ފޮށާ އެޅުމަކީ ވެސް އިންޑިއާގެ ސަގާފަތެއް ނޫނެވެ. މި ސަގާފަތް ދިވެހީންގެ ތެރެއަށް އައީ އެފުރިކާއިންކަމާ މެދަކު ޝައްކެއް ނެތެވެ.

އަދި ހަމަ މި ފަދައިން އުވަ ދަވައިގެން ގެދޮރު އިމާރާތްކުރުމުގެ ސަގާފަތް ވެސް ބޮޑަށް ގުޅެނީ އިންޑިއާއަށް ވުރެ އެފުރިކާއާއެވެ. ދިވެހި ބައެއް ޢާއިލާތަކުގެ މީހުން ޔަމަނު މީހުންނަށް ވަރަށް ވައްތަރެވެ. އަދި އަސޭކަރައިގެ (މެލޭޝިއާ، އިންޑޮނޭޝިއާ) މީހުންނާ ވަރަށް ވައްތަރު މީހުން ވެސް ދިވެހީންގެ ތެރޭގައި މިހާރު ވެސް އެބަ ތިއްބެވެ.

އިސްވެ ދެންނެވުނު ވާހަކަތަކުގެ އަލީގައި އެއްޗެއް ދަންނަވާ ނަމަ، ދީވީންނާއި ސަރަންދީވީންނަކީ އެއް ދިމާއަކުން ދެކަފިވެގެން އައި ތިމާގެ ދެ ދަރިކޮޅުކަމަށް ބެލިދާނެއެވެ. އަދި މި ބަޔަކު ފުރަތަމަ އައީ އިންޑިއާއިންކަމަށް ވެސް ވެދާނެއެވެ. އަދި އެފުރިކާއިން ނުވަތަ އަސޭކަރައިންކަމަށް ވެސް ނުވާންވީ ސަބަބެއް ނެތެވެ.

އާދޭހެވެ! މި މައުޟޫޢާ މެދު ހޯދައި ބަލައި ދިރާސާކުރުމުގެ ކޮޅުތައް ފެންނާން އެބަ ހުއްޓެވެ. ދިވެހީންގެ ތެރޭގައި ޢާރިޔަނުންނާއި ޑްރެވީޑިއަނުންނާއި ޢަރަބީންނާއި ޢަޖަމީން (ފާރިސީން) އުޅެފައިވާކަން އެނގެއެވެ. އަދި ދުނިޔޭގެ އެހެން ހުރިހައި ނަސްލުތަކެއްގެ މަސްހުނިވުން ވެސް ދިވެހީންގެ ތެރެއިން އެބަ ފެނެއެވެ. މި ހުރިހައި ނަސްލުތަކެއް އެކުވެގެން އުފެދިފައިވާ ދިވެހީންނަކީ މިއަދު އެއް ބަހެއްގެ އެއް ދީނެއްގެ އަހުލުވެރިންނެވެ.

ކޮންމެއަކަސް މިއަދު ދިވެހީންނަކީ، އެއްބައެއްވަންތަ، ބަޔެކެވެ. އާދެ! ސައްތައިން ސައްތަ މުސްލިމު ދިވެހީންނެވެ. މިއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މައި ތަނބެވެ. އަޅުގަނޑުމެންގެ އިސްލާމީ ވަޙުދަތު ޙިމާޠަތްކުރުމަކީ ދިވެހީންގެ އެއްބައިވަންތަ ޤައުމިއްޔަތު ދެމެހެއްޓުމަށް ޓަކައި ކުރާންޖެހޭ އެންމެ މުހިންމު މަސައްކަތެވެ. މި ކަމާމެދު އަޅުގަނޑުމެންގެ ހިތުގައި ޝައްކެއް ނެތެވެ. ދިވެހީންގެ އެއްބައިވަންތަކާއި އިސްލާމީ ވަޙުދަތު ދެމެހެއްޓުމަކީ ދިވެހި ޤައުމިއްޔަތު ޙިމާޔަތްކުރުމަށްޓަކައި ކުރާންޖެހޭ އެންމެ މުހިންމު މަސައްކަތްކަމާ މެދަކު އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަޞްލަކީ ކޮބައިކަމާމެދު ސައްތައިންސައްތަ ކަށަވަރުކަމެއް ލިބިފައެއް ނުވެއެވެ. އާދޭހެވެ! ދިވެހީންގެ އަޞްލަކީ އުތުރުކަރައިން ނުވަތަ އޮޅުދޫކަރައިން އައި ބަޔަކަށް ވެސް ވެދާނެއެވެ. އަދި ހުޅަނގުން އިރަށް، އިރުން ހުޅަނގަށް ދުނިޔޭގެ ކަނޑުތަކުގައި ދަތުރުކުރި ބަޔަކު އެކި ފަހަރު މަތީން، ރާއްޖޭގެ ތަންތަނަށް އުރި އެ މީހުން މި ރާއްޖޭގައި ވަޒަންވެރިވީ ކަމަށް ވެސް ވެދާނެއެވެ. ޢަރަބިކަރައާއި ފާރިސީކަރައާއި އަސޭކަރައިން ވެސް މި ރާއްޖެއަށް އައިސް މީހުން މަސްހުނިވެ ވަޒަންވެރިވީ ކަމަށް ވެސް ވެދާނެއެވެ. މި ހުރިހާ ޤައުމެއްގެ މީސްމީހުންގެ ސިފަތަކާއި އެ ޤައުމުތަކުގައި ވާހަކަދައްކާ ބަސްބަހުގެ އަސަރު ދިވެހިބަހާއި ދިވެހި މުޖުތަމަޢުން ފެންނާންހުރިކަމީ ހަގީގަތެކެވެ. މިއީ އުތުރުކަރައާއި އޮޅުދޫކަރައިން މި ރާއްޖެއަށް މީހުން އައުމުގެ ކުރީން ނުވަތަ ފަހުން ހިނގައިފައިވާ ކަމެއްކަމަށް ވެސް ވެދާނެއެވެ.

އާދޭހެވެ! ދިވެހީންގެ އަޞްލު ދެނެގަތުމުގައި ދާންވީ ދިމަދިމާ އަޅުގަނޑުމެންނަށް އެބަ ވިސްނެއެވެ. ނަމަވެސް އަދިއަދަށް ދާންދެން ވެސް ދިވެހީންގެ އަޞްލު (ޔަޤީންކަމާ އެކު) ކަނޑައެޅުމަކީ އަދި މާ ފަސޭހަކަމެއް ކަމެއްކަމަކަށް ނުވެއެވެ. އެކަމަކު އެ ކަން ހޯދައި ބަލައި ދިރާސާކޮށް ދެނެގަތުމަކީ މި ޖީލުގެ ކޮޑުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑު ދެކެމެވެ. މި ފަދަ ސާބިތު ދިރާސާތަކެއް ނެހެދި، ދިވެހީންގެ އަސްލު ވަޒަންވެރީން އައީ ވަކި ގައުމަކުންކަމަށް ކަނޑައެޅުމަކީ ސާބިތުކޮށް ކަނޑައެޅޭނެކަމެއް ނޫނެވެ.

___________________________________

ޙަވާލާ:

ޙަބީބާ ޙުސައިން ޙަބީބު.(؟) ތާރީޚަށް އަވަސްކަޅިއެއް (ޞަފުޙާ: 2)

ނަސީމާ މުޙައްމަދު. (2002). ދިވެހީންގެ އަޞްލު 2. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

ނަސީމާ މުޙައްމަދު. (؟). އިހުގެ ވަޒަންވެރީން. ފަތްތޫރަ 2. އަޙުމަދު ޝަފީޤު، (؟)، ސާސްތުރަ    މާލެ: ؟

މުޙައްމަދު އަމީން. (1978)"ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު" ، (1978)، ޞ 21 ން 22 އަށް)

އެޑިޓަރުގެ ނޯޓް
....

Advertisement

ކޮމެންޓް