Advertisement

ވެރިކަމަކީ ވަރަށް ގިނަ ފަހަރު ދަހިވެތިކަމެކެވެ. ބައިޑަނަށް ވެސް ވަނީ ހަމަ އެހެންނެވެ.

09 Jul 2024 | 06:21
ޖޫން މަހު ބޭއްވި ރިޔާސީ ބަހުސުގައި ބައިޑަނާއި ޓުރަންޕު

ޢަޒީޒު ޖަމާލު

އެމެރިކާގެ ރައިސް ޖޯ ބައިޑަން 2024ގެ އިންތިޚާބީ ރޭހުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވެ އޭނާގެ ޕާޓީގެ ރަފީޤުންނަށް ސިޓީއަކުން އަންގަވައިފއެވެ.

އޭނާ މި ސިޓީ ފޮނުއްވީ ރިޔާސީ އިންތިޚާބުން އޭނާ ވަކިވެވަޑައިގަތުން އެކަށީގެންވާ ކަމުގެ ރިޕޯޓުތައް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

"އަޅުގަނޑު މި އިންތިޚާބީ ރޭހުގައި ސާބިތުކަމާ އެކު ކަށަވެއްޗެވެ. އަދި ރޭސް ނިމެންދެން ދެމި ހުރެ ޑޮނަލްޑް ޓްރަމްޕު ބަލިކުރާން ވެސް މިހިރީ ތައްޔާރަށެވެ. ކުރިއަށް ދާނީ ކިހިނެއްތޯ ސުވާލުކޮށް އެ ސުވާލު އާންމު ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީއެވެ. މިއީ އެ ވާހަކަތައް ހުއްޓައިލާންވީ ވަގުތެވެ." ބައިޑަންގެ ސިޓީގައި ލިޔުއްވައިފައިވެއެވެ.

މި އަހަރު ނޮވެންބަރު މަހު އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މި އިންތިޚާބުގެ މައިގަނޑު ދެ ފުރަދާރުންނަކީ މިހާރު ހުންނެވި ރައީސް ޖޯ ބައިޑަނާއި ކުރީގެ ރައީސް ޑޮނަލްޑް ޓުރަންޕެވެ.

މި ދިޔަ ޖޫން މަހުގެ ތެރޭގައި މި ދެ ބޭފުޅުން ވަނީ ބަހުސެއްގައި ވާދަކުރައްވައިފައެވެ. މި ބަހުސް ތަޙުލީލުކުރި މުޙައްލިލުން ބުނާ ގޮތުގައި އެ ބަހުސް ކާމިޔާބުކުރެއްވީ ޓްރަންޕެވެ. ބައިޑަނަށް ބަހުސްގައި ވީ ނާކާމިޔާބީއެވެ. އެހެންކަމުން އޭނާގެ ޑިމޮކްރެޓިކް ޕާޓީއިން ރިޔާސީ ފުރަދާރު ބަދަލުކުރާން ވެސް ވަނީ އިސްތިމާސްކޮށްފައެވެ.

ފަހުން ބައިޑަން ވެސް ވަނީ ބަހުސުގައި އޭނާގެ ނާކާމިޔާބީއަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާކަށް އެއްވެސް ވިސްނުންފުޅެއް ނެތްކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ވިޔަފާރިވެރީންގެ އިސް އެތައް ބަޔަކު ފަހުން ވެސް ވަނީ ޖޯބައިޑަން ނޫން ފުރަދާރަކު ޑިމޮކްރެޓްސް ޕާޓީއިން ނެރޭން ޖެހޭކަމަށް މީޑިއާގައި ބުނެފައެވެ. އެ ގޮތަށް ބޭނުންވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިޔަފާރިވެރިޔަކު ބުނެފައިވަނީ ބައިޑަން ވާދަކުރައްވައިފި ނަމަ، އިންތިޚާބު ކާމިޔާބުކުރެއްވުމުގެ ފުރުޞަތު ޓްރަމްޕަށް ބޮޑުކަމަށް ދިރާސާތަކުން ދައްކާތީ ޒުވާން އިސްވާރުން ކުރިއަށް ނެރޭންވީ ވަގުތަކީ މިއީކަމަށްވާތީކަމަށެވެ. އަދި ބައިޑަން އިންތިޚާބުގައި ވާދަކުރައްވައިފި ނަމަ، ޕާޓިއަށް ވެރިކަން ގެއްލުމަކީ އެކަށީގެންވާ ކަމަކަށްވާތީކަމަށެވެ.

އާދޭހެވެ! ވެރިކަމަކީ ވަރަށް ގިނަ ފަހަރު ދަހިވެތިވާ ކަމެކެވެ. ބައިޑަނަށް ވެސް ވަނީ ހަމަ އެހެންނެވެ. އިންތިޚާބު ނާކާމިޔާބު ވިޔަސް އެ ޕާޓީއިން އޭނާއަށް ލިބިވަޑައިގެންފައިވާ ފުރަދާރުކަން އެހެން ބޭފުޅަކަށް ދޫކޮށްލައްވާކަށް ބައިޑަނަކަށް ގަބޫލުފުޅެއް ނުކުރެއްވޭނެއެވެ. އޭނާގެ ރުހިވަޑައިގަތުމާ އެކު، ރިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވާނެއެވެ. ޢުމުރުފުޅުން ކިތަންމެ ދުވަސްވެފައި ވީނަމަވެހެވެ.

_______________________________________________

ބައެއް ލަފުޒުގެ މާނަ:

ފުރަދާރު     ނ.      އިންތިޚާބަކަށް ކުރިމަތިލާ މީހާ.

ކަށަވެތި     ނއ.     (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި. (2) ކަށަވަރު

ފުރަދާރުކަން   މ.      (1) މަގާމަކަށް ނުވަތަ އިނާމަކަށް ނުވަތަ މި ނޫން ވެސް މި ފަދަ ކަމަކަށް ކުރިމަތިލާ ނުވަތަ ހުށައެޅޭ ހުށައެޅުން. (2) އިންތިޚާބަކަށް ކުރިމަތިލާ ކުރިމަތިލުން. (3) އިމްތިހާނެއްގައި ބައިވެރިވާ ބައިވެރިވުން.

އިސްވާރު     ނ.     (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ

Advertisement

ކޮމެންޓް