Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (11)

08 Jul 2024 | 00:00
ރަސޫލާގެ ނަންފުޅު

އަޙްމަދު ފަޔާޟް ޙަސަން

(އެންމެ ފަހު ބައި)

ރަސޫލުﷲ އާ މެދު އަޅުގަނޑުމެން ކަންކުރާންވީ ގޮތް:

ރަސޫލުﷲ ﷺ އަރިހަށް ޔަހޫދީންތަކެއް އައިސް އެކަލޭގެފާނަށް ފުރައްސާރަކޮށް 'އައްސާމް ޢަލައިކަ' ގޮވިއެވެ. ޔަޢުނީ ކަލޭގެފާނަށް މަރުހުރި މިހެން އެމީހުންގޮވިއެވެ. ރައްދުގައި އެކަލޭގެފާނު ވިދާޅުވީ 'ކަލޭމެންނަށް އެފަދައިން ހުރި'އެވެ. ޔަހޫދީން ހިންގި މި ޖަރީމާއާމެދު ކޯފާވެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ ރ.ޢ. ހަޅޭއްފުޅުލެއްވިއެވެ. ރަސޫލުﷲ ﷺ ވަގުތުން އެ ކަން ހުއްޓުވައި އެ ކަން މަނާކުރެއްވިއެވެ. ވީމާ ޣައިރުމުސްލިމް ގައުމުތަކުގައި އެ މީހުން އެކަލޭގެފާނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަޅުގަނޑުމެން ރައްދުދޭން ޖެހެނީ ފިސާރި މޮޅަށް ނުވަތަ ވަރަށް ސްމާޓުކޮށެވެ. އަމިއްލަ ގައިގައި ރޯކޮށް ގެދޮރާއި މުދަލުގައި ހުޅުޖަހައިފި ނަމަ، އަޅުގަނޑުމެންވާނީ އިބުލީހުގެ ދަރީންނަށެވެ. ބޮޑެތި މުޒާހިރާކޮށް އާންމު މަސްލަހަތު ނަގައިލުމުން އަޅުގަނޑުމެން ވާނީ ޝައިޠާނާގެ ބައިވެރީންނަށެވެ. އެއާ ޚިލާފަށް ސުންނަތަށް ރުޖޫޢަވެ އަދަބު އިޙުތިރާމާއެކު ރައްދުދިނުމުން އެމީހުންނަށް އިސްލާހުގެ ދޮރުހުޅުވޭނެއެވެ. 

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށް ހިތުމަށް ޓަކައި، ފުރަތަމަ ކުރާންވީ ކަމަކީ އެކަލޭގެފާނު ދެއްވި އިރުޝާދުގައި ހިފައިގެން މުސްލިމް އުންމަތް އެންމެ ވަރުގަދަ އުންމަތަކަށްވުމެވެ. އެ ކަން ކުރެވޭނީ މުސްލިމުން އެންމެ އިސްކަންދޭ ކަމަކަށް ޢިލްމު ހަދައިގެންނެވެ. އެ މީހުންނަކީ ދުނިޔޭގައި އުޅޭ އެންމެ ތަޢުލީމީ މީހުންނަށް ވެގެންނެވެ. އެންމެ މޮޅު ސައެންސްވެރީންނާއި ޢިލްމުވެރީންނާއި ފަންނުވެރީން ތިބޭން ޖެހެނީ މުސްލިމުންގެ ތެރޭގައެވެ. ދުނިޔޭގެ ސުޕަރ ޕަވަރއަކަށް ވާން ޖެހެނީ މުސްލިމުންނެވެ. އެކަމަކު މި ކަން ކުރެވޭނީ މުސްލިމުން އެންމެ ބޮޑު ސަމާލުކަމެއް ދޭކަމަކަށް ޢިލްމު އުނގެނުން ހަދައިގެންނެވެ.

ރަސޫލުﷲ ﷺ އެންގެވި ގޮތަށް އަޅުގަނޑުމެން އަމަލުކުރާ ނަމަ ހުރިހައި ގޮތަކުން އެންމެ ބާރުގަދަ އަދި އެންމެ ކުރިއަރައިފައިވާ ބަޔަކަށް ވާނީ މުސްލިމުންނެވެ. އެ ކަން ކުރުމަށް ޓަކައި އެކަލޭގެފާނު ދެއްވި އިރުޝާދުގައި ހިފައި އެ ގޮތަށް ޢަމަލުކުރާން ޖެހެއެވެ. އިސްތަށިގަނޑު ދިގުކޮށް ފަޓުލޫނުގެ ފައިކުރި ކަކުލާ ހަމައިން ބުރިކޮށްގެން ފެންނުވަރައި އުޅެގެން އުންމަތަށް ކާމިޔާބު ލިބޭކަށް ނެތެވެ. އެކަލޭގެފާނުގެ އިރުޝާދުގައި ހިފައިގެން ސާފުތާހިރުކަމާއި ރީތިކަން އިސްކޮށް އަޅުގަނޑުމެން އެކަލޭގެފާނަށް ދޭންވީ ޢިއްޒަތެވެ. އެއަށް ފަހު އަޅުގަނޑުމެން ދާންވީ ކުރިއަށެވެ.

މީހަކު ނުވަތަ ބަޔަކު ރަސޫލުﷲ ﷺއަށް ފުރައްސާރަކޮށްފި ހާލަތެއްގައި އެކަމަށް ރައްދުދޭނެ އެންމެ ރަނގަޅު ގޮތް ހޯދާން ދުޢާކުރާން ޖެހެއެވެ. އެއަށް ފަހު ދުލާއި ގަލަމުން އެ ކަން އަދަބުވެރިކަމާ އެކު، ކުށްވެރިކޮށް މީސްމީޑިއާ ފުރައިލާން ޖެހެއެވެ. މީސްމީޑިއާ ފުރާން ޖެހެނީ އެކަލޭގެފާނުގެ އިހުސާންތެރިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްޕުޅުތިރިކަމާއި އޯގާތެރިކަމުގެ ވާހަކަތަކުންނެވެ. އެކަލޭގެފާނުގެ ޢަފޫކުރެއްވުމާއި އަމާނާތްތެރިކަމުގެ ހާދިސާތަކުންނެވެ. އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ ތަސްވީރުތަކުންނެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ދީލަތިފުޅުކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ހެޔޮކަމާއި މުރާލިފުޅުކަމުގެ ވާހަކަތަކުންނެވެ. ހަމަ އެގޮތަށް ޣައިރުމުސްލިމް ޢިލްމުވެރީންނާއި ފަންނާނުން އެކަލޭގެފާނަށް ތަޢުރީފުކޮށް ފާޅުކޮށްފައިވާ ޝުޢޫރުތަކުންނެވެ. ނަތީޖާއަކަށްވާނީ ބައިބަޔަށް އެމީހުން އިސްލާމް ދީނަށް ވަނުމަށް ޝައުގުވެރިވުމެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށްހިތުމުގެ ގޮތުން ކުރާން ޖެހޭ، އެއް ކަމަކީ އެކަލޭގެފާނުގެ ސީރަތު އަޅުގަނޑުމެންގެ ދަރީންނަށް މިހާރަށް ވުރެ ބޮޑަށް ކިޔަވައިދިނުމެވެ. އެކަލޭގެފާނުގެ ޖީލުގެ މީހުން އެންމެ ބޮޑު ސަމާލުކަމެއްދިނީ އެކަލޭގެފާނުގެ ސީރަތަށެވެ. އެކަލޭގެފާނު އުޅުއްވި ގޮތްކޮޅު އެ ޖީލުގެ ދަރީންނަށް އުނގަންނައިދިނުމަކީ އޭރުގެ މަންހަޖުގައި އެންމެ އިސް މާއްދާއެވެ. ނަތީޖާއަކަށްވީ ރަސޫލުﷲ ﷺގެ ޞަޙާބީންގެ ޖީލު އެކަލޭގެފާނުގެ ސުންނަތާ އެއް ގޮތަށް ދިރިއުޅުން ބިނާކުރުމެވެ. އަޅުގަނޑުމެން މިއަދު ކުރާން ޖެހޭ ކަމަކީ އިސްކޫލުތަކުގެ ގްރޭޑް އެކަކުން ބާރައަށް އެކަލޭގޭފާނުގެ ސީރަތު ކިޔަވައިދނިމުވެ. ކޮންމެ ގުރޭޑެއްގައި ސީރަތު ހިމަނައި، ބާރަ އަހަރު ވަންދެން ސީރަތު ކިޔަވައިދެވިއްޖެ ނަމަ، އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާއި މާތް ނަމޫނާއާ އެއް ގޮތަށް އަޅުގަނޑުމެންނަށް ދިރިއުޅުން ބައްޓަންކުރާން ފަސޭހަވާނެއެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށް ހިތުމުގެ ގޮތުން ކުރާން ޖެހޭ ކަންކަމުގެ ތެރޭގައި އެކަލޭގެފާނު ކުރެއްވި ދުޢާތައް ދަސްކޮށް އެ ދުޢާތައްކުރުން ހިމެނެއެވެ. ހެނދުނާއި ހަވީރުގެ ދުޢާތައް ނުވަތަ މުސްލިމުންގެ ދުޢާގައި ހިމެނޭ އެންމެހައި ދުޢާތައް އަޅުގަނޑުމެން ދަސްކުރާން ޖެހެއެވެ. އަދި މި ދެންނެވި ދުޢާތައް ޤަވާޢިދުންކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ވާން ޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދުޢާކުރާން ޖެހެއެވެ. އެ ފަދަ ކޮންމެ ދުޢާއަކީ އެކަލޭގެފާނުގެ ސުންނަތުން އައިސްފައިވާ ދުޢާއެކެވެ. އެހެންކަމުން މި ދުޢާތައް ދަސްކޮށް ދުޢާކުރުން އާދައަކަށް ހެދުމަކީ އެކަލޭގެފާނަށް މާތްކޮށްހިތުމުގެ ގޮތުން ކުރާން ޖެހޭ މުހިންމު ކަމެކެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށް ހިތުމުގެ ގޮތުން ކުރާން ޖެހޭ މުހިންމު އެއް ކަމަކީ އެކަލޭގެފާނުގެ ސުންނަތް ދިރުވައި އާލާކުރުމެވެ. އެ ގޮތުން އެކަލޭގެފާނު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަތް ގޮތް މީހުންނަށް އަންގައިދޭން ޖެހެއެވެ. އެކަލޭގެފާނު މީހުންނަށް އިހުތިރާމްކުރައްވައި ކަމޭހިތްތެވި ގޮތް އާންމުކޮށް މީހުންނަށް އަންގާން ޖެހެއެވެ. އެކަލޭގެފާނު މީހުންނާ ގުޅުންތައް ބެހެއްޓެވި ގޮތާއި މީހުންނާ މުއާމަލާތު ހިންގެވި ގޮތް މިހާރުގެ ޖީލުތަކަށް ކޮންމެ ދުވަހަކު ހަނދާންކޮށްދޭން ޖެހެއެވެ. އެކަލޭގެފާނު މަސްއޫލިއްޔަތު އުފުއްލެވި ގޮތާއި ހިތްވަރާ އެކު މަސައްކަތްޕުޅުކުރެއްވި ގޮތް މީހުންނަށް ކިޔައިދޭން ޖެހެއެވެ. ޣައިރު މުސްލިމުންނާ މެދު އެކަލޭގެފާނު ބެހެއްޓެވި އިހުސާންތެރިކަން މީހުންނަށް އޮޅުންފިލުވައިދޭން ޖެހެއެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މިންވަރާއި ފެންވަރުން އެކަލޭގެފާނުގެ ސުންނަތް ދިރުވުމަކީ އެކަލޭގެފާނަށް ކަމޭހިތައި އެކަލޭގެފާނު ދެކެ ލޯބިވުމެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށް ހިތުމުގެ ގޮތުން ކުރާން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ އެކަލޭގެފާނު އެންގެވި ގޮތަށް އުޅުމެވެ. ނުވަތަ އެކަލޭގެފާނުގެ ސުންނަތާ އެއް ގޮތަށް ދިރިއުޅުމެވެ. އެ ގޮތުން ކުރާންޖެހޭ އެންމެ މުހިންމު ކަމަކީ ﷲގެ ޙައްޤުތަކާއި އެކަލޭގެފާނުގެ ޙައްޤުތައް އަދާކުރުމެވެ. އެއަށް ފަހު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ އެ ޙައްޤުތައް އަދާކުރުމެވެ. މީހުންނަށް ހިތްހެޔޮވުމާއި މީހުންނަށް ހެޔޮކޮށް ހިތުމާއި ޢަދުލުއިންސާފުން ހުރިހައި ކަމެއް ކުރުމެވެ. އެއްވެސް ގޮތަކަށް މީހުންނަށް އަނިޔާވެރިނުވުމާއި މީހުންނަށް މަޢާފުކޮށް ޢަފޫކުރުމެވެ. މީހުންނަށް ދީލަތިވުމާއި އެހީތެރިވުމާއި އިޙުތިރާމްކުރުމާއި އެމީހުންނަށް އަޅައިލުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް މެދުމިން އިޚުތިޔާރުކޮށް ހިތްތިރިކޮށް ސާދާކޮށް އުޅުމެވެ. އަދި ޙައްޤާއި ކެތްތެރިކަމަށް ވާގިވެރިވެ އެކަމަށް ބާރުއަޅައި އެ ގޮތުގައި ތިމާ ދެމިހުރުމެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށް ހިތުމުގެ ގޮތުން އެކަލޭގެފާނާމެދު މީހުންނަށް ކުރެވިފައިހުންނަ ނުރަނގަޅު ތަސައްވުރު ރަނގަޅުކޮށްދޭން ޖެހެއެވެ. އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާ ފުށުއަރާ ހުރިހައި ވާހަކައަކަށް ނޫނެކޭ ބުނަންޖެހެއެވެ. އެ ގޮތުން މީހުންނަށް ރަނގަޅު ގޮތް ބުނެދީ ކިޔައިދޭން ޖެހެއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅާ ގުޅޭ ކޮންމެ ކަމެއްގެ ވެސް ޙައްޤު އަދި ރަނގަޅު ގޮތް މީހުންނަށް ފިލުވައިދޭން ޖެހެއެވެ. އެ ކަން ކުރާން ޖެހެނީ ޒަމާނުގެ ގޮތަށެވެ. އެ ގޮތުން މީސްމީޑިއާ ބޭނުންކުރާން ޖެހެއެވެ. ކުދިކުދި ވީޑިއޯތައް އުފައްދައި އެތަކެތި އިންޓަނެޓް މެދުވެރިކޮށް މީހުންނަށް ދައްކާން ޖެހެއެވެ. މި މަސައްކަތްކުރުމުގައި ޣައިރުމުސްލިމުން މުހިންމު އަމާޒަކަށް ހަދާން ޖެހެއެވެ.

ރަސޫލުﷲ ﷺއަށް މާތްކޮށް ހިތުމުގެ ގޮތުން އުފާވެރިކަމުގެ ޚަބަރު ފަތުރައި އުންމީދު އުފައްދާން ޖެހެއެވެ. އަމާންކަމާއި ސުލްހައަށް ގޮވައިލައި އެ ގޮތުގައި ތިމާ އުޅޭން ޖެހެއެވެ. ދެކޮޅުވެރިކަމާއި ހަސަދަވެރިކަމާއި ރުޅިވެރިކަމާ ދުރުގައިވާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހެއެވެ. އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ޖާގަދިނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް މާތްކޮށް ހިތައި އެކަލޭގެފާނު ދެކެ ލޯބިވާން ޖެހެނީ ބަހާއި އަމަލުންނެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ވާންޖެހެނީ އެކަލޭގެފާނުގެ ސުންނަތް ރަމްޒުކޮށްދޭ ދިރިއުޅުމަކަށެވެ. (ނިމުނީ)

ބައެއް ލަފުޒުގެ މާނަ:

މީސްމީޑިއާ   ނ.    ގިނަބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

އުންމަތް    ނ.    (1) ޖަމާޢަތް. (2) ގައުމު

އެޑިޓަރުގެ ނޯޓް
މި ނިމުނީ އަލްއަޚު އަޙުމަދު ފަޔާޟް ޙަސަންގެ ހިނގާ ގަލަންކޮޅުން ލިޔުއްވަިފައިވާ އަގުހުރި ސިލްސިލާއެކެވެ. މިއީ އިސްލާމްދީނަށް ޓަކައި އޭނާ ކުރައްވާ މަތިވެރި ޚިދުމަތްތަކުގެ ކުޑަކުޑަ ތަޞްވީރެކެވެ. "ފަރަގު" އެދެނީ މާ ލަސްތަކެއް ނުވެ އިތުރު ސިލްސިލާއެއް މި ނޫހުގައި ޝާއިޢުކުރުމުގެ ފުރުޞަތު ފަހިވުމެވެ. މާތް ﷲ އަލްއަޚު އަޙުމަދު ފަޔާޟް ޙަސަނަށް ހެޔޮ ދަރުމަ ދެއްވާށިއެވެ! އާމީން!

Advertisement

ކޮމެންޓް