Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (3)

15 Jul 2024 | 14:18
ކޮން ކަހަލަ ހިތެއް؟

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 ޖުލައި 8ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

13- ނޭނގުމުގެ ތެރޭގައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((بَلْ قُلُوبُهُمْ فِي غَمْرَةٍ مِنْ هَذَا وَلَهُمْ أَعْمَالٌ مِنْ دُونِ ذَلِكَ هُمْ لَهَا عَامِلُونَ[1] - އަދި ކިއެއްތަ! އެއުރެންގެ ހިތްތައް ވަނީ، މި (قرآن) އާމެދު ނޭނގުމެއްގެ ތެރޭގައެވެ. އަދި އެއުރެން ކުރަމުންދާ عمل ތަކުގެ އިތުރަށް، އެއުރެންނަށް އެހެން (ނުބައި) عمل ތަކެއްވެއެވެ. ))

14- ބަލިމަޑު ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. (( فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ [2] - އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ. ))

15- ޣާފިލުވެގެންވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. (( لَاهِيَةً قُلُوبُهُمْ وَأَسَرُّوا النَّجْوَى الَّذِينَ ظَلَمُوا [3]- އެއުރެންގެ ހިތްތައް غافل ވެގެންވާ حال ގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރޫއެވެ.  ))

16- ޙައްޤުން އެއްކިބާވެފައިވާ ހިތް. މާތް ﷲ ވަޙީކުރެއްވިއެވެ. ((  فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ وَاللَّهُ لاَ يَهْدِي الْقَوْمَ الْفَاسِقِينَ [4]- ފަހެ، އެއުރެން (حق ން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. ))

17- ފާފަވެރިވެގެންވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. (( وَلَا تَكْتُمُوا الشَّهَادَةَ وَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ [5]- އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. ((

18- ޣާފިލުކުރައްވައިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا [6] - އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! ))

19- ކަނު ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((فَإِنَّهَا لاَ تَعْمَى الْأَبْصَارُ وَلَكِنْ تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ [7]-  އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. ))

20- ހަރުކަށި ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ [8]- އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ حضرة ން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ))

21- ބައިބައިވެގެންވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. (( تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّى [9] -  އެއުރެންގެ ހިތްތައް ބައިބައިވެގެންވާ حال، ތިބާ ހީކުރަނީ، އެއުރެންނީ، އެންމެން އެކަތިގަނޑަކަށްވެފައިވާ ބަޔެއްކަމުގައެވެ. ))

22- ހިތާމަވެރި ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((لِيَجْعَلَ اللَّهُ ذَلِكَ حَسْرَةً فِي قُلُوبِهِمْ [10] - اللَّه އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ))

23- ޝައްކުމަތީގައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ[11]  - އަދި އެއުރެންގެ ހިތްތަކުގައި، شك ހިނގާ މީހުންނެވެ. ފަހެ، އެއުރެންގެ شك ކަމުގެ ތެރޭގައި، އެއުރެން ދެއަތަށް ކިރިކިރި ތިބެތެވެ.))

24- މުނާފިޤު ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. (( فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَى يَوْمِ يَلْقَوْنَهُ[12] - ދެން އެކަމާވިދިގެން އެކަލާނގެ އެއުރެންގެ ހިތްތަކުގައި نفاق ކަން ލެއްވިއެވެ. އެކަލާނގެއާ އެއުރެން ބައްދަލުކުރާ ދުވަހަށް ދާނދެނެވެ. ))

25- އަނބުރުއްވައިލައްވާފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ((صَرَفَ اللَّهُ قُلُوبَهُمْ بِأَنَّهُمْ قَوْمٌ لاَ يَفْقَهُونَ [13]- اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން އެއްކިބާ ކުރައްވައި) އަނބުރުއްވައިލެއްވިއެވެ. (އެއީ) އެއުރެންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށްޓަކައެވެ.))

މިއީ ﷲގެ ކީރިތި ފޮތުގައި ވާރިދުވެފައިވާ ތަފާތު ހިތްތަކެވެ. އަޅުގަނޑުމެންގެ ހިތަށް ބަލައި ވަޒަންކޮށްލުން ރަނގަޅުވާނެއެވެ. ރަނގަޅު ހިތެއް ލިބިފައިވާ މީހާ ﷲއަށް ހަމްދުކުރާށެވެ! ހިތް ރަނގަޅުކޮށްދެއްވާތޯ ދަންނަވާށެވެ! ﷲ ބައްލަވައި ވޮޑިގަންނަވަނީ ހިތަށްކަމުގައި ވާތީއެވެ.

(ނުނިމޭ)

___________________________________________

މަރުޖިޢުތައް:

[1]  - المؤمنون: 63

[2]  -  البقرة :  10

[3]  - الأنبياء: 3

[4]  -  الصف : 5

[5]  - البقرة: 283

[6]  - الكهف: 28

[7]  -  الحج : 46

[8]  - آل عمران: 159

[9]  -  الحشر : 14

[10]  - آل عمران: 156

[11]  - التوبة : 45

[12]  - التوبة: 77

[13]  - التوبة :  127

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް