Advertisement

މީދާ ހިފާ ދަތި

13 Jul 2024 | 00:01
މީދާ ހިފައި ދަތި

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ދަނޑުވެރިއަކު، އޭނާގެ ދަނޑުގެ ގޮވާންތައް ކައިހަދާ މީދަލެއްގެ އުނދަގޫ ބޮޑުވެގެން، އެ މީދާ ހިފާންވެގެން ދައްޗެއް ގެނައެވެ. ދަނޑުވެރިޔާ އޭނާ ގެނައި ދަތި އޭގެ ފޮށިން ނަގައި ދަނޑުގައި މީދާ ގިނައިން އުޅޭ ހިސާބުކަމަށް ދުށް ތަނުގައި ދަތި ތިއްބިއެވެ.

މީދާ ދަތި ތިއްބިތަން މީދާއަށް ފެނިގެން ވަރަށް ބޮޑަށް ކަންބޮޑުވެ ދަނޑުވެރިޔާ ގެންގުޅޭ ހާލެއް ގާތަށް ގޮސް ރޮއި ހަޅޭލަވަން ފެށިއެވެ. "ދަނޑުގައި މީދާ ދައްޗެއް ހަރުކޮށްފިއެވެ. ދަނޑުގައި މީދާ ދައްޗެއް ހަރުކޮށްފިއެވެ."

ދެން، ހަޅޭލަވައިގެންފައި، ހާ ގޮވައިގަތެވެ. "އޭ މީދަލާއެވެ! ކަލޭ ދަނޑު ހަލާކޮށް، އަދި، ދަނޑުވެރިޔާގެ ގެއަށް ވެސް ވަގަށް ވަދެ، ގެއިން ވެސް ތަކެތި ވަގަށް ނަގައި ކައި ހަދަމު ނޫންހެއްޔެވެ؟ ދެން، ދަނޑުވެރިޔާ ދަތި ގެނެސް ކަލޭ ހިފާން އުޅުނީމަ އެކަމާ ޝަކުވާ ކުރުމުގެ ހައްގެއް ކަލެއަށް ލިބިގެން ނުވެއެވެ. ދެން، އެހެން ނޫނަސް، ތިޔައީ އަހަރުމެންނާ ބެހޭ ކަމެއް ނޫނެވެ. ދަނޑުވެރިޔާ ދަތި ގެނައީ ކަލޭ ހިފާށެވެ. އެހެންވެ، އެއީ ކަލެއާ ބެހޭ ކަމެކެވެ!"

ހާލުގެ ވާހަކަ އަޑުއަހައިފައި، ދެން، މީދާ ދިޔައީ ދަނޑުވެރިޔާގެ ކަންބަޅި ކައިރިއަށެވެ. އަދި، ކަންބަޅި ގާތު ޝަކުވާ ކުރަން ފެށިއެވެ. "ބަލަ ކަންބަޅިޔާއެވެ! ދަނޑުވެރިޔާ އަހަރެންގެ ދުވަސް ދުއްވައިލާން ދައްޗެއް ގެނެސް އެ ދަތި ތިއްބައިފިއެވެ!"

ކަންބަޅި ވެސް މީދަލުގެ ޝަކުވާ އަޑުއަހާފައި، ހާލެކޭ އެއް ފަދައިން، މައްސަލައަކީ މީދަލާ ބެހޭ މައްސަލައެކޭ ބުނެ އަޅައެއް ނުލިއެވެ.

ދެން، އެންމެފަހުން، މީދާ ދިޔައީ ދަނޑުވެރިޔާގެ ގެރީގެ ކައިރިއަށެވެ. ގެރި ގާތު ވެސް މީދާގެ ދުވަސް ދުއްވައިލާން، ދަނޑުވެރިޔާ ދައްޗެއް ގެނައި ވާހަކަ ބުނެ ޝަކުވާ ކުރިއެވެ. ޖަވާބުގައި ގެރި ވެސް ބުނީ ތިކަމުގެ އޮތް ނަމަ އޮތް ނުރައްކަލެއް އޮތީ މީދަލަށް ކަމެވެ. އެކަމުން ދަނޑުގެ އެހެން އެއްވެސް ޖަނަވާރެއް ކަންބޮޑުވާކަށް ނުޖެހޭ ކަމެވެ.

ކޮންމެ އަކަސް، އެއްވެސް އެހެން ޖަނަވާރެއްގެ ފަރާތުން، މީދަލުގެ ކަންބޮޑުވުންތަކަށް، ހަމްދަރުދީއެއް، ނޫނީ ކުޑަވެސް ސަމާލުކަމެއް ނުލިބުމުން، ދެރަވެ، ހިތާމަކުރަމުން މީދާ ނިދަން ދިޔައެވެ. ދެން، މީދަލަށް ހޭލެވުނީ އެއްޗެއް ހަޅާލަވައިގެން އަޑަށެވެ. އެ އަޑު އިވުނު ދިމާއަށް ގޮސް ބަލައިލުމުން މީދަލަށް ފެނުނީ މީދާ ހިފާން ގެނައި ދަތީގައި ހަރުފައެއް ޖެހިފައި އޮއްވައެވެ.

ދެން، ތަންކޮޅެއް ދުރުގައި އެތަން ބަލަން އޮއްވައި، އެތަނަށް ދަނޑުވެރިޔާގެ އަނބި މީހާ އައިތަން ފެނުނެވެ. އަނދިރިކަމުން ދަތީގައި ޖެހިފައި އޮތީ ކޮން އެއްޗެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ހީކުރީ ދަތީގައި ޖެހިފައި އޮތީ މީދާ ކަމަށެވެ. ނަމަވެސް، ދަތީގައި ޖެހިފައޮ އޮތީ ހަރުފައިގެ ނިގޫކޮޅެވެ.

ކޮންމެ އަކަސް، ދަނޑުވެރިޔާގެ އަންހެނުން، ދަތީގައި ޖެހިފައި އޮތީ މީދާ ކަމަށް ހީކޮށް ދަތި ނެގިއެވެ. އެ ވަގުތު ހަރުފަ ދަނޑުވެރިޔާގެ އަންހެނުންގެ އަތުގައި ދައިގަނެ ވިހަލިއެވެ. ދެން، ވީ ތަދުން، އޭނާ ހަޅޭލަވައިގަތެވެ.

އަންހެނުންގެ ހަޅޭކުގެ އަޑަށް ބައްތިއެއް ހިފައިގެން ދަނޑުވެރިޔާ އެތަނަށް އައެވެ. އަދި، ކައިރީގައި އޮތް ދަނޑިބުރިއެއް ނަގައި، ދަތީގައި ޖެހިފައޮތް ހަރުފައާ ހަމަލާދީ ހަރުފަ މަރާލާފައި، އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.

އަންހެނުންނަށް ފަރުވާ ދިނުމަށް ފަހު، ގެއަށްދާން ދޫކޮށްލިއެވެ. އަންހެނުން ގޮވައިގެން، ދަނޑުވެރިޔާ ގެއަށް އައިސް، އަންހެނުންނަށް ކުކުޅު ސުރުވާ ދޭން ގަސްދުކޮށް ހާ ކަތިލައި ކުކުޅު ސުރުވާ ތައްޔާރުކުރިއެވެ.

ދެން، އޭގެ އަނެއް ދުވަހު، ދަނޑުވެރިޔާގެ އަންހެނުންނަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ އަޑުއަހައި، އަންހެނުންނަށް ގޮވައިލާން އަވައްޓެރިން ޒިޔާރަތް ކުރަން ފެށިއެވެ. އަދި، އެ މީހުންނަށް ކާންދީ މެހެމާންދާރީ އަދާކުރުމުގެ ގޮތުން ދަނޑުވެރިޔާ، އޭނާގެ ކަންބަޅި ކަތިލިއެވެ.

ދެ ތިން ދުވަސް ފަހުން، ކުއްލިއަކަށް އަންހެނުންގެ ހާލަތު ގޯސްވެ، ހަރުފައިގެ ވިހައިގެ އަސަރު ނުފިލައި، އެކަމުގެ ސަބަބުން އަންހެނުން މަރުވިއެވެ. އަދި، ދަނޑުވެރިޔާގެ ހިތާމައިގައި ބައިވެރިވާން، އަވަށު މީހުންނާއި އަދި ކައިރި ހިސާބުތަކުން ވެސް މީހުން އައިސް ދަނޑުވެރިޔާއަށް ޒިޔާރަތް ކުރިއެވެ. އެ އެންމެނަށް ކާންދީ މެހެމާންދާރީ އަދާކުރުމަށްޓަކައި ދަނޑުވެރިޔާ އޭނާގެ ގެރި ވެސް ކަތިލިއެވެ.

އާދެ، އެހެން ޖަނަވާރުތައް، މީދާ ހިފާން ގެނައި ދަތީގެ އުނދަގޫ ޖެހޭނީ މީދަލަށް ކަމަށް އެކަނިކަމަށް ބުނިކަމުގައި ވިޔަސް، އޭގެ ސަބަބުން އެންމެނަށް ވެސް އަސަރުކުރިއެވެ. އާޚިރުގައި އޭގެ އުނދަގޫ އެންމެނަށް ވެސް ޖެހުނެވެ.

ތަންތަނުގެ މިނިވަންކަން ގެއްލުމުގެ މަސައްކަތް ފެށެނީ މިކަހަލަ ގޮތަކަށެވެ. މީދާ ހިފާ ކަހަލަ ކުޑަ ދައްޗެއް ދެ ދައްޗެއް ގެނެސް ތިއްބައެވެ. ދެން، އެކަމުގައި މާ ބޮޑު މައްސަލައެއް ނެތީ ހީކޮށްގެން ތިއްބައި ތަނުގެ މިނިވަންކަން ގެއްލި އެކަމުގެ ނުބައި އަސަރު އެންމެނަށް ކުރެއެވެ. އިނގިރޭސީންގެ އަތް ދަށަށް އިންޑިޔާ ދިޔައީ އިނގިރޭސީންގެ ވިޔަފާރީގެ ދައްޗެއް ޖަހައިގެންނެވެ. ފަލަސްތީން އަރަބިންގެ އަތުން ގެއްލިގެން ދިޔައީ އިނގިރޭސީންގެ އަސްކަރީ ބާރުގެ ދަތި ފަލަސްތީނުގައި ޖަހައިގެންނެވެ. ރާއްޖޭގައި ވެސް ބޭރު ބައެއްގެ އަސްކަރީ ދަތިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖަހަމުންދަނީއެވެ. ނަމަވެސް، އެއީ ހަމައެކަނި މީދަލާ ބެހޭ ކަމެކޭ، ފިތުނަ އުފައްދާ މީހުން ދައްކާ ވާހަކައެކޭ ކިޔައި ދަނޑުވެރިޔާގެ ހާލާއި ކަންބަޅިއާއި ގެރި ބުނި ފަދައިން ބުނަމުން ދެއެވެ! މި މީދާ ދަތިތައް ތިއްބުމުގެ މަގުފަހިކޮށް އެ ކަން ކޮށްދިނީ ކޮން ބަޔެއްކަން މިހާރު ހަނދާނުން ފިލައި، ފޮހެވިގެން ހިނގައްޖެއެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް