Advertisement

މީގެ ކުރީން ކުރި ދަތުރުތަކަށް ވުރެ ބުރުނާއީ ދަތުރު 100 ބައި ރަނގަޅުކަމަށް އިމާމުން ވިދާޅުވިއެވެ.

23 Jul 2024 | 17:15
އިންސްތީތޫތު ތަޙްފީޡިލްޤުރުއާނި ސުލްޠާން ޙަސަނުލް ބުލްޤިޔާގައި ދަރިވަރުން ޤުރުއާން ހިތުދަސްކުރަނީ؛ މިއީ ރަސްގެފާނުގެ އަމިއްލަފުޅު ޙާރަދުގައި ޢިމާރާތްކުރައްވައި އަމިއްލަފުޅު ޙަރަދުގައި ހުރިހައި ޚަރަދެއް ކުރައްވާ ތަނެކެވެ. ޣުރުއާން ހިތުދަސްކުރާ ކުދީންނަށް އެކި މަރުޙަލާތަކުގައި ފައިސާގެ ޢިނާޔަތްތައް ވެސް ރަސްެފާނު ދެއްވައެވެ. (ފޮޓޯ: ފަރަގު)

އަބާ މުޙަންމަދު

އިމާމުންނާއި ޚަޠީބުންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯއްދަވައިދެއްވުމަށް ޓަކައި މި މަހު 16އިން 22އަށް ބުރޫނާއީއަށް ވަޑައިގަތް ޚަޠީބުންނާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަނަމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައި ދަތުރާ ބެހޭ މަޢުލޫމާތު ސާފުކުރައްވައިފިއެވެ. މިއަދު 11:30ން 12:00އަށް އިސްލާމީ މަރުކަޒުގެ ބައްދަލުކުރާ ކޮޓަރި 1ގައި އޮތް މި ބައްދަލުވުމުގައި ދަތުރާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބައިވެރީންގެ ފަރާތުން ވަޒީރަށް އެރުވިއެވެ.

އެ ބޭފުޅުން ވަޒީރަށް ދެންނެވި ގޮތުގައި ބުރޫނާއީގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފުއްދީނު ޢަލީ (ޔުނިއްސާ)ގައި ބޭއްވުނު ތަމްރީނު ޕްރޮގުރާމަކީ ފުރިހަމަ އިންތިޒާމެއްގެ ދަށުން މޮޅު ޕްރޮފިސަރުންގެ އަރިހުން ގިނަގުނަ މަޢުލޫމާތު ލިބުނު، ވަރަށް ރަނގަޅު ފުރުޞަތެކެވެ. ޔުނިވަރސިޓީގެ ހުރިހައި ވެރީންނާއި ޕްރޮފެސަރުން ދިވެހީންނާ މުޢާމަލާތުކުރެއްވީ ލޯތްބާއި އޯގާވެރިކަމާ އެކު، ގާތް އަޚުންތަކެއް ފަދައިންކަމަށް އެ ބޭފުޅުން ވަޒީރަށް ދެންނެވިއެވެ. މަޤާޞިދުއްޝަރުޢިއްޔާއާއި ޢަޤީދާއާއި ދަޢުވާއާއި އިމާމުންގެ ދައުރާއި ޤުރުއާނުގެ ފަންނާއި މި ނޫނަސް އިސްލާމީ ތަޢުލީމުގެ ދާއިރާއިން އިމާމުންނާ ގުޅުން ގުރި ހުރިހައި ދާއިރާއަކުން، އާދަޔާ ޚިލާފު މޮޅު ޕްރޮފެސަރުން އެ ބޭފުޅުންނަށް މަޢުލޫމާތު ދެއްވިއެވެ. އެ ބޭފުޅުން އެ ކަން ކުރެއްވީ ކުރައްވާ ހިތްޕުޅުންކަން އެ ބޭފުޅުން ތައްޔާރުވެވަޑައިގެންފއިވާ މިންވަރުންނާއި ގަޑިއަށް ދެއްވި ސަމާލުކަމުން ހާމަވިކަމަށް ވަޒީރަށް ދެންނެވިއެވެ.

ބުރޫނާއީއަށް ވަޑައިގަތް އިމާމުންނާއި ޚަޠީބުންނާ ވަޒީރު ޑރ. މުޙަނަމަދު ޝަހީމްު ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވަނީ (ފޮޓޯ: ފަރަގު)<br>

ނަމާދުކުރުމުގެ އިތުރަށް މިސްކިތުގެ ދައުރު ފުރިހަމައަށް ތަރުތީބުވެފައިވާ ގޮތާއި އިސްލާމީ ސަގާފީ މަޢުރަޒާއި ތަޙުފީޡުލްޤުރުއާނި ސުލްޠާނު ޙަސަނުލްބުލްޤިޔާގައި ދަރިވަރުންނަށް ޤުރުއާން ހިތުދަސްކޮށްދިނުމާއި އިސްލާމީ ޢިލްމުތަކަށް ދަރިވަރުން ހާނުވަމުން ގެންދެވި ގޮތް ވަޒީރަށް ދެންނެވިއެވެ. އެއޮއް މުއްސަނދި ޤައުމުގައި ވެސް މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓައިފައި ހުންނަކަމާއި އެއީ ޞަދަޤާތްކުރާން ބޭނުންވާ މީހުންނަށް ވަކި ނިޒާމެއްގެ ތެރެއިން އެ ކަން ކުރުމުގެ ފުރުޞަތު ދެއްވުންކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

ބުރޫނާއީގައި ދެވުނު ތަމްރީނާއި ލިބުނު ތަޖުރިބާގެ އިތުރަށް އިމާމުންގެ ކަންކަން ބަލަހައްޓާން ޔުނިވަރސިޓީ ދަރިވަރުންގެ ފަރާތުން އަބަދު ވެސް ހަތަރު ކުއްޖަކު ތިބޭކަމާއި ދަތުރުފަތުރާއި ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު އެންމެ ފުރިހަމައަށް އިންތިޒާމުކުރެވިފައި އޮތްކަމަށް ވެސް އިމާމުން، ވަޒީރަށް މަޢުލޫމާތު އެރުވިއެވެ.

އަދި ބުރޫނާއީ ރައްޔިތުންގެ އަޚުލާޤާއި އެ ތާނގެ ސާފުތާހިރުކަމާއި އަމާންކަމުގެ މައްޗަށް ވެސް އެ ބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ. ބުރޫނާއީގެ ރަސްގެފާނު ސުލްޠާން ޙަސަނުލްބުލްޤިޔާއަކީ އިސްލާމް ދީނަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ދީންވެރި ރަސްކަލެއްކަމަށް ބަޔާންކުރައްވަމުން ރަސްގެފާނުގެ އަމިއްލަފުޅު ޚަރަދުގައި ހިންގަވާ "އިންސްތީތޫތު ތަޙުފީޡިލްޤުރުއާނި ސުލްޠާނު ޙަސަނުލްބުލްޤިޔާ"ގައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަން ހިނގަމުންދާ ފުރިހަމަކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެއީ ޤުރުއާން ހިތުދަސްކޮށްދިނުމުގެ އިތުރަށް ޙަދީސު ޢިލްމާއި ޤުރުއާނާ ބެހޭ އެހެނިހެން ޢިލްމުތަކާއި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ގްރޭޑް އެކަކުން ފެށިގެން ޑިގްރީއާ ހަމައަށް ކިޔަވައިދޭ ފުރިހަމަ އިސްލާމީ ބިނާއެއްކަމަށް އެ ބޭފުޅުން ދެންނެވިއެވެ.

ޔުނިއްސާގެ އިސް ބައެއް ބޭފުޅުންނާއި ދިވެހި ވަފުދު ޗެކިން ނިންމައިލުމަށް ފަހު ބުރޫނާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފޮތޯއަކަށް ހުއްޓިވަޑައިގެން<br>

ބުރޫނާއީއަށް ވަޑައިގަތް އިމާމުންނާއި ޚަޠީބުންގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެއްވި ބައިވެރީންނަށް ސެޓުފިކެޓު ދެއްވުން އޮތީ ހޮނިހިރު ދުވަހުގެ ރޭ ބުރޫނާއީގެ ވެރިރަށް ބަންޑާރ ސްރީ ބެގައާންގައި ހުންނަ "ދަ މޯލް"ގައެވެ. އާދީއްތަ ދުވަހު އިސްލާމީ ސަގާފީ މަޢުރަޟާއި މުހިންމު އެހެން ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ފަހު، "އިންސްތީތޫތު ތަޙުފީޡިލްޤުރުއާނި ސުލްޠާނު ޙަސަނުލްބުލްޤިޔާ"އަށް ހޯމަދުވަހު ހެނދުނު ވަޑައިގަތުމަށް ފަހު އެ ތަނުން އެ ބޭފުޅުން ސީދާ ވަޑައިގަތީ އެއަރޕޯޓަށެވެ. ކާރޫބާރު ކުޑަ އެ ރީތި އެއަރޕޯޓުން ދިވެހި ވަފުދަށް އަލްވަދާޢު ވިދާޅުވުމަށް ޓަކައި ޔުނިއްސާގެ ހުރިހައި ފެކަލްޓީތަކުގެ އިސްވެރީން އެއަރޕޯޓަށް ވަޑައިގެން ތިއްބެވިއެވެ. އަދި ދަރިވަރުންގެ ޖަމުޢިއްޔާގެ ހިންގާ ކޮމެޓީގެ އިސް ދަރިވަރުން ވެސް އެއަރޕޯޓުން ދިވެހި ވަފުދަށް އަލްވަދާޢު ދެންނެވިއެވެ. ދިވެހި ވަފުދުގެ ބޭފުޅުން ބުރޫނާއީއިން ފުރައިވަޑައިގެން ސިންގަޕޫރުގައި ވެސް ހައެއްކަ ގަޑިއިރު ހޭދަކުރެއްވުމަށް ފަހު ހުރިހައި ބޭފުޅުން މާލެވަޑައިގަތީ ރޭ 10 ޖަހާން އުޅެނިކޮށެވެ. ކޮންމެއަކަސް ބުރުނާއީ ދަތުރު، ކުރީ ދަތުރުތަކަށް ވުރެ 100 ބައި ރަނގަޅުކަމަށް އިމާމުން ވިދާޅުވިއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އިންޑޮނޭޝިއާއާއި މެލޭޝިއާއާއި ޢަރަބި ބައެއް ގައުމުތަކަށް ވެސް އިމާމުންނާއި ޚަޠީބުންގެ އާ ބުރުތަކެއް ފޮނުއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް "ފަރަގު" މީޑިއާއަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް