Advertisement

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާކަމީ ވަނަވެރީންނަށާއި ބައިވެރީންނަށް ލިބުނު ޝަރަފެކެވެ.

16 Jul 2024 | 10:57
މާލޭ ސިޓީ ކައުންސިލުން 1443ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތުގައި އޭރުގެ މޭޔަރު ޑރ. މުހަނަމަދު މުއިއްޒު ވަނަވެރިއަކަށް އިނާމުދެއްވަނީ (ފައިލު ފޮޓޯ)

އަބާ މުޙަންމަދު

މި ދިޔަ ޖޫންމަހު 30އިން ފެށިގެން މި ހިނގާ ޖުލައި މަހު ހަތްވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ މި ރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ދައުލަތުގެ ވުޒާރާތަކުގެ ޙަރަކާތްތައް ޢާންމުކުރާ ޚާއްސަ މަންސައެއްކަމަށްވާ "ސަރުކާރު"ގައި ބަޔާންކުރައްވައިފައިވާ ގޮތުން މިރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ އިފުތިތާޙީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙަންމަދު ލަޠީފެވެ. މިރޭ މި މުބާރާތުގެ ނިންމުން ފާހަގަކުރާ ޖަލްސާ މި ޝަރަފުވެރިކޮށްދެއްވަނީ ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒެވެ. މިއީ ބައިވެރީންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ކުދީންގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން އުޅުއްވާ ބައެއް މުދައްރިސުން ވިދާޅުވެއެވެ. އެ ކަމުން އަންގައިދެނީ ދިވެހި ސަރުކާރުން، ޤުރުއާނުގެ ފަންނާއި ޢިލްމު ކުރިއަރުވާން ދޭ ސަމާލުކަންކަމަށް ވެސް އެ ފަދަ މުދައްރިސުން ދެކެވަޑައިގަނެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ސަލްމާނު ރަސްގެފާނު މަރުކަޒުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން ބައިވެރިވެ، 992 ބައިވެރީން ވަނީ ކިޔަވައިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީން 579 ބައިވެރީންނާއި ނުބަލައި ކިޔެވުމުގެ ގޮފީން 413 ބައިވެރީންނެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ބާއްވައިފައި ވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖާކުރައްވައި، ގެންނެވޭން ހުރި ހެޔޮ ބަދަލުތައް ގެނައުމަށް ފަހުގައި ކަމަށް އެނގިފައިވެއެވެ. މި ގޮތަށް ގެންނެވި އެންމެ މުހިންމު އެއް ބަދަލަކީ އަތޮޅުތަކުން މުބާރާތަށް އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމައިލެވޭނެ ގޮތަށް ކިޔެވުން އިންތިޒާމުކުރެވިފައިވުންކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މީގެ އިތުރަށް މުބާރާތުގެ ވަނަވެރީންނަށް ދޭ ތަށިތަކާއި އައްޑަނަތައް ވެސް ވަނީ ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކޮށްފައެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ ކުރީން ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔުއވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް