Advertisement

ބުރޫނާއީ – އަޚުވަންތަ އުޚުއްވަތްތެރި ހެޔޮލަފާ ބަޔަކު ދިރިއުޅޭ ގައުމެއް.

18 Jul 2024 | 04:59
ދައުރާގައި ބައިވެރިވި ބައެއް ދިވެހީންނާއި ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފު ޢަލީގެ އިސް ބައެއް ބޭފުޅުން އެއަރޕޯޓުގައި ފޮޓޯއަކަށް ހުއްޓިލައްވައިގެން..

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިމާމުންނާއި ޚަޠީބުންނަށް އިތުރު މަޢުލޫމާތާއި ތަމްރީނުދެއްވުމަށް ޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ވަޒީރުގެ އިސްނެންގެވުމުގެ މަތީން ފައްޓަވައިފައިވާ ޚާއްޞަ ޕްރޮގްރާމުގެ ދަށުން މި އަހަރު ރާއްޖެއިން ބޭރަށް ފޮނުއްވާ ތިންވަނަ ބުރުގެ ބައިވެރީންގެ ތެރޭގައި ހިމެނިގެން މި ވަގުތު އަޅުގަނޑު މިހިރީ ބުރޫނާއީ ދާރުއްސަލާމުގައެވެ. ދައުރާ (ތަމްރީނު ޕްރޮގްރާމް)ގެ މައުލޫމާތުދިނުމުގެ ބައްދަލުވުންތައް ފެށުނީ މިއަދު ހެނދުނު 8:00ގައެވެ. މެންދުރު މެދުކަނޑައިލުމަށް ފަހު 2:00ގައި ފަށައިގެން މިއަދުގެ ޕްރޮގްރާމްތައް ނިންމައިލީ ހަވީރު 4:00ގައެވެ. ގަޑީގެ ގޮތުން ބަލާ އިރު، ރާއްޖެއަށް ވުރެ ތިން ގަޑި އިރު މި ތަނަށް އަވަހެވެ. މި ދައުރާގެ ތަފުޞީލުތައް އެހެން ފަހަރަކުން ލިޔެލާން ގަސްތުކުރަމެވެ.

އާދޭހެވެ! ސިންގަޕޫރު މަގުން ސިންގަޕޫރު އެއަރލައިންސުގެ ބޯޓަކުން ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ގަދަ ކަނޑެއްގައި ދުއްވުމެކޭ، އަޅުގަނޑުމެން މަތީންދާބޯޓުން ކުރި ދަތުރެކޭ ތަފާތެއް ނޫނެވެ. މުޅި ދަތުރު ދިޔައީ އައިދަރޯސް މަތީގައެވެ. އެހާ ވެސް ގަދައަށް ބޯޓު ތެޅުވީއެވެ. ނަމަވެސް އަޅުގަނޑުމެން 20 މީހުންނަށް ބުރޫނާއީއަށް އާދެވުމާ އެކު، އެ ހުރިހައި ހާސްކަމެއް ފިލައިގެން ހިނގައްޖެއެވެ. މީހުންގެ ހެޔޮކަމާއި އޯގާވެރިކަމާއި މެހުމާނުދާރީގެ ފުރިހަމަކަމުންނެވެ. ހީވަނީ މާ ކުރީއްސުރެ ދެކެފަރިތަ ރައްޓެހި ބަޔަކާ ބައްދަލުވީހެންނެވެ. އެއަރޕޯޓުން އަޅުގަނޑުމެންނަށް މަރުޙަބާ ވިދާޅުވުމަށް ޓަކައި ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފުޢަލީގެ އެންމެ އިސްވެރީން ހިމެނިވަޑައިގަންނަވާހެން ވިއްސަކަށް ބޭފުޅުން އެއަރޕޯޓުން އަޅުގަނޑުމެންނާ އިސްތިޤުބާޅުކުރެއްވިއެވެ.

އާދޭހެވެ! ބުރޫނާއީ ދާރުއްސަލާމަކީ އަސޭކަރައިގެ ބޯނިއޯ ޖަޒީރާގެ އައްސޭރިފަށުގައި އޮންނަ ކުޑަކުޑަ ގައުމެކެވެ. ބޯނިއޯ ޖަޒީރާގެ ތަންކޮޅެކެވެ. މި ގައުމު ދެ ބަޔަކަށް ވަނީ ބެހިފަހެއެވެ. މި ގައުމުގެ ވަށައިގެން އޮތީ މެލޭޝިއާއާއި ދެކުނު ޗައިނާ ކަނޑެވެ. ބޯނިއޯ ޖަޒީރާގެ، ދެކުނު ޗައިނާ ކަނޑާ ވީ ފަޅިއަކީ އިރުމަތީ މެލޭޝިއާއެވެ. ބިއްދޮށު ފަޅިއަކީ އިންޑޮނޭޝިއާއެވެ. އެހެންކަމުން ބުރޫނާއީއާ އެއް އިންވެގެން އޮތީ މެލޭޝިއާއެވެ.

ބުރޫނާއީގެ ރީތި މަންޒަރެއް - ދުރުން އެ ފެންނަނީ ރަނުން ގުއްބުތައް ލައިފައިވާ "މަސްޖިދު ޢުމަރު ޢަލީ ސައިފުއްދީން" (މުސްކުޅި މިސްކިތް) އެވެ.<br>

ބުރޫނާއީއަކީ ރީތި ގޮނޑުދޮށަކާއި މުއްސަނދި ޖަންގަނއްޔެއް ލިބިފައިވާ ގައުމެކެވެ. ފެހިކަން ގަދަ ގައުމެކެވެ. އެ ގައުމުގައި ހުރި ރިޒާވު ބޮޑުކަމުގެ ސަބަބުން ބުރޫނާއީއަކީ މުއްސަނދި ގައުމެކެވެ. ހަތަރު ލައްކަ ފަންސާހަކަށް ހާސް މީހުންގެ އާބާދީއެއް އޮންނަ ބުރޫނާއީއަކީ ހުރިހައި ބާރެއް ރަސްގެފާނަށް އޮންނަ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 1967އިން ފެށިގެން ރަސްކަމުގައި ހުންނަވަނީ حسن البلقية ابن عمر علي سيف الدين ٣އެވެ. 1984ގައި އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީއްސުރެ އެ ގައުމުގެ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވަނީ ވެސް ރަސްގެފާނު ޙަސަނުލްބުލްޤިޔާއެވެ.

ކުރުކޮށް ދަންނަވާ ނަމަ، ބުރޫނާއިގައި އޮންނަނީ ފުރިހަމަ ބާރުގަދަ ރަސްކަމެކެވެ. 1959ގައި އެ ގައުމުން ލިބިގެންފައިވާ ގާނޫނު އަސާސީގައި ހުރިހައި ބާރުތަކެއް ލިބިދީފައިވަނީ ރަސްގެފާނަށެވެ. ނަމަވެސް 2004އިން ފެށިގެން ގާނޫނު އަސާސީއަށް ބައެއް ބަދަލުތައް ރަސްގެފާނު ގެންނަވައިފައިވެއެވެ. މި ބަދަލުތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އިންތިޚާބީ މެންބަރުން ގާނޫނު ހަދާ މަޖިލީހުގައި ހިމެނުއްވުން ހިމެނެއެވެ. ނަމަވެސް 2018 ޑިސެންބަރ 31ގައި މި މަޖިލީހަށް މެންބަރުން އިންތިޚާބުކުރެއްވި ފަހުން އަދި އިންތިޚާބެއް ނުބާއްވަވައެވެ.

ސުލްޠާން ޙަސަނުލްބުލްޤިޔާއަކީ ރަސްގެފާނުގެ އިތުރަށް އެ ޤައުމުގެ ބޮޑުވަޒީރެވެ. އަދި މާލީ ވަޒީރުކަމާއި ދިފާޢީ ވަޒީރުކަން ވެސް ކުރައްވަނީ އެ މަނިކުފާނެވެ. އެހެންކަމުން އެ ރަދުންނަކީ މިއަދު މުޅި ދުނިޔެއަށް ބަލާ އިރު ވެސް ގައުމެއްގައި ހުންނެވި އެ ގައުމުގެ އެންމެ ބާރުގަދަ ރަސްގެފާނެވެ.

ބުރޫނާއީއަކީ ފުރިހަމަ އިސްލާމީ ޤައުމެއްކަމަށް ދެންނެވިދާނެއެވެ. އެ ޤައުމުގައި ރާއާއި މަސްތުވާތަކެތި މުޅީން މަނަލެވެ. އެއްވެސް ފިހާރައަކުން ސިނގިރެޓެއް އދި ދުންފަތުގެ ބާވަތެއް ގަންނާކަށް ނުލިބެއެވެ. އެ ރަށު މީހަކު ބުނެި ގޮތުގައި ސިނގިރޭޓު ބުއިމަކީ ބުރޫނާއީގައި މަނާ ކަމެކެވެ. ނަމަވެސް މަދު މީހަކު މެލޭޝިއާ ނުވަތަ އިންޑޮނޭޝިއާ މަގުން އެތެރެކޮށްގެން ސިނގިރެޓު ބޯ ކަމަށް ވެއެވެ. ބުރޫނާއީގައި މަސައްކަތްކުރައްވާ މިޞްރުގެ ޑޮކްތަރަކު ވިދާޅުވި ގޮތުގައި ބައެއް ބަލި މީ ހުންނާ ސުވާލުކޮށްލުމުން މެލޭޝިއާ މަގުން ސިނގިރެޓު އެތެރެކޮށްގެން ބޯކަމަށް އެއްބަސްވެއެވެ.

ބޫރޫނާއީ ދާރުއްސަލާމްގެ ރަސްގެފާނުގެ ޝާހީ ގަނޑުވަރު (އިސްތާނާ ނޫރުލްއީމާން)ގެ ކުރިމަތީގައި ތިން މީހަކާއި ކުޑަކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން....<br>

ގިނަ ގައުމުތަކުގައި ހުންނަ ފަދައިން ރާ ބޯ ބާރތަކާއި ކެސިނޯއާއި ނައިޓުކުލަބާއި ޑިސްކޯތަކާއި ނަށާ ތަންތަނެއް ބުރޫނާއީއަކު ނުހުރެއެވެ. ރޭގަނޑުގެ ދިރިއުޅުމާ އެންމެ ކައިރިކުރާ ފަދަ ތަންތަނަށް ބުރޫނާއީގައި ހުންނަނީ ޒުވާނުން ދަންވަންދެން ގޮސް އުޅޭ ކޮފީ ބޯ ތަންތަން އެކަންޏެވެ.

މީލާދީން ސާދަވަނަ ގަރުނުއްސުރެ ބުރޫނާއީއަކީ އިސްލާމީ ގައުމެކެވެ. އަދި އިސްލާމް ދީން ތަރައްގީކޮށް އިސްލާމީ ރަނގަޅު ތަޞައްވުރެއް ދުނިޔެއަށް ދައްކާން މަސައްކަތްކުރާ ދީންވެރި ބަޔަކު އުޅޭ އިސްލާމީ ގައުމެކެވެ. ނަމަވެސް މުޅި ގައުމުގެ އާބާދީގައި މުސްލިމުން ޙިއްސާކުރަނީ 82.1 އިންސައްތައެވެ. 8.7 ނަޞާރާއިން ވެސް އެ ގައުމުގައި އުޅެއެވެ. އަދި 7.8 އިންސައްތަ ބުޑިސްޓުން ވެސް އެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ހިމެނެއެވެ. ބާކީ 4.7 އިންސައްތަ މީހުންގެ ތެރޭގައި އެހްނ ދީންތަކާއި ބޯދާ އަގީދާގެ މީހުން ވެސް ހިމެނެއެވެ. މިއީ 2021ގައި ސަރުކާރުން ބޭއްވި ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ޢަދަދުތަކެވެ.

ބުރޫނާއީއަކީ މުއްސަނދި ގައުމެކެވެ. އެ ގައުމުގެ ޖީޑީޕީގެ 50 އިންސައްތައަށް ވުރެ ބޮޑު ބައެއް ޙިއްސާކުރަނީ ތެލާއި ގޭހުން ލިބޭ އާމްދަނީގެ މައްޗަށެވެ. މުޅި ގައުމުގައި ވެސް ފަގީރަކު ނެތެވެ. މީހުން ދިރިއުޅެނީ ރީތި ގެތަކުގައެވެ. ޖިފުޓިއެއް ނުހުރެއެވެ. ސަލާންޖެހޭ މީހަކު ނެތެވެ.

ބުރޫނާއީ ރައްޔިތުން ރަސްގެފާނު ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. މިއީ އެ ރަދުންގެ 78ވަނަ އުފަން ދުވަސް މުޅި ޤައުމުގައި ފާހަގަކުރާ ހަފުތާއެވެ. އަޅުގަނޑުމެންނަށް ރޭ ދެއްވި ޚާއްޞަ ރޭގަނޑުގެ ކެއުމެއްގައި ވާހަކަދައްކަމުން ދިވެހިރާއްޖޭގެ އިސްލާމީ މަރުކަޒު ޢިމާރާތްކުރައްވާން ރަސްގެފާނު ޙަސަނުލްބުލްޤިޔާ އެހީތެރިވެވަޑައިގަތް ވާހަކަ އަޅުގަނޑު ބުނުމުން އެ މީހުން ވަރަށް އުފާވިއެވެ. ހަމަ އެ ވަގުތު އެ ރަދުންނަށް ފުހިމަ ޞިއްޙަތާއި ދިގު ޢުމުރުފުޅެއް ދެއްވުން އެދި ދުޢާކުރާން އަޅުގަނޑުމެންގެ ގާތުގައި އެދުނެވެ. އަޅުގަނޑުމެން އެންމެން އެ މީހުންނާ ބައިވެރިވެގެން އަތް އުފުއްލައި ދުޢާކުރީމެވެ. ކާން ފެށީ އެއަށް ފަހުގައެވެ.

މިއީ ފުރިހަމަ ބުފޭއެކެވެ. ކުރުކޮށް ދަންނަވާ ނަމަ، ނުލިބުނީ ބަނޑެކެވެ. އެހައި ވެސް އެ ކެއުން މީރުވެފައި ފުރިހަމައެވެ. އެންމެ މަތީ ފެންވަރުގެ ކެއުމެކެވެ. ސުރުވާއިން ފެށިގެން ބަތާއި ޕާސްތާއާއި ގެރިމަހާއި ބަކަރިމަހާއި ކުޅުޅުމަހާއި ޑިނގާއާއާއި ފަރުމަހާއި މި ހުރިހައި ބާވަތެއްގެ ތަކެތީން ތައްޔާރުކޮށްފައިވާ ކާނާ ހުއްޓެވެ. ފުރަދާނަ ކެއުމެކެވެ.

ކޮންމެއަކަސް ބުރޫނާއީއާ މެދު ހިތުގައިއުފެދުނު ޚާއްޞަ ލޯތްބެއްގެ ސަބަބުން މި ވާހަކަ ހަމަ ލިޔެލާހިތްވީއެވެ. އިތުރު ވާހަކަތައް ވެސް ލިޔާން އަދި ގަސްތުކުރަމުން މިއަދު މި ހިސާބަށް ނިންމައިލީމެވެ.

Advertisement

ކޮމެންޓް
ނަހުޒާ
މާޝާއ ﷲ! ވަރަށް ދާހިތް ވެއްޖެ.
25 Jul 2024