Advertisement

"ފަލަސްތީނަށް މިނިވަންކަން ހޯދައިދޭނަން." – އީރާނުގެ ރައީސް-މުންތަޚަބު

11 Jul 2024 | 01:03
އީރާނުގެ ރިޔާސަތަށް އިންތިޚާބުކުރެވިފައިވާ މަސްއޫދު ޕެޒެޝްކިއަން، އޭނާގެ ތާއީދީންނާއި އީރާނުގެ ދިދައާ އެކު

އަބާ މުޙަންމަދު

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އީރާންގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ޝަހީދުކޮށްލީއެވެ. ދުޝްމަނުންގެ ބަޔަކު ރާވައިގެން ދިން ޙަމަލާއެއްގައެވެ. އެއީ އެމެރިކާއާއި އިސްރާއީލާ މެދު އޭނާ ގެންގުޅުއްވާ އިދިކޮޅު ޚިޔާލުފުޅުގެ ސަބަބުންނެވެ. މި ޚިޔާލަށް ބާރުދޭ ހެކިތައް އެބަ ހުރިކަމަށް ވެސް ބައެއް މުޙައްލިލުން ދެކެއެވެ. ނަމަވެސް އިބްރާހީމީ ޝަހީދުކޮށްލެވުމަކީ (ނުވަތަ ދިމާވި ހާދިސާއެއްގައި އަވަހާރަވީކަމަށް ވީ ނަމަވެސް) އިސްރާއީލާއި އެމެރިކާއާ މެދު އީރާނުން ގެންގުޅޭ ވިސްނުން ބަދަލުވާ ގޮތެއް ނުވިއެވެ.

އީރާނުގެ ރިޔާސަތަށް އިންތިޚާބުކުރެވިފައިވާ މަސްއޫދު ޕެޒެޝްކިއަން މީގެ ދެ ދުވަސް ކުރީން ވަނީ އޭނާގެ ވިސްނުން ހާމަކުރައްވައިފައެވެ. މި ދިޔަ ހޯމަ ދުވަހު ރައީސް-މުންތަޚަބު މަސްއޫދު ވިދާޅުވެފައިވަނީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާނާއި، އިސްރާއީލުގެ "ޖަރީމާ ސިޔާސަތު" ތަންފީޒުކުރާކަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ދިފާޢީ ބާރުތަކުން ފުރުޞަތެއް ނުދެއްވާނެކަމަށެވެ.

"ޣައިރުގާނޫނީ ސަހުޔޫނީ ދައުލަތުން ސަހައްދުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް، ސަރަހައްދުގެ ރައްޔިތުންގެ ޙިމާޔަތަށް ޓަކައި ހިންގޭ ޙަރަކާތްތަކަށް އިސްލާމީ ޖުމްހޫރިއްޔާއިން އަބަދު ވެސް ތާއީދުކުރާނަމެވެ." އީރާނުން ތާއީދުކުރާ ލުބުނާންގެ ޙިޒުބުﷲ ޖަމާޢަތުގެ ވެރިޔާ ޙަސަން ނަޞްރުﷲއަށް ފޮނުއްވި މެސެޖެއްގައި މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވެއެވެ.

މި މެސެޖުން އިޝާރާތްކުރަނީ މި ދިޔަ ހަފުތާގައި އީރާންގެ ރިޔާސީ އިންތިޚާބުކުރެއްވި މަސްއޫދަކީ ތަންކޮޅެއް މަޑުމައިތިރި ބޭފުޅެއްކަމަށް މީހުން ދުށްކަމަށް ވިޔަސް އިރާނުގެ އާ ސަރުކާރުން އެ ސަރަހައްދުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަވާނެކަމަށެވެ.

"ދާއިމީ ގޮތެއްގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ މެދު، އިސްރާއީލުން ގެންގުޅޭ 'ޖަރީމާ ސިޔާތާ' ދެކޮޅަށް ޙަރަކާތްތެރިވާ މުޖާހިދުނެއް އިސްރާއީލުގެ އެ ސިޔާސަތު ދަމަހައްޓަކަށް ދުލެއްކުރާނެކަމުގެ ކަށަވަރުކަން އަޅުގަނޑުގެ އެބަ އޮތެވެ." މަސްއޫދު ޕެޒެޝްކިއަން ވިދާޅުވިކަމަށް އީރާނުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.

އީރާނުގެ ރިޔާސަތާ މަސްއޫދު ޕެޒެޝްކިއަން ރަސްމީ ގޮތުން ޙަވާލުވެވަޑައިގަންނަވާނީ މި މަހު 30ވަނަ ދުވަހުއެވެ.

އަނެއްކޮޅުން "ބްރިކްސް ނިއުސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އެކަށީގެންވާ ފިޔަވަޅުތަކަކާއެކު ފަލަސްތީނަށް މިނިވަންކަން ހޯއްދަވައިދެއްވާނެ"ކަމަށް ވެސް މަސްއޫދު ޕެޒެޝްކިއަން ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ޙިޒުބުﷲއާއި ޙަމާސަކީ އީރާނުން ތާއީދުކުރާ އެ ސަރަހައްދުގެ ދިފާޢުގެ މައި ނާރެސްކަމަށް މުސްލިމުން ބަލައެވެ.

މަސްއޫދު ޕެޒެޝްކިއަން އިސްރާއީލާ ދެކޮޅަށް ދެއްވި މި ބަޔާނަށް އިސްރާއީލުން ޖަވާބެއް ދީފައި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.  

މި ދިޔަ އަހަރު އޮކުޓޫބަރު މަހު ހަތްވަނަ ދުވަހު އިސްރާއީލުން ހަމާސް ނައްތައިލުމަށްކަމަށް ބުނެ ފަލަސްތީނާ ދެކޮޅަށް ފަށައިފައިވާ ޢުދުވާނުގައި 38 ހާހަށް ވުރެ ގިނަ ފަލަސްތީނީން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 88 ހާހަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލުން މަރުވެފައިވަނީ ބާރަ ސަތޭކަ މީހުންނެވެ. ޙަމާސުން އަސީރުކޮށްފައިވަނީ 250 ޔަހޫދީންނެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
ނަހުޒާ
އިންޝާއަﷲ
11 Jul 2024