Advertisement

އެއްގަމު މަގުން ހަނގުރާމަކޮށްގެން އިސްރާއީލަށް ކާމިޔާބެއް ނުލިބޭނެއެވެ.

21 Oct 2023 | 09:51
.

އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައި ޙަމަލާދޭކަށް އެބައިމީހުންނަކަށް އަދި ވެސް ނުކެރެއެވެ. އެ މީހުން އަދިވެސް ތިބީ ނެގިމަޑުވެ ފަސްޖެހިފައެވެ. މި ކަމުގައި އިސްރާއީލުގެ ސިފައިންނާއި ސިޔާސީ ބޮޑުންގެ މެދުގައި ދެބަސްވުންތައް އުފެދި ޒުވާބުކުރަމުން ގެންދާކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މިހެން ނުވާންވީ ސަބަބެއް ނެތެވެ. ފަލަޞްޠީނުގެ މުޖާހިދުންނަކީ މަރަށް ބިރުގަންނާނެ ބަޔެއް ނޫނެވެ. އެ މީހުންގެ ކިބައިގައި ނަފުސުގެ ޢަޒުމާއި ހިތްވަރު އެބަ ހުއްޓެވެ. އެ މީހުން ތިބީ އިސްލާމް ދީނުގެ ޙައްޤުގައި ޤައުމަށް ޓަކައި ފުރާނަ ޤުރުބާންކުރާން ތައްޔާރަށެވެ. ހަމާސްގެ އެތައް ހާސް ހަނގުރާމަވެރިންނާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ އެތައް ހާސް ހަނގުރާމަވެރިންނެއް ޣައްޒާގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާން އިސްރާއީލުގެ ލަޝްކަރުތަކުގެ އިންތިޒާރުގައި ވަރަށް ޖޯޝާއެކު ތިބީ ތައްޔާރަށެވެ.

ފަލަސްތީނުގެ މުޖާހިދުންނަކީ އެއްގަމު ހަނގުރާމައަށް ވަރަށް މޮޅަށް ތަމްރީން ލިބިފައިވާ ވަރަށް ޖެހިލުން ކުޑަ, ވަރަށް ކެރޭ, ޢަޒުމު ވަރުގަދަ ޒުވާން ހަނގުރާމަވެރީންތަކެކެވެ. މި ވާހަކަ އިސްރާއީލުގެ ކުރީގެ ކޮމާންޑަރެއްކަމަށްވާ ޖެނެރަލް ޔޮގާލް ކަރުމޫން ވެސް ވަނީ ޓީވީ ޗެނެލެއްގައި ވާހަކަދައްކަވަމުން ބުނެފައެވެ. ފަލަސްތީނުގެ ހަނގުރާމަވެރީންނަކީ އެއްގަމު ހަނގުރާމައަށް ވަރަށް މޮޅަށް ތަމްރީންލިބިފައިވާ ވަރަށް ޖެހިލުން ކުޑަ، ވަރަށް ކެރޭ، ވަރަށް ވަރުގަދަ، ޒުވާން ހަނގުރާމަވެރީންތަކެއްކަން އޭނާ ފާހަގަކުރިއެވެ.

އިސްރާއީލު ސިފައިން މޮޅީ ހަތިޔާރުގެ ގޮތުންނެވެ. ތެދެކެވެ. އިސްރާއީލު ސިފައިންގެ އަތުގައި ޒަމާނީ ހަތިޔާރާއި ޒަމާނީ ވަސީލަތްތައް ވަރަށް މަތީ ފެންވަރަކަށް އެބަ ހުއްޓެވެ. ނަމަވެސް މީހުންގެ އަޒުމާއި ހިތްވަރު ބަލިކަށި ނަމަ ހަތިޔާރާއި ވަސީލަތްތައް ކިތަންމެ ވަރަކަށް ހުއްޓަސް އެއްގަމު ހަނގުރާމައެއް ކާމިޔާބެއް ނުކުރެވޭނެއެވެ.

އިސްރާއީލުގެ އަސްކަރީ މުހައްލިލެއްކަމަށްވާ އަމްނޫން އެވްރަމޮވިޗް ވެސް ބުނެފައިވާ ގޮތުގައި އިސްރާއީލު ސިފައިން ބޮޑަށް ތަމްރީނުކޮށްފައި ވަނީ ވައިގެ މަގުން ހަމަލާތައްދިނުމަށާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރާ ޒަމާނީ ހަނގުރާމަތަކަށާއި އިސްރާއީލާ ކުރިމަތިލައި ފަލަސްތީނުގެ އޮއްގާ އުކާ ޒުވާނުންނާ ކުރިމަތިލާށެވެ.

ޣައްޒާއަށް އަރައި އިމާރާތްތަކުގެ ތެރޭގައި ކުރާ ހނގުރާމަ ވާނީ އިސްރާއީލު ސިފައިންނަށް ހިރާސް ބޮޑު، އަދި ގިނަ ބަޔަކު ޔަހޫދީ ލަޝްކަރުން މަރުވުމުގެ ފުރުސަތު ބޮޑު ހަނގުރާމައެކެވެ. މި ފަދަ ހަނގުރާމައަކުން ޔަހޫދީންނަށް ލިބޭނީ ޞަރީޙަ ނާކާމިޔާބީއެވެ. ރަށުތެރެއަށް ވަދެ އެއްގަމު ހަނގުރާމައެއްކުރާން ބޭނުންވާ ފުރިހަމަ ތަމްރީނާއި ހިތްވަރާއި ޢަޒުމު، އިސްރާއީލުގެ ލަޝްކަރުތަކުގައި ވަރަށް ކުޑައެވެ.

އާދޭހެވެ! އިސްރާއީލު ލަޝްކަރުގައި ތިބީ ޢަޒުމުގެ ގޮތުން ފިނޑި ބަޔެކެވެ. އެ މީހުންގެ އަތުގައި ހުރީ ފަނާކުރަނިވި ހަތިޔާރެވެ. އެ މީހުންނަށް ލިބިފައިވަނީ އެ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނެވެ. އެއްގަމު މަގުން ހަނގުރާމަކުރުމުގެ ތަމްރީނު ލިބިފައިވާލެއް ވަރަށް ކުޑައެވެ. އެހެންކަމުން، އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިފި ނަމަ، އެއީ އަސްކަރީ ގޮތުން އިސްރާއީލުން ހަދާނެ އެންމެ ބޮޑު ގޯސްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއްގަމު ހަނގުރާމައަށް އިސްރާއީލުން ފަސްޖެހެނީ އެހެންވެގެންނެވެ.

އެއްގަމު މަގުން ޣައްޒާއަށް އަރާ ނަމަ ދޮޅު ލައްކައަށްވުރެ ގިނަ ސިފައިން ބޭނުންވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ފަދަ ވަގުތެއްގައި ލުބްނާނުގައި އޮންނަ ހިޒުބުﷲ ޖަމާއަތުގެ ހަނގުރާމަވެރީން އިސްރާއީލުގެ އުތުރުން އަރައިގެންފި ނަމަ، އެ މީހުން މައިތިރިކުރުމަށް ޓަކައި، ދެ ލައްކައަށް ވުރެ ގިނަ ސިފައިން އެ ކަމަށް ޚާއްސަކުރާން ޖެހޭނެކަމަށް އުރުދުންގެ ކުރީގެ ޖެނެރަލެއްކަމަށްވާ ފާއިޒު އައްދުވައިރީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފައިވެއެވެ. އިސްރާއީލުގެ އަސްލު ފައުޖުތަކުގައި ތިބި ސިފައިންގެ އަދަދަކީ ގާތްގަނޑަކަށް ފަސްލައްކަ ފަންސާސް ހާހެވެ. ދެންތިބީ ރިޒާވް ސިފައިންނެވެ. އެއީ ތަމްރީނުގެ ގޮތުން މާ ބަލިކަށި ބައެއްކަން ފާހަގަކުރެވެއެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތަކީ ހަމާސް ޖަމާއަތަށްވުރެ 10 ގުނަ ބާރުގަދަ ޖަމާއަތެއްކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ވެސް  އެއްބަސްވެއެވެ. ޙިޒުބުﷲއަކީ ޙަމާސް ޖަމާޢަތް ހެން ޣައްޒާތެރޭގައި ހިސާރުކޮށްގެން ގެންގުޅެވޭނެ ބަޔެއް ނޫނެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތް ޣައްޒާގެ ތެރޭގައި ހިސާރުވެ ބަންދުވެފައި އޮންނާން ޖެހުނު ނަމަވެސް އެއާ ހިޒުބުﷲ ޖަމާޢަތް ވަރަށް ތަފާތެވެ. ހިޒުބުﷲ އަކީ އިރާގާއި ސޫރިޔާގެ ތެރެއިން އީރާނުގެ ހަތިޔާރުގެ ސަޕްލައި ލިބޭ ހާލަތުގައި އޮތް ޖަމާއަތެކެވެ. އެ މީހުންނަކީ އީރާނުން އެހީ ލިބޭ ބަޔެކެވެ. އީރާނު ތެރެއިންނާއި ޢީރާޤާއި ސޫރިޔާ މަގުން އެ މީހުންނަށް އެހީ ފޯރުކޮށްދެވޭނެ ފުރުސަތު އެބަ އޮތެވެ.

މާޒީއަށް ބަލާ އިރު، 2005 ވަނަ އަހަރު ހިޒްބުﷲ އިން ވަނީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އޭގެ ފަހުން މިހާރު ގާތްގަނޑަކަށް  ދެ ދަހަރު ވެފައިވާއިރު މިހާރުގެ ހިޒްބުﷲ ވަނީ ކުރީގައި އެ ޖަމާއަތް އޮތް މިންވަރަށް ވުރެ އެތައް ގުނައެއް ހަތިޔާރުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ބާރުގަދަކޮށްފައެވެ. މި ކަން އިސްރާއީލު ލަޝްކަރަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ.

ވީމާ، އެއްގަމު މަގުން ކުރިމަތިލައި ހަނގުރާމަކޮށްފި ނަމަ، އިސްރާއީލު ލަދުގަންނަ ވަރުގެ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެކަން އެންމެންނަށް ވެސް އެނގެއެވެ. އިސްރާއީލުގެ އިސް ކޮމާންޑަރުންނާއި ސިޔާސީ މީހުންގެ މެދުގައި ދެ ބަސްވުން އުފެދިފައި ވަނީ މި ސަބަބާހުރެއެވެ. ނަމަވެސް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޮއާވް ގަލަންޓް އަދިވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނާއަކީ ކުރީން ސިފައިންގެ އޮފިސަރެއްކަމުން ހަނގުރާމައިގެ ހަގީގަތްތައް ވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ ބޮޑުވަޒީރު ބުނެފައިވާ ގޮތަށް އެއްގަމު މަގުން ޣައްޒާއަށް އަރައި ހަނގުރާމަކޮށް ޣައްޒާ ހިފާން ތައްޔާރުވެގެންނެވެ. ނަމަވެސް އެ މީހުންގެ އަމާޒަކަށް ވެފައިވާކަމަށް ފެންނަނީ ވައިގެ ޢުދުވާނު އިތުރުކޮށް މުޅި ޣައްޒާ އެކީއެކަށް ފުނޑުފުނޑުކޮށްލައި، އެންމެން ޝަހީދުކޮށް ނައްތައިލުމަށް ފަހު، އެއްގަމު ސިފައިން ޣާޒާއަށް އަރައި އެ މީހުންގެ ދިދަ ނަގާށެވެ. މި ކަން އެނގެނީ މިހާރު ވެސް އިސްރާއީލުން ޣައްޒާއަށް އިންޒާރުދެމުން ގެންދަނީ ޣައްޒާގައި ހުރިނަމަ ހުރި، ހުރިހާ ހޮސްޕިޓަލްތަކަކުން މީހުން ނެރެ ތަން ހުސްކުރާށެވެ.

މި ކަންކަމުން އެނގި ސާބިތުވަނީ އެއްގަމު މަގުން ހަނގުރާމަކޮށްގެން އިސްރާއީލަށް ކާމިޔާބެއް ނުލިބޭނެކަމެވެ. މިއަދަކީ ހަމައެކަނި އެއްގަމު މަގުން ހަނގުރާމަކުރާ ޒަމާނެއް ނަމަ، މިއަދު އިސްރާއީލޭ ކިޔާ ދައުލަތެއް ދުނިޔޭގައި ނުވެސް އޮތީހެވެ. އިސްރާއީލަކީ ހަގީގަތުގައި އެއްވެސް ބާރެއް އޮތް ދައުލަތެއް ނޫނެވެ. އެ މީހުން ބާރުވެރިކޮށްގެން އުޅެނީ އެމެރިކާއިންނެވެ. އިނގިރޭސީންނާއި ވިލާތުގެ ނަސާރާ ގައުމުތަކުންނެވެ. އެބައިމީހުންގެ އަތުގައި ހުރި ނަމަ ހުރި ހުރިހާ ހަތިޔާރަކާއި މަދަދެއް އިސްރާއީލަށް ފޯރުކޮށްދެނީ އެހެންވެގެންނެވެ. މިހާރު ވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ވަނީ ރަތްކަނޑުގެ ސަރަހައްދަށް ޖަމާކޮށްފައެވެ. އެހެނީ އެ މީހުންކުރެ އެއް ބަޔަކީ އަނެއް ބަޔެއްގެ މިތުރުންކަމުގައި މާތްﷲ ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ۞ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍۢۚ۞ ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޔަހޫދީންނާއި ނަޞާރާއިން އެއީ އެކުވެރީންކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއް ބަޔަކީ އަނެއް ބަޔެއްގެ އެކުވެރީންނެވެ.") (سورة المائدة: ٥١)

މިހެން ކަންތައް ހުރި ނަމަވެސް، އެއްގަމު މަގުން ހަނގުރާމަކޮށްގެން އިސްރާއީލަށް ކާމިޔާބެއް ނުލިބޭނެއެވެ. އިސްރާއީލުގެ ލަސްކަރުތައް ޣައްޒާއަށް އަރައިގަންނާން ފަސްޖެހެނީ އެހެންވެގެންނެވެ. އަދި ވައިގެ މަގުން ހިންގާ ޢުދުވާނުތައް އިތުރުކުރާން ވިސްނަނީ ވެސް މި ސަބަބާ ހުރެއެވެ.

Advertisement

ކޮމެންޓް