Advertisement

ޤުރުއާނަށް ލޯބިކުރާ އިސްލާމީ ދިވެހި މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާގެ އުފާވެރި މެސެޖެއް

17 Jul 2024 | 07:13
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމީ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އިސްލާމީ މަރުކަޒަށް ވަޑައިގަންނަވަނީ.—(ފޮޓޯ: ރައީސް އޮފީސް)

އަބާ މުޙަންމަދު

ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރައްވައި އިނާމު ދެއްވުމަށް ޓަކައި ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އިޢުލާނުކުރެއްވި ގިނަ ކަންތައްތަކަކީ ދިވެހި އިސްލާމީ ދިވެހިރާއްޖޭގައި އިސްލާމީ ކަންކަން ކުރިއަރުވައި ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކޮށް ފުޅާކުރުމުގެ ޝައުޤުހުރި އެންމެން ހިނިތުން ކޮށްލި ކަންތައްތަކެކެވެ. ހާފިޒުންނަށް ސަރުކާރުން ދެއްވާ އިނާޔަތްތައް ދެ ގުނަ ބޮޑުކުރައްވައި، ވަސީލަތްތައް އިތުރުކުރެއްވުމާ އެކު، ކީރިތި ގުރުއާނުގެ އިލްމު ފަތުރުއްވައި ދީނީ ކަންކަން ކުރިއެރުއްވުމަށް ޓަކައި ސަރުކާރުން ކުރައްވާން ރާއްވަވައިފައިވާ ގިނަ ކަންތައްތަކެއް ރައީސް ޑރ. މުޙަންމަދު މުޢިއްޒު ރޭ އިއުލާނުކުރެއްވިއެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:

• ދީނީ ކަންކަން ކުރިއަރުވާން ކުރައްވާން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން "ދާރުއްސަލާމް"ގެ ނަމުގައި އާ ވަފުގު އިމާރާތެއް ބިނާކުރެއްވުން.

• "ދާރުލްއަރްގަމް"ގެ ނަމުގައި އެހެން، ވަގުފު އިމާރާތެއް ބިނާކުރައްވާން ނިންމައި، ބިން ހަމަޖައްސަވައިފައިވުން.

• ހިލޭ ގުރުއާން ކިޔެވޭނެ ކްލާސްތައް އިތުރުކުރެއްވުން.

• ހާފިޒުންނަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، އެ މީހުންނަށް ދޭ އިނާޔަތް ދެގުނަ ބޮޑުކުރެއްވުން.

• ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދާން ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރެއްވުން.

• ގުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހެއްދެވުން.

އިމާމުންނާއި ޚަޠީބުން މިހާރު ބުރޫނާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައެއް އިމާމުން ސިންގަޕޫރުގައި މަޑުކޮށްލައްވައިގެން - އެ&nbsp; ބޭފުޅުން ބުރޫނާއީއަށް ފޯރާނީ މިއަދު ބުރޫނާއީ ގަޑީން މެންދުރު ފަހު 3:00ގައެވެ. (ފޮޓޯ: އާދަމް ޝިހާދު އިބްރާހިމް)<br>

މި ދެންނެވި ކަންތައްތަކުގެ އިތުރަށް އެ މަނިކުފާނު އެހެން ކަމެއް ވެސް އިޢުލާނުކުރެއްވިއެވެ. "މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވައިލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރުއާނާ ބެހޭ ޚާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރާން ވެސް އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައިގެން އަންނަ މަންޒަރުން އެމަނިކުފާނަށް ވަރަށް ބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެއް ލިބިވަޑައިގަންނަވާ ކަމެކެވެ.

އެ މަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސަތުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަދި ދެއްވާނީ ދީނީ ކަންކަން ކުރިއަރުވައި ގުރުއާނުގެ އިލްމު ފެތުރުއްވުމަށްކަމަށެވެ. ހާފިޒުންނަށް މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ އިތުރަށް ގުރުއާނާ ބެހޭ ދާއިމީ މަރުކަޒެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރައްވައި، ދީނީ ކަންކަމަށް ދައުލަތުން ކުރައްވާ ހޭދަ ވެސް އިތުރުކުރައްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ކަންތައްތައް މި ހެން ހިނގަމުން ދާއިރު، ރާއްޖޭގެ އިމާމުންނާއި ޚާޠީބުންގެ ފެންވަރު މަތިކުރެއްވުމަށް ޓަކައި ޢަރަބި އަދި އިސްލާމީ ޤައުމުތަކަށް ތަޖުރިބާ ހޯއްދަވާން ފޮނުއްވާން ފައްޓަވައިފައިވާ ޕްރޮގްރާމުގެ ދަށުން މި އަހަރު ފޮނުވާ ތިންވަނަ ބުރުގެ ބައިވެރީން މިހާރު ބުރޫނާއީއަށް ކުރައްވާ ދަތުރުގައި ތިއްބެވީ ސިންގަޕޫރުގައެވެ. މި ބުރުގައި 20 އިމާމުންނާއި ޚަޠީބުން ހިމެނިވަޑައިގަންނަވާ އިރު، މީގެ ކުރީން މި އަހަރު ވަނީ އިތުރު ދެ ބުރެއް ސުޢޫދީ ޢަރަބިއްޔާއަށް ފޮނުއްވައިގެން ތަޖުރިބާ ހޯއްދެވުމުގެ ފުރުޞަތު ހޯއްދަވައިދެއްވައިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ފުރުޞަތު ފަހިވަނީ އެ މަނިކުފާނާ އިސްލާމީ އުންމަތުގެ އިސް ގިނަ ބޭފުޅުންނާ ދެމެދު އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ސަބަބުންކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެކި ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް