ފޯނުކޯލު
އަސްމާ އަބޫބަކުރު
އިތުބާރަކީ ގިނަ ހާލަތްތަކުގައި ހޯދާން އެންމެ އުނދަގޫ އެއްޗެވެ. ބައިވެރިޔާގެ އިތުބާރު ހޯދާން އެތައް މަސައްކަތެއް ކުރާންޖެހެއެވެ. ޒަމީލާގެ އިތުބާރު ހޯދާން ނާސިފު އުޅުނު ގޮތް އެންމެ ގާތުން ފެނުނު އެއް ބަޔަކީ ނާސިފުގެ އެކުވެރީންނެވެ. ނާސިފާއި ޒަމީލާ ވެސް ކިޔެވީ އެއް އިސްކޫލަކުންނެވެ. އިސްކޫލްގައި އުޅުނު ދުވަސްވަރު އެންމެ އަންމު ކަމަކީ އަޅުވައިކިއުމެވެ. ނާސިފުގެ ލޯ އަމާޒު ވެފައި ހުންނަނީ ޒަމީލާ އަށެވެ. އެކަން ގިނަ ކުދީންނަށް ފެންނަ ފެށުމުން އަޅުވައި ކިޔަން ފަށައިފިއެވެ. އެހެންނަމަވެސް ޒަމީލާ ފެންނަނީ ރުޅި މޫނު ހަދައިގެން ހުއްޓައެވެ.
އެމޫނު ފެނުމުން ނާސިފު މާބޮޑަށް ޒަމީލާއާ ގަޔާވާން ފަށައިފިއެވެ. ޒަމީލާގެ ރީތިކަން ސްކޫލްގެ ހުރިހާ ކުދީންގެ މެދުގައި މަޝްހޫރުވެފައިވެއެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި އުޅޭއިރު ވެސް ނާސިފުގެ ހެދުން އެޅުމުގެ ސްޓައިލް ބަދަލުކުރިއެވެ. އިސްތަށިގަނޑުގެ ސްޓައިލް ބެހެއްޓީ ވެސް ވަކި ގޮތަކަށެވެ. އެއީ ޒަމީލާއަށް ކަމުދާގޮތް ކަމަށް ކުއްޖަކު ބުނުމުންނެވެ.
"އަންހެން ކުދީންނަށް ކަމުދާނީ އެކުދީންގެ ރައްޓެހީންނަށް އިޙްތިރާމް ކުރާ ފިރިހެނުން. އެ މީހުން ކުރަން ބޭނުންވާ ކަންކަމަށް ހިތްވަރުދޭ މީހުން." ސްކޫލްގެ ކެންޓީނުގައި އިނދެ އަފުރާހް އެހެން ބުނީ ނާސިފާ ދިމާއަށެވެ. އެ ގްރޫޕްގައި ތިބި އެހެން ފިރިހެން ކުދީން ވެސް އަފުރާހާ އެއްބަސްވިއެވެ. ނާސިފު ކުއްލިއަކަށް ތެދުވެއްޖެއެވެ. ޒަމީލާގެ ގްރޫޕްގައި ތިބި ކުދީންގެ ތެރެއިން ނާސިފުގެ ރައްޓެހި ޙާލާ އަށް ގޮވައިލިއެވެ. އިންޓަވަލަށް ބޭނުންވާ ސައި މިއަދު ނާސިފުގެ ޚަރަދުގައި ނެގުމަށް ބުނެފިއެވެ. ނާސިފުގެ އެކުވެރީން ބުނީ ރަނގަޅު ވާހަކައެކެވެ. ޒަމީލާގެ ހިތްފަތަހަކުރާން ޖެހުނު ކޮންމެ ކަމެއް ނާސިފު ކުރިއެވެ.
ނާސިފު ކުރި ކޮންމެ ކަމެއް ކުރީ ޙާލާ ގާތު އަހައިގެން ޒަމީލާ ބޭނުންވާ ގޮތަށެވެ. ޒަމީލާގެ އިތުބާރު ހޯދާން އުކި ކޮންމެ ތީރެއް ގޮސް ހެރުނީ ޒަމީލާގެ ހިތަށެވެ. އެންމެ ފަހުން ޒަމީލާގެ ލޯބި ނާސިފު ކާމިޔާބު ކުރިއެވެ. މަޑުމަޑުން ލޯބީގެ ގަސް ރޯވެ ކުރިތައް ފަޅައި ހެދި ފޯދިއްޖެއެވެ. ނާސިފުގެ އަތުގައި ނަސީބު ވެސް ހިފައިފިއެވެ. ކިޔަވާ ނިމުނުތަނުން ރަނގަޅު ވަޒީފާއެއް ހަމަޖެހިއްޖެއެވެ. ކާވެނި ކޮށްގެން ދިރިއުޅޭނެ ތަނަކާމެދު ނާސިފު ޒަމީލާއާ މަޝްވަރާކުރިއެވެ. ޒަމީލާގެ ގޭގައި ދިރިއުޅެވެން އޮތެވެ. އެ ގޮތް ނާސިފު ބޭނުން ނުވީއެވެ. ނާސިފު ބޭނުންވަނީ ދެމީހުންގެ ވަކީން ދިރިއުޅުމަށެވެ. މީހަކާ އިނުމަށްފަހު ޒަމީލާގެ ހުރިހާ ކަމަކާ ޒިންމާވާނީ ނާސިފެވެ. މައިންބަފައިންނަށް ޒަމީލާގެ އެއްވެސް ބުރައެއް ޖައްސާކަށް ނާސިފު ބޭނުމެއް ނުވެއެވެ. ޒަމީލާ ޓީޗިންކޯސް ނިމުމުން ދެމިހޫންގެ ހަޔާތް ފެށިއްޖެއެވެ. ދެމީހުންވެސް ވަޒީފާ އަދާކުރާތީ، ތަނުގެ ކުލި ދައްކާފައި ވެސް އެންމެ ރަނގަޅަށް ދެމީހުންނަށް އުޅެވޭވަރުވެއެވެ.
ސްޓާފު ރޫމްގައި ހޫނު ބަހުސެއް ކުރެވުނު ދުވަހެކެވެ. ނާޒިޔާގެ ފިރިމީހާ ކޮންމެ ވެސް އަންހެން ކުއްޖަކާ އަޅައިގަނެގެން އުޅޭ ވާހަކަ ނާޒިޔާ ބުނީ ޒަމީލާ ގާތުގައެވެ. އެ ވަގުތު އެތަނުގައި ދެތިން ޓީޗަރުން އެމީހުންގެ މަސައްކަތުގައި ތިއްބެވެ. ވަގުތުން އެ މައުޟޫ ހިޓްވެއްޖެއެވެ.
"ކިތަންމެ ލޯބިވިއަސް އަހަރެން ތިހެނެއް ނޫޅޭނަން. ތި ކަހަލަ އަޑެއް އިވިއްޖެއްޔާ ވަގުތުން ފިޔަވަޅު އަޅާނަން." ޒަމީލާ އެހެން ބުނުމާއެކު ރަހްމާ އެކަމާ އިދިކޮޅުވިއެވެ.
"ބަލަ ފިރިހެނުންނަށް ހަތަރެއް ހުއްދައޭ. އެމީހުން އެ ކަހަލަ ކަމެއް ހިންގާއިރަށް ރުޅި އިސްކުރުމުގެ ބަދަލުގައި ވިސްނާފަ ފިޔަވަޅެއް އަޅަންވާނީ. ނާޒިޔާގެ ދެ ކުދިންނަށް ލިބޭނެ ނިކަމެތި ކަމާމެދު ވެސް ވިސްނާން ވާނެ." ރަހްމާގެ ވާހަކަ އަށް ގިނަ ޓީޗަރުން އެއްބަސްވިއެވެ. އެކަމަކު ޒަމީލާ އާއި އެހެން ދެ ޓީޗަރުން އެއްބަހެއް ނޫނެވެ.
"ޒަމީލާއަކަށް އަދި ނުވިސްނޭނެ. ދަރީން ލިބުނީމާ ވިސްނޭނީ އެ ދަރިންގެ ހައްގުގައި ނިންމާން ޖެހޭ ކިތަންމެ ނިންމުމެއް ވެސް ހުންނާނެ. ބައެއް ފަހަރު ހިތާ ދެކޮޅަށް ވެސް ނިންމާން ޖެހޭ ނިންމުންތައް ހުންނާނެ." ސްކޫލް ނިމިގެން ގެޔަށްދިޔަ މަގުމަތީގައި ވެސް ޒަމީލާ އަށް ވިސްނެނީ ނާޒިޔާ ދެއްކި ވާހަކަޔާ މެދުގައެވެ. ނާޒިޔާގެ ފިރިމާ ކަންތައް ކުރާ ގޮތާއި ނާސިފު އުޅޭގޮތް ވަރަށް ތަފާތެވެ. ޒަމީލާގެ ފިރިމީހާގެ އަޅާލުމާއި އޯގާތެރިކަން ޒަމީލާއަށް ލިބެއެވެ. ވިސްނާން ޖެހޭ މާބޮޑު ކަމެއް ނެތެވެ. ގިނަ ދުވަސް ދުވަހުރޭ ދެމީހުން އެކީގައި ބޭރުން ކެއުމާއި ކައިނިމިގެން ދުއްވާލަށް ދިއުމަކީ ޒަމީލާގެ އާދައެކެވެ. ނާސިފު ވަރަށް މަދުންނޫނީ ރޭގަނޑު ބޭރަށް ވެސް ނުދެއެވެ. އެ ވިސްނުމުން ދުރުވާން ވެގެން ޒަމީލާ ނިތްކުރީގައި އަތުން ޖަހާލިއެވެ.
ސްކޫލުން ޒަމީލާ ތަންކޮޅެއް ލަހުން ނިމުނު ދުވަހެކެވެ. ގެއަށް އައިސް ވަންއިރު ނާސިފު ގޭގައި އުޅެއެވެ. ބަދިގޭގެ ސިންކުން ފެން ލީކުވާތީ އެ މައްސަލަ ހައްލުކުރުމުގައި ނާސިފު ހުރީ އަތުކުރި އޮޅައިގެންނެވެ. ޒަމީލާ ކޮޓަރިއަށް ވަން އިރު ނާސިފުގެ ފޯނު ރިންގުވާ އަޑުއިވިގެން ބަލައިލިއެވެ. ގުޅަނީ ސޭވް ކޮށްފައިވާ ނަންބަރަކުން ނޫނެވެ.
"ނާސިފު ފޯނެއް؟" ޒަމީލާ ގޮވައިލި އަޑު ނާސިފަކަށް ނީވެއެވެ. ނާސިފުގެ ފަރާތުން ޖަވާބެއް ނާދެއެވެ. ދެވަނަ ފަހަރަށް ރިންގުވުމުން ޒަމީލާ އެ ކޯލް ނަގައިފިއެވެ.
" ހަލޯ މިގުޅާލީ ސޭވް މީ ގެސްޓް ހައުސް އިން. ރޫމްގައި ވޮލެޓް ބާއްވާފައި ދިޔައިމާ ވޮލެޓާ ޙަވާލުވުމަށް ބުނެލާންވެގެން މި ގުޅީ." ޒަމީލާއަށް ގަބޫލުނުކުރެވިގެން އަހައިލެވުނެވެ.
"ކޮންއިރަކު ނެގި ރޫމެއް. ކޮންއިރަކު ޗެކުއައުޓްވީ."
"މިއަދު ދޭއްޖެހިތަނާ ރޫމް ނެގީ، ހަތަރުގަޑި ބައި ހާއިރު ރޫމް ދޫކޮށްލީ."
"ކާކުގެ ނަމެއްގެ ރޫމް ނަގައިފައި އޮތީ" ޒަމީލާގެ ދެފައިކޮޅުން ވާގި ދޫވާހެން ހީވިއެވެ. ނާސިފު ގެސްޓްހައުސްއަކަށް ދާނީ އަންހެން ކުއްޖަކު ގޮވައިގެންކަން ޔަގީނެވެ.
"ތިޔަ ނަންބަރުގައި އޮތީ ރޫމް ނަގައިފައި. ނާސިފުއެކޭ ބުނީ ނަމަކަށް" ޒަމީލާގެ ރުޅި ކޮންޓްރޯލުން ނައްޓައިފިއެވެ. އިރުކޮޅަކު ހަމަޖެހިލެވޭތޯ އެނދުގައި އިށީނެވެ. އެހެންނަމަވެސް ރުޅި މަޑުވާ ގޮތެއް ނުވިއެވެ.
ރޭގަނޑު ކެއުމުގެ ވަގުތެވެ. ޒަމީލާ ކާހިތް ނުވާތީ ކާން ހެދީ ހަމައެކަނި ނާސިފަށެވެ. އޭރު ނާސިފު ހުރީ މަސައްކަތް ކޮށް ވަރުބަލިވެގެން ޖައްސައިލާން ބޭނުންވެފައެވެ. ޒަމީލާ މިރޭ ނުކާތީ ކިހިނެއްވީތޯ ނާސިފު އެހިއެވެ. އޭގެ ބަދަލުގައި ޒަމީލާ ކުރީ އެހެން ސުވާލެކެވެ. "މިއަދު ތިނެއް ޖެހިއިރު ނާސިފު ދިޔައީ ކޮންތާކަށް؟"
"ނުދަން ތަނަކަށް. އަހަރެން އުޅުނީ އޮފީހުގައި. ކިހިނެއްވީ؟" ޒަމީލާ ރުޅި ކޮންޓްރޯލްކުރަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. ނާސިފު ސޭވް މީ ގެސްޓް ހައުސް ކައިރިން ފެނުނުކަމަށް ރައްޓެހި ކުއްޖަކަށް ފެނިގެން އެ ވާހަކަ ބުނީމަ ކަމަށް ޒަމީލާ ބުނެލިއެވެ.
"ކޮބާ ވޮލެޓް؟" އަނެއްކާ އަނެއްސުވާލު ކުރިއެވެ. ވޮލެޓް ޑްރެސިންގ ޓޭބަލް މަތީގައި އޮންނާނެކަމަށް ބުނެލިއެވެ. އިތުރު ވޮލެޓެއް އޮވޭހޭ އެހުމުން އެއްކަލަ ކުރީގެ ވޮލެޓް މިހާރު ވީތަނެއް ނޭނގޭ ކަމަށް ނާސިފު ޖަވާބުދިނެވެ.
އެންމެ ފަހުން ޒަމީލާ ރުޅި އައިސްގެން ހުރެ ގެސްޓްހައުސްއިން ގުޅި ވާހަކަ ބުނެފިއެވެ. އެތަނުގައި ނާސިފުގެ ވޮލަޓް އޮތްކަމަށް ބުންޏެވެ. އޭރު ޒަމީލާ ރުޅި ގަދަވެގެން އަޑު ވެސް ކޮންޓުރޯލެއް ނުކުރެވެއެވެ.
"ތި ވެދާނެ ނުބައި ނަންބަރަކަށް ގުޅުނީ ކަމަށް ވެސް. އަހަރެން ކީއްކުރާން ގެސްޓްހައުސްއަށް ދާންވީ. ނުލާހިކު ލޯބިވާ އަތްނބެއް ހުއްޓައި ތިޔަ ކަހަލަ ކަމަކާ އަހަރެން ވިސްނުމުގެ ހިޔާލެއް ވެސް ނުގެންގުޅެން." ނާސިފުގެ ޖުމްލައިން ޒަމީލާއަށް ނެގުނީ އިދިކޮޅު މާނައެކެވެ. ޒަމީލާގެ ރީތިކަމަށް މަލާމާތްކުރާހެން ޒަމީލާއަށް ހީވިއެވެ. ނާސިފު އެ ތަނަށް ނުދާނަމަ ކީއްވެ އެމީހުން ނާސިފުގެ ނަމުގައި ނަގާފައި އޮތް ރޫމެކޭ އަދި ނުވިތާކަށް ނަމާއި ނަންބަރާ ވެސް އެބަ ދިމާވެއެވެ. ނާސިފު އެތައް ވާހަކައެއް ދެއްކިއިރު ވެސް ޒަމީލާ ޤަބޫލެއް ނުކުރިއެވެ.
ޒަމީލާ ގަބޫލު ނުކުރުމުން ނާސިފު ގުޅީ އޮފީހުގައި އެކީގައި މަސައްކަތް ކުރާ ޖައިލަމަށެވެ. ފޯނު ސްޕީކަރަށްލައިފައެވެ. ޖައިލަމް ފޯނެއް ނުނަގައެވެ. މި ވަގުތަކީ އޮފީސް ވެސް ބަންދު ގަޑިއެކެވެ. އޮފީހުގެ އެންމެނަށް ގުޅާކަށް ނާސިފު ބޭނުމެއް ނުވެއެވެ. ޒަމީލާ ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ.
"ޒަމީ. ތިހެން ހެދީމަ އަހަރެންގެ އަގު ވެސް ވެއްޓޭނެ. އޮފީސް މީހުންނަށް އަހަރެމެންގެ މައްސަލަތައް ގެންދާކަށް އެއީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫނެއްނު."
"ހިތުހުރި ގޮތަކަށް އުޅޭއިރު އަމިއްލަ ނަފުސާ އަގާއި ގަދަރާ ހައިބަތަށް ނުވިސްނީ ކީއްވެ؟ އެހާ މުޑުދާރު ކަންކަން ކޮށްފައި އައިސް ހަމަޖެހިގެން އަބުރާ އިއްޒަތުގެ ވާހަކަ ދައްކާކަށް ރީއްޗެއް ނޫނޭ. އަހަރެން ދާނީ ގެއަށް. ނާސިފާ އެއްކޮށް އެންމެ ހިނދުކޮޅަކު ވެސް ނޫޅޭނަން." ޒަމީލާ މަންމައަށް ގުޅައިފައި އޭނާ ބަލައި އައުމަށް އެދުނެވެ.
"ޢާއިލާ ކުރިމަތީގައި އަހަރެން ފަޟީހަތްވެ ބަދުނާމުވާނެ ތިހެން ހެދީމަ." ނާސިފު ވަރަށް ދެރަވެއްޖެއެވެ. އެއަށް ވުރެ ބޮޑަސް ޒަމީލާ ހުރީ ދެރަވެފައެވެ. ވޭތުވެ ދިޔަ ހަފުތާ އިސްކޫލްގެ ސްޓާފުރޫމްގައި ދެއްކި ހުރިހާ ވާހަކައެއް ހިތަށް އަރާން ފަށައިފިއެވެ. އެދުވަހު ވެސް ޒަމީލާ ބުނެފައި ވަނީ އެކަހަލަ ކަމެއް އޭނާގެ ފިރިމީހާގެ ކޮށްފި ނަމަ، ކިތަންމެ ލޯބިވިއަސް ދުރަށްދާނެކަމުގައެވެ. ކޮޓަރި ތެރޭގައި ތިއްބަސް ދެ މީހުން ވެސް ތިބީ އެކަކު އަނެކަކާ ދިމާއަށް ވެސް ނުބަލާން ހުވައި ކޮށްގެން ތިބި ގޮތަށެވެ. ޒަމީލާ ފޮށްޓަން އެއްޗެހި އަޅަމުން ގެންދިޔައެވެ.
"ހިނގާ ތިޔަ ބުނާ ގެސްޓްހައުސް އަކަށްދާން. އެތަނުގައި ކެމެރާތަކުން އެ ތަނަށްވަނީ އަހަރެންތޯ ވެސް ބެލިދާނެ." ނާސިފު އެހެން ބުނުމުން ޒަމީލާ ރުޅިއައިސްގެން ހުރެ ނާސިފާ އަނގައިން ވެސް ނުބުންޏެވެ.
"ޒަމީ ތިޔަ ގެއްލުވައިލީ އަހަރެން ޒަމީއަށް ކުރި އިތުބާރު. އަހަރެން ކުށެއް ނުކުރާކަން އެނގުނު ދުވަހަކުން ޒަމީ އަހަރެންގެ ހަޔާތަށް އަންނާން ބޭނުންވިއަސް ދިއުމަށް ވުރެ ފަހު އެ އެފުރުޞަތެއް ނުދޭނަން."
އެވަގުތު ނާސިފުގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. އޭރު ވެސް ފޯނު އޮތީ ޒަމީލާ ބޭއްވި ތަނުގައެވެ. ސްޕީކަރަށްލުމަށް ފަހު ނާސިފު ޒަމީލާ އަތަށް ފޯނު ދިނެވެ. "ހަލޯ."
"މީ ސޭވްމީ ގެސްޓްހައުސް އިން. ވަރަށް ބޮޑަށް ސޮރީ. ވޮލެޓްގެ ވެރިފަރާތުން ވޮލެޓް ގެންގޮސްފި. ނަންބަރު ޖެހުމުގައި އަޅުގަނޑުމެންނަށް އެރި އޮޅުމެއް އެއީ. ނަންބަރުގެ ފަހަތުގައި އޮތީ ތިނެއް. ނަމަވެސް ގުޅުނީ ފަހަތަށް އަށެއް ޖަހައިގެން. އެ ކަމަށް ވަރަށް ބޮޑަށް މަޢާފަށް އެދެން." ޒަމީލާއަށް ރޮވިއްޖެއެވެ. ފޯނު ބޭއްވުމާއެކު ނާސިފު ގާތަށް ގޮސް އަތުގައި ހިފައި އާދޭސް ކުރަން ފަށައިފިއެވެ.
"ވަރަށް ބޮޑަށް ސޮރީ. އަހަރެން ނާސިފުދެކެ ވަރަށްލޯބިވޭ." މި ފަހަރު ނާސިފު ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.
"ތިޔަ ސޮރީގެ އެއްވެސް އަގެއް ނެތް. ދޫނީގެ ފިޔަގަނޑު ކޮށާލާފައި އުދުހެން ބުނާހެން، ހިތް ފަޅައިގެންދާ ވަރުކޮށްފައި ލޯބިވޭ ބުނީމަ އެއްވެސް އަގެއްނެތް. އަހަރެންގެ މައްޗަށް ޒަމީ ހުކުމް ކުރީ އެއްވެސް ހެތްކެއް ނެތި އައި ފޯނު ކޯލަކުން. އެ ނުދާންނަ މީހާއަށް އިތުބާރުކުރީ އަހަރެންގެ އިތުބާރު ނަގައިލައިފައި. ތިޔަ ކުޅެވުނީ އަލިފާނާ، އެ ނިންވާނެ ގޮތެއް ނުހޯދައި. އިތުބާރު ނެތް ގުޅުމެއްގެ މައްޗަށް އުންމީދުގެ އަލިކަމެއް ނުވޭ." އެވަގުތު ޒަމީލާގެ މައިންބަފައިން އައިސް ވަނެވެ.
އެތައް އިރަކު ވާހަކަ ދައްކައިގެން ނާސިފާއި ޒަމީލާ ރުޅިމަޑުކުރުމުގައި ޒަމީލާގެ މައިންބަފައިން ކާމިޔާބުކުރިއެވެ. އެރޭ އެދެމީހުން ނިދީ އެ ފަދަ ކަންކަމަށް އެތައް ފަހަރަކު ވިސްނައިފައި ނޫނީ އަމަލުނުކުރާން އެއްބަސްވެގެންނެވެ. (ނިމުނީ)