Advertisement

ތަރައްގީގެ ވާހަކަ (1): ތަރައްގީގެ މަގުގައި ކަޑައްތުކުރާ އިންތިގާލީ މަރުހަލާއާއި އެ މަރުހަލާގެ ގޮންޖެހުން

09 Jul 2024 | 01:03
ތަރައްގީގެ ވާހަކަ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ދިވެހިރާއްޖެ ކަޑައްތުކުރަމުން މި ދަނީ ވަރަށް ވެސް ޚުތޫރަތްތެރި ދުވަސްތަކެކެވެ. ވަރަށް ވެސް ނުރައްކާތެރި، އަހައްމިއްޔަތުކަން ބޮޑު ދުވަސްތަކެކެވެ. އެއީ މިއީ ރާއްޖޭގެ މަސީރު ކަނޑައަޅައިލާނޭ ދުވަސްވަރަކަށް ވެދާނެތީއެވެ. ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތަކާއި، އެ ގޮތުގައި އޮވެ، ރާއްޖެ ކުރިއަށް ފިޔަވަޅުއެޅުން ކަނޑައަޅާނޭ ދުވަސްވަރަކަށް ވާތީއެވެ. މި ކަން ކަނޑައަޅައިލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ، ޝައްކެއްނެތް ގޮތުގައި، ދިވެހި މުވާތިނުންނަށެވެ. ދިވެހި ރައްޔިތުންނަށެވެ. މިއީ ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭނީ އެންމެންވެސް ހޭލުންތެރިވެގެންނެވެ. ފިކުރީ ގޮތުންނެވެ. މިހޭލުންތެރިކަން ލިބިގަނެވޭނީ ކިޔައި އުނގެނުމުގެ މަސައްކަތް ކުރެވިގެންނެވެ. ވަށައިގެން ހިނގަމުންދާ މައްސަލަތައް ރަނގަޅަށް ސާފުވެދިޔުމަށް ޓަކައެވެ. މިހާރު އަޅުގަނޑުމެން ކަޑައްތުކުރަމުން މިދާ މަރުހަލާއަކީ ކޮބައިކަމާއި، އިހުގައި އަޅުގަނޑުމެންގެ ރާއްޖެ އޮތް ގޮތާއި މިހާރު އޮތް ގޮތާ ތަފާތުވަނީ ނިޒާމީ ގޮތުންނާއި ސަގާފީ ގޮތުން، ކިހިނެއްކަމާއި އަދި މުސްތަގުބަލުގައި، ކުރިމަގުގައި، ހިނގާން، އަޅުގަނޑުމެން ޚިޔާރުކުރާން ބޭނުންވަނީ ކޮންކަހަލަ މަގެއްކަން އެނގިގެންނެވެ.

މިހޭލުންތެރިކަން ލިބިގަތުމަށް ޓަކައި ކިޔުމާއި އެނގުން ވަރަށް ވެސް މުހިއްމެވެ. އަޅުގަނޑުމެންގެ ކުރިމަގުގެ މަސީރު، އެނގި ތިބެ، އަމިއްލަ އަތުން، ޖަމާއީ ސިފައެއްގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް، ކަނޑައަޅައިލުމައްޓަކައެވެ. މިކަން މިހެން ނުކުރެވިއްޖެ ނަމަ، ޖަމާއީ ސިފައެއްގައި މިކަން ކަނޑައަޅައިލުމުގައި ބައިވެރި ނުވެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެންނަށް ކަނޑައަޅާނީ އެހެން ބަޔަކެވެ. އެކަނޑައަޅާ ގޮތް އެއީ އަޅުގަނޑުމެން ރުހި ގަބޫލޫކުރާ ގޮތަކަށް ނުވި ކަމުގައި ވިޔަސް ވެހެވެ. އަދި، އެއީ، ކުރިމަގުގައި، އަޅުގަނޑުމެންނަށް ގެއްލުން ހުރި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ކަމަކަށް ވެސް ވެދާނެއެވެ. އެހެންވެ، މި މައްސަލައާ މެދު ހޭލުންތެރިވެ، ކުރިމަގު އަމިއްލައަށް، ޖަމާއީ ސިފައެއްގައި، ކަނޑައަޅައިލުމުގެ ގާބިލުކަން ލިބިގަތުމަށް ޓަކައި މި ވާހަކަތައް ހުށަހަޅައިލަމެވެ.

އަޅުގަނޑުމެންގެ ރާއްޖެ މިއަދު ކަޑައްތުކުރަމުން މިދާ ދުވަސްތައް ސިފަކުރެވެނީ 'އިންތިގާލީ މަރުހަލާއެއްގެ' ގޮތުގައެވެ. އިހުގައި ރާއްޖޭގައި އޮތް ސިޔާސީ ނިޒާމު ނެތި، އޭގެ ބަދަލުގައި އާ ނިޒާމެއް ގާއިމުވެދިޔުމާ ދިމާއަށް ދަތުރުކުރާ ދެމެދުގެ ދުވަސްވަރެކެވެ. ދެމެދުގެ ދުވަސްވަރެކޭ މި ދެންނެވީ، އިހުގައި އޮތް ނިޒާމު އެ ގޮތުގައި ނެތް ނަމަވެސް، އެ ނިޒާމުގެ ބައެއް ސިފަތައް މުޅިން ނުފިލައި އޮތުމުން، މުޅިން އާ ނިޒާމެއް އަދި ގާއިމުނުކުރެވި އޮތީމައެވެ. އާދޭހެވެ! އިހުގައި އޮތް އެކެއްގެ ބާރުގެ ދަށުގައި އޮތް އިސްތިބްދާދީ ނިޒާމެއް ނެތެވެ. އަޅުގަނޑުމެން މި ދަނީ އެ ނޫން، ހެޔޮ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުންނެވެ. އިހުގެ އިސްތިބްދާދީ ސިޔާސަތުގީ ސަގާފަތުގެ ބަދަލުގައި އެހެން ސަގާފަތެއް އަދި ގާއިމު ނުކުރެވުނު ކަމުގައި ވިޔަސް، އަޅުގަނޑުމެން ދަތުރުކުރަމުން މިދަނީ އެ ފަދަ ސަގާފަތެއް އުފައްދައި އަދި އޭގެ މައްޗަށް ބިނާވާ ހެޔޮ ސިޔާސީ ނިޒާމެއް ގާއިމުކުރުމާ ދިމާއަށެވެ. މި ކަމުގެ އިތުރު ތަފުސީލަށް ދިޔުމުގެ ކުރީން، މިއީ ތަބީއީ ކަމެއްކަން ބަޔާންކޮށްދިނުމަށް ޓަކައި ތާރީޚީ ވާހަކައެއް ވެސް ހުށަހަޅައިލާނަމެވެ.

ގައުމުތައް މިފަދަ އިންތިގާލީ މަރުހަލާތައް ކަޑައްތުކުރުމަކީ އާ ކަމެއް ނޫނެވެ. މީގެ އަލިގަދަ ހެއްކެއް، މިޒަމާނުގެ ޔޫރަޕްގެ ތާރީޚުން ފެނިގެންދެއެވެ. މިއަދު ހުޅަނގަށް – (މިތާނގައި، ހުޅަނގޭ ބުނެ އިޝާރަތްކުރެވެނީ ޔޫރަޕާއި، ޔޫ.އެސް.، އޮސްޓުރޭލިޔާ އަދި ނިޔޫޒީލާންޑު ފަދަ ގައުމުތަކަށެވެ) – ބަލައިލާއިރު ޑިމޮކުރަސީގެ މައްޗަށް ތައުސީސުކުރެވި، ހަމަޖެހިފައިވާ ސިޔާސީ މިނިވަން ނިޒާމެއް ގާއިމުކުރެވިފައިވާ ތަން ފެނެއެވެ. މި ސިޔާސީ ނިޒާމުގެ އަސްލު ގުޅެނީ ފަރަންސޭސި އިންގިލާބާއެވެ. މިއިންގިލާބުގެ ބިނާވީ މައިގަނޑު ތިން އަގެއްގެ މައްޗަށެވެ. އެއީ 'މިނިވަންކަމާއި' 'ހަމަހަމަކަމާއި' 'އެއްބަނޑުއެއްބަފައިކަމާއި' މި ތިން އަގުގެ މައްޗަށެވެ. މި ތިން އިބާރާތް ކޮމާ ކޯޅިއެއްގެ ތެރޭގައި އެ ވަނީ އެ ތިން އިބާރާތުގައި ވެސް ކަނޑައެޅިގެން ވަކި މާނައެއް އޮތީމައެވެ. އެ މާނައިގެ މައްޗަށް ފަހުން އަލިއަލުވާލެވޭނެއެވެ. އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާގެ ވާހަކަތައް ދެއްކުމުގެ ކުރީން، އެ ވާހަކަތައް ވިސްނިދިޔުމަށް ޓަކައި، ފަރަންސޭސި އިންގިލާބުގެ މައްޗަށް ނަޒަރެއް ހިންގައިލާނަމެވެ.

ފަރަންސޭސި އިންގިލާބުގެ ފެށުން ކަމުގައި ކަނޑައެޅޭ ތާރީޚަކީ 1789ވަނަ އަހަރެވެ. ހަލަބޮލި އަހަރުތަކެއް، ވޭތުކުރުމަށް ފަހު، އިންގިލާބުގެ ހަރަކާތް ނިމުނީ 1799ވަނަ އަހަރު ނެޕޯލިޔަންގެ އިސްތިބްދާދީ ވެރިކަން ގާއިމުކުރެވިގެންނެވެ. މިއީ އިސްތިބްދާދީ ވެރިކަމެއް ކަމުގައި ވެސް، މިނިވަންކަން ފިޔަވައި، ފަރަންސޭސި އިންގިލާބުގެ އަގުތައް، ޖުމްލަ ގޮތެއްގައި ދެމެހެއްޓުނެވެ. މިނިވަންކަމަށް، ކޮންމެވެސް ވަރަކަށް، ހުރަސް އެޅުނެވެ. ދީނީ މިނިވަންކަން ކޮންމެވެސް ސިފައެއްގައި އޮތް ކަމަށް ވިޔަސް، ނޫސްތަކުގައްޔާއި ފޮތްފޮތުގައި، ނެޕޯލިޔަންގެ ސިޔާސަތާއި ފުށުއަރާ މިނިވަން ޚިޔާލުތައް ފާޅުނުކުރެވޭ ގޮތް ހެދުނެވެ. އެކަން ކުރެވުނީ، އަޅުގަނޑުމެން ރާއްޖޭގައި ވެސް، 90ގެ އަހަރުތަކުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތާ އިދި ކޮޅު ލިޔުމެއް ޝާއިއުކުރެވިއްޖެ ނަމަ، އެފަދަ ލިޔުމެއް ޗާޕުކޮށް ޝާއިކުރާ ފަރާތްވެސް ކުށްވެރިވާ ގޮތަށް ގާނޫނުތައް ހެދުނު ފަދައިން، ނެޕޯލިޔަންގެ ސިޔާސަތާ ޚިލާފު ވާހަކަތައް ފޮތް ޝާއިކުރާ ދާރުތަކަށް މަނާކުރެވިގެންނެވެ.

ކޮންމެ އަކަސް ފަރަންސޭސި އިންގިލާބުން އެ ނިޒާމަކާއި ހަމައަށް ދަތުރުކުރުމަށް މަސައްކަތްކުރެވުނު ނިޒާމު ގާއިމުކުރެވުނީ 1815ވަނަ އަހަރު ނެޕޯލިޔަން ވެއްޓި، ދެން އައި ދުވަސްތަކުގެ ތެރޭގައެވެ. މީގެ މާނައަކީ ފަރަންސޭސީ އިންގިލާބުގެ ކުރީގައި އޮތް ނިޒާމު ބަދަލުވެ، އިންގިލާބީ ފިކުރު ތައާރަފުކުރުވި އަގުތަކަށް އަމަލީ ސިފަ ގެނެވި، އޭގެ މައްޗަށް ބިނާވި ސިޔާސީ އަދި އިޖުތިމާއީ ނިޒާމު ގާއިމުވާން މަދުވެގެން ވިއްސަކަށް އަހަރު ނެގިއެވެ. މި ވިއްސަކަށް އަހަރު ވެގެން ދިޔައީ ކުރީގެ މުސްކުޅި ނިޒާމާއި ފަހުން ގާއިމުކުރެވިގެން ދިޔަ އާ ނިޒާމާ ދެމެދުގައި އައި އިންތިގާލީ އަހަރުތަކަކަށެވެ.

އިންގިލާބީ ބޮޑު، ހެޔޮ ބަދަލެއް، ކާމިޔާބީއޭ އެކީ، ގެނެވެނީ، އެ ބަދަލު އަގުތަކާއި މުސުލުތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ފަރަންސޭސި އިންގިލާބު އޭގެ މައްޗަށް ބިނާވި، މިނިވަންކަމާއި ހަމަހަމަކަމާއި އެއްބަނޑުއެއްބަފާކަން ފަދަ އަގުތަކެވެ. މުސުލަކީ އެ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވާން ބޭނުންވާ ކަމެވެ. އެހެން އިބާރަތަކުން ބުނާ ނަމަ، މިދެންނެވި ފަދަ އަގުތަކުގެ މަތީގައި ތިބެ، ހަގީގަތަކަށް ހަދާންލާން ބޭނުންވާ، އެންމެނަށް ވެސް ހަމަޖެހިގެން އުޅެވޭނެ ފަދަ މައީޝީ ހަޔާތެއް ގެނެސްދޭނޭ ނިޒާމެކެވެ.

ދެން، ކުރު ގޮތަކަށް ނަމަވެސް، ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގައިލާ ނަމެވެ. އެ އަގުތަކުގެ ހިއްސީ މާނައެއް ލިބިދިނުމައްޓަކައެވެ. މައުނަވީ މަފުހޫމެއްގެ މާނަ، ހިއްސީ މަފުހޫމަކާ ގުޅުވާލުމުން އިތުރަށް ސާފުވާނެތީއެވެ. 'ބޮޑޭ' ބުނުމުން އޭގެ މާނަ މުޅިން ސާފު ނުވިޔަސް، އެވަރެސްޓު ފަރުބަދަހާ ބޮޑޭ ބުނުމުން، ބޮޑުކަމުގެ މިނުގެ ތަސައްވުރެއް ހިތަށް ނެގި 'ބޮޑުކަން' ހިއްސީ ގޮތެއްގައި ސާފުވާފަދައިންނެވެ.

ދެން، ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އެންމެ ފުރަތަމަ މިނިވަންކަމެވެ. މި މިނިވަންކަން ގުޅެނީ ދެތިންކަމާއެވެ. އެންމެ ފުރަތަމަ، ވެރިކަމުގެ ބާރުތައް ހިންގާނޭ ވެރީން ހޮވުމުގެ މިނިވަންކަމެވެ. މިކަން އެންމެ ފުރަތަމަ އޮތީ އެހާ މިނިވަން ސިފައެއްގައެއް ނޫނެވެ. މި ހައްގު އެންމެ ފުރަތަމަ ގުޅިފައި އޮތީ މީހާގެ އުމުރާއި، އޭނާގެ ޖިންސާއި އަދި ދައުލަތަށް އޭނާ ވާރުގެ ގޮތުގައި ދައްކާ ފައިސާއާއެވެ. ވަކި އަދަދަކަށް، ވާރުގެ ގޮތުގައި ފައިސާ ދައްކާ ފިރިހެނުންނަށެވެ. ފަހުން މިކަމަށް އިސްލާހުތަކެއް ގެނެވުނެވެ. މިނިވަންކަމުގެ އަގު ދެން ގުޅެނީ، ޚިޔާލުފާޅު ކުރުމާއެވެ. މިކަން އެންމެނަށް ވެސް އޮތެވެ. ކުރީން ބަޔާންކުރެވިދިޔަ ފަދައިން، ނެޕޯލިޔަންގެ އިސްތިބްދާދި ދުވަސްވަރު ފިޔަވައެވެ. މިނިވަންކަމުގެ އަގު ތިންވަނައަށް ގުޅެނީ ދީނާއެވެ. އެދުވަސްވަރުގައި ދީނީ މިނިވަންކަން ގުޅިފައި އޮތީ މިހާރު އެކަން މާނަކުރެވޭ ގޮތަކަށް ނޫނެވެ. އެމީހަކު އެމީހަކު ބޭނުންވާ ދީނެއް ޚިޔާރުކުރުން ނުވަތަ އެއްވެސް ދީނެއް ޚިޔާރުނުކުރުން، މިމާނައިގައެއް ނޫނެވެ.

ކެތަލިކުންނާއި ޕުރޮޓެސްޓުންނާއި ޔަހޫދީން، އެބަޔަކުގެ ދީނީ ގޮތް ޚިޔާރުކުރުމުގެ މިނިވަންކަމެވެ. ފަރަންސޭސީ ވިލާތުގައި، އެދުވަސްވަރު، ބޮޑު ކެތަލިކް އަޣުލަބިއްޔަތެއް އޮތެވެ. އެހެންވުމުން، މިމިނިވަންކަން ބެލެވުނީ އެދުވަސްވަރުގެ ހާލަތަށް ބަލާއިރު ލިބުނު ވަރަށް ބޮޑުކުރިއެރުމެކެވެ. އަދި، ނެޕޯލިޔަންގެ ވެރިކަމުގައި، ފަރަންސޭސިވިލާތުގެ ގާނޫނު އަސާސީގައި ފަރަންސޭސީންގެ އަޣުލަބިއްޔަތަކީ ކެތަލިކުން ކަމުގައި ލިޔެވުނެވެ. ތަނުގެ ބޮޑުބައެއްގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަންކަމުގެ އިތުރުން، ދީނީ މިނިވަންކަމުގެ ތެރޭގައި، ފަރަންސޭސިވިލާތަކީ ޕޯޕުގެ ނުފޫޒުން ބޭރުގައިވާ ތަނެއްކަމާއި އެތަނުގެ ދީނީކަންތައްތައް ނިންމާނީ ސީދާ ދައުލަތަކުގެ ފަރާތުންކަން ހަމަޖެހިގެން ދިޔައެވެ. މާނައަކީ ކަނީސާގެ މުއައްސަސާއަކުން، އެއީ ސީދާ ފަރަންސޭސި ކަނީސާގެ މުއައްސަސާކަމުގައި ވިޔަސް، ދައުލަތުގެ މައްޗަކަށް، އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. މީގެ މާނައަކީ، ކަނީސާގެ މަގާމުތަކަށް ދީނީ އިމާމުން އައްޔަނުކުރާނީ ދައުލަތުން ކަމާއި އަދި އެމީހުންގެ މުސާރަވެސް ހަމަޖައްސާނީ ދައުލަތުގެ ފަރާތުން ކަމެވެ. މީހުންގެ އަތުން، އެއްވެސް ބާވަތެއްގެ ޓެކްސްއެއް ނެގުމާއި އަދި ތައުލީމީ ކަންތައް ހިންގުމުގެ އެއްވެސް ބާރެއް ކަނީސާއަކަށް ލިބިގެން ނުވެއެވެ. މިހުރިހައި ކަމެއްގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ދައުލަތަށެވެ.

ފަރަންސޭސި އިންގިލާބުގެ އަނެއް އަގު ކަމަށްވާ ހަމަހަމަކަމުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ މި ހަމަހަމަކަން ވެސް ދެތިން ކަމަކާ ގުޅެއެވެ. އެންމެ ފުރަތަމަ، ފަރަންސޭސި އިންގިލާބުގެ ކުރީން، ފަރަންސޭސި މުޖުތަމައުގައި އޮތް ގިންތިތައް އުވާލުމެވެ. އިންގިލާބުގެ ކުރީން، ފަރަންސޭސި މުޖުތަމައުގައި ރަސްމީ ތިން ގިންތި އޮތެވެ. އެސްޓޭޓުގެ ނަމުން ނަންދެވިފައިވާ ތިން ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގެ ގިންތިއާއި ދެވަނަ އެސްޓޭޓުގެ ގިންތިއާއި ތިންވަނަ އެސްޓޭޓުގެ ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގައި ހިމެނެނީ ދީނީ 'އިމާމުވެރި' (މަގުދައްކާ) ބޭކަލުންނެވެ. ދެން، 'މާތް ނަބީލުންނެވެ'. އާދެ، 'ބޭފުޅުންނެވެ.' ރަސްގެފާނު ފިޔަވައި، ރަސްދަރިކޮޅުގެ މީހުންނާއި އަސްކަރީ ސަފުސަފުގައި ހިމެނޭ އިސް ބޭކަލުންނެވެ. ރަސްގެފާނު ހިމެނިވަޑައިގަންނަވީ މި ހުރިހައި ގިންތިއެއްގެ ވެސް މަތީގައެވެ.

ދެން ތިންވަނަ ގިންތީގައި އެހެން ހުރިހައި އާންމު މީހުންނެވެ. ވިޔަފާރިވެރީންނާއި، އިލްމުވެރި ބޭކަލުންނާއި ޑޮކްޓަރުންނާއި މުދައްރިސުންނެވެ. މަސައްކަތްތެރިންނާއި މަސައްކަތު މީހުންނާއި ގެރިބަކަރި ގެންގުޅޭ މީހުންނާއި ދަނޑުވެރީންނެވެ. ހަމަހަމަކަން ނިޔާކުރާ ގޮތުން، މިގިންތިތައް އުވާލައި، މަތީ ދެގިންތިއަށް ލިބިގެންވި ޚާއްސަ އިމްތިޔާޒުތައް ވެސް އުވާލެވުނެވެ. ޓެކްސްދައްކަން ނުޖެހުމާއި ބައެއްކަހަލަ މަސައްކަތްތައް ކުރުމުން އިސްތިސްނާކުރެވޭ އިމްތިޔާޒުތަކެވެ. އަދި، ގާޒީކަމާއި ދައުލަތުގެ ބައެއް އިސް އިދާރީ ވަޒީފާތައް މަތީ ގިންތީތަކަށް ޚާއްސަވެފައި ވުމުގެ އިމްތިޔާޒުތަކެވެ. މިކަންކަން އުވާލައި، ގާނޫނުތަކުގެ ކުރިމަތީގައި އެންމެންވެސް އެއްވަރުވުމާއި އެންމެނަށް ވެސް ޓެކްސްދައްކަން ޖެހޭ ގޮތް ހެދުމާއި ވަޒީފާތައް ލިބުން، މީހާ އެކަމަށް އަހުލުވެރި މީހަކަށްވުމުން، އޭނާ ނިސްބަތްވާ ގިންތިއަކަށް، އާއިލާއަކަށް ބެލުމެއް ނެތި، ހަމައެކަނި، އޭނާގެ އިލްމާއި ހުނަރާއި ގާބިލުކަމުގެ މައްޗަށް ބަލައި ދެވުން، އެންމެން ހަމަހަމަ ވުމުގެ ތެރޭގައި ހިމެނުނެވެ.

ދެން، ފަރަންސޭސި އިންގިލާބުގެ ތިންވަނަ އަގުގެ ތެރޭގައި އެންމެންނަކީ ވެސް އެއްބަޑު އެއްބަފާ ބައެއްކަމުގެ އަގު ހިމެނެއެވެ. މިތާނގައި، 'އެންމެންނޭ' ބުނެ އިޝާރަތްކުރަނީ ފަރަންސޭސީންގެ އެންމެނަށެވެ. މީގެ މާނައަކީ، އެދުވަސްވަރު ފަރަންސޭސި މުޖުތަމައުގައި އޮތް ތަފާތު އަޅުވެތިކުރުންތައް ނެތި ދިޔުމެވެ. ތިންވަނި ގިންތީގައި ހިމެނޭ އާދައިގެ މީހުން، ޚާއްސަކޮށް ދަނޑުވެރީން، އެމީހުންގެ ދަނޑުތަކުގެ ވެރި ސާހިބުންނަށް، އެއްވެސް އަގަކާ ނުލައި މަސައްކަތްކޮށް ދިނުން ފަދަ އަޅުވެތިކުރުން ފަދަ ކަންކަމެވެ.

ފަރަންސޭސި އިންގިލާބުގެ މިދެންނެވި އަގުތަކަށް، އާދެ، މިނިވަންކަމާއި، ހަމަހަމަކަމާއި އެއްބަޑުއެއްބަފާކަން، މިކަންކަމަށް، އަމަލީ ސިފަތައް ގެނެވި، މި ގަބޫލުކުރުންތަކުގެ ބިންގާ މަތީ މުޅީން އާ ދައުލަތެއް ބިނާވާން ވިއްސަކަށް އަހަރު ނެގިއެވެ. 1789 ވަނަ އަހަރު އިންގިލާބު ފެށުމާއި 1815 ވަނަ ނެޕޯލިޔަން ވެއްޓި، މި އާ ދައުލަތް ބިނާވީ އޭގެ ފަހުންނެވެ. އާދެ، 1789 އަކާއި 1815 ވަނަ އަހަރު ދެމެދުގައި އިންގިލާބުގެ އިންތިގާލީ މަރުހަލާއާ ކުރިމަތިލާން ޖެހުނެވެ.

މިއިންތިގާލީ މަރުހަލާގައި، އެންމެ ބޮޑު ގޮންޖެހުމަކަށް، އިންގިލާބުގެ ވެރީންނަށް ކުރިމަތިވީ، އިންގިލާބު ނަންގަނެވި ދިޔަ އަގުތައް ހިފެހެއްޓުމެވެ. މި ކަން ނުވެ، އިންގިލާބު ފޭލިވުމުގެ ނުރައްކާ އެތައް ފަރާތަކުން ކުރިމަތިވިއެވެ. ރަސްކަމުގެ ފަރާތުންނާއި، އެމީހުންގެ އިމްތިޔާޒުތަސް ގެއްލުމުން، ރަސްކަމަށް ތާއީދުކޮށް، ރަސްކަން އަލުން އިއާދަކުރުމަށް ބޭނުންވި މީހުންގެ ފަރާތުންނެވެ. ތަނުގައި ސިޔާސީ ހަލަބޮލިކަން ފެތުރި، ގާނޫނާއި ގަވާއިދުތައް ބޭކާރުވެ، އާންމުންގެ އަތްމައްޗަށް ކަންކަން ގެންދިޔުމުގެ ބިރެވެ. ދީނީ ބައެއް ފަރާތްތަކުން، އެމީހުންގެ އިމްތިޔާޒުތައް ވެސް ނިގުޅައިގަނެފައި ވުމުން، ކުރިމަތިވި ގޮންޖެހުމެވެ. މީގެ އިތުރުން، އެތެރޭގައި އޮތް، އިންގިލާބީ އިދިކޮޅު، މި ދެންނެވި ފަރާތްތައް، ޔުރަޕުގެ އެހެން ދައުލަތްތަކު އެހީ ހޯދައި، ފަރަންސޭސި ވިލާތާ ހަނގުރާމަކުރުމުގެ ބިރެވެ. މި ބިރު ހަގީގަތަކަށްވެ، އިންގިލާބުގެ ވެރީން، ހަނގުރާމަ ވެސް ކުރާން ޖެހުނެވެ.

މިހުރިހައި ގޮންޖެހުންތަކަކާ ފަރަންސޭސި އިންގިލާބުގެ ލީޑަރުން، ކުރިމަތިލައި ކާމިޔާބު ހޯދިއެވެ. އެކަން އެ ގޮތަށް ދިމާވާން މައިގަނޑު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ މުޅި ފަރަންސޭސި ވިލާތް ހެން، މި އިންގިލާބަށް ތައްޔާރުވެފައި އޮތުމެވެ. އާދެ، ބޮޑު ބަދަލަކަށް ތައްޔާރުވެފައި އޮތުމެވެ. ދެވަނަ ސަބަބަކީ ފަރުދީ މަސްލަހަތުގައް އެއްފަރާތްކޮށް، މުޅި ޖަމާއަތުގެ މަސްލަހަތު އިސްކޮށް، ގައުމުގެ ލާބައާއި މަންފާއަށްޓަކައި، އިންގިލާބުގެ ހަރަކާތްތައް ހިންގައިލާނޭ ވަރުގަދަ، ގާބިލު ލީޑަރުންތަކެއް ތިބި ކަމެވެ. މި ދެ ކަންތައް އިތުރަށް ސާފުކޮށްލަމާ ހެއްޔެވެ؟

1789 ހަމައަށް އައި އިރު، ފަރަންސޭސި ދައުލަތް އޮތީ ބަނގުރޫޓުވުމުގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުރިހައި ގިންތިތަކެއް އެއްކުރުމުގެ ޖަލްސާ ބޭއްވި، އެއް ބަހަކަށް ނާދެވުން ވީ ފަރަންސޭސި އިންގިލާބުގެ ހުޅުކޮޅު ރޯވާން އެޅުނު އަލިފާންދަނޑިއަށެވެ. މި ހިސާބަށް ކަންތައް އައިސްފައިވާ އިރު، ފަރަންސޭސިވިލާތް އޮތީ ފިކުރީ ގޮތުން ބޮޑު ބަދަލަކަށް ތައްޔާރުވެފައެވެ. އިންގިލާބުގެ 100 ވަރަކަށް އަހަރު ކުރީއް ސުރެން ފެށިގެން ތަންވީރީ ފިކުރުގެ ފައިލަސޫފުން، އެ މީހުންގެ ޚިޔާލުތައްވަނީ އާންމުގެ ތެރެއަށް ދޫކޮށްލައިފައެވެ. ހޮބްއާއި ލޮކް، ވޯލްޓަޔަރ އާއި ރޫޒޯ ފަދަ ފަލްސަވާވެރި އިލްމުވެރީންނެވެ.

ސިޔާސީ އެކިއެކި މައްސަލަތައް ނަންގަވައިގެން މި ދެންނެވި ފައިލަސޫފުން ބަހުސްކުރެއްވިއެވެ. ޝަރުއީ ހުކޫމަތަކީ ކޮބައިކަން، މާނައަކީ ގާނޫނީ ސިފަ ލިބެގެންވާ ވެރިކަމަކީ ކޮބައިކަން، ވެރިކަން ކުރުން އެންމެ ހައްގުކަން ބޮޑީ ކާކަށްކަން، މި މައްސަލަތަކާ ބެހޭ ގޮތުން އެމީހުން ދެކޭ ގޮތުގެ ވާހަކަ އެމީހުންގެ ލިޔުންތައް މެދުވެރިކޮށް ހުށަހަޅާލިއެވެ. އަދި އިންސާނާގެ ތަބީއީ ހާލަތަކީ ވަކި ގޮތަކަށް އިންތިޒާމުކުރެވިފައި ނުވާ މުޖުތަމައީ ހާލަތެއްގައި އޭނާ ވުމެވެ. އަދި މިފަދަ ހާލަތެއްގައި، އެއަށް ބަދަލުނުގެނެވޭނޭ ހައްގުތަކެއް، އޭނާއަށް ލިބިގެންވާކަން ވެސް ލޮކް ފަދަ ފައިލަސޫފުން ފާހަގަކުރެއްވިއެވެ. އަދި ހާކިމާ މަހްކޫމާ ދެމެދު، އެބަހީ ވެރިޔާއާއި އެމީހުންގެ މައްޗަށް ވެރިކަން ހިންގޭ އާންމު ރައްޔިތުންނާ ދެމެދު އޮންނަނީ އިޖުތިމާއީ އެއްބަސްވުމެއްކަން ވެސް ހޮބްއާއި ލޮކް ދެކެލެއްވިއެވެ.

މި އެއްބަސްވުމުގެ މާނައަކީ މިދެފަރާތުން ވެސް އަދާކުރާން ޖެހޭ ވާޖިބުތަކަކާއި އުފުލާން ޖެހޭ މަސްއޫލިއްޔަތްތަކެއް ވާކަމެވެ. އަދި ދެފަރާތަށް ވެސް ލިބިދޭން ޖެހޭ ހައްގުތަކެއް އޮންނަކަމެވެ. މިސާލަކަށް، ވެރިކަމުގެ މަސްއޫލިއްޔަތަކީ ހާކިމާގެ ކޮނޑުގައި އެޅިފައި އޮތްކަމެކެވެ. އެ މަސްއޫލިއްޔަތު އުފުލާން ޖެހޭނީ އަދުލު އިންސާފުގެ މައްޗަށް ބިނާވާ ގާނޫނުތަކެއްގެ ދަށުންނެވެ. ގާނޫނުތަކަށް ތަބާވެ، ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ގައުމު ހިންގުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ގާނޫނުތަކަށް ތަބާވެ، އިޚުލާސްތެރިކަމާ އެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ވެރިކަމުގެ މަސްއޫލިއްޔަތު އުފުލުމުން، ރައްޔިތުންގެ އެއްބާރުލުން ލިބުން އޭނާއަށް ހައްގުވެގެން ވެއެވެ. ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި ބެހި، އަސާސީ ބޭނުންތައް - ކެއުން ބުއިން، އުނުއޮރިޔާން ނިވާކުރުން ބޯހިޔާވެހިކަން ލިބުން – ފުދި ދިޔުމަކީ ކޮންމެ މުވާތިނެއްގެ ވެސް ހައްގެކެވެ. ސަރުކާރެއްގެ އެންމެ އިސް ވާޖިބަކީ މި ބޭނުންތައް ފުއްދޭނޭ ފަދަ ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައިލުމެވެ. މިފަދަ ގޮތެއްގައި ކަންތައްތައް ކުރެވެމުންދާ އިރު، ހާކިމާއަށް ކިޔަމަންގަނެ، އޭނާއަށް އެއްބާރުލުން ދިނުން ރައްޔިތުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އާދޭހެވެ! އިޖުތިމާއީ އެއްބަސްވުމެކޭ ބުނެ އިޝާރަތްކުރެވެނީ މި ފަދަ އެއްބަސްވުމަކަށެވެ.

ހަމަ މިފަދަ ޚިޔާލުތައް ވޯލްޓެޔަރއާއި ރޫސޯ ވެސް ފާޅުކުރެއްވިއެވެ. ވޯލްޓެޔާރ ގަބޫލުކުރެއްވި ގޮތުގައި، ހޭލުންތެރިކަމެއް ނެތް ތަނެއްގައި 'މުތުލަގު ޑިމޮކުރަސީއެއް'، މާނައަކީ، ސިޔާސީ ހޭލުންތެރިކަމެއް ނެތް، ތިމާމެންގެ ވަލާއު ގައުމަށް ނުދެވޭ، ކިޔުމާއި ކިޔެވުމުގެ ސަގާފަތެއް ނެތް ބަޔެއް، އެ އެންމެން ހިމެނޭ ގޮތުގައި ހިންގގައިލެވޭ ޑިމޮކުރަސީއެއްގެ ނިޒާމަކީ ފައިދާހުރި ނިޒާމަކަށް ނުވާނެއެވެ. އޭނާ ދެކެވަޑައިގެން ގޮތުގައި ވެރިކަން ކުރާން ޖެހޭނީ އިލްމީ ގާބިލުކަން ލިބިވަޑައިގެން ތިއްބެވި ބަޔެކެވެ. އަދި، ހަމަހަމަކަމާއި މިނިވަންކަން ފަދަ ތަންވީރީ ފިކުރުގެ އުސޫލުތަކުގެ މައްޗަށް ބިނާވެގެންނެވެ.

މި ވާހަކަތަކުން ހެކި ލިބިގަންނަން މަސައްކަތްކުރަނީ ފަރަންސޭސީ އިންގިލާބު ހިނގާން މެދުވެރިވިއިރު، ފަރަންސޭސި މުޖުތަމައު އޮތީ ފިކުރީ ގޮތުން އެކަމަށް ތައްޔާރުވެގެން ކަމަށެވެ. މަތީގައި ނަންގަނެވި ދިޔަ އިންގިލާބުގެ އަގުތައް ކަމުގައި ބެލެވުނު އަގުތަކާއި އަދިވެސް ދެންމެ މިދެންނެވި ޚިޔާލުތަކާއި ފިކުރުތައް، ފަލްސަފާވެރި އިލްމީ މުފައްކިރުންގެ ލިޔުންތަކުގެ ސަބަބުން، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ބަހުސްކުރެވި، އެ ފަދަ އަގުތަކާއި ފިކުރުތައް ބަލައިގަނެ، އެނގިތިބެ، ހިތުގެ އަނޑީން ގަބޫލުކުރެވިފައިވާތީއެވެ. އަދި އިންގިލާބުގެ ނަވުގެ ހުންގާނުގައި ހިފައިގެން ގައުމާއި ރައްޔިތުންނަށް ހެޔޮ މަގު ދައްކައިދޭނޭ މި ދެންނެވި ސިޔާސީ ތަންވީރީ ފިކުރުގެ އިލްމުވެރި ސިޔާސީ އެތައް ލީޑަރުންނެއް ތިއްބެވިއެވެ. އިމޭނުއަލް ޖޯސެފު ސިޔޭއާއި މެކްސިމިލިއަން ރޮބެސްފިޔައާއި ކަމީޔް ޑެސްމުލިނާއި ޖޯޖެސް ޖާކް ޑެންޓަންއާއި ޖީން ޕޯލް މަރަޓް ފަދަ އެތައް އެތައް އެތައް ލީޑަރުންނެވެ. މީގެ އިތުރަށް މުއައްދަބު ވަރުގަދަ ލަޝަކަރެއް ވެސް އޮތެވެ. އަދި، މި ލަޝްކަރު އިތުރަށް ކުރިއަރުވައި ބާރުގަދަކުރުވަނިވި ސިޔާސަތެއް އެކުލަވައިލައި ކަނޑައަޅައިލުމުގެ ގާބިލުކަން އިންގިލާބުގެ ލީޑަރުންގެ ކިބައިގައި ހުއްޓެވެ. އިންގިލާބުގެ ލީޑަރުންނަށް ކަންކަން ހައްލުނުކުރެވޭ ހިސާބަށް ދެވުމުން، މަދަނީ ވެރިކަމުގެ ތެރެއަށް އަސްކަރީން ވަންއިރު، އަސްކަރީންގެ ތެރޭގައި ވެސް، މިދެންނެވި އަގުތަކާއި ތަންވގީރީ ފިކުރީ ޚިޔާލުތައް ބަލައިގަނެވިފައި އޮތެވެ. އެހެންވެ، ނެޕޯލިޔަން، އަސްކަރީ އިސްތިބާދީ ވެރިކަމެއް ގާއިމުކުރިކަމުގައި ވިޔަސް، އޭނާ ވެސް ހިމެނިގެންދިޔާއީ އިންގިލާބުގެ އަގުތަކާއި އަދި ގާނޫނުތަކާއި ގަވާއިދުތައް ދަމަހައްޓައި އެކަމަށް ހުރުމަތްތެރިކޮށް ހިތި ލީޑަރަކަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، ނެޕޯލިޔަން ވިދާޅުވެފައިވާ ފަދައިން، އޭނާގެ ހަނދާންތައް އެންމެ ބޮޑަށް ދެމެހެއްޓި އޭނާގެ އަސްކަރީ ގާބިލިއްޔަތު ކަމެއް ނޫނެވެ. 'ނެޕޯލިޔަންގެ ކޯޑުގެ' ނަމުން ނަންދެވިފައިވާ އޭނާ އެކުލަވާލި ގާނޫނީ ގަވާއިދުތަކެވެ.

އަޅުގަނޑުމެންގެ ރާއްޖެ ވެސް މިއަދު، ކަޑައްތުކުރަމަން މިގެންދަނީ މަތީގައި ބަޔާންކުރެވި ދިޔަ ފަދަ އިންތިގާލީ މަރުހަލާއެކެވެ. ގައުމުތައް ތަރައްގީގެ މަގުގައި ދަތުރުކުރަމުން ދާއިރު، ކަޑައްތުކުރާ މަރުހަލާއެކެވެ. އިހުގައި އޮތް ސިޔާސީ އަދި އިޖުތިމާއީ ނިޒާމެއް ދޫކޮށް އާ ހެޔޮ ސިޔާސީ އިޖުތިމާއީ ނިޒާމަކާ ދިމާއަށް ދަތުރުކުރާއިރުއެވެ. މި އިންތިގާލީ މަރުހަލާގައި އަޅުގަނޑުމެންނަށް ވެސް ތަފާތު ޗެލެންޖުތައް، ގޮންޖެހުންތައް އެބަ ހުއްޓެވެ. މީގެ ތެރޭގައި، މަތީގައި ބަޔާންކުރެވި ދިޔަ ފަރަންސޭސި އިންގިލާބަށް، ފަރަންސޭސި ވިލާތް ތައްޔާރުވެފައި އޮތް ގޮތަށް އަޅުގަނޑުމެން ތިބީ ތައްޔާރުވެއެއެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމު ގޮތެއްގައި އިލްމީ ފިކުރީ ހޭލުންތެރިކަމެއް ނެތެވެ. އެހެންވެ، އަޅުގަނޑުމެން ގަބޫލުކުރާ އަޅުގަނޑުމެންގެ އަމިއްލަ ޖަމާއީ އަގުތަކެއް އެނގިގެން ކަނޑައަޅާލެވިފައިއެއް ނެތެވެ. އަޅުގަނޑުމެންގެ ސިޔާސީ ބިނާ، އެ ގޮތަކަށް ބިނާކުރާނޭ ގޮތެއް، ސާފުކޮށް، އެންމެނަށް އެނގޭ ގޮތަށް ކަނޑައެޅިފައެއް ނެތެވެ. އަދި، ގައުމުގެ މަސްލަހަތާއި ޖަމާއަތުގެ ފައިދާ އިސްކޮށްގެން ކަންތައްކުރެވޭނޭ ތެދުވެރި، އިޚުލާސްތެރި ލީޑަރުންނެއް ވެސް އުފެދިފައި ނެތެވެ. މިކަމުގެ ސަބަބުން، މި އިންތިގާލީ މަރުހަލާގައި އާ ހެޔޮ ނިޒާމަކާ ދިމާއަށް ގައުމުގެ ނައު ގެންދިޔުމުގެ ބަދަލުގައި، އިހުގެ ނިޒާމުގައި އޮތް މުސަތަބިއްދު ވެރިކަން، މަދު ބައެއްގެ އަތް މައްޗަށް ގެނެސް، އެކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގައި، ގައުމުގެ ސިޔާދަތާ މިނިވަންކަމަށް ބުރޫއަރާފާނެކަން ހީވުމަކީ މި އިންތިގާލީ މަރުހަލާގައި ކުރިމަތިވެފައި އޮތް ހަގީގީ ބިރެކެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ޖަމާއީ އަގުތަކެއް ކަނޑައަޅައިލައި، އަޅުގަނޑުމެން އެދޭ އާ ހެޔޮ ނިޒާމުގެ ބިނާގެ ތަސައްވުރެއް، ހިއްސީ ސިފައެއްގައި، އެބަހީ އަޅުގަނޑުމެންގެ ހިއްސުތަކުން އޭގެ ހަގީގަތް ފެންނަ ސިފައިގައި ކުރަހައިލައި، އެ ކުރެހުން ހަގީގަތަކަށް ހަދައިލެވޭނެ ހަގީގީ ގޮތް ކަނޑައަޅައިލައި، އަދި މި ކަން ކުރުމުގެ މަގުމަތީގައި ގައުމުގެ މިނިވަންކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި، ހިފެހެއްޓުމަކީ އަޅުގަޑުމެން މި ކަޑައްތުކުރާ މަރުހަލާ ކުރިމަތިކުރުވާ އެންމެ ބޮޑު ޗެލެންޖެވެ. ގޮންޖެހުމެވެ. މީގެ ތަފުސީލު، އިރާދަކުރެއްވިއްޔާ، ދެން އޮންނަ ބައެއްގައި ލިޔެލެވޭތޯ މަސައްކަތްކުރާނަމެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް