ބުނާ ކޮންމެ ބުނުމަކުން ތަފާތު މާނަތައް ދޭހަވާނެކަން ދަންނާން ޖެހެއެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ހެޔޮ ބަހެއް ނޫނީ ނުބުނުމަށާއި ހެޔޮ ބަހެއް ނުބުނާ ނަމަ، (އެއްޗެއް ނުބުނެ) ހަނު ހުންނާން އިސްލާމް ދީނުގައި އަންގަވައިފައި ވަނީ ވަރަށް މަތިވެރި ޙިކުމަތްތަކަކަށްޓަކައިކަން ކަށަވަރެވެ. އެހެނީ އަޅުގަނޑުމެން ބުނާ ކޮންމެ ބުނުމެއްގައި ހިމެނޭ ޖުމްލަތަކުން ދޭހަވަނީ ހަމައެކަނި އޭގެ ބޭރުފުށުގެ މާނައެއް ނޫނެވެ. އެއީ އެޔަށްވުރެ މާ ފުޅާ އެއްޗެކެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، ޖުމުލައޭ މި ކިޔަނީ މާނަ ދޭހަވާ ގޮތަށް އަތުރައިލެވިފައިވާ ލަފުޒު ސެޓަކަށެވެ. މާނައެއް ދޭހަނުވާ ގޮތަކަށް، ފުރިހަމަ މާނައެއް ދޭހަނުވާ ގޮތަށް، އަތުރައިލެވިފައިވާ ލަފުޒު ސެޓަކީ ޖުމުލައަކަށް ނުވެއެވެ. ޖުމުލައިން ވެސް މާނައެއް ދޭހަވާނީ މާނައެއް ދޭހަވާ ލަފުޒުތަކެއް ހިމަނައިގެންނެވެ. އޮއްޓަރުގެ ލަފުޒުތަކުގެ މަސައްކަތަށް އެހީތެރިވެދޭ މަސައްކަތު ލަފުޒުތަކަކުން އެކަނި މާނައެއް ދޭހައެއް ނުކުރޭވޭނެއެވެ.
އޮއްޓަރުގެ ލަފުޒުތަކަކީ އެލަފުޒެއްގެ ބޭރުފުށުން މާނައެއް ފެންނަން އޮންނަ ލަފުޒުތައް ކަމަށް، މަޝްހޫރު ބަސްވާރެއް ކަމުގައިވާ އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވައިފައިވެއެވެ. ބަހުގައި ހުންނަ ދެ ވައްތަރުގެ ލަފުޒުތަކުގެ ތެރެއިން ދެން ހުންނަ ބާވަތަކީ މަސައްކަތުގެ ލަފުޒު ނުވަތަ އެހީތެރިވެދޭ (Functional) ލަފުޒުތަކެވެ. މި ބާވަތުގެ ލަފުޒުތަކަކީ އެ ލަފުޒެއް އެކަނި އޮންނައިރު މާނައެއް ދޭހަނުވާ އެކަމަކު އޮއްޓަރުގެ ލަފުޒުތަކާ ގުޅިގެން ޖުމުލައެއްގައި އައުމުން (އެ ޖުމުލައަކުން) ފުރިހަމަ މާނަ ދޭހަވާ ލަފުޒުތަކެވެ. މިސާލަކަށް: އާއި، އެވެ، ވުރެ، އަށް މި ފަދަ ލަފުޒުތަކެވެ. ދިވެހިބަހުގެ ގަވާއިދުގައި މި ބާވަތުގެ ލަފުޒުތަކަށް ކިޔަނީ "އަކުރު"ކަން ތިޔަ ބޭފުޅުން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާނެއެވެ.
އަކުރު ފިޔަވައި ދިވެހިބަހުގައި ދެން ހުންނަ ހުރިހައި ލަފުޒުތަކަކީ ވެސް އޮއްޓަރުގެ (content) ލަފުޒުތަކެވެ. މި ލަފުޒުތަކުގައި މަސައްކަތުގެ ތެރެއިން ނެގޭ މާނައަކީ ބޭރުފުށުގެ (denotative) މާނައެވެ. އެހެންވީމާ ޖުމުލަތައް ބޭނުންކޮށްގެން އަޅުގަނޑުމެން ޚިޔާފާޅުކޮށް މުއާމަލާތުކުރާ އިރު، ޖުމުލަތަކުން ފުރަތަމަ ދޭހަވާނީ ބޭރުފުށުގެ މާނަކަމަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް ކޮންމެ ޖުމުލައަކުން ދޭހަވާނީ ހަމައެކަނި ބޭރުފުށުގެ މާނަ ނޫންކަން އަޅުގަނޑުމެން ދަންނާން އެބަ ޖެހެއެވެ. ބަހަކީ އިޖުތިމާއީ އެއްޗެކެވެ. މުޖުތަމައެއް ނެތް ނަމަ، ބަހުގެ ބޭނުމެއް އޮންނާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އެހެންވީމާ ޖުމުލަތަކުގައި އިޖުތިމާއީ މާނައެއް އޮތުމަކީ މަންޠިޤީ ގޮތުން ގަބޫލުކުރެވޭ ކަމެކެވެ.
ޖުމުލައިގެ ބޭރުފުށުން ފެންނަ މާނައާ މެދު އިތުރަށް ވާހަކަދެއްކުމުގެ ބޭނުމެއް އޮންނާނެކަމަށް ނުފެނެއެވެ. އެހެނީ އެއީ ދިމާއަށް ފެންނާން އޮންނަ މާނައެކެވެ. އެހެންކަމުން، ޖުމުލައިގެ އެހެން މާނަތަކާ މެދު ބަލައިލާނަމެވެ.
އާދޭހެވެ! އިޖުތިމާއީ މާނައަކީ އެ ބުނުމަކުން، އިޖުތިމާއީ ތަފާތު ސިފަތައް ބަޔާންކޮށްދިނުމުގެ މައުލޫމާތާއި ޙާލަތާއި، އެ ވަގުތެއްގައި ބަސް ބޭނުންކުރެވޭ ގޮތުން ދޭހަވާ މާނައެވެ. އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވާ ގޮތުގައި މި ފަދަ ކޮންމެ ބުނުމަކުން އެ ބުނުމެއް ބުނާ މީހާގެ ނުވަތަ މީހުންގެ ފެންވަރާއި ފަންތިއާއި ގިންތިއާއި ދަރަޖައާއި ޖިންސާއި މަޤާމާއި ސަގާފަތާއި އާދަކާދަތައް ފަދަ އިޖުތިމާއީ ޙާލަތު އަންގައިދޭނެއެވެ. މިސާލަކަށް: "މިއަދު އެންވެރިކަމެއް ނެތީމާ އެމެއް ނުވެގެން ކަނޑަށް ނުނުކުމެ އައީ." މި ޖުމުލަ އަޑު އިވުނީމާ އެ ވާހަކަދެއްކި މީހަކީ މަސްވެރި ފިރިހެނެއްކަމާއި އެންވެރިކަމުގެ ޙާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. "އަދި މި އުޅެނީ ވިހައި ގަދަވި ފަހުން އެއްވެސް ތާކަށް ނުގޮސް،" މި ޖުމުލަ އަޑުއިވުމުން، އެހެންބުނީ އަންހެނެއްކަމާއި އަދި ކުއްޖަކު ވިހައިފައިވާ މީހެއްކަން އެނގެއެވެ. މި ޖުމުލަތަކުން މި ދޭހަވަނީ މުޅީން ވެސް އިޖުތިމާއި ހާލަތެވެ. އެހެންވީމާ ބުނާ ބުނުމަކުން ދޭހަވާ މި ފަދަ މާނަތަކަކީ އިޖުތިމާއީ މާނައެވެ.
މާނައިގެ ތިންވަނަ ބަވަތަކީ ޖަޒުބާތީ (affective) މާނައެވެ. ޖުމުލައިން ދޭހަވާ ޖަޒުބާތީ މާނައަކީ ވަކި ކަހަލަ ޙާލަތަކާއި ވަކި ކަހަލަ މައުލޫމާތަކާ ބެހޭ ގޮތުން ބަސް ބޭނުންކުރާ މީހާގެ ހިތުގައިވާ ޚިޔާލާއި ޝުއޫރާއި ޖަޒުބާތު ދޭހަވާ މާނައެވެ. ނުވަތަ އެ ބުނި ބުނުމުން، އެ ބުނުމެއް ރައްދުވާ މީހާގެ ހިތުގައި އުފެދޭ ނުވަތަ އުފެދޭނެ އަސަރާއި ޖަޒުބާތާއި ޝުއޫރު ހާމަކޮށްދޭ މާނައެވެ. މިސާލަކަށް: "އެއްވެސް މީހެއްގެ އެހީއެއް މި ކަމުގައި އަހަރެން ބޭނުމެއް ނުވޭ. ވަރިހަމަ އެކަކު އެއްކަމެއް ކޮށްނުދިނަސް،" މި ބުނުމުން ދޭހަވާ ބޭރު ފުށުގެ މާނައަކީ އެ ބުނުން ބުނި މީހާ ކުރާ ކަމަކަށް އެހެން މީހަކު އެހީތެރި ނުވިޔަސް ހަމަ މައްސަލައެއް ނެތްކަމެވެ. އެހެން މީހަކު ކަމެއް ކޮށްނުދިނަސް އޭނާއަށް އެ ހުރިހައި ކަމެއްވެސް ކުރެވޭނެކަމެވެ. އެހާވެސް އޭނާ ޤާބިލުކަމެވެ.
ނަމަވެސް އެ ޖުމުލައިގެ ޖަޒުބާތީ މާނައަށް ވިސްނައިލުމުން އެ ބަސް ބުނި މީހާ އެހެން އެ ބުނީ ރުޅިއައިސްގެންކަން ވަރަށް ރީތިކޮށް އެނގެއެވެ. މީހަކު އެހީ ނުވާތީ ރުޅިއައިސްފައި ހުރީއެވެ. މި ފަދަ ކޮންމެ ބުނުމަކުން ވެސް ފުރިހަމަ މާނަ ދޭހަވާނީ އެ ބުނުމެއްގެ ފުރިހަމަ ޖަޒުބާތީ އަސަރުގެ މައްޗަށް ބިނާ ކޮށްގެންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ބުނާ ބުނުމަކުން ޙާލަތާއި ޝުއޫރާއި ޖަޒުބާތާއި ދެކޭ ގޮތް ދޭހަކޮށްދޭން މަސައްކަތްކުރަނީ ހަމައެކަނި އެ ބޭނުންކުރެވޭ ލަފުޒުތައް އެކަންޏެއްނޫނެވެ. ބުނާ ގޮތާއި ރާގާއި އަޑުގެ ދެމުންތަކުގެ ސަބަބުން މާނައަށް ބަދަލުތަކެއް އާދެއެވެ. އެހެންވީމާ ޖުމުލައިގައި ހިމެނޭ މާނައާއި ޖަޒުބާތު ހާމަކޮށްދިނުމަށް "ރާގު" ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ޤަބޫލުކުރާން ޖެހެއެވެ.
ބަސްވާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖުމުލައިން ދޭހަވާ ޙަޤީޤީ މާނައަކީ އެ ޖުމުލައިގެ ބޭރު ފުށުން ފެންނަ މާނައެއް ނޫނެއެވެ. އެކަމަކު އެއީ އެ ޖުމުލައިގެ އިޖުތިމާއީ މާނައާއި ޖަޒުބާތީ މާނައެވެ. މި މާނައަށް "ޙަޤީޤީ މާނަ" (denotative meaning) އޭ ވެސް ކިޔައެވެ.
އަޅުގަނޑުމެން ބުނާ ކޮންމެ ބުނުމެއް ވެސް ވަނީ މުޖުތަމައާ ނުވަތަ އަނެއް އިންސާނަކާ ގުޅިފައެވެ. އެހެނީ އަޅުގަނޑުމެން ފާޅުކުރާ ކޮންމެ ޚިޔާލެއްގައި ނުވަތަ ބުނާ ކޮންމެ ބުނުމެއްގައި ހިމެނޭ ޖުމުލަތަކުން ދޭހަވަނީ ހަމައެކަނި އޭގެ ބޭރުފުށުގެ މާނައެއް ނޫނެއެވެ. އެ ފަދަ ބުނުންތަކުގެ ޙަޤީޤީ މާނަ މާ ފުޅަލެވެ. ކަން ހުރީ މިހެންކަމަށްވާތީ އަޅުގަނޑުމެން ބުނާ ކޮންމެ ބުނުމެއް ބުނާންވާނީ އެ ބުނުމަކުން ތަފާތު މާނަތައް ދޭހަވާނެކަން ދެނެގެންނެވެ. އެ ކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާން ޖެހެނީ އެހެންވީމައެވެ.
_________________________________
ބައެއް ލަފުޒުގެ މާނަ:
ޖަޒުބާތީ ނއ. (1) ލޯބި ނުވަތަ ރުޅި ނުވަތަ ހިތާމަ ފަދަ އިހުސާސު ހުރި. (2) ޖަޒުބާތަށް ނިސްބަތްވާ.
ބަސްވާރު ނ. ބަހަށް ކުޅަދާނަ މީހާ.
އަސަރު ނ. (1) އިހުސާސު. (2) ލިސާން. (3) ނިޝާން. (4) ފާހަގަ