Advertisement

ޝާއިޢާތާއި ދޮގުޚަބަރު ފެތުރުމުގެ ނުރައްކާތެރިކަން

19 Jul 2024 | 00:01
....

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

އިސްލާންދީން ގޮވައިލަނީ ތެދު ބުނުމަށެވެ. ތެދުވެރީންކަމުގައި ވުމަށެވެ. އެއީ ތަޤުވާވެރީންގެ މަގެވެ. މި މަގުން ލައިފައި ﷲގެ ތަނަވަސް ސުވަރުގެއަށް ވާޞިލުވެވޭނެތެވެ. ތެދުބުނުމަށް އަމުރުކުރައްވައިފާ ފަދައިން ދޮގުހެދުމާ ދުރަށް ދިޔުމަށް ވެސް މި ދީން ގޮވައިލައެވެ. އެއީ މަގުގެއްލި ފުރެދިފައިވާ މީހުންގެ މަގެވެ. މި މަގުން ލައިފައި ދެވޭނީ ވޭން ދެނިވި ޢަޒާބަށެވެ. ކައު ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. (( إنَّ الصِّدْقَ يَهْدِي إلى البِرِّ، وإنَّ البِرَّ يَهْدِي إلى الجَنَّةِ، وإنَّ الرَّجُلَ لَيَصْدُقُ حتّى يَكونَ صِدِّيقًا. وإنَّ الكَذِبَ يَهْدِي إلى الفُجُورِ، وإنَّ الفُجُورَ يَهْدِي إلى النّارِ، وإنَّ الرَّجُلَ لَيَكْذِبُ حتّى يُكْتَبَ عِنْدَ اللَّهِ كَذّابًا [1]  - ހަމަކަށަވަރުން ތެދުބުނުމަކީ ހެޔޮކަމަށް މަގުދައްކައިދޭ ކަމެކެވެ. އަދި ހަމަކަށަވަރުން ހެޔޮކަން ސުވަރުގެއަށް ވާޞިލުކޮށްދެތެވެ. އަދި ހަމަކަށަވަރުން އެ މީހާ ތެދުވެރިއަކަށް ވެއްޖައުމަށް ދާންދެން އޭނާ ތެދުބުނާނެތެވެ. އަދި ހަމަ ކަށަވަރުން ދޮގުހެދުމަކީ ނުބައިކަމަށް މަގުދައްކައިދޭ ކަމެކެވެ. އަދި ހަމަކަށަވަރުން ނުބައިކަން ނަރަކައަށް ވާޞިލުކޮށްދެތެވެ. އަދި ހަމަ ކަށަވަރުން އެ މީހާ ﷲގެ ޙަޟުރަތުގައި ދޮގުވެރިއެއް ކަމަށް ލިޔެވިއްޖައުމަށް ދާންދެން އޭނާ ދޮގުހަދާނެތެވެ.))

އެންމެ ނުރައްކާތެރި ދޮގުގެ ތެރޭގައި  ޝާއިޢާތު ( ދޮގު ވާހަކަތައް ހަދަހަދައިގެން ފެތުރުން ) ވެއެވެ. ދުޝްމަނުން މި ބާވަތުގެ ދޮގުތައް ވަރަށް ބަދަހިކޮށް ފޭރާންކޮށް ބާޒާރަށް ނެރެއެވެ. ތަފާތު ނަންނަމުގައެވެ. ބައެއް ފަހަރަށް އެއަށް ނަފްސާނީ ހަނގުރާމަ އޭ ކިޔެއެވެ.

ޝާއިޢާތުތަކަކީ ގައުމުތަކުގެ ނުވަތަ މުޖްތަމަޢުތަކުގެ ރައްޔިތުންނާ ކުރިމަތިވަމުންދާ މޫސުމީ ވަބާއެކެވެ. އެއީ މުޖްތަމަޢުތައް ބައިބައިކޮށް ފަނާކުރަމުންދާ ރޯގާއެކެވެ. ތެދާއި ދޮގު ވަކިނުކޮށް  ޚަބަރުތައް ފެތުރުމުގެ ސަބަބުން ހިތްތައް ނުބައިވެ، ރުޅިވެރިކަން ފެތުރި، ހަތުރުވެރިކަން އަށަގަނެއެވެ.  ޝާއިޢާތުގެ ރޯގާގައި މީހަކަށް ހަމަ ޚަބަރެއް އަޑުއިވޭ އިރަށް އޭގެ ތެދުދޮގު ނުބަލައި އެއަށް  ފޮނިތޮށިކާފޫރުތޮޅި އަޅައި އޭނާއަށް ހެޔޮވަރުވާ ވަރަށް އޭގައި ރަހަލައްވައި މުޖްތަމަޢަށް ބަހައިލައެވެ. މި ޚަބަރު އިވޭ ކޮންމެ މީހަކު އެއަށް ބަސްތައް އިތުރުކޮށްގެންނާއި އުނިކޮށްގެން ފަތުރަތެވެ. ނަތީޖާއަކަށް ވަނީ މުޖްތަމަޢުގައި ބައިބައިވުން އުފެދުމެވެ. ނަފްރަތްތެރިކަން ބޮޑުވުމެވެ. އެއްބަނޑުއެއްބަފައިކަން ކަތިލެވުމެވެ. ރަޙިމުގެ ގުޅުންތައް ކެނޑުމެވެ. ރަޙްމަތްތެރިކަން ވަޅުލެވި ޙަސަދަވެރިކަމާއި ނުނިޔަތްލުން އިތުރުވުމެވެ. ޝާއިޢާތަކީ އެންމެ ނުބައި ބާވަތުގެ ދޮގެވެ. ކައު ރަސޫލާ އައްޞާދިޤުލްއަމީން ﷺ ވަނީ މި ކަމާ ދުރުހެލިވުމަށް އިންޒާރުކުރައްވައިފައެވެ. ލޮބުވެތި ރަސޫލާ މި ކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި ޙަދީސްކުރެއްވިއެވެ. ((كَفى بالمَرْءِ كَذِبًا أنْ يُحَدِّثَ بكُلِّ ما سَمِعَ [2]-  މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުމަކީ ދޮގެއް ހެދުން ކަމަށް ފުދެއެވެ.))

މިހެން ކަން އޮތް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޚަބަރުތައް ނަޤުލުކުރުމުގައި އޭގެ މަޞްދަރަކަށް ބަލައެއްނުލައެވެ. ބައެއް މީހުން ބުނާނީ ނުވަތަ ދަޢުވާކުރާނީ އެއީ ޚަބަރުފަތުރާ ރަނގަޅު މަޞްދަރުތަކުން އެނގިފައިވާ ޚަބަރެއް ކަމަށެވ. ޚަބަރާ ބެހޭ ތަފާތު ފަރާތްތަކާ ގުޅައިގެން އެ ޚަބަރުގެ ޙަޤީޤަތް  ހޯދާކަށް ބުރައެއް ނޫފުއްލާނެތެވެ. މި ބާވަތުގެ ވާހަކަތައް ފެތުރުމާ ދުރުހެލިވުމަށް ކައު ރަސޫލާ ﷺ ވަނީ ނަސޭޙަތްދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((بئس مَطيِّةُ الرَّجلِ زعَموا[3] - މީހެއްގެ ސަވާރީއަކަށް زَعَمُوا[4] ހެދުމުގެ ނުބައިކަމާއެވެ! ))

ޝާއިޢާތުތައް ފަތުރާމީހުން ވާހަކަތައް ފަށާނީ މި ކަހަލަ ގޮތަކަށެވެ. މަޞްދަރު ނޭނގޭގޮތަށެވެ. އޭނާގެ މަޤުޞަދަށް ވާޞިލުވުމަށް ޓަކައި އޭނާ އަރާނީ މި ސަވާރީއަށެވެ. އޭނާގެ ބޭނުމަކީ މާއްދީ މަޞްލަޙަތެއް ޙާޞިލްކުރުމެވެ. ނުވަތަ މަޤާމެއް ހޯދުމެވެ. ނުވަތަ ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރެއިން ލައިފާ މަޝްހޫރުވުމެވެ. ބައެއް މީހުންގެ އަބުރު ކަތިލައިގެން އަނެއް ބަޔަކާ ގާތްވުމެވެ. ބައެއްގެ ތެރޭގައި ފިތުނަފަސާދަ އުފައްދައިގެން އަނަފާތަކެއް ހޯދުމެވެ.

ބައެއް ޝާއިޢާތުތަކުން  މުޖްތަމަޢު ބައިބައިވެ މުޖްތަމަޢުގެ އެއްބައިވަންތަކަން ކޮށިގެންދެއެވެ. އަނެއްބައި ޝާއިޢާތުތަކުން ލޭ އޮހޮރިގެންދެއެވެ. ބައެއް ޝާއިޢާތުގެ ސަބަބުން ބައެއް މީހުންނަށް ކެކުޅުންތަކާއި ދުއްތުރާތައް ބަރުދާސްތުކުރަން ޖެހެއެވެ. އެމީހުންނަށް ތަޙައްމުލުކުރާން ޖެހުނު ބަލާތަކާއި މުޞީބާތްތައް ޢާލަމުތަކުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ނޭނގި ހިނގައިދާނެއެވެ.

ކީރިތި ރަސޫލާގެ ލޮބުވެތި އަނބިކަނބަލުން އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝަތުގެފާނާ ބެހޭގޮތުން ފެތުރި ދޮގު ޚަބަރު ( އިފްކުގެ ހާދިސާ) ގެ ސަބަބުން އެކަމަނާއަށް އުފުއްލަވަން ޖެހިވަޑައިގެންނެވި ހިތާމަފުޅު ކިހާ ބޮޑުވެގެން ދިޔަތޯއެވެ؟ އައްޞިއްދީޤު އަބޫބަކްރުގެފާނުގެ ޢިއްފަތްތެރި ޠާހިރު ދަރިކަނބަލުންނާ ބެހޭގޮތުން ފެތުރި ޝާއިޢާތުތަކުން ކީރިތި ރަސޫލާއަށާއި އެކަމަނާއަށާއި އިސްލާމީ މުޖްތަމަޢަށް އުފުއްލަންޖެހުނު ވޭންތަކާއި ހިތްދަތިކަމާއި ނުތަނަވަސްކަމަކީ ގަލަމަކަށް ތަޞްވީރުކޮށްދެވޭނެ ކަމެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަ  ތަޢާލާ ވަނީ މި ޝާޢިޢާތުގެ ވާހަކަ ( އިފްކު ގެ ޙާދިސާ) ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ[5]- ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.)) މި އާޔަތް ބާވައިލެއްވީ މުނާފިޤުންގެ ޒަޢީމު ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލާ ބެހޭގޮތުންނެވެ. ބަނިލްމުޞްޠަލަޤު ހަނގުރާމައިން މުސްލިމުންގެ ލަޝްކަރު އެނބުރި އައި މަގުމަތީގައި އުއްމުލްމުއުމިނީން ޢާއިޝަތުގެފާނާ އަޅުވައިކިޔާ ހެދި ދޮގު ބުހްތާން ވާހަކަތަކާ ވިދިގެންނެވެ. އޭނާ ޢާއިޝަތުގެފާނުގެ އަބުރުފުޅާ ބެހޭގޮތުން ވާހަކަދެއްކި ނަމަވެސް އޭނާ އެކަމަނާ ޤަޛްފެއް ނުކުރެތެވެ. އެކަމަށް ހެއްކެތް ވެސް ޤާއިމެއް ނުކުރެތެވެ. މިއީ އޭނާގެ ނުބައިކަމާއި މަކަރުވެރިކަން އިތުރަށް ހާމަވެގެންދިޔަ ކަމެކެވެ. މުނާފިޤުންގެ ޒަޢީމަށް މިކަހަލަ ވާހަކަތައް ވަށައި ފޭރާންކުރާން ވަރަށް މޮޅަށް އެނގޭނެކަން ކަށަވަރެވެ. ރަސޫލުﷲގެފާނު އެހެން މީހުންގެ މައްޗަށް ޤަޛްފުގެ ޙައްދު ޤާއިމުކުރެއްވި ނަމަވެސް މި ކަލޭގެ މައްޗަށް ޙައްދު ޤާއިމެއް ނުކުރައްވަތެވެ. އިބްނުލްޤައްޔިމު ވިދާޅުވާގޮތުގައި އުބައްޔު އިބްނު ސަލޫލު މި ވާހަކަ މީސްތަކުންގެ ތެރޭގައި ފަތުރަމުން ދިޔައީ ވަރަށް މަކަރުވެރިކަމާއި ނުބައި ކަމާއެކުގައެވެ. އޭނާ ކުށްވެރިކުރެވޭނެ ވަރުގެ ހެކިތައް ނުފެންނަ ގޮތަށެވެ.

މާތް ﷲ ވަނީ އެފަދަ ދޮގު ބުހްތާން ވާހަކަތައް ދެއްކުމާ ދުރުހެލިވުމަށް އަންގަވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَعِظُكُمُ ٱللَّهُ أَن تَعُودُوا۟ لِمِثْلِهِۦٓ أَبَدًا إِن كُنتُم مُّؤْمِنِينَ ‎[6] - ތިޔަބައިމީހުންނީ مؤمن ން ކަމުގައިވާނަމަ، އެފަދަކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް اللَّه ތިޔަބައިމީހުންނަށް وعظ އިއްވަވަތެވެ. ))

ޝާއިޢާތުގެ ހުތުރުކަމާއި ނުބައިކަމުގެ ޙައްދެއް ނެތެވެ.އެއީ ޝައިޠާނާގެ އަޢުވާނުންގެ އަދާތަކަށް ވާތީއެވެ. މުއުމިނުންގެ ހިތްތައް ބައިބައިކުރުމަށް ޓަކައެވެ. އެ މީހުންގެ ވަޙުދަތު ނަގައިލުމަށް ޓަކައެވެ. އުޙުދު ހަނގުރާމައިގައި ކީރިތި ރަސޫލާ ﷺ އަވަހާރަކޮށްލެވިއްޖެކަމަށް ބުނާ ދޮގު ވާހަކަތައް މުސްލިމު ހަނގުރާމަވެރީންގެ ތެރޭގައި ފެތުރިއެވެ. އެއީ މުސްލިމު ހަނގުރާމަވެރީންގެ ޢަޒުމު ވަޅޯކޮށްލައި މާޔޫސްކޮށްލުމަށް ޓަކައެވެ. އިސްލާމީ ލަޝްކަރުގެ ވެރިޔާ ނެތުމުން އެ މީހުންގެ ހިތަށް ކިހައި ބޮޑު ނާއުންމީދުތަކެއް ވަދެގެންދާނެތޯއެވެ؟ މުސްލިމުންނަށް ކިހައި ބޮޑު ސިހުމެއް ލިބޭނެތޯއެވެ؟ އެ މީހުންގެ މާނަވީ ބާރު ދެރަވެގެންދާނެތޯއެވެ؟ އެ މީހުންގެ ސަފުތައް ގަނޑުބަޑުވެގެންދާނެތޯއެވެ؟

މުޖުތަމަޢު ހަލާކުކޮށްލުމަށާއި ފަރުދުންގެ ހިތްވަރު އެލުވައިލުމުގައި އެންމެ ނުރައްކާތެރި އެއް ބަހާއަކީ ޝާއިޢާތެވެ. ޙަޤީޤަތެއްނެތް ބުހްތާން ދޮގުތައް ހެދުމެވެ. މީގެ އިތުރަށް އެއީ އީމާންކަމާއި ޢަޤީދާ ވެސް ހަލާކުކޮށްލުމަށް ޓަކައި ބޭނުންކުރެވޭ ތޫނު ކޯރާޑިއެކެވެ. އެއީ ޤަތުލުއާންމަށް ވުރެ ނުބައި އަދި ނުރައްކާތެރި ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ [7] -  އަދި قتل ކުރުމަށް ވުރެ فتنةވެރިކަމުގެ ނުބައިކަން ބޮޑެވެ.)) އެހެނީ ޤަތުލު ކުރުމަކީ އެންމެ ނަފްސެއްގެ ކަމެކެވެ. ނެތިގެންދާނީ އެންމެ ފުރާނައެކެވެ. އެހެނަސް ފިތުނައިގެ ސަބަބުން ޝާއިޢާތުގެ ސަބަބުން ހަލާކުވެގެންދާނީ މުޅި މުޖްތަމަޢެވެ. މުޅި ގައުމެވެ. ވަކި ފަރްދެއްނޫނެވެ. އެ މުޖްތަމައުގައި ހުރި ހުރިހާ އުޞޫލުތަކެކެވެ. ހުރިހާ ގިޔަމުތަކަކާއި އަގުތަކެކެވެ. ހުރިހާ ރަހަތަކަކާއި ހަރުދަނާކަމެކެވެ. މަސްތުވާތަކެއްޗާއި ޢާލަމީވަބާ ފަދަ ވަބާތަކަށްވުރެ އޭގެ ނުރައްކާތެރިކަން ކުޑައެއް ނުވާނެއެވެ.

މިހެންވެ ހެޔޮލަފާ ބޭކަލުން މި ކަމަށް ވަރަށް ރައްކައުތެރިވެވަޑައިގަތެވެ. އެއްދުވަހަކު ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ އަމީރުލްމުއުމިނީނޭވެ! މަނިކުފާނާ ބެހޭ ގޮތުން މިވެނި މީހަކު މިވެނިއެވެނި ވާހަކަތަކެއް އެބަ ދައްކައެވެ.އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ވަރަށް ރަނގަޅު! ތިމަން މަނިކުފާނު ތިބާގެ ތިޔަ ވާހަކަތައް އެބަ ބައްލަވަމެވެ. ތިބާއަކީ ދޮގުވެރިއެއްނަމަ މާތް ﷲ އަންގަވައިފައިވާ ފަދައިން ތިބާގެ މައްޗަށް ޤަޛްފުގެ ޙައްދު ޤާއިމުކުރައްވާހުށީމެވެ. ތިބާއަކީ ތެދުވެރިއެއްނަމަ ތިބާ ވާނީ  " هَمَّازٍ مَّشَّآءِۭ بِنَمِيم[8]- غيبة ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ " މީހަކަށެވެ. ތިބާ އެދޭނަމަ ތިމަން މަނިކުފާނު ތިބާއަށް މާފުކުރައްވާނަމެވެ. އެހިނދު އެމީހާ ދެންނެވިއެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ. އަޅުގަނޑަށް  މާފުކުރައްވާށެވެ. ))[9]

ބައެއް މީހުން އެމީހުންނަށް އިވޭހައި ވާހަކަތަކެއް މީސްމީޑިއާ މަންސަތަކުގައި  ފެތުރުމުގެ  ސަބަބުން އެ ވާހަކަތައް ވަރަށް ބާރަށް ފުތުރިގެން ދެއެވެ. މިއީ ޢާލަމުތަކުގެ ވެރިރަސްކަލާނގެ އެކަމާމެދު ރުހިވޮޑިގަންނަވާ ކަމެއްނޫނެވެ. މީހަކު ބުނާ ބަހެއްގެ ސަބަބުން އެމީހާ ﷲގެ ޙަޟުރަތުގައި އެންމެ މަތީ ދަރަޖައަށް އުފުއްލިގެން ހިނގައިދާނެތެވެ. ހަމަ އެފަދައިން އެމީހާ ބުނާ ބަހެއްގެ ސަބަބުން އޭނާ ނަރަކައިގެ ދަރަކަ[10]ތަކުގެ ތެރެއަށް ވެއްޓިގެން ވެސް ހިނގައިދާނެތެވެ.ލޮބުވެތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّ العَبْدَ لَيَتَكَلَّمُ بالكَلِمَةِ مِن رِضْوانِ اللَّهِ، لا يُلْقِي لها بالًا، يَرْفَعُهُ اللَّهُ بها دَرَجاتٍ، وإنَّ العَبْدَ لَيَتَكَلَّمُ بالكَلِمَةِ مِن سَخَطِ اللَّهِ، لا يُلْقِي لها بالًا، يَهْوِي بها في جَهَنَّمَ[11]. -  ހަމަކަށަވަރުން އަޅާ ﷲ ރުހިވޮޑިގަންނަވާ ކަލިމައަކުން ހެޔޮ ނިޔަތުގައި ވާހަކަދައްކައިފި ނަމަ  އެ ކަލިމައިގެ ސަބަބުން ﷲ އޭނާގެ ދަރަޖަތައް އުފުއްލަވާނެތެވެ. އަދި ހަމަކަށަވަރުން އަޅާ ﷲ ރުހިވޮޑިނުގަންނަވާ ކަލިމައަކުން ވިސްނާލުމަކާ ނުލައި ވާހަކަދައްކައިފިނަމަ އޭނާ ޖަހަންނަމައަށް ވައްޓައިލައްވާނެތެވެ.))

މިއިން އެނގެނީ ކޮންމެ އިންސާނަކު ވެސް އޭނާ ދޫ ރައްކައުތެރިކުރުމަށް ސަމާލުކަންދޭން ޖެހޭނެކަމެވެ. ތިމާގެ އަނގައިގެ ތެރެއިން ބަހެއް ނެރޭންވާނީ އެކަމާމެދު ވަރަށް ވިސްނައިފައެވެ. އެއީ ފައިދާހުރި ބަހެއްތޯ ނުވަތަ ގެއްލުންހުރި ބަހެއްތޯ ބަލައިފައެވެ.ބުނާނެ ހެޔޮ ބަހެއް ނެތްނަމަ ހަނުހުރުން މާ ރަނގަޅުވާނެއެވެ. އީމާންކަން ފުރިހަމަވާނީ އޭރުންނެވެ. ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. (( مَن كانَ يُؤْمِنُ باللَّهِ واليَومِ الآخِرِ فَلْيَقُلْ خَيْرًا أوْ لِيَصْمُتْ [12]-ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮ ބަސްބުނާށެވެ. ނުވަތަ ހަނުހުންނާށެވެ!))

މި ފަދަ އިންސާނާ ވާނީ ހެޔޮބަހުގެ އަހްލުވެރިއަކަށެވެ. އެއީ ރަޙްމާންވަންތަ ﷲއާ ކުއްތަންވެގެންވާ ބަހެކެވެ. އެއީ އޭގެ މޫތައް ބިމަށް ހަރުލައިފައިވާ އާރުހުރި ބަހެކެވެ.އޭގެ އަސަރުތައް ފެތުރި އުޑާ ހަމައަށް ވާޞިލުވެއެވެ. ކީރިތި ﷲ އެކަލާނގެ މޫރިތި ޤުރްއާނުގައި ހެޔޮބަސް ސިފަކޮށްދެއްވައި ވަޙީކުރެއްވިއެވެ. (( أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ تُؤْتِىٓ أُكُلَهَا كُلَّ حِينِۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ[13] - اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮންފަދައަކުން ކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ އެ ގަހުގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. اللَّه، މީސްތަކުންނަށް مثال ޖައްސަވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ.))

ﷲގެ ސީދާމަގުން އެއްކިބާވެ ޝާއިޢާތުގެ އަހްލުވެރިއަކަށް ވެއްޖެނަމަ ޝައިޠާނާގެ އަތުގައި ވާ އަދާތަކަށް އޭނާ ވެދާނެތެވެ. އޭނާގެ ބަސް އަސްލެއްނެތް ބަހަކަށް ވެދާނެތެވެ. ޙަޤީޤަތް ވަންހަނާކުރާ ބަހަކަށް ވެދާނެތެވެ. އެއީ ސާބިތުކަމެއްނެތް ބަހެކެވެ. ދައްޔާންވަންތަ ރަސްކަލާނގެ މި ބަސް ސިފަކުރައްވައި ވަޙީކުރެއްވިއެވެ. (( وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ[14]- އަދި ނުބައި ބަހެއްގެ مثال އަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثال އެވެ.))

ޝައިޠާނާގެ މަގުން ހިނގާ މީހަކީ ޚަރާބުގެ މަގުން ހިނގާ މީހެކެވެ. އޭނާގެ ދުލުންނާއި އަނގައިން އެހެންމީހުންނަށް ގޯނާކޮށް ދުއްތުރާ ކުރި މީހާއަށް ، އޭނާ ގޯނާކުރި މީހާގެ އެ ގުނަވަނުން އޭނާއަށް ޤިޔާމަތްދުވަހުން ޢަޒާބުދެއްވާނެތެވެ. ((ރަސޫލާ ﷺ އަށް ދެ މީހަކު ފެނިވަޑައިގަތެވެ. އޭގެ ތެރެއިން އެކަކު ހުރީ އަނެއް މީހާގެ ކައިރީގައި ކޮޅަށެވެ. އިށީނދެގެން އިން މީހާގެ އަތުގައި އޮތް ދަގަނޑު ބުޅިގަނޑެއް އަނެއް މީހާގެ އަނގައިގެ މިޔަކަނިން ވައްދައިގެން ފުއްކިބައިން ނެރެތެވެ. އެއަށް ފަހު މި ބުޅިގަނޑު އަނެއް މިޔަކަނިން ވައްދައިގެން ފުއްކިބައިން ނެރެތެވެ. އެއަށްފަހު މިޔަކަނި ބެނދި ފާރުގަނޑު ފަސޭހަވެއެވެ. ހަމަ ރަނގަޅުވާ އިރަށް އެ މީހާ މި ބުޅިގަނޑު އަލުން ވައްދައި އެ ކަން އިޢާދަކޮށް އޭނާއަށް ޢަޒާބުދައްކަތެވެ. މި ކަމާ ބެހޭ ގޮތުން ރަސޫލާ ﷺ ސުވާލުކުރެއްވުމުން ދެންނެވުނެވެ. އެއީ: فَكَذّابٌ يُحَدِّثُ بالكَذْبَةِ، فَتُحْمَلُ عنْه حتّى تَبْلُغَ الآفاقَ – އެއީ ދޮގު ވާހަކަދައްކާ ގިނަގިނައިން ދޮގުހަދާ މީހާއެވެ. އޭނާ ހަދާ ދޮގުތައް އުދަރެހާ ހަމައަށް ފެތުރިގެންދެއެވެ. ))[15]

މިހެންވެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقُۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمَۢا بِجَهَٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ[16] -އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.))

__________________________________

މުރުޖިޢުތައް:

[1]  -  أخرجه البخاري ( 6094  ) و  مسلم (2607 )

[2]  -  أخرجه مسلم في ((مقدمة الصحيح)) (٥)، وأبو داود (٤٩٩٢)، وابن حبان (٣٠)

[3]  - أخرجه أبو داود (٤٩٧٢) وأحمد (٢٣٤٥١)

[4]  - އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ބާޠިލު ގޮތުގައި ވިސްނައި ހެދުން

[5]  - النور : 19

[6]  - النور : 17

[7]  -  البقرة : 191

[8]  -  القلم : 11

[9]  - إحياء علوم الدين (3 / 156 )

[10]  - ދަރަކައަކީ ދަރަޖައިގެ އިދި ލަފުޒެވެ. ދަރަޖަ ދާނީ މައްޗަށެވެ. ދަރަކަ ދާނީ ދަށަށެވެ.

[11]  - أخرجه البخاري (٦٤٧٧) و مسلم (٢٩٨٨) 

[12]  - أخرجه البخاري (٦٠١٨)، ومسلم (٤٧)

[13]  - إبراهيم : 24-25

[14]  - إبراهيم : 26

[15]  - صحيح البخاري( ١٣٨٦ )

[16]  - الحجرات :6

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް