Advertisement

ކަރުނައިގެ އަސަރު (23)

15 Jul 2024 | 01:09
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ޖުލައި 7ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

                 __________________________________________

                           ކަލާ ޤަބޫލުނުކުރިސް އެއީ ޙަޤީޤަތެކެވެ.

                          ލޯތްބަކީ އިންސާނާއަށް ބޭނުންވާ އެއްޗެކެވެ.

                             ދިރިއުޅެނީ މިޢަޤީދާއާއެކުގައެވެ.

                            ދިރުއުޅުމަށް އަހަރެމެން ބޭނުންވެއެވެ.

                __________________________________________

މިއަދަކީ ނިޝޫގެ އުފަންދުވަހެވެ.

ނިޝޫ ބޭނުންވީ މި ދުވަސް އާދައިގެ ގޮތަކަށް ފާހަގަކުރާށެވެ. ނަމަވެސް ނިސްރީނު އެ ގޮތެއް ބޭނުންނުވިއެވެ.

އެހެންކަމުން ނިޝޫގެ އުފަންދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ކައުސަރު އަދި ރަޢުނާއަށް ނިސްރީނު މަޖްބޫރު ކުރަމުންދިޔައެވެ. އެއީ ނިޝޫ އޭނާގެ އަމިއްލަ ޤައުމުގައި އުފަންދުވަސް ފާހަގަ ކުރާ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.

ކައުސަރު ވަކި ދެކޮޅު ހަދާނީ ކިހިނެއްހެއްޔެވެ؟

ނަމަވެސް ރަޢުނާ އެކަމާ އިންކާރު ކުރަނީ ކީއްވެކަމެއް ނޭނގެއެވެ.

ފަހަރެއްގައި އޭނާ ނަހަލާލަށް ބަލިވެ އިނދެ ބަނޑު ބޮޑުވެފައިވާކަން ބަނޑުން މިހައިރު އެނގޭތީ،  އޭނާއަށް ކުށްހީތައް އިހުސާސް ކުރެވެމުންދަނީ ކަމަށް ވެދާނެއެވެ. އެހެންވެ އޭނާ މީހުންގެ ކުރިމައްޗަށް ނުކުންނާން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ.

އަދި އޭނާވެސް އެއްވެސް މީހަކާ ދެކޮޅެއް ނުހަދައެވެ. -------

އާދަޔާ ޚިލާފު އެހީތެރިކަމެއް ނެތް ދުވަސްވަރެކެވެ.

އަމިއްލައަށް މަރުވަންވެސް ބައެއް ފަހަރު އޭނާގެ ހިތަށް އަރައެވެ. އަދި ބައެއް ފަހަރު އޭނާ ވިސްނައެވެ. ------- މިވާހަކައަށް ނިމުމެއް ލިބިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

ޢާމިރު އެންމެފަހުން ނިންމާގޮތެއް އޭނާ ބަލާން ބޭނުންވެއެވެ.

އަދި ދެންވެސް ---------

އޭނާގެ ބައްޕަގެ ފާފަތަކުގެ އަދަބަކީ މިއީތޯ ހަމަ ޔަޤީނުންވެސް ބައްޕަކުރެން އޭނާ އަހައިލާން ބޭނުންވިއެވެ. ބައްޕަގެ ޝަހުވަތްތެރިކަމުގެ ސަބަބުން އަހަރެންގެ ލޭ ޚަރާބުވެއްޖެއެވެ. އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދަންވީ ކީއްވެގެންހެއްޔެވެ؟

އޭނާ އިންތިޒާރު ކުރަނީ އެވަގުތަކަށެވެ.

ލަދުވެތިކަން އޭނާގެ ހަށިގަނޑުގެ ތެރޭގައި ކައްކަމުން ދިޔައެވެ.

އޭނާ ދަޢުވަތު ދިނީ އަތުން ގުނާލެވޭހާވެސް މަދު މެހުމާނުންނަށެވެ.

އޭނާއާ ވަރަށް ގާތް މީހުންނަށެވެ.

ނިޝޫ --------- އުފަންދުވަސް ފާހަގަ ކުރަމުންދިޔައެވެ.

ދަޢުވަތު ދީފައިވާ މެހުމާނުންނަކީ ވަރަށް ސާދާ މީހުންނެވެ.

އެމީހުން ބަގީޗާގައި ހުރި ގޮނޑުތަކުގައި އިށީނދެތިބެގެން އެކިއެކި މައުޟޫޢުތަކަށް ވާހަކަ ދައްކަމުންދިޔައެވެ.

ނިޝޫ ހުރީ ޖަރީކޮށްފައިވާ ސާޅީއެއް އަޅައިގެންނެވެ. ޙަފުލާގެ ހުރިހާކަމެއް އޭނާގެ ޒީނަތްތެރިކަމުން ފުރިހަމަވެފައިވާ ކަހަލައެވެ.

ނިސްރީނު އަދި ރަޢުނާ އެމީހުންގެ ވަރަށް މަދު ރައްޓެހިންނާއެކު ކޮޓަރިއެއްގައި ތިއްބެވެ.

ނިޝޫ އެވަގުތު ޚާން އަކުބަރާއެކު މެހުމާނުންނަށް މަރްޙަބާ ކިޔަމުންދިޔައެވެ.

ކައުސަރު އޭރު ހުރީ ފުރިހަމަ ވަޒީފާގައެވެ.

ޙަޤީޤަތުގައި ކައުސަރަކީ ޚާން އަކުބަރުގެ އަންހެނުންނެވެ. ------- އެކަމަކު އޭނާ ފެންނަނީ ޒުވާން އަންހެންކުއްޖެއްގެ ގޮތުގައެވެ.

ކުއްލިއަކަށް ޢާމިރު، ރަޢުނާއަށް ނަޒަރު ސީދާކޮށްލިއެވެ.

އޭނާ ----- ވަރަށް މަޑު މަޑުން ބަގީޗާއާ ދިމާއަށް ދިޔައެވެ.

ރަޢުނާގެ މޫނު ރަތްވެގެންދިޔައެވެ.

ނިސްރީނަށްވެސް ޢާމިރު ފެނުނެވެ.

ފުރަތަމަވެސް ޢާމިރަށް ގޮސް ޖެހެވުނީ ކައުސަރު ގައިގައެވެ.------

އެއްފަރާތަކުން ނުކުމެގެން ކުއްލިއަކަށް ޢާމިރު، ކައުސަރުގެ ކުރިމައްޗަށް އަތުވެއްޖެއެވެ.

ކައުސަރަށްވެސް ޢާމިރަށް ބަލައިލެވުނެވެ.

އޭނާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.

"ކަލޭ -------- ކަލޭތަ؟ --------"

ކައުސަރުގެ އަޑު ކަރުތެރޭގައި ތާށިވިއެވެ.

"ހޮސްޓް ކުރާ މެހުމާނުންނާމެދު ތިހެން ކަންތައް ނުކުރާނެއެވެ. ------- މިހައިރު ތިބާ މަޝްހޫރުވެފައިވަނީ މިތާނގެ ޝެހެޒާދީއެއްގެ ގޮތުގައެވެ."

ޢާމިރު އަދަބު އިޙުތިރާމު ކުރުމުގެ ގޮތުން ކައުސަރުގެ ކުރިމައްޗަށް ކުޑަކޮށް ބޯ ތިރިކޮށްލައިފައި ބުންޏެވެ.

އެއަށް ފަހު ބާރު ބާރަށް ކުރިއަށް ހިނގައިގަތެވެ.

އޭނާގެ މިސްރާބު ހުރީ ރަޢުނާ އަދި ނިސްރީނާ ދިމާއަށެވެ.

ނިސްރީނު އޭނާގެ ފައިން ރަޢުނާގެ ފައިގައި ކުޑަކޮށް ޖަހައިލިއެވެ. ބޭނުމަކީ ޢާމިރު ކުޅޭ ކުޅިވަރުން ދުރުހެލިވުމެވެ.--------

ރަޢުނާވެސް އެކަމަށް ސަމާލުވިއެވެ. 

އެކަމަކު އޭނާ ރަޢުނާއަށް ބަލަމުންދިޔަ އަލިފާނެއްފަދަ ހޫނު ބެލުންހުއްޓާނުލައެވެ.

ޢާމިރު، ރަޢުނާގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ.

އަދި ރަޢުނާ -----------

ހަޅޭލަވައިގަންނާން ބޭނުންވާ ގޮތެއްގައި ކޮޅަށް ތެދުވިއެވެ.

"އިށީންނާށެވެ. ------- އަހަންނަކީ ތިޔަފަދަ އިޙުތިރާމެއް ލިބެންޖެހޭ ވަރުގެ މުހިންމު މީހެއް ނޫނެވެ."

ޢާމިރު ބުންޏެވެ.

ރަޢުނާ ރުޅިއައިސްގެން ކެކިގެންދިޔައެވެ.

ނިސްރީނު މިވަގުތުގެ ނާޒުކުކަން ދެނެގަނެ، އަވަސް އަވަހަށް ބުންޏެވެ.

"ޢާމިރު ސާހިބު ތި ދުރުވެވުނީ މާލަހުން ނޫންތޯއެވެ.

"މިކަން އެނގުނީވެސް ލަހުންނެވެ. ------- އެހެންނޫންނަމަ، މިބާވަތުގެ ކުށްވެރިއަކަށް ނުވާނަމެވެ."

"އޯ ޔޭސް ----------"

ނިސްރީނު އަމިއްލައަށް ޢާމިރު ކައިރިއަށް ޖެހިލަމުން ހިނިއައިސްފައި ބުންޏެވެ.

ޝާހިދު ސާހިބު ނުދުރެވޭތޯއެވެ.---------؟"

އޭނާ ސުވާލުކުރިއެވެ.

"އިންޑަސްޓްރީޒުގައިވެސް ކޮންމެ ވެސް މީހަކު ހުންނާންޖެހޭނެ ނޫންހެއްޔެވެ. ------؟"

ޢާމިރު ހީނލިއެވެ.

"އަންނާށެވެ. އަހަރެން ދައްކާނަމެވެ.  ------- ދަރިފުޅާ ދިމާވި ކަންނޭނގެއެވެ."

ނިސްރީނު އެއްފަރާތަކަށް ދަމުން ބުންޏެވެ.

ޙަޤީޤަތުގައި ނިސްރީނު ބޭނުންވީ ޢާމިރު އެތަނުން ނެރެލާށެވެ. ޢާމިރު އެތަނުން ފެނިގެން ޚުދު ނިސްރީނުވެސް ބިރުގަންނަ ގޮތްވިއެވެ.

ޢާމިރު،ކައުސަރާ ވާހަކަދައްކާ ހީސަމާސާ ކުރަނިކޮށް އޮތީ ނިސްރީނަށް ފެނިފައެވެ.

އޭނާ ބޭނުންވަނީ ކޮންކަމެއް ކަމެއް ނޭނގެއެވެ.

އަދި މިތަނަށް އައުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟

ޢާމިރަށްވެސް ނިސްރީނުގެ ވަސްޖެހުނީކަންނޭނގެއެވެ. އޭނާ ހިނިތުންވެލަމުން ރަޢުނާގެ ކުރިމައްޗަށް ކުޑަކޮށް ބޯ ތިރިކޮށްލިއެވެ.

އަދި ދެން ------- ނިސްރީނާއެކު ހިނގައިގަތެވެ.

އޭނާ ގޮވައިގެން ނިސްރީނު ދިޔައީ މެހުމާނުންނާ ދުރަށެވެ.

"ޢާމިރު ބޭނުންވަނީ ކޮންއެއްޗެއްހެއްޔެވެ. -----؟"

ނިސްރީނު އެތާނގެ ކޯނަރަކަށް ޢާމިރު ގޮވައިގެން ގޮސް ޢާމިރު ކަންފަތް ކައިރީގައި ސިއްރު ސިއްރުން ބުންޏެވެ.

"އަހަރެން އައުމާމެދު އަހަރެންގެ އެކުވެރީން ހިތްހަމަނުޖެހޭނަމަ އަހަރެން ހިނގައިދާނަމެވެ. -------"

"ޢާމިރުގެ ޚާންސާހިބުވެސް އިންނެވީ ސުވާލުތަކެއް ކުރައްވާފަދައިން އަހަންނާދިމާއަށް ބަލަހައްޓައިގެންނެވެ."

"އަހަރެން މިތަނަށް މިއައީ އެދިމާއިން އަހަރެންގެ ފުރާނަ ސަލާމަތް ކުރުމަށް ފަހުގައެވެ. -------  އެހެންވެ އަހަރެން މިބަލަނީ ކަލޭމެންނަށް ނުރައްކާތެރި ގޮތަކަށެވެ."

"އަހަންނަކީ، ކަލޭމެން ހުރިހައިމީހުން ނަފުރަތު ކުރާވަރުގެ ނުބައި މީހެއްނޫނެވެ."

"ޢާމިރަށް ދަޢުވަތު ލިބުނީ ކާކުގެފަރާތުންހެއްޔެވެ؟"

ނިސްރީނު ބުންޏެވެ.--------

"އިޢުތުރާފުގެ ވެރިފަރާތުންނެވެ. --------"

ޢާމިރު ހިނިތުންވެލިއެވެ.

"ޢާމިރު މިތަނުންދާށެވެ. -------- އެހެންނޫނީ އޭނާ އަމިއްލައަށް މަރުވާނެއެވެ.---------"

ނިސްރީނު ބުންޏެވެ.

"މުޙުތަރިމާ ތިޔަ ވާހަކަ ދައްކަނީ ކާކުގެ ވާހަކައެއްހެއްޔެވެ؟ --------"

ޢާމިރު ސުވާލުކުރިއެވެ. --------

"ޢާމިރު، އެމީހެއްގެ ޙަޔާތް ބަރުބާދު ކުރި މީހެއްގެ ވާހަކައެވެ.-------"

ނިސްރީނު ބުންޏެވެ.

ޢާމިރު އެއްޗެއް ބުނާން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ކުއްލިއަކަށް ރާލިޔާ މައްޗަށް ހުއްޓުނެވެ. ރާލިޔާއަކީ ޚާން އަކުބަރުގެޔަށް އަލަށް ގެނެވުނު ޚާދިމާއެވެ. ------

ޢާމިރު،ނިސްރީނަށް އަޅައިނުލައި އަވަސްގަތީ ރާލިޔާއާ ދިމާއަށެވެ.

"އޭ ރާލިޔާ -------------!"

ޢާމިރު، ރާލިޔާ ހުއްޓުވިއެވެ.

ނިސްރީނު އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިލިއެވެ.

ރާލިޔާ، ޢާމިރު ފެނި މަލެއްފަދައިން ފޮޅުނެވެ.

އޭނާގެ މޫނުމަތި ހީވަނީ ވިއްސާރަ މޫސުމުގައި އުޑުމަތީން ފެންނަ ހަތްކުލައިގެ ވިލާގަނޑެއްހެނެވެ. ---

"ރާލިޔާގެ ސާހިބު ކައިރީން ސަލާމަތްވެ ހުންނަޗެވެ. -------"

ޢާމިރު ބުންޏެވެ.

"ޢާމިރު ------------- ޢާމިރު ނައީ ކީއްވެހެއްޔެވެ؟ --------- އަހަރެން ކޮންމެ ދުވަހަކު ޢާމިރަށް އިންތިޒާރު ކުރަމެވެ. ------- އަހަރެން މިތާނގައި ހުންނާކަށް ބޭނުމެއްނޫނެވެ. --------"

ރާލިޔާއަކީ ވަރަށް މަޢުޞޫމިއްޔަތު ކަމާއެކު ބުންޏެވެ.

"ބިރު ނުގަންނާށެވެ. -------- ނުރައްކާތެރި ވަގުތުތަކުގައި މެހުމާނުންގެ ތެރެއިން އަހަރެން ފެންނާނެއެވެ."

"އަހަ -------- އަހަރެން މިތާނގައި ހުންނާކަށް ބޭނުމެއްނޫނެވެ. -------- މިއަދާ ހަމައަށްވެސް އަހަރެން މަޑުކޮށްގެން މިހުރީ ޢާމިރުގެ ސަބަބުންނެވެ. ------------ އެހެންނޫންނަމަ އަހަރެން މިގަނޑުވަރުން ދާނެތާ ކޮންއިރެއްހެއްޔެވެ؟ -------"

ރާލިޔާ ފުންނޭވާއެއްލަމުން ބުންޏެވެ.

"ރާލިޔާ މައިން ބަފައިން ނެތްހެއްޔެވެ؟"

"ނެތެވެ. ------ އަހަރެން ބަލައި ބޮޑު ކުރީ ބޮޑުބޭބެއެވެ. ------ އެކަމަކު ބޮޑުބޭބެވެސް އަހަރެންނާ ދިމާއަށް އަބަދު ބަލާނީ ވަރަށް ބިރުވެރިގޮތަކަށެވެ. ------ އަހަރެން އެއްދުވަހަކު ބޮޑުބޭބެއަށް ފިލައިގެން އައީއެވެ. މިތަނަށް ފޯރީވެސް ކޮއްޕާލުމަކުންނެވެ. ----- ޢާމިރަށް ނޭނގި ހިނގައިދާނެއެވެ."

"ބިރު ނުގަންނާށެވެ. ------- ހަމައެކަނި 2 ދުވަހު މަޑުކޮށްލާށެވެ. އޭގެ ފަހުން އަހަރެން ރާލިޔާ ގެންދާނަމެވެ. --------"

ޢާމިރު ބުންޏެވެ.

"މިހައިރު އެކަމާ އޮޅުން ބޮޅުންވެގެން ރާލިޔާ އުޅެނީ ކީއްވެހެއްޔެވެ؟--------"

ނިސްރީނު އެމީހުންގެ ކައިރިއަށް ދިޔައެވެ.

ޢާމިރު ޖަވާބުދޭން ބޭނުންވިއެވެ. ނަމަވެސް ރަޢުނާ އެދިމާއަށް އަންނަތަން ފެނުމުން އޭނާ ހަމަހިމޭންވިއެވެ.

ރަޢުނާގެ މޫނު ރުޅިވެރިކަމުން ރަތްވެގެން ދިޔައެވެ.

އޭނާއާ ދިމާއަށް އެއްޗެއް ބުނުމުގެ ކުރީން ޢާމިރު ރާލިޔާގެ އަތުގައި ހިފަމުން ބުންޏެވެ.

"މުޙުތަރިމާ، ރަޢުނާ! ------- މިއަންހެންކުއްޖަކީ އަހަރެންގެ އަމާނާތެކެވެ. ކަލޭގެ ބައްޕަ މިއަންހެންކުއްޖާ ޝިކާރަކުރާން އުޅެފިނަމަ، ކަލޭގެ ބައްޕަގެ ޖީލުތައް ހަލާކުކޮށްލާނަމޭ އަހަރެން ބުންޏޭ ކަލޭގެ ބައްޕަ ކައިރީގައި ބުނާށެވެ."

ޢާމިރު ބުންޏެވެ.

"ތި ކިޔަނީ ކީކޭހެއްޔެވެ؟ ------"

ރަޢުނާ ރުޅިއައިސްގެން މޮޔަވިއެވެ.

"ރާލިޔާ ދާށެވެ. -------- ބިރު ނުގަންނާށެވެ. ------- އަހަރެން އަބަދުވެސް ރާލިޔާ ކައިރީގައި ހުރިކަމަށް ވިސްނާށެވެ. އަދި ރާލިޔާއަށް ނުބައިވަގުތެއް އަތުވެއްޖެނަމަ އަހަރެން ހުންނާނީ ރާލިޔާއާ ދުރުގައެއްނޫނެވެ."

ޢާމިރު ބުންޏެވެ.

ރާލިޔާ ތުރުތުރު އަޅައި ދެލޮލުން އެ 3 މީހުންނަށް ބަލަމުންދިޔައެވެ.

އަދި އަވަސް އަވަހަށް އެހެންދިމާއަކަށް އޭނާ ހިނގައްޖެއެވެ.

ޢާމިރު، ރަޢުނާއާ ދިމާއަށް އެނބުރުނެވެ.

"މިތާނގައި ދޫންޏެއްފަދަ އަންހެންކުއްޖެއް އެބައުޅެއެވެ. އެދޫންޏަށްފަދަ އަންހެންކުއްޖާއަށް ޝިކާރަކުރާން ބޭނުންވިޔަސް ޚުދު އެ އަންހެންކުއްޖާވެސް އެކަން ބޭނުމެއްނުވެއެވެ. -------- އެ އަންހެންކުއްޖާއަކީ އެއްވެސް އެހީތެރިކަމެއްނެތް ތިޔަބައިމީހުންގެ ކޮތަޅުތަކުން ކާނާ ހޯދުމަށް ޓަކައި ވެއްޓިފައިވާ ދޫންޏެއް ފަދަ ކުއްޖެކެވެ. --------- އެ އަންހެންކުއްޖާއާމެދު ޚިޔާލު ބަހައްޓައްޗެވެ."

"އަހަރެން މިތަނަށް އައީ އޭނާއަށްޓަކައެވެ."

"ﷲ ޙާފިޒު --------"

އެހެން ބުނުމަށް ފަހު، ޢާމިރު ބޭރަށް ނުކުމެގެން ހިނގައްޖެއެވެ.

ޚާން އަކުބަރު --------- މެހުމާނުންނަށް މަރުޙާބާކިޔަން ހުރީ ޢާމިރު އެ އަންހެންކުއްޖާ ދޫކޮށްފައި ދިޔަ ތާނގައެވެ.

ނިޝޫ ބަގީޗާއަށް ދިމާއަށް ދާތަން ޢާމިރަށް ފެނުނެވެ.

ޢާމިރު އޭނާގެ މަގު ބަދަލުކޮށްލިއެވެ.

ކޮންމެވެސް ގޮތަކުން ޢާމިރު އެއްފަރާތަކުން ނުކުމެގެން ގޮސް ނިޝޫގެ ކުރިމައްޗަށް އެރިއެވެ.

ޢާމިރުގެ އަތް ކޯޓުގެ ޖީބުން ނެގިއިރު، އޭނާގެ އަތުގައި ކުޑަ ފޮށްޓެއް އޮތެވެ. ----- ފޮށީގައި ވިދަވިދާ އަނގޮޓިއެއް އޮތެވެ.

ނިޝޫއަށް ޢާމިރު ފެނިގެން ކަންބޮޑުވިއެވެ.

"އުފާވެރި އުފަންދުވަހެއް -------"

ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.

އަދި ނިޝޫއަށް އަނގޮޓިއޮތް ފޮށި ޢާމިރު ދިނުމަށް ފަހު، އަވަސް އަވަހަށް ގޭޓާއި ދިމާއަށް ދިޔައެވެ.

ނިޝޫ ބުނާނެ އެއްޗެއް ނޭނގިފައި ބިރުވެރިކަމެއްގައި ހުއްޓެވެ.

އޭނާގެ އަތުގައިވާ ފޮށި ތުރުތުރު އަޅަމުންދިޔައެވެ. އަދި އޭނާގެ މުޅި ހަށިގަނޑުވަނީ ތެމިފޯވެފައެވެ.

އޭނާ ----- އަދިވެސް ތުރުތުރު އަޅާ ދެލޮލަކުން ގޭޓާދިމާއަށް ބަލަމުންދިޔައެވެ. ------

ރަޢުނާ އަދި ނިސްރީނަށްވެސް އެދެމީހުން ވާހަކަދައްކަނިކޮށް ފެނުނެވެ.

އެހެންކަމުން މާގިނައިރުތަކެއްނުވަނީސް އެދެމީހުން ނިޝޫކައިރިއަށް އައެވެ.

"އޭނާ ބުނީ ކީކޭހެއްޔެވެ؟" ރަޢުނާ ރުޅިވެރިކަމާއެކު ބުންޏެވެ.

ނިޝޫ ހަމަޖެހިލައި އޭނާގެ އަތުގައި އޮތް ކުޑަ ފޮށި ދިއްކޮށްލިއެވެ.

"މުވައްޒަފެއްގެ ފަރާތުން މިފަދަ ހިތްވަރެއް" ނިސްރީނު ބުންޏެވެ.

"އޭނާ ބުނީ ކީކޭހެއްޔެވެ. --------؟"

ރަޢުނާ އަނެއްކާވެސް ރުޅިވެރިކަމާއެކު ބުންޏެވެ.

"އެއްވެސް އެއްޗެއް ނުބުނެއެވެ. ------- އުފަންދުވަހުގެ ތަހުނިޔާ ރައްދުކުރުމަށް ފަހު ހިނގައްޖެއެވެ."

"ޖަނަވާރެއްފަދަ އިންސާނާ -------"

ރަޢުނާ ހަޅޭލަވައިގަތެވެ.

"އަހަރެން ބަރުބާދުކޮށްފައި މިހައިރު ނިޝޫއަށް އަމާޒު ހިފީއެވެ."

"މިއީ ކޮންކަމެއްހެއްޔެވެ؟"

ރަޢުނާ ވިސްނާލިއެވެ. އަދި އޭނާ އަރިއަޅާލައި ގޮތްވިއެވެ.

ނިސްރީނު އަވަސް އަވަހަށް އޭނާއަށް އެހީތެރިކަންދިނެވެ.

"އަހަރެންގެ ކޮޓަރިއަށް އަހަރެން ގެންދާށެވެ. އަހަރެންގެ ސިކުނޑި އެބަ ގޮވައެވެ.

ނިޝޫ، އޭނާގެ އަމިއްލަ ނަފުސު ފުރިހަމައަށް ކޮންޓްރޯލު ކުރިއެވެ. އަދި އޭނާގެ ދައްތަ އެހީތެރިވިއެވެ.

"އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫނެވެ. ------ މެހުމާނުން ސަމާލުކަންދީފިނަމަ، އިތުރަށް ވާހަކަދާނީ ގޯސްވެގެންނެވެ. އަހަރެން ދާނީ އެކަންޏެވެ."

ރަޢުނާ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

އެއަށް ފަހު ތިން މީހުން އެކުގައި ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. --------

                   -------------------------------------------------

                                  (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް