Advertisement

ބުރޫނާއީ ރަސްގެފާނު މިއަދު މެލޭޝިއާއަށް ވަޑައިގަތީ އަމިއްލަފުޅު ޕައިލޮޓުކަމުގައެވެ.

19 Jul 2024 | 13:30
ސުލްޠާން ޙަސަނުލްބުލްޤިޔާ (ވ) އާއި ޝާހީ ޢާއިލާ - މިއަދު މަތީންދާ ބޮޓޫ ދުއްވީ ރަސްގެފާނު އަމިއްލަފުޅަށެވެ.

ޢަޒީޒު ޖަމާލު

މެލޭޝިއާގެ 17ވަނަ ރަސްގެފާނު ޖަލާލަތުލްމަލިކު (ހިޒް މެޖަސްޓީ) އައްސުލްޠާން އިބްރާހީމް، ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު މާދަމަ (ހޮނިހިރު ދުވަހު) ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ލިބިވަޑައިގަތުމުން އެ އުފާވެރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ބުރޫނާއީގެ ރަސްގެފާނު ޞާޙިބުލްމަލިކު (ހިޒް ރޯޔަލް ހައިނަސް) ސުލްޠާން ޙަސަނުލް ބުލްޤިޔާ މިހާރު ވަޑައިގެން ހުންނެވީ މެލޭޝިއާގައެވެ. އެ ރަދުން މެލޭޝިއާގެ ސުބާން އަށް މިއަދު ވަޑައިގަތީ މެންދުރުކުރީ 11:55ގައި މެލޭޝިއާ ރޯޔަލް އެއަރ ފޯސް ވައިގެ މަރުކަޒަށް ޖެއްސި ރޯޔަލް ބުރޫނާއީ ބޯއިންގ 787-8 (ބީބީޖޭ)މަތީންދާ ބޯޓުންނެވެ. އެންމެ އާދަޔާ ޚިލާފު ކަމަކީ އެ ބޯޓުގެ ޕައިލޮޓުކަން މިއަދު ކުރެއްވީ ސީދާ ރަސްގެފާނު އަމިއްލަފުޅަށްކަމުގައި ވީކަމެވެ. އެ ރަދުން މިއަދު ހުކުރު ނަމާދު ކުރެއްވީ މެލޭޝިއާގައެވެ.

ސުލްޠާން ޙަސަނުލް ބުލްޤިޔާއަކީ ގައުމުގައި އުޅުއްވާ އިރު ވެސް އެކި ދުވަހު އެކި މިސްކިތަށް، ކުރީން އެންގެވުމަކާ ނުލައި، ހުކުރަސް ވަޑައިގަންނަވާ ބޭފުޅެކެވެ. މިހެން ވަޑައިގަންނަވާ އިރު ގިނަ ދުވަސްދުވަހު ކަރުދުއްވާން އިންނަވަނީ ވެސް ޚުދު ރަސްގެފާނެވެ.

ސުލްޠާން ޙަސަނުލްބުލްޤިޔާއަކީ މި ވަގުތު ދުނިޔޭގައި ހުންނެވި އެންމެ މުއްސަނދި ރަސްގެފާނެވެ. އެ ރަދުންގެ މިލްކިއްޔާތުގައި 30 ބިލިޔަން ޑޮލަރު ހުރިކަމަށް މާލީ އިދާރާތަކުން ހާމަކުރެވެ.

މިއަދު ބުރޫނާއީ ރަސްގެފާނުގެ އަރިހުގައި އެ ރަދުންގެ އަނބިކަނބަލުން މަހާ ރެހެންދި، ރާނީ، ރާޖާ އިސްތެރީ ޕެންގިރާން އަނަކް ޞާލިޙާއާއި ބުރޫނާއީގެ ވަލީ ޢަހުދު ޕެންގިރާން މުދާ ޢަބްދުލްމަތީން ބުލްޤިޔާއާއި ޝާހީޢާއިލާގެ ގިނަ ބޭފުޅުން ވެސް މެލޭޝިއާއަށް ވަޑައިގަތެވެ. ރަސްގެފާނާއި ޝާހީ ޢާލިލާއަށް މަރުޙަބާދެންނެވުމަށް ޓަކައި  ވައިގެ މަރުކޒަޒުގައި ތިއްބެވީ ޖޮހޯރގެ ޝާހީ ޢާއިލާއާއި ސަރުކާރުގެ އިސްބޭފުޅުންނެވެ.

ރަސްގެފާނު ސުލްޠާން އިބްރާހީމް މާދަމާ ރަސްކަމުގައި ވެޑުވިޔަސް މި ދިޔަ ޖަނަވަރީ 31ވަނަ ދުވަހު ވަނީ ރަސްކަމުގެ ހުވާކުރައްވައިފައެވެ. ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ދަޢުވަތު ސުލްޠާނު ޙަސަނުލްބުލްޤިޔާއަށް އެރުއްވީ މި ދިޔަ ޖޫންމަހު 25ގައި ބުރޫނާއީއަށް ވަޑައިގެން ބުރޫނާއީ ރަސްގެފަނުގެ ގަނޑުވަރު އިސްތާނާ ނޫރުލްއިމާންގައެވެ.

Advertisement

ކޮމެންޓް