Advertisement

ރަނގަޅު ވެރިކަމަކަށް އޮވެވޭނީ ރަނގަޅު ރައްޔިތެއް އޮވެގެންނެވެ.

10 Jul 2024 | 17:54
ރައްޔިތުން ރަނގަޅުވެގެން ނޫނީ ވެރީން ރަނގަޅެއް ނުވާނެއެވެ.

ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު

______________________________________________________________________

ނޯޓް: ތިރީގައި މި ވަނީ އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)، "އާބާރު" މަޖައްލާގައި ފެބްރުއަރީ 1979ގައި ލިއުއްވައިފައިވާ ލިއުއްވުމެކެވެ. މި ލިޔުން ނަކަލުކޮށްލާން ބޭނުންވީ މި ލިޔުމުގައި ބަޔާންކޮށްފައިވާ ޙާލަތާއި މިއަދު ދިވެހި މުޖުތަމަޢުގެ ޙާލަތާ ގުޅުމެއް ހުރިކަމަށް ފެންނާތީ، ދިވެހި މުޖުތަމަޢަށް މި މަޒުމޫނުން ވެސް ޢިބްުރަތެއް ޙާޞިލުވޭތޯއެވެ.

                                                    އެޑިޓަރ

______________________________________________________________________

ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް، ކޮންމެ އިރެއްގައި ވެސް ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ ތެރޭގައި ވެސް، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަމަކީ، ރަނގަޅު ވެރިކަމެއް އޮތުމެވެ. މީސްތަކުންގެ ވެރީންނަކީ، ރަނގަޅު ބަޔެއްކަމުގައި ވުމެވެ. ޞުލްހަ މަޞްލަހަތަށް ލޯބިކުރައްވާ، ރައްޔިތުންނަށް ހެޔޮ ގޮތްތައް އެދޭ ވެރީން، ވެރިކަންކުރާ ބަޔެއްކަމުގައި ވުމެވެ. ރައްޔިތުންގެ ފައިދާތަކަށް ލޯބިކުރައްވާ، ރައްޔިތުންނަށް މޮޅު ގޮތްތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ، ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކޮށްދެއްވާ ވެރީންކަމުގައި ވުމެވެ. އަމިއްލަ ޒާތީ ބޭނުންތަކާ ފައިދާތަކަށް ވުރެ، ރައްޔިތުންގެ ބޭނުންތަކާއި ފައިދާތަކަށް އަހުމިއްޔަތުކަން ދެއްވާ، ސަމާލުކަންދެއްވާ، އަދި އަޅާލުން ބަހައްޓަވާ ވެރީންކަމުގައި ވުމެވެ.

ޖުމްލަކޮށް މި ދެންނެވުނީ، އާންމު ގޮތެއްގައި، ދުނިޔޭގެ ހުރިހައި ތަންތަނެއްގައި ވެސް، ވެރިކަމާއި، ވެރީންނާ މެދު، ރައްޔިތުން ހިތްތަކުގެ އަޑީން އެދޭ އެދުންތައް ނޫންތޯއެވެ؟ ވެރީން ތިބެންވި ގޮތާ މެދު، ވެރީންގެ ކިބައިގައި ހުންނާންވީ ސިފަތަކާ މެދު، ރައްޔިތުން އުންމީދުކުރާ ގޮތްތައް ނޫންތޯއެވެ؟ އެއީ ހަމައެކަނި އެދޭ އެދުންތަކާއި، ވެވޭ އުންމީދުތަކަކުން، ފުރިހަމަ ވެވޭން އޮންނަ ކަމެއްތޯއެވެ؟ އެ އުންމީދުތަކާ އެދުންތައް ހަގީގަތެއްކަމުގައި ވުމަށްޓަކައި، ރައްޔިތުން އަދާކުރަންވީ ވާޖިބުތަކެއް، ރައްޔިތުންގެ ކިބައިގައި ހުންނާންވީ ވަކި ސިފަތަކެއް، ރައްޔިތުންގެ ޢަމަލުތައް ހުންނާންވީ ގޮތްތަކެއް އޮތުން ލާޒިމުކަމަކަށް ނުވޭތޯއެވެ؟ ވެރީންނަކީ، އެދެވޭ ރަނގަޅު ބަޔެއްކަމުގައި ވުމަށް ޓަކައި، ރައްޔިތުންނަކީ ވެސް، ރަނގަޅު ސިފަތަކެއް ހުރި ބަޔެއްކަމަށް ވުން ލާޒިމުކުރާ އިޖުތިމާޢީ އުޞޫލުތަކެއް ނޯވޭތޯއެވެ؟ ނޫނެކެވެ! އޮވެއެވެ. މިއީ އެޔާ މެދު ދެބަސްނުވެވޭ ޢިލްމީ ހަގީގަތެކެވެ. އަދި އަޅުގަނޑުމެންގެ ދީނީ އިރުޝާދުތަކުގައި، ޚާއްޞަ އަހުމިއްޔަތުކަމަކާ އެކު، ބަޔާންކޮށްދެވޭ އެއް މައުޟޫޢެކެވެ. އެއީ އެ ކަމާ ބެހޭ ގޮތުން، ކީރިތި ޤުރުއާނާއި މާތްވެގެންވާ ރަސޫލާގެ ހަދީސްތަކުގައި ގިނަގުނަ އިރުޝާދުތައް ދެއްވައި އަންގަވާ މައުޟޫޢެކެވެ. ދީނުގެ އިމާމުންނާއި ދަންނަ ބޭކަލުން ވެސް އެ މައުޟޫޢުގެ އަހުމިއްޔަތުކަން ފާހަގަކުރައްވާ މައުޟޫޢެކެވެ.

ތާރީޚު ވެސް ހެކިދެއެވެ.

މި ދެންނެވި ހަގީގަތަކީ، ތާރީޚު ވެސް އޭގެ މައްޗަށް ހެކިދޭ ހަގީގަތެކެވެ. ޔަޢުނީ ހުރިހައި ޒަމާންތަކެއްގައި ވެސް، ރަނގަޅު ވެރީން އުޅެފައި ވަނީ، ރަނގަޅު ރައްޔިތުން ތިބޭ ތަންތާނގައެވެ. ރައްޔިތުން ރަނގަޅު ނޫން ނަމަ، ރަނގަޅު ވެރިޔަކަށް ނުހުރެވެއެވެ. ނުބައި ވެރިޔަކު އުފެދިއްޖެ ނަމަ، އޭގެ ހަގީގީ ސަބަބަކަށް ވެފައި އޮންނަނީ، ރައްޔިތުންނަށް ތިބޭ ބަޔެއްގެ އަޚުލާޤާއި ޢަމަލުތަކުގައި، ނުބައި ގޮތްތަކެއް އުފެދި އާންމުވެފައި ވަނީއެވެ. މި ބާވަތުގެ ކަންކަމުގެ ހެކިތަކެއްގެ ގޮތުން، އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުން ވެސް ވަރަށް ގިނަ ހާދިސާތަކެއް ހޮވައިލެވިދާނެއެވެ.

މި ރޮނގުން އެއްޗެއް ދަންނަވާ އިރު، އެންމެ ފުރަތަމަ، އަޅުގަނޑު ހޮވައިލާނީ، ސައްޔިދުނާ ޢަލީ ބިން އަބޫޠާލިބު (ރަޟިޔަﷲ ޢަންހު)އަށް ނިސްބަތްވާ ވާހަކައެކެވެ. ދެންނެވުމުގެ ބޭނުމެއް ނޯންނާނޭ ފަދައިން ސައްޔިދުނާ ޢަލީގެފާނަކީ، ޚުލަފާއުއްރާޝިދީންގެ އެންމެ ފަހުގެ ޚަލީފާއެވެ. އިސްލާމީ އުންމަތުގެ ތާރީޚުގައި ތިންވަނަ، ހަތަރުވަނަ ޚަލީފާގެ ޒަމާން ފާހަގަކޮށްލެވިފައި ވަނީ، ފިތުނަވެރިކަމާއި ހަމަނުޖެހުންތަކެއްގެ ޒަމާނެއްގެ ގޮތުންނެވެ. ތިންވަނަ ޚަލީފާ، ސައިޔިދުނާ ޢުޘްމާން ބުނި ޢައްފާން (ރަޟިޔަﷲ ޢަންހު)އާއި، ހަތަރުވަނަ ޚަލީފާ ސައްޔިދުނާ ޢަލީގެފާނު ޝަހީދުކޮށްލެވުނީ ޚުދު މުސްލިމު ބަޔެއްގެ އަތުންނެވެ. އަދި މި ދުވަސްވަރުގެ ފިތުނަތަކުގައި، ބޭރުގެ ޢަދާވާތްތެރީންގެ ނުރައްކަލެއް ނެތި، ޚުދު މުސްލިމް އުންމަތުގެ ދާޚިލީ ހަމަނުޖެހުންތަކެއް ވެރިވެފައި އޮތެވެ. މި ދެންނެވި ވާހަކަތަކަކީ ތާރީޚުގައި މަޝްހޫރުވެގެންވާ ވާހަކަތަކެކެވެ. އެ ވާހަކަތަކާ އޭގެ ސަބަބުތަކާ ހަގީގަތްތައް ތަޙުލީލުކުރާ އިރު، ތަފާތު ގޮތްގޮތަށް މީސްމީހުން ޚިޔާލު ފައުޅުކޮށްފައި ހުރެއެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ދުޝްމަނުންނާއި، މި ޒަމާނުގެ އޮރިއެންޓަލިސްޓުން، މި ދެންނެވި ޒަމާނުގެ ތާރީޚާއި އެ ދުވަސްވަރުގައި ހިނގި ޙާދިސާތަކުގެ ބޭނުންކޮށްފައި ވަނީ އިސްލާމްދީނާއި އަދި އިސްލާމީ އުޞޫލުތަކާއި އެ ދީނުގެ އަހުލުވެރީންނާ އިދިކޮޅު ނުބައި ޕްރޮޕެގެންޑާއެއްގެ ގޮތުގައެވެ. ނަމަވެސް އިސްލާމީ ނަޒަރަކުން ބަލައި، އެ ދުވަސްވަރުގެ ތާރީޚާ ބެހޭ ފުރިހަމަ ތަޙުލީލެއް ކުރެވިއްޖެ ނަމަ، ނުބައި ޕްރޮޕެގެންޑާތަކުގެ ހަގީގަތެއް ނެތްކަން ހާމަވާނެއެވެ.

ކޮންމެއަކަސް، މިއަދު މި މައުޟޫޢުގައި ވާހަކަދައްކާން ފަށާ އިރު ވެސް، އަޅުގަނޑު އެންމެ ފުރަތަމަ ދަންނަވައިލާ ހިތް ވަނީ، މި ދެންނެވި ދުވަސްވަރާ މެދު ސައްޔިދުނާ ޢަލީގެފާނު ވިދާޅުވެފައިވާކަމަށް ބަޔާންކުރެވޭ ވާހަކައެކެވެ. އެ ދުވަސްވަރު ކޮންމެވެސް މީހަކު ސައްޔިދުނާ ޢަލީގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫބަކުރުގެފާނާއި މާތްރަސްކަލާނގެ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި، އެއްވެސް ފިތުނައެއް ހަމަނުޖެހުމެއް ނެތި އޮވެފައި، ކަލޭގެފާނާއި ޢުޘްމާނުގެފާނުގެ ޒަމާނުގައި، މިހައި ފިތުނަ ފަސާދަ ބޮޑުވެފައި މި ވަނީ ކީއްވެގެންތޯއެވެ؟ މި ސުއާލުގެ ޖަވާބެއްގެ ގޮތުން ޢަލީގެފާނު ވިދާޅުވި ވާހަކައިގެ ޚުލާޞާއަކީ "އެކަން އެހެން ވެފައިވާ ގޮތް ކަލެއަށް ނޭނގެނީހެއްޔެވެ؟ އެ ކަން އެހެންވެފައިވާ ސަބަބަކީ އެބޭކަލުންގެ ޒަމާނުގައި ވެރިކަމުގައި ތިއްބެވީ އަހުރެމެން ކަހަލަ އެ ބޭކަލުންކަމަށްވެފައި، ރައްޔިތުންނަށް ތިބީ އެ ބޭކަލުން ކަހަލަ އަހުރެމެންކަމަށް ހިމެނިފައިވުމާއި، މިހާރު ވެރިކަމުގައި މިތިބީ އެ ބޭކަލުންކަހަލަ އަހުރެމެންކަމަށްވުމާ އެކު، ރައްޔިތުންކަމަށް މި ތިބީ ކަލޭމެން ކަހަލަ މީހުންކަމަށް ހިމެނިފައިވާކަމެވެ."

މި ވާހަކައިން އެނގެނީ ޤައުމެއްގެ ތެރޭގައި ހަމަޖެހުމާއި ޞުލްހަވެރިކަން ޤާއިމުވެ އޮތުމަށް ޓަކައި، ވެރީންގެ މާތް މަގުސަދުތަކާއި މަސައްކަތްތަކުން އެދެވޭ ރަނގަޅު ނަތީޖާ ފެންނަމުންދާނީ، ރައްޔިތުންގެ ކިބައިގައި ވެސް، އެފަދަ މާތް މަގުސަދުތަކާއި ހެޔޮ އެދުންތަކެއް ވާކަން ޢަމަލީ ގޮތުން ސާބިތުކޮށްދެވުމުންކަމެވެ. މި ދެފަރާތުގެ އަޚުލާޤާއި ޢަމަލުތައް ތަފާތުވެ ޚިލާފުވެގެން ވާ ނަމަ، ސޮސައިޓީގައި ޞުލްހަވެރިކަމާއި ހަމަޖެހުން ޤާއިމްވެ ނޯންނާނެކަމެވެ.

ޝައްކެއްނެތެވެ! ޤައުމީ އިޞްލާޙާއި ހެޔޮ މަގުތަކުގައި ކުރިޔަށް ދިޔުމުގައި ވެރީންނަށްތިބޭ ބަޔެއްގެ ރޯލަކީ، ވަރަށް މުހިންމު އެއްޗެކެވެ. ހަމަ އެ ފަދައިން ޤައުމުގެ ކޮރަޕްޝަނާއި އިޖުތިމާޢީ ފަސާދަ އަށަގަތުމުގައި ވެސް އެބައިމީހުންގެ މަސްއޫލިއްޔަތުގެ މަތިވެރިކަމާ މެދަކު ދެބަސްވުމެއް ނެތެވެ. ނަމަވެސް ކޮންމެ ގޮތެއްގައި ވެސް ދެ ފަރާތުގެ ގުޅުމާއި އެއް ގޮތަކަން ހުރުމަކީ ލާޒިމުކަމެކެވެ.

އިލާހީ ޢަޛާބުގެ ބާވަތެއް:

އަނިޔާވެރި ވެރީން ދެއްވުމަކީ ބަޔެއްގެ އިޢުތިޤާދުތަކާއި ޢަމަލުތައް ނުބައިވެ، އަޚުލާޤު ފާސިދުވެ، މުންކަރާތްތައް އާންމުވެގެންދާ އިރު، އެ ކަން އިޞްލާޙުކުރާން ވެސް ނޫޅެ، ފަރުވާކުޑަކޮށްލެވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެމަތީގައި މީސްތަކުންނަށް ދައްކަވާ އިލާހީ ޢަޒާބުގެ އެއް ބާވަތެކެވެ. މި ކަން ދީނީ ނައްޞުތަކުން ވެސް ސާބިތުވެ އެނގެއެވެ. ކަން މި ހެން ހުރި އިރު، އަނިޔާވެރި ވެރީންނާ މެދު, ޝަކުވާތައްކޮށް އުޅުމުގައި، ވިސްނާންޖެހޭ މުހިންމު ކަންތައްތަކެއް ވެސް އޮވެއެވެ. އެ މީހުންނަށް ނުބައި ބަސްތަކުން އެއްޗެހި ގޮވައި ހެދުން ވެސް ދީނީ އިރުޝާދުތަކުގައި މަނާކުރެވިފައި ވެއެވެ. ކީރިތި މާތްރަސޫލާގެ ހަދީޘެއްގައި ވެއެވެ. لا تسبوا السلطان، فإن كان لا بد فقولوا اللهم دنهم كما يدينون ތިޔަބައިމީހުން ވެރީންނަށް ހުތުރުބަސްތައް ގޮވައި ނުހަދާށެވެ. ކޮންމެހެން އެއްޗެއް ނުބުނެ ވާން ނެތިއްޖެ ނަމަ "ހައްދަވައި ބޮޑުކުރެއްވި މާތްރަސްކަލާކޮ! އޭނާ އަޅަމެންނާ މެދު، ކަންތައްކުރާ ފަދައިން އޭނާއާ މެދު އިނބަސުވާމީންގެ ކަންތައް ނިންމަވާދޭވެ." މިފަދައިން ބުނާށެވެ.

ކަންމިހެން ހުރިއިރު، ވެރިކަމުގެ ފަރާތުން އާންމު އަނިޔާތަކެއް ބަޔަކަށް ލިބޭނަމަ އެ ކަމަށް ޓަކައި ވިސްނައި ބަލާން ޖެހެނީ، ހަމައެކަނި ވެރިކަމުގެ ކުށްތަކަކަށް ވެސް ނޫނެވެ. އާންމު ރައްޔިތުންގެ ކުށްތަކާމެދު ވެސް ވިސްނައި ފިކުރުކުރާން ބޭނުމެވެ. މިހާރަކަށް އައިސް، އަޅުގަނޑުމެންނަށް ވެސް މި ފަދަ ޙާލަތެއް ކުރިމަތިވެފައި ވާތީ، ކުރެވޭ ޝަކުވާތަކުގެ އަޑު ވެސް ނުހަނު ގަދައެވެ. ވީމާ އުޞޫލީ ގޮތެއްގައި އަޅުގަނޑުމެން ގަބޫލުކުރާން ޖެހޭ ހަގީގަތެއް ހަނދުމަކުރައްވާށެވެ. އެއީ އެއްވެސް ޤައުމެއްގެ ޙާލަތު، ރަނގަޅު ގޮތްތަކާ ޚިލާފު، ނުބައި ގޮތްތަކަށް ބަދަލުވެގެން ދަނީ އަދި ނުބައިން ރަނގަޅަށް ބަދަލުވެގެން ދަނީ ވެސް، އެ ބަޔެއްގެ އަމިއްލަ ނަފުސުތަކުގެ ޙާލަތު ބަދަލުވުމުންކަމެވެ. އަޅުގަނޑުމެންނަށް އާންމު ގޮތެއްގައި ޤައުމީ މުޞީބާތްތަކެއް، ޤައުމީ ގެއްލުންތަކެއް ކުރިމަތިވެ، ވެރިކަމުގެ ފަރާތުން އަނިޔާ ލިބިފައި ވާ ނަމަ، އާންމު ގޮތެއްގައި އަޅުގަނޑުމެންގެ އަޚުލާޤާއި ޢަމަލުތަކަށް ވެސް، ނޭދެވޭ ބަދަލުތަކެއް އައިސްފައި ވާނޭކަމާ މެދަކު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް އެ ކަން އިޙުސާސްވެވުނަސް، ނުވެވުނަސް، ކަންކަމުގެ ހުރިހައި ހަގީގަތްތައް ދެނެވޮޑިގެންވާ ފަރާތުން، މި ހުރިހައި ކަންކަމަށް ބައްލަވައިވޮޑިގެންވާނެކަން ޔަގީނެވެ. އަދި އެ ނުބައި ބަދަލުތަކުގެ ލާޒިމީ ނަތީޖާތައް ދައްކަވާނެކަން ވެސް ޔަގީނެވެ.

ވިސްނައި ފިކުރު ހިންގަވައިލައްވާށެވެ! އަދި އިޚުލާޞްތެރި ހިތަކުން، އަޅުގަނޑުމެންގެ އަމިއްލަ ޙާލަތު ހުރި ގޮތްތަކުގެ މައްޗަށް ޚިޔާލުކޮށްލައްވާށެވެ! އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ކުރިމަތިވެފައި ވާ ނަމަ، ޤައުމީ މުޞީބާތްތަކާ ގެއްލުންތަކުގެ ހަގީގީ ސަބަބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ފަސާދައާއި އިޖުތިމާޢީ ބަލިތަކެއް ވަނީ އަށަގެންފައެވެ. ވީމާ، އެ ބަލިތަކާ މެދު، ވިސްނުމުގެ ނަޒަރެއް ހިންގައިލަމާތޯއެވެ! ތަރަފާއި މުތުރަފީން… ޤައުމުތަކުގެ ހަލާކު ފެށެނީ، އެ ޤައުމުތަކުގައި ތިބޭ ޚާއްޞަ ރަނގަޅު މީސްތަކުންގެ ކިބައިގައި، ނުބައި ނުރަނގަޅު އިޢުތިޤާދުތަކާއި ޢަމަލުތައް، ނުބައި އަޚުލާޤު އަށަގަތުމުންނެވެ. ޤައުމުތަކުގައި ތިބޭ ބާރާއި ނުފޫޒުގެ އަހުލުވެރީންނަކީ ފާސިޤުންކަމުގައިވެ، އެބައިމީހުންގެ އަސަރާއި ނުފޫޒުން، އާންމުންގެ މެދުގައި އެ ނުބައި ކަންތައްތައް ފެތުރިގެން ދިޔުން، ޤައުމުގެ ހަލާކުގެ ސަބަބުކަމަށް ހިމެނިގެން ދެއެވެ. މި ކަން މި ގޮތުގެ މަތީން ހިނގަމުން ދިއުމީ، ޤުދުރަތުގެ ޤާނޫނެކެވެ. އިޖުތިމާޢީ އުޞޫލެކެވެ.

އެޑިޓަރުގެ ނޯޓް
މިއީ އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)، "އާބާރު" މަޖައްލާގައި ފެބްރުއަރީ 1979ގައި ލިއުއްވައިފައިވާ ލިއުއްވުމެކެވެ. މި ލިޔުން ނަކަލުކޮށްލާން ބޭނުންވީ މި ލިޔުމުގައި ބަޔާންކޮށްފައިވާ ޙާލަތާއި މިއަދު ދިވެހި މުޖުތަމަޢުގެ ޙާލަތާ ގުޅުމެއް ހުރިކަމަށް ފެންނާތީ، ދިވެހި މުޖުތަމަޢަށް މި މަޒުމޫނުން ވެސް ޢިބްުރަތެއް ޙާޞިލުވޭތޯއެވެ.

Advertisement

ކޮމެންޓް