Advertisement

އިމާމުންނާއި ޚަޠީބުން ބައިވެރިވެވަޑައިގެން އުޅުއްވާ ދައުރާ ވަރަށް ކާމިޔާބެވެ.

21 Jul 2024 | 00:08
ދިވެހި އިމާމުންގެ ޝަރަފުގައި ރޭ ބޭއްވި ޚާއްޞަ ވަލީމާ ނިންމައިލުމަށް ފަހު ފޮޓޯއަކަށް އިށީންދެވަޑައިގެން.

އަބާ މުޙަންމަދު

މަޢުލޫމާތާއި ތަޖުރިބާ ހޯއްދެވުމަށް ޓަކައި ބުރޫނާއީ ދާރުއްސަލާމަށް ވަޑައިގެން މިހާރު އުޅުއްވާ އިމާމުންނާއި ޚަޠީބުން ބައިވެރިވެވަޑައިގެން އުޅުއްވާ ދައުރާގެ، މަޢުލޫމާތު ދެއްވުމުގެ ބައި މިއަދު ނިންމަވައިލައްވައިފިއެވެ. މި އަދުގެ ދަންފަޅިތަކުގެ ތެރޭގައި ޢަޤީދާ އަހުލުއްސުންނަތި ވަލްޖަމާޢާއާއި ފިޤުހުލްމަޤާޞިދުއްޝަރުޢިއްޔާއާއި ޤަޟާޔާ ފިޤުހިއްޔާ މުޢާޞަރާ ފަދަ މުހިންމު ބައިތައް ހިމެނުނުކަމަށް ބުރޫނާއީއިން ޚަބަރު ލިބުނެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމާއި އެކި ޤިރާއަތްތަކާއި އެ ޤިރާއަތްތަކުގެ ޙުކުމާއި ތާރީޚުގެ މައްޗަށް ވެސް މިއަދު މަޢުލޫމާތުދެއްވިއެވެ.

އަދި މީގެ އިތުރަށް މިސްކިތުގެ އިމާމުންގެ މަސްއޫލިއްޔަތާއި ޚުޠުބާގެ ތަޢުރީފާއި ޚުޠުބާ ލިޔުމާއި ހުށަހެޅުމުގައި ސަމާލުކަން ދެންޖެހޭ ކަންތައްތަކުގެ މައްޗަށް ވެސް މިއަދުގެ އެއް ދަންފަޅީގައި މަޢުލޫމާތު ދެއްވިއެވެ.

ތަމްރީނުގެ ބައި ނިންމަވައިލެއްވުމުގެ ގޮތުން އެންމެ ފަހު ދަންފަޅީގައި އޮތީ މުނާޤާޝާއެކެވެ. ދެވުނު ތަމްރީނާއި ދަންފަޅިތަކުން ލިބުނު މަޢުލޫމާތާއި ފައިދާގެ މައްޗަށް ވާހަކަދައްކައި ޚިޔާޅުފާޅުކުރެއްވުމެވެ.

އިއްޔެ ހަވީރު އެންމެ ފަހު ދަންފަޅި ނިންމައިލުމަށް ފަހު ބައެއް ބައިވެރީން ކުލާސްރޫމުގައި މަޑުކޮށްލައްވައިގެން<br>

ދިވެހި ބައިވެރީންގެ ޝަރަފުގައި މިރޭ ޚާއްޞަ ވަލީމާއެއް އޮތްކަމަށާއި "ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފު ޢަލީ" (ޔުނިއްސާ)ގެ ރައީސާއި ކުއްލިއްޔާތަކުގެ ވެރީންނާއި ޕްރޮފެސަރުންނާއި ދާރިސުން އެ ވަލީމާގައި ބައިވެރިވެވަޑައިގަތްކަމަށް ވެސް ބުރޫނާއީއިން ޚަބަރު ލިބިފައިވެއެވެ.

މަދަމާ، އޮތީ ތާރީޚީ ސަގާފީ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމެވެ. އަދި ރާއްޖެ ދާން ފުރާ ދުވަހު (22 ވަނަ ދުވަހު) ހެނދުނު ވެސް ޤުރުއާން ހިތުދަސްކޮށްދޭ މަރުކަޒަށް ޒިޔާރަތްކުރައްވާ ގޮތަސް ވަނީ އިންތިޒާމުކުރެވިފައެވެ.

ޢިޝާ ނަމާދުން ފައިބައިގެން<br>

ބުރޫނާއީ އިން ޚަބަރު ލިބިފައިވާ ގޮތުގައި "ޔުނިއްސާ"އަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ޢިލްމުވެރީން ތިއްބެވި އެއް ޔުނިވަރސިޓީކަން، އެ ބޭބޭފުޅުންގެ ހުށަހެޅުންތަކުގެ މޮޅުކަމުންނާއި މަޢުލޫމާތުގެ މުއްސަނދިކަމުން ހާމަވެއެވެ. މި ގޮތަށް ތަމްރީނު ޕްރޮގްރާމެއްގައި މީގެ ކުރީން އިމާމުން ވަޑައިގަތް ތަންތަނަށް ވުރެ އެތައް ސަތޭކަ ގުނައެއް ބުރޫނާއީ، ޚާއްޞަކޮށް ޔުނިއްސާ، މާ ބޮޑަށް ވެސް ރަނގަޅުކަމަށް ދިވެހިރާއްޖެއިން މި ދައުރާއަށް ޓަކައި ބުރޫނާއީއަށް ވަޑައިގަތް ބޭފުޅުން އިއްތިފާޤުވެއެވެ.

މި ޔުނިވަރސިޓީއިން ދިވެހި އިމާމުންނާއި ޚަޠީބުންނަށް ޚާއްޞަކުރައްވައިގެން ދައުރާއެއް ބާއްވަވާން ހަމަޖެއްސެވީ ޔުނިއްސާގެ ރައީސާއި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ދެމެދު އޮންނަ ޚާއްޞަ ރަޙުމަތްތެރިކަމެއްގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް