Advertisement

ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން ދެނެގަނެވޭނީ ތަފާސްހިސާބުގެ އަލީގައި

22 Oct 2023 | 13:28
.

· ދިވެހިރާއްޖޭގައި  ހާސް އަހަރުވީ  ތަފާސްހިސާބުގެ  ނިޒާމެއް

· 2020ގެ ތަސައްވުރު ހާސިލެއްނުވޭ

އިބްނި ޢަބްދުއްރަޙީމް

މީގެ  23  އަހަރުކުރިން  21ވަނަ  ގަރުނު  (މި ގަރުނު)  ފެށުނުއިރު، 2020އަށް  (މިހާރަށް ކުރި) ތަޞައްވުރުގެ  ތެރެއިން، ގައުމީ  ތަރައްގީއާއި  އާބާދީއާއި ތަފާސްހިސާބުގެ  ކަންކަމަށް  ބަލާއިރު، ލާމަރުކަޒީ  އުސޫލުން  ސަރަހައްދީ  ތަރައްގީ  ކުރިއެރުވުމަށް ޓަކައި  އާބާދީއާއި  ތަރައްގީ  އެއްފަސްކުރުމުގެ  ސިޔާސަތު  ހިންގުން، ގައުމުގެ  ތަރައްގީއަށް  އެކަށޭނަ  އާބާދީ  ސިޔާސަތެއް  ކަނޑައަޅައި  ހިންގުން، ރާއްޖޭގެ  އިޖުތިމާއީ  އަދި  އިގުތިސާދީ  ތަރައްގީގެ  ކުރިމަގު  ރޭވުމަށް  ބޭނުންވާ  ތަފާސްހިސާބު، ޒަމާނީ  ފަންނިއްޔާތުގެ  އެހީގައި  އެއްކުރެވި،  ކަމާބެހޭ  ވިއުގައެއް  ގާއިމުކުރެވި،  މަރުކަޒީ  ފެންވަރުގައި  ދިރާސާ  ކުރެވި،  ތަފާސްހިސާބުގެ  ޚިދުމަތް  ބޭނުންވާ  ހުރިހާ  ފަރާތްތަކަށް، ހަލުވިކަމާއެކު  ޚިދުމަތް  ލިބޭނެ  ނިޒާމެއް  ގާއިމުވެފައި  އޮތުން ހިމެނެއެވެ.  އެހެންނަމަވެސް މި ކަންކަން  ފުރިހަމަޔަށް  ހާސިލުނުވާކަން  ފާހަގަކުރެވެއެވެ.

20  އޮކްޓޫބަރަކީ، ދިވެހިރާއްޖޭގެ ޤައުމީ  ތަފާސްހިސާބުގެ ދުވަހެވެ. މި ދުވަސް (20 އޮކްޓޫބަރ) ދުނިޔޭގެ  ތަފާސްހިސާބުގެ ދުވަސްކަމުގައި ފާހަގަކުރެވެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ.

20 އޮކްޓޫބަރ، ރާއްޖޭގެ ޤައުމީ ތަފާސްހިސާބުގެ ދުވަސްކަމުގައި ފާހަގަކުރައްވާން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2020ގައެވެ.  އެއީ  އަހަރަކު އެއްފަހަރު، މި ފަދަ ދުވަހެއް ފާހަގަކުރުމަކީ ގައުމީ ތަރައްގީއަށް ޓަކައި މުހިންމު ކަމެއްކަމަށް ވާތީއެވެ.

ތަފާސްހިސާބަކީ ކުރާ ނުވަތަ ކުރެވޭ ކަންކަމުގެ ދިރުން ދައްކުވައިދޭ ކަމެކެވެ. ކުރިޔަށް ދެވޭކަން ނުވަތަ ނޫންކަން އެނގި ހާމަވާނީ ވެސް ތަފާސްހިސާބުގެ އަލީގައެވެ. މިހެން ވުމުން ތަފާސްހިސާބަށް، އިލްމީ ގޮތުން ވަނީ ވަރަށް ބޮޑު އަހަންމިއްޔަތެއް  ދެވިފައެވެ.

މީގެ 23 އަހަރު ކުރީން 21ވަނަ ގަރުނު (މިގަރުނު) ފެށުނު އިރު، 2020އަށް  (މިހާރަށް) ކުރި ތަޞައްވުރުގެ ތެރެއިން، ގައުމީ  ތަރައްގީއާއި އާބާދީއާއި ތަފާސްހިސާބުގެ ކަންކަމަށް ބަލާ އިރު، ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް ޓަކައި  އާބާދީއާއި ތަރައްގީ  އެއްފަސްކުރުމުގެ ސިޔާސަތު ހިންގުމާއި ގައުމުގެ ތަރައްގީއަށް އެކަށޭނަ އާބާދީގެ ސިޔާސަތެއް ކަނޑައަޅައި  ހިންގުމާއި، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިމަގު ރޭވުމަށް ޓަކައި ބޭނުންވާ ތަފާސްހިސާބު، ޒަމާނީ  ފަންނިއްޔާތުގެ  އެހީގައި އެއްކުރެވި، ކަމާ ބެހޭ ވިއުގައެއް ގާއިމުކުރެވި، މަރުކަޒީ ފެންވަރުގައި ދިރާސާކުރެވި، ތަފާސްހިސާބުގެ ޚިދުމަތް  ބޭނުންވާ  ހުރިހާ ފަރާތްތަކަށް، ހަލުވިކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނެއެވެ. އެހެންނަމަވެސް މި ކަންކަން އަދިވެސް އެންމެ ފުރިހަމަ ގޮތުގައި ހާސިލުވެފައި ނުވާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ކަންކަމުގެ މާޒީއަށް ބަލާ އިރު، އެންމެ ކުރީ  ޒަމާނުއްސުރެ (ނުވަތަ މީގެ 1000 އަހަރު  ކުރީއްސުރެ،)  ވާރު ނެގުމުގެ ބޭނުމަށް ޓަކައި، ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބާއި، މި ފަދަ ތަފާސްހިސާބު، މަރުކަޒީ  ނިޒާމުން،  އަދި ލާމަރުކަޒީ  ނިޒާމުގެ ތެރެއިން ރާއްޖޭގައި ބަލަހައްޓައިފައިވާކަން ސާބިތުވެއެވެ.

ކުޅުދުއްފުށީ  ސަހަރުގެ  މިސާލެކެވެ.

1811ގައި  ކުޅުދުއްފުށީގައި  ތިބީ  ވާރު ދޭ   އުމުރުގެ   (15 އަހަރާއި  60  އަހަރާ  ދެމެދު  އުމުރުގެ) 112 މީހުންނެވެ. 1911ގައި  ރާއްޖޭގައި  ފުރަތަމަ  ބޯހިމެނިއިރު  ކުޅުދުއްފުށީގެ  އާބާދީއަކީ 1697  މީހުންނެވެ. މިހާރު ކުޅުދުއްފުށި ސިޓީގެ  އާބާދީ، 16000އަށް ވުރެ (ސޯޅަހާހަށްވުރެ) އިތުރެވެ.

މީގެ 111 އަހަރު ކުރީން، 1911-1912 ހައި ތާނގައި ބައިނަލްއަގުވާމީ އުސޫލުން ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމެނި އިރު ރާއްޖޭގެ އާބާދީއަކީ 72237 (ހަތްދިހަ ދެ ހާސް ދުއިސައްތަ ތިރީސް ހަތެއް)އެވެ.

މީގެ 58 އަހަރު ކުރީން، 26 ޖުލައި 1965ގައި، ދިވެހިރާއްޖެ ޚާރިޖީ ގޮތުން އަދި ސިޔާސީ ގޮތުން ފުރިހަމައަށް  މިނިވަންވީ އިރު،  ރާއްޖޭގެ އާބާދީގައި ލައްކައެއް ހަމައެއްނުވެއެވެ. އެކަމަކު މިހާރު ރާއްޖޭގެ އާބާދީ، 520000 (ފަސް ލައްކަ ވިހި ހާސް)އަށް ވުރެ އިތުރެވެ.

1911ގައި އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭ އާބާދީގައި ދިރިއުޅުނީ 5236 މީހުންނެވެ. 

1911ގައި އެންމެ މަދު މީހުން ދިރިއުޅުނު ރަށަކީ އަރިއަތޮޅު މަޑޫގައްޔެވެ. އޭރު އެ ރަށުގެ އާބާދީގައި ތިބީ އެންމެ 23 މީހުންނެވެ. އެއީ މިހާރު މީހުން ދިރިއުޅޭ ރަށެއް ނޫނެވެ. އެއީ ފަޅުރަށެކެވެ.

1911ގައި  ރާއްޖޭގެ އާބާދީގެ 72,237 (ހަތްދިހަ ދެ ހާސް ދުއިސައްތަ ސަތުތިރީސް) މީހުންގެ ތެރެއިން މަސައްކަތު އާބާދީގައި ހިމެނޭ ފިރިހެނުންގެ 40 އިންސައްތައަކީ 14386 (ސާދަ ހާސް ތިން ސަތޭކަ ސަޔާހި)އެވެ. އެއީ މަސްވެރީންނެވެ.

1911ގައި ރާއްޖޭގެ އާބާދީކަމުގައިވާ 72,237 (ހަތްދިހަ ދެ ހާސް ދުއިސައްތަ ސަތުތިރީސް) މީހުންގެ ތެރެއިން މަސައްކަތު އާބާދީގައި ހިމެނޭ އަންހެނުންގެ 34 އިންސައްތައަކީ 10486 (ދިހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ހަޔެއް)އެވެ. އެ މީހުން ކުރާ މައިގަނޑު މަސައްކަތަކީ ބޮނބިތަޅައި ރޯނުވެށުމެވެ. މި ތަފާސްހިސާބުތަކުން އެނގެނީ ދިވެހީންނަކީ މުރާލި މަސައްކަތްތެރި ބަޔެއްކަމެވެ.

1000 އަހަރު ކުރީން ފެށިގެން ނުވަތަ 1100އިން ފެށިގެން 1932އަށް ފުރަމާލޭގައި ހުރި ތަފާސްހިސާބު ބެލެހެއްޓުމުގެ އެންމެ އިސް އިދާރާއަކީ ބޮޑުބަނޑޭރިގެއެވެ.

ލާމަރުކަޒީ ގޮތުން އަތޮޅުތަކުގައި، ކޮންމެ އަތޮޅެއްގައި، ކާރުދަވެރިޔާ/ވާރުވެރިޔާ/އަތޮޅުވެރިޔާއެވެ. ރަށްރަށުގައި "ގޮއިވެރިޔާ/ޚަޠީބު/ކަތީބު"އެވެ.

1932އިން 1959އަށް މަރުކަޒީ ގޮތުން ފުރަމާލޭ ވުޒާރަތުއްދާޚިލިއްޔާއެވެ. ލާމަރުކަޒީ ގޮތުން އަތޮޅުތަކުގައި އަތޮޅުވެރިޔާއެވެ. ރަށްރަށުގައި  ގޮއިވެރިޔާ/ޚަޠީބެވެ.

1959އިން 1978އަށް ވުޒާރަތުއްދާޚިލިއްޔާއެވެ. 1968އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒެވެ. (ބޯހިމެނުމުގެ މަސައްކަތްކުރެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ އިލެކްޝަން ޑިވިޝަނުންނެވެ.)

1959އިން  ފެށިގެން އަތޮޅުތަކުގެ އަތޮޅު އޮފީސްތައް އުފެދުނެވެ. އަދި ހަމަ 1959އިން ފެށިގެން ރަށްރަށުގެ ރަށު އޮފީސްތައް ވެސް އުފެދުނެވެ.

ތިރީގައި ދެން މި ދަންނަވައިލަނީ 1978ން ފެށިގެން ބޯހިމެނުމާއި ތަފާސްހިސާބު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުއްލި ދައުލަތުގެ އެންމެ އިސް އިދާރާތަކުގެ ނަންތަކެވެ. އެކި އަހަރުތައް ވަކިވަކީންނެވެ.

1978 ނޭޝަނަލް  ޕްލޭނިންގ  އެޖެންސީ

1982 މިނިސްޓްރީ  އޮފް  ޕްލޭނިންގ  އެންޑް  ޑެވެލޮޕްމަންޓް

1988 މިނިސްޓްރީ  އޮފް  ޕްލޭނިންގ  އެންޑް  އެންވަޔަރަންމަންޓް

1993 މިނިސްޓްރީ  އޮފް  ޕްލޭނިންގ،  ހިއުމަން  ރިސޯސަސް  އެންޑް  އެންވަޔަރަންމަންޓް

1988-2008 މިނިސްޓްރީ  އޮފް  ޕްލޭނިންގ  އެންޑް ނޭޝަނަލް ޑެވެލޮޕްމަންޓް

2008-2014 މިނިސްޓްރީ އޮފް  ފިނޭންސް  އެންޑް  ޓްރެޜަރީ

2014-2018 ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް  ފިނޭންސް  އެންޑް  ޓްރެޜަރީ)

2018-2021 ނޭޝަނަލް  ބިއުރޯ  އޮފް  ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް  ނޭޝަނަލް  ޕްލޭނިންގ،  ހައުސިންގ  އެންޑް  އިންފްރާސްޓްރަކްޗަރ)

2021އިން ފެށިގެން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އުފެދުނު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (މިނިސްޓްރީ އޮފް  ނޭޝަނަލް  ޕްލޭނިންގ،  ހައުސިންގ  އެންޑް  އިންފްރާސްޓްރަކްޗަރ)

އިސްވެ ދަންނަވައިލެވުނު މައުލޫމާތުން އެނގި ސާބިތުވަނީ ތަރައްގީގެ މަގުގައި ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން ދެނެގަނެވޭނީ ތަފާސްހިސާބުގެ އަލީގައިކަން އަބަދު ވެސް ދިވެހި ދައުލަތުން ގަބޫލުކުރައްވާކަމެވެ. އަދި އެ ދުވަސްވަރެއްގެ ފެންވަރުން ތަފާސްހިސާބު ބެލެހެއްޓުމުގެ މަސައްކަތް ކުރެވިފައިވާކަމެވެ.

______________________________________

އެޑިޓަރުގެ ނޯޓް
އިބްނި ޢަބްދުއްރަޙީމަކީ ޚަބަރާއި ތާރީޚާއި ސަގާފަތާ ބެހޭ ދާއިރާއަށް ޝައުގުވެރިވެވަޑައިގަންނަވާ އަދި މުޅީން އަލަށް ތަޢާރަފުވި ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް