Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (4)

22 Jul 2024 | 06:04
ހިތް

އިބްރާހީމް ރަޝީދު މޫސާ

(2024 ޖުލައި 15ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ސަލާމަތްވެގެންވާ ހިތް:

މި ދިޔަ ދުވަސްތަކުގައި ވާހަކަދައްކާފައިވާނީ ދެ ދުނިޔޭގެ ކާމިޔާބީއަށް ޓަކައި ހިތުގެ މުހިންމުކަމާ ބެހޭގޮތުންނެވެ.ﷲ ތަޢާލާއަށް ކިޔަމަންގަތުމާއި ކައު ރަސޫލާ ﷺގެ ސުންނަތަށް ތަބާވެގެން ހިތް އާރާސްތުކުރި މީހާގެ ހިތަކީ ކިޔަމަންތެރި ޞާލިޙު ހިތެކެވެ. ހެޔޮ ޢަމަލުތަކުން އޭނާގެ ގުނަވަންތައް ހެޔޮމަގުގައި  ސާބިތުކޮށްފައިވާ މީހެކެވެ. ނުބައި ޢަމަލުތަކާ ދުރުހެލިކޮށްފައިވާ މީހެކެވެ. ހިތަކީ މަސްކޮޅެކެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެތެވެ.  މި މަސްކޮޅު ނުބައިވެއްޖެނަމަ މުޅި ހަށިގަނޑު ނުބައިވެދެތެވެ.

ކީރިތި ޤުރްއާނުގައި 35 ބާވަތެއްގެ ހިތް ވާރިދުވެފައިވެއެވެ. ޤަލްބާއި ފުއާދާއި މޭގެ ވާހަކަ 194 ތަނެއްގައި އައިސްފައި ވެއެވެ.

މިއަދުގެ ވާހަކަކޮޅުގައި ބަލައިލާނީ  ޞަޙީޙު ހިތުގެ ތެރޭގައި ހިމެނޭ 10 ބާވަތުގެ ތެރެއިން ސަލާމަތްކަން ލިބިފައިވާ ހިތަށެވެ. ނުވަތަ القلب السليم އަށެވެ. ޤިޔާމަތްދުވަހުން ސަލާމަތްކަން ލިބިފައިވަނީ މި ބާވަތުގެ ހިތުގެ ވެރީންނަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ[1]  - އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ.)) ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ސަލާމަތްކަން ލިބިފައިވާ ހިތޭ ބުނުމުން އެއީ ސާބިތު ކަމެއް ކަން އެނގެއެވެ. އަދި އެއީ ދާއިމީ ކަމެއް ކަން ވެސް އެނގެއެވެ.ހަވާނަފްސަށް އޭގެ މައްޗަށް ބާރެއް ނުފޯރުވޭނެތެވެ. އަދި ޝުބްހާބުތަކުގެ ސަބަބުން އެއަށް ލޮޅުމެއް ވެސް ނާންނާނެތެވެ.

ދަންނަބޭކަލުން ވިދާޅުވާގޮތުގައި ސަލާމަތްކަން ލިބިފައިވާ ހިތެއްތޯ ވަޒަންކުރުމަށް ހަ މީޔާރެއް ވެއެވެ. 

1- މާތް ﷲ ރަޙްމަތްލެއްވި އިބްނުލް ޤައްޔިމު ވިދާޅުވެފައިވާ ފަދައިން ސަލާމަތްކަން ލިބިފައިވާ ހިތަކީ ﷲގެ އަމުރުފުޅުތަކާއި ނަހީތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެހައި ޝަހްވަތްތަކުން ސަލާމަތްކަން ލިބިފައިވާ ހިތެވެ. ﷲނޫން ފަރާތަކަށް އަޅުކަންކުރުމުން މި ހިތް ވަނީ ސަލާމަތްވެގެންނެވެ. ﷲގެ ރަސޫލާގެ ޙުކުންތަކާ ޚިލާފަށް ޙުކުންކުރުމުން އޭނާ ވަނީ ސަލާމަތްވެގެންނެވެ.ސަލާމަތްކަން ލިބިގެންވާ ހިތަކީ ޝުބްހާތުތަކުގެ ފިތުނައިންނާއި ޝަހްވަތްތަކުގެ ފިތުނައިން ސަލާމަތްކަން ލިބިގެންވާ ހިތެކެވެ. މި ހިތް ވަނީ އެހެން އެއްޗެއްސަށް ލޯބިވުމުގެ މައްޗަށް ﷲއާއި ރަސޫލާދެކެ ލޯބިވުން އިސްކޮށްފައެވެ. ޞާލިޙު މުއުމިނުން ސިފަކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ. (( يَاأَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ[2]  -  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ!)) މި ބަސްފުޅުގެ މާނައަކީ އެކަލާނގެ ބަސްވަޙީނުކުރައްވަނިސް އަދި އެކަލާނގެ ރަސޫލާ ޙަދީސްނުކުރައްވަނިސް ތިޔަބައިމީހުން އެއްޗެއް ނުބުނާށެވެ! އަދި ﷲއާއި އެކަލާނގެ ރަސޫލާ އަމުރުފުޅުނުކުރައްވަނިސް ތިޔަބައިމީހުން ކަމެއް ނުކުރާށެވެ.އިބްނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި ފަސް ކަމަކުން ހިތް ސަލާމަތް ނުވަނިސް ސަލާމަތްކަން ލިބިފައިވާ ހިތަކަށް އެ ހިތް ނުވާނެއެވެ. އެއީ ތައުޙީދާ އަރާރުންވާ ޝިރްކުން ސަލާމަތްވުމާއި ، ސުންނަތާ ޚިލާފު ބިދްޢަތަކުން ސަލާމަތްވުމާއި، އަމުރުފުޅާ ޚިލާފު ޝަހަވާތްތަކުން ސަލާމަތްވުމާއި ، ޒިކުރުކުރުމާ އަރާރުންވާ ޣާފިލުކަމުން ސަލާމަތްވުމާއި ، އިޚްލާޞްތެރިކަމާ އަރާރުންވާ ހަވާނަފްސުން ސަލާމަތްވުމެވެ. ސަލާމަތްކަމުގެ ފުތަރަމަ ޢަލާމަތަކީ ޝުބްހަތްތަކާއި ޝަހްވަތްތަކުން ސަލާމަތްވުމެވެ.

2- ސަލާމަތްކަން ލިބިފައިވާ ހިތަކީ މި ދުނިޔެއަށް ބީރަށްޓެހި މީހެކެވެ. މި ދުނިޔެއަށް ފުރަގަސްދީފައިވާ މީހެކެވެ. އެއީ ޢާޚިރަތަށް ޝައުޤުވެރިވެ އެ ދުނިޔެއަށް ކުރިމަތިލައިފައިވާ މީހެކެވެ. އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރަށް ކީރިތި ރަސޫލާ e  ކުރެއްވި ވަޞިއްޔަތްޕުޅުގައި އައިސްފައި ވެއެވެ.((  كُنْ في الدُّنْيا كَأنَّكَ غَرِيبٌ أوْ عابِرُ سَبِيلٍ. وكانَ ابنُ عُمَرَ يقولُ: إذا أمْسَيْتَ فلا تَنْتَظِرِ الصَّباحَ، وإذا أصْبَحْتَ فلا تَنْتَظِرِ المَساءَ[3]- ދުނިޔޭގައި ތިބާ ބީރަށްޓެއްސެއްފަދަ މީހެއްކަމުގައި ނުވަތަ މަގުހުރަސްކުރާ މީހެއް ފަދަ މީހެއް ކަމުގައި ވާށެވެ! މިހެންވެ އިބްނު ޢުމަރު ވިދާޅުވިއެވެ. ތިބާއަށް ހަވީރާ ހަމައަށް ދެވިއްޖެނަމަ ހެނދުނާ ހަމައަށް ދެވިދާނެކަމަށް އިންތިޒާރު ނުކުރާށެވެ! އަދި ތިބާއަށް ހެދުނާ ހަމައަށް ދެވިއްޖެނަމަ ހަވީރާ ހަމައަށް ދެވިދާނެ ކަމަށް އިންތިޒާރުނުކުރާށެވެ! )) ބައެއް މީހުން އެ ދުނިޔެއަކަށް ޓަކައި ހަނގުރާމަކުރާ މި ދުނިޔެއަކީ އަދި ބައެއް މީހުން އަނެއްބައި މީހުންގެ މުދާތައް ފޭރެމުންދާ މި ދުނިޔެއަކީ ނެތިވެ ފިލައިގެން ހިނގައިދާނެ ހިޔާކޮޅެކެވެ. އެއީ ރެއަކާއި ދުވާވެސް ނުހިމެނޭ ކުޑަކުޑަ ވަގުތުކޮޅެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا [4] - އެއުރެން އެކަންތައް ދެކޭ ދުވަހު، ހަވީރެއް، ނުވަތަ ހެނދުނެއްގައި މެނުވީ، އެއުރެން ލަސްވެ ނުތިބޭކަހަލައެވެ. )) އަބޫބަކްރު ބިން ޙަބީބު އަވަހާރަވަމުންދިޔަ ވަގުތު އެކަލޭގެފާނުގެ ދަރިވަރުންނާއި އެކުވެރިން ދެންނެވިއެވެ. އަޅުގަނޑުމެންނަށް ވަޞިއްޔަތެއް ކުރައްވާށެވެ! އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ތިޔަބައިމީހުންނަށް ތިން ކަމަކަށް ވަޞިއްޔަތްކުރަމެވެ. ﷲ ޢައްޒަ ވަ ޖައްލައަށް ތަޤްވާވެރިވާށެވެ! އެކަނިވެރިކަމުގެ ވަގުތުގައި އެކަލާނގެއަށް ފާރަވެރިވާށެވެ! އަހުރެންގެ މި މަރުވުމަށް ރައްކައުތެރިވާށެވެ! އަހުރެން ހަމަކަށަވަރުން މި ދުނިޔޭގައި 61 އަހަރު އުޅެފީމެވެ. އެހެނަސް އަހުރެން ދުނިޔެ ނުދެކޭފަދައެވެ. އެއަށް ފަހު ވިދާޅުވިއެވެ. އަހުރެންގެ ނިތްކުރީން އެބަ ދައުހިއްލައިހެއްޔެވެ؟ އެބޭކަލުން  އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. الحمد لله ! އެއީ މުއުމިނާގެ ޢަލާމަތެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((الْمُؤْمِنُ يَمُوتُ بِعَرَقِ الْجَبِينِ[5] މުއުމިނާ މަރުވާނީ އޭނާގެ ނިތްކުރީގެ ދަލުގައެވެ.)) އެއަށްފަހު އަވަހާރަވެގެން އަތްޕުޅު ތިރިވިއެވެ.

3- ސަލާމަތްކަން ލިބިފައިވާ ހިތަކީ ނުނިޔަތްލުމާއި ޙަސަދަވެރިކަމާއި ނީހައިން ސާފު ޠާހިރުވެފައިވާ ހިތެކެވެ. ރުޅިވެރިކަމާއި ނަފްރަތްތެރިކަން  ނެތް ހިތެކެވެ. ނަބިއްޔާ صلى الله عليه وسلم އަށް ދެންނެވުނެވެ. ((  أَيُّ النَّاسِ أَفْضَلُ؟ قَالَ: "كُلُّ مَخْمُومِ الْقَلْبِ، صَدُوقِ اللِّسَانِ". قَالُوا: صَدُوقُ اللِّسَانِ نَعْرِفُهُ، فَمَا مَخْمُومُ الْقَلْبِ؟ قَالَ: "هُوَ التَّقِيُّ، النَّقِي،ُّ لاَ إِثْمَ فِيهِ، وَلاَ بَغْيَ، وَلاَ غِلَّ، وَلاَ حَسَدَ[6] އެންމެ މާތް މީހަކީ ކާކުތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ((އެއީ ހިތް މަޚްމޫމު ދޫ ތެދުވެރި މީހާއެވެ. އެބައިމީހުން ދެންނެވިއެވެ. ދޫ ތެދުވެރިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ހިތް މަޚްމޫމަކީ ކޮބައިތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ތަޤްވާވެރި ، ސާފު،  ފާފަވެރިކަމެއްނެތް، ޙައްދުފަހަނަޅައި ދިޔުމެއްނެތް ، ނީހައެއް  ޙަސަދައެއް ނެތް  މީހާއެވެ.))

4- ސަލާމަތްކަން ލިބިފައިވާ ހިތަކީ މީސްތަކުން ﷲ ހަނދުމަކުރުމަށް ޣާފިލުވެގެންދާ ވަގުތު ﷲގެ ޙަޟްރަތަށް އަވަހަށް ދާ ހިތެވެ.އެއީ ﷲގެ ޙަޟްރަތަށް ދިޔުމުން އެ ހިތަށް ލައްޒަތާއި އަރާމު ލިބޭ ހިތެވެ. އެއީ ސަލާމަތްކަން ލިބިފައިވާ ހިތެވެ. އެ ހިތުގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ޙަޤީޤީ ލޯބީގެ ސަބަބުން އެ ހިތަށް އީމާންކަމުގެ ފޮނިމީރުކަން ލިބެމުންދާ ހިތެވެ.  ނަބިއްޔާ صلى الله عليه وسلم ހަދީސްކުރެއްވިއެވެ. (( ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ بَعْدَ إِذْ أَنْقَذَهُ اللَّهُ مِنْهُ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ[7]އެމީހެއްގެ ކިބައިގައި ތިން ސިފައެއް ހުރި މީހާއަށް އީމާންކަމުގެ ފޮނިމީރުކަން ލިބިއްޖެއެވެ. އެހެން އެއްވެސް  އެއްޗަކަށްވުރެ ބޮޑަށް ލޯބިވާ ދެ ފަރާތްކަމުގައި ﷲއާއި އެކަލާނގެ ރަސޫލާ ވުމާއި، އެހެން މީހަކު ދެކެ  ލޯބިވާނަމަ ﷲގެ ވަޖްހުފުޅަށް ޓަކައި މެނުވީ ލޯބިނުވުމާއި ،  މާތް ﷲ އޭނާ ކުފްރުން  ސަލާމަތްކުރެއްވުމަށްފަހު  ނަރަކައަށް އެއްލައިލެވުމަށް ނުރުހުންވާ ފަދައިން   ކުފްރަށް އެނބުރި ރުޖޫޢަވުމަށް ނުރުހުންވުމެވެ.)) ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މި ދުނިޔޭގެ އަހްލުވެރިންގެ ތެރޭގައި ހިމެނޭ މިސްކީނުން މި ދުނިޔެ ދޫކޮށް ގޮސްފައިވަނީ މި ދުނިޔޭގެ އެންމެ ރަހަމީރު އެއްޗެހީގެ ރަހަވެސް ނުދެކިއެވެ. ދެންނެވުނެވެ. އެންމެ ރަހަމީރު އެއްޗަކީ ކޮބައިހެއްޔެވެ؟ވިދާޅުވިއެވެ.އެއީ ﷲ ދެކެ ލޯބިވުމާއި ﷲގެ ޙަޟްރަތުން މުނިއަވަސްފިލުވުމާއި އެކަލާނގެއާ ބައްދަލުކުރުމަށް ޝައުޤުވެރިވުމާއި އެކަލާނގެ ހަނދުމަކުރުމާއި އެކަލާނގެއަށް ކިޔަމަންގަތުމުގެ ނިޢުމަތް ލިބުމެވެ. މާތް ﷲ ރަޙްމަތްލެއްވި އަބޫ ސުލައިމާނުއްދާރާނީ ވިދާޅުވިއެވެ. '" ސާފުކުރި މީހާއަށް ސާފުކޮށްދެވޭނެތެވެ. ކިލަނބުކުރިމީހާއަށް ކިލަނބުކޮށް ދެވޭނެތެވެ. ދުވާލު ރަނގަޅަށް އުޅުނު މީހާއަށް ރޭގަނޑު އިނާމުދެވޭނެތެވެ. އަދި ރޭގަނޑު ރަނގަޅަށް އުޅުނު މީހާއަށް ދުވާލު އިނާމު ދެވޭނެތެވެ. ޝަހްވަތްތައް ދޫކޮށްލުމުގައި ތެދުވެރިވި މީހާގެ ހިތުން އެ ކަން ފިއްލަވާނެތެވެ. ޝަހްވަތްތެރިކަން ދޫކޮށްލި ހިތަކަށް ޢަޒާބުދެއްވުމަށްވުރެ ﷲގެ ދީލަތިވަންތަކަން މާ ބޮޑެވެ. އުރެދުންތަކުން ހިތަށް ނުބައި އަސަރު ކުރާނެތެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ، مَا تَوَادَّ اثْنَانِ فَفُرِّقَ بَيْنَهُمَا إِلاَّ بِذَنْبٍ يُحْدِثُهُ أَحَدُهُمَا[8] - މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. އެ ދެމީހުންގެ ދެމެދުގައި އެކުވެރިކަން އޮތް ދެމީހަކު އޭގެ ތެރެއިން އެކަކު ކުރި ފާފަޔަކާ ހެދި މެނުވީ އަނެކަކާ ވަކިވެގެން ނުދެތެވެ. ))  އިބްނުލް ޖައްލާދު ވިދާޅުވިއެވެ. "  އެއްދުވަހަކު އަހުރެން ބެލުން ހުއްދަނުވާ މަންޒަރަކަށް ބަލައިލީމެވެ.ޞާލިޙު ބޭކަލަކު ވިދާޅުވިއެވެ. ޙަރާން އެއްޗަކަށް ބެލީހެއްޔެވެ ؟ ދުވަސްގަނޑެއް ފަހުން ވިޔަސް ތިބާއަށް އޭގެ  ނުބައިކަން ފެންނާނެތެވެ. އޭނާ ވިދާޅުވިއެވެ. ސާޅީސް އަހަރު ފަހުން މަގޭ ހިތުން ޤުރްއާން ހަނދާންނެތިގެން ހިނގައްޖެއެވެ. " މީހަކު ޙަސަނުލް ބަޞްރީއަށް ދެންނެވިއެވެ. " އަޅުގަނޑުމެން ބިރުން ފިތްކަނޑައިގެންދާފަދަ ވާހަކަތައް ދައްކާ މީހުންނާއެކު މަޖިލިސްނުކުރުމަށް ދައްކާނީ ކޮން ބަހަނާއެއްތޯއެވެ؟ އެހިނދު ޙަސަނުލް ބަޞްރީ ވިދާޅުވިއެވެ. " ތިޔަބައިމީހުން ބިރުވެރިކަމަށް ވެއްޓިއްޖައުމަށްދާންދެން ތިޔަބައިމީހުންނަށް ހެޔޮ ޚަބަރުތައް ގެނެސްދޭމީހުންނާއެކު އިށީނުމަށްވުރެ ، އަމާންކަން ހޯދުމަށް ތިޔަބައިމީހުން ސަމާލުކަމަށް ގެންނަ ބިރުވެރި ވާހަކަ ދައްކާމީހުންނާއެކު އިށީނުމުގެ ހެޔޮކަން ބޮޑެވެ. ސަލާމަތްތެރިކަން ލިބިގެންވާ ހިތަކީ އެންމެ ނުރައްކާތެރި ވަގުތުގައި،  މަރު އައިސް ކުރިމަތިވާ ވަގުތުގައި ޝައިޠާނާ  އޭނާ ނިކަމެތިކޮށްލުމަށް ކުރާ މަސައްކަތުން ދިފާޢުވުމަށް ލިބިގެންވާ ހަތިޔާރެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَكَانَ ٱلشَّيْطَٰنُ لِلْإِنسَٰنِ خَذُولًا [9]‎- އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ.))

5- ސަލާމަތްކަން ލިބިގެންވާ ހިތަކީ އެހެން މީހުންނަށް ސަލާމަތްކަން ލިބިދޭ ހިތެކެވެ. އެމީހުންނާއެކު ޞުލްޙަވެރިވާ ހިތެކެވެ. އަރާރުންތަކާ ދުރުހެލިވާ ހިތެކެވެ.ރުޅިމަޑު ހިތެކެވެ. އޭނާ ﷲގެ ބަސްފުޅުތަކާއި އެންގެވުންތަކުން އޯގާވެރިކަމުގެ ސިފަ  ލިބިގަނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ  [10]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން ސިލްމުގެ ތެރެޔަށް ވަންނާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ.)) ސިލްމަކީ އަމާންކަމާއި ޞުލްޙަމަސަލަސްކަމެވެ. ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّهُ سيكونُ بعدي اختلافٌ أو أمرٌ فإنِ استطعتَ أن تكونَ السِّلْمَ   فافعلْ [11]-ތިމަންކަލޭގެފާނަށްފަހު ދެބަސްވުންތަކާއި އަމުރުވެރިކަން އޮންނާނެކަން ކަށަވަރެވެ. ފަހެ ތިބާއަށް ސުލްޙަވެރިކަން ޤާއިމުކުރުމުގެ ބާރު ލިބިއްޖެނަމަ އެ ކަން ކުރާށެވެ!))

މިއަދު ދުނިޔޭގައި އާންމުވަމުންދާ ހަނގުރާމަތަކުގެ ސަބަބަކީ ސަލާމަތްވެގެންވާ ހިތްތައް ނެތިވެދިޔުމެވެ. އަހުރެމެންގެ މެދުގައި އަރައިރުންތަކާއި ރުޅިވެރިކަން މިއަދު ގިނަވެފައި މި ވަނީ ޙަސަދަވެރި ހިތްތަކުގެ ސަބަބުންނެވެ. މުސްލިމުންގެ މެދުގައި ދެބަސްވުންތައް ގިނަވެ ތަރައްޤީއާއި އީޖާދުގެ ދުނިޔޭގައި ފަހަތަށް ސޮއްސައިލައިފައި މި ވަނީ އެ މީހުންގެ ހިތްތަކުގައި ނަފުރަތްތެރިކަން ފެތުރިފައިވާތީއެވެ. (ނުނިމޭ)

މަރުޖިޢުތައް:

[1]  - الشعراء: 88، 89

[2]  - الحجرات: 1

[3]  - صحيح البخاري ( ٦٤١٦ )

[4]  - النازعات: 46

[5]  - أخرجه الترمذي (٩٨٢)، والنسائي (١٨٢٩)، وابن ماجه (١٤٥٢)، وأحمد (٢٣٠٩٧). و البزار (١٥٣٠) والطبراني في ((المعجم الأوسط)) (١٥٠٧)، وابن عدي في ((الكامل في الضعفاء)) (٧/١٩٢)

[6]  - أخرجه ابن ماجه (٤٢١٦) والطبراني في ((مسند الشاميين)) (١٢١٨)، والبيهقي في ((شعب الإيمان)) (٤٨٠٠)

[7]  - أخرجه البخاري (١٦)، ومسلم (٤٣)

[8]  -  أخرجه أحمد (٥٣٥٧)  وأبو الشيخ في ((التوبيخ والتنبيه)) (٣٢) والخرائطي في ((مكارم الأخلاق)) (٧٥٩)

[9]  - الفرقان : 29

[10]  - البقرة: 208

[11]  - مسند أحمد (حديث رقم: 695 ) ، تخريج المسند لشاكر (٢/٨٥ )  إسناده صحيح

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް