Advertisement

ޢާޝޫރާ ދުވަސް ... ﷲގެ ދުވަހެއް

14 Jul 2024 | 01:38
ޢާޝޫރާ ދުވަސް - ﷲގެ ދުވަހެއް

އަލްއުސްތާޒު އިބުރާހީމް ރަޝީދު މޫސާ

މުސްލިމުން މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަށް ޢާޝޫރާ ދުވަހޭ ކިޔައެވެ. މިއީ ﷲ ތަޢާލާގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ﷲގެ ދުވަސްތަކަކީ އެ ދުވަސްތަކުގައި ﷲގެ ނިޢުމަތްތައް ފާޅުވެފައިވާ ދުވަސްތަކެވެ. މި ގޮތުން ބަލާއިރު ޢާޝޫރާ ދުވަހަކީ ﷲގެ ރަސޫލާ މޫސާ عليه السلامއާއި އެކަލޭގެފާނުގެ ގައުމުގެ މީހުން، ލަޢުނަތްލެއްވި ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވި ދުވަހެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ[1] -ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއިގެން، موسىގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ قومގެ މީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّهގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكرވެރިވުން ގިނަ ކޮންމެ މީހަކަށް، އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.))

ޢާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަސްކަން ކައު ރަސޫލާ صلى الله عليه وسلمގެ ބަސްފުޅުތަކުން އެނގެއެވެ. މާތް ﷲ ރުއްސުންލެއްވި އިބުނު ޢައްބާސްގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لَئِنْ بَقِيتُ إلى قَابِلٍ لَأَصُومَنَّ التَّاسِعَ[2] -މި އަންނަ އަހަރާ ހަމައަށް ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނެވި ނަމަ ނުވަވަނަ ދުވަހު ވެސް ރޯދަފުޅު ހިއްޕަވާނަމެވެ.)) މި ބަސްފުޅުން އެނގި ކަށަވަރުވާ ގޮތުގައި ރަސޫލާ ﷺ މުޙައްރަމުމަހުގެ ދިހަވަނަ ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. ނުވަވަނަ ދުވަހު ރޯދަހިފާން މުސްލިމުންނަށް ރަސޫލުﷲގެފާނު އެންގެވީ ޔަހޫދީންނާއި ނަޞާރާއިންނާއި ޖާހިލީ ޒަމާނުގެ އަހުލުވެރީންނާ ޚިލާފުވުމަށް ޓަކައެވެ.   

ޢާޝޫރާ ކިޔުނީ ކީއްވެ؟

ޢަރަބިބަހަށް ބަލާއިރު  عاشوراء  އައިސްފައި ވަނީ (عاشر- ދިހަވަނަ)އިންނެވެ. މި ދުވަހަށް އެ ނަންދެވުނު ސަބަބާ ބެހޭ ގޮތުން ޢިލްމުވެރީންގެ ރައުޔުތައް ވަރަށް ގިނައެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ޢާޝޫރާއޭ ކިޔުނީ އެއީ ދިހަވަނަ ދުވަސް ކަމުގައިވާތީއެވެ. ބައެއް ބޭކަލުން ވިދާޅުވާގޮތުގައި މި ނަން ދެވުނީ ދިހަ ނަބީބޭކަލަކަށް އެ ދުވަހުގައި ދިހަ ކަރާމަތެއް ދެއްވައިފައިވާތީއެވެ. އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި މި އުންމަތަށް މާތް ﷲ ދެއްވި ކަރާމަތްތަކުގެ ތެރެއިން ދިހަވަނަ ކަރާމަތް ދެއްވައިފައިވަނީ މި ދުވަހުގައެވެ.[3]

މާތްﷲ މި އުންމަތަށް ދެއްވި ކަރާމާތްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ކަރާމަތްތަކަކީ :-

1- އެންމެ ހެޔޮ އުންމަތްކަމުގައި ލެއްވުން

2- ރަޙުމަތްލެއްވިގެންވާ އުންމަތެއްކަމުގައި ވުން.

3- ފުރެދުމަކަށް އެއްބަސްވެ އިއްތިފާޤުނުވާނެ އުންމަތެއްކަމުގައި ލެއްވުން.

4- ކޮންމެ ސައްތައެއްގެ ފެށޭ ކޮޅުގައި އުންމަތުގެ ކަންތައްތައް ރަނގަޅުކޮށް އިޞްލާޙުކޮށްދޭނެ ބޭކަލަކު ( ޢިލްމުވެރިއަކު)  ފޮނުއްވުން

5- މި އުންމަތުގެ އަސާސްކަމުގައި ތައުޙީދު ލެއްވުން.

6- އެންމެ ފަހު އުންމަތްކަމުގައި ލެއްވުން

7- ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބުބެއްލެވޭ އުންމަތްކަމުގައި ލެއްވުން

8- ސުވަރުގޭގެ އަހުލުވެރީންގެ ދެ ބައިކުޅަ އެއްބައި މީހުންނަކީ މި އުންމަތުގެ މީހުން ކަމުގައި ހެއްދެވުން.

9- އުންމަތުގެ މީހުން ކުރާ ހެޔޮ ޢަމަލުގެ ސަވާބު އެތައް ގުނައަކަށް އިތުރުކޮށް ދެއްވުން.

10-ޤިޔާމަތްދުވަހުން އެހެން އުންމަތްތަކުގެ މައްޗަށް ހެކިވެރީންކަމުގައި މި އުންމަތް ލެއްވުން.

ޢާޝޫރާދުވަހުގެ މާތްކަމާއި އަހަންމިއްޔަތު

އާޝޫރާދުވަހަކީ އެ ދުވަހަހުގެ މާތްކަމަށް ﷲ ތަޢާލާ ހެކިވެވޮޑިގެންފައިވާ ދުވަހެކެވެ. އެއީ މުއުމިނުންގެ ހިތްތަކުގައި ޤަދަރު މަތިވެރި ދުވަހެކެވެ. ﷲ ސުބުޙާނަހޫ ވަ ތަޢާލާ އެކަލާނގެ ރަސޫލުންނަށް ދެއްވި ނަޞްރާއި ކާމިޔާބުގެ މަތީން ހަނދުމަކުރެވޭ ދުވަހެކެވެ. ފިރުޢައުނު ޣަރަޤުކުރައްވައި މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ފިރުޢައުނުގެ އަނިޔާތަކާއި ދުއްތުރާތަކުން ސަލާމަތްކުރެއްވި ދުވަހެވެ. ޙައްޤަށް ނަޞްރުދެއްވި ދުވަހެވެ. ކެތްތެރީންނަށް ހެޔޮ ޖަޒާދެއްވި ދުވަހެވެ. އެ ކަމަށް ޓަކައި އެކަލޭގެފާނު ރޯދަފުޅު ހިއްޕެވިއެވެ. ޔަހޫދީން ވެސް ރޯދަހިފިއެވެ. މި ދުވަހަށް ޔަހޫދީން  ކައިބޫރު ޢީދޭ ކިޔައި އެ ދުވަސް ފާހަގަކުރެއެވެ.

ހަމައެފަދައިން މި ދުވަހަކީ ޤުރައިޝުން ވެސް މާތްކުރި ދުވަހެކެވެ. ޖާހިލީ ޒަމާނުގައި  ޤުރައިޝުން މި ދުވަހު ރޯދަހިފިއެވެ. ގެފުޅުގެ އުރަކޮޅު އައުކުރާ ދުވަސްކަމުގައި ހެދިއެވެ. އުއްމުލްމުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. (( كانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ في الجَاهِلِيَّةِ، وكانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ يَصُومُهُ، فَلَمَّا قَدِمَ المَدِينَةَ صَامَهُ، وأَمَرَ بصِيَامِهِ، فَلَمَّا فُرِضَ رَمَضَانُ تَرَكَ يَومَ عَاشُورَاءَ، فمَن شَاءَ صَامَهُ، ومَن شَاءَ تَرَكَهُ[4] -  ޢާޝޫރާދުވަހަކީ ޖާހިލީ ޒަމާނުގައި ޤުރައިޝުން ރޯދަހިފަމުން އައި ދުވަހެކެވެ. ރަސޫލާ e ވެސް އެ ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އެ ދުވަހު ރޯދަފުޅުހިއްޕެވިއެވެ. އަދި އެ ދުވަހު އެކަލޭގެފާނު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް [އެ ދުވަހު] ރޯދަހިފާން އަމުރުކުރެއްވިއެވެ.))

މާތް ﷲ ރުއްސުންލެއްވި އިބުނު ޢައްބާސްގެފާނު ރިވާކުރައްވައިފައިވާ ގޮތުގައި ޞަޙާބީން ރަސޫލާއަށް ދެންނެވިއެވެ. ((يَا رَسُولَ اللَّهِ، إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ  قَالَ : فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ [5]– އޭ ﷲގެ ރަސޫލާއޭވެ! އެއީ ޔަހޫދީންނާއި ނަޞާރާއިން މާތްކުރަމުންދާ ދުވަހެކެވެ. އެ ހިނދު ރަސޫލުﷲ ﷺ ޙަދީސްކުރެއްވިއެވެ. މި އަންނަ އަހަރު ﷲ އިރާދަފުޅު ކުރެއްވިއްޔާ ނުވަވަނަ ދުވަހުވެސް އަހުރެމެން ރޯދަހިފާނޫއެވެ. އިބުނު ޢައްބާސުގެފާނު ވިދާޅުވިއެވެ. އަނެއް އަހަރު އައުމުގެ ކުރީން ރަސޫލުﷲ ﷺ ސުވަރުގެވަޑައިގެންފިއެވެ.))

ރަމަޟާންމަހު ރޯދަހިފުން ފަރުޟުކުރެއްވުމުން ޢާޝޫރާދުވަހު ރޯދަފުޅު ހިއްޕެވުން ހުއްޓައިލެއްވިއެވެ. އަދި  ޙަދީސްކުރެއްވިއެވެ. ((މި ދުވަހު ބޭނުން މީހަކު ރޯދަހިފާށެވެ.))

ޢާޝޫރާދުވަހުގެ ރޯދައިގެ މުހިންމުކަމާއި ސަވާބު ބަޔާންކޮށްދެއްވަމުން ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((صِيَامُ يَومِ عَاشُورَاءَ، أَحْتَسِبُ علَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتي قَبْلَهُ[6] - ޢާޝޫރާދުވަހުގެ ރޯދައަކީ ފާއިތުވެ ދިޔަ އަހަރު ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއެއްކަމަށް ވުމަށް އެދިވަޑައިގަންނަވަމުއެވެ.))

ޢާޝޫރާދުވަހު ރޯދަހިފާ އިރު ސުންނަތްވެގެންވަނީ ޢާޝޫރާދުވަހުގެ ކުރީ ދުވަހާ އެކު (ތާސޫޢާދުވަހާ އެކު) ރޯދަހިފުމެވެ. ނުވަތަ ޢާޝޫރާދުވަހާ އެކު، މުޙައްރަމު މަހުގެ އެގާރަވަނަ ދުވަހު ވެސް ރޯދަހިފުމެވެ. މާތްﷲ ރަޙުމަތްލެއްވި އިބުނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި އެންމެ ފުރިހަމަ ގޮތަކީ މުޙައްރަމުމަހުގެ 9ވަނަދުވަހާއި 10ވަނަ ދުވަހާއި 11ވަނަ ދުވަހު ރޯދަހިފުމެވެ. ދެވަނަ ގޮތަކީ 9ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަހިފުމެވެ.  ނުވަތަ 10ވަނަ ދުވަހު  އެކަނި ރޯދަހިފުމެވެ. މާތް ﷲ ރަޙުމަތްލެއްވި އިމާމު އައްޝާފިޢީއާއި އިމާމު އަޙުމަދު ވިދާޅުވާ ގޮތުގައި ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ސުންނަތްވެގެން ވެއެވެ. ނަބިއްޔާ ﷺ ވަނީ އެ ކަން އެ ގޮތަށް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މާތް ﷲ ރުއްސުންލެއްވި އިބުނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި 10ވަނަ ދުވަހު އެކަނި ވެސް ރޯދަހިފިދާނެއެވެ. އެއީ މަކުރޫހަ ކަމެއް ނޫނެވެ.

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގައި ރޯދަހިފުން ފަރުޟުކުރެއްވުމުގެ ކުރީން ޢާޝޫރާދުވަހު ރޯދަހިފުން އޮތީ ވާޖިބުކަމެއްގެ ގޮތުގައެވެ. ރަމަޟާންމަހު ރޯދަހިފުން ފަރުޟުކުރެއްވުމުން ޢާޝޫރާދުވަހު ރޯދަހިފުން ސުންނަތް ކަމަކަށް ބަދަލުވީއެވެ. މާތްﷲ ރުއްސުންލެއްވި އިބުނު ޢައްބާސުގެފާނު ވިދާޅުވިއެވެ. (( مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ ، إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ[7] - ނަބިއްޔާ ﷺ ސަވާބު ޙާޞިލްކުރެއްވުމަށް ޓަކައި މި ދުވަހަށް ވުރެ ބޮޑަށް ރޯދަފުޅުހިއްޕެވުމަށް އިސްކަންދެއްވި އެހެން ދުވަހެއް ދެކެވަޑައެއްނުގަންނަވަމެވެ. މި ދުވަހުގެ މާނައަކީ ޢާޝޫރާދުވަހެވެ.))

މުޙައްރަމުމަހަކީ ޙުރުމަތްތެރިވެގެން ވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. ކީރިތި ރަސޫލާ ﷺ ރަމަޟާން ފިޔަވައި ދެން އެންމެ ގިނައިން ރޯދަފުޅުހިއްޕަވައިފައި ވަނީ މި މަހުގައެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((أَيُّ الصَّلاةِ أَفْضَلُ بَعْدَ المَكْتُوبَةِ؟ وَ أَيُّ الصِّيامِ أَفْضَلُ بَعْدَ شَهْرِ رَمَضانَ؟ فَقالَ: أَفْضَلُ الصَّلاةِ بَعْدَ الصَّلاةِ المَكْتُوبَةِ الصَّلاةُ في جَوْفِ اللَّيْلِ، وَأَفْضَلُ الصِّيامِ بَعْدَ شَهْرِ رَمَضانَ صِيامُ شَهْرِ اللهِ المُحَرَّمِ[8]- ފަރުޟު ފަސް ނަމާދަށް ފަހު އެންމެ މާތް ނަމާދަކީ ކޮބައިތޯއެވެ؟ އަދި ރަމަޟާން މަހުގެ ރޯދައަށްފަހު އެންމެ މާތް ރޯދައަކީ ކޮބައިތޯއެވެ؟ ފަހެ، ޙަދީސްކުރެއްވިއެވެ. ފަރުޟު ނަމާދުތަކަށް ފަހު އެންމެ މާތް ނަމާދަކީ ރޭގަނޑު ދަންވަރު ކުރާ ނަމާދެވެ. އަދި ރަމަޟާން މަހަށް ފަހު ހިފާ އެންމެ މާތް ރޯދައަކީ ﷲގެ މައްސަރު މުޙައްރަމުމަހުގައި ހިފާ ރޯދައެވެ.))

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ޢާޝޫރާދުވަސް ހޮނިހިރުދުވަހަކާ ދިމާ ވިޔަސް އަދި އާދީއްތަ ދުވަހަކާ ދިމާ ވިޔަސް އަދި ހުކުރުދުވަހަކާ ދިމާ ވިޔަސް އެ ދުވަހު ރޯދަހިފުން މަކުރޫހައެއް ނުވާނެތެވެ.

_____________________________

މަރުޖިޢުތައް:

[1]  - إبراهيم : 5

[2] - أخرجه مسلم (١١٣٤) و بن ماجه (١٧٣٦)

[3] - بدر الدين العيني (2008)، نخب الأفكار في تنقيح مباني الأخبار في شرح معاني الآثار (الطبعة الأولى)، قطر: وزارة الأوقاف، صفحة 389، جزء 8  

[4]  - أخرجه البخاري (٢٠٠٢)، ومسلم (١١٢٥)

[5]  - أخرجه مسلم (١١٣٤) وأبو داود (٢٤٤٥)

[6]  - أخرجه مسلم (١١٦٢)، وأبو داود (٢٤٢٥)، وأحمد (٢٢٦٥٠) والترمذي (٧٤٩، ٧٥٢)  وابن ماجه (١٧٣٠، ١٧٣٨) وابن حبان (٣٦٣٢) 

[7]  - أخرجه البخاري (٢٠٠٦) ومسلم (١١٣٢)

[8] -  أخرجه مسلم (١١٦٣)، وأبو داود (٢٤٢٩) والترمذي (٢٤٢٩)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް