Advertisement

ސަލާންގަލާމުގެ އަހައްމިއްޔަތު

12 Jul 2024 | 06:44
ސަލާން ފެތުރުން

އަލްއުސްތާޒު އިބުރާހީމް ރަޝީދު މޫސާ

އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާންގަލާމުން ފެށުމަށް އިސްލާމްދީން އަންގަވައެވެ. ޢަބުދުﷲ ބިން ސަލާމުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ވަޑައިގަތުމުން މީސްތަކުން އެކަލޭގެފާނަށް މަރުޙަބާދެންނެވުމަށް ޓަކައި މަގުތައް މައްޗަށް ނުކުތެވެ. އެކަލޭގެފާނަށް ރަސޫލާގެ މޫނުފުޅު ފެނިވަޑައިގަތުމުން އެއީ ދޮގުވެރިއެއްގެ މޫނު ނޫންކަން ކަށަވަރުވެވަޑައިގަތެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވި އެންމެ ފުރަތަމަ ބަސްފުޅުތަކުގެ ތެރޭގައި ވެއެވެ. ((يَا أَيُّهَا النَّاسُ أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا بِاللَّيْلِ، وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلَام[1] - އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މީސަތްކުންގެ މެދުގައި ސަލާންގަލާންކުރުމުގެ އާދަ ފަތުރާށެވެ! އަދި  ތިޔަބައިމީހުން ފަޤީރުންނަށް ކާންދޭށެވެ! އަދި ތިޔަބައިމީހުން ރަޙިމުގެ ގުޅުން ވާޞިލްކުރާށެވެ!  އަދި މީސްތަކުން ރޭގަނޑު ނިދައިފައި ތިބޭ އިރު، ތިޔަބައިމީހުން ނަމާދުކުރާށެވެ! އޭރުން ތިޔަބައިމީހުންނަށް ރައްކައުތެރިކަމާ އެކު ސުވަރުގެ ވަދެވޭނެތެވެ.))

  ﷲ ސުބުޙާނަހޫ ވަ ތަޢާލާ ވަނީ ސަލާންކުރުމަށާއި ސަލާންގޮވައިލުމަށް އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَأْنِسُوا وَتُسَلِّمُوا عَلَى أَهْلِهَا ذَلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهلވެރީންނަށް سلامކޮށް إذن ލިބިގެންފުމަށް ދާނދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.)) (النور : 27). ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً -  ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، اللَّه ގެ حضرةން ވާ بركات ތެރި ރަނގަޅު سلامއަކުން ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް ތިޔަބައިމީހުން سلامކުރާށެވެ.)) (النور :61).

ކައު ރަސޫލާ ﷺ ބަޔާންކޮށްދެއްވައިފައިވާ ގޮތުގައި މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު، އެކަކު އަނެކަކާ ސަލާންކުރުމަކީ އެކަކު އަނެކަކަށް އަދާކުރާން ޖެހޭ ޙައްޤެކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ[2] -ކޮންމެ މުސްލިމަކު އަނެއް މުސްލިމާއަށް އަދާކުރާން ޖެހޭ ހަ ޙައްޤެއް ވެއެވެ.)) އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ((إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ – އޭނާއާ ތިބާ ބައްދަލުވެއްޖެ ނަމަ، ފަހެ އޭނާއާ ސަލާންކުރާށެވެ!))

އިސްލާމްދީނުގެ ސަލާމާ މެދު، އަޅުގަނޑުމެން ފަޚުރުވެރިވާން ޖެހޭނެއެވެ. އެއީ މާތް ﷲ މި އުންމަތަށް ދެއްވި ޝަރަފެކެވެ. މިއީ އިސްލާމްދީނުގެ އަހުލުވެރީންނަށް ޚާއްޞަކުރައްވައިފައިވާ ކަމެކެވެ. ޔަހޫދީން މި ކަމާ ހެދި، މުސްލިމުންނަށް ޙަސަދަވެރިވެއެވެ. رَسُول اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((مَا حَسَدَكُمُ الْيَهُودُ عَلَى شَيْءٍ مَا حَسَدُوكُمْ عَلَى السَّلَامِ وَالتَّأْمِينِ[3] - ސަލާމާއި އާމީނަށް ޙަސަދަވެރިވާ މިންވަރަށް އެހެން ކަމެއްގައި ޔަހޫދީން ތިބައިމީހުންގެ މައްޗަށް ޙަސަދަވެރިއެއް ނުވެތެވެ.))

އައްސަލާމަކީ ﷲ ތަޢާލާގެ މަތިވެރި ޒާތުފުޅުގެ އިސްމުފުޅެކެވެ. އެކަލާނގެއީ ހުރިހައި އައިބުތަކަކުންނާއި އުނިކަމަކުންނާއި ހަޑި ހުތުރު ސިފަތަކަކުން ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅުގެ ސަލާމުން މެނުވީ އަޅުގަނޑުމެންނަށް ރައްކައުތެރިކަމާއި ސަލާމަތްތެރިކަމެއް ނުލިބެތެވެ. رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((إِنَّ السَّلَامَ اسْمٌ مِنْ أَسْمَاءِ اللَّهِ تَعَالَى وَضَعَهُ اللَّهُ فِي الْأَرْضِ، فَأَفْشُوا السَّلَامَ بَيْنَكُمْ[4] - ހަމަކަށަވަރުން އައްސަލާމަކީ ﷲގެ އިސްމުފުޅުތަކުން އިސްމުފުޅެކެވެ. އެކަލާނގެ އެ އިސްމުފުޅުން ޢަމަލުކުރުމަށް ތިޔަބައިމީހުންނަށް އަމުރުކުރައްވައި އެ އިސްމުފުޅު ތިޔަބައިމީހުންނަށް ދަސްކޮށްދެއްވިއެވެ. ފަހެ ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ސަލާންގަލާންކުރުމުގެ އާދަ ފަތުރާށެވެ!))

ސަލާމަކީ އަމްނާއި އަމާންކަމެވެ. އެއީ ރަޙްމަތްލެއްވުމަށާއި ރުއްސުންލެއްވުން  އެދި ކުރާ ދުޢާއެކެވެ. މިހެންވެ ސަލާމަކީ  ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި ފަތުރާން އަންގަވައިފައިވާ ކަމެކެވެ. އެ ކަމުގެ ސަބަބުން މުއުމިނުންގެ މެދުގައި ލޯތްބާއި އަޅައިލުމާއި ކުލުނު ފެތުރޭނެތީއެވެ.

ސަލާމުގެ އެންމެ ފުރިހަމަ ޢިބާރާތް<br>

ސަލާމަކީ ތިބާގެ ކިބައިން ތިބާގެ އަޚާއަށް ނުވަތަ އުޚުތަށް ބުނެލާ ރީތި ބަހެކެވެ. ތިބާގެ ފުށުން އޭނާއަށް ރައްކައުތެރިކަން އޮތްކަން ކަށަވަރުކޮށްދޭ ކަށަވެތިވުމެކެވެ. ތިބާގެ ފުށުން އޭނާއަށް ގޯނާއެއް ނުލިބޭނެކަމުގެ ޢަހުދުނާމާއެކެވެ. އެއީ ތިބާގެ އިސްލާމްކަމުގެ ތެދުކަން ހާމަކޮށްދޭ ޢަލާމާތެކެވެ. ތިބާގެ އީމާންކަމުގެ ފުރިހަމަކަމުގެ ހެތްކެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَއަށް ދެންނެވުނެވެ. އެންމެ ރަނގަޅު އިސްލާމްކަމަކީ ކޮބައިތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ((تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلَامَ، عَلَى مَنْ عَرَفْتَ، وَمَنْ لَمْ تَعْرِفْ[5] - އެއީ ފަޤީރުންނަށް ކާންދިނުމާއި ތިބާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނާ ސަލާމްކުރުމެވެ.))

ކައު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ސަލާމުގެ މުހިންމުކަން އިތުރަށް ބަޔާންކޮށްދެއްވަމުން ޙަދީސްކުރެއްވިއެވެ. ((أَفْشُوا السَّلَامَ تَسْلَمُوا، وَالْأَشَرَةُ شَرُّ [6]- ތިޔަބައިމީހުން ސަލާންކޮށް ސަލާންކުރުމުގެ އާދަ ފަތުރާށެވެ! އޭރުން ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބޭނެތެވެ. ކިބުރުވެރިކަމާއި ބޮޑާކަމަކީ ނުބައި ކަމެކެވެ.))

އަމިއްލަ ގެއަށް ވަންނައިރުގައި ވެސް ސަލާންގޮވައިލުމަށް ކީރިތި ރަސޫލާ ﷺ ވަނީ އިރުޝާދު ދެއްވައިފައެވެ. އެކަލޭގެފާނު އަނަސު ބިން މާލިކުގެފާނަށް ޙަދީސްކުރެއްވިއެވެ. ((يَا بُنَيَّ، إِذَا دَخَلْتَ عَلَى أَهْلِكَ فَسَلَّمَ، يَكُونُ بَرَكَةً عَلَيْكَ، وَعَلَى أَهْلِ بَيْتِكَ[7] -ކޮއިފުޅާއޭވެ! ތިބާ ތިބާގެ ގެއަށް ވަންނަ އިރު، ތިބާގެ އަހުލުންނަށް ސަލާން ގޮވައިލާށެވެ! އެ ކަން ވާނީ ތިބާއަށާއި ތިބާގެ އަހުލުންގެ މައްޗަށް އޮތް ބަރަކާތަކަށެވެ.))

ސަލާންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ކަމުގެ ސަބަބުން ފާފަފުއްސަވާ ކަމެކެވެ. ކައު ރަސޫލާގެ ބަސްފުޅު އަޑުއަހާށެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ، إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَتَفَرَّقَا[8] - ދެ މުސްލިމަކު ބައްދަލުވެ އަތާއި އަތް ޖޯޑުކޮށް ސަލާންކޮށްފި ނަމަ، އެ ދެމީހުން ވަކިވެދިޔުމުގެ ކުރީން އެ ދެ މީހުންނަށް ފާފަފުއްސަވައިނުދެއްވައެއް ނުދާނެތެވެ.))

ދަހިވެތި ބަޔަކަށް ވުމަށް އަޅުގަނޑުމެން އެދެންހެއްޔެވެ؟ ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إِنَّ أَبْخَلَ النَّاسِ مَنْ بَخِلَ بِالسَّلَامِ[9] -ހަމަކަށަވަރުން އެންމެ ދަހި މީހަކީ ސަލާންކުރުމުގައި ދަހި މީހާއެވެ.)) 

ސަލާންގަލާންކޮށް މީސްތަކުންގެ މެދުގައި ސަލާން ފެތުރުމަކީ ހިތްތަކުގެ ތަޅުދަނޑިއެވެ. އެއީ ހިތުގައި ވާ ނީހައާއި ހަސަދަވެރިކަމާއި ނުނިޔަތްލުން ނައްތައިލާ ވެކްސިނެވެ. ސުވަރުގެއަށް ވަނުމަށް ބޭނުންވާ މީހާއަށް އޮތީ ސަލާންގަލާންކުރުން ގިނަކުރުމާއި ސަލާން ފެތުރުން ގިނަކުރުމާއި މީސްތަކުންގެ ކުރިމަތީގައި ހިނިތުންވެލުން އިތުރުކުރުމެވެ. رَسُولُ اللَّهِ  e ޙަދީސްކުރެއްވިއެވެ. ((وَالَّذِي نَفْسِي بِيَدِهِ، لَا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ[10] -އެ ފަރާތެއްގެ ބާރުގެ ދަށުގައި ތިމަންކަލޭގެފާނުގެ ނަފުސުފުޅު ވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެއަކަށް ނުވަންނާނެތެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވިކަމުގައެއް ނުވާނެތެވެ. ތިޔަބައިމީހުން އެ ކަމެއް ކޮށްފި ނަމަ، އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ހަދައިދޭނެ ކަމެއް ތިމަންކަލޭގެފާނު ދައްކަވައިދެއްވަންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާން ފަތުރާށެވެ!))

ކައު ރަސޫލާ eގެ އެހެން ބަސްފުޅެއްގައި ވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((إنَّ مُوجِبَاتِ المَغفِرَةِ بَذلُ السَّلامِ، وَحُسنُ الكَلامِ[11] –ހަމަކަށަވަރުން ފާފަފުއްސެވުން ޙާޞިލްކޮށްދޭ ކަންތައްތަކުގެ ތެރޭގައި ސަލާންގަލާންކުރުމާއި ސަލާން ފެތުރުމާއި ރިވެތި ބަހުން ވާހަކަދައްކައި އުޅުން ވެއެވެ.)) 

ސަލާމަކީ ސުވަރުގޭގެ އަހުލުވެރިން އެއްބަޔަކު އަނެއްބަޔަކާ ސަލާންކުރުމުގައި ބޭނުންކުރާ ޢިބާރާތެވެ. ރަޙުމާނުވަންތަ ރަޙީމުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ((تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلامٌ  - އެކަލާނގެއާ އެއުރެން ބައްދަލުވާ ދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ.)) (الأحزاب :  44).  ﷲ ތަޢާލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((لاَ يَسْمَعُونَ فِيهَا لَغْوًا وَلا تَأْثِيمًا * إِلاَّ قِيلاً سَلاماً سَلاما - ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ.)) (الواقعة: 25- 26).

އަޅުގަނޑުމެން ފަރުޟުނަމާދުކޮށް އަވަނދިވުމުން އައްސަލާމުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ސަލާމަށާއި އަމާންކަމަށާއި ނަމާދު ޤަބޫލުކުރެއްވުމަށާއި ހިތްހަމަޖެހުން ދެއްވުމަށް  އެދި ދެންނެވުމަށް އަމުރުކުރައްވައިފައި ވެއެވެ. ((اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ[12] -ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއޭވެ! އިބަރަސްކަލާނގެއީ އައްސަލާމެވެ. ސަލާމަތްކަން އޮތީ އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނކޯއޭވެ! އިބަރަސްކަލާނގެ މަތިވެރިވެ ވޮޑިގެންވަމުއެވެ.))

ސަލާންކުރުމުގެ އަދަބުތަކަށާއި ސުންނަތްތަކަށް ބަލާ އިރު، އިސްވެ ސަލާންކުރާން ޖެހޭނީ ސަވާރުވެ އިން މީހާ ބިންމަތީގައި ހުރި މީހާއަށެވެ. ކޮއްޅަށް ހުރި މީހާ އިށީނދެ އިން މީހާއަށެވެ. ކުޑަކުއްޖާ ބޮޑުމީހާއަށެވެ. ކުޑަ ޖަމާޢަތް ބޮޑު ޖަމާޢަތަށެވެ. ޖަލްސާގައި ތިބި މީހުންނަށް އިސްވެ ސަލާން ގޮވައިލާނީ ޖަލްސާއަށް ފަހުން އައިސް ވަންނަ މީހާއެވެ. މަޖިލިސްގައި ތިބި މީހުންނެއް ނޫނެވެ. މަޖިލީހުގައި ތިބި މީހުންނަށް ޖެހޭނީ  އެ ސަލާމަށް ރައްދުދޭށެވެ. ޖަލްސާއިން ވަކިވާ އިރުގައި  ވެސް އިސްވެ ސަލާން ގޮވައިލާނީ ވަކިވާ މީހާއެވެ. ސަލާން ގޮވައިލާން ޖެހޭނީ އަޑު އިވޭ ވަރަށް ބާރަށެވެ. ނިތްއެއްލައިގެން ސަލާމެއް ނުކުރެވޭނެއެވެ. ދުރުގައި ހުރި މީހެއް ނަމަ އަތުން އިޝާރަތްކޮށް ސަލާންކުރެވިދާނެއެވެ.

ސަލާންކުރުމަށް ދަސްކޮށްދެއްވައިފައިވާ ޢިބާރާތަކީ: السَّلامُ عليكم ورحمةُ اللهِ وَبَرَكاتُهއެވެ. މި ޢިބާރާތަށް އުނިއިތުރެއް ނުކުރެވޭނެއެވެ. އަދި މި ޢިބާރާތަށް ބަދަލެއް ވެސް ނުމެގެނެވޭނެއެވެ. މި މިންވަރުން ސަލާން ގޮވައިލާ މީހާއަށް މާތްﷲ ތިރީސް ހެޔޮކަމުގެ ސަވާބު ދެއްވާނެއެވެ.

އިސްވެ ސަލާން  ގޮވައިލުމަކީ ސުންނަތެކެވެ. މި ސަލާމަށް ޖަވާބުދިނުމަކީ ވާޖިބުކަމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَإِذَا حُيِّيْتُم بِتَحِيَّةٍ فَحَيُّواْ بِأَحْسَنَ مِنْهَا أَوْ رُدُّوهَا[13] - ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ!)) (النساء : 86).

_______________________________________

މަރުޖިޢުތައް:

[1]  -  صحيح ابن ماجه 2648 

[2]  -  أخرجه البخاري (١٢٤٠)، ومسلم (٢١٦٢)

[3]  -  أخرجه ابن ماجه (٨٥٦)  وأحمد (٢٥٠٢٩)  والبخاري في ((الأدب المفرد)) (٩٨٨) 

[4]  - الألباني، السلسلة الصحيحة  (١٨٤ )

[5]  - أخرجه البخاري (١٢)، ومسلم (٣٩)، وأبو داود (٥١٩٤)، والنسائي (٥٠٠٠)، وابن ماجه (٣٢٥٣)  وأحمد (٦٥٨١) 

[6]  -  أخرجه أحمد (١٨٥٥٣)، والبخاري في ((الأدب المفرد)) (٧٨٧)، وأبو يعلى (١٦٨٧) 

[7]  -  أخرجه الترمذي (٥٨٩)، وأبو يعلى (٣٦٢٤)، والطبراني في ((المعجم الأوسط)) (٥٩٩١)

[8]  - أخرجه أبو داود (٥٢١٢) والترمذي (٢٧٢٧) وابن ماجه (٣٧٠٣)، وأحمد (١٨٥٤٧) 

[9]  - الألباني، صحيح الجامع (١٥١٩ )

[10]  - أخرجه أبو داود (٥١٩٣) واللفظ له، والترمذي (٢٦٨٨)، وابن ماجه (٦٨)، وأحمد (١٠٦٥٠)

[11]  - أخرجه ابن حبان (٤٩٠)، والطبراني (٢٢/١٨٠) (٤٦٩)، وأبو نعيم في ((تاريخ أصبهان)) (١/٢٥٠)

[12]  - أخرجه الطبراني في ((الدعاء)) (٦٤٨) والنسائي في ((السنن الكبرى)) (١٠١٩٨)، وابن خزيمة (٧٣٦) 

[13]  - النساء : 86

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް