Advertisement

އޮޅުން

14 Jul 2024 | 00:41
އޮޅުން

އަސްމާ އަބޫބަކުރު

ޙަޔާތަށް އެތައް އުފާވެރި ދުވަސްތަކެއް އާދެއެވެ. އަލަށް ކުއްޖަކާ ރައްޓެހިވާ ދުވަހެވެ. އަލަށް ވަޒީފާއެއް ލިބޭ ދުވަހެވެ. ކާވެނި ކުރެވޭ ދުވަހެވެ. އަނބިމީހާ ބަނޑުބޮޑުކަމުގެ އުފާވެރި ޚަބަރު ލިބޭ ދުވަހެވެ. އަލަތު ދަރިފުޅު ލިބޭ ދުވަހެވެ. މިހެން ގޮސް އެތައް ދުވަހެކެވެ.  އަހަރެން އެންމެ އުފާވީ އަލަތު ދަރިފުޅު ލިބުނު ދުވަހެވެ.

އެތައް ވަގުތެއް އަނބިމީހާ ވިހެމުގެ ވޭނުގައި ތެޅިފޮޅޭކަން އެނގުމުން، ހިތަށް އައި އެތައް ނައްސި ޚިޔާލަކުން ސަލާމަތްވި ވަގުތަކީ ދަރިފުޅުގެ ރުއިމުގެ އަޑު އިވުނު ވަގުތެވެ. އަހަންނަށް އުފަލުން ގޮސް ރޮއިގަނެވުނެވެ.

"ޖާވީދު. މިއޮތީ ދަރިފުޅު." ފޮތިގަނޑަކަށް ލައިގެން ނަރުސް ކުއްޖާ އައިސް އަހަރެންގެ ދަރިފުޅު ދިށްކޮށްލުމާ އެކު ދަރިފުޅުގައިގައި ބާރަށް ބައްދައިގަނެވުނެވެ. އެ ތުއްތު ފުރާނަ އޮތީ ހީކަރުވައިގަނެގެން އޮތްހެނެވެ. ކުރުގެޅިގެން އަތާފައި ބޮނޑިކޮށްގެނެވެ. އެހެންނަމަވެސް ލޯ ހުޅުވައިގެން އޮތްލެތް ލޯބިކަމެވެ. އަހަރެންގެ އަންހެނުން ހާޝިޔާ ކޮބައިބާއެވެ؟

"ހާޝިޔާ ކިހިނެއް؟" ނަރުސް ކުއްޖާ ގާތު އަހައިލެވުނެވެ. އަނބިމީހާ އެ ތަހައްމަލު ކުރި އެތައް ވޭނަކަށްފަހު ބައިގަޑިއެއްހައި އިރު އިތުރަށް އަހަރެން އިންތިޒާރު ކުރަންޖެހޭ ކަމަށް ބުނުމަށްފަހު ނަރުސް ކުއްޖާ ދިޔައީއެވެ. އެއީ އެދުވަހެވެ. ދެންމެ ހިނގިކަމެއްގެ ގޮތުގައި އަބަދުވެސް ހިތުގައި އެ ހަނދާންތައް ހުރެއެވެ. އަހަރެން ރަށުން ބޭރަށްދާ ކޮންމެ ފަހަރަކު އެ ހަނދާންތައް އައު ކުރުމުގައި އެތައް ވަގުތެއް ހޭދަކުރަމެވެ.

 މިހާރު އަހަރެންގެ ދަރިފުޅަށް ހަތަރު އަހަރުވީއެވެ. ދިރިއުޅުމަކީ އެތައް އުފަލެއް ލިބޭފަދައިން އެތައް ވޭނެއް ތަހައްމަލު ކުރަންޖެހޭ ރާސްތާއެކެވެ. އެއްކަމެއް ނިމޭ އިރަށް އަނެއްކަމެއް ކުރިމަތި ކުރުވައެވެ. ދަރިފުޅަށް އަހަރުވީއިރު ވެސް ތަންތާ ހިފަހައްޓައިގެން ހިންގުވަން މަސައްކަތް ކުރީމެވެ. އެ އުމުރުގެ އެހެން ކުދީންނަށް ވުރެ އަހަރެންގެ ދަރިފުޅު ހިނގީ ލަހުންނެވެ. ވާހަކަ ދައްކަން ދަސްކޮށްދިނުމަށް އެތައް ބަހެއް ކިޔައިދެމެވެ. އެހެންނަމަވެސް އަޑުއަޑު ލައްވައެވެ. ވާހަކައެއް ނުދައްކައެވެ. އެއްތަނެއްގައި ހިމޭނަކުން ނީނދެވެއެވެ. ހަލަނިކަން އެހާ ބޮޑެވެ. އަބަދު އުޅޭނީ ކޮންމެ ވެސް ތަނަކަށް އެރުމުގައެވެ. އެންމެ އާދަވެގެން ކުރާ ކަމަކީ ކާމޭޒުކައިރީ ހުންނަ ގޮނޑި ނަގައިގެން ބަދިގޭގެ ކަބަޑުތައް ހާވައި އޭގެން ތަކެތި ނަގައި އުކުމެވެ. ހާޝިޔާ ހުންނަނީ ވަރުބަލިވެފައެވެ. އެންމެ ފަހުން އެ ދަރިފުޅު މައިތިރިވާ ބޭސް ދޭންޖެހެއެވެ. އެއީ ފޯނެވެ. ހިސާބުން ވަރަށް ގިނައިރު މަޑުން އިނދެއެވެ.

ފޯން ދިނީމަ ކުޑަވަގުތުކޮޅަކަށް ވިއަސް މަޑުން އިންނާތީ، ހާޝިޔާގެ އާދައަކަށްވީ ޖައިޝަން އަތަށް ފޯން ގޮނަގިނައިން ދިނުމެވެ. އާއްމުކޮށް އޭނާ ބަލަން އިންނާނީ ޔޫޓިއުބުން ފެންނަ ކުޑަކުދީންގެ ވީޑިއޯތަކެވެ.

"ހިނގާބަލަ ޖައިޝަން ޑޮކްޓަރަށް ދައްކަން މާލެ ދާން. އޭނާގެ މައްސަލައެއް ހުއްޓަސް އަހަރެމެންނަށް އެނގޭނީ އޭރުން." ހާޝިޔާގެ ވާހަކަތަކުން ޖައިޝަން އެހެންކުދީންނާ އަޅާބަލާއިރު ތަފާތުކަމެއް އެހުރީ ބައްޔެއްގެ ސަބަބުންކަން ފުރަތަމަ ފަހަރަށް ގަބޫލުކުރަން މަޖުބޫރުވިއެވެ. އެކަމަކު އަހަރެންގެ ހިތެއް އެކަމާ އެއްބަހެއް ނުވެއެވެ. މާލޭގައި ކުލީ ކޮޓަރިއެއްގައި އުޅެން ދިމާވާނެ ދަތިތަކުގެ މަތީން އަހަރެން ހާޝިޔާއާ ވާހަކަ ދެއްކީމެވެ. ކޮންމެ ގޮތެއްވިއަސް ރަށުގައި އުޅޭހެން މާލޭގައި ނުވާނެއެވެ. އަހަރެންގެ އާއިލާއާ ހާޝިޔާގެ އާއިލާގެ އެހީތެރިކަން މިހާރު ލިބެއެވެ. މާލެ ދިއުމުން ހާޝިޔާ ހުންނަޖެހޭނީ ދަރިފުޅު ބަލަން ގޭގައެވެ. އަހަރެން އެކަނި ކުރާ މަސައްކަތުން ދެކޮޅު ޖެހޭނެ ކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އެހެންވިއަސް އެނޫން ގޮތެއް ނެތްތަކަން އަހަންނަށް ވެސް އެނގެއެވެ.

ފުރަތަމަ ދެއްކީ ކުޑަކުދީންގެ ޑޮކްޓަރަކަށެވެ. އެ ޑޮކްޓަރ ރިފަރ ކުރީ ނަފްސާނީ ޑޮކްޓަރަކަށެވެ. ޖައިޝަންގެ ފަރުވާ ފެށުނީ އެހިސާބުންނެވެ. ދަރިފުޅުގެ ތެރަޕީއަށް އެތައްޚަރަދެއް ކުރަންޖެހުމުން އަތްމަތި ދަތިވާން ފަށައިފިއެވެ. ހާޝިޔާ ވެސް މަސައްކަތެއް ކުރާން ވިސްނާންޖެހުނީއެވެ. ހުނަރުން ފުރިގެންވާ ހާޝިޔާގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުމާއެކު އެފް.ބީގައި ޕޭޖެއް ހަދައި ސޮފްޓް ޓޯއީސް ވިއްކަން ފެށިއެވެ. އޭގެ އިތުރުން އެންމެ މަޝްހޫރުވެގެން ދިޔައީ ހާޝިޔާ ވިޔެގެން ހަދާ ބޭބީ ސެޓަށެވެ. އޭގެ އިތުރުން ބޭރުން ތަކެތި ގެނެސްގެން ވިއްކަން ފެށިއެވެ. އަހަރެމެންގެ އަތްމަތި ތިއާގިވާން ފަށައިފިއެވެ. ހާޝިޔާގެ މޫނުމަތީން އުފާވެރިކަން ފެންނަން ފަށައިފިއެވެ. ގޭތެރޭގައި ތިބެގެން އަންހެނުންނަށް ކުރިވެދާނެ ކަންކަމާ ގުޅޭގޮތުން ހާޝިޔާ ދިޔައީ އެތައް ޕޯސްޓްތަކެއް އެފްބީއާއި އިންސްޓަގްރާމަށް ދޫކުރަމުންނެވެ. ޢާއްމުންގެ މެދުގައި ހާޝިޔާގެ ބްރޭންޑް ވެސް މަޝްހޫރުވެއްޖެއެވެ.

ޖައިޝަން އަށް ގޭތެރެއިން ލިބެންވާ އަޅައިލުމާއި ލޯބި ކުރިއަށްވުރެ މަދުވާން ފަށައިފިއެވެ. އަހަރެމެން ދެ މީހުން ވެސް މަސައްކަތުގައި ގިނަވަގުތު ހޭދަ ކުރަންޖެހިފައިވާތީއެވެ. މިހާރު ހަމައެކަނި ދެވެނީ ތެރެޕީގެ ބައެވެ. ތެރެޕީ އިން ޖައިޝަނަށް ބަދަލު އަންނަން ފެށީ ލަސްލަހުންނެވެ. މަންމަ އާއި ބައްޕަގެ ނަން ލޯބިކޮށް ކިޔާލި ދުވަހު އަހަރެންގެ ލޮލުން ކަރުނައައެވެ.  މަޑުމަޑުން ސްޕީޗުގެ އަސަރު ފެންނަން ފެށިއެވެ. އެކަމުގެ ހެއްކަކީ މިހާރު ބައެއް އެއްޗެހީގެ ނަން ވެސް ކިޔައެވެ. ފޯންދިނުމަކީ ތެރަޕިސްޓުން މާގަޔާވާ ކަމަކަށް ނުވިއަސް ޖައިޝަން އަށް ފޯން ދެވެއެވެ. ޖައިޝަންގެ ފަރާތުން ރަނގަޅު އެހެން ކަންކަން ވެސް ފާހަގަވާން ފެށިއެވެ. އެހެންނަމަވެސް ޑޮކްޓަރ ވިދާޅުވިގޮތަށް އެ ބަލީގެ ކުދީން، ބައެއް ކަންކަން ރިޕީޓްކޮށް ފޫހިކަމެއް ނެތި ކުރާނެއެވެ. ކުޅޭ އެއްޗެހި އަޅަން ވަށިގަނޑެއް ބެހެއްޓުމުން ކުޅުމަށްފަހު ގަވާޢިދުން އެކަން ކުރާކަން ފާހަގަކުރެވުނެވެ. ކުރެހުމަށް ލޯބިކުރެއެވެ. ތަންތަނަށް އަރާ ފުންމުމުގައި އެއްވަނައެވެ. ބައެއްފަހަރު ތަދުވެގެން ވެއްޓުނަސް ރޮއެއްނުހަދައެވެ. ގިނަ ފަހަރު ރޮނީ ބޭނުންވާ އެއްޗެއް ބުނެބުނެ އަހަރެމެންނަށް ދޭހަ ނުވީމައި ރުޅިއައިސްގެންނެވެ. ފާހާނާއަށް ފެންވަރަށް ވައްދައިފިއްޔާ އެންމެ ގިނައިން ކުރާ ކަމަކީ ތަށްޓެއް ހޯދައިގެން ފެން އަޅައި އޮއްސާލުމެވެ.  އެކަމަށް އެތައް ވަގުތެއް ހޭދަކުރާނެއެވެ.

އެއްދުވަހެއްގެ ހަވީރު ވަގުތެވެ. ހާޝިޔާގެ ފޯނުން އަހަރެންގެ ފޯނަށް ވައިބަރުން ލިބުނު ފޮޓޯއަކުން އަހަރެން ހާސްކޮށްލައިފިއެވެ. އެތައް ފަހަރަކު އެ ފޮޓޯއަށް ބަލަން އިނީމެވެ. ހާޝިޔާ އެހެން ފިރިހެނަކާއެކު ގައިގޯޅިވާ މަންޒަރެކެވެ. އެ ފޮޓޯ ނަގާފައި އެވަނީ ހާޝިޔާ ނޫންކަން އެނގެއެވެ. ކޮޓަރީގެ އެނދާއި ދިހަވަރަކަށް ފޫޓް ދުރުން ނަގާފައިވާ ފޮޓޮއެކެވެ. އެއީ އަހަރެންގެ ދަރިފުޅު ޖައިޝަން ކުރިކަމެއްބާއެވެ؟ ވަގުތުން އަހަރެން ގުޅީމެވެ.

"ހަ..ލޮ.. ބައްޕި" އިވުނީ ޖައިޝަންގެ އަޑެވެ. އޭނާ ވާހަކަ ދެއްކުމުގައި އަދިވެސް ލަސްކަމެއް ހުރެއެވެ. އާއްމުކޮށް ކުދީން ވާހަކަ ދައްކާ ރާގައި ޖައިޝަންގެ ރާގު ތަފާތުވާނެއެވެ. ޖައިޝަން ލައްވާ ހާޝިޔާ ކުރުވި ކަމެއްބާއެވެ؟ ވަގުތުން އަހަރެން ގެއަށް ދިޔައިމެވެ. އެޕާޓްމަންޓުގެ ބޭރުގައި މަޑުކޮށްއިގެން އަހަރެން ހުރީ ވާނުވާ ބެލުމަށެވެ. އަހަރެމެންގެ އެޕާޓްމަންޓުން ނިކުމެގެން ދިޔައީ އަހަރެން ދަންނަ މީހެއް ނޫނެވެ. އެކަމަކު އެއީ ރީތި ފިރިހެނެކެވެ. ފޮޓޯއިން ވެސް އެކަން އެނގެއެވެ.

ހާޝިޔާ އަހަރެންގެ މަތީން ފޫހިވީބާއެވެ؟ އަހަރެން މަސައްކަތް ކުރަމުން މިދަނީ ދަރިފުޅާ އަނބިމީހާގެ ހައްގުގައެވެ. ދުވާލު ހަތަރުދަމާއި ރޭގަނޑުގެ އެއްބައިގައި މަސައްކަތްކޮށް ގެއަށް އާދެވޭއިރު ހުންނާނީ ރޭގަނޑު ނުވައެއް ޖަހާފައެވެ. ވީދެރައިން ބުނާނެ އެއްޗެއް ނޭގި ހުރެފައި އަހަރެން ގޮސް އިށީނީ މޫދު ފެންނަ ހިސާބުގައެވެ.

"ކޮންކަމަކާ ވިސްނަން އައިސް އިން ރެއެއް؟ ހާދަ ނުފެންނަ މަންޒަރެއް މި ފެންނަނީ. ތިއީ ހަމަ ޖާވީދުތަ؟ މަސައްކަތް ކުރާ ސައިޓުގެ އެންމެ މަޖާކޮށް އުޅޭ ހަސަން ހުރީ ދާދި ގާތުގައެވެ. އަހަރެންގެ މޫނުމަތި ފެނުމުން ޙަސަނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނު ކަހަލައެވެ. އޭނާ ވެސް ސީރިއަސް ވެއްޖެއެވެ.

"ބައެއް ކަންކަމަކީ އަމިއްލަ ހިތުގައި ފޮރުވައިގެން ހުއްޓަސް ހައްލު ނާންނާނެ ކަންކަން. ތި ހިތުގައިވާ ނުތަނަވަސްކަން މޫނުމަތިން އެބަ ފާހަގަވޭ. އަހަރެންމީ އެކުވެރިއަކަށްވާނަމަ ކޮންމެވެސް ވަރެއް ހިއްސާކޮށްލަބަލަ." ހަސަނަކީ އިތުބާރު ހިފޭ އެކުވެރިއެކެވެ. އަހަރެން މިއަދު ދިމާވެގެން އުޅޭ މައްސަލަ ހަސަނުގާތުގައި ކިޔައިދިނީމެވެ. ހަސަނުގެ ނަސޭހަތަކަށްވީ އެއްފަހަރު ނަމަވެސް ވީގޮތް އަހައި އޮޅުން ފިލުވުމަށެވެ. މައްސަލައިގެ ތެރެއިން އިތުރު މައްސަލަ ނުނެރުމަށެވެ. އަހަރެން ވެސް އެގޮތަށް އެއްބަސްވެ ގެއަށް ހިނގައިގަތީމެވެ. އޭރު ގަޑިން އެގާރަގަޑި ބައިވެއްޖެއެވެ. ގެއަށް ދެވުނު އިރު ދަރިފުޅާއި ހާޝިޔާ ވެސް ތިބީ ނިދާފައެވެ.

ހެނދުނު ހޭލެވުމާއެކު ޖައިޝަން ކުޅުމުގައި އުޅެއެވެ. ހާޝިޔާ ވެސް ގޭތެރޭގައި އުޅޭތަން ފެނެއެވެ. އަހަރެންގޮސް ޖައިޝަން އުރާލީމެވެ.

"މީ ބައްޕިގެ ހީރޯ." ޖައިޝަންގެ ކޮލަށް ދޮނެއް ދެމުން އެހެން ބުނުމާއެކު ހާޝިޔާ އައިސް ރޭގައި ހާދަލަހުން ނިދަން އައިރެއެކޭ ބުނެލިއެވެ. ހާޝިޔާ އަހަރެންގެ ގާތުގައި ބައިންދާފައި ޖައިޝަން ފޮނުވި ފޮޓޯ ހާޝިޔާއަށް ދައްކާލީމެވެ. ހާޝިޔާ ވަރަށް ކަންބޮޑުވިއެވެ.

"ކާކު ތިފޮޓޯ ފޮނުވީ." ފޮޓޯ ފޮނުވި ފަރާތުގެ ވާހަކަ ބާއްވާފައި އަހަރެން ހޯދީ ސަބަބެވެ.

"ކީއްވެ ހާޝިޔާ  އުޅެން ފެށިގޮތެއް މީ. އަހަންނާއެކު އުޅެން ބޭނުން ނުވާނަމަ ބުނޭ." އަހަރެން ވާހަކަ ދައްކަން ފެށުމުން ހާޝިޔާ ފެށީ ރޯށެވެ. މިކަހަލަ ކަންކަން ކޮށްފައި ރުއިމަކީ ހައްލެއް ނޫނެވެ. އަހަރެން ވަރަށްގިނަ ވާހަކަ ދެއްކުމުން ހާޝިޔާ ވީގޮތް އޮޅުންފިލުވައިދޭން ފެށިއެވެ.

"އެއީ މީގެ ދެ ހަފްތާކުރި. ގޭސް ފުޅި ހުސްވެގެން އަހަރެން ގުޅީ ގޭސް ފުޅިއަކަށް އެދި. އޭގެ ފަސްވަރަކަށް މިނިޓްފަހުން ބެލް އަޅަންފެށީމަ އަހަރެން ގޮސް ދޮރުހުޅުވީ ގޭސް ފުޅި ގެންނަ މީހާކަމަށް. އެވަގުތު އަހަރެން ހަނދާނެއް ނެތް އެތަނުން އަންނަ މީހާ ހުންނާނީ އެމީހުންގެ ޔުނިފޯމްގައިކަމެއް."

"މިއަދު މިހުންނަނީ ނުކެއްކިފަ. އެކަމަކު ތިއައީ ގޭސްފުޅި ހިފައިގެންނެއް ވެސް ނޫނެއްނު." އަހަރެން އެހެން ބުނުމުން އެމީހަކު އެތެރެއަށް ވަނެވެ.

"އޭނާ ބުނީ މިއައީ ފާހާނާގެ ފެންލީކުވާތީ ރަނގަޅުކުރަންކަމަށް. ދެން އަހަރެން ހިތަށް އެރީ ފާހާނާ ފެން ލީކުވާތީ ޖާވީދު ފޮނުވީކަމަށް. އޭނާ ފާހާނެ ފެން ލީކުވާ ކަންކަން ރަނގަޅު ކޮށްދިން. ކިހާވަރެއް ދޭންވީހޭ އެހުމުން އެއްޗެއް  ދޭނެކަމެއްނެތޭ ކިޔާފަ ހިނގައްޖެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ޖާވީދު ނޫޅޭ ގަޑީގައި އައިސް ކޮންމެވެސް އެއްޗެކޭ ކިޔާނެ. ބައެއްފަހަރު އަހަރެން ބޭރަށް ނިކުންނައިރު ވެސް އޭނަހުރޭ މި ހިސާބުގައި. ފާޑެއްގެ ބްލެކްމެއިލެއް ކުރަނީ. އަހަރެން ޖާވީދު ގާތު މިވާހަކަތައް ނުދައްކާ މިހުރީ ޖާވީދު ކަންބޮޑުވާނެތީ."

"ތި ހުރިހާ ކަމެއް ހިނގިއިރު އަހަރެން ގާތު އެ ވާހަކަ ނުދެއްކީތީ ދެރައީ. އެހެން ނޫނަސް އެހައި ގާތުގައި އެހެން މީހަކު ހުރެ ނަގައިފައި ފޮޓޯއެއް ފެނުނީމާ ކޮންމެ މީހަކަށް ވެސް ނެގޭނީ ނުބައި މާނައެއް." އަހަރެން އެހެން ބުނުމުން ހާޝިޔާ މަޢާފަށް އެދުނެވެ.

"އަހަރެން ނޫޅެން އެހެން މީހަކާ ހެދިއެއް. އަހަރެން އަބަދު ވެސް ލޯބިވަނީ ޖާވީދު ދެކެ." ދެ މީހުންގެ މެދުގައި އޮޅުން އަރައިފައިވާ މައްސަލަ ހައްލު ކުރެވުމުން ޖާވީދު ހިތްހަމަ ޖެހުނެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް