Advertisement

އެންމެ ނުރައްކާތެރީ ޣައްޒާގެ "ރައްކާތެރި ސަރަހައްދު"؟!

09 Jul 2024 | 05:52
ދާރުލްބަލަޙު ފޭލިގެ އަވަށް

ޢަޒީޒު ޖަމާލު

ޣައްޒާގެ ދާރުލްބަލާޙުގައި ހުންނަ ދަންފަޅި ބަހައިގެން ތިބޭ ފޭލިގެއެއްގައި 39 އަހަރުގެ ފަރަޖުއްސަމޫނީ އިށީނދެގެން އިނެވެ. އޭނާގެ ވަށައިގެން ތިބި އޭނާގެ ޢާއިލާގެ މީހުންނަށް އޭނާ ވަކިކުރާކަށް ވެސް ނޭނގެއެވެ. އިސްރާއީލު ސިފައިން އޭނާ ހައްޔަރުކޮށްގެން ގެންދިޔަތާ އެތައް މަހެއް ވީ އިރު، އޭނާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

"އަހަރެން ސަލާމަތްވެގެން އައީމާ އަހަރެންގެ އެއްބަނޑު އެއްބަފައި މީހުންނަށް ވެސް މަށަކީ ކާކުކަން ވަކިކުރާކަށް ވެސް ނޭނގުނެވެ." އޭނާ ބުންޏެވެ. އޭނާއަކީ ޢާއިލާއަށް ވީއެއްނުވީއެއް ނޭނގި ގެއްލުނު މީހެކެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އޭނާގެ ގައިން 30 ކިލޯ (66 ރާތާ) ވަނީ ލުއިވެފައެވެ.

އޭނާގެ ގާތުގައި އޭނާގެ މަންމަ، ޢުމުރުން 56 އަހަރުގެ ޒަހުވާ އިށީނދެ ހިނިތުންވެފައި އިން އިރު، އޭނާ އެ ކަމަކާ ކަންބޮޑެއް ނުވެއެވެ. އޭނާގެ ދަރިފުޅު ދިރިހުއްޓައި ފެނުމަކީ އެހެން ހުރިހައި ހިތާމަތަކެއް ފިލައިގެން ދިޔަ ކަމަކަށް ވާތީއެވެ. އެ ތާނގައި ޒަހުވާ އިނދެ އޭނާގެ ދަރިފުޅަށް ޒިޔާރަތްކުރާ މެހުމާނުންނަށް އުފަލާއެކު މަރުޙަބާ ކިޔަމުން ގެންދިޔައީ ހިނިތުންވުމާއެކުގައެވެ. އޭނާގެ ދަރިފުޅަށް މަރުޙަބާ ކިޔާން އަންނަ ޢާއިލާތަކުން ގެއްލިފައިވާ މީހުންގެ މަޢުލޫމާތު ފަރަޖުގެ ކިބައިން އޮޅުންފިލައިތޯ ސުވާލުކުރަމުން ގެންދެއެވެ.  

ފަރަޖާއި އޭނާގެ އެއްބަނޑުއެއްބަފައި ދެ އަޚުންނާއެކު "އަމާން ސަރަހައްދޭ" ކިޔާ ސަރަހައްދުގައި ހިނގައިފައި ދަނިކޮށް އެއްވެސް ސުވާލެއް ކުރުމަކާ ނުލައި އިސްރާއީލު ސިފައިން އެ ތިން މީހުން ހައްޔަރުކޮށްގެން ގެންދިޔަތާ ހަ މަސްދުވަސް ވީއެވެ. މި ދިޔަ އަހަރު ނޮވެންބަރު މަހު 16ވަނަ ދުވަހު އެ ތިން މީހުން ހިނގައިފައި ދިޔައީ ދެކުނު ޣައްޒާއަށް ދާށެވެ.

މި ދިޔަ ޑިސެންބަރު މަހު އަލްޖަޒީރާއިން ޒަހުވާއާއި އޭނާގެ ކޮއްކޮ ޒީނަތާ ސުވާލުކުރުމުން ފަރަޖުގެ އިތުރަށް 24 އަހަރުގެ ޢަބްދުﷲއާއި 16 އަހަރުގެ ޙަމާމް ވެސް ގެއްލިފައިވާކަމަށް ވަނީ ބުނެފައެވެ. ޢަބްދުﷲއާއި ޙަމާމަކީ ޒީނަތުގެ ދެ ދަރީންނެވެ. އެ ދެ ކުދީން އަދިވެސް ވަނީ ހައްޔަރުކޮށްފައިކަމަށް ބެލެވެއެވެ. އެއްވެސް ޚަބަރެއް ނުވެއެވެ. އެ ދެ ކުދީންގެ ޙާލަތެއް ނޭނގެއެވެ.

"އަހަރެން ހައްޔަރު ކުރީމާ ވަރަށް ޙައިރާންވިއެވެ. މަށަކީ ސިޔާސީ އެއްވެސް ކަމެއްގައި ނޫޅޭ ދަނޑުވެރިއެކެވެ." ފަރަޖު ބުނެފައިވެއެވެ.

"އަހަރެން ހިނގައިފައި ދިޔައީ އަހަރެންގެ އަންހެނުންނާއި ކުދީންނާ އެކު، 'ރައްކާތެރި ސަރަހައްދު'ގައި. އަދި އެއް ކުއްޖަކު އުރައިގެން. އިސްރާއިލު ސިފައިންގެ މީހަކު ޢަބްދުﷲ ހިފެހެއްޓި. އެ ވަގުތު ޙަމާމް ވަރަށް ރުޅިގަދަވެގެން ހަޅޭއްލަވައިގަތް. އެހެންވެ އަނެއްކާ ޙަމާމު ވެސް ހިފެހެއްޓި." އެ ދުވަހުގެ ހަނދާންތައް އާކުރަމުން ފަރަޖު ކިޔައިދިނެވެ.

ކޮންމެއަކަސް އެތައް މަސް ދުވަހެއް ވަންދެން އިސްރާއީލުގެ އަނިޔާވެރިކަން ތަޙައްމަލުކުރުމަށް ފަހު މިއަދު ފަރަޖު ވަނީ ސަލާމަތްވެފައެވެ.

އިސްވެ މި ދަންނަވައިލެވުނީ ޣައްޒާގެ ދާރުލްބަލަހުގައި ކަންކަން ހުރި ގޮތެވެ. އެތާނގެ ޙާލަތެވެ. އަމާން ސަރަހައްދޭ ("ސޭފް ކޮރިޑޯ"އޭ) ކިޔައިގެން ދުނިޔެއަށް ޢާންމުކޮށްފައިވާ ސަރަހައްދުގެ ޙާލަތެވެ. މިއީ މީގެ ދެ ދުވަސްކުރީން ނޫސްވެރިއަކަށް ފަރަޖު ކިޔައިދީފައިވާ ވާހަކަތަކެކެވެ.

އަމާން ސަރަހައްދުގެ ގޮތުގައި ވަކި ސަރަހައްދެއް ކަނަޑައަޅައިފައިވަނީ ފަލަސްތީނުގެ ވީހައި ވެސް ގިނަ ރައްޔިތުން އެ ތަނަށް ޖަމާކޮށް ޙަމަލާދީ އެއް ފަހަރާ ޝަހީދުކޮށްލުމުގެ ނިޔަތުގައިކަން ފެންނަ މަންޒަރުތަކުން ޝައްކެއް ނެތި ސާފުވެއެވެ. ނަމަވެސް ހިތާމައަކީ މި ކަންކަން ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ކޮންމެ ދުވަހަކު ތަކުރާރުވަމުން ދާ އިރު ވެސް އެކަން ހުއްޓުވޭނެ ބާރެއް މި ދުނިޔޭގައި ނެތްކަމެވެ. ނުވަތަ އެ ކަން ހުއްޓުވާން ދުނިޔެ ބޭނުންނުވުމެވެ. (މަޢުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް